މަޖީދީ މަގުގައި ހުރި ގައުމީ ކުތުބުޚާނާ މަތިން ހަނދާންވޭ ހެއްޔެވެ؟ މިހާރުގެ ކުދިންނަށް އެއީ ކޮންތަނެއްކަން ވެސް ނޭނގިދާނެއެވެ. އެކަމަކު އަހަރެން ކަހަލަ އޭރުގެ ބައެއް ކުދިންނަށް އެއީ ހަމައެކަނި ލައިބްރަރީއެއް ނޫނެވެ. އެއީ އަހަރެމެންގެ ޖެނެރޭޝަންގެ 'ސެންޓްރަލް ޕާކް' އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ސްކޫލް ދުވަސްވަރު އެއީ އަހަރެމެންގެ ތެރެއިން ގިނަ ކުދިންނަށް ބޯ ހަމަޖައްސާލަން މާލޭގަ ދެވޭ މަދު ތަންތަނުގެ ތެރެއިން އެންމެ ހާއްސަ އެއް ތަނެވެ. "މަންމާ، ފިލާވަޅު ހަދަން ލައިބްރަރީއަށް ދަނީއޭ" ކިޔާފައި ގެއިން ސަލާމަތްވާން، އަދި އެންމެ ފަސޭހައިން ގެއިން ބޭރަށް ދާން މަންމަގެ ހުއްދަ ވެސް ލިބޭ ހަމައެކަނި އެސްކޭޕަކީ އެއީ އެވެ.

އަހަންނަކީ ކުޑައިރުއްސުރެ ލައިބްރަރީއަށް ގޮސް އުޅުނު މީހަކަށް ވީތީ، އެ ތަނަކީ ހަމައެކަނި ފޮތް ކިޔާ ތަނަކަށްވުރެ ބޮޑަށް، ދެ ވަނަ ގެއެއް ކަހަލަ ތަނެކެވެ. އެތެރެއަށް ވަދެގެން ދާއިރު އެ ދުވާ ބާ ފޮތްތަކުގެ މީރު ވަހަކީ މިހާރުގެ ކުދިންނަށް  އިހުސާސް ނުކުރެވޭނެ ފީލިންގްއެކެވެ.

ސްކޫލް ހަޔާތުގެ ވަރަށް ބޮޑު ބައެއް ހޭދަކުރީ މި ލައިބްރަރީތެރޭގައެވެ. ގޫގުލް އާއި ވިކިޕީޑިއާ ފަދަ އެއްޗިއްސަށް މާ ބޮޑު އެކްސެސްއެއް ނެތް އިރެއްގައި އެކި ކަހަލަ ތަފާތު އަދި އާދަޔާ ހިލާފު މައުލޫމާތުތައް ހޯދުމާއި، ވާނުވާ ނޭގޭ ބޮޑެތި ބަރު އެންސައިކޮލޮޕީޑިއާ ފޮތްތައް މޭޒުމަތީގައި ފަތުރާލައިގެން ތިބޭއިރު އަހަރެމެންނަށް ހީވަނީ ހަމަ ނާސާގެ ސައިންޓިސްޓުންތަކެއް ހެންނެވެ. އެ ފޯރިގަނޑުގެ ތެރޭގައި އުޅުމަކީ އަހަރެންނަށް އޭރު ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

އޭރު އާންމުކޮށް ލައިބްރަރީއަށް ގޮސް އުޅޭ ކުދިންނާއި ލައިބްރަރީގެ މުވައްޒަފުންނާ ދެމެދު އޮންނަނީ ވަރަށް ވެސް ގާތް، ހާއްސަ ގުޅުމެކެވެ. ބޭނުންވާ ފޮތެއް މީހަކު ރިޓާން ކުރާއިރަށް ސިއްރުން މޭޒު ދަށުގައި ބަހައްޓާވެސް ދޭނެއެވެ. ލައިބްރަރީ މެމްބާޝިޕެއް އޮތުމަކީ ވެސް އޭރުގެ ފެންވަރުން ބަލާއިރު ހަމަ "ލަގްޒަރީ" ލެވެލްގެ ކަމެކެވެ.

