ނޮން-ފިކްޝަން ފޮތްތަކަކީ ހާދަ ފޫހި އެއްޗެކޭ ބައެއް ފަހަރު ހިތަށް އަރާ ދޯ އެވެ. ވަރަށް ގިނައިން މީހުން އަހަރެންކައިރީ ނޮން-ފިކްޝަން ފޮތްތައް ކިޔަން ފޫއްސެއް ނުވޭ ހެއްޔޭވެސް އަހައެވެ. އެކަމަކު، މޮޅު ނޮން-ފިކްޝަން ފޮތެއްގެ ސަބަބުން ދުނިޔެއަށް ތިމާގެ ސިކުނޑި ހުޅުވިގެންދާ މިންވަރު އެނގިއްޖެނަމައެހެން ހީއެއް ނުވާނެއެވެ. ބައެއް ނޮން ފިކްޝަން ފޮތްތަކަކީ ދުވަހަކުވެސް އެނގިފައި ނެތް، ވިސްނިފައި ނެތް ކަމަކަށް މުޅިން ލޯހުޅުވައިދޭ ފޮތްތަކެކެވެ. ޑޮކްޓަރ ރޮބަރޓް ޑީ. ހެއަރ ލިޔެފައިވާ 'ވިދައުޓް ކޮންސައިންސް' އަކީވެސް މިފަދަ ފޮތެކެވެ.
ބައެއް ފަހަރު މީހެއްގެ ކިބައިން ފެންނަ ކަމެއްގެ ސަބަބުން، މިއީ ނޯމަލް މީހެއްބާއޭ ހިތަށް އަރާ ފަހަރުވެސް އާދޭ ދޯއެވެ. އަދި ބައެއް ފަހަރު ބައެއް މީހުން އެހާ ފަސޭހައިން ދޮގު ހަދަނީ ކިހިނެއް ހެއްޔޭވެސް ހިތަށް އަރާދޯއެވެ؟ އެމީހުން އުޅޭ ގޮތުން ނޫނީ ބުނާ އެއްޗަކުން އެއްވެސް ދެރައެއް ނުވަތަ ރިގްރެޓެއްވޭބާއޭވެސް ހިތަށް އަރާދޯއެވެ. މިކަހަލަ މީހުންނާއި ދިމާލަށް "އެއީ ހަމަ ސީދާ ސައިކޯޕާތެކޭ" ބުނާ އަޑުވެސް އިވޭދޯއެވެ؟މި ހުރިހާ ސުވާލެއްގެ ޖަވާބު ވަރަށް ފުރިހަމަ އަށް ރޮބަރޓް ޑީ. ހެއަރ ލިޔެފައިވާ 'ވިދައުޓް ކޮންސައިންސް' ފޮތުގައި ކިޔާދީފައި ވެއެވެ.
ޑޮކްޓަރ ރޮބަރޓް ޑީ. ހެއަރ އަކީ ސައިކޯޕެތީގެ ދާއިރާއިން ދުނިޔޭގެ އެންމެ ބޮޑު އެއް ތަޖުރިބާކާރެވެ. މި ފޮތުގައި އޭނާ ވަނީ ޖަޒުބާތާއި ކުލުނު ނެތް މީހުންގެ ސިކުނޑިތައް މަސައްކަތްކުރާ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފައެވެ. އޭނާކިޔައިދޭ ގޮތުގައި، ސައިކޯޕާތުންނަކީ ހަމައެކަނި ފިލްމުތަކުން ފެންނަ ކަހަލަ ލޭއޮހޮރުވާލާ ސީރިއަލް ކިލަރުންނެއް ނޫނެވެ.
ސައިކޯޕެތީއަކީ އެހެން މީހުންނާމެދު ހަމްދަރުދީވުމާއި، ކުށްވެރިކަމުގެ އިހުސާސްވުން ނެތް، އަދި މީހުން މެނިޕިއުލޭޓް ކުރުމަށް ލޯބިކުރާ ޕާސަނަލިޓީ ޑިސްއޯޑާއެކެވެ. ރަނގަޅާއި ނުބައި ވަކިކުރުމުގެ މިންގަނޑެއް އެމީހުންގެ ކިބައިގައި ނެތުމުން، ގޯސް ކަންކަމަށް އަރައިގަތުމުގެ ފުރުސަތު ބޮޑެވެ. އަދި އެންމެ ބިރުހުރި ކަމަކީ، މިފަދަ މީހުންނަކީ އަހަރެމެންގެ އާއިލާ ތެރޭގައި، ރައްޓެހިންގެ ގޮތުގައި، ނުވަތަ އެކުގައި މަސައްކަތްކުރާ މީހުންގެ ގޮތުގައިވެސް އުޅެފާނެ ބަޔަކަށް ވުމެވެ.
