މޯލްޑިވްސް އެކްސްޕޯގެ ހަލަބޮލިކަމުގެ ތެރެއިން ނުކުމެ އޮލިމްޕަހާ ދިމާލަށް މިސްރާބު ޖަހައިލުމާ އެކު ކެރިގަނޑުގައި އޮއްސާލައިފިއެވެ. ނަމަވެސް ވާރެއާ ތެމިގެން ވެސް ފާތިމަތު ނަހުލާގެ ފިލްމަކަށް ދާންވާނެ ނޫން ހެއްޔޭ ކިޔާފައި ގޮސް އޮލިމްޕަހަށް ވަދެވުނުއިރު ހަމަ ރަނގަޅަށް ވެސް ތެމިފޯވެއްޖެއެވެ.
ވައްލާހިއެވެ.
ދުނިޔެ އާއި ދުނިޔޭގެ މޫސުމް ވެސް މި އޮތީ ނަހުލާގެ އަސަރުގައި ޖެހިފަތާއެވެ. މަޖީދީމަގުގައި މިރޭ ދަމާލާފައި އެ އޮތީ ރެޑްކާޕެޓެއް ވެސް ނޫނެވެ. ބައްލަވާ މުޅި މާލޭގައި އެ އޮތީ ކަރުނައިގެ ކޯރެކެވެ.
ނަހުލާގެ ސިނެމެޓިކް ނުފޫޒާއި ބާރަކީ ސަމާސާއެއް ނޫނެވެ. މަޖުނޫނުގެ ޕޯސްޓަރާ ދިމާލަށް ބަލަން އިންދައި ވިދައި ގުގުރައިގަތެވެ.
ކަރުނައިގެ އެ ކޯރަށް އެރި ގެނބިގެން، ބޮވުނު އެއްޗެއް ބޮވިގެން ގޮސް އޮލިމްޕަހަށް ވަދެ ޖައްސައިލުމާ އެކު ފާތިމަތު ނަހުލާ ލިޔެ ޑައިރެކްޓްކޮށްފައި އޮތް "މަޖުނޫނު" ގެ ތީރު އަހަރެންގެ ހިތަށް ހަރާލައިފިއެވެ.
ޒަޚަމުކޮށް ވައްޓާލައިފިއެވެ. އަނގަ އިންތަނަށް ވެއްޓިއްޖެއެވެ. މިފަކީރުގެ ދަތްދޮޅި އޮލިމްޕަސް ތެރެއަށް ދޫވެއްޖެއެވެ.
ކަލޯގަޔާ ބުނަމު ހެއްޔެވެ؟
"މަޖުނޫނު" ގެ އެއްގަޑިއިރަކީ ދިވެހި ރާއްޖޭގެ ސިނަމާ އިން އަހަރެން މީގެ ކުރިން ނުދެކޭ ވަރުގެ "މާސްޓަޕީސް" އެކެވެ. ނަމަވެސް މި ފިލްމަކީ އޭގެ ލީޑް ކެރެކްޓާ އާޔަން (އަހުމަދު ޝާރިފު) އާ އެއްވަރަކަށް ނުވަތަ އެއަށް ވުރެ ވެސް މާ ނުރައްކާ މިންވަރަކަށް އޭގެ ސިފަ އާއި މިޒާޖު ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ އުފެއްދުމެއް ކަމުން "މާސްޓަޕީސް" އެއްހެން ހީވި އެޕިސޯޑް އަހަރެން އަތިރިއަކަށް ޖެހިލާފައި އައިއިރު އަވަދިވެއްޖެ އެވެ.
ފިލްމުގައި ކުރިތައް ފަޅައި އިރަމުން ދިޔަވަރަކަށް އާޔަންއާ އެކު ފިލްމު ވެސް ދިޔައީ އޭގެ ސިފައިން އިރައި ރޫޅެމުންނެވެ. އާޔަންގެ މޭގައި "މަޖުނޫނެއް" ގެ ހިތެއް އޮތްކަން ޔަގީންވިޔަސް މި ފިލްމުގައި ހިތެއް އޮތްކަން ޔަގީންނުވާ ވަރަށް އޭގެ އަސްލާއި ނަސްލާއި ދަރިފަސްކޮޅު އޮތީ އިންޓަމިޝަނަށް ފަހު ބަދަލުވެފަ އެވެ.
