މެރަތަންއެއް ދުވަން ފަރިތަކުރާތާ މިހާރު ލައްކަ ދުވަސްވީ އެވެ. ނަމަވެސް އޭގެ ކުރިން އަތުޖެއްސާ އެކުގައި މި ފެށުނީ ދިވެހި ސިނަމާގެ މެރަތަން އެކެވެ. ރެޑް ކާޕެޓް އިންފުލުއެންސަރަކަށް ނުވީމަ ބީވެގެން އެ ދިޔަހާ ދިވެހި ފިލްމެއް ވީތަނަކުން ހޯދައިގެން ބަލައި ރިވިއު ކުރުމުގެ މެރަތަން އެކެވެ.
އެގޮތުން މި ސިލްސިލާގެ ފުރަތަމަ ހޮވުމަކީ، އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށް، 2019 ވަނަ އަހަރު ގެނެސްދިން 'ބަވަތި' އެވެ. މީޑިއާ ނެޓުގެ ވީޑިއޯ ކްލަބަށް ސަބްސްކްރައިބްކޮށްލައިގެން ގޭގައި ހުރި ބޮޑު ޓީވީ އަކުން މި ފިލްމެއް ބަލަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް އެރީ ދިވެހި ފިލްމުގެ އަސްލު ސައިޒަކީ މިއެވެ. ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓުފޯނެވެ. އޮލިމްޕަހުގައި އެހެރަ ބޮޑު ސްކްރީނަކީ އެއްގޮތަކަށް ވެސް ދިވެހި ފިލްމުގެ ސައިޒެއް ނޫނެވެ.
ދިވެހި ފިލްމެއް ހަދާފައި ވިއްކާލަންވީ މިކަހަލަ ކޮންމެވެސް ސްޓްރީމިން ޕްލެޓްފޯމަކަށެވެ. އޭރުން އެ ފިލްމު އުފެއްދި މީހާ އަށް ވެސް، އެ ފިލްމެއްގެ ސްޓްރީމިން ރައިޓްސް އޮތް މީހާ އަށް ވެސް އަދި ސަބްސްކްރައިބްކޮށްލައިގެން އެ ފިލްމެއް ބަލާ މީހާ އަށް ވެސް މީގައި އޮތީ މޮޅާއި ފަސޭހަ އެވެ.
މި ބުނަނީ، 100ރ. 150ރ. ދީފައި ގޮސް އޮލިމްޕަހުގެ ބޮޑު ސްކްރީނުން ބަލާ ކަހަލަ ފިލްމުތަކެއް ދިވެހިންނަށް އަދިވެސް ނުއުފެއްދޭ ވާހަކަ އެވެ. މިސާލަކަށް 'ބަވަތި' އަކީ އޭގެ ފުރިހަމަ މިސާލެކެވެ. މި ފިލްމެއް ބަލަން އޮލިމްޕަހަށް ނުދެވުނީތީ މިއަދު އަޅުގަނޑު އުފާކުރަމެވެ. އަދި އެ ފިލްމުގެ އަސްލު ސައިޒުން އެ ފިލްމު ބަލައިލެވުނީތީ އަޅުގަނޑު މިހިރީ ހިތްހަމަޖެހިފަ އެވެ.
މި ފިލްމު އަސްލު ބަލަންވީ ބައްތި ފޯނަކުންނެވެ.
އަހުމަދު އިފްނާޒާއި ނުޒުހަތު ޝުއައިބު ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި ޖައްސާފައި އޮތީ 'ސައިކޮލޮޖިކަލް ތްރިލާ' އެއްގެ ތައްގަނޑެވެ. އެކަމަކު މިއީ ހަގީގަތުގައި ވެސް ސައިކޮލޮޖިކަލް ތްރިލާއެއް ހެއްޔެވެ؟
ތާކުންތާކު ޖެހޭ ކެރެކްޓާ ޑްރިވެން ސައިކޮލޮޖީއެއް ހަމަ ހިލާ ފިލްމަކު ނެތެވެ. ފޯޝެޑޯވިން އަކާ އޭގެ ޓްވިސްޓަކާ ގުޅުމެއް ނެތެވެ. ފިލްމުގައި އެއް ރަހައެއް، އެއް ކުލައެއް ހިފެހެއްޓިފައި ނެތެވެ. ރަހަތަކުގައި މިއީ ބުފޭ އެކެވެ. އެކަމަކު ކާނެ އެއްޗެއް އަމުދަކުން ނެތެވެ. މިއީ ސައިކޮލޮޖިކަލް ތްރިލާއެއް ނަމަ، ބޮއްކުރާ ވާނީ ސަބްމެރިން އަކަށެވެ.
