އާންމުކޮށް ލޯބީގެ ލަވަތައް ބިނާވެފައި ހުންނަނީ ގުޅުމެއްގެ ފެށުމުގެ މައްޗަށެވެ. ނުވަތަ ހިތި ނިމުމަކާއި، ޝަކުވާއާއި އާދޭހާއި ހަމްދަރުދީގެ މައްޗަށެވެ. އެހެންނަމަވެސް، ބައިގަރުނު ކުރިން ނުކުތް "އާންދީ" ގެ "ތޭރޭ ބިނާ ޒިންދަގީ ސޭ ކޮއީ ޝިކުވާ ތޯ ނަހީ" އިން ބަޔާންކުރަނީ، އަދި ދެ ކެރެކްޓަރުގެ ގުޅުމުން ފެންނަނީ "ދެބަދޭތެރޭގައި" ތާށިވެފައިވާ ލޯތްބެއްގެ އަސަރުގަދަ ޖަޒުބާތުތަކެކެވެ.

ގުލްޒާރު ޑައިރެކްޓްކުރި މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އާރްތީ ދޭވީ (ސުޗިތުރާ ސެން) އާއި ޖޭކޭ (ސަންޖީވް ކުމާރު) ގެ މައްޗަށެވެ. ލޯބިން ކައިވެނިކޮށްގެން އުޅުނު މި ދެމަފިރިންގެ ހަޔާތުގައި ރެނދުލާން ފަށަނީ، އާރްތީގެ ބައްޕަގެ ނުފޫޒާއި އޭނާގެ ސިޔާސީ އުންމީދުތަކުގެ ސަބަބުންނެވެ. ޒަވާޖީ ހަޔާތަށްވުރެ ސިޔާސީ މައިދާނާއި މަޤާމު އިސްކުރަން ޖެހުމުން، އެންމެ ފަހުން ދެމީހުން ވަކިވެއެވެ.

އޭގެ ނުވަ އަހަރު ފަހުން، އިންތިޚާބީ ކެމްޕޭނެއްގެ ތެރެއިން އާރްތީއަށް މަޑުކުރަން ޖެހެނީ ޖޭކޭ މެނޭޖަރުކަން ކުރާ ހޮޓަލުގައެވެ. ކެމްޕޭނުގެ ހަލަބޮލިކަމާއި އާންމުންގެ ލޯތަކުން ދުރުވެލުމަށް، ދެމީހުން އެކުގައި ކަޝްމީރުގެ ބާވެ، ވީރާނާވެފައިވާ އާސާރީ ތަނަކަށް ޒިޔާރަތްކުރެއެވެ. "ތޭރޭ ބިނާ ޒިންދަގީ ސޭ" އަންނަނީ ފިލްމުގެ މި ހިސާބުންނެވެ. މާޒީގެ ހަނދާންތަކާއި މިހާރުގެ ހަގީގަތާ ދެމެދު ތާށިވެފައި ތިބެ، ނުވަ އަހަރު ފަހުން، ދެމީހުން ގާތުން ބައްދަލުވެ ވާހަކަދައްކަން ފަށާ ވަގުތުކޮޅުގައެވެ.

ލަވަ ފެށިގެން އަންނަނީ އާރްތީގެ ހިތްދަތި އިއުތިރާފަކުންނެވެ. ޖޭކޭއާ ނުލައި ހޭދަވި ދިރިއުޅުމާމެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށް އާރްތީ ބުނާއިރު، އެއީ ދިރިއުޅުމެއް ވެސް ނޫން ކަމަށް އޭނާ އެއްބަސްވެއެވެ. ޝަކުވާއެއް ނެތްކަމަށް ބުނަމުން، އެއަށްވުރެ ވަކި ބޮޑު ޝަކުވާއެއް ނެތޭ ބުނާވަރަށް ހިތުގެ އުދާސްތައް ބަންޑުންކޮށްލެވެއެވެ. ނުވަ އަހަރު ވަންދެން ދުނިޔޭގައި އުޅުނަސް، އެއީ ހަގީގީ ދިރިއުޅުމެއް ނޫންކަން އެ ދެ ޖުމްލައިން ސާފުވެއެވެ.

