ނިމިގެން ދިޔަ މޯލްޑިވްސް އެކްސްޕޯ އިން ދިމާވި މީހުން އެންމެ ގިނައިން ކުރި ސުވާލަކީ މިއެވެ.

"ނަދީމަކީ ކާކު ހެއްޔެވެ؟ މެރިހާނާ އަކީ ކޯއްޗެއް ހެއްޔެވެ؟"

އެމީހުންގެ ހިތަށް އެހެން ނާރަންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

ނޫސްވެރިކަމުގެ ހަޔާތުގައި ހޭދަވި 20 އަހަރު ތެރޭގައި މިއީ ކިޔުންތެރިންގެ ކުރިމައްޗަށް އަޅުގަނޑު ނުކުތް ފުރަތަމަ ފަހަރެވެ. އެމީހުންނާ ބައްދަލުވި ފުރަތަމަ ފަހަރެވެ. އަނގަތަޅާލެވުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން އެތަނުގައި ކުޑަކުޑަ އިސްޓޯލުގަނޑެއް ހުޅުވައިގެން މޭފުއްޕާލާފައި ދެ ޖީބަށް އަތް ޖަހާލައިގެން ހުއްޓެއް ކަމަކު އަޅުގަނޑުވީ އަޅައިގެންފައި ވެއްޓުނަސް މީހަކަށް އަދި އެނގޭވަރުގެ މޫނަކަށް ނޫނެވެ.

ނަމަވެސް އެ އެންމެން ވެސް އޮތީ ކޮންމެވެސް ދުވަހު ނޫހަކަށް، ކޮންމެވެސް ޒަމާނެއްގައި އަޅުގަނޑު ލިޔުނު، ކޮންމެވެސް ލިޔުމެއް، ކޮންމެވެސް ގޮތަކުން ކިޔައިފަ އެވެ. ބައެއް މީހުންނަށް އެއީ ކުރު ވާހަކަ އެކެވެ. ނުވަތަ ނުނިންމައި އޮތް ދިގު ވާހަކަ އެކެވެ.

އަނެއްބައި މީހުންނަށް އެއީ ކޮންމެވެސް ސަޅި މީހެއްގެ ހަޔާތުގެ ވާހަކަ އެވެ. ނުވަތަ ދިވެހި ފިލްމު ޑައިރެކްޓަރަކު ރުޅިއަރުވާލި ދިވެހި ފިލްމު ރިވިއު އެކެވެ. ނޫންނަމަ ވައިރަލްވެގެން އުޅުނު ކޮންމެވެސް ދިވެހި ސެލެބްރިޓީއެއްގެ "ފުޑްސް ކަހަލަ" ވީޑިއޯއެކެވެ.

އަޅުގަނޑުގެ ލިޔުމާއި ކޮންޓެންޓް އޮތީ އެވަރަށް ކިޔުންތެރިންގެ މެދުގައި ވައިރަލްވެފައިކަން އަޅުގަނޑަށް އެނގުނީ ހަމަ އަސްލަށް ވެސް މި އެކްސްޕޯއެއްގައި ގޮސް ގޮނޑިއަޅައިގެން ޖައްސާލުމުންނެވެ.

އެހެންކަމުން އަޅުގަނޑަށް ވުރެ ހުރިހާ ގޮތަކުން ވެސް ކުރިއަރައިގެން ގޮސްފައި އެ އޮތީ އަޅުގަނޑުގެ ލިޔުންތަކެވެ. އަޅުގަނޑުގެ މުޅި މަސައްކަތް ކިހިލީގައި ޖަހައިގެން އޭގެ ތެރެއިން ބައެއް ލިޔުންތައް އަޅުގަނޑުގެ ޖާނާއި މާލު ހިފައިގެން ނުކުމެ ލޮލުކޮޅަށް އެ އޮތް އޮބައިލަނީ އެވެ.

އޭގެ ތެރެއިން ބައެއް ލިޔުންތައް ކިޔުންތެރިންނާ އިނދެވަރިވެއްޖެ އެވެ. ބައެއް ލިޔުންތައް ކިޔުންތެރިންގެ އެ ދުނިޔޭގައި ކާފަ މާމަ އަށް ބަދަލުވެޖެއެވެ.

