ޕަރީއެކޭ މިކިޔާ ހާކާލިބުރުވާލީގެ ފުރަތަމަ ޗެޕްޓަރުގައި ހިނގައި އެ ދިޔަ ހާދިސާ އަށް ފަހު، ހަމަ ބުއްދިއެއް ހުރި އެއްވެސް އިންސާނަކު އެ ވަރުގެ ގެއެއްގައި ހިނދުކޮޅަކަށް ވެސް މަޑުނުކުރާނެކަން ޔަގީނެވެ. އެހެންޏާ ފަހެ، އެ ގޭގައި ފޫހިވެފައި އޮތް ބޯދާ ޖިންނިއެއް ހޭލައިގެން ކުރާނެ ކަމެއް ނޭނގިގެން، ކުޑަ އަންހެން ކުއްޖަކާ އަވަލައި ބިރުވެރި ސިގްނަލް ފޮނުވައިދޭ ވައިފައި ރައުޓަރަކަށް އެ ކުއްޖާ ފަކީރު ހަދާލައިގެން މުޅި އެ ގެ އާއި މީހުން އިރައި ކުދިކޮށް، ލޭ އޮހޮރުވައި ރޯކޮށް ސުންނާފަތިކޮށް އެ ނިމުނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
އެ ފިލްމުގެ ފަހުތަޅާލުންގަނޑުގައި އޮލިމްޕަސް ސިނަމާ ވެސް އެފުށްމިފުށަށް ޖަހާލި އެވެ. މުޅި އެ ސަރަހައްދު ޓޯޗާ ޒޯނަކަށް ހަދާލި އެވެ. އެއަށް ފަހު ޕްރޮފެޝަނަލް ކްރައިމް ސީން ކްލީންއަޕެއް ޖައްސައިގެން އެ ގޭ ތެރެއިން ނެރުނު މީހުންނަށް އެތަނުގައި އުޅުނު ޖިންނި ހަދާލާފައިވީ ގޮތް ފެނިއްޖެ ނަމަ ޕްރަބާކަރަން ގަންނާ ކުރެއްވި ލަދަށް، އޭނާގެ މަރުން ހޭލާނެކަން މަށަށް ހަމަ ޔަގީނެވެ.
އެ ހާދިސާ ތަޖުރިބާކުރި މީހަކު ބޭނުންވާނީ އެ ގެއިން ނުކުމެ ދުނިޔޭގެ އަނެއް ބިތަށް ދާށެވެ. އެކަމަކު މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ޕަރީގެ ދެ ވަނަ ޗެޕްޓަރު ފެށިއިރު އެއްކަލަ ކަޕުލް މި އުޅެނީ އެމީހުންގެ މުޅި ދިރިއުޅުން ނަރަކައިގެ އަނދަވަޅަކަށް ވައްޓާލި ގެއަށް އާ މެއިޑަކު ހޯދުމުގެ މަސައްކަތުގަ އެވެ. އަދި އެ ގޭގައި މަސައްކަތްކުރާނެ މެއިޑަކު ހޯދަން މިހާ އުނދަގޫވެގެން މި އުޅެނީ ކީއްވެގެންތޯ އެމީހުންގެ ގަރަހިތަ ސިކުނޑި އަށް ފަހުމުނުވެގެންނެވެ.