އިންޓަވަލް އަށް ފަހު ނަހުލާ އަޅުވައިގެން މި އުޅެނީ ކޮން ފިލްމެއްތޯ ބަލަން މިޝަނެއް ޖައްސަން ޖެހޭ ވަރަށް މިކަން އޮތީ ފާލުން ނެއްޓިފަ އެވެ.
އާނއެކެވެ. މިހެން ކިޔައި ދީގެން މިކިޔާ އެއްޗެއް އަދި ރަނގަޅަށް ފަހުމެއް ނުވެދާނެ އެވެ. އެހެންވީމަ "މާސްޓަޕީސް" އާ ހަމައިން އަލުން ފަށަމާ ހިނގާށެވެ.


މިއީ ނަހުލާ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެއް އޮލިމްޕަހުގައި އަހަރެން ބެލި ފުރަތަމަ ފަހަރެވެ. އަދި މި ތަޖުރިބާއާ ހަމައަށް އަހަންނަށް އަބަދުވެސް އިވިފައި ވަނީ ނަހުލާގެ މޮޅު ވާހަކަ އެވެ. އޭނާގެ ރައިޓިން އާއި ޑައިރެކްޝަނުގައިވީ އާދަޔާހިލާފު ބާރެއްގެ ވާހަކަ އެވެ. ބެލުންތެރިޔާގެ ހިތް ކުދިކުދިކޮށް ރޮއްވުމުގައި އޭނާ ހަދާފައިވާ ރިކޯޑްތަކުގެ ވާހަކަ އެވެ.
ނަހުލާއާ އަރާއަރަފޯދިފައިވީ ދެ ވަނަ ދިވެހި ފިލްމު ޑައިރެކްޓަރަކު އޮލިމްޕަހުގެ އެ ފުރާޅުގެ ދަށުގައި ވެސް ނެތޯވެއޭ މީހުން ކިޔާ އަޑެވެ.
އަހުމަދު ޝާރިފު އާއި މަރިޔަމް ޝިފާ ލީޑު ރޯލު ކުޅެފައިވާ "މަޖުނޫނަކީ" ހަގީގަތުގައި ވެސް އެ ހުރިހާ ވާހަކައެއް، އޭގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް އަހަންނަށް ޔަގީންކޮށްދިން ތަޖުރިބާ އެކެވެ. އަދި ނަހުލާގެ ކިބައިގައިވީ އެ ގާބިލުކަން ސާބިތުކޮށްދިނުމަށް ފަޅި ސިކުންތެއް ވެސް ބޭނުމެއް ނުވި އެވެ.
"މަޖުނޫނު" ގެ އެ އެއްގަޑިއިރުހާ މޮޅަށް ވިޔެފައި އޮތް ދިވެހި ފިލްމެއް އަހަރެން ހަމަ އަސްލަށް ވެސް މީގެ ކުރިން ނުބަލަމެވެ. އެކަމަކު އެއީ ހަމައެކަނި ނަހުލާގެ ކިބައިގައިވީ "ސްކްރިޕްޓިން" ގެ ކޮލިޓީ އެކަނި ސާބިތުކޮށްދިން ގަޑިއިރެއް ނޫނެވެ. ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި ބެލުންތެރިންގެ މައްޗަށް އޭނާ ކަށަވަރުކޮށްފައިވާ ބާރާއި ނުފޫޒު ވެސް ވަރަށް ރަނގަޅަށް ސާބިތުކޮށްދިން އެއް ގަޑިއިރެވެ.
އަހަންނަށް އިނދެވުނީ "އަނގަ ވެއްޓިފައޭ" ބުނާއިރު މިއީ ކުރާ ސަމާސާއެއް ނޫނެވެ. "މަޖުނޫނު" ގެ އެއް ގަޑިއިރު ހަމަ އެހާ މޮޅީއެވެ.