ލިޔުން އޭގެ ލިޔުންތެރިޔާއާ ނުލައި މިވަރުގެ ދިގު ދަތުރަކަށް ދޫކޮށްލުމަކީ އަދި އެންމެ ބުއްދިވެރި ގޮތް ނޫންކަން އަޅުގަނޑަށް ވިސްނުނީ އެ ފިޔަވަޅުމަތީގަ އެވެ. އަދި ލިޔުމެއް އޭގެ ލިޔުންތެރިޔާއާ އެކުގައި ކުރާ ދަތުރު، އޭގެ މަންޒިލަށް ނުފޯރިޔަސް ނަގައިދޭ ފިލާވަޅު މާ ބޮޑަށް ވެސް މުހިންމުކަން ބުނެދިން ތަޖުރިބާ އަކީ ވެސް ނިމިގެން ދިޔަ މޯލްޑިވްސް އެކްސްޕޯ އެވެ.

އެހެންވީމަ ނަދީމަކީ ކާކުތޯއާ ހަމައިން މިއަދު ފަށަމާ ހިނގާށެވެ. މި އައު ފެށުން އަޅުގަނޑުގެ ކިޔުންތެރިންނަށެވެ.

ނޫސްވެރިން ތަމްރީނުކުރާ ކޯހެއް ދުވަހު ނޫސް ހަވީރު އިން އިއުލާނުކޮށްގެން އުޅޭ ޚަބަރު ލިބުނު ދުވަހަކީ ކިޔަވައި ނިމުނު ގޮތަށް ގޮސް ވަން ފުރަތަމަ ވަޒީފާގައި ފޫހިވެފައި ހުރި ދުވަހެކެވެ. އެއީ ގިފްޓް ޝޮޕެކެވެ. ނަމަވެސް އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހަދިޔާ އަކީ ނޫސްވެރިކަމުގެ އެ ތަމްރީނަށް ފަހު، ރާއްޖޭގެ އެންމެ ޝަރަފުވެރި ދުވަހު ނޫހުގެ ގޮތުގައި އޮތް "ހަވީރު" ނޫހުގެ ނިއުސްރޫމުން ގޮނޑިއަކާއި މޭޒަކާއި ކޮމްޕިއުޓަރެއް ލިބުނު ދުވަހެވެ.

ހަވީރު ނޫހުގެ އޭރުގެ އެޑިޓަރު މުހައްމަދު ޝަހީބު ދިން ނަސޭހަތަކީ މިއެވެ؛ ކަލޭމެންނާ މިހާރު ތިތިބީ ހަތިޔާރު ހަވާލުކޮށް ނިމިފަ އެވެ. ގަޔަށް، ފަޔަށް، ބޮލަށް ބަޑިޖަހާނީތޯ ވެސް ނިންމާނީ މިއަދުން ފެށިގެން އަމިއްލަ އަށެވެ.

ތެދުތެދަށް ބުނަނީ ނަމަ ހަތިޔާރު އަޅައިގެން ނުކުމެ އެންމެ ފުރަތަމަ ވެސް ތަޅައިގަނެވުނީ ނިއުސްރޫމު ތެރެއަށެވެ. ބޫޓަށް ނާރައި، ޓާއީ ނާޅާއި އޮފީހަށް ދާ މައްސަލަ ބޮޑުވެގެން ގޮސް، ހަވީރު ނޫހުގެ ޗެއާމަން ޑރ. ޒާހިރު ހުސޭނުގެ އޮފީސްކޮޅަށް ހާޒިރުކޮށް އަޅުގަނޑުގެ ބޮލަށް އޭރު ބޮން އަޅަނީ އެވެ.

