ހުސެއިން މުނައްވަރުގެ ފޯނަށް އެ ދުވަހު ގުޅަނީ ފަރިވާ ފިލްމްސްގެ ވެރިއެކެވެ. އެ ފޯނު ކޯލުގައި ދެއްކެވުނީ އަޑިއަޅާލާފައި އޮތް ފަރިވާ ފިލްމްސް ރީބްރޭންޑް ކޮށްގެން ދިވެހި ފިލްމީ ދާއިރާ ގުޑައިގެންދާވަރުގެ މަސައްކަތްތަކެއް އުފައްދަން ތައްޔާރު ވާންވީ ގޮތެވެ. އެ ކޯލު ނިންމާލީ އެ މީހުންގެ މި އިންގިލާބަށް ބައިއަތު ހިފައިފި ނަމަ ބަދަލެއްގެ ގޮތުގައި ހުސެއިން އަށް ސްޓޫޑިއޯގެ 50 ޕަސެންޓުން ބައި އަޅާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.
ފޯނު ކޯލަށް ފަހު ޒުވާން ހުސެން އަށް ހީވީ އޭނާ އަށް ހުވަފެނަކުން ހޭލެވުނު ހެންނެވެ. ފީޗާ ފިލްމެއް ޑައިރެކްޓްކުރުމުގެ ތަޖުރިބާއެއް ނެތް އުމުރުން 22 އަހަރުގެ ޒުވާނަކަށް ގުޅާފައި މާލޭގެ އެންމެ ބޮޑު އެއް ފިލްމު ސްޓޫޑިއޯގެ 50 ޕަސެންޓް ހުށަހެޅުމުން އެކަން ގަބޫލުކުރަން ދަތިވީ ހުސެއިން އަކަށް އެކަންޏެއް ވެސް ނޫނެވެ. އަރައިގެން އައި އިރާއެކު މި ވާހަކައެއް ރަށު ތެރެއަށް ފެތުރި ފިލްމީ ދާއިރާގެ ބުއްދިވެރިންނާއި ތަޖުރިބާކާރުން ވެސް ޗަކަޗަކަލާފައި ހޭން ފަށައިގަތެވެ.
