މިއަދުގެ ޒުވާނުން ނެޓްފްލިކްސް އިން "ބިންޖް ވޮޗް" ކުރަން ފެށުމުގެ މާ ކުރިން، އަހަރެމެން މިލެނިއަލުން ތިބީ އެހެން ކަހަލަ "ބިންޖެއް" ގެ މަސްތުގައެވެ. އޭރު ސްމާޓްފޯނެއް ނެތެވެ. ޓިކްޓޮކެއް، އިންސްޓަގްރާމެއް ނެތެވެ. އެކަމަކު އޮތީ ބޭރުގަނޑު ބައުވެ، ރަން އަކުރުން ނަން ޖަހާފައި އޮންނަ، އެތައް ބަޔަކު ކިޔައިގެން ގަނޑުތައް ރީނދޫވެފައިވާ ޕޭޕާބެކް ވާހަކަފޮތެކެވެ. 

އެ ޒަމާނުގައި އަހަރެންގެ ދުނިޔެ ބަދަލުކޮށްލި ޖާދޫގަރަކީ އެހެން އެއްވެސް މީހެއް ނޫނެވެ؛ ލިޔުންތެރިޔާ ސިޑްނީ ޝެލްޑަން އެވެ. 

އެއީ ގޭތެރެއިން ފެށުނު ކަމެއް 

މަންމަކައިރީގައި އޮވެގެން ހަފްތާ ވާހަކަ އަޑުއެހުމަކީ އޭރު ވަރަށް ކުރާހިތުން ކުރި ކަމެކެވެ. ސައިކުރާ ނައީމްގެ މަންމަ ވާހަކަވީ އެގޮތަށް މަންމަ އާއެކު އަޑުއެހި އެންމެ ރީތި އެއް ވާހަކަ އަށެވެ. އޭގައި އުޅެނީވެސް ހަސަންއެކެވެ. އިބްރަތްތެރި ރީތި ވާހަކަ އެކެވެ. އެކަމަކު އޭރުވެސް ފޮތް ކިޔާހިތެއްނުވެއެވެ. 

ނަމަވެސް އޭރު ގޭތެރޭގައި ފޮތްކިޔުމުގެ އާދަ އޮތްވަރުބޮޑުކަމުން ފޮތް ކިޔާނަމޭ ހިތާ ފުރަތަމަ ބެލީ ފޮޓޯ ރޮމޭންސްއެވެ. ކިޔާނެ މާބޮޑު އެއްޗެއް އޭގަނޯވެއެވެ. އަނެއްކޮޅުން ދައްތަ އިންނާނީ ޑެނިއަލް ސްޓީލްގެ ލޯބީގެ ދުނިޔެއަށް ގެއްލި ހުސްވެފައެވެ. ކުޑޭއަކީ އަތުޖެހުނު ކޮންމެ އެއްޗެއް ކިޔަމުން ދިޔަމީހެކެވެ. 

އެ ދެމީހުން މިއުޅޭގޮތް ކޮޕީކުރާނަމޭ ހިތާ، އަހަރެންގެ އުމުރުން 14 ނުވަތަ 15 އަހަރުގައި ފޮތެއް ކިޔޭތޯ ބަލަން ފުރަތަމަ ނެގުނީ ސިޑްނީ ޝެލްޑަންގެ ފޮތެކެވެ. 

އެއަށް ފަހު، އުމުރުން ސާޅީހުން މައްޗަށް ދިޔައިރުވެސް އަދިވެސް އެ ފޮތްތަކުގެ ޖޮންރާގެ އަސަރެއް ނުކެނޑެއެވެ. ސްކޫލް ނިންމާފައި ގެއަށް އައިސް، ފޮތްދަބަސް އެއްލާލުމަށްފަހު، މެންދުރުފަހު އެއްކޮށް ޓިއުޝަނަށް ދާންވަންދެން އެނދަށް ވެއްޓިގަނެގެން ފޮތެއް ހިފައިގެން އޮތް ހަނދާނަކީ އަދިވެސް ހިތަށް އެންމެ ފިނިކަން ގެނެސްދޭ އެއް ހަނދާނެވެ. 

