ގދ. މަޑަވެއްޔަށް ފޭބުމާ އެކު ލޮލުގައި އަޅައިގަތީ ރަށް މަތިން އުދުހި ލަވަކިޔަމުން ދިޔަ ހުދުކުލައިގެ ވަރަށް ރީތި ދޫންޏެކެވެ. އެއީ އައްޑޫ އަތޮޅުގެ ރަށެއް ފިޔަވައި އެހެން ރަށެއްގައި ނޫޅޭނެ ކަމަށް ބުނާ އެމީހުންގެ މަޝްހޫރު "ދޮންދީނާ" ޖޯޑެކެވެ.

"ކަލޭގެ ތި އަނގަ ލައްޕާށެވެ. މި ރަށުގައި އަދި ތިއަށް ވުރެ މާ ގަދަ މީހުން ވެސް އެބައުޅެއެވެ."

އަހަންނަށް ހީވީ ކަށިކެޔޮ ގަހެއްގެ ގޮފިގަނޑެއްގައި މަށާ ދިމާލަށް ކަޅިއަޅައިގެން ހުރި ދޮންދީނާއެއްގެ ދޫނި ފުށްގަނޑެއް މަށާ ދިމާކޮށްލިހެންނެވެ. ނޫނެކެވެ. އެހެން އެބުނީ ފަހަތުން އައިސް އަރައި ހަމަކޮށްލި މި ރަށުގެ އާރުކާޓީއެވެ.

މަޑަވެލީގެ މަގު މެދަށް ވެއްޓުނު އަނގަ ނަގައިގެން އަހަރެން ދެން ހިނގައިގަތީ އާރުކާޓީ ދައްކަން ފެށި މަގުތަކުންނެވެ. އަދި އިސާހިތަކު "އަޅިވިލާގެ" އޭ ކިޔުނު ގެއަކަށް ވަދެވިއްޖެއެވެ. އަހުމަދު މުނީރު ނަމަކަށް ކިޔާ ޒުވާނަކާ އެ ރަށުން ބައްދަލުވި ގޮތަކީ މިއެވެ.

އެހިސާބުން އަނެއްކާވެސް އަނގަ ވެއްޓި ނިމިއްޖެއެވެ.

ނަމަވެސް އުމުރުން 41 އަހަރުގެ މުނީރުގެ ކިބައިން އާދަޔާހިލާފު ސިފަތަކެއް އުތުރިއަރަމުން ދިޔައީކީއެއް ނޫނެވެ. މިޒާޖުގައި މަޑުމައިތިރި އަދި ވާހަކަ ދެއްކުމުގައި އެއަށް ވުރެ ވެސް މަޑުމައިތިރި ގޮތެއް ހުރި މި ޒުވާނާގެ ކިބައިން އާދަޔާހިލާފު ހަމަ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

އަނގަވެއްޓުނީ އެހެން ހުރި މީހަކު ކޮށްލާފައި ހުރި މަސައްކަތްތައް "އަޅިވިލާގޭ" ތެރެއަށް ވަދެގެން ދިޔަ އާރުކާޓީ އަހަންނަށް ދައްކަން ފެށުމުންނެވެ. މުނީރުގެ ގޭގައި ފަތުރާލާފައި އެ އޮތީ އޭނާގެ މި ހިމޭން ދުނިޔެ އަށް ދިރިއުޅުމުގެ އެތަންމިތަނުން އެއްލި ފުރައްސާރަ އާއި މަލާމާތުން އޭނާ ކޮށައި މަށައި ޖަރީކޮށްފައިވާ އޭނާގެ ހަޔާތުގެ އެންމެ އަގުބޮޑު މައުރަޒެވެ.