ކުރުކޮށް ބުނަނީ ނަމަ ބަވަތި އަކީ ސައިކޮލޮޖިކަލް ތުރިލާގެ ލިބާސް ލައިގެން ރެވިތެޔޮ ވަށައިގެން އޮތް ހަންޑިއެކެވެ. އެކަމަކު މި އަރައިރުމެއްގައި އިރައިގެން ނުދަނީސް މި ފިލްމު ފެށުނު ތަނުން ފަށަމާ ހިނގާށެވެ.
ލޯބިން އަވަލައި މޮޔަކޮށްލީ 5ޖީ ގެ ސްޕީޑުގަ އެވެ.
ފިލްމުގައި އިފްނާޒުގެ ކެރެކްޓާ، އިބޫ އަކީ ކަސްރަތެއް އޭނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިހެން ހީނުވާ ފިޓްނެސް ބްރޯ އެކެވެ. މަންމަ އާއި ބައްޕަގެ މަރަށް ފަހު އެމީހުންގެ ތަނަވަސްކަމުން 'ލޭންޑް ލޯޑް' ގެ ތަރިކަ ވާރުތަވެފައިވާ މާލޭގެ މުއްސަނދި ޒުވާނެކެވެ. އަދި ފިޓްނެސް ކްލާހެއް ނަގައިދޭން ރަށަކަށް އޭނާ ދާތަނުން ލޮލުގައި އަޅައިގަންނަ އަންހެން ކުއްޖަކާ އެކު މި ފިލްމުގެ ލޯބީގެ ދަރުބާރުގައި ފިޔަގަނޑު ފަޅައި އުދުއްސައިގަންނަނީ އުރީދޫގެ ފައިވްޖީ ސްޕީޑްގަ އެވެ.
މިއީ ދޮގެއް ނޫނެވެ. ހަމަ އަސްލު ވެސް މި ފިލްމުގައި ވާ ގޮތެވެ. އެހެންވީމަ ދެން ކޮން ސައިކޮލޮޖިކަލް ތްރިލާއެކޭ ކިޔާކަށް ހެއްޔެވެ؟
ފައިވްޖީ ސްޕީޑުގައި އިބޫގެ ހިތުން ލޯބި އުދުހިގަތަސް އޭނާގެ ހިތް ބަންޑުންވާ ނުޒުހަތުގެ ކެރެކްޓާ، ޝެހޭއާ އެކު ފައްކާކުރާ ލޯތްބަކީ ޓޫޖީބީގެ ޑާޓާ ޕެކެކެވެ. އެހާ ވެސް ހައި ސްޕީޑެވެ. އެހާ ވެސް އަގު ހެވެވެ.
ފެނި ބައްދަލުވެފަ، ދެ ތިން ފަހަރު ވާހަކަ ދައްކާލާފައި އޮޅިގެން ގޮސް ގައިގައި ޖެހިލެވުނީމަ ދެން އެ އޮތީ އަނބި ގަބޫލުވެ ނިމިފަ އެވެ. މި ފިލްމުގައި ކެމިސްޓްރީ ވެފައި އޮތީ ހަމައެކަނި ދެ މީހުން ސްކޫލުގައި ކިޔަވައި ފާސްނުވި މާއްދާއަކަށެވެ. އަދި ޖަޒުބާތުތައް ރަނގަޅަށް ޑައުންލޯޑްކޮށްނުލެވި އުޅެނިކޮށް ޑާޓާ ޕެކް ހުސްވެ ނިމިއްޖެ އެވެ. އެއަށް ފަހު ދެން ލޯޑްވެގެން އެ އަންނަނީ މުޅިން އެހެން ފިލްމެއްހެން ހީވާ ކަހަލަ ބިރުވެރިކަމެކެވެ.
ކަންމަތީ އާންޓީން ޕްލޮޓަށް ކުރުސިކިޔަވާ ވަގުތު ޖެހުނީ އެވެ.
އިބޫއާ ކައިވެނިކޮށްގެން ޝެހޭ އޭނާގެ ދިރިއުޅުން މާލެ އަށް ބަދަލުކޮށްލުމާ އެކު 'ބަވަތި' ބަދަލުވެގެން ދަނީ ސީދާ 'ކޮންޖަރިން ލެވެލް' ގެ ބިރުވެރި ފިލްމަކަށެވެ. އެހެންވީމަ ފިލްމުގެ ޖޮންރާ މިހާރު އެ ބަދަލުވީ ރޮމޭންޓިކް ފައިވް ޖީ އިން ސުޕަނެޗުރަލް ހޮރޯ އަށެވެ.
