ހުވަދޫ އަތޮޅުގައި މި އޮތީ ހާދަ ފަޅުރަށެކެވެ. އެ ފަޅުރަށްތަކުގައި އެ ވަނީ ހާދަ ރީތިކަމަކާއި ހިތްގައިމު ކަމެކެވެ. މިހެން ހިތަށް އެރިތަނުން ޑިންގީ ދުއްވަން އިން އިބްރާހިމްފުޅު ބާރަކަށް ކަރުކެހިލައިފައި ބުނެލި އެވެ؛ ތި ފަޅުރަށްތަކުގައި ހާދަ ފުރޭތައެއް ވެސް އުޅެ އެވެ.
"ނުވާނެއެވެ. ފުރޭތަ އަކީ ފުލޯކެކެވެ،" ހިނިގަނޑެއް ޖަހާލާފައި އަހަރެން މިހެން ބުނިއިރު ގދ. ރަތަފަންދޫ އިން ނުކުމެ ހާރެއްހެން ގެތިފައިވީ ފަޅުރަށްތަކާ އިންވެ އޮތް ބޮޑު ވިލުތެރެއިން ލާފައި ދިޔަ އަހަރެމެންގެ ޑިންގީ ގޮސް ނަޑެއްލާގެ ފަޅުތެރެއަށް ވަންނަނީ އެވެ.

"މިއަދަކީ ހާދަ ރީތި ދުވަހެކެވެ. އަދި މި ރަށް އެއަށް ވުރެ ވެސް ރީއްޗެވެ."
ނަޑެއްލާގެ ހިމޭން މާހައުލުގައި ބުރުޖަހަމުން މީސް މީހުންނާ އިންޓަވިއުކުރަމުން ދިޔައިރު އަހަރެންގެ ހިތަށް ދުވަހުގެ މި ހިތްގައިމުކަން ވަދެފައި އޮތަސް ޑިންގީގައި އިބްރާހިމްފުޅު ކިޔައިދިން ފުރޭތައިންގެ ވާހަކަ އޭރު ވެސް ހިތަކުން ފިލައެއް ނުދެ އެވެ. އަދި ނަޑެއްލާ އިން ބައްދަލުވި ބައެއް މީހުން ވެސް، މި ފަޅުރަށްތަކުގައި ފުރޭތަ އުޅޭ ވާހަކަ ކިޔައިދޭން ފެށުމާ އެކު އެހިސާބުން އެ މަޖުބޫރުވީ ނަޑެއްލާ އިން ފެށިގެން ފަރެސްމާތޮޑާއާ ދެމެދުގައި އުޅޭ ކަމަށް ބުނާ ފުރޭތައިންގެ ތެރެއިން ފުރޭތައަކާ ބައްދަލުވާނެ ގޮތެއް ހޯދާށެވެ.
ނުވަތަ އެއިން ފުރޭތައަކާ ބައްދަލުވެފައި ހުރި ތަޖުރިބާކާރަކު ހޯދާށެވެ. ފިޔޯރީގައި ދިރިއުޅޭ 'ކުދެއިބެއްޔާ' އެއްގެ ވާހަކަ އަޑުއިވުނީ އެހިސާބުންނެވެ.



ނަޑެއްލާ އިން ފުރައިގެން އެމްޓީސީސީއެއްގެ 'ލަކުޑި ފެރީއެއްގައި' ފިޔޯރީ އަށް ދެވުނުއިރު އެ ދުވަހަށް އިރުއޮއްސެނީ އެވެ. އަދި ޖެހިގެން އައި ދުވަހުގެ އިރާ އެކު އަހަރެން ދިޔައީ އެ ރަށު 'ރިހިދޯދި' އަށެވެ. އާދެ، ކުދެއިބެއްޔާގެ ގެއަށެވެ.
ސަލާން ބަލައިގަތުމާ އެކު ލޮލުގައި އަޅައިގަތީ ގެއާ ވަކިން ހަދާފައި ހުރި ކުޑަ ފެންޑާއެއްގެ ޖޯއްޔެއްގައި ޖައްސާލައިގެން އޮތް މުސްކުޅި ފިރިހެނެކެވެ. އޭނާގެ ބޮލުގައި އެއްކޮށް ހުދުވެފައި އޮތް އިސްތަށިގަނޑު ޔަގީނަށް ވެސް އޭނާގެ އުމުރަށް ވުރެން ޅަވެފައި އަދިވެސް މާ ވަރުގަދަ އެވެ.