އަހަންނަށް ގޮސް މި ވަދެވުނީ ހަމަ ރަނގަޅަށް ވެސް އަނގަވެއްޓޭ ވަރުގެ މަސައްކަތްތެރިއެއްގެ ފެންޑާއަށެވެ. މުނީރުގެ ދިރިއުޅުމުގެ ކޮންމެ ދިމާލަކަށް ވަދެގެން ދިޔަޔަސް އެކަން އޮތީ އެހެންނެވެ. އަދި އެތެރެއަށް ވަދެ ވަދެގެން ގޮސް އިސްކޮޅާ ހަމަ އަށް އަރާވަރުގެ ބޮޑު ފްރިޖެއް ކައިރިއަށް މަޑުކޮށް އޭގެ ދެ ދޮރުފަތް ތަންމިނަށް ހުޅުވައިލުމާ އެކު އަހަރެން ވެއްޓިގެން ގޮސް ޖެހުނީ މުނީރު ފައްކާކޮށްފައިވީ ދިވެހި ބޭސްވެރިކަމުގެ ދުނިޔެއަށެވެ.

އެ ފްރިޖުގައި ނެތް ދިވެހި ބޭހުގެ ވައްތަރެއް، ބާވަތެއް، ވަހެއް އަދި ރަހައެއް ނުވަތަ ފަރުވާއެއް ވެސް ނެތެވެ. އެކަމަކު އަދި މަޑުކޮށްބަލާށެވެ.

އަހަރެންގެ ބޮލަށް މިހައި ހިސާބުން އެނބުރުންގަނޑެއް އަރައިގެންފިއެވެ. އަދި މިއީ މުނީރުގެ ވާހަކަ ފަށަން ބޭނުން ނަމަ އެންމެ ފުރަތަމަ ހުޅުވަން ޖެހޭ ދޮރެއް ވެސް ނޫނެވެ.

އެ ދޮރު އޭނާ އަށް ހުޅުވުނީ ވަރަށް ކުޑައިރުއެވެ. އެ ދޮރުން ވަދެގެން އޭނާ އަށް ދެވުނީ ކުޅަދާނަ އެހެން މަސައްކަތްތެރިންގެ އާދަޔާހިލާފު ދުނިޔެތަކަށެވެ.

"މިސާލަކަށް އަޅުގަނޑަށް މި ފެންނަނީ މީހަކު ހުނިގޮނޑިތިލައެއް ތައްޔާރުކުރަން އުޅޭ ގޮތް. ދެން އަޅުގަނޑު ހިތަށް އަރާނީ އަޅުގަނޑަށް ވެސް އެކަން ކުރެވޭނެނަމައޭ. ދެން އަޅުގަނޑު ޓްރައިކުރާނީ ހަމަ އެގޮތަށް، އެކަހަލަ ހުނިގޮނޑިތިލައެއް އަމިއްލަ އަށް ހެދޭތޯ ބަލަން،" އުމުރުން ނުވަ އަހަރުގައި މަސައްކަތްތެރިކަމުގެ ދުނިޔެ އަށް ގެއްލިގެން ދިޔަ ހިތް ނަގައި އޭގެ މެދުން ހުޅުވާލަމުން މުނީރު އޭނާގެ ވާހަކަ ފަށައިގަތެވެ.

"ކުޑައިރު ގިނަ ކުދިން ބޭނުންވާނީ އެހެން ކުދިންނާ އެކު ގޮސް ކުޅެން. އެކަމަކު އަޅުގަނޑު ކުޑައިރު އެންމެ ކުރާ ހިތްވީ ބޮޑެތި މީހުން ކޮށް އުޅުނު މަސައްކަތް. އެމީހުން މަސައްކަތްކުރާ ގޮތަށް އެ ކުރާ ކަމެއް ކުރެވޭތޯ ބަލަން އަޅުގަނޑު ބޭނުންވީ"

"އަޅުގަނޑު މިއީ އެއްވެސް އިރަކު މަޑުން ހުންނަން ބޭނުންވި މީހެއް ނޫން. މަޑަކުން ނުވެސް އިނދެވޭނޭ. އަބަދުވެސް ކޮންމެވެސް ކަހަލަ މަސައްކަތެއް ކޮށްލަކޮށްލަ އުޅެލަން ބޭނުންވާނީ. އަދި ކަމެއް ފަށައިފިއްޔާމު އެ ކަމެއް ކާމިޔާބުކޮށް ނުނިމެނީސް ނުވެސް ނިދޭނެ އަޅުގަނޑަށް."