މީހަކު އަޅެ ދެން އަންތަރީހެއް ނުވާނެތޯ އެވެ؟ އަޅެ ފަހެ މިވަރަށް ރޯނާވެ ހޭބުރާންތިވެފައި ތިބި ދެމަފިރިއެއްގެ ކެރެކްޓާ ފިލްމަކަށް ލިޔުނީ ކޮން ބުރާންޗެއް ތޯ އެވެ؟ ބީއެމްއެލް ބްރާންޗެއްގެ ނަމުގައި ސްކޭމް ކޯލުކުރާ ގޮލައެއް ތޯ އެވެ؟
ބަލަ މި ދެމަފިރިންގެ ދިރިއުޅުން އެ އޮތީ ވަންނާނެ ގެއެއް ގެދޮރެއް ނެތި، ދިވެހި ރާއްޖޭގެ ހައުސިން ކްރައިސިސްގެ ތެރޭގައި ރޯނާވެފައި ތޯ އެވެ؟ އެމްބަސީއެއްގައި މަސައްކަތްކުރާ، ސިޔާސީ ނުފޫޒުގަދަ ވައިފަކާއި އޮންޓްރަޕްރަނާ ލެވެލްގައި އޮޕަރޭޓްކުރާ ހަޒްބަންޑަކަށް ގެއެއް ހޯދުން ވާން ޖެހޭނީ ފެންމެޓަޔަށް ނޫންތޯ އެވެ؟ ނުވަތަ ބޭނުންވެގެން ތިޔަ އުޅެނީ ޝައިތޯނާ ސޮއިކޮށްފައި އޮތް ގެއިން ނެރެލުމުގެ ނޯޓިސްއެއް ތޯ އެވެ؟
ނޫނެކެވެ. ފިލްމު ހަދާފައި މި އޮތީ ސީދާ ޑައިރެކްޓަރު އަލީ ސީޒަން ބޭނުންވި ގޮތަށެވެ. ސަބަބަކީ އެ ގެއިން ނުކުމެގެން އެމީހުން ހިނގައްޖެ ނަމަ މި ފިލްމު 10 މިނެޓުން ނިމޭނެކަން ޚުދު ސީޒަނަށް ވެސް އެނގޭތީ އެވެ.
ގެ ބަދަލުވާން އެމީހުން ރޭވިޔަސް ސީޒަން އެކަމަށް ހުއްދަ ނުދީ އެތައް ރީޒަނެއް ދެމުން ގެންދިޔައީ އެހެންވެގެންނެވެ. އެމީހުންގެ ކަންފަތް ދޮށުގައި ސީޒަން ބުނެ އެވެ؛ ކަލޭމެން ދެ މީހުން އަދި މި ގޭގައި މަޑުކުރާށެވެ. މި ފިލްމުގައި އުޅޭ ޖިންނި އާއި (ބޮލީވުޑުން ގެނައި) އެކްސޯސިސްޓު ވެސް އަދި ނުފެނެއެއް ނޫން ހެއްޔެވެ.
ކަލޭމެން އަދި މަޑުކުރާށެވެ. އަދި ވާނުވާ ނޭނގޭ ކަމަށް ހެދިގެން މެއިޑެއް ހޯދަން އުޅޭށެވެ.
ބުނަން ހެއްޔެވެ؟ މިއީ ވަގުތު ކާލުމުގެ މާސްޓަކްލާހެކެވެ. މި ވަރަށް ދޮޅުރޯނާވެފައި އޮތް ދިވެހި ފިލްމެއް ބެލި ހަނދާނެއް އަހަރެން ނުވެ އެވެ.
ކޮންމެއަކަސް 200ރ. ގެ މި ޓިކެޓެއް ގަނެގެން އޮލިމްޕަހަށް ވަދެ ޖައްސާލުމާ އެކު ހަޔާތުން ދެ ގަޑިއިރާއި 35 މިނެޓް ބޭކާރުކޮށްލުމުގެ ވަގުތު ހިނގައިގަތެވެ. އެކަމަކު އެތަނުގައި ދެ ގަޑިއިރުވީއިރު ވެސް ހިރުވާތަނުގައި މި ފިލްމުގަނޑެއް ކަހައި ވެސް ނުލަ އެވެ.
ފިލްމު ކުރިއަށް ދިޔައީ ވިލިގިއްޔާއި މާލެއާ ދެމެދު އިންޑިއާ މީހުން އަޅާ ބްރިޖުގެ މަސައްކަތު ދުވެލީގަ އެވެ.
މީހަކު އަޅެ ވިސްނާ ފިކުރުކޮށްބަލާށެވެ. ދެ ގަޑިއިރާއި 35 މިނެޓަކީ ބިރުވެރި ފިލްމަކަށް ބަލާއިރު ހަގީގަތުގައި ވެސް ވަރަށް ގިނަ ވަގުތެވެ. އެއީ ބްލޮކްބަސްޓާ ރޭންޖުގެ ފިލްމު ލެންތެކެވެ. އެހެންވީމަ އެ ވަރުގެ ލެންތަކަށް ފޫގަޅައިގެން އޮތް ފިލްމެއްގައި ހަމަ އެއްވެސް ކަމެއް ނުވަންޏާމު އެ ފިލްމު ބަލަން އިންނަ މީހަކު އުޅޭނެ ހާލު ނިކަން ވިސްނާލަ ބައްލަވާށެވެ.
