ހާދަ ހޫނުގަދަ ދުވަހެކެވެ. އެކަމަކު މެންދުރު ކާލައިގެން އަހަރެން ނުކުތީ ރަށުތެރެ ބަލައި ކޮފީއެއް އަތުޖެހޭނެ ފިނި ހިސާބަކަށް ދާށެވެ. ރަށަކީ ހުވަދޫ އަތޮޅު އުތުރުބުރީގައި އޮތް ދާންދޫ އެވެ.

އެރިއިރާ އެކު މިއަދުވެސް ރަށުގެ މަސްވެރިން މަހަށް ފުރައިފި އެވެ. އެރި އިރާއެކު ކުނިކަހައި އޮމާންކޮށްފައިވާ މަގުތަކަށް، އިރުމެދުޖެހުނުއިރު ވެސް ވެރިވެފައި އޮތީ ހިމޭންކަމާއި އޮމާންކަމެވެ. ހީވަނީ ރަށު އެންމެން އެކުގައި މިއަދު މަހަށް ފުރައިގެން އުޅޭހެންނެވެ.

އެހެނެއް ނުވާނެ އެވެ. ބަނބުކެޔޮ ގަހެއްގެ ހިޔަލުގައި އެ އޮތީ ޒުވާނެކެވެ. ވިލާކޮޅެއް ނެތް ސާފު ނޫއުޑަށް އޭނާގެ ފިކުރުތައް ގެއްލިފައިވިޔަސް އެ ހިސާބުން އަހަރެންގެ ސަމާލުކަން ގޮސް ވެއްޓުނީ އެދިމާލުގައި ހުރި މި އާދަޔާހިލާފު ކެފޭއަކަށެވެ.

"ބަލަ ނަދީމޫ. އެހެރީ ހާދަ ސަޅި ކެފޭއެކެވެ."

އެތަނުން ކޮފީގަނޑެއް ލިބޭނެ ކަމުގެ ޔަގީންކަމާ އެކު ބާރަކަށް އެ ދިމާލަށް ހެލިގަތީމެވެ. އެކަމަކު އެތަނުގައި ހަމަ އެއްވެސް ދިރުމެއް ނެތެވެ.

"ނޫނެކޭ. ތިތަން ބަންދުކޮށްފައި އެމީހުން ހަމަ އެ ދިޔައީ،" ބަނބުކެޔޮ ގަހުގެ ހިޔަލުގައި އޮތް ޒުވާނާގެ ސަމާލުކަން އުޑުން ވެއްޓި އަހަންނާ ދިމާލަށް އެނބުރިއްޖެ އެވެ.

ކެފޭގެ ބިތްދޮށުގައި ހެދިފައި ހުރި ގަސްތަކުގެ ތެރޭގައި މަޑުކޮށްލައިގެން ދެން ހަދާނެ ގޮތް ވިސްނަން އޮތް އަޅިކުލައިގެ ބުޅަލެއް ވެސް އެތަނުގައި އޮތެވެ.

"ތިއީ ވަގު ބުޅަލެއް. ތިޔެއް އޮޅެއް ނުވާނެ. އާދެ މި ޖޯއްޔަށް،" އެ ބުޅަލުގެ ވަގުކަމަށް ނުހެއްލުމަށް އިންޒާރު ދެމުން ޖޯލީގައި އޮތް ޒުވާނާ ގޮވާލި އެވެ.

އެހިސާބުން އަހަރެން ގޮސް އޭނާ އޮތް ޖޯލީގައި، އެ ބަނބުކެޔޮގަހުގެ ފިނީގައި ޖައްސާލައިފީމެވެ. އަދި ހާޑު ކޮފީއެއް ނުލިބުނަސް އެ ޒުވާނާގެ ހަޔާތުން އުކަން ފެށި ގަނޑުތަކާ އެކު ޝުކުރުވެރިނުވާ މި ހަޔާތުގެ ހަގީގަތަށް ހަމަ ރަނގަޅަށް ވެސް ލޯ ހުޅުވިއްޖެ އެވެ.

އޭނާގެ ނަމަކީ އަލީ ވަހީދެވެ.

"ނޫނޭ. އައްޔަ ކިޔަސް އެންމެ ރަނގަޅުވާނެ. އެންމެން ވެސް މަށަށް ކިޔާނީ އައްޔަ،" އެކުވެރި ރާގެއްގައި އޭނާ ބުނެލި އެވެ.

އެއަށް ފަހު އިތުރު ތަފްސީލު ކިޔައިދޭން ފެއްޓި އެވެ.

