ވަގުތު ހުސްކޮށްގެން، ލިބާސް ގަނެގެން، ސެންޓު ތަޅައި ބުރުވައިގެން ދިވެހި ފިލްމެއް ބަލަން ދާން ޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް އަދިވެސް ނުވިސްނެ އެވެ. އަމުދަކުން 200ރ. އަށް ޓިކެޓެއް ވިއްކާ ދިވެހި ފިލްމެއްގެ އަޖުމަ ބެލުން ގެމްބްލިންގެ ނަސީބަށް ވެފައި އޮތްއިރު އޭގެ ތެރެއަށް ބޯގަޅާލަންވީ ވެސް ކީއްކުރަންތޯ އެވެ؟

ދިވެހި ފިލްމު 'ޕަރީ' ގެ ޕްރޮމޯޝަންތައް ފެނުމުން ވެސް ހިތަށް އެރީ މިހެންނެވެ. ދުވާލުގެ އިރު ފަދައިން އެނގެން އޮތް ކަމެއްގައި ދުވާލެއްގެ އާމްދަނީ ގޮސް އަލިފާންގަނޑަކަށް ކޮށްޕާލަންވީ ތޯ އެވެ؟

އެކަމަކު މި ހުރިހާ ސަބަބުތަކާ އެކު ވެސް 'ޕަރީ' ގެ ބިރުވެރި ލައްޒަތުގެ އެ ކަސްތޮޅު މި ވަނީ މި އަޅާގެ ހަތަރެސްފައިގައި ޖަހައި ނިމިފަ އެވެ. ސަބަބަކީ ކޮބައިތޯ އެވެ؟

"ސީޒަން އިޒް ދަ ރީޒަން އެވެ".

އަލީ ސީޒަން އަކީ އަބަދުވެސް ދިވެހި ސިނަމާގައި ރިހި އިސްކިރީނަށް ވުރެ ބޮޑު ތަރި އެކެވެ. އެހެންވީމަ އޭނާގެ ފިލްމަކަށް ވުރެ ކުރިން ދޭން ޖެހޭނީ ވެސް ސީޒަންގެ ތައާރަފެކެވެ. ޚުދު ސީޒަން ވެސް ހިތްޕުޅާވެ ވަޑައިގަންނަވާނީ މިގޮތަށް އަމަލުކުރީމަ އެވެ.

އޭނާ އަކީ ހަމައެކަނި ފިލްމު ސްޓާރެއް ނޫނެވެ. ސީޒަންގެ ޝަހުސިއްޔަތު އެ ވަނީ އޮލިމްޕަހުން ނުކުމެ އިންޓަނެޓުގައި ވައިރަލްވެ ދިވެހި ޒަމާނީ ޕޮޕް ކަލްޗާގެ ތެރޭގައި މީގެ ކުރިން އެއްވެސް ދިވެއްސަކަށް ނުލިބޭ ވަރުގެ ދަރަޖައެއް ކަށަވަރުކޮށްފަ އެވެ.

މިއަދުގެ އޮންލައިން ދިވެހި މުޖުތަމައުގައި އަލީ ސީޒަންވެފައި ވަނީ އަހަރެމެންނާ އެކު ކޮންމެ ދުވަހަކުވެސް ދިރިއުޅެމުން އަންނަ ލިވިން މީމަކަށެވެ. ހުރިހާ މުނާސަބަތަކާއި ހުރިހާ ރަހައެއް ވެސް ހެޔޮވަރުކޮށްދޭ އެފަދަ ދެ ވަނައެއް ނެތް ކެރެކްޓާއަކަށެވެ.

އޭނާ ޑައިރެކްޓްކޮށް ލީޑް ރޯލުކުޅޭ ކޮންމެ ފިލްމަކާ އެކު ބަނގުރޫޓުވެ، ދުނިޔެއިން މޮޔަވެ ދިއުމަށް އަޅުގަނޑު އަބަދުވެސް ތައްޔާރަށް ހުންނަ އެއް ސަބަބަކީ މި އެވެ. އަނެއްކޮޅުން ކޮންމެ ފިލްމެއްގައި ވެސް ސީޒަން ކުޅޭނީ ސީޒަންގެ ރޯލުކަން އެނގޭއިރު ވެސް ދުރާލައި އޭނާގެ ފިލްމުތަކަށް އިންތިޒާރުކުރެވޭ ސަބަބަކީ މި 'ރީޒަން' އެވެ. އަދި އަލީ ސީޒަންގެ ރޯލު އަލީ ސީޒަނަށް ވުރެ މޮޅަށް ކުޅޭނެ ދެ ވަނަ މީހަކު މި ރާއްޖޭގެ ފިލްމީ ދާއިރާގައި ނެތުމަކީ އޭނާގެ ޝަހުސިއްޔަތު އުފަންކުރުވި މި އަރަތް ފެންމެޓަޔަށް ވިޔަސް ދުވަހަކުވެސް އެއަށް ފޫހިނުވި ސަބަބެވެ.

