ދިވެހި ފިލްމީ އުދަރެހުން ކޮންމެ ދުވަހަކުވެސް އާ ތަރިންތަކެއް ފެނިގެންދެއެވެ. ނަމަވެސް، ފާޑުކިޔުންތަކުގެ ތެރެއިން އަމިއްލަ ނަފްސު ބައްޓަންކޮށް، ހުނަރުގެ އެންމެ މަތީ ހިސާބަށް ވާސިލުވުމުގެ ހިތްވަރު ހުންނަނީ މަދު ފަންނާނެއްގެއެވެ. މިއަދު ދިވެހި ސިނަމާ އާއި ވެބް ސީރީޒްތަކުން ފެންނަމުންދާ އައިޝަތު އަލީ (އައިޝާ) އަކީ ހަމަޔަގީނުންވެސް "މަދުން ނޫނީ ނުފެންނަ ކަހަލަ ޓެލެންޓެއް" ކަން އޭނާގެ ފަންނީ ދަތުރުން ސާބިތުކޮށްދެއެވެ.

އައިޝާ ފިލްމީ ދާއިރާ އަށް ތައާރަފްކޮށްދިނީ 2018 ވަނަ އަހަރު، އާމިރު ސަލީމް ޑައިރެކްޓްކުރި އިޖުތިމާއީ ޑްރާމާ ސީރީޒް "ލަމް" އިންނެވެ. މަޝްހޫރު އެކްޓަރު އަލީ އަޒީމްއާއެކު އޭނާ ކެރިއަރުގެ ފުރަތަމަ ފިޔަވަޅު އެޅި ނަމަވެސް، އެ ފެށުން އައީ އޭނާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ކްރިޓިކުންގެ ފަރާތުން އޭނާއަށް ކުރިމަތިވީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެކެވެ.

އެކްޓިންގައި ގުދުރަތީ ގޮތެއް ނެތުމާއި، އިހުސާސްތައް ދެއްކުމުގައި ހުރި ލޮނުމަޑުކަމުގެ އިތުރުން ޑައިލޮގް ކިޔައިދިނުމުގައި ހުރި އުނިކަންކަން ފާހަގަކޮށް، އޭނާގެ ފުރަތަމަ ރޯލަށް ލިބުނީ ވަރަށް ނެގެޓިވް ރިވިއުތަކެކެވެ. މާޔޫސްވެ ދާއިރާ ދޫކޮށްލާފަދަ ހިތްދަތި ފާޑުކިޔުންތަކެއް ލިބުނު ނަމަވެސް، އައިޝާ އިޚްތިޔާރުކުރީ އެ ފާޑުކިޔުންތަކީ އަމިއްލަ ނަފްސު އިސްލާހުކުރުމަށް ލިބުނު ގޮންޖެހުމެއްގެ ގޮތުގައި ބަލައިގަތުމަށެވެ.

އެއަށް ފަހު ދެން އައީ އައު ފެށުމެކެވެ.

ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު މުންތަސިރު 2019 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ފުރަތަމަ ސިޓްކޮމް "ކަރު ހަކުރު" އިން އައިޝާ އަނެއްކާވެސް ބެލުންތެރިންނާ އަލުން ބައްދަލުކުރި އެވެ. ރައުފަތު ސާދިގު، ލަމްހާ ލަތީފް، ހުސައިން ނާޒިމް އަދި އަލީ އަޒީމް ފަދަ ތަރިންނާއެކު ފެނިގެންދިޔަ މި ސީރީޒް ވެގެން ދިޔައީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މަގުބޫލު އަދި ތަފާތު އުފެއްދުމެކެވެ.

އެއަށްފަހު 2020 ގައި، ކޮވިޑް-19 ގެ ދުވަސްވަރު މަދޮޝިޕް ސްޓޫޑިއޯއިން ނެރުނު "ތަދުގެ" ތިން ބައިގެ ކުރު ފިލްމު ސީރީޒްގައި އޭނާ ދެއްކި އެކްޓިންއަށް އަނެއްކާވެސް ސަމާލުކަން ލިބިގެން ދިޔަ އެވެ. ނެޗުރަލް ކަމެއް ނެތިން އޭނާގެ ހުނަރުވެރިކަމަށް ފާޑުކީ މީހުންގެ އަނގަމަތީގައި އެފަހަރު ޓޭޕު އަޅައިދިނެވެ.  

