ލޯންޗުގައި މާލެއިން ފުރައިގެން މި އަތޮޅު ދިއްފުއްޓަށް ދާއިރު ފުރަތަމަ ފެންނާނީ އެ ރަށުގެ ހުދު ދޮންވެލި ގޮނޑުދޮށެއް ނޫނެވެ. ރަށުގެ މަލަމައްޗެއް ވެސް ނޫނެވެ. ރަށުގެ އެއް ފަޅީގައި ނަގާފައި ހުރި ބޮޑު އިމާރާތެކެވެ.
އެ މަންޒަރު ފެނިފައި އަހަރެންގެ ސިކުނޑި ދިޔައީ ބަހުސަކަށެވެ. އެއްކޮޅުން ބުނީ ރަށުގެ ގުދުރަތީ ރީތިކަން އެ ހުރީ ގެއްލުވާލާފައި ކަމަށެވެ.
އަނެއްކޮޅުން ބުނީ މަޑުން އިނުމަށެވެ. މާ ފާޑު ކިޔަން އުޅޭނެ ކަމެއް ނެތެވެ. "ކަލޭ އެ ރަށަށް ގޮސް މިރޭ ނިދަން ހަމަޖެހިފައި އޮތީ އެ އިމާރާތުގައި" އެވެ.
މިއީ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ރަހުމަތްތެރިޔަކު ދިން ޗުއްޓީ ދަތުރެކެވެ. ދިއްފުށީގެ ސްޓޯން ހޮޓެލްގައި އެއް ރޭ ހޭދަކޮށްލުމެވެ. އެހެންވެ މި ރަށަށް އައީ މާ ބޮޑު ރޭވުންތަކެއް ހުރެގެނެއް ނޫނެވެ. މާ ގިނަ ކަންކަން ކުރާކަށް ނޫނެވެ.
މާލެއިން ބޭރަށް އެންމެ ފަހުން ދެވުނު ދުވަހެއް ހަނދާނުގައި ވެސް ނެތެވެ. މިއަހަރު ނިމިގެން މި ދަނީ މިދިޔަ އަހަރުގެ ޗުއްޓީގައި އަތް ނުލައި އޮވެ އެވެ. ހަފްތާ ބަންދުގައި މަސައްކަތުން ވީއްލެން ލިބޭ އެންމެ ދުވަހަކީ ޗުއްޓީ ކަމަކަށް ނުބެލެވޭނެ އެވެ. އެއީ ކުރިއަށް އޮތް ހަފްތާއަށް ފީނައިގަތުމުގެ ކުރިން ލެވޭ ފުން ނޭވައެކެވެ.
އެހެންވީމާ މިއީ އަޑުގަދަ، ބާރުބޮޑު މާލޭގެ ހަލަބޮލިކަމުން ސަލާމަތްވާން ލިބުނު ރަނުގެ ފުރުސަތެކެވެ.
އޮޑިއެޕުން 400ރ.އަށް ދެކޮޅު ޓިކެޓު ނަގައިގެން، 40 މިނެޓުގެ އޮމާން ދަތުރަކަށްފަހު ދިއްފުއްޓަށް އާދެވިއްޖެ އެވެ. ހޮޓަލަށް ގެންގޮސްދޭ ބަގީ އޭރު އޮތީ ބަނދަރުގައި ތައްޔާރަށެވެ.
ފަޅު މަގުތަކަކުން ދުއްވާފައި ގޮސް ދެ ތިން މިނެޓު ފަހުން ބަގީ މަޑުކޮށްލައިފި އެވެ. ރަށު ތެރެއިން މިހާތަނަށް ފެނުނު މަންޒަރާ މުޅިން ތަފާތެވެ. މިއީ އާދައިގެ ގެސްޓުހައުސްއެއް ނޫނެވެ. މުޅި އެ ސަރަހައްދު ވެސް އޮތީ ބްރޭންޑު ކޮށްލާފަ އެވެ.
ބަގީން ފައިބާއިރު ކުރިމަތިން، ބޮޑު ގަހެއްގެ ނިވަލުގައި ބޮޑުއަކުރުން ސްޓޯން ހޮޓެލް ޖަހާފަ އެވެ. ދެ ފަޅީގައި ދެ ރެސްޓޯރެންޓެވެ. އަދި މޫދާވީ ފަޅީގައި ހިތްގައިމު ބީޗު ބާއެކެވެ. ވަރުބަލި ފިލުވާލައި، އަނގަ ތަޅާލަން އެކި ދިމަދިމާލުގައި ސޯފާ އާއި އުނދޯއްޔާއި ގޮނޑި ބަހައްޓާފަ އެވެ.