އޭގެ ފަހުން އަންނަ ބައިތުގައި، ޖޭކޭގެ ފިޔަވަޅުތަކުގެ ފަހަތުން ދުރު މަންޒިލަކަށް ދަތުރުކުރެވޭނެ ނަމައޭ ހިތަށް އަރާ ވާހަކަ އާރްތީ ބުނެލަނީ، ހާސިލުނުވާނެކަން އެނގޭ ހުވަފެނެއްގެ ސިފައިގައެވެ. އަދި ޖޭކޭ ކައިރީގައި ހުރިނަމަ، ދާނެ މަންޒިލުތަކެއް މަދެއް ނުވާނެ ކަމަށް ވެސް އޭނާ ބުނެލައެވެ.

މިހިސާބުން ލަވައިގެ މިއުޒިކް ފަނޑުވެ، ދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކުން މި ގުޅުމުގެ ހަގީގީ ތަސްވީރު އިތުރަށް ސާފުވެގެންދެއެވެ. އެބައި އަންނަނީ މިހެންނެވެ.

ޖޭކޭ: އާރްތީ، ވެޔޮގަނޑެއް ގޮތަށް ފެންނަން އެހުރި ކުރެހުންތަކަކީ ހަގީގަތުގައި ވެޔޮތަކެއް ނޫން. އެއީ އަރަބި ބަހުން ލިޔެފައި ހުރި އާޔަތްތަކެއް. ދުވާލުގެ އަލީގައި އެތަން ވަރަށް ސާފުކޮށް ފެންނާނެ، ދުވާލު މި ފެންގަނޑު ވެސް އޮންނާނީ ފެނުން ފުރިފައި. ދުވާލު މި ފެންއަރުވާ ވަޑާން ވެސް...

އާރްތީ: ދުވާލުގެ ވާހަކަ ތި ދައްކަނީ ކީއްވެ؟ ދުވާލު އަހަންނަށް މިތަނަށް އާދެވޭނީ ކިހިނެއް؟

އާރްތީއަށް ދުވާލަކީ އާންމުންނާއި، ސިޔާސީ ޒިންމާތަކާއި، ޕޯޑިއަމްތަކަށް ހާއްސަވެފައިވާ ވަގުތެވެ. ދުވާލުގެ އަގު އެންމެ ރަނގަޅަށް އެނގެނީ އޭނާއަށެވެ.

ޖޭކޭ: ސާފުކޮށް ހަނދު ފެންނާނީ ރޭގަނޑު، ދުވާލަކު މިގޮތަކަށް ނުފެންނާނެ.

ޖޭކޭ އެ އިޝާރާތްކުރަނީ ހަމައެކަނި އުޑުމަތީގެ ހަނދަކަށް ނޫނެވެ. އެއީ އެމީހުންގެ ގުޅުމެވެ. އަދި އެއީ ޚުދު ޖޭކޭގެ އަމިއްލަ ނަފްސު ކަމަށް ވެސް ބެލެވިދާނެއެވެ. މި ޖުމްލައިން އެ ދެމީހުންގެ މެދުގައި އޮންނަ ލަވް ލެންގުއޭޖް އިހުސާސް ކުރެވެއެވެ.

ޖޭކޭގެ ވާހަކައިގައި އާރްތީގެ ސިޔާސީ ކެރިއަރާމެދު ޝަކުވާއެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ އާރްތީ އިޚްތިޔާރުކުރި ދިރިއުޅުމަށް ޖޭކޭ ކުރާ އިހްތިރާމެވެ. އޭނާގެ ދިރިއުޅުމަށް ބުރޫއަރާފާނެ އެއްވެސް ކަމަކަށް ނޭދި، ކެތްތެރިކަމާއެކު ތިމާއަށް އާރްތީގެ ހަޔާތުން ލިބިފައިވާ ކުޑަކުޑަ ޖާގައަށް ރުހިގެން ހުންނަ ހުރުމެވެ.

އެކަމަކު، އެ ޤަބޫލުކުރުމުގެ ފަހަތުގައި ހިތްދަތިކަމެއް ވެސް ވެއެވެ. ދުވާލުގެ އަލީގައި ފާޅުވާން ނުކެރޭ، ހަމައެކަނި އަނދިރީގައި ދިރިހުންނަން ޖެހިފައިވާ ލޯތްބަކަށް އެމީހުންގެ ގުޅުން ބަދަލުވެފައިވާކަމުގެ އިހުސާސެވެ.

އާރްތީ: (ހަނދަށް އިޝާރާތްކޮށްލަމުން) މިއީ ކޮންމެ ރެއަކު ވެސް އަރާނެ އެއްޗެއްނު.

