އެއީ އިކުއެޓިކް ވައިބް އުފަންވުމުގެ ކުރިންނެވެ. ބޭންޑުގެ ނަމާ އެކު ރިކޯޑު ކުރި ލަވަތައް، ސްޓޫޑިއޯއިން ބޭރުވުމުގެ ވެސް ކުރިންނެވެ. އަޑުއަހައި ފޫހިނުވި 'ކުލަތައް' އަލްބަމުގެ ކުލަތައް، ދިވެހި މިއުޒިކު އިންޑަސްޓްރީއަށް ފާއްދާލުވުމުގެ ވެސް ކުރި އެވެ.

މީގެ 16 އަހަރު ކުރިން އޮތީ ފަސް ރަހުމަތްތެރިންގެ މެދުގައި ވީ އެއްބަސްވުމެކެވެ. އާމްދަނީ ހޯދަން ރިސޯޓު މިއުޒިކު ޖެއްސުމަށެވެ.

"އަހަރެމެން ބޭނުންވީ ބޭންޑެއްގެ ގޮތުގައި ރިސޯޓު މިއުޒިކަށް ނުކުންނަން. އެއީ ފަންޑިންއެއް ލިބެން އޮންނަ ގޮތަކީ ވެސް،" ފޯން ކޯލަކުން ގުޅާލުމާ އެކު ބޭންޑުގެ ފައުންޑާ އަދި ފްރަންޓްމޭން ޝައްމު ކިޔައިދިނެވެ.

އެގޮތަށް އެއްބަސްވެ، 2010 ވަނަ އަހަރު އެ ފަސް ރަހުމަތްތެރިން ނުކުތީ 'ދަ ފައިވް'ގެ ނަމުގަ އެވެ. އެ 'ފައިވް'އަށް 'ޓޫ' ވީ ތަނުން ބަދަލުވީ 'އިކުއެޓިކް ވައިބް'އަށެވެ. އެހެންވީމަ މިހާރު ގުނަމުން އެ ދަނީ އެ ބޭންޑުގެ 'ސުވީޓު ސިކްސްޓީން' އެވެ.

އެ އެއްބަސްވުމަކީ އިކުއެޓިކް ވައިބުގެ ބަދަލުނުވެ އޮތް އެތައް ވައިބުގެ ތެރެއިން އެއް ވައިބެވެ. އެ އެއްބަސްވުމަކީ ބޭންޑުގެ ކުރިމަގާއި މިހާ ގިނަ ދުވަހު ދެމިއޮތުމަށް ހަގީގަތުގައި ވެސް އެންމެ މުހިންމުވީ އެއް ކަމެވެ.

ރިސޯޓު ގިގުތަކުން އާމްދަނީ ލިބެމުންދިޔަ އެވެ. ބޭންޑުގެ ހުރިހާ މެމްބަރުން ކާންބޯން ވެސް ކުރާ މަސައްކަތަކީ އެއީ އެވެ.

ރިސޯޓުތަކުން ލިބޭ އާމްދަނީން ވަކި ވަރެއް އަބަދުވެސް ބޭންޑު މެމްބަރުންނަށް ނަގާފައި ބާކީ ބައި ރައްކާކުރަނީ އެވެ. އެއީ އިކުއެޓިކް ވައިބުގެ އަސްލު ވައިބު އާންމުންނަށް ގެނެސްދޭން ކުރާ މަސައްކަތްތަކަށް ހަރަދު ކުރުމަށެވެ. އެއްވެސް މީހަކަށް ބަރޯސާވުމެއް ނެތި، އަމިއްލައަށް ލިބޭ އެއްޗަކުން އަމިއްލަވަންތަ ލަވަތަކެއް އާންމުންނަށް ގެނެސްދިނުމަށެވެ.

"އަދިވެސް ފެށިއިރު ތިބި ގޮތުގައި މި ތިބީ. ދޭތެރެ ދޭތެރެއިން ބައެއް މޫނުތައް ބަދަލުވުމާއި ކަންކަން އުޅުނު ނަމަވެސް، މުޅިން އަމިއްލަ އެއްޗެހި މި ނެރެނީ،" ޝައްމު ކިޔައިދިނެވެ.

