އުމުރުން 62 އަހަރުގެ ނާޒިމް އަޙްމަދު، ނުވަތަ އެންމެން ދަންނަ އާންމު ނަމުންނަމަ "ނާޒިމްބޭ" އަކީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މާޒީގެ އަނދިރި-އަލި ހަނދާންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކެންވަސްމައްޗަށް ތިލަކޮށްދެމުންއަންނަ ފަންނާނެކެވެ. އިހުގެ ސާދާ ދިރިއުޅުމުގެ ރޫޙު އާލާކޮށްދޭ 105 ވޯޓަރކަލަރ ކުރެހުމާއެކު އޭނާ ބާއްވާފައިވާ މައުރަޒަކީ، ހަމައެކަނި ކުލަތަކެއްގެ އެއްކުރުމެއް ނޫނެވެ. އެއީ އޭނާގެ ހަޔާތުގެ ތަފާތު ސަފުހާތަކާއި، އަމިއްލަ ތަޖުރިބާގެ ތެރެއިން އުފަންވި ދިގު ދަތުރުގެ ދިރުންހުރި ހެކިދިނުމެކެވެ.

މަޖީދިއްޔާގެ ގޯތިތެރެއިން އެޅުނު ވަރުގަދަ ބިންގާ

ނާޒިމްބޭގެ އާޓުގެ ހަޔާތުގެ ބިންގާ އެޅިގެންއައީ މަޖީދިއްޔާ ސްކޫލްގެ ގޯތިތެރެއިންނެވެ. އޭރުގެ ތަޢުލީމީ ނިޒާމުގައި އާޓަކީ ސީރިއަސްކޮށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކިޔަވައިދެމުންއައި މުހިންމު މާއްދާއެކެވެ. މަޖީދިއްޔާގެ އާޓް ޓީޗަރު، މިސްޓަރ ސްވާމީޕިއްލައިއަކީ ނާޒިމްބޭގެ ކުރެހުމުގެ ވަރުގަދަ އަމަލީ ތަޢުލީމު ބިނާކޮށްދިން އެދުރުކަލޭގެއެވެ.

"ސްވާމީޕިއްލައިއަކީ ވަރަށް މޮޅު ޓީޗަރެއް. އަޅުގަނޑުމެން ކުރަހަން ތިބޭއިރު އޭނާ އައިސް ފަހަތުގައި މަނާކޮށްލައިގެން ހުންނާނެ. ޕެއިންޓްކުރާއިރު ކުޑަކޮށް ސަކަރާތް ދިމާއެއް ފެންނައިރަށް ބުނެލާނެ، 'މިތަންކޮޅު މިހެން ހަދާލާށޭ، އެހެން ހަދާލާށޭ' ބުނެފަ އެތަންކޮޅު ރަނގަޅުކުރުވާ. އޭނާގެ ވަރަށް ބޮޑު މަސައްކަތަކާއެކު އަޅުގަނޑުމެންނަށް އަމިއްލައަށް ކުރިއަށްދެވޭވަރުގެ ރަނގަޅު ފައުންޑޭޝަނެއް ލިބުނީ،" ނާޒިމްބޭ މާޒީގެ ހަނދާންތައް އާކުރިއެވެ.

ސްކޫލްގެ ސްޕެޝަލް އާޓް ކްލާހަށް ދިއުމުގެ ފުރުސަތު ސީދާ ނުލިބުނު ނަމަވެސް، ސްކޫލުން ލިބުނު ފައުންޑޭޝަނުގެ މައްޗަށް ބިނާކޮށް، އޭނާ ކުރިއަށްދިޔައީ އަމިއްލައަށް ދަސްކުރަމުން (ސެލްފް ޓޯޓް) ކޮށްގެންނެވެ.