ޝެހޭގެ ދިރިއުޅުމުގައި އޭނާ އަށް ރެއާއިދުވާލު ޖެއްސުންކުރަމުން ދިޔަ ހަންޑިތައް އަހަރެމެންގެ ލޮލަށް ފެންނަ ވަރުވަނީ ފިލްމުގެ މި ހިސާބުގަ އެވެ. އެއީ ޓިކްޓޮކްގެ އަގުހެޔޮ ފިލްޓަރުތަކެއްހެން ހީވާ ކަހަލަ ޖިންނި ފުރޭތަ އާއި ދުމެވެ. ޑިސްކައުންޓު ރޭޓުގައި ސިފަވިޔަސް ލޮލަށާއި ބޮލަށް ހަމަ ތުރާލެކެވެ.
އެއަށް ފަހު ދެގަޑިއިރު ހަމަ ވަންދެން މި ފިލްމު ނުޖައްސާކަށް ވައްތަރެއް ނެތެވެ. ލޯބީގެ އަސަރުތަކުން ފެށިގެން ގޮސް ސުޕަނެޗުރަލް ހޮރޯ އިން ގޮސް ފަންޑިތަ ސިހުރުގެ ޕެރޮޑީ އިން ގޮސް މިހެން ކިޔާނެ ކަމެއް ނެތެވެ. ފެމިލީ ޑްރާމާގެ ތެރެއިން ގޮސް ދެން އެ ފުންމާލަނީ ޓްރޫ ކްރައިމް ޓްވިސްޓެއްގެ މެދަށެވެ. ޖޮންރާތައް ވަނީ ހަމަ ރަނގަޅަށް ވެސް މި ފިލްމުގައި އަވަލައި ވަކި ހިއްޕާލައިފަ އެވެ. ފިލްމުގެ ރަހަ ބަދަލުވަމުން ދިޔައީ ނެޓްފްލިކްސް އިން ބަލާނެ އެއްޗެއް ނޭނގިގެން އުޅޭ މީހެއްގެ ހިޔާލު ހެންނެވެ.
ރޭގަނޑު ދަންވަރު އިބޫގެ އެޕާޓްމަންޓް ޝެހޭގެ 'ޖިންނިތަކާ' އެކު ކޮންޖަރިން ލެވެލް އަށް އުފުލިގެން ގޮސްފައި އަރައިގެން އަންނައިރާ އެކު މުޅި ފިލްމު ކުއްލިއަކަށް ވެއްޓިގެން ދަނީ 'ކައްތިރި' ކަހަލަ ޑްރާމާ އަކަށެވެ. ދެން ފެންނާނީ އިބޫ އާއި އޭނާގެ ހައެއްކަ އެކުވެރިން ކަންމަތީ އާންޓީންތަކަށް ހެދިގެން، އެމީހުންގެ ދުނިޔަވީ ހުރިހާ ވަގުތެއް ހުސްކޮށްގެން ތިބެ ޝެހޭ އަށް ފެންނަ 'ޖިންނިތައް' ހިފައި ހައްޔަރުކުރާނެ ގޮތަކާ ބެހޭ ގޮތުން ކޮފީ ބޯ ތަނެވެ. ޓޫނާ ފްރައިޑް ރައިސް ކާތަނެވެ.
ކެއުމާއި ކޮފީގެ ތެރޭގައި އިބޫ އާއި އޭނާގެ ރައްޓެހިން ކުރިއަށް ގެންދާ ސައްލާގެ މި މަޖިލިސްތައް ސިފަވެގެން ދަނީ ގްރޭޑް ސްކޫލްގެ ސައިންސް ފެއާ ޕްރޮޖެކްޓެއްހެންނެވެ. ނުވަތަ ޝެހޭ އަށް ޖިންނިއެއް ފެނިލާ އިރަށް އިބޫ އާއި އޭނާގެ ރައްޓެހިންގެ ކަންމަތީ އާންޓީ ޖަލްސާ އެ ފެށުނީ އެވެ.