"އަޅުގަނޑުގެ ގެއަށް ކިޔަނީ ބަހާރީގެ. އަޅުގަނޑުގެ އުމުރުން މިހާރު 38 އަހަރު. އަޅުގަނޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ ހާއްސަ އެލަވަންސެއް ލިބޭ ޒުވާނެއް،" މިހެން ބުނެފައި އައްޔަ އޭނާގެ ހަތަރެސްފައިގެ ހާލަތު ދައްކާލި އެވެ.

އޭނާގެ ހަށިގަނޑު ވަނީ ކަމީނާވެފަ އެވެ. އޭނާގެ ހަތަރެސްފައި ހީވަނީ ނާރުތަކަށް ވާންވެ ބަޅުވެފައިވާހެންނެވެ. އެހެންކަމުން ހިނގާބިނގާވެ އުޅުމުގައި އައްޔަ އަށް ވަނީ އުމުރު ދުވަހުގެ ތަކުލީފާ ކުރިމަތިލާން ޖެހިފަ އެވެ.

"އަޅުގަނޑު އެކަންޏެއް ނޫން. މަންމަ އާއި ބައްޕަގެ ފަސް ކުދިންގެ ތެރެއިން އަޅުގަނޑާއި އަދި އިތުރު އެހެން ކުއްޖަކަށް ވެސް ވަނީ ހަމަ މިފަދަ މައްސަލައެއް ދިމާވެފައި. ގަދަހުމެއް ޖެހިގެން ބަލިވި ގޮތަށް އޭނާ އަށް ވާހަކަ ނުދެއްކެނީ،" އައްޔަ ކިޔައިދިނެވެ.

"މަށަކީ ވެސް މަންމަމެން ކިޔައިދޭ ގޮތުން ނަމަ، ދުނިޔެ އަށް އައިއިރު ހަމަ ރަނގަޅަށް އޮތް ކުއްޖެއް. މިގޮތަށް ނާރުތަކަށް މައްސަލަޖެހި ހިނގާބިނގާ އުޅެން އުނދަގޫވާވަރަށް ބަލިވީ އޮޕަރޭޝަނަކަށް ފަހު."

އައްޔަ ބުނީ އޭނާގެ "ހިތުގައި ލޯވަޅެއް" ހުރިކަން އެނގުނީ ތިން މަހުގައި ކަމަށެވެ.

"އެއީ ނިކަން ގަދަ އަށް ވާރޭ ވެހުނު ރެއެއް ކަމަށް ވަނީ. އެ ވިއްސާރަގަނޑުގެ ތެރޭގައި އަޅުގަނޑު ނޭވާހިއްލަން ފެށީ. ނޭވާ ހާސްވާން ފެށީމަ ޑޮކްޓަރަކަށް ދެއްކިތަނުން އެނގުނީ ހިތުގައި ލޯވަޅެއް ހުރިކަން،" އާއިލާގެ މީހުންނާ ހަވާލާ ދީ އައްޔަ ކިޔައިދިނެވެ.

"ދެން ޑޮކްޓަރު ބުނެފި ޖެހޭނީ އިންޑިއާ އަށް ގޮސް އޮޕަރޭޝަނެއް ކުރާށޭ."

އައްޔަގެ މަސްވެރި ބައްޕަ އޭނާ ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ސްރީ ލަންކާއަށެވެ. ދެ ފަހަރެއްގެ މަތިން ލަންކާ އަށް ދިޔައީމަ ވެސް ޑޮކްޓަރުން ލަފާ ދިނީ އައްޔަ އޭރު އަދި މާ ކުޑަވީމަ އެ އޮޕަރޭޝަން ނުކުރުމަށެވެ.

"އެންމެފަހުން އަޅުގަނޑުގެ އޮޕަރޭޝަނަށް އެހީ ހަމަޖެހުނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުން. އެ ހާއްސަ އެހީ ވެސް ލިބުނީ ވަރަށް ވަރުން ކަމަށް ވަނީ. އަޅުގަނޑުގެ ފަހަރިއަކު ގޮސް މި މައްސަލާގައި ތަންތަނުގެ ވެރިންނަށް ފިސާރިއަކަށް ބަވާލީމަ އެންމެފަހުން އެހީ ހަމަޖެހުނީ،" އައްޔަ ކިޔައިދިނެވެ.

އެހީ ހަމަޖެހިގެން އައްޔަ ގޮވައިގެން އޭނާގެ އާއިލާގެ މީހުން ދިޔައީ އިންޑިއާގެ މެޑްރާހަށެވެ. އެއަށް ފަހު ކުރި އޮޕަރޭޝަނަކަށް ފަހު ޑޮކްޓަރުން ލަފާ ދިނީ ހަތަރު އަހަރު ފުރިގެން އެނބުރި ގޮސް ޑޮކްޓަރުންނަށް އަލުން ދައްކާށެވެ.