އެއް ވައިބެއް އެކަމަކު ބައިވަރު ފީލްސް

އިކުއެޓިކް ވައިބްގެ ލަވަތައް އަޑުއަހާލާއިރު ފާހަގަވާ އެއް ކަމަކީ ދެ ލަވައެއްގައި އެއް ގޮތް ކަމެއް ނެތުމެވެ. އެކަމަކު އެ ތަފާތުކަމަކީ ވެސް އިކުއެޓިކް ވައިބުން ދޫނުކޮށް، ފެށުނީއްސުރެ ހިފަހައްޓަމުން އައި އުސޫލެކެވެ.

"އަހަރެމެންގެ ކަލާ ސްޕެކްޓްރަމް އޮފް މިއުޒިކް ވަރަށް ބޮޑުވާނެ އަސްލު. ވަކި ސްޓައިލަކަށް ނޫނީ ޖޮންރާއަކަށް އެޓޭޗެއް ނުވަން. މިސާލަކަށް 'ކުލަތައް' އަލްބަމްގައި ވެސް އެއް ލަވަ އަނެއް ލަވަޔާ ވަރަށް ތަފާތުވާނެ،" ޝައްމު ބުންޏެވެ.

"އަބަދުވެސް ބަލަނީ އެންމެންނާ ވެސް ގުޅޭ، ރިލޭޓަބަލް އެއްޗެއް ގެނެސްދެވޭތޯ."

އިކުއެޓިކް ވައިބުގެ ލަވަ ޕޯޓްފޯލިއޯގައި އޮތީ އަޕްލިފްޓިން އެކަންޏެއް ނޫނެވެ. ޕްރޮގްރެސިވް އޮލްޓަނޭޓިވް ރޮކް ވެސް އެބަހުއްޓެވެ. ޖުމްލަކޮށް މުޅި ލަވަޔަށް ބަލާ ނަމަ، ލޯބި އުތުރިއަރައިގެން އުޅޭ ހިތްތަކަށް ކަމުދާ 'ތިއްތިމާ' އާއި 'އިންތިޒާރޭ' އެވެ. ދެ ލޯބިވެރިންގެ ދެމެދުގައި ދުރުކަމެއް ވާ ނަމަ، އެ ދުރުމިން ގާތްކޮށްދޭން އެދޭ 'ގެއްލިފާ' އެވެ.

އަދި މިވަރަކުން ނުނިމެ އެވެ. ދިވެހިވަންތަ ލަވަ އެބަހުއްޓެވެ.

އިންސްޓަގްރާމް އާއި ފޭސްބުކް ކަހަލަ ޕްލެޓްފޯމްތަކުގައި ސްކްރޯލް ކުރަމުންދާއިރު ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކައިދޭ ރީލްތަކުން ވަރަށް ގިނައިން މިހެން ކިޔާ އަޑު އިވޭނެ އެވެ:

"މަގޭ ރާއްޖެ ހާދަ ރީއްޗޭ،
ހާދަހާ ވާ ރީއްޗޭ."

މިއީ އިކުއެޓިކް ވައިބްގެ 'މަގޭ ރާއްޖެ' ލަވައިގެ ތަންކޮޅެކެވެ. އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ މިކަހަލަ ވީޑިއޯތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ލަވަ އެވެ.

ޝައްމު ބުނި ގޮތުގައި އަދި މިހާތަނަށް އެއްވެސް ލަވައެއް ނެރެގެން 'އެއީ އެހާ އިކުއެޓިކް ވައިބް ލަވައެއް ނޫނޭ' މީހަކު ބުނެފައި ނެތެވެ. ނޫނީ މިވެނި ލަވައެއް އަޑުއަހާލަން އުނދަގުލޭ ނުބުނެ އެވެ. އެހެންކަމުން އެ ބޭންޑަށް އެ ދެވެނީ އަދި ރަނގަޅު މަގަކުންނެވެ.

އެންމެ ސަޅި ވައިބަކީ ކުލަތައް

އިކުއެޓިކް ވައިބްގެ ހަޔާތުގައި އެންމެ ހަނދާނީ ވަގުތުކޮޅަކީ ކޮބައިތޯ ސުވާލުކުރުމުން ޝައްމު ދިޔައީ މީގެ ބަރާބަރު 10 އަހަރު ކުރިއަށެވެ.