މި ރައްޓެހިން ތިބެނީ އިބޫ ފެލާލައިގެން ކާން ކަމެއް ނުވަތަ އޭނާ އަށް ބޭނުންވާ އިމޯޝަނަލް ސަޕޯޓް ދޭން ކަމެއް ސާފެއް ނުވެ އެވެ. ޔަގީނަށް ބުނަން އެނގެނީ އެމީހުންގެ ފަރާތުން ފިލްމުގެ ސިފަ އާއި ސޫރަ އަށް ލިބުނު އެއްވެސް މޮޅެއް ނެތް ކަމެވެ. އަދި ކެމިސްޓްރީން ފާސްނުވެ ފެށި ޒަވާޖީ ހަޔާތުގެ ވާހަކަ ސިޓްކޮމްއަކަށް ހަދައި ރައްޓެހިންގެ ބަނޑުކެއުމަކަށް ހަދައިދީފި ކަމެވެ.
މިވަރުގެ ދެއުޅިއެއް ނެތް ފިރިއަކު ހުންނާނެ ހެއްޔެވެ؟
މިހުރިހާ ކުނި ބުންޏަކަށް ފަހު ދެން އަންނަނީ ފަންޑިތަވެރިއެއްގެ ޕެރޯޑީ އެކެވެ. ފިލްމުގެ އެންމެ އާދަޔާހިލާފު ސީން ވެސް ފައުޅުވެގެން އަންނަނީ މި ހިސާބުގަ އެވެ. އެއީ ގޭތެރެއިން ފެންނަ ކަމަށް ބުނާ ނުބައި ރޫހާނީ ބާރުތަކަށް ކިޔަވަން ގެންނަ ފަންޑިތަވެރިޔާގެ ކިޔެވެލިތަކާ އެކު ޝެހޭ އަށް އަންނަ އާދަޔާހިލާފު ބަދަލެވެ.
ނަމަވެސް ފަންޑިތަވެރިޔާ ހަތް ރޭ ވަންދެން ކުރިއަށް ގެންދާ އެ އަގުބޮޑު ކިޔެވެލީގައި ޝެހޭ އަށް އަންނަ ބަދަލު އެމީހުންނަށް ނުފެންނަކަން އަޅުގަނޑަށް ޔަގީނެވެ. އެ ބަދަލު ފެންނަނީ އާދަޔާހިލާފު މޮޅަށް، ބުރު ވަށައިޖެހިގެންދާނެހެން ކެމެރާކޮށްފައިވާ އެ މަންޒަރު ބަލަން ތިބި މީހުންނަށް އެކަންޏެވެ. އެ އާދަޔާހިލާފު ބަދަލަކީ ކިޔެވެލިތަކާއި ވަގުތާ އެކުގައި އެމީހުންގެ ހެދުންތައް ބަދަލުވެގެންދާ ގޮތެވެ.
ފަންޑިތަވެރިޔާގެ ކިޔެވެލިތަކާ އެކު ހެދުންތައް ބަދަލުވަމުން ދިޔައިރު އެ ސީން ހީވީ ޓެލެންޓް ޝޯއެއްގައި މީހަކު ސްޕީޑީ އައުޓްފިޓް ޗޭންޖިން އުކުޅެއް ތަމްސީލުކުރަމުން ދިޔަހެންނެވެ. އެ މަންޒަރަށް ހޭދަކުރި ވަގުތާއި އަގާއި ހުނަރުގައި އެއްވެސް ބަރުދަނެއް ނެތެވެ. އެކަމަކު ނިޔަތަކީ ސަމާސާއެއް ނަމަ ސަތޭކަ އެވެ.
ފިލްމުގެ ޓްވިސްޓަކީ މަކަރާއި ހީލަތުގެ ބޮމެއް
ފަންޑިތަވެރިޔާގެ ޕެރޯޑީ ސީންތަކަށް ފަހު ދެން ފެށިގަންނަނީ ހިޕްނޯސިސް އާއި ފްލޭޝްބެކާއި ނަފުސާނީ ފަރުވާގެ ބޮޑު އެކްސްޕޯ އެކެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކަށް ވެސް އޭގެ ފޯރި އާއި ސައިޒެއް ނުކަތާނެ އެވެ. ބިރުވެރި ފިލްމެއް ހަދަން ބޭނުންކުރާނެ އެންމެ އަގުހެޔޮ ސްޓާޓާ ޕެކް އޮތް ގޮތަށް ފިލްމުގެ ޑައިރެކްޓަރު އޮތީ މި ހިސާބަށް ތަޅައި ހުސްކޮށްލައިފަ އެވެ.