މި ފިލްމުގައި "ހަގީގީ ހާދިސާއެއް" ގެ މައްޗަށް ބިނާކޮށް ނަހުލާ ކިޔައި ދެނީ އާޔަން އާއި ލާނާ (މަރިޔަމް ޝިފާ) ގެ ދެމެދުގައި އޮންނަ ޒަމާންވީ ލޯބީގެ ވަރުގަދަ ގުޅުމެކެވެ. އެއް ރޫހެއްގެ ގޮތުގައި ވުމަށް ފަށާ ދަތުރުގައި އެ ދެ ހިތް ކަފިވެގެންދާ ގޮތާއި ލޯބީގެ އެ އިމްތިހާނު ދެ މީހުންގެ ދިރިއުޅުމާއި ފުރާނަ ޖަހައިގެންދާ ގޮތެވެ. ޖަހައިގެން ގެންދާ ހިސާބެވެ.
އެކަމަކު ނަހުލާ މި ވާހަކަ ކިޔައި ދެނީ މިހެނެއް ނޫނެވެ. ފެންނަ ފެނުމަށް ލޯބީގެ ބޮޑުގުޅަ ޕްލޮޓެއްހެން ހީވިޔަސް ނަހުލާގެ އަތުގައިވީ ހަތިޔާރާއި އުކުޅުތަކާ އެކު އޭނާ މި ވާހަކައިގެ މަންޒަރަކަށް ފަހު މަންޒަރެއް ނިއުޅުވައި ދެނީ ބެލުންތެރިޔާގެ ހުރިހާ ސަމާލުކަމެއް ފިލްމުގެ އެންމެ އެތެރެއަށް ޖަހައިގެންދާ މިންވަރަށެވެ.
ނަހުލާ، އޭނާގެ ވާހަކަ ކިޔައިދެމުން ދިޔައީ އެ ވާހަކައިގެ އެއް ކެރެކްޓާއަށް އޭގެ ބެލުންތެރިޔާ ހަދައިގެންނެވެ. އެއްގަޑިއިރުގެ އޮނިގަނޑު ގަތާފައި އޮތީ އެހެންނެވެ. ފިލްމުގައި އެ ވަނީ މިހެންކަން، އެހެންކަން ތަބަކަށް ލާފައި ދިނުމުގެ ބަދަލުގައި ނަހުލާ ލިޔެ ޑައިރެކްޓްކޮށްފައި އޮތީ އޭނާގެ ބެލުންތެރިޔާ ވެސް "ތަހުގީގީ އޮފިސަރެއް" ފަދައިން ޝައުގުވެރިކަމާ އެކު އޭގެ ހަގީގަތް ހޯދަން ގޮނޑީގައި އިނދެ ތެޅިފޮޅޭނެ ކަހަލަ ފިލްމެކެވެ.
ފިލްމުގެ ފުރަތަމަ ހާފުގައި އެ އޮތް ނޮން-ލިނިއާ އޮނިގަނޑާ އެކު ބެލުންތެރިޔާ އަށް ނަހުލާ ދީފައި އޮތް ބާރުވެރިކަމަކީ އަޅުގަނޑަށް މި ފިލްމުން ކަމުދިޔަ އޭގެ އެންމެ ސަޅި ސިފަ އެވެ. އެތައް މިތަނަށް ވިއްސިވިހާލިވެފައި އޮތް "އާޔަން" ގެ ދިރިއުޅުން ނަހުލާ "މަޖުނޫނު" ގެ އެއް ގަޑިއިރު ތެރޭގައި ބެލުންތެރިންނަށް ހުށަހަޅައި ދިނީ ވެސް އެ ވާހަކަ އެތަން މިތަނަށް ވިއްސިވިހާލިކޮށްގެންނެވެ.