ބެލުންތެރިޔަކު ފޫހިނުވާނެ ފަދަ ގޮތަކަށް މި ވަރުގެ ދިގު ލެންތަކަށް ބިރުވެރި ފިލްމެއް ފައްތާލުމަކީ ދުނިޔޭގެ ނިސްބަތުގައި ވެސް ވަރަށް ޗެލެންޖިން ކަމެކެވެ. މިއީ މީހުން އާންމުކޮށް ކުރާ ކަމެއް ވެސް ނޫނެވެ.
މި ފިލްމުގައި ގަޑި ދެ ގަޑިއިރު ވަންދެން ދައްކަނީ ކެއުމާއި ބުއިމާއި ނިދުމާއި އޮފީހުގައި މީހުންގެ މަސް ކެއުމެވެ. ދަރިފުޅު ސްކޫލަށް ޑްރޮޕްކުރުމާއި ގެއަށް ގެނައުމާއި ގޭގައި ޒުވާބުކުރުމެވެ. ޕްލޮޓަކާ ގުޅުމެއް ނެތް އުޅުމެވެ. މީގައި އަދި އެންމެ ހެއްވާ ކަމަކީ، ސީޒަންގެ ކެރެކްޓާއިން ޖިންނި މޮޔަވުމުގެ އަލާމާތްތައް ބޮކިޖަހަމުންދާއިރު ވެސް މިއީ ނުބައި ރޫހާނީ ކަމެއްކަން އޭނާގެ އަންހެނުންނަށް ރޭކާނުލައިގެން އުޅޭ ފާޑެވެ. ބައްލަވާ، ފުރަތަމަ ފިލްމުގައި ރިޝްމީގެ އެ ކެރެކްޓާ ނޫޅެނީ ތޯ އެވެ؟
ބިރުވެރި ފިލްމެއްގެ ދިގުމިން އާންމުކޮށް 90 މިނެޓް ތެރޭގައި ގެންގުޅޭ އެއް ސަބަބަކީ ވެސް މި އެވެ. އޭރުން ކުރާނެ ކަމެއް ނެތިގެން އޭގެ ޑައިރެކްޓަރު އުޅޭކަށް ނުޖެހޭނެ އެވެ. ޕަރީ ކަހަލަ ބިރުވެރި ފިލްމެއް ވަރަށް ރީއްޗަށް 90 މިނެޓަށް ފެތޭނެ އެވެ.
އެހެންވީމަ ބިރުވެރީ، މި ފިލްމެއް ނޫނެވެ. ބިރުވެރީ މި ފިލްމުގެ ދިގު މިނެވެ. ފިލްމު ބަލަން ގޮސް ތަހައްމަލުކުރަން ޖެހުނު ހާލެވެ.
'ޕަރީ' ގެ ދެ ފިލްމު ބަލައި ނިމުނުއިރު އަޅުގަނޑަށް ވިސްނުނީ މި ފިލްމުގައި އޮތް އަނެއް ހަގީގީ ބިރުވެރިކަމަކީ ފިލްމުގައި ދައްކުވައިދޭ އެމްބަސީގެ ގޮސިޕާއި ކޫސަންޏާ އިނދެގެން އުޅޭ ފިރިއެއްގެ ޖެލަސީ އާއި ދޮޅުރޯނާވެފައި އޮތް އޭގެ ސްކްރިޕްޓެވެ. އަދި ފިލްމު ލެންގުއޭޖުގެ އަލިފުބާ ނޭނގޭ އޭގެ ޓީމެވެ.
އަނެއްކޮޅުން މި ފިލްމުގެ ޖޮންރާ ބޮޑު ސްކްރީނުގައި ފަތަހަކޮށް އޭގެ ފުރިހަމަ އެކްސްޕީރިއަންސެއް ބެލުންތެރިންނަށް ކަށަވަރުކޮށްދިނުގެ ޒިންމާ ކޮނޑާއި ބޮލުގައި އެޅިފައިވީ ބޯދާ ޖިންނިކަލޭގެ ވެސް އޮތީ ފިލްމުގެ ޑައިރެކްޓަރު ފަދައިން ކަންނެތްވެފަ އެވެ. ދިވެހިން ބުނާހެން، ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަކަށް ނޫން ހެއްޔެވެ.