އިއްތިފާގީ ދަތުރަކުން ވޯޓަރކަލަރގެ ދުނިޔެއަށް

ފެށުނީއްސުރެ އޮއިލް މީޑިއަމްގައި ކުރަހަމުންއައި ނާޒިމްބޭ ވޯޓަރކަލަރގެ ދުނިޔެއަށް ވަދެވުނީ ވަރަށް އިއްތިފާގީ ގޮތަކަށެވެ. އެއީ ރަށަކަށް ކުރި ދަތުރެއްގައި، ފިހާރައެއްގެ ތެރެއިން ފެނުނު ރީތި ކުލަފޮށިގަނޑަކުންނެވެ. ވަގުތު އޮތުމާއެކު، އޭނާ އެ ފިހާރައިން ކުލަފޮށްޓާއި، ޑްރޯއިންގ ބްލޮކަކާއި ފެންފުޅިއެއް ގަނެގެން، އަތިރިމައްޗަށް އޮތް މަގަކަށް ނުކުމެ ގަހެއްގެ ދަށުގައި އިށީނދެގެން އެ މަގުގެ މަންޒަރު ކުރަހާލިއެވެ.

އެ ދަތުރުގައި އޭނާއާއެކު އުޅުނު އަޙްމަދު އައްބާސްއާއި މާޒަން ޙަސަންބޭއަށް މި ކުރެހުން ފެނި، ވަރަށް ބޮޑަށް ގަބޫލުކުރެވުނެވެ. އަދި އައްބާސްގެ އިރުޝާދުގެ މަތިން އިތުރު ކުރެހުންތަކެއް ތައްޔާރުކޮށް، އެސްޓީއޯ ގެލެރީގައި 20 ވަރަކަށް ވޯޓަރކަލަރ ކުރެހުމުގެ ފުރަތަމަ މައުރަޒު ބޭއްވިއެވެ. ފެށުމުގައި ވޯޓަރކަލަރގެ ސޮފްޓްނަސް ގެންނަން އުނދަގޫވެ، އޮއިލް ސްޓައިލަށް ދެވުނު ނަމަވެސް، ގިނަ ތަޖުރިބާތަކާއި ދިރާސާތަކަށްފަހު އޭނާ ވަނީ އެ ފަންނު މުގުރާލާފައެވެ.

11 އަހަރުގެ ބްރޭކާއި ކާފަދަރިފުޅު ދިން ރަން ފުރުސަތު

މިހާރުގެ މައުރަޒުގައިވާ 105 ކުރެހުމުގެ އަމާޒު ހިފައިގެން ނާޒިމްބޭ މަސައްކަތް ފެށީ 2011 ވަނަ އަހަރުއެވެ. ނަމަވެސް، ދިމާވި ގޮތުން 10 ނުވަތަ 11 އަހަރުގެ ބޮޑު ބްރޭކެއް ނަގަންޖެހުނެވެ. އެއީ އޭނާގެ ކާފަދަރިފުޅު ވިހައިގެން ބޮޑުވަމުން އައި ދުވަސްވަރެވެ.

"ކުރަހަން އެއްޗެހި ނެރޭއިރަށް ވަނީ އޭނާގެ އެއްޗިއްސަށް. އޭނާ ބޭނުންވާ އެއްޗެއް ކުރަހައިގެން އެ ނިމުނީ. އެހިސާބުން ސީރިއަސްކޮށް ޕެއިންޓިންގއެއް ނުހެދޭނެކަން އެނގުނު،" ހީލަމުން ނާޒިމްބޭ ބުންޏެވެ.

ނަމަވެސް، އެ ދުވަސްތަކުގެ ބޭނުން ނާޒިމްބޭ ހިފީ އުނގެނުމުގައެވެ. ޔޫޓިއުބް މެދުވެރިކޮށް ޕްރޮފެޝަނަލް ވޯޓަރކަލަރ މާސްޓަރުންގެ ޑެމޯތައް ބަލައި، ކަލަރ މިކްސިންގއާއި ކަލަރ ތިއަރީ އަށް އަހަރު ވަންދެން ފުންކޮށް ދިރާސާކުރިއެވެ. އެހެންކަމުން، އެ ފުރުސަތު ލިބުނީ ކާފަދަރިފުޅުގެ ސަބަބުން ކަމަށްވާތީ އޭނާ ކާފަދަރިފުޅަށް ޚާއްޞަ ޝުކުރެއް އަދާކުރެއެވެ.

