ދިވެހި ސިނަމާ އަށް ލޯބިކުރާ އެންމެނަށް ވެސް އިއްޔެ ލިބުނު، އެންމެ މުނިފޫހިފިލުވައިދިން ޚަބަރަކީ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އައު ކައިވެންޏެއް ކުރި ޚަބަރެވެ. ރިޝްމީގެ ހަޔާތުގެ އާ ބައިވެރިޔާ އާއި ހަޔާތުގެ މި އައު ސަފުހާއާ އެކު "ދިވެހި ސެލެބްރިޓީ ޖޯޑުން" ގެ ލިސްޓު މި ވަނީ އިތުރަށް ފަޅުފިލައިފަ އެވެ.
ރިޝްމީ ކައިވެނިކޮށްފައި ވަނީ، އިވެންޓް މެނޭޖުމަންޓް އިންޑަސްޓްރީގައި މިވަގުތު އޮތް އެންމެ ކުޅަދާނަ ކުންފުނި "ޗޮޕާޓް" ގެ ކްރިއޭޓިވް ސިކުނޑިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މިހުސޯ އަބްދުއްސައްތާރުއާ އެވެ. އެހެންކަމުން މި ޖޯޑުވެގެން ދަނީ ފަނޑުވެފައި އޮތް އޮލިމްޕަހުގެ ރެޑްކާޕެޓް ހަފުލާތައް ހުޅުދާންކޮށްދޭނެ ޖޯޑަކަށްކަން ޔަގީނެވެ.

މިހައިހިސާބުން ދެން މި ބަލައިލަނީ ދިވެހި ސިނަމާގެ ރެޑް ކާޕެޓުން ފާހަގަކޮށްލެވޭ އިތުރު ފަސް ޖޯޑަށެވެ.
މުއާއްޒަ
މީގެ ލިސްޓެއް ކީއްކުރަންތޯ އެވެ؟ ދިވެހި ސިނަމާގެ "ޓޮޕް ލިސްޓެއް" އެކުލަވައިލާ ނަމަ އޭގެ އެއްވެސް ލިސްޓެއް "އައްޒަ އާއި މުއާ" ނުހިމަނައި ފުރިހަމަ ވެސް ނުވާނެ އެވެ. މި ދެ ތަރިންގެ މަގްބޫލުކަން ރާއްޖޭގެ ސިނަމާގައި އޮތީ އެހާ ވެސް ގަދަކޮށެވެ.

ޝައްކެއް ވެސް ނެތްގޮތުގައި އައްޒަ އާއި މުއާގެ ޖޯޑަކީ ދިވެހި ސިނަމާގެ އެންމެ އަގުބޮޑު އަދި އެންމެ އުޖާލާ ޖޯޑެވެ. މި ދެ ތަރިން އެކުގައި ރެޑް ކާޕެޓުތައް ފަޅުފިލުވައިދޭ ގޮތަށް ދެން އެންމެ ބަލާލަން ބޭނުންވަނީ އޮލިމްޕަހުގެ ރިހި ސްކްރީނުން ދެ މީހުން އެކުގައި ލީޑު ރޯލުން ފެންނާނެ ފިލްމަކަށެވެ.
އެއަށް ވުރެ ވަކި ބޮޑު ފުރިހަމަކަމެއް ދިވެހި ސިނަމާ އަށް ދެން ލިބޭނެތޯ އެވެ.
އައިޝާރިފް
އައިޝާ އަލީއަކީ މިވަގުތު ދިވެހި ފިލްމީ ދާއިރާގައި ހުރި އެންމެ ކުޅަދާނަ އެއް ބަތަލާ އެވެ. އަދި އަހުމަދު ޝާރިފް އަކީ އެންމެ ކުޅަދާނަ ބަތަލެވެ. މި ދެ ތަރިންގެ ކެމިސްޓްރީއާ މެދު އުފައްދަން އޮތީ ދެން ކޮން ސުވާލެއް ހެއްޔެވެ؟

