ގއ. ދާންދުއަށް ދާން އުޅޭ ވާހަކަ ބުނިތަނުން ރައްޓެއްސަކު ބުންޏެވެ؛ ކަލޭގެ ޒަމާން ތި ދިޔައީ އެވެ. އެ ރަށަށް ގޮސްފިއްޔާމު ކަލޭގެ ފުރާނަ ވެސް އެމީހުން ޖަހައިގެންފާނެ އެވެ. އެތިއެތިކޮޅަށް ހަދައިލަފާނެ އެވެ. ހަވާނަފުސު ކަލޭ ޖަހައިގެން ގޮސް 'ހަވަ ހަވާއީ' އަށް އެއްލައިލަފާނެ އެވެ.
"އެއީ ހަކުރުގެ ހާއްޔެކެވެ".
އެކުވެރިޔާގެ ވާހަކަ ބޮލަށް ލައިގެން ގޮސް ދާންދޫ އަށް ފޭބުމާ އެކު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ 'އެތިކޮޅެކެވެ'. ނޫނެކެވެ. އެއީ ތިޔަ ހީކުރާ ކަހަލަ 'އެތިކޮޅެއް' ނޫނެވެ. އެއީ ބަންދުކޮށް ވީރާނާވެފައި ހުރި ފިހާރައެއްގެ ނަން ބޯޑެވެ.
ހިނިގަނޑަކާ އެކު ޗޮކެއް ކަނޑާލާފައި އެނބުރިގަތްތަނުން، އަނހަ، ކަމުދާކަށް ނެތެވެ. ކުރިމަތީގައި އެހެރީ 'ހަވަ ހަވާއީ' އެވެ.
އާނއެކެވެ. އަނެއްކާވެސް، ބައުވެ ހަސްނެތެމުންދާ ފިހާރައެކެވެ. އެއަށް ފަހު ދެން ފެނުނީ 'ބައިވަރު' އެވެ. އެހިސާބުން ހިތަށް އެރި އެވެ. ދާންދޫއާ ބެހޭ ގޮތުން މީހުން އެދައްކަނީ ހާދަ ބައިވަރު ވާހަކަ އެކެވެ. އެހެންވީމަ އެ ހުރިހާ ވާހަކަތަކެއްގެ ހަގީގަތް ހޯދައި ބަލަންވާނެ އެވެ.
ހުވަދޫ އަތޮޅަށް ކުރި މި ދަތުރުގައި ކޮންމެ ރަށަކަށް ދިއުމުގެ ކުރިން އެ ރަށަކާ ބެހޭ ގޮތުން އެހެން ރަށްތަކުގެ އާންމުން ދެކޭ ގޮތް މީގެ ކޮންމެ ދަތުރެއްގެ ނިމުމާއި ފެށުމުގައި އަހަރެން ދިޔައީ އެއްކުރަމުންނެވެ. އަދި ތެދުތެދަށް ބުނަނީ ނަމަ މުޅި ހުވަދޫ އަތޮޅުން ވެސް އެންމެ 'ބޭޑް ރިވިއުއެއް' އަޅުގަނޑަށް ލިބިފައި އޮތީ މި ރަށާ ބެހޭ ގޮތުންނެވެ.
ނަމަވެސް ހިތުގައި ބިރުވެރިކަމެއް އުފެދުމުގެ ބަދަލުގައި އަޅުގަނޑުގެ ހިތުގައި އުފެދުނީ އިތުރު ޝައުގުވެރިކަމެކެވެ. އަޅުގަނޑުގެ ހިތަށް އެރީ މިހެންނެވެ.
"ދާންދޫ އަކީ ހަމަ އަސްލު ވެސް އެންމެން އެ ބުނާހާ ވިޔާނުދާ ރަށެއް ހެއްޔެވެ؟"
"އާނއެކެވެ. އެއީ ހުވަދޫ އަތޮޅުގައި އޮތް މަސްތުވާތަކެތީގެ ސުވަރުގެއެވެ،" އަނެއްކާވެސް އެކުވެރިޔަކު ބުނެލި އެވެ. "އަދި ކަލޭ ވެސް އެ ރަށަށް ދާ ނަމަ ލިޔަން އެންމެ ރަނގަޅުވާނީ މަސްތުގެ ހާއްޔަކަށް އެރަށް ބަދަލުވެފައި އޮތް ގޮތުގެ ވާހަކަ އެވެ."
