"ފިލްމު ބަލާފައި ހަމަ ހިތްފަޅައިގެން ހިނގައްޖެ"
ޖަންނަތު ބަލާފައި ނުކުމެ ރޮއެ ހޭރެމުން ދިޔަ މީހަކު މިހެން ބުނުމުން އެކަން އެންމެނަށް ވެސްވީ ވަރަށް މަޖާ ކަމަކަށެވެ. އެއީ ދިވެހި ފިލްމެއް، ދިވެހިން އަދިވެސް ސީރިއަސްކޮށް ނުނަގާކަން ސާބިތުކޮށްދިން ކަމެކެވެ.
އެކަމަކު އަހަރެން ބުނަން ހެއްޔެވެ؟
މި ފިލްމަކީ ހަމަ ހަގީގަތުގައި ވެސް އެ ފިލްމެއް ބަލާފައި މީހެއްގެ ހިތްފަޅައިގެން ގޮސްދާނެ ކަހަލަ ފިލްމެކެވެ. ހިތް ކީއްކުރަންތޯ އެވެ؟ ހިތާއި މެޔާއި ލަގޮނޑި ވެސް ފަޅައިގެން ހިނގައިދާނެ އެވެ.
ރޮއެ ރޮއެ ލޮލާއި ބޮލާއި މޫނު ދުޅަވެގެން ގޮސް އިންސާނަކު ފުރަމޭކޮށްލުމުގެ ބާރު ވެސް، އައިޝަތު ފުއާދާއި އަހުމަދު ތޮލާލް ލިޔެ އަލީ ޝިފާއު ޑައިރެކްޓްކޮށްފައިވާ ޑާކް ރެއިންގެ މި ފިލްމު 'ޖަންނަތު' ގައި އެބަހުއްޓެވެ.
އަދި މިހެން މި ބުނަނީ ހަމަ އެއްގޮތަކަށް ވެސް އަހަރެން ކުރާ މަލާމާތެއްގެ ގޮތުގައެއް ނޫނެވެ. ޚުދު އަހަރެން ވެސް އޮލިމްޕަހުން ނުކުމެގެން އައީ އެތަން ކަރުނައިގެ ކޯރަކަށް ހަދާލައިފަ އެވެ.
ޑާކް ރެއިންގެ މި ތޫފާނަށް އަހަރެން ޣަރަގުވެ ނެތި ނިމިދާނެހެން ހީވި އެތައް ފަހަރަކާ ބައްދަލުވި އެވެ.
ނަމަވެސް އޮލިމްޕަހުން ނުކުމެ، ހަތަރެސްފައިން ކަރުނަތައް ފޮޅަމުން ގެއަށް ދިޔަ މަގުމަތީގައި އަހަރެންގެ ހިތަށް އެރީ ދެ ގަޑިއިރާއި ބައި ވަންދެން އަހަންނަށް މި އުޅެވުނީ ހިކިފަސްތަނެއްގައި ބަކަތެޅުމުގަ އެވެ. އަހަރެންގެ އެ ހުރިހާ ރުއިމަކާއި ހޭރުމެއް މިވީ ހާދަ ބޭކާރު މަސައްކަތަކަށޭވެ.
އެކަން އެހެންވީ ސަބަބު ހޯދުމަށް ފުނާއަޅަމުން ދަނިކޮށް އަހަރެން ގޮސް ވެއްޓުނީ 'ޖަންނަތަކަށް' ނޫނެވެ. 'ޖަންނަތު' ގައި އޮތް ބޮޑު ވަޅުގަނޑެއްގެ ތެރެއަށެވެ.
އެހެންވީމަ މި ރިވިއުގައި ބަލައިލާނީ މި ފިލްމު ބަލައިގެން ރޮވުނު ސަބަބާއި، މިވަރުގެ ފިލްމަކަށްޓަކައި ރޮވުނީތީ، ދެ ވަނަ ފަހަރަށް އަދި އެއަށް ވުރެ ބޮޑަށް ރޮވުނު ސަބަބުތަކަށެވެ. އާނއެކެވެ. މި ކިޔޭ ނުކިޔޭއެއް މަށަކަށް ވެސް ނޭނގެ އެވެ.

