'އާޖެންޓް. ޕްލީޒް ކޯލް.'
ފޯނަށް ލިބުނު މެސެޖެއްގައި އޮތީ މިހެންނެވެ. ސޭވުކޮށްފައި ނެތް އެ ނަމްބަރުން ދެ ތިން ކޯލެއް މިސްވެފައި އޮތުމުން ކާކުތޯ ބަލައިލިއިރު އެއީ ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހެވެ.
ދުވަހުގެ ޚަބަރުތައް ހާވައި ބަލަމުންދަނިކޮށް ދެން ފެނުނީ ހއ. ކެލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައި ފައްތާހު ކެމްޕޭން ފަށައިގެން އުޅޭ ވާހަކަ އެވެ.
އެއަށް ފަހު ދެން ލިބުނީ މި އާދަޔާހިލާފު ޝަހުސިއްޔަތު އަހަރެމެންނާ ކުއްލި ގޮތަކަށް ވަކިވެގެން ދިޔަ ހިތާމަވެރި ޚަބަރެވެ.
ދިވެހި ފިލްމީ ދުނިޔެ ބަދަލުކޮށްލި މި ޝަހުސިއްޔަތާ ބައްދަލުވި ފުރަތަމަ ދުވަސް އަޅުގަނޑުގެ ހަނދާނުގައި އަދިވެސް ވަރަށް ކުލަގަދަ އެވެ. އެއީ 'ހަވީރު' ނޫހުގައި އަޅުގަނޑު ދިވެހި ފިލްމު ރިވިއުކުރަން ފަށައިގެން އުޅުނު ދުވަސްވަރެވެ. ފައްތާހު އޭނާގެ ޓްރޭޑްމާކް ވައްޓަފާޅީގައި އެ ދުވަހު އަޅުގަނޑަށް ކިޔައިދެމުން ދިޔައީ ދިވެހި ފިލްމެއް ރިވިއުކުރާއިރު ބަލަންޖެހޭ ކަންކަމުގެ ވާހަކަ އެވެ.
ލިޔުނު ލިޔުމަކާ ގުޅިގެން ހިޔާލު ކިތަންމެ ތަފާތުވިޔަސް، ފިލްމީ ދާއިރާގެ އެހެން ގިނަ ފަންނާނުން ފަދައިން ފައްތާހު އެއްވެސް އިރަކު އަޅުގަނޑު ބޮއިކޮޓެއް ނުކުރެ އެވެ. ފިލްމު އެސޯސިއޭޝަންގެ ރައީސަކަށް އޭނާ ހުއްޓައި، މުޅި އެ އެސޯސިއޭޝަނުގެ މެމްބަރުން 'ނަދީމަށް އިންޓަވިއު ނުދޭން' ބައިއަތު ހިފާފައި އޮތްވާ ވެސް އޭނާ އަޅުގަނޑަށް އިންޓަވިއު ދިނެވެ.

'އަވަސް ވީކެންޑް' ގެ އެ ހާއްސަ އިންޓަވިއުގައި އަޅުގަނޑުމެން ގޮވައިގެން ކ. ގުރައިދޫ އަށް ފައްތާހު ދިޔައިރު އޭނާ އުޅެނީ އޭނާގެ 13 ވަނަ ފީޗާ ފިލްމު، 'ހައްދު' ގެ މަސައްކަތުގަ އެވެ. ކަން ދިމާކުރި ގޮތުން އެ ފިލްމު ވެގެން ދިޔައީ އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ފަހު ފިލްމަށެވެ. އަދި ލިބުނު އެންމެ ފަހު އިންޓަވިއު އަށެވެ.
އެއަށް ފަހު ފިލްމީ ދާއިރާ އިން ރިޓަޔާކުރުމަށް ފަހު ފާއިތުވި 10 ވަރަކަށް އަހަރު ފައްތާހު އުޅުނީ އުފަން ރަށް، ހއ. ކެލާގައި ރެސްޓޯރަންޓެއް ހުޅުވައިގެން އެތަނުގައި ކައްކައި، މީހުންނަށް ސާވްކޮށް، އޭނާގެ ދިރިއުޅުން މުޅިން އައު ފެށުމަކުން ފަށައިގެންނެވެ.