އެއަށް ފަހު އަހަރެމެންނާ ބައްދަލުކުރަނީ ފިލްމުގެ ފުރަތަމަ ޓްވިސްޓެވެ. ހިޕްނޯސިސް ޖައްސަމުން ގޮސް ޑައިރެކްޓަރު އެންމެފަހުން އަހަރެމެންނަށް ބުނެދެނީ ޝެހޭގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލި ޖިންނިތައް އޭނާގެ ނަފުސު އަޅުވެތިކުރި ސަބަބެވެ. އަދި އެ ސަބަބަކީ އޭނާގެ އުމުރުން ފަސް އަހަރުގައި އޭނާގެ ބައްޕަ އާއި އޭނާގެ މަންމައާ ދެމެދު ހިނގާ ޒުވާބެއް ކަމެވެ.
އެ ޒުވާބުގެ އަސްލަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެ ޒުވާބުގެ އަސްލަކީ ޝެހޭ ގޮވައިގެން އޭނާގެ ބައްޕަ މޫދަ ދިޔަކަން މަންމަ އަށް ފަޅާއެރުމެވެ.
"ހާހހހހަހަހަހަހަހަހަހަހަހަހަހަ"
ފިލްމުގެ ޑައިރެކްޓަރު ކުރަން މި އުޅޭ ކަމަކާ މެދު މީހަކު އަޅެ ވިސްނާ ފިކުރުކޮށްބަލާށެވެ. ދެބައި އުމުރަށް އެޅިފައި ހުރި އަންހެނެއްގެ ހަޔާތުގެ ޓްރޯމާ ފިލްމުގައި ދައްކުވައިދޭއިރު އޭގެ ސަބަބެއް ކަމަށް ދައްކަން މި އުޅެނީ ލޯބިވާ ދަރިފުޅު ގޮވައިގެން އޭނާގެ ބައްޕަ މޫދަށް ދިއުމުން މަންމަ އައިސް އެ ދުވަހު ކުރި ޒުވާބެކެވެ.
މާތް ކަލާކޯއެވެ. މިއީ އަދި މުޅިން އެހެން ލެވެލެއްގެ ރައިޓިން އަކާއި ޑައިރެކްޝަނެކެވެ. ޑައިރެކްޓަރު އިލްޔާސްގެ ކުޅަދާނަކަމަށް ސާބަހެވެ. އެކަމަކު ފިލްމުގެ މި ހިސާބުގައި އޭނާ ބެލުންތެރިން އެ ޖައްސަނީ އަދި މަޅިއެއްގަ އެވެ. އަދި އޭނާ ހަދާނެ އެއްޗެއް ނޭނގިގެން އުޅުނު ފިލްމު އަތަށް ގޮވައިގެންދާ ހިސާބަކީ މި އެވެ.
"މަޑުކޮށްބަލަ. ޑައިރެކްޓަރު ތި ބުނަނީ ޝެހޭގެ އެ ހުރިހާ ހުވަފެނަކާ ހެލޫސިނޭޝަނަކީ އޭނާގެ މަންމަ އާއި ބައްޕަ އެއް ދުވަހުކޮށްލި ޒުވާބެއްގެ ޓްރޯމާއޭ ހެއްޔެވެ؟"
ނޫނެކެވެ. ނޫނެކެވެ. ކަލޭމެންގެ ސިކުނޑި މޮޔަކޮށްލުން އަދި ކުރިއަށް އޮތީ އެވެ.
'ޑޭއަސް އެކްސް މަކިނާ'
ފިލްމުގެ އަސްލު ޓްވިސްޓް ގެންނަނީ އަހަރެމެންގެ ސިކުނޑި އަށް މިވަރަށް ވިހަލައި މޮޔަކޮށްލެވުނީމަ އެވެ. އަދި މި ނިއުކްލިއާ ޓްވިސްޓް ހިފައިގެން އަންނަނީ މުޅިން އެހެން ކާއިނާތަކުން އުދުހިފައި އަންނަ އިލްޔާސް ވަހީދެކެވެ.
އެހެންޏާފަހެ މި ޓްވިސްޓަކާ ފިލްމުގެ 80 ޕަސެންޓަކާ ދިމައެއް ނުވެ އެވެ.
އޯކޭ. ފިލްމުގެ އެ ބުނާ ނިއުކްލިއާ ޓްވިސްޓަކީ އެންމެ ފުރަތަމަ ކޮބައި ހެއްޔެވެ؟
އެ ޓްވިސްޓަކީ މިއެވެ؛ ޝެހޭގެ ބައްޕަ ޕެރެލައިޒްވަނީ ދެމަފިރިންގެ ޒުވާބަކާ ހެދިއެއް ނޫނެވެ. އަދި ޝެހޭގެ ސިކުނޑީގައި ގެދޮރު އަޅައިގެން އުޅޭ ޖިންނީގެ އަސްލަކީ މަންމަގެ ވިޔާނުދާ ކަމާއި ބޯއިފްރެންޑެއް ވެސް ނޫނެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ އުމުރުން ފަސް އަހަރުގެ ޝެހޭ ރޭޕްކޮށް އޭނާ މަރާލަން އުޅެނިކޮށް އެކަން ފަޅާއަރައިގެން ހިނގާ ކުރިމަތިލުމެއްގައި ބައްޕަ ފެންގަނޑަށް އަރައި ފައި ކައްސާލައިގެން ގޮސް ވެއްޓި ލިބުނު އަނިޔާ އެކެވެ.
