ނިދިބޮޅުން ހޭލެވިގެން ނުކުތްއިރު ރަޝީދުބޭ ސައިކަލެއް ވެސް ގެނެސްދީފި އެވެ. އަދި ހައިވެފައި އޮތް ބަނޑު ގޮވައިގަތީ ކާނޭ ބޯނޭ އެއްޗަކަށެވެ. ނައްޓާނުލެވިގެން އުޅެނިކޮށް، ޓެރަސްއެއްގައި ކުޑަޖެހި، މޮޅު ރެސްޓޯރަންޓެއް ފެނިއްޖެ އެވެ.
ފަސްޓް ފްލޯއަކަށް ވިޔަސް އެތަނުގެ އަގަށް އަތް ނުފޯރަފާނެ ކަމަށް ހީކޮށް ނައްޓާލީ ސައި ހޮޓަލެއް ފެނޭތޯ އެވެ. ތަންކޮޅަކަށް ދެވުނުތަނުން ލޮލުގައި އަޅައިގަތީ 'ސެވަން އިލެވެން' އެކެވެ. ނޫނެކެވެ. 'ސެވަން ޓެން' އެކެވެ. ހާޑުވެއާ އާއި ކޮސްމެޓިކްސްގެ ފިހާރަ ޗޭނެކެވެ. ރޮއިގަތް ބަނޑާ ދިމާލަށް އެ ވަގުތު ހަނާ އަޅައިގަތީ 'ކަމް ވިތު މީ' އެވެ.
ދުމެއް ޖަހާފައި ގޮސް ސައިކަލު ހުއްޓުނީ 'ކަމް ވިތު މީ' ކުރި މައްޗަށެވެ. އެކަމަކު އެއީ މާ ކުރިން ހުއްޓި ގައުވެފައި ހުރި ފިހާރަ އެކެވެ. ހުސްވެފައި ހުރި ހަރުގަނޑުތަކެކެވެ. އެތަން ފޮޓޯއެއް ނަގާލުމާ އެކު ކަންފަތުގައި އައިސް ޖެހުނީ މެންދުރު ނަމާދުގެ ބަންގީގެ އަޑެވެ.
ހަރަދު ކުޑަކުރަން ފެށި ދަތުރު އެ ހުއްޓުނީ ނަމާދު ވަގުތަށެވެ. ވުޟޫކޮށްގެން އެރިއިރު އެ މިސްކިތުގައި ތިބީ މީހަކާއި ފަޅި އެކެވެ. އަހަރެން ގޮސް ސަފަށް އެރީމަ ދެ މީހަކާއި ފަޅި އެކެވެ. އަދި ހޮޅުއަށީގައި ޖައްސާލުމާ އެކު ދެ އެކުވެރިޔަކު ލިބިއްޖެ އެވެ. ކިޔައިދޭން ފެށި ވާހަކަތަކުން ހައިހޫނުކަން ރަށު ތެރެއަށް ވަދެ ފިލައިފި އެވެ.