އެ ބޭންޑުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2016 ވަނަ އަހަރު އެ ބޭންޑުން ނެރުނު 'ކުލަތައް' އަލްބަމެވެ. މިއުޒިކީ އެކި ކުލަތަކުން ފުރިގެންވި އެ އަލްބަމަށް 10 އަހަރު ފުރުނީ އެވެ.

"ބޭންޑުގެ އެންމެ 'ލިޓް މޮމެންޓަކީ' އެއީ. އެންމެންގެ ފަރާތުން ވެސް ފުލް ސަޕޯޓު ލިބުނު އެކަމުގައި،" ޝައްމު ބުންޏެވެ.

"އެއީ ވަރަށް ރަނގަޅު ތަޖުރިބާއެއް. އެ އަލްބަމްގެ މަސައްކަތް ކުރަން ބޭރުން ސައުންޑް އިންޖިނިއަރު ވެސް ގެނައީ މިކޮޅަށް. މުޅި ޕްރޮޖެކްޓު ވެސް ކުރިއަށްގެންދިޔައީ މާލޭގައި."

"އެންމެ މެމޮރަބަލް ކޯ މެމޮރީއަކީ އެއީ. އަލްބަމް ރިކޯޑިން އަދި ރިލީސްކުރުން."

ސްޕޮޓިފައިއަށް ލާފައި ހުރި އިކުއެޓިކް ވައިބްގެ ލަވަތަކުގެ ތެރެއިން އަދިވެސް ގަދަ ތިނެއްގައި އޮތީ އެ އަލްބަމްގެ ތިން ލަވަ އެވެ. އެއް ވަނައިގައި ގެއްލިފާ އެވެ. އެއަށްފަހު ތިއްތިމާ އާއި އަސްތަ އަސްތާ އެވެ.

'ނަޔާ'އަކީ މި އަލްބަމުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އިކުއެޓިކް ވައިބުން ނެރުނު ލަވައެކެވެ.

އެންމެ ބޭޑު ވައިބް އަދި އެ ވައިބުން ނެރުނު ގުޑް ވައިބު

ގިނަ ދުވަހު ހިފަހައްޓާލެވުނަސް، ކޮންމެ ބޭންޑެއްގެ ހަޔާތުގައި ވެސް ކަޅު ދުވަސްތަކެއް ވާނެ އެވެ. އިކުއެޓިކް ވައިބްގައި ނަމަ އެއީ ކޮވިޑް-19 ޕެންޑެމިކް އެވެ.

ރާއްޖޭގެ ބޯޑަރުގައި ތަޅު އަޅުވައި، މުޅި ގައުމު ލޮކްޑައުންއެއްގަ އެވެ. ފަތުރުވެރިން އައުން ހުއްޓުނެވެ. ރިސޯޓުތައް ބަންދުވެ، ސްޓޭޖުތައް ފަޅުވި އެވެ. މިއުޒިކަށް ބަރޯސާވެގެން އުޅޭ އެހެން އާޓިސްޓުން ފަދައިން އިކުއެޓިކް ވައިބްއަށް އޮތް އާމްދަނީގެ ދޮރު ވެސް ބަންދުވީ އެވެ.

"ކޮވިޑް ދުވަސްކޮޅު އެއީ އެންމެ ހާޑަސްޓް ޓައިމްސް. ބޭންޑު އެއްކޮށް މަސައްކަތެއް ނުކޮށްތާ ތިބޭނީ. ބައިވަރު މީހުން ހާލުގައި ޖެހުނު އޭރު،" ޝައްމު ބުންޏެވެ.

"އެކަމަކު އޭރު ވެސް ބެކިންއެއް އޮތް. ބޭންޑުން އެއްކޮށްފައި ހުރި ފައިސާއިން ބޭންޑުގެ މެމްބަރުންނަށް އުޅެވޭވަރަށް ލާރި ދީގެން މެނޭޖު ކުރެވުނު."

އެކަމަކު މި 'ބޭޑް' ވައިބްގައި ވެސް އިކުއެޓިކް ވައިބުން ގުޑް ވައިބެއް ނެރުނެވެ. ޕެންޑެމިކްގައި ސްޓޭޖުތައް ބަންދުވިޔަސް އިކުއެޓިކް ވައިބްގެ މިއުޒިކުގައި 'ޕޯސް' ބަޓަނަކަށް ނުފިތަ އެވެ. ތަޅު އެޅުވިގެން ތިބެ، ހަތަރު ލަވަ އާންމުންނަށް ގެނެސްދިނެވެ. 'މަގޭ ރާއްޖެ' އާއި އެ ބޭންޑުގެ ފުރަތަމަ އިނގިރޭސި ލަވަ 'ޕެރިސް' އަކީ ވެސް އެ ދުވަސްކޮޅު ނެރުނު ލަވަތަކެވެ.