ނަމަވެސް ފައްތާހު އަހަރެމެންނާ ވަކިވެގެން އެ ދިޔައީ ހަނދާނުން ފިލައިގެން ނުދާނެ އެތައް ލަވަޔަކާއި ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ. ޓެލެޑްރާމާ އަދި ޑޮކިއުމެންޓްރީތަކެއް ހަދިޔާކޮށްފަ އެވެ. އޭނާގެ ރާގުގައި، އޭނާގެ ވައްޓަފާޅީގައި ބުނާ ނަމަ، "ސަޅި، ހަބޭސް، ވަރަށް ޗާލު" މަންޒަރުތަކެއް އަހަރެމެންނަށް ދޫކޮށްފަ އެވެ.
ފައްތާހަކީ ދިވެހި ސިނަމާ އައު އުސްމިނަކަށް ގެންގޮސްދިން ފަންނާނެއް ކަމާ މެދަކު ޝައްކެއް ވެސް ނެތެވެ. ވަކިން ހާއްސަކޮށް ދިވެހި ލަވަ އާއި ޓެލެޑްރާމާ އަދި ފިލްމުތަކަށް ސްޓައިލާއި ރީތިކަން ގެނެސްދިން އެއް ސިއްރަކަށް ވާނީ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ގެންގުޅުނު ތަފާތު ވިސްނުމެވެ.
ދިވެހި ސިނަމާގެ މަންޒަރުތައް 'ހިތްގައިމުކޮށް' ދިން އެންމެ ބޮޑު އެއް މޭސްތިރިއަކީ ފައްތާހުގެ ޓްރޭޑްމާކް 'ސަޅި' ސްޓައިލެވެ.
އޭނާގެ ކޮންމެ މަސައްކަތަކީ 'ރީތި ކަމުގެ' މާސްޓަކްލާހެއް ބެލުންތެރިންނަށް ނަގައިދިން އުފެއްދުމެކެވެ. ފައްތާހުގެ އެ ހުނަރުވެރިކަން އޭނާގެ ފުރަތަމަ މަސައްކަތާ އެކު ބެލުންތެރިންގެ ލޮލުގައި އަޅައިގަތީ ވެސް މި ސަބަބާ ހެދި އެވެ. ފައްތާހަކީ އިންޓަވިއުތަކުގައި ދިން 'ތަފާތު' ކަމުގެ ޔަގީންކަން އަބަދުވެސް އޭނާގެ މަސައްކަތުން ސާބިތުކޮށްދިން އާޓިސްޓެކެވެ.

މިސާލަކަށް ބަލަނީ ނަމަ، ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްލަން އޭނާ އަށް ލިބުނު ފުރަތަމަ ފުރުސަތެވެ. އެއީ 1996 ވަނަ އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތެވެ. އޭގެ ކުރީ އަހަރުގެ ނާކާމިޔާބީ އަށް ފަހު އެންއެސްއެސް (ސިފައިން) ގެ ޑްރާމާ ޓީމުން ދިޔައީ 'އެންމެ މޮޅު ޑްރާމާ' އާއި 'އެންމެ މޮޅު ޑައިރެކްޓަރު' ގެ އެވޯޑް ގެންދާނެ އުފެއްދުމެއް ރޭހަށް ނެރޭނެ ގޮތަކާ މެދު ވިސްނަމުންނެވެ.
އެއަށް ފަހު ދެންވީ ގޮތް ކިޔައި ދިނީ އޭރު، ސިފައިންގެ ތެރޭގައި ޓެލެޑްރާމާތައް ޑައިރެކްޓްކުރުމުގައި އިސްކޮށް އުޅުނު، ތަޖުރިބާރު ފިލްމު ޑައިރެކްޓަރު، އަމްޖަދު އިބްރާހީމެވެ.
"އޭރު އަހަރެމެން މިތިބީ، އަޅުގަނޑު ޑައިރެކްޓްކުރި މާބުރުގެ އުސޫލު ޑްރާމާ އަށް ހުރިހާ އެވޯޑެއް ލިބުނުއިރު ވެސް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ނުލިބި މާޔޫސްވެފައި. ދެން ސިފައިންގޭގެ ވެރިން ވިދާޅުވެއްޖެ، މިފަހަރު ވާނެއޭ ޑައިރެކްޓަރުގެ އެވޯޑް ވެސް ނަގަން. އަވަހަށް އިއުލާނުކުރާށޭ ޑްރާމާ ކުޅެން ބޭނުންވާ މީހުން ހޯދަން،" ފައްތާހުއާ އަލަށް ބައްދަލުވި ހަނދާންތައް ހާވައި ކިޔައިދެމުން އަމްޖޭ ފޯނުން ބުންޏެވެ.