މޮގާ ސާ، ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު އުފަންވެ ވުޖޫދުވެގެން އައީ އޯޓިޒަމް ހުރި ބައްޕައެއްގެ ހައްގުގަ އެވެ. މުޅި ދުނިޔެ އެ ބައްޕައާ ދެކޮޅަށް ނުކުތްކަމުގައިވިޔަސް އެ ބައްޕަގެ ގާބިލުކަމަށް ވަކާލާތުކޮށް ސާބިތުކޮށްދޭށެވެ. އޯޓިޒަމް ހުރި ބައްޕައެއްގެ ކިބައިގައި ކުއްޖަކު ބަލައި ބޮޑުކުރުމުގެ ގާބިލުކަން ނެތް ކަމަށް ބުނާ މީހުންނަށް ގޮންޖަހާށެވެ.
އޯޓިޒަމް ތަހައްމަލުކުރާ މީހަކު ދުނިޔެ ބަލާގޮތް ތަފާތުވިޔަސް ކުލުނާއި ލޯތްބާއި އަޅާލުން އަދި ބެލެނިވެރި ގާބިލުކަން އޭނާ އަށް ލިބިފައިވާކަން ފިލްމު ބަލަން ގޮސް ތިބި މީހުންނަށް ވިސްނައި ސިފަކޮށްދޭށެވެ.
މިއީ ހަގީގަތުގައި ވެސް ފިލްމެއް އެ ބަހުސެއްގެ ތެރޭގައި ތަރައްގީކުރުމަށް ވަރަށް ވެސް ވަރުގަދަ ހިޔާލެކެވެ. އަދި އޯޓިޒަމްގެ ހޭލުންތެރިކަން ކުޑަ ދިވެހި މުޖުތަމައު އަށް ނުހަނު މުހިންމު ފިލްމެއް ވެސްމެ އެވެ.
އެކަމަކު މި ފިލްމަށް އެކަން ސާބިތުކޮށްދެވުނު ހެއްޔެވެ؟ ފިލްމު އޭގެ އަމިއްލަ ޒާތުގައި އެޔަކާ ހަވާލުވެގެން އައި ޒުވާބު ކާމިޔާބުކުރެވުނު ހެއްޔެވެ؟
އަހަރެންގެ ހިޔާލުގައި ފިލްމަކަށް އެކަން ނުކުރެވުނެވެ. މި ބުނަނީ ފިލްމުގައި ދައްކުވައިދޭ ކޯޓު ބެޓްލްގައި ޖަންނަތުގެ ޓީމު ބަލިވާ ވާހަކައެއް ނޫނެވެ. އެ ބައްޔަކީ ހަގީގަތުގައި މައްސަލައެއް ވެސް ނޫނެވެ. އެ ބައްޔަކީ މުޖުތަމައުގައި ކަން އޮތްގޮތެވެ.
އެކަމަކު ކޯޓުން އަދި ޖަންނަތު ބަލިވިޔަސް، ފިލްމު ވާން ޖެހޭނީ ޖަންނަތަށް ލިބޭ ކާމިޔާބީ އަކަށެވެ. ފިލްމު އުފެއްދީ މި ނޫން ދެ ވަނަ ސަބަބެއް ސާބިތުކޮށްދިނުމަށް ނޫން ކަމަށްވާތީ އެވެ. އެކަމަކު އާދައިގެ މަތިން ފިލްމު އެ އޮތީ މޮގާގެ ޖީބަށް އޭގެ ހުރިހާ ފައިދާއެއް އޮހޭ ގޮތަށެވެ.
މިއީ މި ފިލްމާ ކަރުޔަނާ އަރައި ހަމަވާ ހިސާބެވެ.
ފިލްމު ބަލައިގެން ރޮވުނު ކަމަށް ބުނާ މީހުން އެ ހަދަނީ ދޮގެއް ނޫނެވެ. މި ފިލްމު ވިޔެފައި އޮތީ ހަގީގަތުގައި ވެސް ހިތުގެ އެންމެ ހިމަ ނާރުތަކާ ކުޅެލުމަށެވެ. އަދި އޭގެ ނަތީޖާއަކަށް ވެގެން ދަނީ ފިލްމުގެ އެންމެ އަސާސީ މައްސަލަ މަތިން ހަނދާން ނެތިގެން ދިއުމެވެ.