އަނެއްކޮޅުން ޚަބަރު ލިޔަން ހަވާލުކުރި "ކޮމްޕީޓަރުން" ދިވެހި ޓައިޕުކުރާކަށް ވެސް އަޅުގަނޑަކަށް އޭރަކު ނޭނގެ އެވެ. އެންމެފަހުން އެ ކޮމްޕިއުޓަރެއް ބޮލުން ދުން އަރައިގެން ގޮސް އެޔެއް ވެސް ހަލާކުވެއްޖެ އެވެ. އަދި މަސައްކަތުގައި ޕްރޮމޯޝަނެއް ނުލިބުނަސް އިސާހިތަކު ދެ ވަނަ ކޮމްޕިއުޓަރެއް އަޅުގަނޑަށް ލިބިއްޖެ އެވެ.  

އަޅުގަނޑުގެ އެންމެ ދުރު ހަނދާނަކީ އަބަދުވެސް އާޓާއި އަޅުގަނޑާ ދެމެދު އޮތް ހިތާއިހިތުގެ ގުޅުމެވެ. ކޮމްޕިއުޓަރަކުން ޓައިޕުކޮށް ލިޔަން ދަސްވުމުގެ ކުރިން އަޅުގަނޑު ނޫސް ނެރެ އުޅުނީ އަތުން ކުރަހައިގެން އަތުން ލިޔެގެންނެވެ. އޭރު އަޅުގަނޑު އުޅުނީ ރަށުގައި ކިޔަވަން ދިޔަ ސ. އަތޮޅު މަދަރުސާގެ ކްލާހެއްގަ އެވެ.

އެ ކްލާހުގައި "ޕޮޕިއުލާ" ދަރިވަރަކަށް ނުވިޔަސް "އޮއިވަރު" ގެ ނަމުގައި އަޅުގަނޑު އަތުން ލިޔެ ތައްޔާރުކުރި ދިހަ ވަރަކަށް ސަފުހާގެ "ޑީއައިވައި ޒީން" ވީ އަޅުގަނޑަށް ވުރެ މާ ބޮޑަށް ވެސް ޕޮޕިއުލާ އެއްޗަކަށެވެ. އޭގައި އޭރު ލިޔުނު ލިޔުންތަކަކީ، ނޫސްވެރިކަމުގެ ހަޔާތުގައި މިއަދު ވެސް އަޅުގަނޑު އެންމެގިނައިން ލިޔާ ވައްތަރުގެ ކޮންޓެންޓެވެ.

މިސާލަކަށް، ކުރުވާހަކަ އެވެ. ސެލެބްރިޓީންގެ ވާހަކަ އެވެ. ފިލްމު ރިވިއު އެވެ. ކޮންމެވެސް މީހެއްގެ ޕްރޮފައިލެކެވެ. ސުވާލާއި ޖަވާބު ފޯމެޓްގެ އިންޓަވިއުއެކެވެ. އެއީ އެ މެގަޒިންގެ ވެސް ކަވާ ސްޓޯރީއެވެ. އަދި އަބަދުވެސް އޭގެ ތަރިއަކަށް ހެދީ ސްކޫލްގައި އޭރަކު އެންމެ ޕޮޕިއުލާ ދަރިވަރެވެ.

ނޫސްވެރިކަމުގެ ހަޔާތުގައި އެ ފޯމެޓަށް އަޅުގަނޑު ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަސައްކަތަކީ "އަވަސް" ނޫހުގައި ގެނެސްދިން "އަވަސް ވީކެންޑް އިންޓަވިއުސް" އެވެ. އެއީ އެޑިޓޯރިއަލް ފޮޓޯޝޫޓަކާ އެކު 50 އެޕިސޯޑަށް ދިގުދެމިގެންދިޔަ ވީޑިއޯ އަދި ރިޓެން އިންޓަވިއު ސެގްމަންޓެކެވެ.

ރާއްޖޭގެ އޭރުގެ އެންމެ މަގްބޫލު އެއް ދުވަހު ނޫހަށް، "އަވަސް" ނޫސް ހަދާލި ކޮންޓެންޓަކަށް އެ މަސައްކަތްވި އެވެ.

ނަމަވެސް ނޫސްވެރިކަމުގައި މިކުރެވެނީ ކުޑައިރުގެ ސްކޫލް ލައިފުގައި ކިޔެވުން މަތިން ހަނދާން ނައްތާލާފައި ކޮށް އުޅުނު ކަންތައްކަން އިހުސާސުވީ ހަމަ އަސްލަށް ވެސް މި އާޓިކަލެއް ލިޔަން ކުޑަކޮށް ވިސްނައި މާޒީގެ ދުވަސްތައް ހާވައި ބަލައިލުމުންނެވެ.

މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ؛ ބޮޑުވެގެން ވެސް ޖަހާނީ ކުޑައިރު ޖެހި ސަކަރާތެކެވެ.

އަޅުގަނޑުގެ މުޅި ހަޔާތުގައި އަޅުގަނޑަށް ފެނުނު އެންމެ ބޮޑު "އާޓިސްޓަކީ" އަޅުގަނޑުގެ މަންމައެވެ. އަދި އަޅުގަނޑު އުޅެބޮޑުވި "މެރިހާނާ" ގެ ފެންޑާގެ އެއްކޮޅުން އަނެއްކޮޅަށް އެއްލި އުނދޯލީގައި މަންމަ ކީ ލަވަ އާއި ލިޔުނު ޅެމާއި ވާހަކަތަކަކީ އަޅުގަނޑަށް، ލިޔުންތެރިކަމުގެ ދުނިޔެއަކަށް ހުޅުވައިދިން ފުރަތަމަ ކުޑަދޮރެވެ. މަންމަގެ ރިވެތި އަތުލިޔުމަކީ އެ އަލިފުބާ އެވެ.

މަންމަގެ އަޑުގައިވީ ޖާދޫ އާއި މިޒާޖުގައިވީ މަޖާކަމަކީ އަޅުގަނޑުގެ ލިޔުންތެރިކަމުގައި ކޮންމެ ދުވަހަކުވެސް ދެމޭ އެންމެ ވަރުގަދަ ރޫހެވެ. ހަގީގީ ދިރުމެވެ. ކެރެކްޓާއެވެ.

"މެރިހާނާ" ގެ ފެންޑާއިން ފެށި މި ދަތުރުގައި "ހަވީރު" ނޫހުން އަޅުގަނޑަށް ޗާންސެއް ލިބުނީ ނަސީބަކުންނެވެ. އެންމެ ރަނގަޅު ފަސް ކުދިންގެ ތެރެއިން ތިން ކުދިން ދާއިމީކުރާ ނަމަ އެ ލިސްޓުގައި އަޅުގަނޑުގެ ނަން އޮތީ އެންމެ ފުލުގަ އެވެ.

ނަމަވެސް އޭގެ ތެރެއިން ދެ ކުއްޖަކު އެހެން ދިމާލަކަށް ނައްޓާލީމަ ނޫސްވެރިކަމުގެ އެ ވަޒީފާގައި އަޅުގަނޑު ދާއިމީވީ އެވެ. މުންޑޫ އާދަމް ހަލީމްއޭ ކިޔާ ނޫސްވެރިޔަކާ ބައްދަލުވި ގޮތަކީ އެއީ އެވެ. އަދި މައުލޫމާތުގެ ދުނިޔެ ގިރައި ބޮއެގެން ހުރި އިމާދު ލަތީފު އަޅުގަނޑުގެ ފުރަތަމަ އެޑިޓަރަށް ބަދަލުވި ގޮތަކީ އެއީ އެވެ.

ތަމްރީނު ނިމި، ހަތިޔާރު އަޅައިގެން ނުކުމެ ހަވީރުގެ އަބުއި ނިއުސްރޫމުގައި ކުރާނެ ކަމެއް ނޭނގި އާފުރިލަފުރިލަ އިންދާ ކޮނޑުގައި އަތްޖަހާލާފައި، އަޅުގަނޑުގެ ޝައުގުވެރިކަން ދަމައިގަންނަ ކަހަލަ މަސައްކަތެއް އެންމެ ފުރަތަމަ ހަވާލުކުރި ނޫސްވެރިޔަކަށް ވާނީ މުންޑޫ އެވެ.