ނަމަވެސް ދާންދު އަށް ގޮސް ގޯޅިއަކަށް ފަހު ގޯޅިއަކުން އަޅުގަނޑާ ބައްދަލުކުރަން ފެށީ ހަކުރުބޮއެގެން ބިއްޖެހިފައި ތިބި ޒުވާނުންތަކެއް ނޫނެވެ. އެކަމަކު މަސްތުވާތަކެތީގެ އެ ވަބާއާ ދެކޮޅަށް ތެދުވެ ދަގަނޑުދަހަނާ އަޅައިގެން އޮތް ނިކަން އެކުވެރި މުޖުތަމައެކެވެ.
އަހަރެންގެ ލޮލުގައި އަޅައިގަތީ މުޅި ރަށުގެ ކޮންމެ ގޯޅިއެއްގައި ހަރުކޮށްފައިވާ ކުލަކުލައިގެ މި ބޯޑުތަކެވެ. ދާންދޫ އަށް ގޮސް ފައިބާ މީހަކާ ބައްދަލުކުރާނެ އެންމެ އަގުބޮޑު ހަދިޔާ އަކީ ނުވަތަ އެންމެ ހޫނު މަރުހަބާ އަކީ މިއީކަން ޔަގީނެވެ.



މަސްތުވާތަކެއްޗާ ދެކޮޅަށް ރަށުގައި ފަށާފައި އޮތް ހަނގުރާމައިގެ ބެރު ކޮންމެ ގޯޅިއަކާއި ކަންމައްޗަކުން މިގޮތަށް ފެންނަ އެބައޮތެވެ. ރަށުގެ ކޮންމެ ގޯޅިއެއްގައި ވަނީ އެ ހަނގުރާމަ އިއުލާނުކޮށްފަ އެވެ. އަދި މި އާދަޔާހިލާފު ކެމްޕޭން ފެނުމުން އެކަމުގެ ފަހަތުގައި ތިބި މީހުންނާ ވާހަކަ ނުދައްކައެއް އަހަންނަކަށް ނުހުރެވުނެވެ.
ރަށުގައި، ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ ވަޒީފާ އަދާކުރައްވަމުން އަންނަ ޝަހީބު އަހުމަދު ތައާރަފްވި ގޮތަކީ މިއެވެ. އޭނާ އަކީ ރަށުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ މި ހަރަކާތުގެ މުގުލުގައި ހުންނެވި އެމީހުންގެ އެންމެ ވަރުގަދަ އާރުކާޓީ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ހުވަދޫގައި ވަރުގަދަ ހަރަކާތްތަކެއް ހިންގަމުން އަންނަ "ގިރިންދާ' ޖަމިއްޔާގެ ގޮތްޕެއް ރަށުގައި ތަނަސްކޮށްދީ، އެ ކުޑައިގެ ދަށަށް ރަށުގެ ޒުވާނުން ގެނެސް މަސްތުގެ ވަބާއިން އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ރެއާއިދުވާލުކުރަމުންދާ ރަށުގެ ހަގީގީ މޭސްތިރިއަކީ ޝަހީބު އެވެ.



ރަށުގައި އޮތް މަސްތުވާތަކެތީގެ ހާލި ނަގައި އެއްލާލުމުގެ ކުރިން މި ރަށް އޮތް ހާލަތު އޭނާ އެންމެ ފުރަތަމަ ކިޔައިދިނެވެ.