ލައިބްރަރީ ކާޑު ދައްކާލާފައި ގެއަށް ފޮތް ގެންގޮސްގެން ކިޔައި ހެދުމަކީ ލިބުނު ބޮޑު އުފަލެކެވެ. ސިޑްނީ ޝެލްޑަންގެ ސަސްޕެންސްތަކާއި، ސޭންޑްރާ ބްރައުން އަދި ޑެނިއެލް ސްޓީލްގެ ރޮމޭންސްތަކާއި، ނޫރާ ރޮބާޓްސް އަދި ޖޯން ގްރިޝާމް ފަދަ ލިޔުންތެރިންނަށް އަހަރެންގެ ހިތް ދެވުނީ ހަމަ މި ތަނުންނެވެ. ފައްތޫރަ އާއި އެހެނިހެން ދިވެހި  މަޖައްލާތައް ކިޔުނު ކަމުގެ އަދަދެއް އަމުދުން ނުވެސް އެނގެއެވެ.

އޭރު ބާއްވާ ގައުމީ ބަހުސް މުބާރާތާއި ވާހަކަ މުބާރާތްތަކަށް ތައްޔާރު ވުމުގެ އެންމެ ބޮޑު މަރުކަޒަކީވެސް ހަމަ މިތަނެވެ. ގެއަށް ފޮތް ހިފައިގެން ގޮސް ނިދާ ގަޑީގައި މަންމަ ކައިރީގައި ވެސް ވާހަކަ ކިޔައިދެވުނު ދުވަސްތައް ހަނދާންވެއެވެ. އެއް ފޮތެއް އެތައް ފަހަރަކު ކީމެވެ، ފޫހިވުމެއް ނެތިއެވެ.

 ޕްރައިމަރީ، ސެކަންޑަރީ އަދި އޭގެ ފަހުންވެސް ޓެސްޓަށް ފިލާވަޅު ރިވައިސް ކުރަން ލައިބްރަރީގެ މޭޒުތަކުގައި ހޭދަކުރި ދިގު ވަގުތުތައް މިއަދުވެސް އަހަރެންގެ ހަނދާނަށް އާދެއެވެ. އެކަމަކު ހަޤީޤަތަކީ އޭގެން ދެބައިކުޅަ އެއްބައި ވަގުތަކީ ރައްޓެހިންނާއެކު ސިއްރުން ވާހަކަދެއްކުމުގައި އުޅުނު ވަގުތުތަކެވެ. އަދި އޭރު ބައެއް ކުދިން ލައިބްރަރީއަށް "ޑޭޓް" ކުރަން ގޮސް، ދެ ފޮތް ހަރުގަނޑުތަކުގެ ދޭތެރެއިން ބޯދިއްކޮށްލައިގެން ތިބޭ މަންޒަރަކީ ވެސް އޭރުގެ މާލޭގެ ލޯކަލް ކްލެސިކް މަންޒަރެކެވެ.

ބަޔަކު މީހުން މާ ސިއްރު ސިއްރު ވާހަކަ ދައްކާތީ ބަލާއިރު ތިބޭނީ ފޮތަށް ބަލަހައްޓައިގެންނެވެ. އެކަމަކު އަތުގައި އޮންނަ ފޮތް އޮންނާނީ އެކޮޅުކޮޅުންނެވެ. ތިބޭނީ މާފޮޅުވުމުގައެވެ. ލައިބްރޭރިއަން އައިސް "ޝްޝްޝް" އޭ ބުނާއިރަށް ދެން ތިބޭނީ ދުނިޔޭގައިވެސް ތިބި އެންމެ ކިޔަވާހިތްވާ ކުދިންނަށް ވެގެންނެވެ.

އެ ދުވަސްވަރު މާލޭގައި އެންމެ މަޝްހޫރީ 'އަސްރަފީ ބުކްޝޮޕް' އާއި 'މިލިއަން ބުކްޝޮޕް' ފަދަ މަދު ބުކްޝޮޕް ތަކެކެވެ. އެކަމަކު އެއީ އޭރު އަހަރެމެން ކަހަލަ ސްކޫލް ކުދިންނަށް ހަމައެކަނި ބަލައިލާފައި ހިތްފުރާލަން އޭރު އޮތް ތަންތަނެވެ. އިންޓަވަލް އަތް މަންމަ ދީފައި އޮތް ފަސް ރުފިޔާއިން އެ ތަންތަނުން އަމިއްލައަށް ފޮތެއް ގަތުމަކީ އަހަންނަށް އަމުދުން ހުވަފެނެކެވެ. އެހެންވެ އެ ފިހާރަތަކަށް ވަދެ އާ ފޮތްތަކުގައި އަތްކާއްތާލާފައި ދެން ނުކުމެގެން ދަނީ މަޖީދީމަގު ލައިބްރަރީއަށެވެ.