އަދިވެސް އިތުރު ސަބަބެއް އެބަ އޮތެވެ.

އޭނާ ގެނެސްދޭނީ ހައިއެންޑް، އެކްސްކްލޫސިވް އަދި ޕާސަނަލައިޒްޑް ވީއައިޕީ އެކްސްޕީރިއަންސެކެވެ. މިސާލަކަށް ބުނަނީ ނަމަ، އޭނާގެ ފިލްމެއް ބަލަން މަހުޖަނަކު މުޅި އޮލިމްޕަސް ހިފާލައިގެން އަނބި ޖޯޑެއް ގޮވައިގެން ދިޔަ ކަހަލަ އާދަޔާހިލާފު ތަޖުރިބާ އެވެ. ނުވަތަ އޭނާގެ ފިލްމުގެ ޕްރިމިއާގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ބައިވެރިވުން ކަހަލަ ތަޖުރިބާ އެވެ.

މި ހުންނަނީކީ ދިވެހި އެހެން ފިލްމުމޭކަރަކަށް ކުރެވޭ ކަހަލަ ކަންކަމެއް ނޫނެވެ. ސީޒަންގެ ފިލްމަށް ވުރެ އަބަދުވެސް ބޮޑުވެފައި ސަޅިވާނީ އޭނާގެ މި 'ރީޒަން' އެވެ. ސީޒަން އިޒް ދަ ރީޒަންއޭ ކިޔަނީ އެހެންވީމަ އެވެ.

'ޕަރީ: ޗެޕްޓާ 1' އަކީ ވެސް މި ދެންނެވި ލެވެލްގައި އޭނާ ޑައިރެކްޓްކޮށް ލީޑް ރޯލު ކުޅެ ޕްރޮމޯޓްކޮށްފައިވާ ފިލްމެކެވެ. އެންވީމަ، ލިބާސް ގަނެގެން، ވަގުތާއި އަތަރާއި ޖީބު ހުސްކޮށްލައިގެން، ފެންވަރު އޮޅިގެން މި ދިވެހި ފިލްމަކަށް ދާން ޖެހުނު ސަބަބަކީ ވެސް ސީޒަންގެ މި 'ލާޖާ ދެން ލައިފް' ކެރެކްޓާ އެވެ. – މަހުވެއި ބިއްލާހި އެވެ.

މި ފިލްމެއް ބަލަން ދާން އޮތީ އަޅެފަހެ ދެން ކޮން އެހެން ސަބަބެއް ހެއްޔެވެ؟

ފިލްމުގައި ދައްކުވައި ދެނީ ދިރިއުޅުމުގެ އުފާވެރި އައު ފެށުމަކަށް އެދިގެން އަވައްޓެރި ސްރީ ލަންކާ އަށް ބަދަލުވާ ދިވެހި އާއިލާއަކަށް އެމީހުންގެ އައު ހިޔަލުގައި ކުރިމަތިވާ ބިރުވެރި ރޫހާނީ ތަޖުރިބާތަކެކެވެ. މި ޕްލޮޓަކީ ކުރުގޮތަކަށް ބުނަނީ ނަމަ މި ފިލްމު ބަލައިގެން އަޅުގަނޑަށް ވެސް ކުރެވުނު ތަޖުރިބާ އެވެ.

ފިލްމުގެ ޕްރޮމޯޝަން ބަލާފައި އަޅުގަނޑު ވެސް ދިޔައީ ދިވެހި ސިނަމާ އާއި އަޅުގަނޑާ ދެމެދު އޮތް ހިތާއި ހިތުގެ ގުޅުން އައު ފެށުމަކުން ފަށާށެވެ. ނަމަވެސް ދިވެހި ސިނަމާގައި މީހުން ހާވާ ހަޑިމުޑުދާރު އަމަލުތަކުން ސަލާމަތްކޮށްދޭނެ ތަވީދު ގޭގައި ބާއްވާފައި ދެވުނީމަ އަލީ ސީޒަން އެއޮތް ބޮޑު އިސްކިރީނަށް ލެޑި ބޮގު ތަރަވިއިރު ވެސް އަހަންނަށް ހުރެވުނީ ގެއަށް ދާ ހިތް ނުވެފަ އެވެ.