"ނަމަވެސް ބައްޕަގެ އަތުގައި އެ ތަނަވަސްކަމެއް ނެތް. އަނެއްކޮޅުން އެ ދުވަސްވަރަކީ ނޮވެމްބަރު ތިނެއްގެ ހަމަލާ އަށް ފަހު ރާއްޖެ ހަމައަކަށް ނޭޅިގެން އުޅުނު ދުވަސްވަރު ކަމަށް ވަނީ. ދެން އެހެންވީމަ އިންޑިއާއަކަށް ވެސް ނުދެވުނު،" އައްޔަ ބުނެލި އެވެ.

"ބޮޑަށް ލަފާކުރެވެނީ އޭގެ ފަހުން، ރަނގަޅަށް ބޭސްނުކުރެވި، ނާރުތަކަށް ލިބުނު ގެއްލުންތަކަކާ ހެދިގެންނޭ މިހެން ދިމާވީ. އެކަމަކު މިހެން އުޅެން ޖެހުމަކީ އަޅުގަނޑަށް މާ ބޮޑު ކަމެއް ނޫން. އެކަނި ހުރިހާ ކަމެއްކޮށް، ހިނގާބިނގާވެ އުޅެލެވޭނެ މަށަށް މިހާރު ވެސް."

އައްޔަ ބުނީ އޭނާގެ 38 އަހަރުވީ ހަޔާތުގައި އަބަދުވެސް އޭނާ އުޅުނު ގޮތަކީ މިއީ ކަމަށެވެ.

"ދުއްވާލާފައި އުޅެލާނެ ކަހަލަ ފަސޭހަ ގޮނޑިއެއް ކަހަލަ އެއްޗެއް ނުލިބޭ ދުވަހަކުވެސް އަޅުގަނޑަކަށް. މިހެން އުޅެނީ އަބަދުވެސް. ބޭނުމެއް ވެސް ނޫން އެކަހަލަ ގޮނޑިއެއް. އަހަރެންގެ މި ދެ ފައިން ހިނގާފައި އުޅެން ބޭނުންވަނީ،" އަޑަށް ބާރުލާފައި އައްޔަ ބުނެލި އެވެ.

"މިއީ އަޅުގަނޑުގެ ލައިފަކީ. އަޅުގަނޑަކީ ކިޔަވަން ސްކޫލަކަށް ދެވުނު މީހެއް ނޫން. އަޅުގަނޑުގެ ދުވަސްތައް ހޭދަވާނީ މިކަހަލަ ގޮތަކަށް. މިހިރަ ކެފޭ އިން ކާޑަމަންޓީއެއް ނުވަތަ ކޮފީއެއް ބޯލައިގެން ދެން އަހަރެން އޮންނާނީ މި ބަނބުކެޔޮގަހުގެ ހިޔަލުގައި މިތަނުގައި ޖައްސާލައިގެން."

އައްޔަ ބުނީ އެތަނަށް އައީ ހެނދުނު ނުވައެއް ޖެހިއިރު ކަމަށެވެ.

އަހަރެމެން ޖޯލީގައި ވާހަކަ ދައްކަން ތިއްބައި ދެ ވަނަ ބުޅަލެއް އެތަނުން ފެނިއްޖެ އެވެ. ފަހަރެއްގައި އެއީ މި އިންޓަވިއު ނިންމާލަންވީ ކަމުގެ އަލާމާތެކެވެ.

މަގު ހުރަސްކޮށް އައިސް ކެފޭގެ ބިތްދޮށަށް ވަދެ ހިޔަލުގައި ޖައްސާލައިގެން އޮތް ބުޅަލާ ދިމާލަށް އަހަރެން ގޮވާލީމެވެ.

"ތިޔެއް ނާންނާނެ. ތިއީ އަދި މާ ވަގު ބުޅަލެއް،" އައްޔަ ހިނިގަނޑަކާ އެކު ބުނެލި އެވެ.

"އެކަމަކު އެހެރަ ގޭގައި އޮންނާނެ އެ ގޭގައި ދިރިއުޅޭ ބޭރު މީހާ އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް. އެހެންވީމަ މަށަށް ހީވަނީ ތިއީ އެ ގޭގައި އުޅޭ ބުޅާކައިރިއަށް ބިޓު ހިއްލަން ވެގެން ނުކުމެ އުޅެފައި އަންނަ ވަގު ބުޅަލެއްހެން."