މުންޑޫ އާދަމް ހަލީމަކީ ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި އަޅުގަނޑަށް ފެނުނު އެންމެ ސްޓައިލިޝް ލިޔުންތެރިޔާ އެވެ. ހަވީރުގެ ނިއުސްރޫމުން އޭނާއާ ބައްދަލުވިއިރު އަޅުގަނޑަކީ ވެސް ޚުދު މުންޑޫގެ ފޭންއެކެވެ. ހަވީރު ނޫހުގައި ޝާއިއުކޮށްފައި ހުރި މުންޑޫ އާދަމް ހަލީމުގެ ކުރުވާހަކަތައް އޭގެ ފިޒިކަލް ކޮޕީތަކެއްގެ ގޮތުގައި އެއްކޮށްގެން ގެންގުޅުނު ފޭނަކީމެވެ.

ނިއުސްރޫމުގެ ޒިންމާތައް ބެހިފައި އޮންނަ ގޮތަކުން އޭރު ކޮންމެ ނޫސްވެރިޔަކާ ވެސް ޕްރިންޓުކުރާ ނޫހުގެ އެކި ސަފުހާތައް ވާނީ ހަވާލުކުރެވިފަ އެވެ. އަޅުގަނޑާ ބައްދަލުވިއިރު މުންޑޫގެ އަތުގައި އޮތީ އޭނާއާ އޭރު މަތިކޮށްފައި އޮތް ޕޭޖެއް ކަމަށްވާ "ހޮނިހިރު ހާއްސަ" އެވެ.

އެއީ ކޮންމެ ހޮނިހިރު ދުވަހެއްގައި ޕަބްލިޝްކުރާ ލުއި މައުލޫމާތުން ފުރިފައި އޮންނަ ޕޭޖެކެވެ. ކުޑައިރު އަޅުގަނޑު އަތުން ލިޔެގެން ގޮސް ކްލާހަށް ބެހި "އޮއިވަރު" ޒީންގައި ވެސް ހުންނަ ކަހަލަ މައުލޫމާތެވެ. އަދި އަޅުގަނޑު މިހާރު މި ލިޔާ ކަހަލަ "ލައިފްސްޓައިލް ކޮންޓެންޓް" ނޫހަކަށް ލިޔެލަން ލިބުނު ފުރަތަމަ ޗާންސަކަށް ވާނީ ވެސް އެ "ހޮނިހިރު ހާއްސަ" އެވެ.

އޭގެ ފަހުން "ހޮލީވުޑް" ޕޭޖު ލިބިއްޖެ އެވެ. އެއަށް ފަހު ދިވެހި ސިނަމާގެ ޚަބަރާއި ފިލްމު ރިވިއު ލިޔާނެ ޕޭޖެއް ވެސް ލިބިއްޖެ އެވެ. އަދި އެންމެފަހުން ރޯދަ މަހުގެ "ކުރު ވާހަކަ ޕޭޖަށް" ދުވާލަކު ވާހަކައެއް ލިޔަން ލިބުމުން ލިޔުންތެރިކަމުގެ އެ ހުވަފެނުގައި ހަމަ ރަނގަޅަށް ވެސް ގޮސް ބުރުހަމަވެއްޖެ އެވެ.

ނަމަވެސް އަޅުގަނޑަކީ އެއްވެސް އިރަކު "ނޫސްވެރިން" ގެ "ރަސްމީ" ގޮޅިއަށް ފެތުނު ލިޔުންތެރިއެއް ނޫނެވެ. ކަރަންޓް އެފެއާޒަށް ހާއްސަ އެއްވެސް ތަނެއްގައި ލައްވައިނުލީމަ ގާތްގަނޑަކަށް ހަތް އަހަރު ވަންދެން ހަވީރު ނޫހުގައި އަޅުގަނޑު ކުރި ރަސްމީ މަސައްކަތަކަށް ވާނީ ބޭރު ދުނިޔޭގެ ޚަބަރު ދިވެއްސަށް ތަރުޖަމާކުރުމެވެ.

ހަވީރުގެ ނިއުސްރޫމުގައި އޭރު އޮތް ޒުވާބުގައި، އެ މަސައްކަތްކުރާ މީހަކު ނޫސްވެރިއެއްގެ ގޮތުގައި ނުވެސް ބަލަ އެވެ. އެ ވިސްނުން އޮތީ އަދިވެސް އެހެންނެވެ. ރާއްޖޭގައި ނޫސްވެރިކަމަކީ ހަމައެކަނި ސިޔާސީ ޚަބަރު ލިޔުމެވެ.