"ކުރިންނަމަ ރަށުގެ ކޮންމެ ދިމާލަކަށް ދިޔަޔަސް ފެންނާނީ މަސްތުގެ ހާލަތުގައި ހުރި މީހަކު. ނުވަތަ މަސްތުވާތަކެއްޗާ ގުޅޭ ޒުވާބާއި ހަމަނުޖެހުމާއި މާރާމާރީ. ބަނދަރުމަތިން އާންމުކޮށް ފެންނާނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށް ބިޑިއަޅުވައިގެން މީހުން ގެންދާ މަންޒަރު،" މަސްތުވާތަކެއްޗާ ދެކޮޅު ކެމްޕޭނަށް ދިރިއުޅުމުގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވާ ޝަހީބު ކިޔައިދިނެވެ.
"ނަމަވެސް އެ މަންޒަރު އެއްކޮށް ބަދަލުވެއްޖެކަން ރަށަށް އަންނަ ކޮންމެ މީހަކަށް ވެސް ފާހަގަކުރެވޭނެ. ރަށުގެ ކޮންމެ ދިމާލަކަށް ދިޔަޔަސް މިއަދު ފެންނާނީ މަސްތުވާތަކެއްޗާ ދެކޮޅު ޝިއާރެއް ނުވަތަ މިވަބާ އިން ސަލާމަތްވެފައި ހުރި ޒުވާނެއް"
"ކުރިން ނަމަ ރަށު ތެރެއިން އަބަދުވެސް ފެންނާނެ މަސްތުގެ ހާލަތުގައި އުޅޭ ވިއްސަކަށް މީހުން އާންމުކޮށް. ނަމަވެސް މިއަދު އެ މަންޒަރެއް ނުފެންނާނެ. އެ ހާލަތުގައި ދެ ތިން މީހަކު އުޅެފާނެ."
ރަށު ތެރޭގައި ބުރެއް ޖަހާލީމަ، ޝަހީބުގެ އެ ވާހަކަ އަށް މުޅި ރަށް ހެކިވެ އެވެ. މުޅި ރަށުން މިއަދު ފެންނަނީ ގިރިންދާ ޖަމިއްޔާގެ ނޫކުލައިގެ ޔުނީފޯމު އަޅައިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ޝަހީބު އާއި ރަށުގެ އެކި އުމުރުފުރައިގެ މީހުން ކުރަމުން ގެންދާ ހިތްވަރެވެ. އެއް އިރެއްގައި މަގުމަތީގައި ބިއްޖެހިފައި ތިބި ޒުވާނުން ވެސް މިއަދު ފެންނަނީ މި ރިކަވަރީގެ ދަތުރުގައި ބާރަށް ހިފަހައްޓައިގެން ތިބިތަނެވެ.



ނަމަވެސް ޝަހީބު ވެސް ވިދާޅުވީ މަސްތުވާތަކެތީގެ ހާލިތައް ރަށުން މިގޮތަށް ނައްތާލެވިދާނެ ކަމަކަށް އެންމެ ފުރަތަމަ އެއްވެސް މީހަކު ގަބޫލެއް ނުކުރާ ކަމަށެވެ.
"މީގެ ތިން އަހަރު ކުރިން އަޅުގަނޑުމެން ގިރިންދާ ޖަމިއްޔާއާ އެކު މި ކެމްޕޭން ފެށިއިރު ވަރަށް ގިނަ މީހުން ބުނަމުން ދިޔައީ ތިޔައީ އެއްވެސް ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނޭ. ނަމަވެސް ރެއާއިދުވާލު މަސްތުގެ ހާލަތުގައި ކުރިން އުޅުނު އެތައް ބަޔަކު އެތިބީ މިއަދު އެއްކޮށް ރަނގަޅުވެފައި،" ޝަހީބު ކިޔައިދިނެވެ.
"މަސްތުވާތަކެއްޗާ ހެދި ރޫޅުނު އާއިލާތަކާއި ބިކަވި ޒުވާނުންގެ ހަޔާތް އެ ވަނީ އަލުން އާރޯވެފައި. މިއަދު އެ ހާލަތުން އަރައިނުގަނެވި މި ރަށުގައި އެ ތިބީ ދެ ތިން މީހުންނޭ ވެސް ބުނެވިދާނެ. ގިރިންދާ ޖަމިއްޔާގެ މަސައްކަތާ ހެދި މި ރަށުގެ ހާލަތު އޮތީ ހަގީގަތުގައި ވެސް ފަހުރުވެރިވާން ޖެހޭ ވަރަށް ބަދަލުވެފައި."