ޗެކިންވުމުން ލިފްޓުން އަރަންޖެހުނީ 10 ފަންގިފިލާގެ މި އިމާރާތުގެ ހަ ވަނަ ފަންގިފިލަޔަށެވެ. ނަސީބު ވެސް ރަނގަޅެވެ. ލައްވާލީ ކަނަކަށް ހުރި ކޮޓަރިއެވެ. ރަށުގެ ހުޅަނގު ފަޅިންނެވެ. ކޮޅުނެތް ކޮޅަށް ފެންނަން އޮތީ މޫދެވެ.
ވަގުތުން ހިތުލީމެވެ. މިއަދުގެ ސަންސެޓު ބަލާނީ އެނދުމަތިންނެވެ.
އެކަމަކު އޭގެ ކުރިން އަދި ދެތިން ގަޑިއިރު އެބައޮތެވެ. މި ރަށަށް ފޯރުމާ އެކު އަހަރެން ހުރީ ކަންނެތްވެފަ އެވެ. ބަނޑަށް އެއްޗެއް ލާނެ ހިޔާލެއް ވެސް ނެތެވެ. އެކަމަކު ކަންނެތް ވިޔަސް ދޫނުކޮށްލެވޭނެ އެއް ކަމެއް އޮވެ އެވެ. ރަހަމީރު، ހޫނު ކޮފީ ތަށްޓެކެވެ.
ލައިގެން ހުރި އެއްޗެހި ބަދަލުކޮށް، ޗުއްޓީ ކިޓަށް ބަދަލުކޮށްލައިގެން ހޮޓަލުން ނުކުތް ގޮތަށް އަހަރެން ހިނގައިގަތީ ބީޗު ބާއަށެވެ.
ކަރު ތެންމާލާނެ ބައިވަރު އޮޕްޝަންތައް މިތަނުން ލިބޭނެ އެވެ. ފާޑުފާޑުގެ ހުތް ލެމަނޭޑާއި ސްލަޝީއިން ފެށިގެން ގޮސް އެކި ބާވަތްތަކުގެ ފްރެޝް ޖޫސްތަކާއި މޮހީޓޯ އަދި މިލްކްޝޭކްތަކެވެ. މެނޫ ކިތަންމެ ތިޔާގިވިޔަސް، އަހަރެން ވާނީ އަހަރެންނަށެވެ. އެސްޕްރެސޯ ސިންގަލްއެއް ނަގައިގެން ގޮސް އެންމެ އަރާމު ސޯފާގައި ޖައްސާލީމެވެ.
ކޮފީއިން ލާނީ ކޮފީ ރަހަ އެވެ. އެކަމަކު އާންމުކޮށް 10 ވަރަކަށް ރުފިޔާއަށް ލިބޭ ކަޅު ކޮފީ ތަށްޓެއް މިތަނުން ލިބުނީ 45 ވަރަކަށް ރުފިޔާއަށެވެ. ސިކުނޑި ބަހުސަކަށް ދިޔުމުގެ ކުރިން ކުރީބައިގައި މިފަހަރު ގޮތް ނިންމީމެވެ. ކޮފީ ތަށީގެ އަގަކީ ހަމަ 10 ރުފިޔާ އެވެ. އަނެއް 35 ރުފިޔާ އެ ނަގަނީ މިތަނުގެ މާހައުލަށެވެ. އިތުރު ތަފާތެއް ނެތެވެ.
ކޮފީ ތައްޔާރުކުރަން ހުރި ވެއިޓަރު ސޮރު ގާތުން ސްޓޯން ހޮޓެލްއާ ބެހޭގޮތުން ސުވާލުކުރަން ފެށީމެވެ. މިތަނުގައި އޮންނަނީ ކޮން ކަމެއް ހެއްޔެވެ؟ ކުރެވެން ހުރީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
ޖަވާބުގައި އޭނާ އަމުނާލީ ބޮޑު ލިސްޓެކެވެ. މިތަނުން ތިން ހަތަރު ރެސްޓޯރެންޓު ހުންނާނެ އެވެ. ސްޓޭކްހައުސްއެއް ވެސް ހިމެނޭ ގޮތަށެވެ.
ސައޫނާއެއް ހުންނާނެ އެވެ. ބާލިނީސް މަސާޖު ކޮށްލެވޭނެ އެވެ. އަދި ކޮބާ ހެއްޔެވެ؟ އެންމެ މަތީގައި އިންފިނިޓީ ޕޫލްއަކާއި އިތުރު ބާއެއް ވެސް ހުންނާނެ އެވެ.
ވަގުތުން ހިޔާލު ބަދަލުވެއްޖެ އެވެ. މިފަހަރު ސަންސެޓު ބަލާނީ އެނދުމައްޗަކުން ނޫނެވެ. މަށަށް ކަމުނުދިޔަ މި އިމާރާތުގެ އެންމެ މަތިންނެވެ.