ކޮންމެއަކަސް ހަވީރުގެ އެ ދަތުރު ވެގެން ދިޔައީ ނޫސްވެރިކަމުގެ އެތައް ވައްތަރަކަށް އަޅުގަނޑު ތައާރަފްކޮށް ލޯ ހުޅުވައިދިން ތަޖުރިބާ އަކަށެވެ. އަދި ފަހަރެއްގައި އަމިއްލަ ނޫހެއް ހަދަން "ހަވީރު" ގެ އެ ވަޒީފާ ދޫކޮށްލާފައި އަޅުގަނޑު ނުކުމެގެން ދިޔައީ ވެސް ނޫސްވެރިކަމުގެ މި ހުރިހާ ވައްތަރެއް ކިޔުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް ހިތުގައި އޮތް އެދުމެއްގެ ބޮޑުކަމުންނެވެ.

އޭގެ ފަހުން 13 އަހަރުވީ އެވެ. ނޫސްވެރިކަމުގެ މި ހަޔާތް އަޅުގަނޑަށް ގެނެސްދިން ހަމަ އެއްވެސް އެވޯޑެއް ނެތެވެ. އަދި އަޅުގަނޑު ގަބޫލުކުރާ އަޅުގަނޑުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ފުލުފުލުގައި ތަޖުރިބާކުރަން ޖެހުނު ނާކާމިޔާބީ އެވެ. "މެރިހާނާ" މި ހެދީ މީގެ ކުރިން ވެސް އަމިއްލަ އަށް މެގަޒިން ހަދައި ފެއިލްވުމަށް ފަހުއެވެ.

ހަވީރު ނޫހުގެ ވަޒީފާ އިން ވަކިވެގެން އެ ދުވަހު ނުދިޔަ ނަމަ، އަޅުގަނޑުގެ ލިޔުންތެރިކަމުގެ ދުނިޔެ މިގޮތުގައި ފައްކާނުވީހެވެ. ނޫސްވެރިއެއްގެ ގޮޅިއަކަށް ގޮސް ފެތުނު ނަމަ އަޅުގަނޑުގެ އަމިއްލަ އުސްލޫބެއް މިގޮތުގައި މުއްސަނދިނުކުރެވުނީހެވެ. "އޮއިވަރު" ގެ އެ ހުރިހާ ހުވަފެނެއް "ދިވެހި ނޫސްވެރިކަމުގެ ސިޔާސީ އޮޔާ" ދިޔައީހެވެ.

"މެރިހާނާ" މިގޮތަށް ވުޖޫދުވެސް ނުވީހެވެ.

މި ދަތުރު ކިޔުންތެރިންނާ ހިއްސާކުރުމުގެ މުހިންމުކަން އަޅުގަނޑަށް ބުނެދިނީ ނިމިގެން ދިޔަ މޯލްޑިވްސް އެކްސްޕޯގައި ކުރެވުނު ތަޖުރިބާއެވެ. އަޅުގަނޑަކީ އެއްވެސް އިރަކު އަޅުގަނޑުގެ ލިޔުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ކިޔުންތެރިންނާ ހިއްސާކުރަން ޝައުގުވެރިވީ މީހެއް ނޫނެވެ.

މިޒާޖުގައި ނެތް ކަމަކަށްވީމަ މި ވަގުތު މި ލަފުޒުތައް މި ލިޔަނީ ވެސް ގަދަކަމުންނެވެ. އެކްސްޕޯ އަށް ގޮސް އެތަނުގައި ހުރީ ވެސް މީހަކު ކޮނޑުގައި އަތްއަޅައި ކޮއްޕަމުން ގޮސް އެތަނުގައި ބެހެއްޓީމަ އެވެ.