ފިލްމުގެ ލީޑް ކެރެކްޓާ، ޖިބްރާނަށް ހަމްދަރުދު އުފެއްދުމަށް ލިޔުންތެރިޔާ އާއި ޑައިރެކްޓަރު ކޮށްފައިވާ މަސައްކަތާ މެދުގައި ސުވާލެއް އުފައްދާނެ ޖާގައެއް މީގައި ނެތެވެ. އެ މަސައްކަތް ފެނިއްޖެ ނަމަ ފަސް ތަރި ވެސް ލަދުން ފިލާނެ އެވެ.

ޖިބްރާން އާއި އޭނާގެ، ގާތްގަނޑަކަށް 12 އަހަރުވީ އަންހެން ދަރިފުޅާ ދެމެދު އޮތް ކުލުނާއި އުފާވެރިކަން ފިލްމުގައި ވަރަށް ސާފުކޮށް ދައްކުވައިދެ އެވެ. ނަމަވެސް ޖިބްރާން ހެޕީޔޭ، ޖަންނަތު ހެޕީޔޭ، ބަލަ ކަލޭ ދެން ކޮން ވައްތަރު ވަނީޔޭ ކިޔާފައި އަހަރެމެންނަށް މިކަން އަދި ދޫކޮށްލެވޭކަށް ނެތެވެ.
އެވަރަށް ހެޕީކަމަށް ދައްކަންޏާމު، އެ ހެޕިނެސް އައީ ކޮންތާކުން ކިހިނެތްކަން ވެސް ފިލްމުގައި ބުނެދޭންވާނެ އެވެ. މިއީ ފިލްމު އޭގެ ޒާތުގައި ނުކުޅެދޭ ހިސާބެވެ.
މިކަން މިގޮތަށް ދިމާވީ ކިހިނެތްތޯ ބަލާއިރު، ޖިބްރާން، ޖަންނަތު ބަލައި ބޮޑުކޮށް އެހާ އުފާވެރި މޮޅު ކުއްޖަކަށް ހެދި ޓައިމްލަން އެއްކޮށް ފިލްމުން އުނިކޮށްފައި ވުމަކީ މި ފިލްމު ސާބިތުކޮށްދޭން އުޅުނު މައްސަލައިގައި ބައި ކޮޅަށް ޖަހާފައިވާ ގޯލެކެވެ.
ޖިބްރާން، އޭނާގެ މަސައްކަތު މާހައުލުގައި އުޅޭ ގޮތާއި އެ މާހައުލުން ބައްދަލުވާ، ރީނާއާ އެކު ލޯބީގެ ގުޅުމެއް އުފައްދާ ގޮތް ފިލްމުގައި ދައްކަން ޖެހޭ މިންވަރަށް ވަރަށް ސަޅިކޮށް ދައްކުވައިދެ އެވެ. މި ފިލްމަކީ ދެ މީހެއްގެ ރޮމޭންސް ދައްކަން ހަދާފައި އޮތް ފިލްމަކަށް ނުވާތީ އެއަށް ވުރެ އިތުރަށް ލޯބީގެ މާ ފޮޅުވުން ފިލްމަށް ބޭނުމެއް ވެސް ނުވެ އެވެ.
ނަމަވެސް ރީނާގެ އާއިލާއާ ދެކޮޅަށް ދެ މީހުން ފަށާ ޒަވާޖީ ހަޔާތަކީ މި ފިލްމު ފުރާފުރިހަމަކުރުމަށް އަޅަން ޖެހޭ ބިންގަލެވެ.
ނަމަވެސް ޒަވާޖީ ޒިންމާތައް ބެހިފައިވާ ގޮތާއި މީހަކާ އިނދެގެން ޖިބްރާން ގެއެއްގައި ދިރިއުޅުމެއް ނިއުޅުވަމުންދާ ގޮތް ދައްކުވައެއް ނުދެ އެވެ. ޖިބްރާންގެ އޯޓިސްޓިކް ހާލަތަށް އެ ޒަވާޖީ ހަޔާތް ތައްޔާރުކޮށްފައިވާ ގޮތެއް ނުފެނެ އެވެ. ޒިންމާދާރު ފިރިއެއްގެ ގޮތުގައި ޖިބްރާންކުރާ ކަމެއް ނުފެނެ އެވެ. އެމީހުންގެ ޒުވާބުތަކާއި ގުރުބާނީތަކެއް ނުފެނެ އެވެ.