އާއިލީ ވައިބު ވެސް ވަރަށް ސަޅި

މިއުޒިކް ބޭންޑެއްގެ ގޮތުގައި އިކުއެޓިކް ވައިބްއަށް ދަސްވި އެންމެ މުހިންމު ކަމަކީ މިއީ ވެސް ފާޑެއްގެ އާއިލާއެއް ކަމެވެ.

"އަނެއްހެން ބަލާ ނަމަ ބޭންޑަކީ ފަސް މީހުންގެ އާއިލާއެއް. މިހެން އުޅޭއިރު މައްސަލަ ޖެހި، ގެއިން ނުކުމެގެން ގޮސް، އެކަހަލަ ކަންކަން ވެސް ވޭ،" ޝައްމު ބުންޏެވެ.

"އެކަމަކު މި އުޅެވެނީ އެކަކު އަނެކަކަށް ބަލައިގެން. މިއީ ފަސޭހަކަމެކޭ ނޫނީ އުނދަގޫ ކަމެކޭ ވެސް ނުބުނާނަން. އެކަމަކު އާއިލާއެއް ބެލެހެއްޓުން ކަހަލަ ކަމެއް މިއީ."

މިވީ މުއްދަތުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ބޭންޑުގެ ލައިންއަޕަށް ވަނީ އައިސްފަ އެވެ. ބައެއް މެމްބަރުން ދިޔައީ މަޝްވަރާ ކުރުމަށްފަހު އެވެ.

އެކަމަކު އެއްގޮތަކަށް ވެސް ބަދަލުނުވާ ތިން މެމްބަރުން އެބަތިއްބެވެ. މިހާރު ފެންނަ ލައިންއަޕްގައި މީގެ 10 އަހަރު ކުރިން 'ކުލަތައް' ނެރުނުއިރު ތިބި މެމްބަރުންގެ ތެރެއިން މަދުވަނީ އެންމެ މެމްބަރެކެވެ.

މިއުޒިކް ސީންގައި ބަދަލުވި ވައިބު

މިއުޒިކުގައި މެދުނުކެނޑި 16 އަހަރު ކުޅޭއިރު ލައްކަ މަންޒަރު ހުންނާނީ ފެނިފަ އެވެ. ބަދަލު ވި ގޮތާއި އެ ބަދަލުތައް ވެސް ހުންނާނީ ތަޖުރިބާކުރެވިފަ އެވެ.

މީގެ އަހަރުތަކެއް ކުރިން ބޭންޑެއްގެ ކާމިޔާބީ މިނެކިރަން ބަލާ އެއް ކަމަކީ ލައިވް ސްޓޭޖަކަށް އެ ބޭންޑު އަރާއިރު ފުނިޖެހިފައި ތިބޭ ބެލުންތެރިންގެ އަދަދެވެ.

އެކަމަކު މިއީ ސްޓްރީމިންގެ ޒަމާނެވެ. ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމްތަކާ އެކު މުޅިން އާ އޯޑިއެންސެއް އުފެދިއްޖެ އެވެ.

"ޝައްމުމެންނަށް ހީވަނީ އަޑުއަހާ މީހުން 'ސައިލެންޓުކޮށް' އިތުރު ވެއްޖެހެން. ޝޯތަކުން ނުފެނުނަސް އެހުންތެރިންގެ އަދަދު އިތުރުވެއްޖެ. އެއީ ކުރިއެރުމެއް ކަމަށް މި ބަލަނީ،" މިވީ  16 އަހަރުގެ ތެރޭގައި އޯޑިއެންސް ބަދަލުވި ގޮތް ކިޔައިދެމުން ޝައްމު ބުންޏެވެ.