ޖޭކޭ: އާނ، އެކަމަކު މެދުތެރެއިން ކަޅުފޮއި ރޭތައް ވެސް އާދެއެއްނު. އާންމުކޮށް އެއީ ފަނަރަ ދުވަސް، (ފުންނޭވާއެއް ލަމުން) ނަމަވެސް މިފަހަރު ވަރަށް ދިގުލައިގެން ހިނގައްޖެ...

އާރްތީ: ނުވަ އަހަރަށް ދިގުދެމިގެން ހިނގައްޖެ، ދޯ...

ދެމީހުންގެ މުޅި ގުޅުމުގެ ތަފާތު އެ ދެ ޖުމްލައިން ސާފުވެއެވެ. އެކަކު ހިތުގެ ވޭން ފޮރުވަން ޅެންވެރި މިސާލުތައް ބޭނުންކުރާއިރު، އަނެކަކު ހުރީ އެ ހުރިހާ ދުވަހެއްގެ ހިސާބު ކިތާބު ބަލަހައްޓައިގެންނެވެ.

ދެން އަނެއްކާވެސް ލަވައިގެ ރާގު ފެށެއެވެ. ޖޭކޭގެ އުނގުގައި މޫނު ފޮރުވައިގެން، ކަރުނަ ހުސްވަންދެން ރޯލަން ހިތަށް އަރާ ވާހަކަ އާރްތީ ބުނެލައެވެ. އަދި ޖޭކޭގެ ލޮލުގައި ވެސް ކަރުނައިގެ ތެއްކަމެއް ހުރިތޯ އޭނާ ސުވާލުކުރެއެވެ. އެއީ ކޮންމެހެން ހިތްހަމަޖައްސައިދިނުމަކަށް ބުނާ ވާހަކައެއް ނޫނެވެ. ދެމެދުގައިވާ ހިތްދަތިކަން ދެމީހުންނަށް ވެސް އެއްވަރަކަށް އިހުސާސްވިކަން ޔަގީންކުރުމަށް އަހާ އެހުމެއް ކަމަށް ބެލެވެއެވެ.

ލަވައިގެ ފަހު ބައިތުގައި، އާރްތީ ބުނެފިނަމަ މިރޭ ހަނދު ނުއޮއްސޭނެ ކަމަށް ޖޭކޭ ބުނެލައެވެ. އެކުގައި ހޭދަކުރާނެ އިތުރު ދިރިއުޅުމެއް ބާކީ ނެތްކަން ޤަބޫލުކޮށް، ހަމައެކަނި މި ރޭގަނޑު ނިމުނަ ނުދީ ހިފަހައްޓާލުމަށް އޭނާ އެދެއެވެ. ވަކިވާން ޖެހުނު ސަބަބަކަށް ބަދަލެއް ނާދެއެވެ. އަލުން ގުޅޭނެކަމުގެ ވައުދެއް ވެސް ނުވެއެވެ.

މި ލަވައިގެ އެންމެ ހިތްގައިމުކަމަކީ، ބޭރުފުށުން ފެންނަ މަޑުމައިތިރިކަމުގެ ނިވަލުގައި ފޮރުވިފައިވާ ޖަޒުބާތުތަކެވެ. އެކަކު އަނެކަކަށް ކުރާ އިހްތިރާމާއި ލޯބި ފާޅުވަނީ އެކަކު އަނެކަކަށް ބަލާލާ ފަހަރުތަކުގައެވެ. ލުއި ލުއި ޙަރަކާތްތަކުންނެވެ. އެކަމަކު އެ ހިމޭންކަމުގެ ފަހަތުގައި، ގެއްލުނު ދުވަސްތަކުގެ ހިތާމައާއި، އެކަކު އަނެކަކަށް ބޭނުންވެފައިވާ މިންވަރު ސާފުކޮށް އިހުސާސްވެއެވެ. ބުނަން ބޭނުންވާ އެތައް ވާހަކަތަކެއް ހުއްޓަސް، ހިތުގައި އަޅާ ވޭން ބޭރުނުކޮށް، ޖަޒުބާތުތައް އޮބަހައްޓައިގެން ތިބި ދެ މީހެއްކަން ވަރަށް ސާފެވެ.

ލޯބީގެ ގިނަ ލަވަތަކުގައި އެދެނީ އަބަދަށް އެކުގައި އުޅުމަށެވެ. އެކަމަކު މި ލަވައިގައި އެދެނީ ހަމައެކަނި ފަތިސްވަންދެން މަޑުކޮށްލުމަށެވެ.