މި ފިލްމު މިއީ ކޮން ކަހަލަ ގޮޅިއަކަށް ގޮސް ފެތޭ ފިލްމެއްކަން ސީޒަން ހަނދާން ނައްތާލުމުން އޭގައި އުޅުނު ޖިންނި ވަނީ ޒިންމާއިން ރެކޭނެ ގޮތް ވަރަށް ރަނގަޅަށް ދަސްކޮށް ދަރިވަރުވެފަ އެވެ.
ރޫހާނީ ނުބައި ބާރަކަށް ވިޔަސް، ޕްރޮކާސްޓިނޭޓްކުރުމުގައި މިއީ ދެން ތަންކޮޅެއް ބޮޑުވަރެވެ. ކޮންމެ މީހެއްގެ އަތުން 200ރ. ނަގައިގެން، ކަލޭމެން މިފަހަރު ނިކަން ރަނގަޅަށް ބިރުގަންނަވައި ހޭނައްތާލާނަމޭ ބުނި ޖިންނިކަލޭގެ އޮތީ ދެ ގަޑިއިރުވަންދެން ހަމަ ގަދަ ނިދީގަ އެވެ. ސީޒަން އަށް އެކަލޭގެ ހޭލައްވާލެވުނުއިރު ފިލްމުގައި ބާކީ އޮތީ ގާތްގަނޑަކަށް ވިއްސަކަށް މިނެޓެވެ.
އެހިސާބުން ދެން ޖެހުނު ހަމަ ކޮންމެ މީހަކާ މި ޖިންނިއެއް އަވަލާންފެށީ އެވެ. އެކަމަކު އަދި މަޑުކޮށްބަލާށެވެ. މި ހުރިހާ ކަމެއް ބޮއްސުންލުމުގެ ކުރިން، މި ފިލްމުގައި އުޅޭ އެކްސޯސިސްޓްގެ ކެރެކްޓާ ތައާރަފްކޮށްދިން ގޮތް އަދި މަށަށް މި ދެވެނީ ވައްޓާލައިފަ އެވެ.
ބަލަ، އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.
އޯކޭ. ސޯ --- މުޅި މި ފިލްމުގައި ވެސް ފެނިގެން ދިޔަ އެންމެ ސިނެމެޓިކް ވަގުތުކޮޅަކީ މި ބުނާ އެކްސޯސިސްޓެއް ތައާރަފްކޮށްދިން ގޮތެވެ. އެކަމަކު ހަމަ އަސްލަށް ވެސް އަހަރެން ހީކުރީ އެއީ ފިލްމުގެ އެ ހިސާބުން އައި އަގުބޮޑު އިޝްތިހާރެއް ކަމަށެވެ.
މިއީ ސަމާސާއެއް ނޫނެވެ. ސީޒަން އަކީ އޭނާގެ ފިލްމުތަކުގައި އާދަޔާހިލާފު ކަންކަން ކުރައްވާ ބޭފުޅަކަށްވީމަ މިހެން ހީވުމަކީ ނެޗުރަލް ކަމެކެވެ.
އަނެއްކޮޅުން އެ ފެންނަނީ މިހާރު ބޮލީވުޑްގެ ތަރި އެކެވެ. އަދި އެކްސްޓްރީމް ކްލޯޒް އަޕާއި ސްލޯމޯތަކާއި ފޯކޭގެ އެސްތެޓިކާ އެކު އަހަރެން ހީކުރީ ހަމަ ހަގީގަތުގައި ވެސް ހައި އެންޑް ފްރެންޗް ބްރޭންޑެއްގެ ސެންޓު އިޝްތިހާރެއް ފެށުނީ ކަމަށެވެ. ބައްތި ދިއްލައި ބޭސްތައް ފުނޑައި ދުންބުރުވަމުން 'ރީޒަން' އޭ ކިޔާ އަގުބޮޑު ސެންޓު ބްރޭންޑެއްގެ އެޑެއް މި ފެށުނީ ކަމަށެވެ.
އެވަރުގެ ރީތި ހިތްގައިމު މަންޒަރުތަކެއް އަހަރެން މުޅި ރޭގަނޑު ވެސް ނުދެކެމެވެ. އެކަމަކު ބުނެބަލާށެވެ؛ އެ މޮންޓާޖު ކިތަންމެ ހިތްގައިމަސް ފިލްމަށް ދިނީ ކޮން ބަރުދަނެއް ހެއްޔެވެ؟ ބައްލަވާށެވެ. މި އުޅެނީ ގެއެއްގައި ބަޔަކު ޖިންނި އަވަލައި މޮޔަވެގެންނެވެ.