ކޮފީ ތަށި ނަގައިގެން އެތަނުގައި ގަޑިއެއްހާއިރު ހަމަ އިނީ އެވެ. ދާނެ ތަނެއް، ކުރާނެ ކަމެއް ނެތެވެ. މިހާ ދުވަސްކޮށްފައި ޗުއްޓީއެއް ނެގުމުން އެކަމާ ވެސް އަހަރެން ހުރީ އާވެފަ އެވެ.


އަހަރެން މިއީ މާ މޫދަށް ފޯރި ހުންނަ މީހެއް ނޫނެވެ. އެކަމަކު ވެސް އާނއެކެވެ. މަށަކީ ވެސް ދިވެއްސެކެވެ. މިކަހަލަ ދިވެހިން ވެސް އުޅެ އެވެ. މޫދަށް ނޭރޭ ނަމަ، ދެން އޮތީ އެއްގަމެވެ. އެހެންވެ ހިތަށް އެރީ އިރުއޮއްސުމުގެ ކުރިން ރަށު ތެރެ ބަލައިލުމަށެވެ.
ދިއްފުށީގެ މި ފަޅީގައި ސްޓޯން ހޮޓެލް ފިޔަވައި މާ ބޮޑު އިތުރުކަމެއް ނެތެވެ. މޮނިއުމަންޓަކަށް ވެސް، އެޓްރެކްޝަނަކަށް ވެސް ހުރީ 10 ބުރީގެ އެ އިމާރާތެވެ. އިތުރަށް ހުރީ ވަރަށް ރީތި ފުޓުބޯޅަ ދަނޑެކެވެ. އެކަމަކު އެތަނުގައި ބަޔަކު ކުޅެން ގޮސް ތިއްބާ ނުދެކެމެވެ.
އެއާ ހިލާފަށް ރަށުގެ އަނެއް ފަޅީގައި ހުރީ ބަރިބަރިއަށް، ޖެހިޖެހިގެން ގެސްޓުހައުސްތަކެވެ. ވޯޓަ ސްޕޯޓްސް ސެންޓަރުތަކާއި ކެފޭތަކެވެ. މީހުން ވެސް ގިނަ އެވެ. ވަރަށް ހެޕިން އެވެ.
އެކަމަކު މާލެ ކަހަލަ ހެޕަނިން ތަނެއްގައި ހުރެފައި ބޯ ހަމަޖައްސާލަން އަންނަ މީހަކަށް ހަގީގަތުގައި ކަމުދާނީ ސްޓޯން ހޮޓެލް ހުންނަ ފަޅިން އެ ލިބޭ ހަމަހިމޭން ހިތްހަމަޖެހުމެވެ.
އަހަރެން މި ރަށަށް އައީ އެއްވެސް ކަމެއް ކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި އެއްވެސް ކަމެއް ނުކުރަން ވެގެންނެވެ. ސްޓޯން ހޮޓެލްއަށް އަންނަ މީހުން ބޭނުންވާ ނަމަ ކުރެވޭނެ ކަންކަން މިތަނުގައި އެބަހުއްޓެވެ. އަދި އަހަރެން ގޮތަށް ކަމެއް ނުކޮށް އަރާމުކުރަން އަންނަ މީހުން ބޭނުންވާ ކަންނެތްކަން ވެސް މި ތަނުން ލިބޭނެ އެވެ.
ރަށް ބަލައިލުމަށްފަހު އަނބުރާ ހޮޓެލްއަށް ގޮސް، ފްރެޝް ވެލައިގެން އެރީ އެންމެ މައްޗަށެވެ. މިތާ ހުންނަ އިންފިނިޓީ ބާއިން މޮހީޓޯއެއް ނަގައިގެން ގޮސް ގޮނޑިއެއްގައި ޖައްސާލީމެވެ. މިކަހަލަ އުސްތަނެއްގައި ހުރެ އިރުއޮއްސޭ މަންޒަރު މި ފެންނަނީ އަލަކަށް ނޫނެވެ. އެކަމަކު މާލެއިން ފެންނަ މަންޒަރާ މިކަހަލަ ރަށަކުން، މިހާ މަތިން ފެންނަ މަންޒަރާ ހާސްބައި ތަފާތެވެ. ވަރަށް ފުރިހަމަ އެވެ.
މުޅި ދަތުރުގެ ހައިލައިޓަކަށްވީ އެ ސަންސެޓެވެ. އަރާމު ވަގުތުކޮޅެކެވެ. ގަޑިއެއް ދެ ގަޑިއެއްހާއިރަށް އެ ކުލަވަރު ދެމިހުންނަ ނަމައޭ ހިތަށް އެރި އެވެ.