ޖެހިގެން ހުރި މޭޒުމަތީ ފަންކާގެ ފިނިވައިގެ ތެރޭގައި ޖައްސާލައިގެން އެ އޮތީ ފުރޭތައިން ލޮލުން ދެކެ އަތުން ހިފާފައިވާ ކުދެއިބެއްޔާ ނޫން ދެ ވަނަ މީހެއް ނޫނެވެ. އަދި މި އައީ ފުރޭތައިންގެ ވާހަކަ ކިޔުއްވާށޭ ހަމަ ބުނުމާ އެކު ކުދެއިބެއްޔާގެ މުޅިގައިގައި ވަރުޖެހި އަޑުގައި ފުރާވަރުގެ ފޯރިއެއް ޖެހިއްޖެ އެވެ.
ކުދެއިބެއްޔާގެ ކިތާބީ ނަމަކީ މުހައްމަދު އިސްމާއިލް އެވެ. އުމުރުން މިހާރު 90 އަހަރުވީ އެވެ. ނަމަވެސް ފެންނަފެނުމުގައި ކުދެއިބެއްޔާ އާއި އޭނާގެ ހަނދާންތައް ވެސް މާ ޒުވާނެވެ. ޔަގީނަށް ވެސް އެއީ އޭނާގެ މިޒާޖުގައިވީ ލާނެތްކަމުގެ ސިއްރެވެ.
ކިތައް ކުދިން ތިބޭތޯ ސުވާލުކޮށްލުމުން ވެސް އޭގެ ޖަވާބު އައީ އޭނާގެ ސަކަ މިޒާޖުގެ މެދުންނެވެ.
"މާކަ ގިނައިންނެއް ނުތިބޭނެ، ދިހަ ވަރަކަށް ދަރިން ތިބޭނީ އަޅުގަނޑުގެ. ބާރަ ދަރިން އަޅުގަނޑަށް ލިބުނީ،" ކުދެއިބެއްޔާގެ މޫނުމަތީގައި ސަމާސާއެއްގެ އެއްވެސް ކުލަވަރެއް ނެތެވެ.
އެއަށް ފަހު ފުރޭތައިންގެ ވާހަކަ އިހަށް ބާއްވާލާފައި އޭނާ ފަށައިގަތީ ކުޑައިރުގެ ދިރިއުޅުމާއި ރަށުގެ އުޅުމާ ބެހޭ އެންމެ ދުރު ހަނދާންތަކުންނެވެ.


"އަޅުގަނޑު މިއީ އަތުން ފައިން ހާދަ ގިނަ މަސައްކަތެއް ކުރި މީހަކީމޭ،" ކުދެއިބެއްޔާ ބުނެލި އެވެ.
"އަޅުގަނޑު ދިރިއުޅުމަށް އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ރުއްއެރުން. އޭގެ ފަހުން ކުރީ ވަޑާން. ގާނަގަން ދިޔައިން. ގާތަޅަން ވެސް އުޅުނިން. އަދި ރޭނުމުގެ މަސައްކަތަކީ ވެސް ހާދަ ގަދަ އަށް ކުރެވުނު މަސައްކަތެކޭ. މި ރަށުގައި ވެސް ހުންނާނެ އަޅުގަނޑު ރޭނި އެތައް ގެއެއް."
އެއަށް ފަހު ޖޯލީގައި ރަނގަޅަށް ހަމަޖެހިލާފައި އައު ފެށުމަކުން ފަށައިގަތެވެ.
"އެއްވެސް މީހެއްގެ ފަރާތަކުން ނޫން އަޅުގަނޑަށް މަސައްކަތް ދަސްވީކީ. އަޅުގަނޑުގެ ހާލު ހުރިގޮތުން އެކަކު ވެސް އަޅުގަނޑު އެއިން އެއްވެސް މީހަކާ އެކުގައި ގެންގުޅޭކަށް ގަބޫލެއް ނުވި. އަޅުގަނޑުގެ ބައްޕަ ވެސް އަޅުގަނޑު އެއްލާލީ"
އެއީ ކީއްވެގެންތޯއޭ އަހާނުލައި އަޅުގަނޑަކަށް ނުހުރެވުނެވެ. އަދި ކުދެއިބެއްޔާ އުކަން ފެށި އޭނާގެ ހަޔާތުގެ ސަފުހާތަކާ އެކު ކިޔުއްވަން އައި ފުރޭތައިންގެ މަތިން އެއްކޮށް ހަނދާންނެތިއްޖެ އެވެ.