އެހެނަސް، އެ ރަން ދުވަސްތައް މިހާރު މާޒީވެ ހިނގައްޖެއެވެ. އަހަރުތަކެއް ފަހުން ލައިބްރަރީއަށް އެނބުރި އާދެވުނީ ޕްރޮފެޝަނަލް މަސައްކަތަކާ ގުޅިގެންނެވެ. އެކަމަކު ހަޤީޤަތަކީ، މިހާރު ނޭޝަނަލް ލައިބްރަރީ ހުންނަ ތަނެއް ވެސް ގައިމުވެސް ގިނަ މީހުންނަށް ނުވެސް އިނގެއެވެ.

މާ އެތެރޭގައި ހުރި ބިލްޑިންގް އެއްގެ ތެރޭގައި ހުންނައިރު، މިހާރުގެ ކުދިން ވެސް ކުރިން އަހަރެމެން އުޅުނު ގޮތަށް ލައިބްރަރީއަށް އަންނާނެ ނަމައޭ އަސްލު ހިތަށް އަރައެވެ. ނަމަވެސް މިތަން މި އޮތީ ފަޅުވެފަ އެވެ.

މިހާރު ލައިބްރަރީ އެތެރެއަށް ވަންއިރު މި ފެންނަނީ ލެޕްޓޮޕް ހިފައިގެން ވަދެ، ދެންމެ ދެންމެ ނާސާގެ ސާވަރެއް ހެކް ކޮށްފާނެހެން ހީވާ ބަޔަކު ބަން ބަން ލާފައި ކީބޯޑުގައި ތަޅަން ތިބޭތަނެވެ. މިއިން ދުވަހަކު މީހަކު އަތްނުލާ ހުރިހެން ހީވާ ފޮތްތަކާއި، އަދި މައިގްރޭން އެޓޭކެއް އަންނަހާ ގަދަޔަށް ދިއްލާފައި ހުރި ހޮސްޕިޓަލެއްގެ އޮޕަރޭޝަން ތިއޭޓަރެއް ކަހަލަ ހުސް ފޮތްތަކުގެ ހޯލްތަކެވެ.

ކޮންމެވެސް ޔުނިވާސިޓީ އެސައިންމެންޓަކަށް ނުވަތަ ދިރާސާއަކަށް މަޖުބޫރުވެގެން ނޫން ގޮތަކަށް އަމުދުން މީހަކު މިތަނަށް ވަންނަހެނެއް މިއަދު ހިޔެއްނުވެއެވެ. ނަމަވެސް މިއީ ހާދަ ބޮޑު އަދި ދިގު ތާރީޚެއް ވެސް އެތަނުގައި އޮތް ތަނެކެވެ.

ގައުމީ ކުތުބުޚާނާގެ ތާރީޚު އޮތީ އިނގިރޭސި ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުން ދިވެހިން ސަލާމަތްވުމުގެ ވެސް މާ ކުރިޔަށެވެ. ޒަމާނީ ލައިބްރަރީއެއްގެ ސިފަ ޖެހުމުގެ ކުރިން އޭރު ދިވެހިންނަށް ފެނުނު އެންމެ މުއްސަނދި ލައިބްރަރީ އަކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަދި ދިވެހި އަދަބީ ބުސްތާނުގެ އެންމެ މުހިންމު ބިންގައު ކަމުގައިވާ ހުސެން ސަލާހުއްދީނުގެ ފަނޑިޔާރުގޭގައި ހައްދަވައިގެން އުޅުއްވި ދީނީ އިލްމުގެ ލައިބްރަރީއެކެވެ.

ނަމަވެސް ގައުމީ ކުތުބުޚާނާއެއް ވުޖޫދުވުމުގެ އަސްލަކީ "ނާދީ ތަމައްދުން' ގެ ނަމުގައި އެ ދުވަސްވަރު މުހައްމަދު އަމީން އިސްކޮށް އުޅުއްވި ލިޔުންތެރިންގެ ޖަމިއްޔާއެކެވެ. އެމީހުން ލައިބްރަރީއެއް ހަދަން އުޅޭ ޚަބަރު ލިބުމުން، ސަލާހުއްދީނު ގެންގުޅުއްވި ހުރިހާ ފޮތްތަކެއް ހެން އެ މަސައްކަތަށް ހަދިޔާކުރެއްވީ އެވެ.

