ގދ. ނަޑެއްލާގައި ބުރެއް ޖަހާލިތަނުން އެތަންމިތަނަށް އަރަމުންދާ ބިލެތްވެޔޮތައް ލޮލުގައި އަޅައިގަތެވެ. އެއަށް ފަހު ދެން ބައްދަލުވީ އުމުރުން 62 އަހަރުގެ އިބްރާހިމް ޒާހިރުއާ އެވެ. އަދި އޭނާ ދިރިއުޅޭ "މުގުރިގެ' އަށް ދިޔައިރު ކަމުދާކަށް ނެތެވެ.

މުޅި ގޯތިތެރޭގައި އެ އޮތީ ބިލެތް އިންދައިފަ އެވެ. އެހިސާބުން މި ފޮޓޯތައް ނުނަގައި ދާހިތެއް ނުވި އެވެ. އަދި ޒާހިރުގެ ހަޔާތުގައި އޮތް ވާހަކައަކީ ކޮބައިތޯ ބަލަން ވެސް ޝައުގުވެރިވެއްޖެ އެވެ.

ދިރިއުޅުމުގެ އެކި އުދަގޫތަކާއި ގޮންޖެހުންތަކާ ކުރިމަތިލަމުން، ހިތްވަރާއެކު ކުރިއަށްދާ މީހުންނަކީ މުޖުތަމައުގައި އަބަދުވެސް މިގޮތަށް ފަލަސުރުހީން ޖާގަ ދޭން ޖެހޭ މީހުންނެއް ނޫންތޯ އެވެ؟ މާލޭގެ ހަލަބޮލި މާހައުލުމުގައި ގުދާރުބިންދަން ތިރީހަކަށް އަހަރު ހޭދަކުރުމަށް ފަހު ރަށަށް ބަދަލުވެ، ރަށުގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަ ޒާހިރަކީ ވެސް އޭގެ ތެރެއިން އެކަކެވެ.

ޒާހިރުގެ ހަޔާތުގެ ވަރަށް ގިނަ ދުވަސް އޭނާ ހޭދަކުރީ ތެޔޮދޯނިފަހަރުތަކުގަ އެވެ. ކައްޕިއަކަށެވެ. ނަމަވެސް ދިރިއުޅުމުގެ ދަތުރުގައި ކުރިމަތިލާން ޖެހުނު ވަރަށް ހިތާމަވެރި ތަޖުރިބާއަކަށް ފަހު އޭނާ ނިންމީ މާލޭގެ އެ ހަލަބޮލިކަން ދޫކޮށް އުފަން ރަށް ނަޑެއްލާ އަށް ދިރިއުޅުން ބަދަލުކުރާށެވެ.

ރަށަށް ބަދަލުވުމަށް ފަހު ކުރާނެ ކަމަކާ ބެހޭ ގޮތުން ފިކުރު ހިންގަމުން ދަނިކޮށް އޭނާ އަށް ވިސްނުނީ ބިލެތް އިންދައިގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމެވެ. ނަމަވެސް އެ މަސައްކަތުގެ ފެށުމުގައި އޭނާ އަށް ކާމިޔާބީއެއް ނުލިބުނެވެ.

އެކަމަކު ދެން ވެސް އޭނާ ދުލެއް ނުދިނެވެ. މިއަދު މުޅި ނަޑެއްލާ އިން ލިބެން ހުރި އެންމެ ކޮލިޓީ ބިލެތް އެ ކަނޑަނީ އޭނާ އެވެ. އަދި އޭނާގެ މި ކުޑަކުޑަ ވިޔަފާރި މިއަދު އެ ވަނީ ގދ. ތިނަދޫއާ ހަމަ އަށް ފުޅާކޮށްފަ އެވެ.

ބިލެތް ހެއްދުމުގެ އިތުރުން ޒާހިރު އަކީ މޮޅު ވަޑިއެއް ވެސްމެ އެވެ. އަހަރެން "މުގުރި' ގެއަށް ދިޔައިރު ވެސް އޭނާ އުޅެނީ ވަޑާމުގެ ކޮންމެވެސް މަސައްކަތެއްގަ އެވެ. އަދި ވަޑާމުގެ ވާހަކަތައް ކިޔައިދެމުން ގޮސް ގޭތެރޭގެ ޓުއާ ވެސް ދިނެވެ.

"އަޅުގަނޑު ކޮޓަރީގައި ނުހުންނާނެ މީހަކު ހެދި އެއްވެސް އެއްޗެއް. ޑަބަލް އެނދުވެސް އަމިއްލައަށް، ޑަބަލް އަލަމާރިވެސް އަމިއްލައަށް. މާ ރަނގަޅު، މާ ހިތްހަމަޖެހޭ މިގޮތަށް މަސައްކަތްކޮށްލެވުނީމަ،" ޒާހިރު ބުނެލި އެވެ.