ނަމަވެސް، ރިހިސްކްރީނަށް ވުރެ އައިޝާ ފައްކާވަމުން ދިޔައީ ޓީވީ އެކްޓްރެސްއެއްގެ ގޮތުގަ އެވެ. އޭނާގެ ކިބައިގައިވީ ހުނަރުތަކުން ބޮކިޖަހަމުން ދިޔަ ނަމަވެސް އޮލިމްޕަހުގެ ބޮޑު އިސްކިރީނުން ފެންނަ ވަރުގެ މޫނަކަށް ބަދަލުވުމަށް ދެން ވެސް ޖެހުނީ ސާބިތުކޮށްދޭށެވެ.

އެހެންކަމުން އެ ދުވަސްވަރު އޭނާ ގެންދިޔައީ ލިބުނު އެންމެ ކުޑަ ރޯލު ވެސް ކުޅެމުންނެވެ. ލިބުނު އެއްވެސް ރޯލެއް ދޫނުކޮށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ދިވެހި ފިލްމު ޑައިރެކްޓަރުންގެ ލެންސަށް އޭނާ އެރުމެވެ. އަދި އެންމެފަހުން ފިލްމުތަކުގެ ކުދިކުދި ރޯލުތައް ލިބެން ފެށުމެވެ.

އައިޝާގެ ބްރޭކްއައުޓް ލީޑް ރޯލު އެންމެފަހުން އޭނާ އަށް ދިނީ ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހިމް އެވެ. އަޒްހާން މިދިޔަ އަހަރު ގެނެސްދިން "ލިލީ" ގައި އައިޝާ ކުޅުނު ޓައިޓްލް ކެރެކްޓާ ވެގެންދިޔައީ ނުލިބިފައި ހުރި ފުރުސަތު މަރައި ކުދިކޮށްލަން އޭނާ އަށް ލިބުނު ޗާންސަކަށެވެ. އަދި އެ ފިލްމުގައި އައިޝާ ސާބިތުކޮށްދިނީ ވެސް އެކަމެވެ.

އޭގެ ފަހުން އައިޝާ އެންމެފަހުން ފެނިގެން ދިޔަ ފީޗާ ފިލްމަކީ މުހައްމަދު ހިލްމީ ޑައިރެކްޓްކޮށް މި އަހަރު ގެނެސްދިން "ލަމްހާ" އެވެ. މިއީ އައިޝާގެ ވާހަކަ ކިޔައިދޭން ބޭނުންވި އެންމެ މުހިންމު ސަބަބު ވެސްމެ އެވެ.

"ލަމްހާ" އަކީ އައިޝާގެ ކިބައިގައިވީ ކުޅަދާނަކަން މުޅިން އެހެން ލެވެލްއެއްގައި ބެލުންތެރިންނަށް ނިއުޅުވައިދިން ފިލްމެކެވެ. ފިލްމުގައި އައިޝާ ފެނިގެން ދިޔައީ ފުރާވަރުގެ މޮޔަ ހިތަކާއިގެން ނުކުމެ ލޯތްބާއި އައިލީ ކޯޅުންތަކެއްގެ ތެރޭގައި ނަފުސު ހަލާކުގެ ތެރެއަށް ވައްޓާލާ އަންހެން ކުއްޖެއްގެ ރޯލުންނެވެ.

އެއީ ދިވެހި ސިނަމާއިން އާންމުކޮށް ފެންނަ ކަހަލަ ރޯލަކަށް ވިޔަސް އެ ރޯލު ހާއްސަވެގެން ދިޔައީ ހިލްމީގެ ފިލްމަށް އައިޝާ ދިން ޕާފޯމަންސްގެ ސަބަބުންނެވެ. އަދި އެ ފިލްމުން އޭނާ ސާބިތުކޮށްދިނީ ކޮންމެ ކަހަލަ ރޯލެއް ދިން ކަމުގައިވިޔަސް އެ ކެރެކްޓާއެއް އޭނާ މިއަދު ފަސޭހަކަމާ އެކު ފަތަހަކުރާނެ ކަމެވެ.

އެހެންކަމުން އައިޝާގެ ފިލްމީ ހަޔާތަކީ ހަމައެކަނި ކާމިޔާބީގެ ވާހަކައެއް ނޫނެވެ. އެއީ ފާޑުކިޔުންތަކާއި ނެގެޓިވް ރިވިއުތަކުން މާޔޫސްނުވެ، އަމިއްލަ އުނިކަންކަން ރަނގަޅުކޮށް، ގޮންޖެހުންތަކުގެ މައްޗަށް ކުރިހޯދައިގެން ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ އުހަށް ދެވޭނެކަން ސާބިތުކޮށްދިން ހިތްވަރެކެވެ.

ފޮޓޯގްރާފަރު: އަރިޒްލާން

ފެޝަން ސްޓައިލިސްޓް: ނޫރާ ރަޝީދު

މޭކަޕް އެންޑް ހެއާ: ގްލެމްވިތުއަޒޫ