"އަދި މި މަސައްކަތަކީ ސިޔާސީ އެއްވެސް އެދުމެއް އޮވެގެން އަޅުގަނޑު ކުރާ ކަމެއް ނޫން. މިއީ ސީދާ ރަށުގެ މޮޅަށް، ރަށުގެ އެންމެނަށް އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑު ކުރާ ކަމެއް."



ތެދެކެވެ. ޝަހީބު މިކަމަށް ދެއްވާ އިސްކަމަށް މުޅި ރަށް ވެސް ހެކިވެ އެވެ. މަސްތުގެ ވަބާގައި ޖެހި މަގުއޮޅިފައި ތިބި އެތައް ޒުވާނުންތަކެއް އޭނާ އާއި ގިރިންދާގެ މަސައްކަތުން އެ ވަނީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްފަ އެވެ. އަދި އެ ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް ވަޒީފާގެ ދޮރުތައް ހުޅުވައި މަސްތުގެ ކަސްތޮޅަށް އެނބުރި ނުދާނެކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ތަފާތު އެތައް ޕްރޮގްރާމެއް ޝަހީބު އެ ގެންދަވަނީ ރަށުގައި އިސްކޮށް ހުންނަވައިގެން ކޮންމެ ދުވަހަކުވެސް ހިންގަވަމުންނެވެ.
"ގިރިންދާއާ ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅުގަނޑު މިކުރާ މަސައްކަތް މިއަދު އޮތީކީ ހަމައެކަނި މި ރަށުގައެއް ވެސް ނޫން. މި އަތޮޅުގެ އެހެން ރަށްތަކުގައި ވެސް ގިރިންދާގެ މަސައްކަތްވީހާ ވެސް ފުޅާކޮށް ގެންދިއުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއްގައި ކޮންމެ ދުވަހަކުވެސް މި ދަނީ އެއްބާރުލުން ދެމުން،" ޝަހީބު ވިދާޅުވި އެވެ.
ޝަހީބުގެ ރެއާއިދުވާލުގެ ވަރަށް ގިނަ ވަގުތު މިއަދު އޭނާ ހުސްކޮށްފައި ވަނީ މަސްތުވާތަކެތީގެ ވަބާއިން އޭނާގެ ރަށް ސަލާމަތްކުރުމަށެވެ. މަގުއޮޅިދާނެހެން ހީވާ ކޮންމެ ޒުވާނަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.



ރަށު ތެރޭގައި ބުރެއް ޖަހާލީމަ ނުވަތަ ރަށުގެ ގޯޅިއަކަށް މަޑުކޮށް މީހަކާ ވާހަކަ ދައްކާލީމަ އެންމެން ވެސް ކިޔައިދިނީ މި ވާހަކަ އެވެ. މަސްތުވާތަކެތީގެ ހާއްޔެއްގެ ގޮތުގައި އޮތް ދާންދޫ ބަދަލުވެފައި އޮތް ވަރެވެ. ޝަހީބު އާއި ގިރިންދާގެ ހިތްވަރުން އެ ހާލިތައް ހަލާކުކޮށް ނައްތަމުންދާ ގޮތުގެ އުފާވެރި ވާހަކަ އެވެ.
އެކަމަކު މިއީ، މަސްތުވާތަކެއްޗާ ދެކޮޅަށް ދާންދޫގައި ކުރަމުންދާ ހަނގުރާމައިގެ ކާމިޔާބީން އަދި އޭގެ ވަރަށް ކުޑަ 'އެތިކޮޅެކެވެ'. އެކަމަކު ވެސް ހާދަ ފަހުރުވެރި ފެށުމެކެވެ.