ސީ--ޒަންގެ ބޮގުގައި ވަނީ ކޮން ފަދަ ރީޒަންއެއް ތޯ އެވެ؟ ހަމަ ހަގީގަތުގައި ވެސް ޕަރީއެއްގެ ޖާދޫތޯ އެވެ؟

މި ފިލްމުގައި ވެސް ސީޒަން ކުޅެފައި ވަނީ އާދައިގެ މަތިން 'ރީޒަން' ގެ ރޯލެވެ. އޭނާގެ ކެރެކްޓާ އިތުރަށް ކުރަން ޖެހޭ ކަމަކީ ދަރިފުޅުގެ ކުރިމަތީގައި އެ ކުއްޖާގެ މަންމައާ އަބަދުވެސް ކޮންމެވެސް ކޫސަނި ޒުވާބެއްކޮށްލައިގެން އެޓިޓިއުޑު ދައްކަމުން ހަމަ އެވަރަށް ޒިންމާދާރު ބައްޕައެއް ކަމަށް ވެސް ހެދިގެން އުޅުމެވެ.

އިނދެގެން އުޅޭ އަނބިމީހާގެ މައްޗަށް ކުރާ ޝައްކުތަކުން ރޯވާ އަލިފާންގަނޑުގައި ދުވާލުގެ ހަތަރުދަމު އަނދަމުންދާ މި ކެރެކްޓާގެ އަންހެނުންގެ ރޯލުން ފެނިގެން ދަނީ ކުޅަދާނަ ބަތަލާ އައިޝަތު ރިޝްމީ އެވެ. ދުވަސްގަނޑެއް ކޮށްލާފައި ބޮޑު ސްކްރީނަށް އެނބުރި އައި ރިޝްމީގެ މޫނުމަތީގައި ހީވަނީ މުޅި ފިލްމު ނިމެންދެން އިރުކޭތައެއް ހިފައިގެން އުޅޭހެންނެވެ. އެހާ އަނދިރި މޫނެއް އަހަރެންގެ ހަނދާނުގައި ބިރުވެރި ފިލްމަކުން އަދި ނުފެނެ އެވެ.

ހީވަނީ ފިލްމެއް ނުކުޅެން ނިންމައިގެން ހުރި މީހަކު ގަދަކަމުން ބޮޑު ސްކްރީނަށް އެނބުރި ގެނެސް ކުޅެން ޖެއްސި ރޯލަކުން ރުޅިގަދަވެ މޫނުކުނިވެފައިވާހެންނެވެ.

މި ދެ ކެރެކްޓާގެ ދަރިފުޅުގެ ރޯލު ކުޅެފައި ވަނީ މަރިޔަމް ލަމްޝާ ނަމަކަށް ކިޔާ ކުޑަކުއްޖެކެވެ. ފިލްމުގެ ޓައިޓްލް ރޯލް 'ޕަރީ' އަކީ މި އެވެ. އަދި ކުނިވެފައި އޮތް މި ބިސް ބެލުންތެރިންގެ މޫނަށް ތަޅައިގެން ގޮސްދާނެހެން ހީވި ކޮންމެ ފަހަރަކު އެކަން ހުއްޓުވައިދިން ޓެލެންޓަކީ ވެސް އޭނާ އެވެ. އަދި ބެލުންތެރިއެއްގެ ހައިސިއްޔަތުން އަހަންނަށް ކުރެވެމުން ދިޔަ ތުރާލާއި އުނދަގޫ އެންމެ ރަނގަޅަށް ތަރުޖަމާކޮށްދެމުން ދިޔަ ކެރެކްޓާ އަކީ ވެސް އޭނާ އެވެ.

ނުބައި ރޫހާނީ ބާރެއްގެ ޝިކާރައަކަށް މި ކުޑަކުޑަ އާއިލާވުމުގެ ކުރިން ޕަރީ އޭނާގެ މަންމަ އާއި ބައްޕަ ކައިރީގައި އަބަދުވެސް އެދެމުން ދިޔައީ ރަށަށް އެނބުރި ދާން ބޭނުންވާ ވާހަކަ އެވެ. ފޫހިވެގެން އުޅޭ ވާހަކަ އެވެ. މި ފިލްމެއް ބަލަމުން ދިޔައިރު އަހަރެންގެ ހިތަށް ވެސް އަރައި ފައިބަމުން ދިޔައީ ހަމަ މިހެންނެވެ.