މުނީރުގެ ދިރިއުޅުން މިއަދު ޖަރީކޮށްފައިވާ ހުރިހާ ހުނަރެއް އޭނާ ދަސްކުރި ގޮތަކީ މިއެވެ. އޭނާގެ މި މަސައްކަތްތެރިކަމުގެ ދުނިޔޭގައި އެންމެ ފުރަތަމަ ދަސްކުރީ ރުކެއް ރާކުރާނެ ގޮތާއި އެ ރުކުން ރާބާލާނެ ގޮތެވެ.

"އަޅުގަނޑުގެ ބޮޑުބޭބެ އަކީ މި ރަށުގެ ކުޅަދާނަ ރާވެރިއެއް. އެންމެ ފުރަތަމަ އަޅުގަނޑު އޮންނާނީ ބޭބެ ރުކަށް އަރާތަން ބަލަން. ބޭބެ ކުރާ ކަމެއް ބަލަން. ދެން ބޭބެ ރުކުން ފައިބައިގެން ދިޔައީމަ އެ ރުކަށް އަރާނީ އަޅުގަނޑު،" މުނީރު ކިޔައިދިނެވެ.

"ބޭބެއަށް ވަގަށް ރުކައް އަރައި އަމިއްލަ އަށް އެ ހުރިހާ ކަމެއް ދަސްކުރަމުން ގޮސް ރުކެއް ރާކޮށް އެ ރުކުން ރާބާލާނެ ގޮތް އެންމެފަހުން ދަސްވެއްޖެ."

އެ ރުކުން ފައިބައިގެން އެނބުރި ގެއަށްދާތަނުން އޭނާ އަށް ދެން އެ ވަދެވުނީ ހެލްތު ވޯކަރެއްގެ ގޮތުގައި 38 އަހަރު ހޭދަކުރެއްވި އޭނާގެ ބައްޕަގެ "ބޭސްވެރިކަމުގެ ދުނިޔެ" އެވެ.

"ވަރަށް ގިނަ މީހުން އޭރު އަންނާނެ އަޅުގަނޑުމެންގެ ގެއަށް ބައްޕަ ލައްވާ ބޭސްކުރުވަން. ކުޑައިރު ގޭތެރެއިން ފެނުނު އެންމެ ބޮޑު މަންޒަރަކީ ބައްޕަގެ އެ ބޭސްވެރިކަން. ދެން ހަމަ އެގޮތަށް އާއިލާގެ ކޮންމެ ބައެއް ގާތަށް ދިޔަޔަސް އަޅުގަނޑަށް ފެނުނީ އަބަދުވެސް ކޮންމެވެސް ކަހަލަ މަސައްކަތްތެރިއެއް."

ނޫނެކެވެ. މުނީރަށް ފެނުނީ ދިވެހި ބޭސްވެރިކަމާއި އަތްތެރި މަސައްކަތުގައި އަރައި ތިބި ކުޅަދާނަ މޭސްތިރިންނެވެ. އޭނާގެ މަންމަ އާއި ބައްޕަ ފަރާތު އާއިލާގައި ތިބީ މުޅިން ވެސް އެފަދަ ތަޖުރިބާކާރުންނާއި ހުނަރުވެރިންނެވެ.

އެފަދަ ދެ ވަނައެއް ނެތް ދިވެހި ބޭސްވެރިންނެވެ. ކުޅަދާނަ ރާވެރިންނެވެ. މާވަޑިންނެވެ. ކަނބުރުވެރިންނެވެ. އަދި ކަސަބާއި ކިނާރީ ވިޔުމުން ފަށައިގެން ގޮސް ދިވެހި ލިބާހުގެ ހަތަރު ވައްތަރުގެ ފެހުން ފެންފޮދަކަށް ހަދާލައިގެން ތިބި މޭސްތިރިންނެވެ.

