ގއ. ނިލަންދޫ ފުނަމަގޭ، އުމުރުން 67 އަހަރުގެ މުހައްމަދު ދީދީއަކީ ދިވެހިންގެ ގަދީމީ އާދަކާދަ އާއި ސަގާފަތުގެ ދިރިއުޅުން ވަރަށް ކައިރިން ތަޖުރިބާކޮށްފައިވާ، ހިތްހެޔޮ އަދި ތަޖުރިބާކާރު ހުނަރުވެރިއެކެވެ. އޭނާގެ ހަޔާތުގެ ކުރީކޮޅު ވަރަށް ގިނަ ދުވަސްތައް ހޭދަކުރީ ދިވެހިންގެ މައިގަނޑު މަސައްކަތް ކަމުގައިވާ މަސްވެރިކަމުގައެވެ.

ކެޔޮޅެއްގެ ހައިސިއްޔަތުން ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ފަހުން އޭނާގެ މަސައްކަތް ދަނޑުވެރިކަމަށް ބަދަލުކުރި އެވެ. މިއަދާ ހަމައަށް އައިއިރު، ދަނޑުވެރިކަމުގެ ދާއިރާގައި އޭނާ އުޅޭތާ މިހާރު 24 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ އެވެ.

މުހައްމަދު ދީދީގެ ހަޔާތުން އެންމެ ހާއްސަ އަދި އަސަރުކުރަނިވި ޗެޕްޓާ އޮތީ ދިވެހި ރައިވަރުގެ ތެރޭގަ އެވެ. އެއް ރައިވަރުގެ ފަންނަށް އޭނާގެ ހިތުގައި އުފެދިފައި އޮތީ އާދަޔާހިލާފު ލޯތްބަކާއި ގަދަރެކެވެ. އަދި މިކަން ފެށިގެން އައި ގޮތް ވެސް އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުން ނަމަ ރައިވަރުގެ ތެރެއަށް ވަދެވިގެންދިޔައީ ޒުވާން އުމުރުގައި ށ. އަތޮޅަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. އެ ދަތުރުގައި ބައްދަލުވި މީހެއްގެ ފަރާތުން ރައިވަރު ކިޔާނެ ތަފާތު ރާގުތަކާއި ހުނަރުތައް ދަސްވީ ދެ މީހުން ކުރި ޗެލެންޖެއްގެ ތެރެއިންނެވެ.

މުހައްމަދު ދީދީ ބުނީ އެޒަމާނުގައި ރައިވަރަކީ ހަމައެކަނި އުފަލަކަށް ކިޔައިއުޅުނު އެއްޗެއް ނޫނެވެ. އެއީ އަންހެންވެރިންނާއި ފިރިހެންވެރިންގެ މެދުގައި ޝުއޫރުތައް ފާޅުކުރުމަށާއި، ސިޓީގެ ބަދަލުގައި މުއާމަލާތު ކުރުމަށް ބޭނުންކުރި މުހިންމު ވަސީލަތެކެވެ. ފަންވަތުގައި ރައިވަރު ލިޔެ، އޮޅާލައި އޭގެ ތަޅުބަންދުކުރުމަށްފަހު އެކަކު އަނެކަކަށް ފޮނުވައިގެން ހިތުގެ އަސަރުތައް ބަދަލުކުރި ގޮތް މުހައްމަދު ދީދީ ސިފަކޮށްދެއްވީ ވަރަށް އަސަރުގަދަކޮށް މާޒީގެ ހަނދާންތަކާއެކުގައެވެ.

އަމިއްލަ މަންމަގެ ފަރާތުން ވާރުތަވި ރައިވަރުގެ ރީތި ރާގުތަކާއި، ތިން ބަހާއި ހަ ބަހުގެ ރައިވަރު ފަދަ އެކި ބާވަތުގެ ރައިވަރުތައް މިއަދުވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. ކަނޑުމަތީގެ ވަގުތުތަކުގަ އާއި މަސައްކަތުގެ މައިދާނުގައި ރައިވަރުކިޔައި، މާޒީގެ ރީތި ހަނދާންތައް އާކުރުމަކީ މުހައްމަދު ދީދީގެ ހަޔާތަށް އިތުރު ދިރުމެއް ގެނެސްދޭ ކަމެކެވެ.

އޭނާ އަކީ ދިވެހިންގެ ގަދީމީ އަދަބީ އާދަކާދަ އާއި ކަނޑުމަތީގެ ހިތްވަރުގަދަ ދިރިއުޅުން ރަމްޒުކޮށްދޭ ދިރިހުރި މިސާލެއްކަން ޔަގީނެވެ. އޭނާގެ ހަޔާތުގެ ވާހަކަތަކާއި ރައިވަރު ކިޔުމުގެ ހުނަރު "މެރިހާނާ" އަށް ދިން މި ވީޑިއޯ އިންޓަވިއުގައި އެ ވަނީ އެވެ.