އެގޮތަށް ހުށަހަޅައިދިނުމުގެ ސަބަބުން، އާޔަން އާއި ލާނާގެ ލޯބީގެ މި ވާހަކައިގެ ތެރެއަށް ބެލުންތެރިޔާ ޖަހައިގަނެ އެވެ. ތަޅައިގެންގޮސްފައި އޮތް ލޯބީގެ އެ ދުނިޔޭގެ އެތިކޮޅުތައް ހޯދައިގެން އެ އެތިކޮޅުތައް އޭގެ އެކަތި އަނެއްކައްޗާ ޖައްސަމުން މި ވާހަކައިގެ އަސްލު ހޯދުމަށް ބެލުންތެރިޔާގެ ހިތުގައި އިތުރު ފޯރިއެއް އުފައްދައިދެއެވެ.
އަހަރެން އަނގަ ވެއްޓުނީ ނަހުލާގެ ކިބައިގައިވީ މި ޓެލެންޓަށެވެ. މި ފެންވަރަށް ވާހަކައެއް ހަލަބޮލިކޮށް އޭގެ ތެރެއަށް ބެލުންތެރިޔާ ގަންބަވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް ދިވެހި ސިނަމާ އަށް ބަލާއިރު މިއީ ހާދަ ނުފެންނަ ހުނަރެކެވެ.
އެކަމަކު އަދި މަޑުކޮށްބަލާށެވެ. "މަޖުނޫނު" ގެ އެއްގަޑިއިރުގައި އޮތް މޮޅުކަމަކީ ހަމައެކަނި ނަހުލާގެ މި ލިޔުންތެރިކަމުގައިވީ ގާބިލުކަމެއް ނޫނެވެ.
ޑައިލޮގުން ހުރިހާ އެއްޗެއް ބުނެދިނުމުގެ ބަދަލުގައި ކެމެރާ މޫވުކުރާނެ ގޮތާއި އޭގެ ފްރޭމިން އާއި އެކްޓަރުން ތަރުތީބުވެ ހެލިފެލިވެ އުޅެން ޖެހޭ ގޮތް ނުވަތަ ބޮލޮކިންގެ ހަމަތަކުން ފިލްމުގެ ރަހަ ހެޔޮވަރުކޮށްފައިވާ ގޮތަކީ ވެސް މި ފިލްމު ދިވެހި އެހެން ފިލްމަކަށް ވުރެ މަތިން ލޮލުގައި އަޅައިގަތުމަށް މަޖުބޫރުކުރުވި ސިފައެކެވެ. އޭގެ ކޮންމެ މަންޒަރަކީ ޑައިރެކްޓަރެއްގެ ތޮފި އަޅައިގެން ނަހުލާ އުޅެނީ ނަމަކަށް ނޫންކަން ސާބިތުކޮށްދޭ ފެންވަރަށް ގަތައި ފުރިހަމަކޮށްފައިވާ މަންޒަރުތަކެވެ.
ޑައިރެކްޓްކުރުމަކީ ކެމެރާއެއްގެ ކުރިމަތީގައި އެކްޓަރުންތަކެއް އަތުރާލާފައި ރިކޯޑް ބަޓަނަށް ފިއްތާލުން ނޫންކަން މި ފިލްމުގައި ވަރަށް ރަނގަޅަށް ސާބިތުކޮށްދެއެވެ. އެއީ އޯޑިއެންސަށް ފެންނަ މަންޒަރު ފެންނަ ގޮތާއި ފެންނަ ވަގުތާއި ފެނިގެން ކުރާނެ ހުރިހާ އަސަރެއް ވެސް މުށުތެރެއަށް ލައިގެން ކުރިއަށް ދިއުމުގެ ގާބިލުކަމެވެ.
"މަޖުނޫނު" ގެ އެ ފުރަތަމަ ހާފަކީ ވިޝުއަލް ސްޓޯރީޓެލިން އިން ދިވެހި ސިނަމާ އަށް ނަހުލާ ނަގައިދީފައި އޮތް މާސްޓަކްލާހެއްކަމާ މެދަކު އަޅުގަނޑުގެ ހިތުގައި ހަމަ އެއްވެސް ސުވާލެއް ނެތެވެ.