އޭގެ ފަހުން ދައުލަތުގެ ކުތުބުޚާނާގެ ނަމުގައި ރަސްމީކޮށް ޒަމާނީ ސިފަޖެއްސި ލައިބްރަރީއެއް ހުޅުވިތާ މިއީ 81 ވަނަ އަހަރެވެ. އެ ލައިބްރަރީގެ ރިބަން ކަނޑައިދެއްވީ ވެސް ސަލާހުއްދީނެވެ. އެއީ 1945 ވަނަ އަހަރެވެ. އޭރު އަމީން ދީދީ އަކީ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންގެ އެންމެ އިސްވެރިޔާއެވެ.

އޭގެ ފަހުން އައީ 'މަޖީދީ ކުތުބުޚާނާ' ގެ ޒަމާނެވެ. މަޖީދީ ކުތުބުޚާނާއޭ އެ ކިޔަނީ ދިވެހިން ދުށް މަޝްހޫރު ސިޔާސީ ލީޑަރެއް ކަމަށްވާ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލަގެފާނަށް ނިސްބަތްކޮށެވެ.

އެއަށް ފަހު މިއަދު މި ފެންނަ 'ގައުމީ ކުތުބުޚާނާ' ގެ ނަމަށް ރަސްމީކޮށް ބަދަލުވީ 1982 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އެ ލައިބްރަރީގެ ދޮރު އާންމުންނަށް ހުޅުވިގެން ދިޔައީ އެ ހިސާބުންނެވެ. އޭގެ ކުރިން ކުތުބުޚާނާގެ ދޮރު ހުޅުވިފައި ހުރީ މެމްބަރުންނަށް އެކަންޏެވެ.

ކޮންމެއަކަސް އެ ޒަމާން މިއަދު މި އޮތީ އެއްކޮށް ބަދަލުވެފަ އެވެ.

މިއަދު ފޮތްތަކާއި އީ-ބުކްސް ހޯދަން ކިހާ ފަސޭހަ ހެއްޔެވެ؟ ފޯނުގެ ސްކްރީނަށް ހަމަ އެންމެ ކްލިކެއްކޮށްލައިގެން ދުނިޔޭގެ ކޮންމެ ފޮތެއް މިހާރު ކިޔާލެވެން އެބަ ހުއްޓެވެ. އެކަމަކު ސުވާލަކީ، މިހާރު މީހުން ލައިބްރަރީއަށް ނުދަނީ ކީއްވެ ހެއްޔެވެ؟

އަތުގައި އޮތް ފޯނުން ކޮންމެ ފޮތެއް ފެންނަން ހުރީމަ، ލައިބްރަރީގެ ހަމަހިމޭންކަމާއި އެ ހާއްސަކަމާއި  ފޮތަކުން އުކަމުންދާ ގަނޑުތަކާ އެކު އެ ފޮތަކުން ދޭ އަދަބީ ބުސްތާނެއްގެ ބޯދާ ވަސްގަނޑުގެ އުފާ މުޅިން ގެއްލުނީ ހެއްޔެވެ؟ ނޫނީ، މިހާރުގެ ސްކޫލް ކުދިންނަށް ފޮތެއްގެ ދެ ސަފުހާ ކިޔާލާނެހާ ހިތްވަރު ނެތި، ފޮތް ކިޔުމަށްވުރެ ރީލްސްއާއި ޓިކްޓޮކް ސްކްރޯލް ކުރުމުގައި ގޮސް އިނގިލިތައް މެށެންދެން ތިބުން މާ މުހިންމުވީ ހެއްޔެވެ؟

މިއަދު ލައިބްރަރީތައް ހުންނަނީ މި ހުންނަނީ ހުހަށެވެ. މިއީ ހަމަ ހައިރާންވާންޖެހޭވަރުގެ އަޖާއިބެއް ނޫން ހެއްޔެވެ؟ އަހަރެމެންގެ ރަން ޒަމާން ހިނގައްޖެއެވެ. އެކަމަކު އެ ލައިބްރަރީގެ ހަނދާންތަކަކީ މިހާރުގެ ސްކޫލް ކުދިން  ޕީޑީއެފް ފައިިިލެއްހެން ޑިލީޓްކޮށްލާހެން އަހަރެމެންނަށް ޑިލީޓްކޮށްލެވޭނެ އެއްޗެއް ނޫނެވެ.