ނަމަވެސް އަޅުގަނޑުގެ ނޫސްވެރިކަމުގެ ހަޔާތް ދާއިމީ ހުވަފެނެއްގައި ބަނދަރުކުރުމަށް މި ކުރާ މަސައްކަތުން ގެއްލިފައި އޮތް ސަފުހާ އަކީ ފަހަރުގައި މިއެވެ. މީހުން އެކިޔާ "ދަ މިސިން ޕީސް" އަކީ މިއެވެ.

"ނަދީމުގެ ލިޔުންތައް" އެކަނި އާންމުންގެ ތެރެއަށް ނުކުމެގެނެއް މިކަމެއް ނުވާނެ އެވެ. މީގެ ދެކޮޅު ގެންގޮސް ޖެއްސޭނީ ނަދީމުގެ އެ ލިޔުންތަކާ އެކުގައި ނަދީމު ވެސް އާންމުންގެ ތެރެއަށް ނުކުމެގެންނެވެ.

މިހިސާބުން ހިތަށް އަރަނީ "ފިކުރު ޑަބިޔާ" ގައި ލިޔުނު ފިކުރެކެވެ.

"ތިބާ އަށް ލިޔެވިފައިވީ ތަގުދީރު، ތިބާ ހޯދައިގަންނާނެ އެވެ."

"ތިބާ، ތައްޔާރަށް ހުންނާށެވެ."

ނިކަން ބަލާށެވެ. ކުޑައިރު އަޅުގަނޑު ބޭނުންވެފައި ހުރި އެ ހުރިހާ ފުރުސަތެއް އައިސް އަޅުގަނޑާ ބައްދަލުކުރީ ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ މަތީ ފެންވަރުގަ އެވެ. ހަވީރު ނޫހަށް ފަހު "އަވަސް" ނޫސް އުފެއްދުމުގެ ދަތުރުގަ އެވެ. އެއަށް ފަހު މިހާރު ނޫހުގެ "ދޯ" މެގަޒިން އުފެދުމުގެ ދަތުރުގަ އާއި ދިވެހި ކިޔުންތެރިންގެ ލައިފްސްޓައިލް ބަދަލުކޮށްލި ކޮންޓެންޓް އުފެެއްދުމުގެ އުފަލުގަ އެވެ. "ދައުރު" ނޫހުގެ ތަޖުރިބާކާރު ޓީމާ އެކުގަ އެވެ.

ނަމަވެސް އެ ފުރުސަތުތަކަށް އަޅުގަނޑަށް ތައްޔާރުވެވުނު ހެއްޔެވެ؟ ނޫނެކެވެ.

މީހަކު އަޅުގަނޑު ތައްޔާރުކޮށްދޭން އަންނާނެ ހެއްޔެވެ؟ ނޫނެކެވެ.

އަޅުގަނޑުގެ ހަޔާތުގެ މި ތަޖުރިބާ ލިޔެދޭން އެހެން މީހަކު އަންނާނެ ހެއްޔެވެ؟ ނޫނެކެވެ. 

މީހުން އަންނާނީ ސުވާލުކުރާށެވެ. ސުވާލު އުފައްދާށެވެ. ހުރިހާ ކަމަކަށް ތައްޔާރުވާން ޖެހޭނީ އަމިއްލަ އަށެވެ.

އަމިއްލަ ވާހަކަ ވެސް ކިޔައިދޭން ޖެހޭނީ އަމިއްލަ އަށެވެ. އެކްސްޕޯ އަޅުގަނޑަށް ނަގައިދިން އަގުބޮޑު ފިލާވަޅަކީ މިއެވެ؛ މުހިންމީ ކޮންޓެންޓް އެކަންޏެއް ނޫނެވެ. އެ ކޮންޓެންޓް އުފައްދާ މީހާގެ ވާހަކަ ވެސް ކިޔުންތެރިންނާ ހަމަ އަށް އަންނަން ޖެހެ އެވެ.

އެހެންވީމަ، އެކްސްޕޯ ނިމިގެން އަޅުގަނޑު ވެސް ހިތާހިތުން ކުރި ސުވާލަކީ ތިއެވެ؛ ނަދީމަކީ ކާކު ހެއްޔެވެ؟ މެރިހާނާ އަކީ ކޯއްޗެއް ހެއްޔެވެ؟