"އެ ހާލެއްގައި އަޅުގަނޑު ޖެހުނީ އަޅުގަނޑުގެ މަންމަ މަރުވީމަ. އަޅުގަނޑުގެ އުމުރުން ދެ އަހަރު ތެރޭގައި މަންމަ ނިޔާވެއްޖެ،" ކުދެއިބެއްޔާ ވަދެގެން ދިޔައީ އެންމެ ކުޑައިރުގެ އެންމެ ހިތްދަތި ދުވަސްތަކަށެވެ.
"ދެން އެހިސާބުން ބައްޕަ އެހެން ކައިވެންޏެއް ކޮށްގެން އެ ކައިވެންޏަށް ތިން ދަރިން ލިބިއްޖެ. އެއީ ވަރަށް ދަތި ދުވަސްވަރެއް. ވީމަ އެހިސާބުން ފެށިގެން ބައްޕަ އަޅުގަނޑު، ބައްޕަގެ ދަރިއެއްގެ ގޮތުގައި ބަލައިގެން އުޅުނުއުޅުން ދޫކޮށްލައިފި."
ކުދެއިބެއްޔާ އޭނާގެ ހަޔާތުގެ ފެށުމުގައި އޮތް ހިތްދަތި ވާހަކަ ކިޔައިދެމުން ދިޔައިރު އަހަރެންގެ ހިތަށް އަރައިފައިބަމުން ދިޔައީ ހަމަ އެންމެ ހިޔާލެކެވެ؛ އެންމެ އެކުވެރި އެންމެ މަޖާ މީހުންނަކީ އެންމެ ހާލުގައި އުޅުނު މީހުންނެވެ. ޔަގީނަށް ވެސް މި ކުދެއިބެއްޔާ މިއީ އޭގެ ތެރެއިންވީ ޝަހުސިއްޔަތެކެވެ.
އާނއެކެވެ. އަހަރެންގެ ހިޔާލުތައް މި މަޑުޖައްސާލީ އެވެ. ކުދެއިބެއްޔާ އެހިސާބުން އަނެއްކާވެސް ފަށައިގަތެވެ.
"އެހިސާބުން ދުނިޔޭގެ ކުރިމަތީގައި، އަޅުގަނޑު މަގުމަތިވެއްޖެ. ގޮތެއްނެތިއްޖެ،" ކުދެއިބެއްޔާގެ އަޑުގައި އަސަރު އުފައްދައިފި އެވެ.
"އަޅުގަނޑާ އެއްބަނޑު ދައްތައެއް ހުރި. އެކަމަކު އެ ދައްތަ ވެސް މީހަކާ އިނދެގެން އެ ދިރިއުޅުން އޭނާ ގޮވައިގެން އެހެން ދިމާލަކަށް ގެންދިޔައީމަ ދެން ވެސް އަޅުގަނޑުގެ ދަތުރުގައި އަޅުގަނޑުވީ އެކަނި. ދެން އެކަނިމާއެކަނި މިހެން އުޅެ މި ރަށުގައި ބޮޑުވި މީހެއް އަޅުގަނޑަކީ."
ކުދެއިބެއްޔާ ބުނީ އޭނާ އެވަރުގެ ހީވާގި މުރާލި މަސައްކަތްތެރިޔަކަށް ބަދަލުކޮށްދިނީ ދިރިއުޅުމުގެ އެ ހާލަތާއި ހަގީގަތް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުގެ އެ ހާލަތު އަޅުގަނޑަށް މަޖުބޫރުކުރުވީ އެހާ ޅަ އުމުރުގައި މަސައްކަތަށް ނުކުތުމަށް."
އެ ވާހަކަ އެ ހިސާބަށް ނިންމާލުމުން އަޅުގަނޑު އަހާލީމެވެ؛ ދެންވީ ކިހިނެތް ތޯ އެވެ؟
އެހިސާބުން ދެން ފެށުނީ ފިޔޯރީގައި މީގެ 70 ވަރަކަށް އަހަރު ކުރިން އޮތް އާދަކާދައިގެ ވާހަކަތަކެވެ. އެއީ ފިޔޯރީގައި ތިންސަތޭކައެއްހާ މީހުން ދިރިއުޅުނު ޒަމާނެކެވެ.