ކުރެހުމުގެ އުސޫލުތަކާއި ގުދުރަތީ ރީތިކަމުގެ ފުންމިން

ވަކި ސްޓޫޑިއޯއެއް ނެތުމުން ކުރީކޮޅު ގޭގެ ކާ މޭޒު ބޭނުންކުރި ނަމަވެސް، ފަހުން ކޮޓަރީގައި ކުޑަދޮރު ކައިރީ މޭޒެއް ބަހައްޓައިގެން ކުރަހަން ފެށިއެވެ. އޭ-4 ސައިޒުގެ ކުރެހުންތައް 30 މިނިޓު ތެރޭގައި ނިންމާލެވޭއިރު، އޭ-3 ސައިޒުގެ ކުރެހުންތަކަށް ގަޑިއެއްހާއިރު ނަގައެވެ. އެންމެ ބޮޑެތި އަދި އުނދަގޫ ކުރެހުންތަކަށް ނަގަނީ 4 ނުވަތަ 5 ގަޑިއިރެވެ.

ނާޒިމްބޭއަކީ ކުޑައިރުއްސުރެ ރާއްޖޭގެ ގިނަ ރަށްރަށަށް ދަތުރުކޮށް، ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ތަޖުރިބާކޮށްފައިވާ މީހެކެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ގަސްގަހާގެއްސާއި، މީހުންގެ މަސައްކަތްތައް ތަފާތު ފުން މިނެއްގައި ދެކެން އޭނާއަށް ދަސްވިއެވެ. އާންމުކޮށް މީހުން ދެކޭ ގޮތަށްވުރެ ތަފާތުކޮށް، ރާއްޖޭގެ ރީތިކަން ކުރެހުންތަކުން ދައްކުވައިދިނުމަކީ އޭނާގެ އެންމެ ބޮޑު އަމާޒެވެ.

ޒުވާން އާޓިސްޓުންނާއި ސަރުކާރަށް މެސެޖެއް

މިއަދުގެ ހާލަތަށް ބަލާއިރު، ރަނގަޅު ކޮލިޓީގެ ވޯޓަރކަލަރ ކުލައާއި ކަރުދާސް ރާއްޖެއިން ލިބެން ހުރުމަކީ ޒުވާނުންނަށް ލިބޭ ބޮޑު ފުރުސަތެއްކަން ނާޒިމްބޭ ފާހަގަކުރެއެވެ. އަދި އިންޓަނެޓާއި ޔޫޓިއުބްގެ ބޭނުންހިފައިގެން އަމިއްލައަށް ކުރިއަރައިދިއުމަށް އޭނާ އިރުޝާދުދެއެވެ.

ސްކޫލްތަކުގައި އާޓަށް ދެވޭ ސަމާލުކަން ކުޑަކަން ފާހަގަކުރައްވަމުން، ނާޒިމްބޭ ސަރުކާރަށް އިލްތިމާސްކުރެއްވީ ސްކޫލްތަކުގައި ގާބިލު ޓީޗަރުން ބޭތިއްބުމާއެކު އާޓަކީ ސީރިއަސް މާއްދާއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށެވެ. އަދި އާޓިސްޓުންނަށް މިހާރުގެ ނެޝަނަލް އާޓް ގެލެރީން ލިބޭ އެއްބާރުލުމާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކުރިއެވެ.

ނާޒިމްބޭގެ 105 ކުރެހުމަކީ ހަމައެކަނި ކުލަތަކެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ މާޒީއާއި، ގުދުރަތީ ރީތިކަމާއި، ފަންނާނެއްގެ ހަޔާތުގެ ރޫހު އެކުލެވިގެންވާ އަގުހުރި ޚަޒާނާއެކެވެ.