އެންމެ ގިނައިން ފޮތްކީފާ ހުންނާނީ ފާހާނަ ތަށިމަތީގައި އިނދެގެން ކަންނޭގެއެވެ. ފޮތްކިޔާތީ މީހަކު އެއްޗެއް ނުބުންޏެއްކަމަކު އަހަރެން މި އުޅެނީ ޕެރިހާއި ވޮޝިންޓަންގެ ކަހަލަ ބޮޑެތި ސިޓީތަކުގައި އުސް އިމާރާތްތަކުގެ މަތީ ރާވާ މަކަރުވެރި ރޭވުންތަކުގެ ތެރޭގައެވެ. އަބަދުވެސް ހުރެވެނީ ނުވެސް ދަންނަ ބަޔަކު ދެންކުރާނީ ކޮންކަމެއްބާއޭ ހިތަށް އަރުވާލަ އަރުވާލައެވެ. 

ދިވެހި ލިޔުންތެރިންގެ ތެރެއިން މިފަދަ ގޮތަކަށް ސަސްޕެންސުން ކިޔުންތެރިޔާ ބަނދެލާ، ސިކުނޑި ސްޓިމިއުލޭޓް ކުރާ ލިޔުންތެރިއެއް ގޮތަށް ފާހަގަވީ މޫސާ ލަތީފެވެ. އޭނާގެ ވާހަކަތަކަށް ދެވުނު ޝައުޤު އެންމެ ބޮޑަށް ގުޅުވައިލެވުނީ ޝެލްޑަންގެ ލިޔުމުގެ ސްޓައިލާއެވެ. 

ލަގްޒަރީ ދިރިއުޅުމާއި އާދަޔާ ޚިލާފަށް މުއްސަނދި ކުށްވެރިން 

އެ ދުވަސްވަރު އަހަރެންގެ ސިކުނޑީގައި އެންމެ ބޮޑަށް އެނބުރުނު އެއް ކަމަކީ، ޝެލްޑަން ސިފަކޮށްދޭ ވޮޝިންޓަންގެ ޝާހީ ދަރުބާރުތަކާއި، ޕެރިހުގެ އެ މުއްސަނދި، 'ލަގްޒަރީ' ދިރިއުޅުމެވެ. ހިތަށް އަރައެވެ: މި ވާހަކަތަކުގައި ފައިސާ ގިނަވެގެން ހަދާނެ ގޮތެއް ނޭނގިގެން އުޅޭ ހުރިހާ މުއްސަނދިން ބޮޑެތި މުޖުރިމުންނަށް މިވަނީ ކީއްވެބާއޭ؟ 

އެމީހުންނަށް އަޅެ މަދީ ކޯއްޗެއްބާވަ އެވެ؟ 

އެ އުޅެލަނީ ޕްރައިވެޓް ޖެޓްތަކާއި، ޔޮޓްތަކާއި، ވިލާތަކުގައެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ މީހުންނަކީ ދަހިވެތިކަމާއި ކުށުގެ ވެށީގެ އެންމެ ބޮޑެތި "މާސްޓަމައިންޑުން" ގެ ގޮތުގައި ޝެލްޑަން ދައްކުވައިދިން ގޮތުން 14 އަހަރުގެ އަހަރެން ހުންނަނީ ހައިރާންވެ އަންތަރީސްވެފައެވެ. 

އަހަރެންނިންމީ ވަކިވަރަކަށް ފައިސާގިނަވީމައި ދެން ދާން އިންނަ "ނެކްސްޓް ލެވެލް" އަކީ އެއީކަމުގައެވެ. 

ހަނދާނުން ފޮހެލަން ދަތި ބައެއް ވާހަކަތައް

އަދިވެސް އެ ފޮތްތަކުގެ ނަންތައް އިވުމުން ގައިން ހީބިހި ނަގައިގެން ދެއެވެ:

● ދަ އަދާ ސައިޑް އޮފް މިޑްނައިޓް: މިއީ ބަދަލުހިފުމުގެ އަސްލު މާސްޓަރޕީސްއެވެ. ނޮއެލް ޕޭޖް ގެ ހަޔާތަކީ ހިތާމަ އާއި މަކަރުވެރިކަމުގެ ބޮޑު ދަންތުރައެކެވެ. ފްރާންސްގެ ނިކަމެތި އަންހެން ކުއްޖާ، އޭނާއަށް ކެހިދިން ލެރީ ޑަގްލަސްގެ ދުވަސް ދުއްވާލަން މުޅި ދުނިޔެ އެފުށް މިފުށަށް ޖެހި އަންހެނަކަށް އޭނާ ވިއެވެ. މި ފޮތުގެ ނިމުން އައި ގޮތުން އަހަރެން އެތައް ދުވަހަކު ބަސްހުއްޓިފައި އިނީމެވެ. އަދި މިއީ އޭރު އަހަރެން އެންމެ ފުރަތަމަ ކީ ސިޑްނީ ޝެލްޑަންގެ ވާހަކައެވެ.

