މެރިހާނާ

ފެން ކުލައިން މަރިޔަމް ހަލީމް ހޯދި ނަފުސާނީ ފަރުވާ

މަރީ ސިފަކުރާގޮތުގައި ފެންކުލައިން ކުރެހުމަކީ ހަމައެކަނި ކުރެހުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ބުރަޔާއި ނަފްސާނީ ހާސްކަން ފިލުވައިދޭ ނަފްސާނީ ފަރުވާއެކެވެ.

ފެން ކުލައިން މަރިޔަމް ހަލީމް ހޯދި ނަފުސާނީ ފަރުވާ
އަހްމަދު ނަދީމް

އަހްމަދު ނަދީމް

· 21 ސެޕްޓެމްބަރު 2026

5 މިނެޓު

ކޮންމެ ފަންނުވެރިއެއްގެވެސް އަމިއްލަ ޚާއްޞަ ދަތުރެއް އޮވެއެވެ. ބައެއް މީހުންނަށް އެއީ ކުޑައިރުއްސުރެ ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމެކެވެ. އަނެއް ބަޔަކަށް އެއީ ހަޔާތުގެ ނުދެނެހުރި މަރުހަލާއެއްގައި، ކުއްލިއަކަށް ދިމާވާ ހާދިސާއަކުން މުޅިން އާ މިސްރާބަކަށް ހުޅުވިގެންދާ ދޮރެކެވެ.

ބޮޓޭނިކަލް އާޓިސްޓް މަރިޔަމް ހަލީމް (މަރީ) ގެ ފަންނީ ދަތުރަކީވެސް މިފަދަ ތަފާތު، އަދި އެހާމެ މާނަފުން ދަތުރެކެވެ. މިއަދު މަރީއަކީ ހަމައެކަނި ކުޅަދާނަ އާޓިސްޓެއް އެކަންޏެއް ނޫނެވެ. އާޓް ކްލާސްތަކެއްގެ ޒަރީއާއިން، ގިނަ ބަޔަކަށް މި ފަންނުވެރިކަން އުނގަންނައިދެމުންދާ ހީވާގި އެދުރެއް ވެސްމެ އެވެ.

ކޮވިޑް ލޮކްޑައުންގެ ތެރެއިން އުފަންވި ފަންނުވެރިޔާ

މަރީގެ އުފެއްދުންތެރި ދަތުރު އަސްލު ފެށުނީ 2012 ހިސާބުގައި އަމިއްލައަށް ދަސްކޮށްގެން ދަބަސް ފަހަން ފެށި ހިސާބުންނެވެ. ނަމަވެސް، ފިއްސާއި ކުލަތަކުގެ ތެރެއަށް އޭނާގެ ހަޔާތް މުޅިން ބަދަލުކޮށްލީ 2020 ގެ ކޮވިޑް-19 ގެ އާންމު ބަންދުގެ ތެރޭގައެވެ.

"އޭރު ފިރިމީހާގެ ކިޔެވުމަށް އަހަރެމެން ތިބީ އިނގިރޭސިވިލާތުގައި. އާންމު ބަންދާ ހެދި މުޅި ތަން އޮތީ ބަންދުވެފައި. ފަހާ މެޝިނެއް ގަންނަން ބޭނުންވިޔަސް ގަނެވޭގޮތެއް ނުވި. ގޭގައި ހުންނައިރު ކޮންމެވެސް ކަމެއް ކުރަންޖެހޭތީ، ހަމަ ސުމަކުން ފަށައިގެން ފެންކުލައިން ކުރަހަން ދަސްކުރަން ފެށީ،" މަރީ އޭނާގެ ހަނދާންތައް އާކުރިއެވެ.

އިނގިރޭސިވިލާތުގައި ހުރިއިރު އެތަނުން ފެނުނު ރީތި މާތަކާއި، އެ ގައުމުގެ މޮޅު ފަންނުވެރިންގެ މައުރަޒުތަކުން މަރީއަށް ބޮޑު ރޫހީ ދިރުމެއް ލިބުނެވެ. ރާއްޖެއިން ބޭރުގައި ހުންނަން ޖެހުމުން އުފެދުނު ވަނީގެ ހަނދާންތަކާއެކު، އޭނާ އެންމެ ފުރަތަމަ ކުރަހަން ފެށީ ދިވެހިރާއްޖޭގެ މޭވާތަކާއި އެކި ބާވަތްތަކުގެ އެއްޗެއްސެވެ. ގޭގެ އައިސްއަލަމާރިން ފެންނަން ހުންނަ ތަކެތިން ފެށި މި ދަތުރު، ނިމުނީ ގަސްގަހާގެހީގެ ފެންކުލައިގެ ފަންނަށް ހިތްޖެހި، އޭގެ ތެރެއަށް މުޅިން ޣަރަގުވެގެންނެވެ.

ފެންކުލައިގެ ނަފްސާނީ ފަރުވާ

މަރީ ސިފަކުރާގޮތުގައި ފެންކުލައިން ކުރެހުމަކީ ހަމައެކަނި ކުރެހުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ބުރަޔާއި ނަފްސާނީ ހާސްކަން ފިލުވައިދޭ ނަފްސާނީ ފަރުވާއެކެވެ. ލިޔުންތެރިކަމާއި، ޅެންވެރިކަމެކޭ އެއްފަދައިން ކުރެހުމަކީވެސް އިންސާނާގެ ރޫހަށް ދިރުންދޭ ކަމެކެވެ.

"ސާފު ފެނުގެ ތެރެއަށް ކުލަ ތިކިތައް ފެތުރިގެންދާ ގޮތް ބަލަން އިނުމަކީ ހަމަ ވަރަށް ހިތްހަމަޖައްސައިދޭ ކަމެއް. ދުވަހުގެ ހުރިހާ ނަފްސާނީ ހާސްކަމެއް އޭގެއިން ފިލައިގެންދޭ."

މަރީ ގަބޫލުކުރާ ގޮތުގައި ހަމައެކަނި ކުރެހުމަކުން އެކަނި ނޫނެވެ. ގަސް އިންދުމާއި ނުވަތަ ދޫނި ގެންގުޅުން ފަދަ، ކޮންމެ މީހަކުވެސް އަމިއްލައަށް ލޯބިވާ އަދި ކުރަން ބޭނުންވާ ކަމެއް ކުރުމުންވެސް މިފަދަ ނަފްސާނީ ހިތްހަމަޖެހުން ލިބެއެވެ.

މަރީގެ އާޓް ކްލާސްތަކަށް އަންނަ ބައެއް ކުދިންނަކީ ދިރިއުޅުމުގައި އެކި ކަހަލަ ބޮޑެތި އުނދަގޫތަކާއި ގޮންޖެހުންތައް ތަހައްމަލު ކުރަމުންދާ ކުދިންނެވެ. ނަމަވެސް، ކްލާހުގެ މާހައުލަށް ވަނުމަށްފަހު، އެ ހޭދަވާ ވަގުތުކޮޅަކީ އެކުދިންގެ ބޯހަމަޖައްސާލައި، ހިތަށް ބޮޑު އަރާމަކާއި އުފާވެރިކަމެއް ގެނެސްދޭ ސިކުންތުކޮޅެކެވެ.

ސްޓޫޑިއޯގެ މާހައުލާއި ކްލާސްތަކުގެ ތަރުތީބު

މަރީ ކުރިއަށްގެންދާ އާޓް ކްލާސްތަކަކީ ދެ ގަޑިއިރުގެ ސެޝަންތަކެކެވެ. ނަމަވެސް، ކުރެހުމުގެ ތެރެއަށް ގެއްލިފައި ތިބޭއިރު ބައެއްފަހަރު ވަގުތު ދިގުވެގެންދެއެވެ. އެއްފަށުން ކުދިން ބޭތިއްބުމުގެ ބަދަލުގައި، ކްލާހުގެ މެދުތެރެއިން ހާއްސަ "ސައި ބުއިމުގެ ވަގުތުކޮޅެއް" ކުރިއަށްދެއެވެ. މިއީ ކުދިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ހަމަޖެހިލައިގެން މަސައްކަތަށް އެނބުރި އައުމަށް ލިބޭ ފުރުސަތެކެވެ.

އާޓް ކްލާސްތަކުގެ ބައެއް ހާއްސަ ސިފަތައް:

  • ގިނަވެގެން 10 ބައިވެރިން: ކޮންމެ ބެޗެއްގައިވެސް ގިނަވެގެން ބައިވެރިކުރަނީ 10 ކުދިންނެވެ. އެއީ ކޮންމެ ކުއްޖަކަށް ވަކިވަކިން ސަމާލުކަންދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކޮށްދިނުމަށެވެ.

  • އުމުރާއި ޖިންސުގެ ތަފާތެއް ނެތް: އަންހެން އަދި ފިރިހެން ކުދިންވެސް ބައިވެރިވާ މި ކްލާސްތަކުގައި، އުމުރުން 13 އަހަރުގެ ކުދިންނާ އެކު، އުމުރުން 60 އަހަރުން މަތީގެ ބޭފުޅުންވެސް ބައިވެރިވެއެވެ.

  • އާ ރަހުމަތްތެރިކަން: ކްލާހަށް އެންމެ ފުރަތަމަ އަންނަނީ އެކަކު އަނެކަކު ނުދަންނަ އެކި ކުދިންނެވެ. ނަމަވެސް، ފުރަތަމަ ދުވަސް ނިމޭއިރު އެންމެން ވަރަށް ފަސޭހަވެ، ގާތް އެކުވެރިންނަށް ބަދަލުވެއެވެ. މިއަދުވެސް މި ކްލާސްތަކުގެ ތެރެއިން ދިމާވެގެން ގާތް އެކުވެރިންގެ ގޮތުގައި އުޅޭ ކުދިން ބައިވަރެވެ.

