ދިވެހި ސިނަމާގެ "މޫނޭ ތިއީ ހިތް އެދޭ" އަކީ އަދިވެސް ރީކޯ މޫސަ އާއި މަރިޔަމް ނިޝާގެ ޖޯޑު ކަމާމެދަކު ޝައްކެއް ވެސް ނެތެވެ. އެހެންވީމަ މިވަރުގެ ޖާދޫގެ ޖޯޑެއް "ކީއްވެ؟" އޭ މިކިޔާ ފިލްމުގެ ލީޑުރޯލަށް ނުލީ "ކީއްވެގެންތޯ؟" އެވެ.

އޮލިމްޕަހުގައި ޝޯތައް ދެއްކުމަށް ރަތްދޫލަ ދަމާލެވިފައިވާ ދިވެހި އާ ފިލްމު "ކީއްވެ؟" ގެ ޕޯސްޓަރުތަކާއި ޓްރެއިލާތައް ފެނިގެން އެންމެ ފުރަތަމަ ވެސް އަޅުގަނޑުގެ ހިތަށް އެރީ މިހެންނެވެ؛ ދިވެހި ސިނަމާގައި ރާޖާ އަކީ ރީކޯ ނަމަ، އެ އޮން ސްކްރީން ކެމިސްޓްރީގެ ރަހަ ހެޔޮވަރުކޮށްދޭނެ ރާނީ އަކަށް ވާނީ ޔަގީނަށް ވެސް މަރިޔަމް ނިޝާ އެވެ.

ފިލްމުގެ ޕޯސްޓަރާއި ޓްރެއިލަރުން ހަނދާނަށް ވިރުވައި އަޅައިގަތީ މި ދެ ތަރިންގެ އޮންސްކްރީން ކެމިސްޓްރީ އާއި ދެ މީހުންގެ ކިބައިގައި އަދިވެސް ދެގޮތެއްނުވެ ވީ ދަމައިގަތުމުގެ މި ބާރެވެ. "ބިރާއި ނާއުއްމީދު" ގެ ފެށުމެއްގައި ތިބި ދިވެހިންނަށް "ހައްގު" މިންވަރު ރިހިސްކްރީނުގައި "ނަދުރަކަށް ފަހު ނަދުރަކުން" ގޮވައި ފުއްދައިދެމުން ދިން ދެ މޫނަކީ ޔަގީނަށް ވެސް ރީކޯ އަދި ނިޝާގެ ފަނޑުނުވި ޖޯޑެވެ.

މީގެ އެތައް އަހަރެއްކުރިން ލީޑް ރޯލުތަކުން ޓިޔަރާކުރި މި ދެ ތަރިން އެކުގައި އަލުން އެ ސްކްރީނަށް އެނބުރި އަންނަކަން އެނގުމުން މީހަކު އެކްސައިޓުނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

ނަމަވެސް މި ފިލްމުގައި ރީކޯގެ "މޫނޭ ތިއީ ހިތް އެދޭ" އަކީ ނިޝާއެއް ނޫނެވެ. އަދި އޭނާގެ މޫނުމަތީގައި "ކީއްވެކަން ބުނެދޭން ނޭނގޭ ކަހަލަ "ތޫފާނެއް މި އައު ފިލްމުގައި އުފެދިފައިވިޔަސް" އެ ދެ ލޮލުން ވިދައި ގުގުރުމެއް ނެތެވެ. އެކަމަކުވެސް މަރިޔަމް ނިޝާ އާއި ރީކޯ އަލުން އެއް ފިލްމަކުން ފެންނާނެކަމުގެ ޔަގީންކަން ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުމެވެ.

މިއީ "ކީއްވެ؟" ބަލަން އަހަރެން ދާނެ ސަބަބުތަކުގެ ތެރެއިން ފުރަތަމަ ސަބަބެވެ.

އެކަމަކު މި ފިލްމަކަށް "ކީއްވެ؟" އޭ ކިޔައިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ކިޔަން އެހާ އުނދަގޫ، ލިޔަން އެހާ އުނދަގޫ އަދި ނަމެއްގެ ގޮތުގައި ގަތަން ވެސް އެހާ އުނދަގޫ ނަމެކެވެ.

