މެރިހާނާ

ހުވަދޫ ދަތުރު މީރުކޮށްދިން ރައްޓެހިންނަށް ފިނިފެންމަލުގެ ޑަބިޔަލެއް

އާއިލާ އާއި ރަހުމަތްތެރިންނަކީ ދިރިއުޅުމުގެ ތެރެއިން ދިމާވާ އިއްތިފާގެއް ނޫނެވެ. އެއީ ހަޔާތުގެ މި ބިނާ ކޮޅަށް ނަގައިދޭ މައިތަނބުތަކެވެ. ދުވަސްތަކަށް މާނަ ގެނެސްދޭ ރޫހުތަކެވެ. ދަތުރު އަމާންކޮށްދޭ ސަމުގާ އެވެ.

ހުވަދޫ ދަތުރު މީރުކޮށްދިން ރައްޓެހިންނަށް ފިނިފެންމަލުގެ ޑަބިޔަލެއް
އަހްމަދު ނަދީމް

އަހްމަދު ނަދީމް

· 23 ސެޕްޓެމްބަރު 2026

8 މިނެޓު

ކޮންމެވެސް އަތޮޅަކަށް ގޮސް މުޅި އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް މީހުންނާ ބައްދަލުކޮށް އިންޓަވިއުކުރުމަކީ ނޫސްވެރިކަމުގެ މި ހަޔާތުގައި އަބަދުވެސް ކުރަން ބޭނުންވެފައި ހުރި ކަމެކެވެ. އެކަމަކު އެތަން މިތަނުގައި އުޅެވި އެތައް ހުވަފެނެއް ބެލުނުއިރު ވެސް މި ހުވަފެން އޮތީ ހަގީގަތަކަށް ނުވެފަ އެވެ.

އަބަދުވެސް އެންމެ ފަސޭހައިން ދެވޭ އަތޮޅަކަށް ވެފައި އޮތީ ވަޒީފާގަނޑު ގެއްލުނީމަ ނުވަތަ މާލޭ މަތިން ފޫހިވީމަ ކޮންމެފަހަރަކުވެސް ޖައްސާލެވޭ އައްޑޫ އަތޮޅެވެ. އެކަމަކު އައްޑޫ އަތޮޅަކީ މިހާރު ބޯހަމަޖައްސާލަން ދާން ހެޔޮވާވަރުގެ ހިސާބެއް ނޫނެވެ. އެ އަތޮޅު ވެސް އެ އޮތީ މިހާރު ބޯހަމަޖައްސާލަން އެހެން ތަނަކަށް ދާން ޖެހިފަ އެވެ.    

އައްޑޫ އަތޮޅަށް ގޮސްގެން ހިތަށް ލިބުނު ފަރުވާ އަށް ވުރެ ބޮލަށް ލިބުނު ގެއްލުން ބޮޑޭ ބުނެފިއްޔާމު ދެން ދާ ފަހަރެއްގައި 'މެރިހާނާ' އަށް ނުވެސް ވައްދަފާނެ އެވެ. އެކަމަކުވެސް މި ހަގީގަތާ ހިތަކާ ވަކިކުރެވޭކަށް ނެތެވެ.

އެހެންވީމަ އައްޑޫ އަތޮޅުގައި އުޅެލާފައި އާރުޓީއެލްގެ ފެރީގަނޑެއްގައި ފުރައިގެން ދިޔައީ ފުވައްމުލަކަށެވެ. ފުވައްމުލަކުގައި އަޅުގަނޑުގެ އާއިލާގެ އެއްބައި އޮތަސް މިއީ އުމުރުގައި ވެސް އެ ރަށަށް ދެވުނު ފުރަތަމަ ފަހަރެވެ.

ފުވައްމުލަކުގެ އެ ދަތުރުވެގެން ދިޔައީ އާއިލާގައި ތިބޭ މީހުންގެ މުހިންމުކަން އިހުސާސްކޮށް ދިރިއުޅުމުގެ ވަރަށް މުހިންމު ފަލާވަޅުތަކެއް ނަގައިދިން ތަޖުރިބާ އަކަށެވެ. އާއިލީ ގުޅުމަށް އިސްކަން ދޭން ޖެހޭ ވަރާއި އިހުތިރާމުކުރަން ޖެހޭ ވަރާއި އާއިލީ ގުޅުމުގެ ބާރު އަހަންނަށް ވަރަށް ރަނގަޅަށް ބުނެދިން ދަތުރެކެވެ.