"ވާއޮ"
އެ އަނިޔާ އަށް ފަހު އެ ބައްޕަގެ، ހަގީގަތް ނޭނގިހުރެ އޭނާ ބަލައި، ކާންދީ، ރީތިކޮށް ހަދާ އެންމެ މުހިންމު މީހަކީ ޝެހޭ އެވެ. އެވެސް ފުލްޓައިމް ވަޒީފާއެއްގައި އުޅެމުންނެވެ. ނުލާހިކު ޒިންމާދާރުވެފައި ހިތްހެޔޮވެފައި ހިތްވަރުގަދަ އެވެ. އަނެއްކޮޅުން ފިލްމުގެ މި ޓްވިސްޓާ ހަމަ އަށް އޭގައި ދައްކަނީ ޝެހޭގެ ޓްރޯމާގެ އަސްލަކީ އޭނާގެ މަންމަގެ ވިޔާނުދާކަން ކަމެވެ. ބައްޕަ އަށް ކުރި އަނިޔާ އާއި ކައިވެނިން ބޭރުގައި މަންމަ ހިންގާ ކަމަށް ތުހުމަތުކުރެވޭ ގުޅުމެއްގެ ނޭދެވޭ އަސަރު ކަމަށެވެ. ރަށު ތެރޭގައި އޮތް ހަނގާކުރުން ކަމަށެވެ.
މުޅިން ވެސް މިކަހަލަ ފޭކު ފޯޝެޑޯވިން އެވެ.
މުޅި ފިލްމުގައި މި ކަންތައްގަނޑެއް ދައްކުވައިދެމުން ގޮސް ފިލްމު ނިމެން ދެ މިނެޓަށް ވީމަ ލޮލަށް ވެސް ނުފެންނަ މީހަކު އައިސް އަހަރެމެން ކައިރީގައި މި ބުނަނީ މަޑުކޮށްބަލާށޭ، އެހެނެއް ނޫނޭ މިވީ، މީގައި މިވީ މިހެންނެވެ. އަދި ފިލްމު މިހައި ހިސާބުން ދެން ނިމުނީ އެވެ. ކަލޭމެން ގެއަށް ދާށެވެ.
މި އުކުޅަށް ލިޔުންތެރިކަމުގެ ދުނިޔޭގައި ކިޔައި އުޅެނީ 'ޑޭއަސް އެކްސް މަކިނާ' އެވެ. މިއީ ހިޔާލުތައް ސިކުނޑިން ހުސްވެ، ކަންނެތްކަމުން އެ ސިކުނޑި ފުރިފައި ތިބޭ މީހުން ޖަހާ މަޅި އެކެވެ. ހަދާނެ ގޮތް ހުސްވީމަ ބޭނުންކުރާ ޗީޓު ކޯޑެކެވެ.
މި މަކަރުވެރި ރޭވުމުގެ ދަށުން ޑައިރެކްޓަރު ވަނީ ބެލުންތެރިންނަށް ގަސްދުގައި ކެހިދީފަ އެވެ. ހަރާންކޯރުވެފަ އެވެ.
އާޓުގެ ހުރިހާ މީޑިއަމްއަކީ ވެސް ވަކި އުސޫލުތަކެއްގެ ތެރެއަށް ފެތޭ ހުނަރުތަކަކަށްވާއިރު އެ ހުނަރެއް ހުށަހަޅައިދޭ މީހެއްގެ މޮޅުކަން ފެނިގެން ދަނީ އެ އުފެއްދުމަކާއި ބެލުންތެރިޔާއާ ދެމެދު ނަފުސީ އަދި ފިކުރީ ގުޅުމަކާއި ހަމަޖެހުމެއް އޭނާގެ އާޓިސްޓިކް ހުނަރުތަކުން ފައްކާކޮށް ދިނުމުންނެވެ. އެކަމަކު 'ބަވަތި' މިއީ އޭގެ ދިމާ އިދިކޮޅެވެ.
