ދިވެހި މިއުޒިކީ އުޑުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނަކީ މިއަދު އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) ކަން ޔަގީނެވެ. އޭނާގެ މަގުބޫލު އަޑުން ކިޔައިދީފައިވާ ގިނަ ލަވަތަކަކީ އަޑުއަހާމީހުންގެ ހިތްތަކާ ސީދާ ކުޅެލާ ފަދަ އުފެއްދުންތަކެކެވެ. އޭގައި ވަނީ ޖާދުވީ ގުޅިލާމެހުމަކާއި ހިތުން ފިލައިގެން ނުދާނެ ކަހަލަ އަސަރެކެވެ.
ދިވެހި އެފްއެމް އެވާޑްސް 2025 ގައި "މޯސްޓް ރިކުއެސްޓެޑް ސޮންގް އޮފް ދަ އިޔާ" ގެ މޭލް އާޓިސްޓަކަށް އިއްބެ ހޮވުނީ މިހުރިހާ ސަބަބަކާ ގުޅިގެންނެވެ. އަދި ވަކިން ހާއްސަކޮށް ޝަރަފު ހޯދި އޭނާގެ ހިޓު ލަވަ "މިވާވަރު" އަކީ އޭނާ އެހުންތެރިންނަށް ދޫކޮށްލާފައިވާ ލަވަތަކުގެ ތެރެއިން ވެސް އަރައިހުރި ލަވަ އެކެވެ.
"މިވާވަރު" ލަވަ އުފެދިގެން އައީ ކިހިނެތް؟
"މިވާވަރު" ލަވަ އަކީ ފިލްމީ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ ފިލްމު "ބޮސް" އަށް އޭނާގެ އިސްނެގުމުގެ މަތިން އިއްބެ އުފެއްދި ލަވަ އެކެވެ. އިއްބެ ވެސް ފާހަގަކުރި ފަދައިން ވަކިން ހާއްސަކޮށް ނަހުލާ ފަދަ ޑައިރެކްޓަރަކާ އެކުގައި މަސައްކަތްކޮށްލަން ލިބުމަކީ "މިވާވަރު" ލަވަ އިތުރަށް ހާއްސަވެ ރީތިވެގެން ދިޔަ މައިގަނޑު ސަބަބެވެ.
"ނަހުލާ އަކީ ލަވައަކަށް އެ ބޭނުންވާ ސިޗުއޭޝަން ވަރަށް ރަނގަޅަށް ކިޔައިދޭ ފަރާތެއް. ދެން އޭގެ މަސައްކަތް ފަށައިގެން މޫޑު ކިޔައިދެމުން ޅެން ދިނީ. މިވާވަރު ޅެން ހަދާފައިވަނީ މައުސޫމް ޝާކިރު،" އިއްބެ ކިޔައިދިނެވެ.
"ދެން އެގޮތަށް ދޭ ފުރަތަމަ ޅެން އަހަރެންގެ ކްރިއޭޓިވް ޕްރޮސެސްގެ ތެރެއިން މޮޑިފައިކޮށްލަން އަބަދުވެސް. އެގޮތަށް މި ޅެން ވެސް ވަރަށް ދިގުކޮށް އޮތީ ފުރަތަމަ. އެކަމަކު އެ ކްރިއޭޓިވް ޕްރޮސެސްގެ ތެރެއިން ރާގުގެ މޫޑަށް އެ އޮތީ އެ ލިރިކްސް ވެސް ކުރުކޮށްފައި."
އިއްބެ ކިޔައިދިން ގޮތުގައި، ލަވައެއް ހަދާއިރު އެއް ވާނެއްގައި ގޮސް އެ ލަވައެއް ނިންމާލަނީއެއް ނޫނެވެ. އޭގެ ބަދަލުގައި ލަވައިގެ ކުޑަކުޑަ ތަންކޮޅެއް ފުރަތަމަ ހަދާފައި ޑައިރެކްޓަރަށް އަޑުއަހާލަން ދެނީއެވެ. މަޝްހޫރު އެހެން ލަވަތަކުގައި ވެސް އޭނާ މަސައްކަތްކޮށްފައި ވަނީ ހަމަ އެގޮތަށެވެ.