"ދެން އަޅުގަނޑު ލިޔެފިން، އާ ޑްރާމާއެއް ވެސް. މި ޑްރާމާ ހަދަން، އިއުލާނުކޮށްލުމާ އެކު މީހުންތައް އަންނަން ފަށައިފި. އެ ދުވަހަކީ، ވޭން ނަމަކަށް ކިޔާ ޑްރާމާއެއް ހިފައިގެން އައި ޒުވާން ފައްތާހުއާ ބައްދަލުވި ދުވަސް."
"ދެން ބްރިގޭޑިއާ ޖެނެރަލަކަށް ހުންނެވި މުހައްމަދު ޒާހިރު ވިދާޅުވެއްޖެ، މިފަހަރު ހަދަންވީ ނޫން ހެއްޔޭ ފައްތާހު ގެނައި ޑްރާމާ، އޭނާއާ ގުޅިގެން."
އެފަހަރުގެ މުބާރާތަށް އަމްޖޭ ނުކުތީ އޭނާގެ ޑައިރެކްޓަރުކަމުގެ ގޮނޑި އަށް ފައްތާހު ލައިގެންނެވެ. އަދި ފައްތާހު އަށް ފުރުސަތު ދީގެން އޭނާ ބައިވެރިކޮށްގެން، ދެ މީހުން އެފަހަރު ޑައިރެކްޓްކުރި 'ވޭން' ވެގެން ދިޔައީ އަދިއަދާ ހަމަ އަށް ވެސް ދިވެހިންގެ ހަނދާނުން ފިލައިގެން ނުދާ ވަރުގެ މޮޅު އަދި ތަފާތު އުފެއްދުމަކަށެވެ.
"އޭރު އަޅުގަނޑުމެން ޑްރާމާ އާއި ފިލްމު އުފައްދަމުން ދިޔަ ގޮތް މުޅިން ބަދަލުކޮށްލި މީހެއް ފައްތާހަކީ،" އަމްޖޭ ބުނެލި އެވެ.

އެފަހަރު، އެންމެ މޮޅު ޑްރާމާ އަދި އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑް ވެސް ލިބުނީ ފައްތާހާއި އަމްޖޭއަށެވެ. އެ ދުވަހަށް ފަހު ފައްތާހުގެ 'ތަފާތު' ސްޓައިލް 'އާ ބޭރު ޓޮއް ޓޮއް' ޖަހާފައި ދިވެހި ފިލްމީ އުދަރެހުގައި ފިޔަޖަހައި އުދުހިގަތެވެ.
ސިފައިންގެ މަޝްހޫރު ލަވަ، 'އާ ބެރު ޓޮއް ޓޮއް" އަށް ފައްތާހު ޑައިރެކްޓްކޮށްފައިވާ ވީޑިއޯ ލަވަ އަކީ ވެސް އޭނާގެ ޑައިރެކްޝަނާއި ފަންނުވެރިކަން އޭރު ވެސް ޒަމާނަށް ވުރެ ކުރި އަރައި ގޮސްފައި އޮތްކަން ސާބިތުކޮށްދޭ އުފެއްދުމެކެވެ. އެ ލަވައިގެ ވީޑިއޯ މިއަދު ވެސް ދިވެހިންގެ މެދުގައި ވައިރަލް މަގްބޫލުކަމެއް ހޯދަމުން އެ އަންނަނީ އެކަން ސާބިތުކޮށްދެމުންނެވެ.
ފައްތާހުގެ ހިތް އޮތީ އަބަދުވެސް ރިހިސްކްރީނުގަ އެވެ. ސިފައިންގޭގެ ވަޒީފާ އަށް ވަނުމުގެ ކުރިން އޭނާ އެކްޓް ވެސް ކޮށް އުޅުނެވެ. އެއީ އީޕީއެސްގައި ކިޔަވަން އުޅުނުއިރު، ޓީވީއެމް އިން ލިބުނު ފުރުސަތުތަކުގަ އެވެ. ޓީވީއެމްގެ އޭރުގެ ޕްރޮޑިއުސަރެއް ކަމުގައިވާ މަރިޔަމް ޝައުގީ އުފެއްދި ގިނަ ޑްރާމާތަކެއްގައި އޭނާ އޭރު ދެއްކީ އެކްޓިންގެ ހުނަރެވެ.
ފިލްމީ ދުނިޔޭގައި މީހުން ބުނާ ވާހަކައެއް އޮވެ އެވެ. މޮޅު ޑައިރެކްޓަރުންނަކީ، އެންމެ ފުރަތަމަ، މޮޅު އެކްޓަރުންނެވެ. ސިނަމާގެ ތާރީޚު ވެސް މިކަމަށް ހެކިވެ އެވެ. އަދި ޔަގީނަށް ވެސް އަބްދުލް ފައްތާހުގެ ކުލަގަދަ ކެރިއަރަކީ ފެންނަން އޮތް ބާރުގަދަ ތަސްވީރެކެވެ.