ފިލްމުގެ މުޅި ސްޓޭޖު އަޅާފައި އޮތީ ބެލުންތެރިޔާ ވާ ވައްދާލުމަށެވެ. އެއަށް ފަހު އެޓޮމިކް ބޮމެއް ވަރުގެ ޓްވިސްޓެއް ވައްޓާލީމަ ދެން އެ އޮތީ އެއްކަލަ ބުނާ މާސްޓަޕީސް ހެދިފަ އެވެ.
ފިލްމުގެ ޕްލޮޓް ކައްކަމުންދާއިރު ބެލުންތެރިޔާގެ ހިތުގައި މިކިޔާ ސަސްޕެންސާ އޭތި މީތި އުފެދޭ މިންވަރަށް އޭނާ ވާވެއްދުން މިގޮތަށް ގޯސްނުވާނީ ފިލްމުގެ މުޅި އޮނިގަނޑު ރަނގަޅަށް ފޯޝެޑޯކުރީމަ އެވެ. އެކަމަކު މި ފިލްމުގައި ފޯޝެޑޯކުރުން އޮތީ ހަމަ ރަނގަޅަށް ވެސް ފާލުން ނެއްޓިފަ އެވެ.
އެޓޮމިކް ބޮމެއް ވަރުގެ އެ ޓްވިސްޓުގައި ބުނާ ވާހަކަތަކަށް ބާރު ދޭން ފިލްމުގެ 99 ޕަސެންޓުގައި ކޮށްފައި ވަނީ ކޮން ކަމެއްތޯ އެވެ؟ ޝެހޭގެ މޫނުން ދުން ބިހިތައް ނުކުތުމާއި ދުމުގެ ފުރޭތައެއް ގޭތެރެއިން ފެނުމާއި މެޝިނުން ފެން ލީކުވުމަކީ ކޮން ކަހަލަ ބަލިމަޑުކަމެއްގެ އަލާމަތެއް ހެއްޔެވެ؟ ހަކުރުބަލީގެ އިޝާރާތެއް ހެއްޔެވެ؟
ކުޑަކުއްޖަކު ރޭޕްކޮށް މަރާލަން އުޅުން ހެއްޔެވެ؟ ޕެރެލައިޒްވެފައި އޮތް ބައްޕައެއް ހެއްޔެވެ؟ އިންސާނެއްގެ ހަމަ ބުއްދި ފިލައިދިއުން ހެއްޔެވެ؟
ނޫނެކެވެ. މިއީ ޓީމޫ އިން އޯޑަރު ކޮށްފައި އޮތް އަގުހެޔޮ ހޮރޯ ސްޓާޓާ ޕެކެކެވެ. އޭގައި ހުރި ހުރިހާ އެއްޗެއް ފިލްމުގެ އެތަން މިތަނަށް އުކާލީމަ ދެން ކޮންމެވެސް އެއްޗެހިތަކެއް އެ ބުނާ ޓްވިސްޓަކާ ދިމާވެދާނެ ނޫން ހެއްޔެވެ. މިއީ އެގޮތަށް ހާވާފައި އޮތް ހަޑި އެކެވެ.
އެހެން ނޫން ނަމަ ފިލްމުގައި ޝެހޭގެ އެ ހުރިހާ ހަންޑިތަކެއް ފެންނަންވީ މީހަކާ އިނދެގެން އޭނާ މާލެ ދިއުމުން ހެއްޔެވެ؟ އެ ހުރިހާ ހަންޑިތަކެއް އެއޮތްހާ ޒަމާނެއް ވަންދެން ފިލައި ތިބީ ޝެހޭއާ އެކުގައި މާލެ އަށް ނުދެވިގެން ހެއްޔެވެ؟ ރޭޕްކުރި މީހާ އަށް އަމިއްލަ އަތުން ކާން ދޭން ހުރިއިރު އެ ހުރިހާ ޖިންނިތައް ތިބީ ވައްތަރު ނުޖެއްސޭ ވަރަށް ހާންތިވެފައި ހެއްޔެވެ؟ ނުވަތަ ބައްޕަހެން ޕެރެލައިޒްވެފައި ހެއްޔެވެ؟
ފިތިފައި ހުންނަ ނަފުސާނީ ހިއްސުތައް ތުރުތުރުލާ އަސާސަކީ ހިއްސުތަކެވެ. އެއީކީ އެއްގޮތަކަށް ވެސް އިއްޔެ ރަށަށް ފުންމާލި ފިޓްނެސް ބްރޯއާ މެރީކޮށްލައިގެން މާލެ ދެވުނީމަ ސްވިޗެއްހެން އޮންވާ އެއްޗެއް ނޫނެވެ.