"މިވާވަރު ލަވައިގެ އިތުރުން، ސޫރަ ލަވައިގައި ވެސް މަސައްކަތްކުރީ ހަމަ އެގޮތަށް. ސޫރަ ލަވަ ހެދިއިރުވެސް މައިގަނޑު ކުޑަކުޑަ ތަންކޮޅެއް ފުރަތަމަ ދެނީ. މިލަވަވެސް ދިނީ އެހެން ކުޑަ ތަންކޮޅެއް. ދެން އޭނާ އޯކޭ ދިނީމާ، ދެން ކުރިއަށް ގެންދިޔައީ،" އިއްބެ ބުންޏެވެ.
އިއްބެ ބުނީ އޭނާގެ ގިނަ ލަވަތަކަކީ އެކި ފަހަރުމަތިން އެކި ހިޔާލުތަކުން އުފެދި މުއްސަނދިވެ ފުރިހަމަވެފައިވާ ލަވަތަކެއް ކަމަށެވެ. ނަމަވެސް އެންމެ ގިނަ ބަޔަކު ރިކްއެސްޓްކުރި "މިވާވަރު" ލަވަ އަކީ އިއްބެ ބުނާ ގޮތުން ނަމަ އޭނާ އަށް ވެސް ވަރަށް ހާއްސަ ލަވަ އެކެވެ.
"މިވާވަރު އަހަރެން ދޫކޮށްލީ ހަމަ އަހަރެން ވަރަށް ހިތްހަމަޖެހޭގޮތަށް. ވަރަށް ހިތްހަމަޖެހިގެން މަސައްކަތްކޮށްފަ މިވާވަރު ދޫކޮށްލީ. ލަވައެއް ހަދާފަ ހިތްހަމަޖެހިގެން ލަވައެއް ދޫކޮށްލާއިރު އެނގޭ ދެން އެ ލަވަ ވަރަށް ކަމުދާނެކަން ވެސް،" އިއްބެ ބުންޏެވެ.
ނަމަވެސް އޭނާ ބުނީ އެވޯޑަކީ އޭނާ އުއްމީދުކުރާ އެއްޗެއް ނޫން ކަމަށެވެ.
"އެވޯޑެއީ ހަމަ ދުވަހަކުވެސް އެކްސްޕެކްޓް ކުރާ އެއްޗެއް ނޫން. މާ ހިތްހަމަޖެހޭ މީހުން އެޕްރިޝިއޭޓް ކޮށްލީމާ. ލަވަ ރީއްޗޭ ބުނެލީމަ."
އިއްބެގެ ސިއްރަކީ ކޮބައިތަ؟
"މިވާވަރު" ގެ އިތުރުން އިއްބެގެ އަމިއްލަ ސޯލޯ ލަވަތައް ކަމަށްވާ "ހަލަބޮލި" އަދި "އިންތިޒާރު" ފަދަ ލަވަތަކަކީވެސް އެހުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ހިޓު ލަވަތަކެވެ. އަދި މި ހުރިހާ ލަވައެއްގެ ކާމިޔާބީގައި ވެސް ވަރަށް މުހިންމު އެއް ސިފައެއް އެބައޮތެވެ.
"އަހަރެންގެ ވަރަށް ގިނަ ލަވަތަކަކީ ރިއަލް ލައިފުން އިންސްޕަޔާވެގެން ނުވަތަ ހަގީގީ ހާދިސާ އާއި ތަޖުރިބާތަކަށް ބިނާކޮށްގެން ގެނެސްދޭ އުފެއްދުންތަކެއް،" ލަވަތަކުގައިވާ އާދަޔާހިލާފު އަސަރުތަކުގެ ސިއްރަކީ ކޮބައިތޯ އަހާލުމުން އިއްބެ ބުންޏެވެ.
"މިސާލަކަށް 'ހަލަބޮލި'، އެއީވެސް ހަގީގީ ހާދިސާއަކަށް ބިނާކޮށް. ދެން އިންނާނެ 'އިންތިޒާރު'ގަ ކިޔާ ލަވައެއްވެސް. އެއީ އަހަރެންގެ ފްރެންޑަކަށް ދިމާވި ކަމަކުން އަހަރެން ހަދާފިން ލަވައެއް،" އިއްބެ ބުންޏެވެ.
އިއްބެ ގަބޫލުކުރާ ގޮތުގައި ކާމިޔާބު މިއުޒިކީ އުފެއްދުމެއް ނެރެވުމުގެ އަނެއް ސިއްރަކީ ރަނގަޅު "ޓީމުވޯކް" އެވެ.