ތެދުތެދަށް ލިޔަނީ ނަމަ މި ފިލްމާ މެދު އުފެދިފައި އޮތް ހުރިހާ ޝައުގުވެރިކަމެއްގެ ލޮނުމަޑުކޮށްދޭ ޒާތުގެ ފީކަޅާ ނަމެކެވެ. އެކަމަކު މި ފިލްމު ލިޔުނު ތަޖުރިބާކާރު ސްކްރީންރައިޓަރު، މަހުދީ އަހުމަދާ ކުޑަކޮށް އަނގަތަޅާލީމާ މި ޓައިޓްލް ވެސް އިސާހިތަކު ހަޖަމުވެއްޖެއެވެ.

އޭނާ ބުނީ މިހެންނެވެ.

"ކީއްވެހޭ މަށަށް މިހެން މި ވަނީ؟ ކީއްވެހޭ މި ހުރިހާ ބަދުނަސީބެއް މަށަށް މި ލިބެނީ. ހިތުގެ އެ ޝަކުވާ. ހަމަ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފުސާ ހިތާހިތުން ކުރާ ޝަކުވާއެއް ފަދަ ގޮތަކަށް ޓައިޓްލް ގެނެސްދީފައި އެ އޮތީ."

މަހުދީ މިހެން ބުނުމާއެކު މި ފިލްމަށް އަހަރެން "ވިކި ހުސްވެއްޖެ"އެވެ. އަދި މަހުދީ އަހުމަދުގެ ލިޔުންތެރިކަމުގައިވީ ހުނަރާއި ދިވެހި ސިނަމާ އާއި ޓެލެޑްރާމާގެ ދުނިޔެ އޭނާގެ ވިޝުއަލް ސްޓޯރީޓެލިންގެ ކުލަތަކުން ޖަރީކޮށްފައި އޮތް އޮތުމަކީ "ކީއްވެ؟" ބަލަން އަހަރެން ދާނެ ދެ ވަނަ ސަބަބެވެ.

ތިން ވަނަ ސަބަބަކީ އެއްގޮތަކަށް ވެސް "ރިސްކު ނެގުމުގެ ތަޖުރިބާކާރު ޕްރޮޑިއުސަރު" ހުސެން ނޫރައްދީނެއް ނޫނެވެ. އެކަމަކު މީގެ 29 އަހަރު ކުރިން ދިވެހި ސިނަމާ އާއި އޭގެ ބެލުންތެރިންނާ ދެމެދު ހިތާއިހިތުގެ ދާއިމީ ގުޅުމެއް ގަތައިދިން ޕްރޮޑިއުސަރާއި ޑައިރެކްޓަރެވެ.

އެ ދެ ބޭފުޅުންނަކީ ކޮބައިތޯއެވެ؛ އެއީ "ފަތިސްހަނދުވަރު" އަޅުގަނޑުމެންނަށް ގެނެސްދިން ޕްރޮޑިއުސަރު އަސްލަމް ރަޝީދު އާއި އެ ފިލްމުގެ ޑައިރެކްޓަރު އީސަ ޝަރީފެވެ. މިއީ ދިވެހި ސިނަމާގައި މާޒީވެގެން ގޮސްފައިވިޔަސް އެ ދެ ނަމަކަށް އުފެދިފައި އޮތް ގަދަރާއި ލޯތްބާއި އިހުތިރާމު ކެނޑިގެންދާނެ ދެ ޝަހުސިއްޔަތެއް ނޫނެވެ.

ދިވެހި ސިނަމާގެ އެންމެ މުހިންމު ދެ ލެޖެންޑުންނެވެ. ނަމަވެސް މި ދެ ބޭފުޅުން އެނބުރި އަޔަސް "ކީއްވެ؟" އަކީ އަދި މުޅިން އެހެން ތޫފާނެކެވެ. މި ފިލްމަށް އޮތް ޝައުގުވެރިކަން އިތުރުވާ އަނެއް ސަބަބަކީ މިއެވެ.