އެހެންވީމަ ފިނިފެންމަލުގެ އެއް ޑަބިޔާ މި ޖެހެނީ ފުވައްމުލަކުގައި ތިބި އާއިލާގެ މެމްބަރުންނާއި އެ ރަށުން ލިބުނު އައު ރައްޓެހިންނަށް ދޫކޮށްލާށެވެ. ސަބަބަކީ އައްޑޫ އަތޮޅުން ނެގި އިންޓަވިއުތަކަށް ފަހު މާނައެއް ނެތް ކަނޑަކަށް ހުއްޓިފައި އޮތް އަޅުގަނޑުގެ ސިކުނޑީގައި ލިޔުންތެރިކަމުގެ އިންޖީނު އަލުން ހިނގައިގަތީ ފުވައްމުލަކޭ އެ ކިޔާ ސުވަރުގެއަކަށް ދެވުނު ފަހުންނެވެ.

ފެމުނު މިޔަރެއް ބަލަން އޮތްވައި ފުވައްމުލަކުގެ ހުވަފެނުން ހޭލެވުނުއިރު އަހަރެންގެ މި ދަތުރުގައި ގދ. ވާދޫ އަށް އާރުޓީއެލްގެ ފެރީ ބަނދަރުކޮށްފި އެވެ. އަދި އެއް ގަޑިއިރުގެ އެ ދަތުރުން ފޭބުމާ އެކު ވާދޫ އަށް ހަމަ ރަނގަޅަށް ވެސް ހިތް ދޫ ވެއްޖެ އެވެ.

އެކަމަކު މަޑުކޮށްބަލާށެވެ؛ އަބަދުވެސް މި އިވެނީ ހުވަދޫ މީހުންގެ ގޯސް ވާހަކަ އާއި ނުލަފާ ވާހަކަ އެވެ. ހަކުރުބޯ ވާހަކަ އާއި ވަޅިޖަހާ ވާހަކަ އެވެ. މީހުން ވަގަށް ނަގާ ވާހަކަ އެވެ.

އަހަރެން މި އުޅެނީ ހުވަދޫ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދާންވެގެންނޭ ބުނީމަ ވެސް ގިނަ ބަޔަކު ދިން އިންޒާރަކީ މި އެވެ. އެކަމަކު ހުވަދޫ އަތޮޅުގައި މިއޮތް ކަމެއް ބަލަން އަދި ތަންކޮޅެއް ގާތަށް ޖެހިލަންވީ ނޫންތޯ އެވެ.

ފުވައްމުލަކުން ފުރިއިރު ގދ. ވާދޫގައި އަޅުގަނޑުގެ ހަމަ އެއްވެސް ރައްޓެއްސަކު ނެތެވެ. އެކަމަކު ދެން މި އޮތީ ވާދޫން ލިބުނު ފްރެންޑުންކޮޅެއްގެ ވާހަކަ އެވެ.

އެ ރަށު ޑޭޒީމާގެ މުހައްމަދު ސައީދު އަދިއަދާ ހަމަ އަށް ލޮލަށް ފެނި ބައްދަލުވެފައި ނެތަސް އެ ބޭފުޅާ އަކީ މި ދަތުރުގެ ފުރަތަމަ އާރުކާޓީ އެވެ. 'ސައީދުބެ' އާ ދިމާވީ ރެލީ ބައިސިކަލެއްގައި ޖެހި ލިޔުންތެރިކަމުގެ ބުރަކުންނެވެ. 'ޔޫސްޑް އައިޓެމް' ޕޭޖެއްގައި އޭނާ ވިއްކާލަން ޖަހައިގެން އުޅުނު ވިންޓޭޖު ރެލީ އަކަށް ހިތުގައި އުފެދުނު ޝައުގުވެރިކަމެއްގެ ތެރެއިންނެވެ.

"ބައިސިކަލް ވިކިއްޖެ އެވެ. ވާދޫ އަށް ދާ ނަމަ އަޅުގަނޑަށް ގުޅަންވާނެ އެވެ. ހުރިހާ ކަމެއް ހަމަޖައްސައިދޭނަމެވެ،" އެ ބައިސިކަލާ ބެހޭ ގޮތުން ލިޔުނު އާޓިކަލް ޖެހިތާ ދެ ތިން ދުވަސް ފަހުން ގުޅި ސައީދުބެ މިހެން ބުނެފި އެވެ.

އޭރު ފުވައްމުލަކުގެ ދަތުރު ނިމި، ގދ. އަށް ފުރަން ކަމަރު ބަންނަނީ އެވެ.

ދަތުރު ފެށީމަ މަންޒިލަކަށް ފޯރާނެ އެވެ. ވަގުތު ޖެހުނީމަ އެ ދަތުރު ފަސޭހަ ވެސް ވާނެ އެވެ. ސައީދުބޭގެ ފޯނު ކޯލަށް ފަހު އަޅުގަނޑުގެ ހިތަށް އެރީ މިހެންނެވެ.

ސައީދުބެ މެދުވެރިކޮށް ވާދޫން ދެން ލިބުނީ ރަޝީދުބެ އެކެވެ. ވާދޫން ހަމަޖައްސައިދޭން ޖެހޭ ހުރިހާ ކަމެއް ސައީދުބެގެ ސްޕެޝަލް އެޖެންޓެއްގެ ގޮތުގައި އަޅުގަނޑަށް ހަމަޖައްސައިދިނީ 'ރަޝީދުބެ' ނުވަތަ މުހައްމަދު ރަޝީދެވެ. 'ރަޝީދުބެ' އަކީ 25 އަހަރު ވަންދެން ރިސޯޓް އިންޑަސްޓްރީގައި އުޅެފައި 2017 ވަނަ އަހަރު ރަށަށް ބަދަލުވި ގޮތަށް ކުޑަ ގެސްޓްހައުސްއެއް ހިންގަމުން ޑިންގީ މަސްވެރިކަމުގައި އުޅޭ ކޫލު މީހެކެވެ.

ފަރެސްމާތޮޑާ އަށް ދާން އެބަޖެހެއޭ އެ ރަށުން ސަޅި މީހަކު ނުދަންނަމު ހެއްޔޭ ހަމަ އަހާލާއިރަށް ފަރެސްމާތޮޑާގައި އުޅޭ މަޝްހޫރު ބުޅި މުހައްމަދެއްގެ ވާހަކަ އޭނާ ކިޔައިދޭން ފެށީ މަސްވެރިކަމަށް އެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ވާދޫގައި އޮތް ބޯދާ ތާރީޚާއި ކައްޓަލަ ލުނބޮޔިން ބަނޑުފުރާލައިގެން އަހަރެން ދެން ފުރީ ފަރެސްމާތޮޑާ އަށެވެ.

ފެރީން އެރަށަށް ފޭބިއިރު އަޅުގަނޑުގެ އިސްތިގުބާލުގައި ބުޅި މުހައްމަދު އައިސް އިނެވެ. ރަށު ތެރޭގައި އެއް ތަނުން އަނެއް ތަނަށް ދިއުމަށް އޭނާ ބޭނުންކުރާ ބަގީގަ އެވެ. އަދި ސަލާންގަލާންކޮށްލުމާ އެކު އެ ބަގީ އަށް އަހަރެން އަރުވައިގެން ނައްޓާލައިފި އެވެ.

މި ދަނީ ކޮންތާކަށް ހެއްޔޭ އަހާލީމަ، މި ދަނީ ތިމަންނާގެ މެހުމާނަށް ނާސްތާއެއް ހަމަޖައްސައިދޭން ނޫން ހެއްޔޭ ބުނެފި އެވެ. ދެން އެ ހިސާބުން އެ ފެށުނީ ބުޅި މުހައްމަދުގެ ހަޔާތުގެ ވާހަކަތަކާއި ރަށުގެ ވާހަކަތަކާއި ގައުމުގައި އޮތްހާ ވާހަކަ އެކެވެ.

އޭނާގެ އަންހެނުން ތައްޔާރުކޮށްފައި ހުރި ނާސްތާގައި ހުރީ ހުނިރޮއްޓާއި ބަނޑައިދުލެވެ. ތެލުލިމަހާއި ތެލުލިފަތާއި ތެލުލިރިހާކުރެވެ. ލޮނުމިރުހާއި ބޮޑު ލުނބޮޔާއި ދިލަފިޔަޔާއި ތޮޅިމިރުހެވެ. ފަރުތޮޅިޔާއި ފަސްރޮނގުމަހުގައި ކައްކާފައިހުރި ހޫނު މީރު ގަރުދިޔަ އެވެ. ކާމިޔާބީގެ ލޮނުހެޔޮވަރުކޮށްދޭ ހުރިހާ ރަހައެކެވެ.

ބުނަމު ހެއްޔެވެ؛ އެއީ ހަނދާނުން އޭގެ ރަހަ ފިލައިގެން ނުދާނެ ބްރޭކްފާސްޓެކެވެ. އަދި ބުޅިމުހައްމަދާއި އޭނާގެ ރަށުން ލިބުނު މެހެމާންދާރީމަތިން އަޅުގަނޑު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ.

އެކަމަކު މި އެކުވެރިކަމާއި ހިތްހެޔޮކަން ފެނުނީ ހަމައެކަނި ހުވަދޫ އަތޮޅުގެ ވަކި ރަށަކުންނެއް ނޫނެވެ. ފަރެސްމާތޮޑާ އިން ފުރައިގެން ގދ. ގައްދޫ އަށް ދެވުމުން ދެން ހީވީ އުޅެ ބޮޑުވި ރަށަކަށް ދެވުނު ހެންނެވެ. އުފަން ރަށުގައި ނެތްވަރުގެ އުފާވެރި ހިޔަލަކުން މަރުހަބާ ކިޔައިފި އެވެ.

ހޭ ނަކަތުގެ ގަދަ ވަޔާއި ވިއްސާރައިގެ ތޫފާނެއްގައި ގައްދޫގައި ހަފުތާއެއްހާ ދުވަސްވީއިރު އޭގެ އެއްވެސް ބިރުވެރިކަމެއް ހިތަށް ނުވަނީ އެމީހުންގެ ހިޔަލުގައި ދިން ފުރިހަމަ ރައްކާތެރިކަމުންނެވެ. ހިތްފުރިފައި އޮތީ އެމީހުންގެ ހިޔަލުގައިވީ ހިތްހެޔޮކަމުންނެވެ. އެމީހުންގެ ދީލަތިކަމުންނެވެ.

ރަތަފަންދޫގައި ރައްޓެއްސަކު އަހަރެން ބެހެއްޓީ އޭނާގެ ގޭގަ އެވެ. ނަޑައްލާގައި އަހަރެން ގޮވައިގެން އުޅުނީ އެ ރަށުގެ ކައުންސިލުން ތައާރަފުކޮށްދިން މަސްވެރި ދެމަފިރިންނެވެ. އެއީ އަހުމަދު އިއްޒަތާއި އޭނާގެ އަންހެނުން، މަރިޔަމް ޝުހުރަތު އެވެ.

ދެ މީހުންނަކީ ކަނޑާއި ފަޅާއި ފަރުގައި އުޅެބޮޑުވެ ޒަވާޖީހަޔާތުގެ އުފާވެރި އެ ގަނޑުވަރު މި ކުޑަކުޑަ ރަށުގެ ފަރުމަސްވެރިކަމުގައި އަޅައި އުސްކުރަމުން ގެންދާ އާދަޔާހިލާފު ދެމަފިރިންނެވެ. ދެ މީހުން އެކުގައި ޑިންގީއެއްގައި ނުކުމެ ބާނައިގެން ގެންނަ ފަރުމަސް ގޭގައި ފްރިޖުކޮށް ވިއްކާތާ މިހާރު ދެ އަހަރުވީ އެވެ. ހަމަ ކޮންމެ ދުވަހަކުވެސް އިއްޒަތުމެންގެ އިން ތާޒާކަންމަތީގައި ފަރުމަހުގެ އެންމެ މީރު ނަންތައް ލިބެން ހުރެ އެވެ.

އެހެންކަމުން އެމީހުންގެ ގެއިން ކާލަން ލިބުންވީ ހަގީގަތުގައި ވެސް އިއްޒަތަކަށެވެ. ވައްތަރު ވައްތަރުގެ ފިލޮޅާއި ކަޅުއޮށްޓާއި އޮރި މަހުން ފެށިގެން ގޮސް ގިނިމަހާއި ފާނައިގެ ވައްތަރުތަކާއި ސުފުރާގެ ރާޖާކަމުގައިވީ ރަތްމަސް ވެސް ކޮންމެ ދުވަހަކު އެކި ގޮތްގޮތަށް ތައްޔާރުކޮށްފައި ލިބެމުން ދިޔައީ އެ ރަށުން ފުރައިގެންދާ ހިތްނުވާ ވަރަށެވެ.

ނަމަވެސް ވަގުތު ޖެހުމުން ކޮންމެ ކަމެއް ވެސް ނިމުމަކަށް އާދެ އެވެ. އަދި އައު ދޮރެއް އަނެއްކާވެސް ހުޅުވެ އެވެ.

އާރުޓީއެލްގެ ފެރީއެއްގައި ނަޑެއްލާ އިން ފުރައިގެން އަހަރެން ދެން ދިޔައީ އެ އަތޮޅުގެ ފިޔޯރީ އަށެވެ. އެ ރަށަކީ ގދ. އަތޮޅުގެ ފަހުރާ ގުޅިފައިވާ ތުނޑުކުނަލަށް ބޭނުންވާ ހައުގެ ދަނޑުވެރިކަން އެންމެ ފުޅާކޮށް ކުރިއަށް ގެންދާ ރަށެވެ.

އޭގެ ފަހުން ހޯޑެއްދޫ އަށެވެ. އަދި ޖެހިގެން އޮތް މަޑަވެއްޔަށް ދާން ބެލިއިރު، ހަވީރު ނޫހާއި މިހާރު ނޫހުގައި އަޅުގަނޑާ އެކު މަސައްކަތްކުރި ކުޅަދާނަ ނޫސްވެރިޔާ ފަޒީނާ އަހުމަދަކީ މަޑަވެއްޔަށް ނިސްބަތްވާ ހުނަރުވެރިއެކެވެ. އެކަމަކު އޭނާގެ އޮތީ ހަމައެކަނި ނޫސްވެރިކަމުގެ ހިތެއް ނޫންކަން ސާބިތުކޮށްދިނީ އެ ރަށުން އަޅުގަނޑަށް ހަމަޖައްސައިދިން އިންތިޒާމުތަކުންނެވެ.

މަޑަވެލީގެ ދަތުރަށް ފަހު ގދ. ތިނަދޫ އަށް އަޅުގަނޑު ދިޔައީ އެއްގޮތަކަށް ވެސް ރަށުން އިންޓަވިއުތަކެއް ނަގާކަށެއް ނޫނެވެ. އެކަމަކު އޭގެ ހަ މަސް ކުރިން އައްޑޫގައި ހުރެގެން އަޅުގަނޑު އިންޓަވިއުކޮށް ޕްރޮފައިލް ލިޔުނު އާދަޔާހިލާފު ޝަހުސިއްޔަތަކާ އެންމެފަހުން ގޮސް ބައްދަލުކުރުމުގެ ނިޔަތުގަ އެވެ. އެއީ އެ ރަށުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ، ގިރިންދާގެ މުހިންމު މެމްބަރެއް ކަމަށްވާ އަބްދުﷲ ހަސަން ނުވަތަ އަބޫ އެވެ.

މަސްތުގެ ހާއްޔެއްގައި އޮތް ދިރިއުޅުން ބަދަލުކޮށް އެ ވަބާއިން ޖީލެއް ސަލާމަތްކުރުމަށް އަތުކުރިއޮޅާލައިގެން މުޅި ހުވަދޫ އަތޮޅުގައި ގިރިންދާ ޖަމިއްޔާއާ އެކު ކެމްޕޭނު ކުރަމުން އަންނަ އަބޫ އަކީ ހުވަދު އަށް ކުރި މި ދަތުރުގައި އެމީހަކާ ބައްދަލުވެގެން އަޅުގަނޑަށް އެންމެ ބޮޑު އެއް އުފަލެއް ލިބުނު އެކަކެވެ.

އޭގެ ކުރިން ދުވަހަކު ބައްދަލުވެފައި ނެތަސް، އަބޫއާ އެކު ހޭދަކޮށްލަން ލިބުނު ތިން ދުވަސް އަދިވެސް ހީވަނީ ކުޑައިރުގެ ރައްޓެއްސަކާ އެކު ހޭދަކޮށްލެވުނު ދުވަސްކޮޅެއް ހެންނެވެ.