އެހެންކަމުން އެ ކުޑަކުޑަ މުނީރު، އުޅެބޮޑުވަމުން ދިޔައީ މަސައްކަތްތެރިކަމުގެ ކުޑަކުޑަ ސުވަރުގެއެއްގައެވެ. ނަމަވެސް މުނީރުގެ ހިތް ގޮސް އެ މަސައްކަތްތަކަށް ބަންޑުންވި ހިސާބުން އެންމެން ވެސް ހޯހޯ ގޮވައިގަތެވެ. އަދި ވަކިން ހާއްސަކޮށް އަންހެންވެރިންގެ ދުނިޔެއެއްގައި ޖަރީކުރަމުން ދިޔަ ލިބާހުގެ މަސައްކަތަށް އޭނާގެ ދެ އަތް ކޮށްޕާލުމުން އެންމެންގެ ދެ ލޯ ބޮޑުވެއްޖެއެވެ. ފުރައްސާރައިން އުކައި ތަޅައިގަތެވެ.

"ކަސަބު ވިޔަން ފެށީމަ، ކިނާރީ ގަތަން ފެށީމަ އަދި ލިބާސް ފަހަން ފެށީމަ މީހުން އައިސް އަޅުގަނޑާ ދިމާލަށް ބުނާނެ ކަލޭ ތިކުރަނީ އަންހެނުން ކުރާ މަސައްކަތެއް ނޫން ހެއްޔޭ. ފިރިހެނަކު ނުކުރާނެއޭ ތިކަހަލަ މަސައްކަތްތަކެއް،" މުނީރު ކިޔައިދިނެވެ.

"ފެހުމާއި ގެތުމުގެ މަސައްކަތް އަޅުގަނޑު ދަސްކުރަމުން ދިޔައިރު ތަޖުރިބާކުރަން ޖެހުނު އެ ދުވަސްތަކަކީ އަޅުގަނޑުގެ ހަޔާތުގައި ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުން. އޭރު އަޅުގަނޑާ ދިމާލަށް ވަރަށް ގިނައިން މީހުން އެއްޗެހި ކިޔާނެ ކަލޭ ތިކުރަނީ އަންހެނުން ކުރާ ކަހަލަ މަސައްކަތެއް ނޫން ހެއްޔޭ ކިޔާފައި"

އެކަމަކު އެ މާލާމާތައި ފުރައްސާރައިގެ ތީރުތަކަށް މުނީރު އަތެއް ނުވި އެވެ. ދައްތަމެން ގެންގުޅުނު ސިންގާ ބްރޭންޑުގެ ފަހާފޮށިތަކުގައި ފާލުގަނޑާއި ފުރޮޅުތައް އަނބުރަމުން އޭނާ އޭރު ފެހުންތެރިކަމުގެ ދުނިޔޭގައި އުދުހެނީއެވެ.

"އެހެން މީހުން ބުނީމަ އަޅުގަނޑުގެ ހިތަށް އަރަނީ، މަސައްކަތެއް ވެއްޖެއްޔާމު އެޔަށް ވަކި ޖިންސެއް ވެސް ކަނޑައެޅިފައި އޮވޭ ހެއްޔޭ؟ އަންހެނުން ކުރަން ޖެހެނީ ވަކި ކަހަލަ ކަންތައްތަކެއް ހެއްޔޭ؟ ފިރިހެނުން ކުރަން ޖެހެނީ ވަކި ކަހަލަ މަސައްކަތްތަކެއް ހެއްޔޭ؟،" މުނީރު ބުންޏެވެ.