އެމީހުންގެ ދިރިއުޅުމަށް ޖަންނަތު ލިބުނު ގޮތެއް ނުދައްކަ އެވެ. ބައްޕަގެއެއްގެ ގޮތުގައި ޖިބްރާން ނެގި ފުރަތަމަ ފިޔަވަޅެއް ފިލްމުގައި ނުދައްކަ އެވެ. ތަހައްމަލުކޮށް ތަޖުރިބާކޮށް ދަސްކޮށް ރަނގަޅުކުރި ކަމެއް ވެސް ނުދައްކަ އެވެ.
ތުއްތު ކުއްޖެއްގެ ގޮތުގައި ވަނިކޮށް ޖިބްރާން ޖަންނަތު ގޮވައިގެން އުޅުނު ގޮތެއް ފެންނާކަށް ނެތެވެ. ޖަންނަތު ބަލިވީމަ އޭނާ ގޮވައިގެން ޖިބްރާން އުޅުނު ގޮތެއް ފެންނާކަށް ނެތެވެ. އެ ދަރިފުޅުގެ ކިޔެވުމާއި ކެއުންބުއިމާއި އުޅުމުން ތަރުބިއްޔަތުކޮށް ހިމާޔަތްކުރުމަށް ޖިބްރާން ކުރި ކަމެއް ފެންނާކަށް ނެތެވެ. ސްކޫލުން ބަލާ ދަނީ ވެސް ކާފަ އެވެ. ސޭންޑްވިޗު ހަދައިދޭތަން ވެސް ފެންނަނީ ކާފަ އެވެ.
ވަކިން ހާއްސަކޮށް ކުއްލި މަރެއްގައި ޖަންނަތުގެ މަންމަ ވަކިވެ ދިއުމުން އެވަރުގެ ފުން ހިތާމައަކުން އެހާ އަވަހަށް ޖަންނަތު އަރައިގަނެ އެހާ އުފާވެރިކޮށް ކޮންމެ މަންޒަރެއްގައި އެ ކުއްޖާ އަހަރެމެންނަށް މި ފެންނަނީ ޖިބްރާންގެ ކިބައިގައިވީ ކޮން ކަހަލަ ބެލެނިވެރިކަމުގެ އުކުޅުތަކަކުންކަމެއް ފިލްމު ހަމަ އެއްގޮތަކަށް ބުނެދޭތަނެއް ނުފެނެ އެވެ.
އަހަރެމެންނަށް ފެންނަނީ، ރީނާގެ ކުއްލި މަރަށް ހަތަރު މަސް ފަހުން ވެސް އެދެބަފައިން ވަރަށް އުފަލުގައި އުޅޭ ތަނެވެ. ބޮލި ހޮވަން ދާތަނެވެ. އަދި ޖަންނަތު އަތުލުމަށް ރީނާގެ އާއިލާ އިން ކޯޓުގައި މައްސަލަ ހޫނުކުރަމުންދާއިރު ވެސް އެދެބަފައިން އުފަލުގައި ތިބޭ ތަނެވެ.

ފިލްމުން މި އޮތީ އޭގެ ހިތް ކަނޑައި ނަގައި، އެއިން ވަކިކޮށްފަ އެވެ. އެއަށް ފަހު މި ބުނަނީ ބަލާބަލާށޭ، ޖަންނަތު އެ އުޅެނީ ޖިބްރާނާ އެކު ނުލާހިކު އުފަލުންނޭ އެހެންވީމަ ކެރިކުޅަދާނަވެގެންވީ ބައްޕައެއްގެ ގޮތުގައި ޖިބްރާން ވަރަށް މޮޅީ ނޫން ހެއްޔޭވެ.
ނޫނެކެވެ. ބްރޯ ބަލަ އަދި އެހެން ބުންޏަކަސް ނުފުދެ އެވެ. ފިލްމުގެ މަގުސަދަކީ އެކަން ދައްކައި ސާބިތުކޮށްދިނުމެވެ. ފިލްމުގެ އަސާސަކީ ވެސް ކަންކަން ދެއްކުމެވެ.