ސިފައިންގެ ވަޒީފާ ދޫކޮށްލުމަށް ފަހު ފައްތާހު ފިލްމު ޑައިރެކްޓަރެއްގެ ހުވަފެން ހަގީގަތަށް ހެދުމަށް ހުސްވިއިރު އޭނާ ވަނީ އެކްޓަރެއްގެ ގޮތުގައި ފަށައިގެން ގޮސް ލަވަޔާއި ޓެލެ ޑްރާމާ އަށް ފަރިތަވެ ނިމިފަ އެވެ. އެއަށް ފަހު، އިތުރު ތައާރަފެއް ބޭނުންނުވާ ފެންވަރުގެ ޑައިރެކްޓަރެއްގެ ގޮތުގައި އަބްދުލް ފައްތާހުގެ ނަން ސިއްކަޖައިދިން އުފެއްދުމަކީ، 2000 ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި އަލަތު ފީޗާ ފިލްމު، 'ހިމޭން ދުނިޔެ' އެވެ.
އާދައިގެ މަތިން، އެ ފިލްމު ވެސްވީ ފައްތާހުގެ ނަމަށް އިތުރުވި ކާމިޔާބީގެ ވަރުގަދަ ބޮޅަކަށެވެ. ފައްތާހު އަތްލި ކޮންމެ ފިލްމެއް، ޑްރާމާއެއް، ލަވައެއް ބަދަލުވަމުން ދިޔައީ އެންމެ މަގްބޫލު އުފެއްދުމަށެވެ.
ފައްތާހުގެ އެ ކާމިޔާބީއަކީ ނަސީބެއް ނޫންކަމާއި އޭނާ އަކީ ވަށައި ބުރުޖެހޭ ފަންނާނެއްކަން އޭނާ ސާބިތުކޮށްދިނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމްގެ ވާހަކަ އަކަށް 2003 ވަނަ އަހަރު ގެނެސްދިން 'ވެހޭ ވާރޭ ތެރެއިން' އެވެ. އެ ފިލްމުން ފައްތާހު ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމާއި ޑައިރެކްޓަރުގެ އެވޯޑް އުފުލާލިއިރު، އެ ފިލްމުގެ މޭކަޕް ޑިޕާޓްމަންޓާއި އާޓް ޑައިރެކްޝަންގެ ޑިޕާޓްމަންޓް ވެސް ބެލެހެއްޓީ ފައްތާހެވެ.
އޭނާ ވަނީ އެފަހަރު އެ ހުރިހާ ކެޓަގަރީތަކުން ވެސް އެވޯޑް ނަގައިފަ އެވެ. ކުރިން ވެސް ފާހަގަކުރި ފަދައިން ފައްތާހަކީ އަބަދުވެސް އޭނާގެ މަސައްކަތްތައް 'ރީތިކޮށް ފުރިހަމަކުރުމަށް' އޭނާގެ އަމިއްލަ ދެ އަތުން ފިލްމުގެ ހުރިހާ ޑިޕާޓްމަންޓެއް ފޮޅައި ސާފުކޮށް ބަލަހައްޓަމުން ދިޔަ އާޓިސްޓެކެވެ.
ފައްތާހުގެ ކިބައިގައިވީ މި ޕެޝަން ފާހަގަކޮށް، އޭނާގެ އާދަޔާހިލާފު ކެރިއަރުން ފާހަގަކޮށްލެވުނު ވަރަށް ތަފާތު ޓެލެންޓެއް ކުޅަދާނަ ސްކްރީންރައިޓަރު މަހުދީ އަހުމަދު ވެސް ކިޔައިދިނެވެ.
"މިސާލަކަށް މިއަދަށް ނަގަން ހަމަޖެހިފައި އޮތް މަންޒަރެއް ފަށާ ވަގުތު ޖެހޭއިރު އެކްޓަރުން ހަމަނުވިޔަސް އޭނާ އެ ޝޫޓިން ކެންސަލެއް ނުކުރާނެ. ލިބުނު ބަޔަކާ އެކު އޭނަ އެ ޝޫޓިން ވެސް ކުރިއަށް ގެންދާނެ. ދެން އޭގެ އެތައް ދުވަހެއް ފަހުން ހަމަ އެ މަންޒަރުތައް އޭނަ ފުރިހަމަކޮށްފާނެ، އެ ދުވަހު ނެތް އެކްޓަރުން ހިމަނައިގެން،" ފައްތާހު ޑައިރެކްޓްކުރި އެންމެ ކާމިޔާބު އެއް ޓެލެޑްރާމާ ތީއޭ މިހިތުގެ ވިންދަކީގެ 52 އެޕިސޯޑް ލިޔުނު މަހުދީ ކިޔައިދިނެވެ.