"ވަރަށް ގިނަ މީހުންގެ ބަދު ބަސްތަކާ ދިމާވެފައި ހުރި މީހެއް އަޅުގަނޑަކީ މިހިސާބަށް އައިއިރު. އެކަމަކު މީހުން ކީއެއްޗެއްސަށް ބެލުމެއް ނެތި އަޅުގަނޑު އަބަދުވެސް ބެލީ މި މަސައްކަތާއިގެން ކުރިއަށް ދިޔައީ."

އެއަށް ފަހު މިއަދު އޭނާ ވެފައި ވަނީ ކިނާރީ ވިޔުމާއި ކަސަބު ގެތުމުން ފަށައިގެން ގޮސް ލިބާސް ކަނޑައި ފަހައި ހިރު ހަރުކުރުމުގެ މަސައްކަތް މި ފެންވަރަށް ދަސްކޮށް ފަރިތަކޮށްފައިވާ ދިވެހި މަދު ފިރިހެނުންގެ ތެރެއިން އެކަކެވެ. އަދި އަޅުގަނޑު މުޅި ހުވަދޫ އަތޮޅަށް ކުރި ދަތުރުގައި ވެސް، ދިވެހި ލިބާހުގެ މި މަޝްހޫރު "ހަތަރު ފެހުން" ދަސްކޮށް އެ މަސައްކަތްކުރާތަން މިގޮތަށް ފެނުނު ފުރަތަމަ ދިވެހި ފިރިހެން މީހާއެވެ.

ޔަގީނަށް ވެސް މުނީރުގެ ދެ އަތުން ޖަރީކޮށްފައިވާ އޭނާގެ މަސައްކަތްތެރިކަމުގެ ދުނިޔޭގެ ބޮންތީގައި ހަރުކޮށްފައިވާ ޗެރީއަކީ މިއެވެ. ނަމަވެސް އޭނާ ދަންނަ މަސައްކަތްތަކާއި އޭނާގެ ހީވާގި ދެ އަތުގައިވީ ހުނަރުތަކުގެ ލިސްޓު މިހައި ހިސާބުން ނިމުނީއެއް ނޫނެވެ.

ފަންގިވިޔުމާއި ފަންތޮށީގެ ތަފާތު އެކި މަސައްކަތަށް ވެސް އޭނާ ވަރަށް ކުޅަދާނައެވެ. އޯޑަރަށް ބަތްޕޮޅި ހަދައިދޭތާ ވެސް 25 އަހަރު ވެއްޖެއެވެ. ދަގަނޑުގެ މަސައްކަތުން ފެށިގެން ގޮސް ތެލިތާސް ވިރުވައި އެޅުމުގެ މަސައްކަތް ވެސް ދަހެވެ. އަދި ވަޑާމުގެ ހުރިހާ މަސައްކަތަކުން ފަށައިގެން ގޮސް ލިޔެ ލާ ޖެހުމަށް ވެސް ފަރިތައެވެ.

އަދި ކިއެއްތޯއެވެ؛ މަޑަވެލީގެ ހަލަބޮލި މަސްވެރިކަމުގެ ގަދަ ކަނޑު ވެސް އޭނާގެ މި ދަތުރުގައި އެތައް ފަހަރަކު ހުރަސްކޮށްފިއެވެ.

އެއާ އެކު މިހައި ހިސާބުން ދެން އަނެއްކާވެސް މި ހުޅުވެނީ އޭނާގެ ބޭސްވެރިކަމުގެ ދުނިޔޭގެ ދޮރެވެ. އެ ދޮރުން ވަދެގެން އޭނާ ހިނގައިގަތީ މިހެންނެވެ.

"މަހަށް ގޮސް އުޅެނިކޮށް ދޯނީގައި މަސްބާނަން ހުރި މީހެއްގެ ގަޔަށް ހެރުނީ ބުޅިއެއް. އެއީ ކަޅުބިލަމަސް ބާނަން ބޭނުންކުރާ ވައްތަރުގެ ބޮޑު ބުޅިއެއް. ބުޅި ނައްޓުވާލީމަ ނާރެއް ފަޅައިގެން ލޭމަނާވާނެ ގޮތެއް ނުވި،" މުނީރަށް ޖެހުނީ އެ ހިސާބުން ދުވަހުގެ މަސްވެރިކަން ކުރުކޮށްލާފައި ކުއްލި ހާލަތްތަކަށް ބޭނުންކުރާ އޭނާގެ ބޭސްފުޅިއެއް ހުޅުވާށެވެ.