އޭގައި ދެން ވާނެ ގޮތް ބަލަން ކެތްމަދުކުރުވަ އެވެ. އޭގެ ވިޝުއަލް ޕޭހުގައި އެއްވެސް އަޅައިގަތުމެއް ނެތެވެ. އޭގެ ކޮންމެ އެޑިޓަކީ ސަބަބެކެވެ. އަދި ފިލްމުގެ އެ ހާފުގައި ހިތެއް އޮތެވެ. އެ ހިތް ވަރަށް ރަނގަޅަށް ގެންގޮސް ބެލުންތެރިޔާގެ ހިތާ ގުޅުވާލަ ވެސް ދިނެވެ.


އެކަމަކު އެވަރަށް މައްޗަށް އެރި މި ފިލްމު އޭގެ އެއްގަޑިއިރު ފަހުން ހާކާލިބުރުވާލިއަކަށް ބަދަލުކޮށްލީ ކޮން ސަބަބުތަކެއް ހެއްޔެވެ؟ ނަހުލާގެ ކިބައިގައިވީ ހުރިހާ ހުނަރެއް ފިލްމުގެ ފުރަތަމަ ބަޔަށް އޮއްސައި ހުސްކޮށްލެވުނީތޯއެވެ؟
ކުރުކޮށް ބުނަނީ ނަމަ "މަޖުނޫނު" ގައި އޮތީ އޭގެ މެއިން ކެރެކްޓާ، އާޔަންގެ ވެސް އޮތް ކަހަލަ ހިތަކާއި މިޒާޖެކެވެ. އެކަމަކު އާޔަންގެ ދެ ވަނަ ސިފައާ އެކު އޭނާގެ ނުރައްކާ ދެ ގުނަ އަށް އިތުރުވިއިރު ފިލްމުގެ "ދެ ވަނަ ސިފައާ" އެކު "މަޖުނޫނު" ބަދަލުވީ ބޮޑު ފޫއްސަކަށެވެ.
އެކަން އެހެންވީ ސަބަބުތައް ކިޔައިދޭނަމެވެ.
ފުރަތަމަ ހާފު ވިޔެފައި އޮތީ ވަރަށް ބޮޑަށް ބެލުންތެރިޔާ އޭގެ ތެރެއަށް ލައިގެންނެވެ. އާޔަންގެ ހާވިޔާވެފައި އޮތް ދިރިއުޅުމުގެ ޑޮޓްތައް ގުޅުވުމުގެ ބޮޑު ޒިންމާއެއް ބެލުންތެރިޔާގެ އަތުގައި އޮތުމަކީ ފިލްމުގެ ދުވެލީގައި ބެލުންތެރިން ޖަހައިގެން ގެންދިޔަ ސަބަބެވެ. އާޔަންގެ އާދަޔާހިލާފު ކެރެކްޓާގައި ފޮރުވިފައިވީ ސިއްރުތައް ބެލުންތެރިޔާ ގެންދިޔައީ އަމިއްލަ ދެ އަތުން ގުޅުވަމުން ނިއުޅުވަމުންނެވެ.
ނަމަވެސް ފިލްމުގެ ދެ ވަނަ ބައިގައި އާޔަންގެ އެ ކެރެކްޓާއިން ބެލުންތެރިޔާ ކުރާނެ މާ ބޮޑު ކަމެއް ހަގީގަތުގައި ނެތެވެ. އަހަރެމެންނަށް ކުއްލިއަކަށް ފެންނަން ފެށީ އަތު ޖެހުނުހާ ހަތިޔާރެއް ހިފައިގެން އޭނާ މީހުން ފަހައި ދުވާތަނާއި މީސް މީހުންގެ ލޮލާއި ބޯ ޗިސްކޮށް ގުނަވަންތައް ބުރިކޮށް ކުދިކުރަން ފެށިތަނެވެ. ސިކުނޑި ނަގައިގެން ކާލަފާނެހެން ވެސް އެބަ ހީވެ އެވެ.