● ދަ ސޭންޑްސް އޮފް ޓައިމް: ސްޕެއިންގެ ފަރުބަދަތަކުގެ ތެރޭގައި ފިލައިގެން ދުވާ ބާސްކް ހަނގުރާމަވެރިންނާއި، ފައްޅިއެއްގެ ތެރެއިން ކުއްލިއަކަށް މަގުމަތިވި ހަތަރު ނަނުންގެ މިވާހަކަ އަކީ އާދަޔާޚިލާފުނޫނަސް، އަހަރެން އާޝޯޚްކުރުވި ވާހަކައެކެވެ. މިއީ ހަމައެކަނި އެކްޝަން ތްރިލާއެއް ނޫނެވެ؛ އިންސާނީ އިހުސާސްތަކާއި ސިއްރުތަކުން ފުރިގެންވި، ތަފާތު ގޮތަކަށް ލިޔެފައިވާ ވަރަށް މޮޅު ވާހަކައެކެވެ.

● ދަ ބެސްޓް ލެއިޑް ޕްލޭންސް: ލެޒްލީ ސްޓެވާޓްގެ ސިކުނޑި ތޫނުކަމެވެ. ބާރުވެރިކަމުގެ ދަހިވެތިކަމުގައި އޭނާގެ ހިތް ހަލާކުކޮށްލި އޮލިވާ ރަސަލް ކުޑަކަކުލަށް ތިރިކޮށްލަން މީޑިއާ އެމްޕަޔަރެއް ބިނާކުރި ގޮތެވެ. ފިރިހެނުން ސިޔާސީ ބާރުވެރިކަމުގައި ތިއްބަސް، ގޭމް ކުޅޭނެ ގޮތް ނިންމީ ލެޒްލީއެވެ.

● ޓެލް މީ ޔޯ ޑްރީމްސް: މިއީ އަހަރެންގެ ސިކުނޑި އެއްކޮށް ގޮއްވާލި ފޮތެކެވެ. އެޝްލީ، ޓޯނީ، އަދި އެލެޓް، މި ތިން އަންހެނުންގެ ފަހަތުން ހިނގަމުން ދިޔަ ސިއްރު މަރުތަކެވެ. އެކަމަކު ވާހަކައިގެ މެދުތެރެއިން ޝެލްޑަން ގެނެސްދިން ޓްވިސްޓް، މަލްޓިޕްލް ޕާސަނަލިޓީ ޑިސްއޯޑާ އަލަށް އަޑު އެހި ހިސާބުން، އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގޭކަން އިހުސާސްވިއެވެ. ފުރަތަމަ ހީކުރީ އެއީ ސައިންސް ފިކްޝަން ކަމެއް ކަމަށެވެ. އެދުވަސްވަރަކީ އެކްސް ފައިލްސް ޓީވީއެމްއިން ދެއްކި ދުވަސްވަރެވެ. އެހެންވެ ގަބޫލްކުރަން ދަތި ކޮންމެ ކަމެއް ވެފައި އޮންނަނީ ސައިންސް ފިކްޝަން ކަމަކަށްވެ ނިމިފައެވެ. އެކަމަކާހުރެ ދެތިން ދުވަހު ފޮތް ނުކިޔާވެސް ހުރީމެވެ. މާބޮޑަށް ބޮލަށް ބަރުވީއެވެ. އެއީ ލިޔުންތެރިއަކު އަހަރެންފަދަ ކޮށި ކިޔުންތެރިއެއްގެ ސިކުނޑިއާ އެހާ މޮޅަށް ކުޅެލީމައެވެ.

ޝެލްޑަންގެ ވަރުގަދަ އަންހެން ކެރެކްޓަރުން 

ސިޑްނީ ޝެލްޑަންގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭނާގެ ވާހަކަތަކުގެ އަންހެން ކެރެކްޓަރުންނެވެ. ޝެލްޑަން ގެނެސްދިނީ ކެހި ލިބުމުން ރުއިމުގެ ބަދަލުގައި، ސިކުނޑި ބޭނުންކޮށްގެން މުޅި ދުނިޔެ ކުޑަކޮށްލާ ކަހަލަ އަންހެނުންނެވެ. އެމީހުންނަކީ ކޮންމެހެންމާ މައުސޫމް ބައެއް ނޫނެވެ؛ އެކަމަކު އަނިޔާވެރި ދުނިޔެއެއްގައި ތެދުވެ، އަމިއްލަ ބާރު ދެއްކި ހިތްވަރުގަދަ ބައެކެވެ.