އެކަމަކު ފިލްމު ބަލަން ގޮސް ތިބި މީހުންނަށް އެކަން އިހުސާސުވާނެ ގޮތެއް ހެދުމުގެ ބަދަލުގައި ޑައިރެކްޓަރު ބިޒީވެގެން އެ އުޅެނީ ހައި އެންޑް އިޝްތިހާރެއް ޝޫޓްކުރާނެ ގޮތުގެ ޑެމޯއެއް ދެއްކުމުގަ އެވެ.
ބްރޯ! މިއީ ދެން ކޮން ކަމެއް ހެއްޔެވެ؟
ދެން ފިލްމު ނިމެން ވިއްސަކަށް މިނެޓަށްވީމަ ފެނިގެން ދަނީ ޑީއުޓީ އަށް ގަޑިޖެހުނު ޖިންނިކަލޭގެ އެކެއްގެ ގަޔަށް ވަދެފައި އަނެކެއްގެ ގަޔަށް ވަދެ މީހުން އިރައި ކުދިކުރަމުން ގެންދާ ގޮތެވެ. މުޅި ޗެޕްޓާ އެކެއްގައި އިރުކޭތައެއް މޫނުމަތީގައި ހިފައިގެން އުޅުނު އައިޝަތު ރިޝްމީ އެ ފިލްމުގައި ތައްޔާރުވަމުން ދިޔަ ރޯލު ވެސް ފެނިގެން ދަނީ މި ފިލްމުގެ ފަހުނޭވާގަ އެވެ.
މި ފިލްމުގައި ޖިންނިކަލޭގެ އެ ސޮރުގެ އަސްލު ސޫރައިގެ ބޮޑު ޕަސެންޓެއް ދައްކުވައިދެނީ ރިޝްމީގެ މި ބުނާ މޫނުމަތިންނެވެ. ނަމަވެސް ބޮލީވުޑްގެ ކުޅަދާނަކަމާ ޖެހުނީމަ އެ އޮތް ނުލަފާ އެރުވި ޖިންނިކަލޭގެ ވެސް ކުއްލިއަކަށް ސައިޒުވެއްޖެ އެވެ. އަދި ބޮލީވުޑްގެ ތަރިއެއް ފެނިގެން އަނގަހުޅުވިފައި ހުރި ޖުމައްޔިލްގެ ހަށިގަނޑު އިރާލުމަށް ފަހު އެ ޖިންނި ރައްކާވީ ހަމަ ކުއްލިއަކަށެވެ.
ދެން ފިލްމު ވެސް ނިމުނީ އެވެ. ނަމަވެސް އެ ނިމުމުގައި އޮތީ މި ހަޑި ހޭވުން އަދިވެސް ކުރިއަށް އޮތް ކަމުގެ އިޝާރާތެކެވެ. އެހެންކަމުގައި ވަނީ ނަމަ ދެން ހަދާ ފިލްމަކަށް އިމްތިހާނުގެ ފިލާވަޅު ރަނގަޅަށް ދަސްކުރާށެވެ.
ފިލްމަކީ ވެސް މީޑިއަމެކެވެ. ލެންގުއޭޖެކެވެ. އެހެންވީމަ އިންސާނަކަށް ފަހުމުވާނެ ފަދަ ފިލްމެއް އެ ބަސް ނޭނގޭ މީހަކު ހަދާނީ ކިހިނެތް ތޯ އެވެ؟ ދިވެހި ބަސް ނޭނގޭ މީހަކު އައިސް ދިވެހިންނަށް ދިވެހި ބަހުގެ ޝޯއެއް ދޭނީ ކިހިނެތް ތޯ އެވެ؟
ޕަރީ: ޗެޕްޓާ ދޭއް ބަލައިގެން އަހަންނަށް އިހުސާސުވީ ޗެޕްޓާ އެކަކުން ވެސް އިހުސާސުވި ތަރަކަމެވެ. އެކަމަކު އެއަށް ވުރެ އެތައް ގުނައެއް ހާޑުކޮށް ލަޑާފައި އޮތް ބޮގެއް ފަދައިންނެވެ.