"އަޅުގަނޑު އެ ބޭހަށް މި ކިޔަނީ ކަނޑިފާރު. އެއީ ވަރަށް ފަސޭހައިން ލޭމަނާކޮށްލާ ދިވެހި ބޭހެއް. އޭގެ އެތިކޮޅެއް ހަމަ އުނގުޅާލުމާ އެކު ލޭމަނާވެއްޖެ. އަނެއް ދުވަހު އެއްކޮށް ފަސޭހަވެއްޖެ."

ޒުވާން މުނީރުގެ ބޭސްވެރިކަމުގެ ހަޔާތުގައި މިފަދަ އެތައް ސަފުހާއެއް އެބައޮތެވެ. އެކަމަކު އަދި އޭނާގެ މި ޝައުގުވެރިކުރުވަނިވި ދިރިއުޅުމުގައި އަދި އަހަރެމެން ނުކިޔާ ސަފުހާއެއް ވެސް އެބައޮތެވެ. ޚުދު އަޅުގަނޑަށް ވެސް އެކަން ރޭކާލީ މި އިންޓަވިއު ނިމިގެން ޖެހިގެން އައި ދުވަހުގެ ހުކުރު ނަމާދަށް، މިސްކިތަށް އެރިތަނުންނެވެ.

ބައްލަވާ، މުނީރު މިއަދު އެ ހުންނެވީ މިންބަރަށް އަރައެވެ. އެ ފެއްޓެވީ ދުވަހުގެ ޚުޠުބާއެވެ.

މިސްކިތުން ފޭބިގޮތަށް ސަލާންގަލާންކޮށްލީމަ އޭނާ ބުންޏެވެ؛ "މިދިޔަ ބާވީހަކަށް އަހަރު ވަންދެން އަޅުގަނޑު އަދާކުރި ރަސްމީ ވަޒީފާ އަކީ އިމާމުކަމެވެ."

އެ ވަޒީފާ ދޫކޮށްލިޔަސް ރަށުގައި މިހާރު ވެސް އާންމުކޮށް ހުކުރުކޮށް، އީދުކޮށް ކޭތަ ނަމާދު ވެސް ކުރާތަން ފެންނަ ރަށުގެ އެންމެ ފަރިތަ މޫނަކީ އަދިވެސް ޒުވާން މުނީރެވެ.

އަނގަތަޅައި ނިމިގެން މެންދުރުގެ ކެއުމަށް ފަހު އަހަރެން ނުކުތީ ރަށުތެރޭގައި ބުރެއް ޖަހާލުމަށެވެ. އަނެއްކާވެސް ލޮލުގައި އަޅައިގަތީ ހައިވެގެން ގޮސް "ވައިހައްކަޅަ" ހިފާފައި ހުރި އެއްކަލަ ފުށްގަނޑެވެ. އަދި ޝިކާރަކޮށްގެން ގެނައި މެންދުރުގެ ކެއުމާއެކު އެ ސޮރުގެ އަމާ ނަގައި ދެމުން ދިޔަ ފިލާވަޅެވެ.

އެ ހިސާބުން އަނެއްކާވެސް ހަނދާނަށް އައީ މުނީރުގެ މި ވާހަކައިގައި ވެސް އޮތް ފެށުމެވެ. ކުޑައިރު ދަސްކުރި އުކުޅުތަކާ އެކު އޭނާ އުދުހިގަތް އުދުހިގަތުމެވެ.

އެ ފުށްގަނޑު ވެސް އަދި ފިޔަގަނޑު ފަޅައި އުދުހިގަންނާނެކަން ޔަގީނެވެ.