މިއީ ފިލްމުގެ ފުރަތަމަ ބައިގައި އޮތް ސައިކޮލޮޖިކަލް ތްރިލާ ކުއްލިއަކަށް ހޯމް އިންވޭޝަން ވައިބްގެ ސަވައިވަލް ތްރިލާއަކަށް ބަދަލުކޮށްލަދިން ބޮޑު ބަދަލެކެވެ. ނަމަވެސް ގޯހީ ފިލްމުގެ ޖޮންރާ ކުއްލިއަކަށް ބަދަލުވުމެއް ނޫނެވެ. ޖޮންރާ ބަދަލުވިއިރު ފިލްމު އެހިސާބަށް ގެނެސްދިން މުޅި ފްލޯ އެއްކޮށް އަނެއްފުށަށް ޖަހައިލުމެވެ.
އަނެއްކޮޅުން، ފިލްމުގައި އެއޮތް މޮޅަށް ތަރައްގީކުރަމުން ގެންދިޔަ އާޔަންގެ ކެރެކްޓާ އޮތީ އޭގެ ފަހު ހާފުގައި ކުރާނެ ކަމެއް ކުރަން، ދާނެ ތާކަށް ދާން، އުޅޭނެ ގޮތަކަށް އުޅެން އޭގެ ޗޭނު ކަނޑާލައިފަ އެވެ. އެ ކެރެކްޓާ އެގޮތަށް ކުއްލިއަކަށް ކޮށިން ދޫކޮށްލުމަކީ އާޔަންގެ ކެރެކްޓާ އަށް އެއްގަޑިއިރުވަންދެން އިންވެސްޓްކޮށްގެން ތިބި ބެލުންތެރިންނާއި އޭނާއާ ދެމެދު އޮތް ގުޅުން ހަމަ އެހާމެ ބާރަށް ކަނޑުވާލި ސަބަބެކެވެ.
އަނެއްކޮޅުން މުޅި މި ފިލްމުގެ އެއްގަޑިއިރު ހޭދަކޮށްފައި އޮތީ އެއްގޮތަކަށް ވެސް އެކްޝަން ތްރިލާއަކަށް ބެލުންތެރިޔާ ތައްޔާރުކުރާކަށެއް ނޫނެވެ. ފިލްމުގައި އޮތް އިމޯޝަނަލް ފައުންޑޭޝަން ވަރަށް ވެސް ސާފެވެ.
އެއީ އާޔަން އާއި ލާނާގެ ވާހަކަ އެވެ. އެމީހުންގެ އެކުވެރިކަން ލޯތްބަށް ބަދަލުވި ގޮތާއި އެ ލޯބީގެ ބަދުނަސީބުކަމެވެ. ދެ މީހުންގެ ހިތްދަތި ވަކިވުމާއި އެތައް އަހަރެއްގެ ތުރާލަށް ފަހު އެ ދެ މީހުން އަލުން އެއްތަންކުރުވި ބައްދަލުވުމެވެ.

މިއީ ކިހައި އަސަރުގަދަ، ކިހައި ސަޅި ސްޓޯރީލައިނެއް ހެއްޔެވެ؟ އެކަމަކު ބެލުންތެރިން އެތައް އިރެއް ވަންދެން އިންތިޒާރުކުރި އެ ދެ މީހުންގެ "ވީރު-ޒާރާ" ބައްދަލުވުމަށް ފަހު ފިލްމުގައި އަސަރު ކީއްކުރަންތޯއެވެ؟ ފިލްމުގައި އޭގެ ކަންފުޅެއް ވެސް ނެތެވެ.
ފިލްމުގައި އަޅާފައި އޮތް ލޯބީގެ އެ ބިންގާ ފަހުން "ކަހަރުވަކަކަށް" ވެސް ނުވެ އެވެ.