އަމިއްލަ ނަފްސަށް ލިބުނު ބޮޑު ބަދަލު

ކުރިން ކިޔަވައިދިނުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ކަމަށް ހީވެސްނުކުރާ މަރީއަށް، މިއަދު މިކަން ވެފައިވަނީ އޭނާގެ ހަޔާތް މުޅިން ބަދަލުކޮށްލި ވަރަށް ޚާއްޞަ ކަމަކަށެވެ. އޭނާގެ ކްލާސްތަކުން 200 އަށްވުރެ ގިނަ ކުދިންނަށް ކިޔަވައިދެވިފައި ހުރިއިރު، އެ ހުރިހާ ކްލާސްތަކެއްވެސް މަރީ ނަގައިދެނީ ނުހަނު ލޯބިންނެވެ. އެހެންކަމުން ކްލާސް ނިންމާލާފައި ދާއިރު ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފެންނަނީ ނުހަނު ބޮޑު އުފާވެރިކަމެކެވެ.

މި ދަތުރުން މަރީގެ އަމިއްލަ ނަފްސަށް ދަސްވީ ކޮން އެއްޗެއްތޯ އެހުމުން އޭނާ ބުންޏެވެ: "އެންމެ ބޮޑަށް ދަސްވީ ކެތްތެރިކަން. ކްލާހަށް މިއަންނަނީ ތަފާތު އެކި ވިސްނުންތަކުގެ، އެކި މިޒާޖުގެ ކުދިން. އެ އެންމެންނާ އެކީގައި އުޅެން، މީހުންނާ އެކީގައި މަސައްކަތް ކުރަން އަހަންނަށް ދަސްވި."

ގަސްގަހާގެހީގެ ސޫރަ ކުރަހާއިރު، އެއެއްޗެހީގެ ކުދިކުދި ބައިތައް ތަފްސީލުކޮށް ގެނެސްދޭން ޖެހޭތީ، އެކަމުގެ ސަބަބުން ދިރިއުޅުމުގައި ކެތްތެރިކަން އަދި ކަންކަމުގައި ހާސްނުވެ ހަމަޖެހިލައިގެން ހުންނަން ދަސްވެއެވެ. މަރީއަކީ އޭނާގެ މަސައްކަތްތަކުގައި ވަރަށް ތަފްސީލީ ނުވަތަ ފުރިހަމަކަމަށް ލޯބިކުރާ ފަންނުވެރިއެކެވެ. ކޮންމެ ކުރެހުމެއްވެސް ވަކި ހިސާބަކަށް ދާއިރު "މި ހެދެނީ ކޯޗެއް ބާވައޭ" ހިތަށްއަރާ މަރުހަލާއެއް އަންނާނެއެވެ. ނަމަވެސް، ހުއްޓާނުލާ ކުރިއަށް ގޮސް، ކުދި ފިހިތަކުން ތަފްސީލުތައް ގެނެސްދީ، އަމިއްލަ ހިތް ފުރިހަމައަށް ހަމަޖެހެންދެން އޭނާ އެ ކުރެހުމެއްގެ މަތީގައި މަސައްކަތް ކުރެއެވެ. ކުރެހުން މުޅިން ނިމޭނެ ވަގުތު އެނގޭނީ ހަމައެކަނި ފަންނުވެރިޔާއަށެވެ. އެ ހިސާބަށް ދިއުމުން، އެއީ ފުރިހަމަ ނިމުމެވެ.

އުފެއްދުންތެރިކަމުގެ އާ ދިރުން

އުފެއްދުންތެރިކަމަކީ ކޮންމެ މީހަކަށްވެސް ތަޅުހުޅުވާލެވިދާނެ، އަދި ދަސްކުރެވިދާނެ އެއްޗެއްކަން މަރިޔަމް ހަލީމްގެ މި ހިތްވަރުގަދަ ފަންނީ ދަތުރުން ސާބިތުކޮށްދެއެވެ. އަމިއްލަ ފަންނުވެރިކަމުގެ ތެރެއިން މަރީ މިގެނެސްދޭ ބަދަލަކީ ހަމަޔަގީނުންވެސް ދިވެހި ކުރެހުމުގެ ދާއިރާއަށް ލިބޭ ބޮޑު ދިރުމެކެވެ.

މަރީގެ މި ފުރިހަމަ މަސައްކަތްތަކާއި އޭނާގެ ހިތްގައިމު ކުރެހުންގޭގެ ވާހަކަތަކުން ނިންމާލަމުން އޭނާ ތައާރަފްވެލީ ނުހަނު ސާދާކޮށެވެ: "އައްސަލާމު އަލައިކުމް، އަހަންނަކީ މަރިޔަމް ހަލީމް. އަހަންނަކީ ގަސްގަހާގެހީގެ ފެންކުލައިގެ ކުރެހުންތަކަށް ޚާއްޞަ ފަންނުވެރިއެއް. އަދި މިއީ އަހަރެންގެ ފަންނީ އުފެއްދުންތެރި ދުނިޔެ."

ޝެއަރ ކުރޭ

އިތުރު ލިޔުންތައް