ބައްލަވާ އިއްޒަތްތެރި ކިޔުންތެރިންނޭވެ. ފިލްމު އޭގެ ކްލައިމެކްސް ގައި ދައްކުވައިދިން ކޯޓު ބެޓްލް ގައި ވެސް ބަލިވީ މި ސަބަބާ ހެދި އެވެ. އެކަމަކު އެއަށް ވުރެ ބޮޑު ބައްޔަކީ ކޯޓުން ނުލިބުނު މޮޅު، ޖަންނަތަށް ހޯދައިދިނުމުގައި ފިލްމު ފޭލިވުމެވެ.
ފިލްމު ހެދި މީހުން ވެސް އެ ތިބީ ޖަންނަތުގެ ޝަރީއަތުގައި ވަކި އަތަކަށް ބުރަވެ ނިމިފަ އެވެ.
ކޯޓުން ބަލިވިޔަސް މައްސަލައެއް ނެތެވެ. ފިލްމު ވާން ޖެހޭނީ އޭގައި ސާބިތުކޮށްދޭން މަސައްކަތްކުރި މައްސަލައިގެ ދެކޮޅު ގެންގޮސް ކާމިޔާބުކަމާ އެކު ގުޅުވައިދޭ ފިލްމަކަށެވެ. އެހެން ނޫން ނަމަ އޭގައި އޮތީ ކޮން ބުރަދަނެއް ހެއްޔެވެ؟
އެކަމަކު މި ފިލްމު ބަލާފައި ހިތް ފަޅައިގެން ހިނގައްޖެއޭ މީހަކު ބުނެފިއްޔާމު އަހަރެން އަދިވެސް ގަބޫލުކުރާނަމެވެ. ސަބަބަކީ ފިލްމު އެގޮތަށް ވިޔެފައި އޮތުމެވެ. އެ ގޮތަކީ ކޮބައިތޯ އެވެ؟
އޯޓިޒަމާ އެކު ޖިބްރާން ފަކީރު އުޅެން ޖެހިފައިވާ ގޮތް ދެއްކުމެވެ. އޭނާއާ މެދު މީހުން ކަންތައް ކުރާ އިހާނެތި ގޮތްތައް ދެއްކުމެވެ. މީހުން ކިޔާ އެއްޗެއްސާއި މަލާމާތާއި ފުރައްސާރައިން ލިބޭ އަނިޔާ ދެއްކުމެވެ. އެއަށް ފަހު ދެން މި ބުނަނީ ބަލާބަލާށެވެ. ޖިބްރާންގެ އަންހެނުން ވެސް އެ މަރުވީ އެވެ. ހާދަހާ ދެރަ އެވެ.

އިބިލީހެއްހެން ހީވާ ލޯޔަރު މިހާރު އެ އުޅެނީ ޖިބްރާން އަތުން ޖަންނަތު ފޭރިގަންނާށެވެ. ބައްޕަ އަކާއި ދަރިއަކު ވަކިކުރުމަކީ ހާދަ ރަހުމެއް ނެތް އަނިޔާ އެކެވެ. ޖިބްރާނަށް މި ހުރިހާ އަނިޔާއެއް ދޭން ހެޔޮވާނެތޯ އެވެ؟ އޭނާގެ އޮތީ ކޮން ކުށެއްތޯ އެވެ؟
ފިލްމު ބަލާފައި ހިތްފަޅައިގެން ދަނީ މި ސަބަބުތަކާ ހެދި އެވެ. އަދި ޖިބްރާންގެ ކެރެކްޓާ އަށް މި ސިމްޕަތީ ޖަމާކުރަން ސްކްރިޕްޓްކޮށް ޑައިރެކްޓްކޮށްފައިވާ މޮޅުކަމުންނެވެ.
މި ފިލްމު އޮތީ ތަފާތު އެކި ހުނަރުތަކުން ފުރިފަ އެވެ. އަދި މިއީ ހަގީގަތުގައި ވެސް ހިތްފަޅާލާ ފިލްމެކެވެ. ނަމަވެސް ހިތް ފަޅާލައިގެން ހޯދި ކާމީޔާބީގައި ފިލްމުގެ އަސާސީ ސުވާލަށް ޖަވާބެއް ނެތް ނަމަ އެ ކާމިޔާބީގެ މާނަ އަކީ ކޮބައި ހެއްޔެވެ؟
މި ކާމިޔާބީގައި އޮތީ ކޮން ފޮނިކަމެއް ހެއްޔެވެ؟