ރެޑް ކާޕެޓް ހަފުލާތަކުން އާންމުކޮށް އަތާއި އަތްޖޯޑުކޮށްލައިގެން ތިބޭތަން ފެންނަ މި ޖޯޑަކީ ފިލްމީ ދާއިރާއިން ހޮވާލެވޭ ޒުވާން ޖޯޑުތަކަށް ބަލާއިރު އެންމެ ސަޅި އެއް ކަޕްލްއެވެ. އަދި ކުރިއަށް ދިވެހި ފިލްމު "މަޖުނޫނު" ނިމޭއިރު ޝާރިފަކީ ކިހާވަރެއްގެ މަޖުނޫނެއްކަން އަހަރެމެން އެންމެނަށް ވެސް އެނގޭނެ އެވެ.
އަޝްފާނީޒް
މިއީ އަނެއްކާވެސް "އަގުބޮޑު" ޖޯޑެކެވެ. ނުވަތަ ދިވެހި ސިނަމާގެ ރެޑްކާޕެޓް ހަފުލާތަކުން ނުފެންނަ އެންމެ "އަގުބޮޑު ޖޯޑަކީ" މިއީއޭ ބުނުމަކުން އަދި އޭގައި ގޯހެއް ވެސް ނެތެވެ. އަޝްފާ އަކީ ރާއްޖޭގައި ދެމިހުރި އެންމެ މަގްބޫލު އަންހެން ލަވަކިޔުންތެރިޔާ އެވެ. ޝާނީޒް އަކީ ދިވެހި ސިނަމާ އަށް އިންގިލާބެއް ގެނެސްދިން ފިލްމު ޕްރޮޑިއުސަރެކެވެ.
ދެ މީހުން އެކުގައި ރެޑްކާޕެޓުން ނުފެނުނަސް މިއަށް ވުރެ ވަކި ރެޑްކާޕެޓް ކޮލިޓީގެ ޖޯޑެއް ކޮބައި ހެއްޔެވެ؟


އޭނާގެ ސެޓާން ސްޓޫޑިއޯގެ ދަށުން 2024 ވަނަ އަހަރު ގެނެސްދިން "ކަމަނާ" އަކީ ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ ކާމިޔާބު އަދި އެންމެ މޮޅު ދިވެހި ފިލްމެވެ. އެއަށް ފަހު އޭނާ އެ ގެންދަނީ ލާމަސީލު ޕްރޮޑިއުސަރެއްގެ ގޮތުގައި އަދިވެސް ކުރިއަށެވެ. އެކަމަކު އަޝްފާއާ އެކުގައި ރެޑްކާޕެޓުން ފެންނައިރު އޭނާގެ މި ކާމިޔާބީ އަދި ވަކިން ސަޅި އެވެ.
ރަވީނަމީ
މިވެސް އާދައިގެ ޖޯޑެއް ނޫނެވެ. މަޝްހޫރު އެކްޓަރު އަދި ޑިރެކްޓަރު ރަވީ ފާރޫޤާއި އާއިޝަތު ނާމީގެ ޖޯޑަކީ ރެޑް ކާޕެޓްގެ އިތުރުން އާންމު ދިރިއުޅުމުގައިވެސް ވަރަށް ގުޅޭ، ވަރަށް ސާދާ އަދި އެހާމެ ރީތި ޖޯޑެކެވެ.

ފިލްމީ ދާއިރާގައި ރަވީގެ ހުރި ހުނަރާއި، ދެބޭފުޅުންގެ ދެމެދުގައިވާ ގާތްކަމުގެ ސަބަބުން މިއީ ދިވެހި ސެލެބްރިޓީ ކަޕްލްތަކުގެ ތެރެއިން ގިނަބައެއްގެ ލޯބި ވަރަށް ފަސޭހައިން ހޯދާފައިވާ ޖޯޑެކެވެ.
ޝަރަފާޝާހުދާ
ޝަރަފް އަބްދުﷲ އަކީ ދިވެހި ސިނަމާގައި މިވަގުތު މަސައްކަތްކުރަމުން އަންނަ އެންމެ ޑިމާންޑް ބޮޑު އެކްޓަރެވެ. މި ޖޯޑު ފުރިހަމަކޮށްދޭ ޝަހުދާ މަހްމޫދަކީ ދިވެހި ފިލްމީ ދުނިޔެއިން ފާހަގަކޮށްލެވޭ ޒުވާން ޑައިރެކްޓަރުންގެ ތެރެއިން ހޮވާލެވޭ އެންމެ ގާބިލު އެކަކެވެ.

އެކަމަކު މި ދެ މީހުންނާ ހަމައިން މި ލިސްޓު ނިމުނީއެއް ނޫނެވެ. ދިވެހި ސިނަމާގެ ޖޯޑުތައް ތަރުތީބުކުރުން މިހައިހިސާބުން މި ދޫކޮށްލަނީ ތިޔަ ކިޔުންތެރިންނަށެވެ. އަދިވެސް ވަރަށް ބައިވަރު، ވަރަށް ސަޅި ޖޯޑުތައް އެބަ އުޅެ އެވެ.