ދެ ގަޑި ސޯޅަ މިނެޓްގެ ފިލްމު އޭގެ އެއް ގަޑިއިރާ އަރައި ހަމަވިއިރު ފާލުން ނެއްޓިފައި އޮތް މިންވަރަކީ ޓިކެޓް ކަނޑައިގެން ވަދެވިގެން މި އުޅޭ ފިލްމަކީ ހަމަ އަސްލު ވެސް ބަލަން އައި ފިލްމުތޯއޭ ހިތުގައި ސުވާލު އުފެދުމެވެ. ހަމަ އަސްލު ވެސް އަހަރެން ހީކުރީ ނުބައި ފިލްމަކަށް ވަދެވިގެން އުޅޭ ހެންނެވެ.

ފިލްމުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި ވަނީ ބެލުންތެރިން ހެއްވައި އެމީހުންގެ ބަނޑުގައި ގޮށްލެއްވުމަށެވެ. ގަޑި ދެގަޑިއިރު ވާން އުޅުނުއިރު ވެސް ސީޒަންގެ މި ފިލްމު ހީވަނީ ފޫވެއްޓިފައި އޮތް ސިންހަޅަ ކޮމެޑީ އެއް ހެންނެވެ.

ފިލްމުގެ ފުރަތަމަ ހާފު އެކުގައި ކަހަލަ ގޮތަކަށް ކާލާފައި ވަނީ ލަންކާގެ ހަންޑި ގަނޑުވަރުގައި ތިބި ދިވެހިންނަށް ކައްކައި ކާންދީ ފޮޅައި ސާފުކުރަން ގެނެސްފައި ހުރި މެއިޑެވެ. ފިލްމުގެ ދެ ވަނަ ބައިގައި އޮތް ސަމާސާގެ ފިލާވަޅު ނަގައިދޭ ޕްރޮފެސަރަކީ އަލިފު ލައިލާގެ ހޮހޮޅައަކުން ޖިންނި ޝައިތޯނުންނާ ހަނގުރާމަކުރުމުގެ ދާއިރާއިން ގުރެޖުއޭޓުވެގެން އައި އެކްސޯސިސްޓެކެވެ.

ސީޒަން އެވެ. މި ފިލްމަކީ ތިބޭޅާ 2011 ވަނަ އަހަރު މާ ސިންގާ އެކްޝަން ތްރިލާއެއްގެ ގޮތުގައި ޕްރޮމޯޓްކޮށްގެން ގެނެސްދިން ކޮމެޑީ ފިލްމު 'ވަތަން' ގެ ތައްގަނޑު ނުދޮވެ، އޭގެ މަތީގައި އަޅާފައި އޮތް ފިލްމެއް ހެއްޔެވެ؟ ސަބަބަކީ އެ ފިލްމަކާ މި ފިލްމަކާ ހަގީގަތުގައި މާ ބޮޑު ތަފާތެއް ނެތެވެ. އަދި ވަކިން ހާއްސަކޮށް، ކޮސްޓިއުމް ޕާޓީގެ ހެދުންތައް ބާލަން ހަނދާންނެތިފައި ހުރި ރުގްޔާ އާޓިސްޓްގެ ކިޔެވެލިތައް ފަށައިގަތީމާ މީގައި ދެން މީހަކު އިތުރަކަށް ލިޔާނެ އެއްޗެއް ވެސް ނެތެވެ.

އެ ހިސާބުން މި ފިލްމު މަރުވެގެން ވެއްޓިއްޖެ އެވެ. ބާކީ ދެން އޮތީ ޓޯޗާ ކޭމްޕަކުން ނައްތާލަން ފޮނުވި ހުތުރު އަޑުފަށް ލައްވަމުން ދިޔަ ވިހި ތިރީހަކަށް މިނެޓެވެ. އެންމެ ފީކަޅާ ބިރުވެރި ފިލްމުގަނޑު ވެސް ބެލުންތެރިޔާ އިންތަނުން ސިއްސުވައިލާނެ އެވެ. އެ ޖޮންރާގެ ފިލްމަކަށްވެ އޮވެ، އެ ވަރު ވެސް މި ފިލްމަށް ކޮށްނުލެވުމަކީ ލަދުގަންނަން ޖެހޭ ކަމެކެވެ.

ވަރަށް ކުރުކޮށް މަ ބުނަން ހެއްޔެވެ؟

މިއީ އަތަށް ބޮގެއް ލަޑާފައި ސްކްރީނުގައި އުނގުޅާލާފައި ނުކުމެގެން ދާން ޖެހޭ ކަހަލަ ފިލްމެކެވެ.