މީހުން އެމީހުންގެ ފުރާނަ އަތަށް ލައިގެން މުޅި ރަށުގައި ދުވެ ނަގަނީ އެވެ. އާޔަންގެ ކަމަކަށް ވެފައި އެ އޮތީ ޖެހުނު އެއްޗަކުން ޖަހައި އެމީހުންގެ ބޮލުގެ ނާށިގަނޑު ޗިސްކޮށް ސިކުނޑި ބޭރުކޮށްލުމެވެ. ނުވަތަ ސިނަމާގެ ތާރީޚުގައި ދެއްކުން މަނާކުރާނެ ޒާތްޒާތުގެ އަނިޔާވެރިކަން އިސްކުރުމެވެ.
މީހުން ނަގައި އުނގުރުވަތަށް އެލުވުމެވެ. މި ދެން ކޮން ކަމެއް ހެއްޔެވެ؟ މިވަރުކުރަން ފެށީމަ މުޅި ފިލްމުގެ ވައިބް ގެއްލިއްޖެ އެވެ.
މި ހުރިހާ އެކްޝަނަކާއި ނޮއިސްއެއް އޭގެ ފުލް ވޮލިއަމަށް އަރުވާލީމަ ފިލްމުގެ ދެ ވަނަ ބައިގައި އޭގެ އަސްލު ވާހަކަ އޮތީ ހަމަ ރަނގަޅަށް ވެސް ގެއްލިފަ އެވެ. އަނެއްކޮޅުން ކްރިއޭޓިވް ހުށަހެޅުމަކަށް ފަހު ނަހުލާގެ ފިލްމުގެ ދެ ވަނަ ބައި އާދައިގެ ސަވައިވަލް ތްރިލާ ފިލްމަކުން ވެސް ފެންނާނެހާ ދޯހަޅި އުކުޅުތަކަށް މުޅިންހެން ބަރޯސާވެގެން ދިއުމަކީ ފިލްމު އެއްކޮށް ވަނދުކޮށްލި ސަބަބެކެވެ.
މި ފިލްމުގެ ފުރަތަމަ ހާފުގައި، ދެން ވާނެ ގޮތް ބަލަން ކެތްމަދުވެފައި އިނދެވުނަސް ފަހުން އިނދެވުނީ މި ފިލްމުގައި އާޔަން މަރައި ކުދި އަރުވާލާނެ މީހުންގެ އަދަދު ގުނާށެވެ. ފިލްމުގެ ފުރަތަމަ ބައިގައި ސްޓޯރީލައިނެއް އޮތަސް ދެ ވަނަ ބައިގައި އޮތީ ހަމައެކަނި ބޮޑީ ކައުންޓެކެވެ. އަދި އެ ކުޅިވަރެއް ނިމިގެން ގެއަށް ދެވޭނެ އިރެއް ބަލަން އަހަންނަށް އިނދެވުނީ ގަޑި ގުނާށެވެ.
ފިލްމުގެ ފުރަތަމަ ހާފުގައި ހުރިހާ ކަމެއް ވެސް އޮތީ ވަރަށް ރަނގަޅަށް ރޭވިފަ އެވެ. ދެ ވަނަ ހާފުގައި އޮތީ އެމީހަކާ އެމީހެކެވެ.
އެކަމަކު މި ފިލްމު ދެން ވެސް ދިވެހި އެހެން ހުރިހާ ފިލްމެއް ބަލިކުރި އެވެ.
މީހެއްގެ ބޮލަށް ތުރާނުވާނެ ގޮތަށް ނަހުލާ އޭގައި އޭއައި ބޭނުންކޮށްފައިވާ ގޮތުން ފެށިގެން ގޮސް ފިލްމުގެ މުޅި ކާސްޓުގެ ޕާފޯމެންސަށް ބެއްޔަސް މިއީ މިފަހުން އަހަރެން ބެލި ދިވެހި ފިލްމުތަކަށް ވުރެ ރަނގަޅު ފިލްމެކެވެ. އޭއައިއޭ ބުނީމަ މި ފިލްމުން ފެންނަނީ ފިހެލަފާނެތީ ބިރުން އުޅޭ ކުކުޅުތަކެއް ނޫނެވެ.