"އެއީ އަޅުގަނޑު އިމްޕްރެސްކޮށްލި ކަމެއް. ސަބަބަކީ ސްޓޯރީބޯޑު ހެދުމެއް ނެތި، ކުރިން ނަގާފައިވާ ސީންއަކާ ފަހުން ނަގާ ސީންއެއް އެގޮތަށް އެހާ ޕާފެކްޓްކޮށް ގުޅުވާލުމަކީ ވަރަށް އުނދަގޫވާނެ ކަމެއް އަސްލު. އެކަމަކު ފައްތާހަކީ އޭނާގެ އެއްވެސް ފިލްމެއްގައި ސްޓޯރީބޯޑް ހަދައިގެން މަސައްކަތްކުރި މީހެއް ވެސް ނޫން."

ފައްތާހުގެ ގިނަ ފިލްމުތަކެއް އަދި މަޝްހޫރު ޑްރާމާ، 'ތީއޭ މިހިތުގެ ވިންދަކީ' ޑްރާމާގެ 31 އެޕިސޯޑް ލިޔުނު ބިންމާ ވެސް ފައްތާހު ސިފަކޮށްދިނީ ފިލްމީ ދާއިރާއިން މަދުން ނޫނީ ނުފެންނަ ވަރުގެ ޓެލެންޓެއްގެ ގޮތުގަ އެވެ. ބިންމާ ބުނީ ފައްތާހާއެކުގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޮރިޖިނަލް މެޓީރިއަލް އަށް އޭނާގެ ހިތުގައި ދީފައި އޮތް އިހުތިރާމެވެ.
"ފައްތާހަކީ އޭނާ ޑައިރެކްޓްކުރާ ފިލްމެއް، ޑްރާމާއެއް ވިޔަސް، އޭގެ ސްކްރިޕްޓަށް އެއްވެސް ބަދަލެއް ނުގެންނާނެ، އެ ހެޔޮ ކިތަންމެ ކުޑަ ބަދަލެއްވިޔަސް، ނުގެންނާނެ ލިޔުންތެރިޔާ އަށް ގުޅާފައި ނޫނިއްޔާމު. ޕްރޮޑަކްޝަންގެ ސަބަބަކާ ހެދިގެން ކަމެއް ބަދަލުކޮށްލަން ޖެހުނަސް، ޝޫޓިންގައި ހުރެފައި ވެސް ގުޅާލާނެ ވެގެން އުޅޭ ގޮތް ކިޔާލަދޭން،" ބިންމާ ކިޔައިދިނެވެ.
"އަނެއް ކަމަކީ، ފައްތާހަކީ އޭނާ ކުރާ މަސައްކަތެއް ފުރިހަމަކުރުމުގައި ނުފޮރުޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަހަލަ މީހެއް."
އެއީ ތެދެއްކަން ފައްތާހުގެ ކޮންމެ މަސައްކަތެއް ވެސް ސާބިތުކޮށްދެ އެވެ. ޓެލެޑްރާމާތަކުން ހޮވަނީ ނަމަ، ރޭޝަމް، އައިޝާ، ތީއޭ މިހިތުގެ ވިންދަކީ އަދި ހިނިތުންވެލާށޭ ކަލާ އެވެ. ރިހިއިސްކިރީނުން ކަމުގައި ވަނީ ނަމަ އެންމެފަހުން ގެނެސްދިން ފިލްމު 'ހައްދު' ވެސް ފުދެ އެވެ.
ފައްތާހުގެ އަމިއްލަ ތަރުޖަމާގައި އޮތް ފަދައިން، އެވޯޑްތަކަށް ވުރެ އޭނާ އަށް އަބަދުވެސް މުހިންމުވީ އޭނާ ކުރި މަސައްކަތެވެ. ތެދެކެވެ. ފައްތާހަކީ އޭނާގެ ކިބައިގައިވީ ހުރިހާ ހުނަރެއް ދީލަތިކަމާ އެކު ފިލްމީ ދާއިރާ އަށް ހަދިޔާކޮށްފައި ވަކިވެ ދިޔަ ފަރާތެކެވެ.