އޭގެ ފަހުން ގދ. އިން ފުރައިގެން އަހަރެން މިސްރާބު ޖެހީ އަތޮޅުގެ އުތުރުބުރިއަށް ދާށެވެ. އެ އަތޮޅުގެ ފުރަތަމަ މަންޒިލު ކަމުގައިވީ ގއ. ނިލަންދޫ އަކީ އަނެއްކާވެސް އުފަލުން ގޮސް ރޮއްވާލި ތަޖުރިބާ އެކެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހާ ހިތްހެޔޮ، އެކުވެރި ބަޔަކު ތިބި ރަށަކަށް ދެވުނު ފުރަތަމަ ފަހަރަކީ އެއީ އެވެ.

ވަކިން ހާއްސަކޮށް އެ ރަށުން އަޅުގަނޑަށް ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިން ގާތްއެކުވެރިޔާ، އަހުމަދު ޝަނީޒު އާއި އޭނާގެ އާއިލާ އަދި އެކުވެރިން ފޯރުކޮށްދިން ދީލަތިކަމަކީ ހާދަހާ ގިނަ ފިލާވަޅުތަކެއް ނަގައި ދިރިއުޅުން ދަސްކޮށްދިން ތަޖުރިބާއެކެވެ.

ދިރިއުޅުމަކީ މިލްކިއްޔާތެއް ނޫނެވެ؛ އެއީ ހުރަސްކުރަންޖެހޭ ދަތުރެކެވެ. އަދި އެ ދަތުރުގައި، ގުޅުންތަކަކީ މަގްސަދަށް ހުރަސްއަޅާ ހުރަސްތަކެއް ނޫނެވެ. އެ ގުޅުންތަކަކީ ޚުދު މަގްސަދެވެ.

ނަމަވެސް ދިރިއުޅުމުގައި ކުރިއަށް ދާން އަހަރެމެންނަށް އާދަވެފައި ވަނީ ދުނިޔޭގެ ހަޔާތަކީ ނިމުމެއް ނެތް ގޮތުގައި ދެމެމުންދާ ދީލަތި ކޯރެއް ކަމަށް ހީކޮށްގެން ތިބެ އެވެ. އެކަމަކު އެއްވެސް ކަމަކީ ޔަގީންވެ ކަށަވަރުވެފައި އޮންނަ ކަމެއް ނޫނެވެ. ލަމުންދާ ނޭވާޔާއި، ގުނަމުންދާ ވަގުތާއި، ބަދަހިކުރަމުންދާ ގުޅުންތަކަކީ އަހަރެމެންގެ އަމިއްލަ މިލްކެއް ނޫނެވެ.

ހޭދަވާ ކޮންމެ ސިކުންތަކީ ހަނދާންތަކުގެ ތެރެއަށް މަޑުމަޑުން ގިރިގެންދާ ފަނާވަނިވި ވަގުތުކޮޅެއް ކަމެވެ. ހަޔާތުގެ ނިމުމުގައި އަހަރެމެންނާއެކު ބާކީ އޮންނާނީ އަހަރެމެން ބިނާކުރި ކިއްލާގެ ގަނޑުވަރެއް ނޫނެވެ. އޭގެ ބަދަލުގައި ހަނދާން އާވާނީ އަހަރެމެންގެ އަތުގައި ހިފައިގެން ތިބި ގާތް މީހުންގެ ލޯތްބެވެ.

އާއިލާ އާއި ރަހުމަތްތެރިންނަކީ ދިރިއުޅުމުގެ ތެރެއިން ދިމާވާ އިއްތިފާގެއް ނޫނެވެ. އެއީ ހަޔާތުގެ މި ބިނާ ކޮޅަށް ނަގައިދޭ މައިތަނބުތަކެވެ. ދުވަސްތަކަށް މާނަ ގެނެސްދޭ ރޫހުތަކެވެ. ދަތުރު އަމާންކޮށްދޭ ސަމުގާ އެވެ.

މިއީ އައްޑޫ އަތޮޅުން ފުރައިގެން، ހުވަދޫ އަތޮޅު އުތުރުބިތުގައި އޮތް ކޮލަމާފުއްޓާ ހަމަ އަށް ކުރި ދަތުރު ނަގައިދިން ފިލާވަޅެވެ.

ޝެއަރ ކުރޭ

އިތުރު ލިޔުންތައް