ނަހުލާ އޭއައި ބޭނުންކޮށްފައި ވަނީ ހުވަފެނީ މަންޒަރުތަކެއްގައި ހުވަފެނީ ކުލަ ޖެއްސުމަށެވެ. އެހެންކަމުން ބައެއް މީހުންގެ ލޮލުގައި އެ މަންޒަރުތައް އަޅައިނުގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އެކަމަކު މި ރިވިއު ނިންމާލުމުގެ ކުރިން، ވަކިން ހާއްސަކޮށް ފިލްމުގައި ޝިފާ ދީފައިވާ ޕާފޯމެންސަށް ވެސް އެއްޗެއް ބުނެލަން ބޭނުމެވެ.

މި ފިލްމުގެ ޕްރޮމޯޝަންތަކުގައި ޝިފާގެ މޮޅު ވާހަކަ އޮތީ އޮލިމްޕަހުގެ ސީލިންގު ފަޅައި ނުކުމެފަ އެވެ. އެހެންވީމަ، މީހެއްގެ ހިތަށް އަރައިފާނެ އެވެ؛ ހަމަ އަސްލު ވެސް މި ފިލްމުގައި ޝިފާ އެވަރަށް މޮޅު ހެއްޔެވެ؟
ފިލްމުގައި އެ ބުނާ ވަރުގެ އެއް ސީން އާދެ އެވެ. ޝިފާގެ އެ ޕާފޯމެންސާއެކު މުޅި އޯޑިއެންސް ހިމޭންކޮށްލިއިރު ފިލްމުގެ މުޅި ބެކްމިއުޒިކް ވެސް އެ ހިނދުކޮޅަށް ހުއްޓުވާލިއެވެ. ހީވަނީ ޝިފާގެ މޮޅުކަން ބަލަން ބެކްމިއުޒިކް ވެސް ހުއްޓި އޭގެ އަނގަ ވެއްޓިފައި ހުރިހެންނެވެ.
އަދި މި ފިލްމެއް ބަލައި ނިމިގެން، އެކްސްޕޯ އަށް އެނބުރި ގޮސް "މެރިހާނާ" ގެ ކުޑަކުޑަ އިސްޓޯލުގައި އިންދައި ޝާރިފު އެތަނަށް ވައްޓާލުމުން ހީވީ އަހަރެންގެ ފުރާނަ އެތަނަށް ފުންމާލިހެންނެވެ. ޝާރިފަކީ ހާދަ އަންޑަރޭޑެޓް އެކްޓަރެކެވެ.
މުޅި ފިލްމުގައި އޭނާ ކުޅުނު އާޔަންގެ ކެރެކްޓާއަށް ބަލާއިރު އަހަންނަށް ކަމުނުދިޔަ ހަމައެކަނި ސިފައަކީ އެއްޒަމާނެއްގައި ދިގުކޮށްފައި އޮތް ހާމުންޑި ބޮލެވެ. އެކަމަކު އެވެސް އޭނާގެ ކެރެކްޓާ މުއްސަނދިކޮށްދިން ސިފައެކެވެ. އަދި އަހަންނަށް ހީވަނީ މުޅި ފިލްމު ކޮނޑަށް ލައިގެން ދިޔަ މީހަކަށް ވާނީ ވެސް ޝާރިފްހެންނެވެ.
އާނއެކެވެ. އެ ދެ ތަރިންގެ މޮޅުކަން ފެނި އޮލިމްޕަހަށް އަހަރެންގެ ދަތްދޮޅި އެ އޮތީ ގެއްލިފަ އެވެ. އެކަމަކު "މަޖުނޫނު" ގެ ތީރު ހިތަށް ހެރުނު ހެއްޔެވެ؟
ނޫނެކެވެ. އެކަމަކު ދަތްދޮޅި ބަލާ އެބަ ދަމެވެ. ލޮލުގައި ބޭސްގަނޑެއް އަޅައިގެންނެވެ.