މުޅި މި ފިލްމަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެކެވެ. ނުވަތަ ވާނުވާގައި އިނދެ ދަންވަރު ތިނެއް ޖެހިއިރު ލިޔެފައި އެ ދުވަހުގެ ފަތިހު ޝޫޓުކޮށްފައި އޮތް ފިލްމެކެވެ.
އަސްލު ސައިކޮލޮޖިކަލް ތްރިލާއެއް ކުރިއަށް ދާނީ އޭގައި ދައްކުވައިދޭ މަންޒަރުތަކުގެ ބާރުގައި ބެލުންތެރިޔާގެ ހަތަރެސްފައިގައި ހިފައި ހިފައިގެންނެވެ. އޭނާގެ ކަނު ބަނދެ ގޯންޏަކަށް ލައިގެނެއް ނޫނެވެ. އެހެންވީމަ މި ފިލްމުގެ ފެށުން ވެސް ގޯހެވެ. އެޔާ ޖެހުނު ބައި ވެސް ގޯހެވެ. ދެން އޮތް ބައި ވެސް ގޯހެވެ. ނިންމުން އަދި މާ ބޮޑަށް ވެސް ގޯހެވެ.
އެކަމަކު ހިނިގަޅާލަން ބޭނުން ނަމަ އަދިވެސް އެއް ފަހަރު މި ފިލްމަށް ސަބްސްކްރައިބްކޮށްލަންވީ އެވެ. މި ފިލްމުގެ 40 ޕަސެންޓަކީ ކެމިސްޓްރީން ފާސްނުވެ އޮތް ރޮމޭންސެވެ. ވިހި ޕަސެންޓަކީ ކުޑަކުދިންގެ ބިރުވެރި ހޮހޮޅަ އެކެވެ. އަނެއް ވިހި ޕަސެންޓަކީ ކަންމަތީ އާންޓީން ވެސް ލަދުން ފިލާ ވަރަށް ތުންތަޅުވާ ރައްޓެހިންނެވެ. ދިހަ ޕަސެންޓަކީ ފަންޑިތަ ސްކޭމާއި ޓިކްޓޮކުން ކިޔެވި ނަފުސާނީ ޑޮކްޓަރުންގެ ކްލާހެވެ. އަނެއް ދިހަ ޕަސެންޓަކީ އެހެން ދުނިޔެއަކުން އައިސް އުނގަށް ވައްޓާލި އެޓޮމިކް ބޮމެކެވެ.
ފިލްމު ހަދަން އެންމެން ކުރި ހިތްވަރަށް 10/5: މީގެ ހަތަރު މާކްސް އެ ދަނީ ޝެހޭގެ ރޯލު ކުޅުނު ނުޒުހުތު ޝުހައިބަށެވެ.
ވާހަކައިގެ ލޮޖިކަށް 10/2: މީގައި ހުރި ލޯވަޅުތައް މަހާޖައްރާފު އެ ހިއްކާލާ ފަރުފަރުތަކަށް ވުރެ ވެސް ބޮޑެވެ.
ޑައިލޮގާއި ކެރެކްޓާތަކަށް 10/1: ދެއުޅިއެއްނުވާ ފިރިއަކު އޭނާގެ އަންހެނުންގެ ނަފުސާނީ މައްސަލަ ހަދާފައި ވަނީ ކަރޯކޭ ސެޝަނަކަށް ވިއްޔާ އެވެ.
ގަސްތަކާ ނުލައި ހެއްވުމަށް 10/10: ބަނޑުގައި ޖެހުނު ގޮށް ނައްޓުވަން ސްޕެޝަލިސްޓަކަށް އެޕޮއިންޓްމަންޓް ހެދީ ހަމަ ދެންމެ އެވެ.
ރޮމޭންސަށް 10/3: ދެ ޖީބީގެ ރޮމޭންސް ޕެކޭޖެއް ދާނެ ބާރު މިނާއި ހުސްވާނެ ބާރުމިން އަމިއްލަ އަށް ވަޒަންކޮށްލައްވާށެވެ. އޮޓޯ ޓިއުނުން ވެސް ޕިޗަށް ނާރާ ލަވަކިޔުންތެރިޔަކު ކިޔާފައި އޮތް ލޯބީގެ ލަވައެއް ވެސް ފިލްމުގައި ހިމަނާފައި އެބައޮތެވެ.
އެހެންވީމަ ޖުމްލަ މާކުހަކީ ސުމެކެވެ.