ހަމަ އެގޮތަށް ކަންކަން ބަދަލުވަމުން އަންނައިރު 'މައިނަސް'ވި ކަންކަން ވެސް އެބަހުއްޓެވެ. އެކަމަކު އެ މައިނަސްވުމާ އެކު ވެސް އާ ބޭންޑުތަކެއް އުފަންވެ، އާ ލަވަތައް އެބަ އިވެ އެވެ. އެކަހަލަ އުފެއްދުންތެރި މާހައުލެއް ބިނާވަމުންދިއުމަކީ ޝައްމުއަށް އުފަލެކެވެ.

ކުރިއަށް އޮތީ ކޮން ވައިބެއް؟

ޝައްމު ބުނި ގޮތުގައި އިކުއެޓިކް ވައިބްގެ ލަވަތަކެއް، އެއްފަހަރާ އަލްބަމެއްގެ ސިފައިގައި ފެނުމަކީ ގާތް ކަމެއް ނޫނެވެ. ސަބަބަކީ އެކަމަށް ހިނގާ ހަރަދާއި ވަގުތުގެ ސަބަބުންނެވެ.

"މާލޭގައި ރިކޯޑުކޮށްފައި މިކްސިން އާއި މާސްޓަރިންއަށް ޖާމަނީއަށް މި ފޮނުވަނީ. އެހެންވީމަ އެކޮޅުން ދޭ ޓައިމްލައިންއަށް ވެސް ޖެހޭ މަޑުކުރަން،" އަލްބަމެއް ހަދަން އުނދަގޫވާ ސަބަބުތައް ކިޔައިދެމުން އޭނާ ބުންޏެވެ.

އެކަމަކު އިކުއެޓިކް ވައިބްގެ ރެކޯޑު ނުކުރެވި އޮތް 34އަށްވުރެ ގިނަ ލަވަ އެބަހުއްޓެވެ. އަލްބަމުން ބަލާ ނަމަ އެއީ ތިނެއް ނޫނީ ހަތަރު އަލްބަމުގެ ލަވަ އެވެ.

"އަލްބަމަކަށް ނޫން ދާނީ. ދޭތެރެއަކުން ލަވައެއް ނެރެން މި ވިސްނަނީ. މާ ބޮޑު ގެޕެއް ނުދީ، އަވަސް އަވަހަށް ނެރޭ ގޮތަށް،" ޝައްމު ބުންޏެވެ.

"ހަތަރު ފަސް ލަވަ އެބައޮތް ޓްރެކު ކޮށްފައި. މިކޮޅުން ފައިނަލްވީމަ ޖާމަނީއަށް ފޮނުވާފައި އެމީހުން ބުނާ ގޮތަކަށް ރިކޯޑު ކުރީމަ ބަރާބަރަށް އިންނާނީ. ދެން އޭގެ މަހެއް ނޫނީ ދެ މަސް ފަހުން ލަވަ ނުކުންނާނެ."

އެކަމަކު މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަނީ އެންމެ ފަހުން ނެރުނު 'ނަޔާ' ލަވައިގެ ވީޑިއޯ ނެރުމަށެވެ.

މިއީ އަބަދުވެސް އަމިއްލަވަންތަ ވައިބެއް

އިކުއެޓިކް ވައިބަކީ މިއަދު ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ތަޖުރިބާކާރު ބޭންޑެކެވެ. ގުނާ އަދަދު ނުކުރެވޭހާ ޝޯތަކުގައި ކުޅެފި އެވެ.

އެކަމަކު ދުވަހަކު ވެސް ބޮޑު ލައިވް ޝޯއެއްގައި އަމިއްލަ ލަވައެއް ނޫނީ އެމީހުން ނުކުޅެ އެވެ. އިކުއެޓިކް ވައިބް އެންމެ އުފާވާނީ، ޝައްމު ބުނި ގޮތުގައި އެކަން ބަލައިގަތުމުންނެވެ.

"މަސައްކަތް ބަލައިގަތީމަ ވަރަށް އުފާވާނެ. ދިވެހި ލަވައެއް ވިޔަސް އިނގިރޭސި ލަވައެއް ވިޔަސް، ދިވެހި ބަޔަކު ހަދައިފިއްޔާ (އެއީ ކޮންމެ ބަޔަކު ކަމުގައި ވިޔަސް) އެއީ އަމިއްލަ އުފެއްދުމަކަށް ވެއްޖެއްޔާ ކުރިއެރުވޭތޯ ބަލަންވީ. ފަރުދީ ޒިންމާއެއްގެ ގޮތުގައި."