ފޮތުގައި ގެނެސްދީފައިވާ އެންމެ ހިތްދަތި، އަދި ލޯހުޅުވައިދޭ އެއް ވާހަކައަކީ ސައިކޯޕާތުންގެ އާއިލާތަކަށް ކުރިމަތިވާ ތަކުލީފުތަކުގެ ވާހަކައެވެ. ވަރަށް ލޯތްބާއި، އަމާންކަމާއި، ރަނގަޅު ތަރުބިއްޔަތެއް ދީގެން ލޯބިން ކުދިން ބޮޑުކުރި މައިންބަފައިން މިފަދަ ދަރިންނާއި ހެދި ތަހަންމަލް ކުރާ ހިތްދަތިކަމުގެ ވާހަކަ ހެއަރ ކިޔާދެއެވެ.ހަގީގީ އަމިއްލަ ތަޖުރިބާގެ އަލީގައި ހެއަރ ކިޔައިދީފައިވާ ގޮތުން މިފަދަ ކުދިން ދިރިއުޅުމުގެ ހުރިހާ ފަސޭހައަކާއި އުފާވެރިކަމެއް ލިބިފައިވީ ނަމަވެސް، ބޮޑުވެގެން އަންނަނީ މަކަރާއި ހީލަތްތެރިކަމުން ފުރިގެންނެވެ. އަމިއްލަ އާއިލާގެ މީހުން އަތުން ވައްކަންކޮށް، ޓީޗަރުންނަށް ފަސޭހަކަމާއެކު ދޮގުހަދައި، އަދަބު ދިނަސް ނުވަތަ އެހެން މީހަކަށް އަނިޔާވިޔަސް މި ކުދިންނަށް ކުޑަކޮށްވެސް އަސަރެއް ނުކުރެއެވެ.

އާންމުކޮށް މުޖުތަމައުއިންނާއި ޓީޗަރުންނާއި އަދި މުޅި މުޖުތަމަޢުވެސް މިފަދަ ކުދިންގެ އަހުލާގު ގޯސްވުމުގެ ސަބަބަކީ "މައިންބަފައިންގެ ތަރުބިއްޔަތު ގޯސްވުން" ކަމަށް ނިންމައެވެ. ނަމަވެސް، ހެއަރ އޭނާ ވަރުގަދަ ހެކިތަކާއެކު ސާބިތުކޮށްދެއްވަނީ ސައިކޯޕެތީއަކީ ބަޔޮލޮޖިކަލް އަދި ނިއުރޮލޮޖިކަލް މައްސަލަތަކެއް ކަމެވެ. މިސާލަކަށް، މަސްތުވާތަކެތި ބޭނުންކުރާ މައިންބަފައިންގެ ކުދިން އެ މާހައުލާ ދުރުގައި ބޮޑުކުރިޔަސް، ޖެނެޓިކްސްގެ ސަބަބުން އެކަމަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ފަދައިންނެވެ. ހަގީގަތުގައި މި ކުދިން އުފަންވަނީވެސް "ކޮންސައިންސް" އުފެދުމުގެ ގާބިލުކަން ނެތިއެވެ.
ކިތަންމެ ވަރަކަށް ލޯބި ދިނަސް، ހަރުކަށިކޮށް ތަރުބިއްޔަތު ކުރިޔަސް ނުވަތަ ތެރަޕީ ދިނަސް، އުފެދުމުގައި ވެސް ނެތްކަމެއް އެ ކުދިންގެ ކިބައިގައި އަށައެއް ނުގަންނާނެއެވެ.ހަމަ އެގޮތަށް މަސްތުވާތަކެތީގެ ހާއްޔެއްގައި ބޮޑުވާމީހަކުވެސް އެފަދަ ކަމެއް ނުކޮއްފާނެއެވެ.ސަބަބަކީ ހަމަބުއްދިން ވިސްނުމާއި ޓޮލަރެންސް ލެވެލް މިފަދަ ކަންތައްތަކީ ސިކުނޑީގައި އުފަންވާއިރުވެސް ހުންނަ ކަންތައްތަކެވެ.