މިހެން ބުނެފައި އައްޔަ އަނެއްކާވެސް ޗަކަޗަކަލާފައި ހީގަތެވެ.

އެހިސާބުން ސަމާސާ ރާގެއްގައި އަހަރެން އަހާލީމެވެ.

"ބަލަ އައްޔަގެ ހަޔާތުގައި ބިޓު ހިއްލުމެއް ނެތް ހެއްޔެވެ؟"

އަހާލުމާ އެކު އައްޔަ ބުނެފި އެވެ.

"ކާކުތަ މަށާ އިންނާނީ؟ ކުޑައިރުއްސުރެން އަޅުގަނޑު އުޅެން ޖެހިފައިވާ ގޮތަކީ މިއީ. ސްކޫލަކަށް ވެސް ނުދެވުނު ދުވަހަކުވެސް. އެކަމަކު އެގޮތަށް އެ ހުރިހާ ކަމެއް ދިމާވީ އޭރު މި ރަށް ވެސް އޮތް ހާލަތުންނޭ އަޅުގަނޑު ބުނާނީ،" އައްޔަ ބުންޏެވެ.

"ބަލަ އޭރު މި ރަށް އެއްވެސް ތަރައްގީއެއް ނޫނޭ. މީހުންނެއް ވެސް ރަށެއް ވެސް ތަރައްގީއެއް ނުވެއޭ. މިހާރު ދެން ތަރައްގީ އައިސް އަހަރެމެންގެ ބޯމައްޗަށް އަރާފައި އޮތަސް އޭރުގައި އޮތް ޒަމާނަކީ މާ ދަތި ހަނދާނެއް."

ތަރައްގީގެ ވާހަކައިން ކުރި ފަޅަމުން ގޮސް އަހަރެން އަހާލީމެވެ. އައްޔަ ތިޔައީ ސިޔާސީ ފިކުރުތަކެއް ހުންނަ ޒުވާނެއް ހެއްޔެވެ؟

"ނޫނޭ މަށަކީ މިއީ ސިޔާސީ އެއްވެސް ކަމަކާ ބެހޭ މީހެއް ނޫން. އެކަހަލަ ކަމެއްގައި އުޅޭ މީހެއްގެ ބޯގޮވާނީ. މިހާރު ވެސް މި ލިބޭ ތިން ހާސް ރުފިޔާ ހަގީގަތުގައި މަދު. އެކަމަކު އެ ވާހަކަ ދެއްކުން ވެސް އެއީ ބޭކާރު ކަމެއް،" އައްޔަ ބުނެލި އެވެ.

"ސިޔާސީ ކަމަކަށް އަޅުގަނޑު ފިކުރެއް ނުހިންގަން. ބޭކާރު ކަމެއް އެއީ. މީހުން ދައްކާ އެކަހަލަ ވާހަކަތަކުގެ ތެރެއަށް އަނގަކޮށްޕަންޏާމު ނޭނގޭ ވާހަކަތައް ވެސް ދެއްކޭނީ. އެހެންވީމަ އެންމެ ރަނގަޅުވާނީ އެއްވެސް ކަމަކާ ނުބެހި ހުރުން"

"އެހެންވީމަ ދެން މިތަނުގައި އެކަނި މިހެން އޮވެފައި އަޅުގަނޑު ދާނީ އަނެއްކާވެސް ގެއަށް. ދެން ގޭގައި ރެސްޓްކޮށްލާފައި އަނެއްކާވެސް އަންނާނީ މިތަނަށް. އެއީ އަޅުގަނޑުގެ ލައިފަކީ."

ތެދެކެވެ. އައްޔަގެ އެ ލައިފް އެ އޮތީ ބަނބުކެޔޮގަހެއްގެ ފިނި ހިޔަލުގަ އެވެ. އަހަރެންގެ ހިތަށް އެހެން އެރިތަނުން ބާރެއް ލާފައި އައްޔަ ޖޯލިން ތެދުވެއްޖެ އެވެ. އަދި ތެދުވެ ހިނގައިގަތެވެ.

އޭނާގެ ހިތް އެ އޮތީ މިއަދު ވެސް އުފަލުން ފޮޅިފަ އެވެ. އަމިއްލަ ދެ ފައި މައްޗަށް ތެދުވެ ހިނގާލުމަކީ އައްޔަ އަބަދުވެސް ބޭނުންވި ގޮތެވެ. އޭނާ ދެކުނު އެންމެ ބޮޑު ހުވަފެނެވެ.