އަލުން އެނބުރި ނުލިބޭނެ އެހަނދާންތައް 

މިއަދު 42 އަހަރު ފުރި، ދިރިއުޅުމުގެ ޒިންމާތަކާއި ސްކްރީންތަކުގެ ތެރޭގައި ބޯބުރާންތި ވެފައިވާއިރު، އެ ނޮސްޓަލްޖިއާ، އެ ދުވަސްތައް ވަރަށް މިސްވެއެވެ. ކުޑޭ ކިޔާ ނިމޭތަނުން ޝެލްޑަންގެ އެ ފޮތްތައް ހޯދައިގެން، ކުލާހުގެ ޑެސްކު ދަށުގައި ވަގަށް ފޮތް ކިޔަން އިން ޒަމާނެވެ. ކުލާސް ހުރިހާ އެންމެން ފްރެންޑްސް މަޖާވެގެން އެވާހަކަ ދައްކާއިރު އަހަރެންނަށް ފްރެންޑްސްގެ ވާނުވާ އެއް ނޭގެއެވެ. 

އެޔަށްވުރެ އަހަރެންނަށް މި އުޅެވެނީ މާސީރިއަސް ކަންތައް ގަނޑެއްގެ ތެރޭގައެވެ. ސިޑްނީ ޝެލްޑަން އަހަރެމެންނަށް ދިނީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. އޭނާ އަހަރެމެންނަށް ދިނީ ފޮތުގެ ސަފުހާތަކުގެ ތެރެއަށް ގެއްލި، ހަގީގީ ދުނިޔެ މަތިން ކުޑަ ވަގުތުކޮޅަކަށް ހަނދާން ނައްތާލެވޭނެ އަޖައިބެއް ފަދަ ތަޖުރިބާއެކެވެ. 

އެވާހަކަ ތަކުގެ ޒަރީއާއިން އޭރު ހަފްތާއަކު އެއްފަހަރު ޔޫރަޕަށް ދެވެއެވެ. ވޮޝިންޓަންއަށް ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް ދެވެއެވެ. އަނެއްކާ އެންމެ އަޖައިބުވަނީ އެ ވާހަކަތަކުގައި އުޅޭ އެންމެންވެސް ކޮފީ ތަށި ހިފައިގެން މަގުމަތީ ހިނގާތީއެވެ. 

އަނެއްކާ ސޫޓެއް ލައިގެން، އެއް އަތުން ހިފައިގެން ސޭންޑްވިޗް ކަމުން އަނެއް އަތުން ކޮފީތަށި ހިފައިގެން މީހުން އުޅޭތީވެސް އެކަމާވެސް ހާދަ ހައިރާނެއްވެއެވެ. ސަބަބަކީ އޭރަކީ އަދި އަހަރުމެންގެ ތެރެއަށް ނެސްކެފޭ މިލްކުގަނޑެއް ވެސް ރަގަޅަށް ވައިގައި ނުހިފާ ޒަމާނެކެވެ. 

ޔޭޔޭ ކޮފީގެ އިސްތިހާރު ގަދައަށް އޭރު ޓީވީއިން ދައްކައެވެ. އެސްޖެހި ގެލެރީގައި ލަވާޒާ ޕްރޮމޯޓް ކުރަން އޭދަފުށީ އިގްބާލްމެން ތިބޭ ހަނދާންވެއެވެ. އަލްފްރެސްކޯގައި ސެގަފްރާޑޯ ލިބެން ހުރެއެވެ. އެކަމަކު ގާޒީ ބިލްޑިންގް އަށް ކޮފީ ތަށި އަތަށްލައިގެން މީހަކު ދަނިކޮށް މަށެއް ދުވަހަކުވެސް ނުދެކެމެވެ. 

އެހެންވީމަ، ސިޑްނީ ޝެލްޑަންގެ ދުނިޔެއިން އަހަރެން އެންމެ އަޖައިބުކޮށްލި ކަންކަމުގެ ތެރެއަށް އެ ކޮފީ ތަށި ވެސް އޮހުނީ އެވެ.