ސައިކޯޕެތީ އަދި ނާސިސްޓުން ފަދަ ޓްރެއިޓްސް ހުންނަ މީހުން އުފެދެނީ ޖެނެޓިކްސްއިން ވާރުތަވާ ކަންތައްތަކަކާއި، ބޮޑުވާ މާހައުލުން ދިމާވާ ކަންތައްތަކެއް އެކުލެވިގެންނެވެ. އެމީހުންގެ ސިކުނޑީގެ އޮނިގަނޑާއި މަސައްކަތްކުރާ ގޮތް ހުންނަނީ އާދައިގެ މީހުންނާ މުޅިން ތަފާތުކޮށެވެ. ޖަލުގައި ސައިކޯޕާތުންނާއެކު ހެއަރ ކުރެއްވި ތަޖުރިބާތަކުގެ އަލީގައި އޭނާ ވަނީ "ދަ ސައިކޯޕެތީ ޗެކްލިސްޓް-ރިވައިޒްޑް" ގެ ނަމުގައި މިންގަނޑެއް އުފައްދަވާފައެވެ. މި ޗެކްލިސްޓުގައި ސައިކޯޕާތުންގެ ކިބައިގައި އާންމުކޮށް ހުންނަ 20 ސިފައެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އެކަށީގެންވާ ޖަޒުބާތެއް ނެތުމާއި، މަކަރުވެރިވުމާއި، މީހުން މެނިޕިއުލޭޓް ކުރުމާއި، ކުށްވެރިކަމުގެ އިޙްސާސެއް ނެތުން ހިމެނެއެވެ.
ކޮންމެ މީހަކީ ސައިކޯޕާތަކަށް ނުވިޔަސް، މީގެ ތެރެއިން ގިނަ ސިފަތަކެއް މީހެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ ސަމާލުވާންޖެހޭ ކަމެކެވެ. ބޭރުފުށުން ވަރަށް ހިތްހެޔޮކޮށް ފެނުމާއި، މާގިނައިން ދޮގު ހެދުމާއި، ކުރެވޭ ކުށަކަށް ދެރަނުވުން ފަދަ ކަންކަން ހިމެނެއެވެ. ހެއަރގެ ބޭނުމަކީ އެންމެންނާމެދު ޝައްކުކުރާ މުޖުތަމައުއެއް ބިނާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ސައިކޯޕާތުން އުޅޭކަމާއި އެމީހުންގެ ފަރާތުން ލިބިދާނެ ގެއްލުންތަކާމެދު މީހުން ހޭލުންތެރި ކުރުވުމެވެ.
މި ފޮތުގައި މުޖުތަމައުއަށް މިކަމުގެ ސަބަބުން ކުރާ އަސަރުތައް ވަރަށް ފުޅާކޮށް ގެނެސްދީފައިވެއެވެ. ސިޔާސީ ދާއިރާއާއި، ވިޔަފާރިއާއި، ޤާނޫނީ ދާއިރާ ފަދަ ބާރުގަދަ މަޤާމުތަކަށް ސައިކޯޕާތުން ގިނައިން އަންނަނީ އެމީހުންގެ ކިބައިގައި ހުންނަ ވާހަކަދެއްކުމުގެ ހުނަރާއި މެނިޕިއުލޭޓް ކުރުމުގެ ހުނަރުގެ ސަބަބުންނެވެ. މިފަދަ މަޤާމުތަކުގައި ތިބެ، އެމީހުން އަމިއްލަ ފައިދާއަށްޓަކައި އެހެން މީހުންގެ ވިޔަފާރިތައް ބަނގުރޫޓުކޮށް، އާއިލާތައް ހަލާކުކޮށްލަނީ އެއްވެސް ރަޙުމެއް ނެތިއެވެ.