އަސްލަމް ޕްރޮޑިއުސްކޮށް އީސަ ޝަރީފު ޑައިރެކްޓްކުރާ ފިލްމެކޭ ބުނީމަ ބޭއިހުތިޔާރުގައި ހިތް ފުންމައިގެން ގޮސް ޖެހެނީ "ފަތިސްހަނދުވަރު" ގެ ޖާދޫގައެވެ. އަދި ހިތުގައި އުފައްދާ ސުވާލަކީ މިއެވެ؛ އެ މީހުންގެ "ފަތިސްހަނދުވަރު" ގެ ޖާދޫ މި ފިލްމުން ފެނިދާނެތޯއެވެ؟

މިއީ ހިތުގައި އުފައްދާ ޝައުގުވެރި ސުވާލެކެވެ. އަދި މި ފިލްމުގެ އެއް ޕްރޮޑިއުސަރަކަށް ހުސެން ނޫރައްދީނު ހުންނެވުމަކީ މި ހިތް އިތުރަށް ތަޅުވާ ސަބަބެކެވެ. އޭނާ އަކީ ދިވެހި ސިނަމާގެ މަޝްހޫރު "ރިސްކު ފެކްޓާ" އެވެ. އެހެންވީމަ ހިތް އަދި މިވަރަށް ތެޅުމަކުން އޭގައި ގޯހެއް ނެތެވެ.

އެކަމަކު މަޑުކޮށްބަލާށެވެ. މި ފިލްމުގެ ފަހަތުގައި އޮތީ އަދި ވަރަށް ބޮޑު ޓީމެކެވެ. ވަކިން ހާއްސަކޮށް ދެން މި އަންނަ ދެ ނަމަކީ، މި ފިލްމު ބަލަން، ދިވެހި ސިނަމާގެ ހަމަ ކޮންމެ ފޭނަކުވެސް ދާން ޖެހޭ ހަގީގީ ސަބަބެވެ.

އެ ދެ ނަމަކީ އިތުރު ތައާރަފެއް ބޭނުންނުވާ، ނޫކަށިފުރައިގެ ހިތަކާއި ރޫހެއް ދިވެހި ސިނަމާގައި އަލުން އަޅުވައިދިން ޕްރޮޑިއުސަރު އަލީ ޝާނީޒް އަދި ސިނަމާގެ ހުރިހާ ހުނަރަކަށް ފޫޅުކަނޑާފައިވީ ކުޅަދާނަ ހުސެއިން މުނައްވަރެވެ.

މި ދެ ނަމަކީ ފަހުގެ ތާރީޚުގައި ދިވެހި ސިނަމާ އަށް އެންމެ ބޮޑު އިންގިލާބެއް ގެނުވި ދެ ނަމެވެ. ފިލްމީ ދާއިރާގެ ބޮކްސް އޮފީސް އެކެއްގެ މުށުތެރޭގައި އޮތް އޮތުން ބަދަލުކޮށް ރިކޯޑްތައް މުގުރާލި ދެ މީހުންނަކީ މިއީއެވެ. އެހެންވީމަ ޝާނީޒް އާއި ހުސެއިން މުނައްވަރުގެ ޖޯޝު "ކީއްވެ؟" ފިލްމަށް ވަދެފައި އޮތް އޮތުމަކީ މި ފިލްމަށް އޭގެ ހިތާއި ރޫހު ކަށަވަރުކޮށްދޭ ކަމެކެވެ.

މިއީ އަހަރެންގެ ހިތުގެ އަޑިން ގަބޫލުކުރާ ގޮތެވެ. ދެން އޮތީ މި ފިލްމު ބަލަން ދިއުމެވެ.

"ކީއްވެ؟" އަކީ ކޮން ކަހަލަ ފިލްމެއްކަން އަދި ނޭނގުނަސް، މިއީ ދިވެހި ސިނަމާގެ އެންމެ ކާމިޔާބު މާޒީ ގެނެސް ދިވެހި ސިނަމާގެ މި ޒަމާނުގެ އެންމެ ބޮޑު ކާމިޔާބީއާ ބައްދަލުކޮށްދޭ ހާއްސަ ފިލްމެކެވެ. ޖީލުތަކެއްގައިވީ ހުނަރު އެއް ސްކްރީނަކުން މިނާލުމަށް ބެލުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ.