ކެންސަރު ބައްޔޭ ބުނީމާ އެއީ ކިހާ ވަރެއްގެ ނުރައްކާތެރި ކަމެއްކަން ނޭނގޭ މީހަކު މިހާރަކު ނުހުންނާނެއެވެ. މިގޮތުން އުރަމަތީގެ ކެންސަރަކީ ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ވައްތަރެވެ. ނިމެން މިދާ އޮކްޓޯބަރު މަހަކީ ކޮންމެ އަހަރަކުވެސް އުރަމަތީގެ ކެންސަރާއި ބެހޭ ގޮތުން ހޭލުންތެރިކަން ފެތުރުމާއި ބެހޭ އެކި ހަރަކާތްތައް މުޅި ދުނިޔޭގައިވެސް ބާއްވާ މަހެވެ. ރާއްޖޭގައިވެސް އެހެން ގައުމުތަކެކޭ އެއްފަދައިން މިކަން އޮންނަނީ މިހެންނެވެ.

ފިޔާތޮށި ރިބަން

މިބައްޔާއި ބެހޭގޮތުން ހޭލުންތެރިކަން ފެތުރުމަށްޓަކައި މުޅި ދުނިޔޭގައިވެސް ބޭނުން ކުރެވެނީ ފިޔާތޮށި ރިބަންކޮޅެކެވެ. އެއީ 1990ގެ ކުރީކޮޅުގައި ޝާލޮޓް ހެއިލީ ނަމަކަށް ކިޔުނު އަންހެނެއްގެ ފާހަގަ ކޮށްލެވޭ މަސައްކަތުގެ ނަތީޖާއެވެ.

އޭނާގެ އާއިލާގެ މެމްބަރުން އުރަމަތީގެ ކެންސަރާއި ހަނގުރާމަ ކޮށްފައިވާތީ، އެކަމާއި ގުޅިގެން ޕީޗް ކުލައިގެ ރިބަންކޮޅު ހެދުމަށްފަހު އެއެއްޗެހި އޭނާ އެތަށް ބަޔަކަށް ބެހިއެވެ. އޭރު އެމެރިކާގައި ކެންސަރުގެ ބަލިތަށް  ޕްރިވެންޓް ކުރުމަށްޓަކައި ސަރުކާރުން ބަޖެޓްކޮށަފައި ވަނީ އެންމެ ފަސް ޕަސެންޓެވެ. އަދި ޝާލޮޓް އެރިބަން ބޭނުންކުރީ އެކަންތައް އެއަށްވުރެ ރަނގަޅު ކުރުމަށް ބާރުއެޅުމަށެވެ.

މިއަދު ފިޔާތޮށި ރިބަންއަކީ އެކި ތަންތަނުން އެކި ގޮތްގޮތަށް މި މަސައްކަތުގައި ބޭނުން ކުރާ އެއްޗެކެވެ. މިސާލަކަށް ފިރިހެނުންނަށް ދިމާވާ އުރަމަތީގެ ކެންސަރަށް ފިޔާތޮށި އަދި ނޫ ކުލައިގެ ރިބަން ބޭނުން ކުރެއެވެ.

އަސާސީ އެނެޓޮމީ ފިލާވަޅެއް

އުރަމައްޗާއި ބެހޭ ގޮތުން އަހަރެމެންނަށް އެނގެނީ ކިހާ ވަރަކަށް ބާއެވެ. އުރަމައްޗަކީ އަންހެނުންނާއި ފިރިހެނުންގެވެސް ހުންނަ ގުނަވަނެކެވެ. އޭގެ ބޭނުމަކީ އަންހެނުން ދަރިން ހޯދުމަށްފަހު އެކުދިންނަށް ގާތުން ކިރު ދިނުމެވެ.

ފިރިހެން ކުދިން ފުރާވަރަށް އަރާ ދުވަސްވަރު ޓެސްޓޮސްޓިރޯން އުފެދުމުގެ ސަބަބުން އަންހެނުން ކުދިންގެ އުރަމަތި ބޮޑުވާ ގޮތަށް ބޮޑެއް ނުވެއެވެ. އަދި އަންހެން ކުދިންގެ ގައިގައި ހުންނަ އީސްޓްރޮޖެންގެ ސަބަބުން، ފުރާވަރުގައި އުރަމަތި ބޮޑުވެއެވެ.

އުރަމަތީގައި މަސުލް، ފެޓް އަދި ގްލޭންޑިއުލާ ޓިޝޫ ހުންނާނެއެވެ. ދެ ޖިންސުގެ އުރަމަތި އަޅާ ބަލާއިރު ތަފާތަކީ އަންހެނުންގެ ގްލޭންޑިއުލާ ބައި ހުންނަކަމެވެ. އަދި ފިރިހެނުންގެ އެބައި ނެތުމެވެ.

ބައްޔާއި ބެހޭ މައުލޫމާތު

އުރަމަތީގެ ކެންސަރުގެ އެކި ވައްތަރު ހުރެއެވެ. މިއީ ގިނައިން އަންހެނުންނަށް ދިމާވާ ކަމެއް ކަމަކު މިއީ މަދުން ނަމަވެސް ފިރިހެނުންނަށްވެސް ދިމާވެދާނެ ކަމެެއްކަން ބައެއް މީހުންނަކަށް ނޭނގެއެވެ. މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ތަދުވުން، އުރަމަތީގައި، މޭގައި ނުވަތަ ކިހިލިފަތްދޮށުގައި ހަރު އެތިކޮޅެއް އިނުން، އުރަމަތީގެ ހަމަށް ބަދަލެއް އައުން ފަދަ ކަންކަން ހިމެނެއެވެ. ތަދު އިހުސާސްނުވެވެސް އެހެން އަލާމާތްތައް ހުރެދާނެއެވެ.

މިބަލި ޑައިގްނޯޒް ކުރުމުގެ އެކި ގޮތްތައް ހުރެއެވެ. މިސާލަކަށް އުރަމަތި އެގްޒެމައިންކޮށް ބެލުން، މެމޮގްރާމް، އެމްއާރްއައި، އަލްޓްރާސައުންޑް، އަދި ބައޮޕްސީވެސް ބޭނުންކުރެވެއެވެ. މިބަލީގެ ފަރުވާތަުކުގެ ތެރޭގައި ބޭސް، ސާޖަރީ، ރޭޑިއޭޝަން ތެރަޕީ، ކީމޯތެރަޕީ ހިމެނެއެވެ.

ކޮންމެ މީހަކަށްވެސް ފަރުވާ ދެވޭނީ އެމީހެއްގެ ބަލިހާލަތަށް ބަލާފައެވެ. އެކި ކޭސްއަށް ބޭނުންވާނީ އެކި ވައްތަރުގެ ފަރުވާއެވެ. ބައެއް ހާލަތްތަކުގައި ސާޖަރީ ކުރުމަށްފަހު ރީކޮންސްޓްރަކްޝަން ހަދައެވެ. އެމީހެއްގެ އަމިއްލަ ޓިޝޫ ބޭނުންކޮށްގެން ނުވަތަ އިމްޕްލާންޓްވެސް މިކަމަށް ބޭނުންކުރެވޭނެއެވެ.

ކުރީބައިގައި ދެނެގަނެވިއްޖެނަމަ މިބަލިން އަރައިގަނެވިދާނެއެވެ. އެހެންވީމާ 30 އަހަރުން މަތީގެ އަންހެނުން އަހަރަކު އެއްފަހަރު މިބައްޔަށް ސްކްރީން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ކަމެއް އުޅޭހެން ހީވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުންވެސް ވަރަށް މުހިންމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި މަސައްކަތްކުރަމުން އަންނަ، ރާއްޖޭގެ ފުރަތަމަ ބްރެސްޓް ކެންސާ ސާޖަން، ޑރ. އަލްތާފް އަދުނާނު ވިދާޅުވި ގޮތުގައި ސަބްޓައިޕް ދެނެގަތުމަށްޓަކައި ހަދާ އިމިއުނޯހިސްޓޯކެމިސްޓްރީ ޓެސްޓް ހަމައެކަނިރާއްޖޭގައި ހެދެން ހުރީ މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލްގައި އެކަންޏެވެ.

އެހެން ތަންތަނުގައި އެޓެސްޓު ހަދަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. އޭގެ ނަތީޖާ ލިބެން 2-3 ހަފްތާ ނަގައެވެ. އަދި ސާޖަރީ ހެދުމަށް ބަލައިލާއިރު ސެންޓިނެލް ލިންފް ނޯޑް ބައޮޕްސީވެސް ހަމައެކަނި ހެދެން ހުންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. ރޭޑިއޭޝަން ތެރަޕީ ފިޔަވާ އެހެން ތެރަޕީތައް ރާއްޖޭގައި ލިބެން އެބަ ހުއްޓެވެ. ރޭޑިއޭޝަން ތެރަޕީ ރާއްޖެއިން ލިބޭ ގޮތް ހެދުމަށް ސަރުކާރުން އެބަ ރާވަމުންދެއެވެ.

މިހާރު މީހުންގެ ތެރޭގައި ހޭލުންތެރިކަން ހުރި މިންވަރު ކުރިއަށްވުރެ ރަނގަޅު ކަމުގައި ޑރ. އަލްތާފް ބުންޏެވެ. ނަމަވެސް ގިނަ މީހުން އަދިވެސް ތަދުނުވާ ނަމަ އެތިކޮޅެއް ހުރިނަމަވެސް ސީރިއަސްކޮށެއް ނުނަގައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އުރަމަތި ގަވާއިދުން އެގްޒެމައިން ކުރުމަކީ މުހިންމު ކަމެކެވެ. އެއީ ކިރިޔާވެސް ތަފާތެއް އައިސްފިނަމަ އެކަމެއް ފާހަގަވާނީ އޭރުންނެވެ.

ހޭލުންތެރިކަން އޮތީ ކިހާވަރަކަށް؟

ކެންސަރ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދް ބުނި ގޮތުގައި މީހުންނަށް ހީވެފައި އޮންނަ އެންމެ އާންމު ނުރަނގަޅު ހީވުމަކީ އުރަމަތީގެ ކެންސަރަކީ އާއިލާގައި އެބަލި ހުންނަ މީހުންނަށް އެކަނި ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް މިބަލި ޖެހޭ ގިނަ މީހުންގެ ފެމިލީ ހިސްޓްރީގައި މިބައްޔެއް ނުހުރެއެވެ. އަދި ރާއްޖޭގައި ބަލި ޑައިގްނޯޒް ކުރުމުގައި ދަތިތަކަކާއި ކުރިމަތި ލާންޖެހޭ ކަމުގައިވެސް ޖުވޭރިޔާ ހާމަކުރިއެވެ.

މިސާލަކަށް އަތޮޅު ތެރޭގަައި ދިރިއުޅޭ އަންހެނުން ގިނަ ފަހަރަށް މިހިދުމަތްތައް ހޯދުމަށް މާލެއަށް އަންނަން ޖެހުމަކީ ވަރަށް ބޮޑު ދައްޗެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދާ ޓެސްޓްތަކުގެ ނަތީޖާ ލިބުމަށް ގިނަ ދުވަސް ވުމަކީ ބަލިމީހާއާއި އާއިލާއަށް ލިބޭ ނުތަނަވަސްކަމެއްކަމުގައިވެސް ޖުވޭރިޔާ ފާހަގަކޮށްލިއެވެ.

ޖުވޭރިޔާ ބުނީ ބަލި މީހުންނަށް ޑައިގްނޯސިސްއިން ފެށިގެންޓްރީޓްމެންޓް އަދި ފޮލޯއަޕްއާ ހަމައަށް ފަސޭހައިން ކަންކަން ކުރެވޭނޭ، އޮޅުން ނާރާ ކަހަލަ، މިހާރަށްވުރެ ރަނގަޅު ނިޒާމެއް އުފައްދައިދޭން ޖެހޭ ކަމަށެވެ.

ނަފްސާނީ އަސަރު

ހުރިހާ ވައްތަރެއްގެ ކެންސަރަކީވެސް އެއާ އެކުގައި ދިމާވާ ކުދިބޮޑު އެކި ޗެލެންޖްތަކާ އެކުގައި އަންނަ ކަމެކެވެ. އެގޮތުން އުރަމައްޗަކީ މީހުން ދެކޭ ގޮތުގައި، އަންހެނުންގެ އަންހެންވަންތަ ކަމާއި ރީތިކަމާއި ގުޅިފައިވާ ކަމެއް ކަމުން، މިކަމުގެ ސަބަބުން ހާއްސަކޮށް އަންހެނުންގެ ކައިވެންޏަށާއި، އެހެން ގުޅުންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ވެސް ކަމެކެވެ.

މިކަހަލަ ކަމެއް ދިމާވެއްޖެނަމަ އެކަނި ތަހައްމަލް ކުރުމުގެ ބަދަލުގައި އިތުބާރު ކުރެވޭ، ގާތް މީހުންނާއި ގުޅިގެން މަސައްކަތްކުރާށެވެ. ކެންސަރ ސޮސައިޓީގައި ކެންސަރ ސަޕޯޓް ގްރޫޕްގެ ހިދުމަތްވެސް ލިބެން ހުރެއެވެ. އެއީ މިބަލި ތަހައްމަލް ކުރާ މީހުންގެ އިތުރުން އެމީހުންގެ އާއިލާ މީހުންނަށްވެސް ބައިވެރިވެވިދާނެ ގްރޫޕެކެވެ.

އެގްރޫޕްގައި ބާއްވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި އާޓް ސެޝަން އަދި ގުރުއާން ސެޝަންފަދަ ހިމެނެއެވެ. މީގައި ބައިވެރިވުމަށް 7505500 އަށް ގުޅައިގެން ކުރިއަށް ދެވޭނެކަމަށް އެތަނުގެ ވެބްސައިޓްގައި ލިޔެފައިވެއެވެ.

ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު ވަރަކުން މިބައްޔާ ބެހޭ ގޮތުން މައުލޫމާތު ހޯދާ، ހޭލުންތެރިކަން ފަރުތަން މަސައްކަތްކުރަންވާނެއެވެ. އަދި ގަވާއިދުން ޑޮކްޓަރަށް ދައްކާ އެހެން މީހުންވެސް ގަވާއިދުން ޑޮކްޓަރަށް ދެއްކުމަށް ހިތްވަރު ދޭންވާނެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ވެވުނު ވަރަކުން އަމިއްލަ މީހާއަށް އަޅާލާ ދުޅަހެޔޮ އާދަތައް ގައިގައި އަށަގެންނެވޭތޯ ބަލަންވާނެއެވެ. އަދި މުޖުތަމަުއުގައި މިފަދަ ވޭންދެނިވި ކަންކަން ތަހައްމަލް ކުރަމުންދާ މީހުން ވަރަށް ގިނައިން އުޅޭނެކަން ހަނދާންކޮށް ހުރިހާ އެންމެންނާއިވެސް އޯގާތެރިކޮށް މުއާމަލާތް ކުރަންވާނެއެވެ.