"އަދި އޭރަކީ ދީނުގެ ކަންކަމަށް މީހުންގެ ހިތްތަކުގައި ހާދަ ލޯތްބެއް އޮތް ޒަމާނެކޭ،" މިހެން ބުނެފައި ކުދެއިބެއްޔާ ކިޔައިދޭން ފެށީ ރަށުގައި އޭރު އެންމެން "އެމީހުންގެ އަމިއްލަ މިސްކިތްތައް އަޅައިގެން" އުޅުނު ގޮތާއި ނަމާދަށް ނުދާ މީހާގެ ގައިގައި ދުއްރައިން ތަޅައި އަދަބު ދޭ ވާހަކަ އެވެ.
"ރަށުގައި ހުރި 40 މިސްކިތް އަޅުގަނޑުގެ ދެލޮލުން ދެކުނީމޭ. އެހެންވީމަ އަޅުގަނޑަށް އެނގެނީ އެހާ ގިނަ މިސްކިތުގައި މި ރަށު މީހުން ނަމާދުކޮށް އުޅުނުކަން. މިހެން ބުންޏަސް އޭގެ ތެރެއިން ގިނަ މިސްކިތްތަކަކީ އެކި އާއިލާތަކުގެ މީހުން އެމީހުން ނަމާދުކުރަން އަޅައިގެން އުޅުނު މިސްކިތްތައް. ދެން އޭގެ ތެރެއިން ވަރަށް ގިނަ މިސްކިތްތައް އެމީހުންގެ ޒަމާނާ އެކު ނެތިގެން ދިޔައީ،" މީސް މީހުން އެމީހުންގެ ގޯތީގެ ބޭރުގައި ވެސް މިސްކިތްތައް އަޅައިގެން އުޅުނު ކަމަށް ބުނެ ކުދެއިބެއްޔާ ކިޔައިދިނެވެ.
"އޭގެ ގިނަ މިސްކިތް ބިނާކޮށްފައި ހުންނާނީ ތެޅިގަލުން. ބައެއް މީހުން ހުރޭ ދަނޑިފަނުން ވެސް މިސްކިތް އަޅާފައި. ހިރިގަލުން ވެސް. އަމިއްލަ ގޮތުން މީހުން އަޅައިގެން ބަލަހައްޓަމުން ދިޔަ މިސްކިތްތަކެއްވިއްޔާ އެއީ."


ކުދެއިބެއްޔާ އެގޮތަށް މިސްކިތެއް ނާޅަންތޯ އެވެ؟
"އަޅުގަނޑެއް އެގޮތަށް އަމިއްލަ އަށް މިސްކިތެއް އަޅައިގެން ނަމާދުކޮށެއް ނޫޅެން. ސަބަބަކީ މިގޯތިއާ ޖެހިގެން އެހެރަ ފެންނަނީ މިސްކިތެއް. އެއަށް ވުރެ ތަންކޮޅަކަށް ދެވޭއިރު އަނެއް މިސްކިތް ފެންނަން ހުންނާނެ. ދެން އަޅުގަނޑު މިސްކިތެއް އަޅަންވީ ކީއްކުރަން،" ނަމަވެސް ކުދެއިބެއްޔާ ބުނީ އޭނާ އަކީ އަބަދުވެސް ނަމާދަށް ފަރުވާތެރިވީ މީހެއް ކަމަށެވެ.
"ސަބަބަކީ ހުކުރު އަދި ހޯމަ، އެ ދެ ރެއަކީ ނަމާދުނުކުރާ މީހުންނަށް ރަށު އޮފީހުން އަދަބު ދޭ ދުވަސް. ނުކޮށް އަޅާލާ ކޮންމެ ނަމާދަކަށް ދުއްރައިން އެމީހެއްގެ ގައިގައި ފަސް އެތިފަހަރު ޖަހާނެ. ރަށުގެ އެންމެންގެ ކުރިމައްޗަށް ނެރެ އެމީހަކަށް އަދަބު ދޭނީ ވެސް،" ކުދެއިބެއްޔާ ކިޔައިދިނެވެ.
"އޭރު މިސްކިތްތަކުގައި ބަލަހައްޓާނެ އެ މިސްކިތަކަށް ގޮސް ނަމާދު ކުރާ މީހުންގެ ހާޒިރީއެއް ވެސް. އެހެންވީމަ މިސްކިތަށް ނުދާ މީހުން ހޯދަން ވަރަށް ފަސޭހަވާނެ."
ކުދެއިބެއްޔާ އަޅެ މަޑުކޮށްބަލާށެވެ. މިހައި ހިސާބުން ދެން ފުރޭތަ ވާހަކަ ފަށަންވީ ނޫންތޯ އެވެ؟
"ނޫނޭ އަދި މަޑުކޮށްބަލަ. އޭރުގެ ހާދަ ވާހަކައެއް އެބައޮތޭ އަދިވެސް،" ކުދެއިބެއްޔާ ދެން އެ ފަށައިގަތީ ރަށުގައި އުޅުނު ޖިންނި ޝައިތާނުން ފައްސާލުމަށް ކިޔައި އުޅުނު ތަކުބީރުތަކާއި ކޮށްއުޅުނު ކަންކަމުގެ ވާހަކަ އެވެ.
"އޭރު ބޮޑުރޯގާއެއް ފެތުރުނަސް މުޅި ރަށުގައި އޮންނާނެ ތަކުބީރުބަނުން. ރަށު އޮފީހުން ގޮވާލީމަ އެންމެން ނުކުންނާނެ ތަކުބީރު ބަންނަން. ރަށު އެންމެން ނުކުމެ ތަކުބީރުކިޔަމުން، އަލިފާން ރޯކޮށް، ހަޅޭލައްވަމުން ސަންގު ގޮއްވަމުން މުޅި ރަށުގައި ހިނގުން އޮންނާނީ އެ ރޭ،" ކުލަ ހަނދާންތަކުން ކުދެއިބެއްޔާ ކިޔައިދެމުން ދިޔަ އެވެ.
"އަލިފާން ރޯކޮށްގެން ދާނީ ދުނބުރި ގަހުގެ ގޮފިތަކުގައި. އޭރުން އޭގެ ފަތްތަކުން ބަޑިބަޑިޖަހަމުންދާ ވަރުގަދަ އަޑެއް ގޮވަމުންދާނެ. ދެން ޑަބިޔާ ވެސް ތަޅަމުންދާނީ. އޭގެ ބޭނުމަކީ ޖިންނިތައް ފައްސާލުން،" އެ ރޭގެ ފަތިސްވަންދެން އެ ކުޅިވަރެއް ކުރިއަށް ދާ ކަމަށް ކުދެއިބެއްޔާ ކިޔައިދިނެވެ.
އެއަށް ފަހު ދެން އެ ހުޅުވާލީ ކުދެއިބެއްޔާ އާއި ފުރޭތައިގެ ޗެޕްޓަރެވެ. ނޫނެކެވެ. ރަނގަޅު ގޮތަކީ ފުރޭތަތަކޭ ބުނިއްޔާއެވެ. ސަބަބަކީ ކުދެއިބެއްޔާގެ ހަޔާތުގައި އެތައް އެތައް ފުރޭތައަކާ މީގެ އަކުރެއް ލަފުޒެއްހާ ގާތުން ބައްދަލުވެފައިވާތީ އެވެ.



"އޭރު ތިން ހަތަރު ދަރިން ވެސް ލިބިއްޖެ. އޭރަކީ ދުވާލަކު ތިން އިރު 12 ރުކަށްއަރާ ދުވަސްވަރެއް. ބަލަ ފަތިހު ތިނެއްޖަހާއިރު ވެސް މަ އޮންނަމޭ އޭރު ރުކައް އަރައި. އެހެން އުޅެނިކޮށް މި ބުނާ ފުރޭތައަކާ އެންމެ ފުރަތަމަ ދިމާވީ ޖެހިގެން ތިއޮތް ފަޅުރަށުން،" ފިޔޯރީ އާއި ފަރެސްމާތޮޑާއާ ދެމެދު އޮތް ފަޅުރަށް ދިގެލާބަދުވާ އަށް އިޝާރާތްކޮށް ކުދެއިބެއްޔާ ބުނެލި އެވެ.
"އިރުވައި ކުރިއަށް ދިޔަގަނޑު ހިކޭނެ ވަރަށް ގަދަ އަށް. އިރުވައި މޫސުމުގައި އެގޮތަށް ދިޔަގަނޑު ހިކުނީމަ ކަނޑުން އަރައިގެން އަންނަ އެއްޗެއް އެއީ. ކަނޑުން އަރައިގެން އަންނައިރު ފެންނާނީ އަނދަމުންދާ އަލިފާންގަނޑެއްގެ ސިފައިގައި އޭތި،" ކުދެއިބެއްޔާ ކިޔައިދިނެވެ.
އަދި އޭގެ ފުރަތަމަ ފުރޭތަ ފެނުނުރޭ ސިފަކޮށް ކިޔައިދޭން ފެއްޓި އެވެ.
"އޭރު އަޅުގަނޑު ރުއްއަރައި ރާއްކައްކަން، ގެއެއް ވެސް އަޅައިގެން ދިރިއުޅެމުން ދާނީ އެ ފަޅުރަށުގައި. އެހެން އުޅުނު ދުވަހެއްގައި އިރުއޮއްސުނުތަނުން އަޅުގަނޑު މި ފޭބީ ގޮސް އަތިރިއަކަށް،" މުޅި ގައިގައި ރޯވެ އަނދަމުން ދިޔަ ފުރޭތަ ފެނުމާއެކު ކުދެއިބެއްޔާގެ އެ ބޮޑުކަމުދިއުން ވެސް ހުއްޓިއްޖެ އެވެ.
އެއަށް ވުރެ މާ ނުރައްކާތެރި ކަމެއް އޭރު އެ އޮތީ އޭނާ ދިރިއުޅޭ ފަންޖިފުޓީގެ ކުރިމަތީގައި ލައިގެންފަ އެވެ.
"ސަމާސާއެއް ނޫނޭ މިއީ ދަރިފުޅާ. މިގޭގެ ތިހިރަ ދޮރުފަތާ ހިސާބު ކައިރިންނޭ އެ ފުރޭތައެއް އޭރު މަށަށް މި ފެންނަނީ،" ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ދުރުގައި ހުރި ގޭގެ ދޮރު ދައްކާލުމާ އެކު ކުދެއިބެއްޔާ ބުނެލި އެވެ.
"އަހަންނަށް މި ފެންނަނީ އަލިފާންގަނޑެއްގެ ސިފައިގައި އޭތި އަނދަމުންދާތަން. އެކަމަކު އަލިފާނޭ ބުންޏަސް އެއީ އަސްލު އަލިފާނެއް ނޫން. އެއީ ކަނޑުން އަރައިގެން އަންނައިރު އޭތީގެ ގައިން އޮހޮރެމުންދާ ލޮނު. އެ ލޮނު މި ފެންނަނީ އަނދަމުންދާ އަލިފާނުގެ ސިފައިގައި"
ކުދެއިބެއްޔާ ކިޔައިދެމުން ދިޔަ ވާހަކަތަކަށް ދިޔައީ އަހަރެންގެ ހިޔާލުގައި ދިރެމުންނެވެ. ފިލްމެއްހެން ކުޅެމުންނެވެ. ހިތް ތަޅުވަމުންނެވެ.


"ދެން މި ފުރޭތައެއްގެ ކަންތައް ވަރަށް ބޮޑުވެއްޖެ އެންމެފަހުން. މި ގޭގައި ނިދޭނެ ގޮތެއް ވެސް ނެތް. ހަމަ ކޮންމެ ރެއަކު މި ފުރޭތައެއް ކަނޑުން އަރައިގެން އައިސް ގޭ ކުރިމަތީގައި ހުރެ އަނދަނީ. އެންމެފަހުން މިކަންތައް ބޮޑުވެގެން ޑަބިޔާތަކެއް ހޯދައިގެން ގެނެސްފިން އަޅުގަނޑު،" ވަރުވަރު އަރުވަމުން ކުދެއިބެއްޔާ ކިޔައިދެމުން ގެންދިޔަ އެވެ.
"ދެން މި ފުރޭތައަކީ ވެސް ބިރުގަންނަ އެއްޗެއްތޯ ބަލަންވެގެން ޑަބިޔާ ހިފައިގެން ނުކުމެ، ކުރެދިބުރިއަކުން އޭގައި ބާރަކަށް ތަޅައިގަތުމާ އެކު ހޯބޯލައްވަމުން ގޮސް އެ އެއްޗެއް ގެއްލިއްޖެ،" އޭގެ ފަހުން ކަންތައްވީ ގޮތް ވެސް ކުދެއިބެއްޔާ ކިޔައިދިނެވެ.
"ފުރޭތަ އެންމެ ގަޔާވާ ގަހަކީ ކިނބިގަސް. އޭގެ މަލަކީ ގަދަ މީރު ވަހެއް ދުވާ މަލެއް. އެ މަލުގެ ވަހަށޯ ފުރޭތަތައް ރަށަށް އަރައިގެން އެ އަންނަނީ. އެ ފަޅުރަށަކީ ބައިވަރު ކިނބިގަސްތައް ހެދިފައި އޮންނަ ރަށެއް"
"އެންމެފަހުން މި ފުރޭތައިގެ ކަންތައް ބޮޑުވެގެން ގޮސް އަޅުގަނޑު ހެދިވަޑާމަކީ އެ ހިސާބުގައި ހުރި ކިނބިގަހުގައި ރޯކޮށް އެ ގަސް މަރާލީ. އެހިސާބުން ފުރޭތަ ރަށަށް އެރުން ހުއްޓިއްޖެ."
ނަމަވެސް ފުރޭތައާ ބައްދަލުވުން ނިމުނީއެއް ނޫނެވެ. ކުދެއިބެއްޔާ ކިޔައިދިން އެހެން ވާހަކައެއްގައި އޭނާ ރުކެއްގެ ކުރިއަށް އަރައި އޮތްވައި ނަގޫރޯޅިއެއްގެ ސިފައިގައި ވެސް ފުރޭތައެއް ދިމާކޮށްލި އެވެ. އަދި ލޯބިވެރިޔަކު ހޯދަން ކަނދުފައްޗެއްގައި ފަރެހަށް ކުރި ދަތުރެއްގެ ތެރެއިން ވެސް ސިފައިން ހުތުރު ފުރޭތައެއް އޭނާ ފަހަތު އަޅުވާލި އެވެ.
އެއަށް ފަހު، އައްޑޫ އަތޮޅަށް ކުރި ދަތުރެއްގައި އެ އަތޮޅުގެ މަޝްހޫރު ކަށްބޯހެރަ ކައިރިން ފެނުނު ފުރޭތައެއްގެ ވާހަކަ ވެސް ކުދެއިބެއްޔާ ކިޔައިދިނެވެ.
"އެފަހަރު އަޅުގަނޑާ އެކު އުޅުނު އެކުވެރިޔާ އާއި ފުރޭތައާ ދެމީހުން ތަޅައިގަތީ. އަހަރެން ދުވެފައި ގޮސް އެރީ މިސްކިތަށް. އަދި މިސްކިތާ ހަމަ އަށް ދެވުނުއިރު އެކުވެރިޔާގެ ދުވަސްގޮސްސި،" ކުދެއިބެއްޔާ ބުނީ އެ ހާދިސާގައި އޭނާގެ އެކުވެރިޔާ މަރުވީ ކަމަށެވެ.
ކޮންމެއަކަސް މިއީ ހުވަދޫ އަތޮޅުން ފެނުނު ހިތްގައިމު ފަޅުރަށްތަކުން ފެންނަ ކަމަށް އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ މީހުން ބުނާ ފުރޭތައިންގެ ވާހަކަ ފަށައިގަތީމަ އޭގައި ކުރިތައް ފަޅައިގެން ދިޔަ ހިސާބެވެ. އަދި ވަކި ހިސާބަކުން ކުދެއިބެއްޔާގެ ވާހަކައިގައި ފޯރިއަރައިގަތުމުން ހުވަދޫ ބަހުރުވައަށް އެއްކޮށް އެ ވާހަކަ ބަދަލުވެ އޭގައި ކިޔާ ނުކިޔާ ސާފުނުވާ ހިސާބަށް މި ވާހަކަ ދިއުމުން ރިކޯޑްކުރަމުން ދިޔަ އިންޓަވިއު އަހަރެން ކުއްލިއަކަށް ނިއްވާލީމެވެ.
އެ ނިމުނީ އެވެ. އެކަމަކު ކުދެއިބެއްޔާގެ ވާހަކަތަކެއް ނޫނެވެ.