ސައިކޯޕާތަކަށް ވުމުން ހުދު އެމީހުންނަށް އޮންނަ ގެއްލުމުގެ ވާހަކަވެސް އެއީ މިފޮތުގައި ވަރަށް ޝައުގުވެރި ބައެކެވެ.މިފަދަ މީހުންނަށް ހަގީގީ ލޯތްބާއި ރަހުމަތްތެރިކަން ދުވަހަކުވެސް އިޙްސާސެއް ނުވެއެވެމިފަދަ މީހުން އެމީހުން ދައްކާ ވާހަކަތައް ރޭވުންތެރި ކަމާއެކު ގެންދަންވެސް އެމީހުންނަށް އުނދަގޫވެއެވެ. އަމިއްލައަށް ދޮގު ހަދައި، ދައްކާ ވާހަކަ ފުށުއަރާއިރުވެސް އެމީހުންނަކަށް އެކަމެއް ނޭނގެއެވެ.

ފޮތުގައި މިފަދަ ވަރަށްޝައުގުވެރި މިސާލުތައް ގެނެސްދީފައިވެއެވެ. މިސާލަކަށް، އަމިއްލަ ދަރިފުޅު މަރުވާން ދޫކޮށްލި ވާހަކަ ކިޔައިދިނުމަށްފަހު، ވަގުތުން ޖެހިގެން އަންނަ ޖުމްލައިގައި "ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވެއޭ" ބުނެފާނެއެވެ. ނުވަތަ އަމިއްލަ މަންމަދެކެ ލޯބިވާ ވާހަކައާއި މަންމައާމެދު ކަންބޮޑުވާ ވާހަކަ ދައްކާއިރު، މަންމަގެ ނަމުގައި ވަގަށް ގެ މޯގޭޖްކޮޑްފައި ލޯނެއް ނެގިކަމަށް އެއްވެސް ޖެހިލުމެއް ނެތި ބުނެފާނެއެވެ. މިފަދަ ބޮޑެތި ފުށުއެރުންތަކާމެދު ސުވާލު ކުރުމުން، އެމީހުން އެކަން އަޅާނުލާ އެހެން މައުޟޫޢުއަކަށް ވާހަކަ ބަދަލުކޮށްލައެވެ.
ސައިކޯޕާތުން އެމީހުންގެ ވާހަކަތައް ބައްޓަންކުރަނީ ހަމައެކަނި އަޑުއަހަން އިންނަ މީހާގެ ރިއެކްޝަނަށް ބަލައިގެން، އެވަގުތު "ބުނަންޖެހޭނެކަމަށް" އެމީހުންނަށް ހީވާ ގޮތަކަށެވެ. އެމީހުންނަކީ ޖަޒުބާތީ ގޮތުން އެއްވެސް އަސަރެއް ނުކުރާ، އަދި ނުރައްކާތެރި ހާލަތްތަކުގައި އެމީހުންގެ ރައްޓެހިންނާއި އާއިލާއަށްވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާ ބައެކެވެ.މިފަދަ މީހުން މީހުންނާ ގުޅުން ބޭއްވި ނަމަވެސް، އަދި ކައިވެނި ކުރިޔަސް، އެ ގުޅުންތަކަކީ ވަރަށް ތިލަ އަދި ހަމައެކަނި އަމިއްލަ ފައިދާއަށް ބާއްވާ ގުޅުންތަކެކެވެ
ސަމަރައިޒް ކޮށް ބުނާނަމަ، 300 ސަފްހާގެ 'ވިދައުޓް ކޮންސައިންސް' އަކީ ކޮންމެ މީހަކުވެސް ކިޔާލަން ރަނގަޅު ފުންކޮށް ވިސްނާލަން ޖެހޭ ފޮތެކެވެ. މި ރިވިއުގައި މި ގެނެސްދެވުނީ ފޮތުގެ ކުޑަ މިންވަރެކެވެ. މި ފޮތުގެ ސަބަބުން، ކުލުނެއް ނެތް މީހުންގެ ކިބައިން އަހަރެމެންނާއި އަހަރެމެންގެ މުޖުތަމައު ރައްކާތެރިކުރަން ދަސްވެގެންދެއެވެ. ހަމަގައިމުވެސް މި ފޮތް ކިޔުމަށް ފަހު،މީހުން ޖަޖުކުރުން އަހަރެން މުޅިން ހުއްޓާލައިފީމެވެ. މިއީ ދިރިއުޅުމަށް އެތައް ގޮތަކުން ފައިދާކުރާނެ، ޝައުގުވެރިކަމުން ފުރިގެންވާ ފޮތެކެވެ.



