ބޭއިންސާފާ އަނިޔާގެ ވާހަކަ ކިޔައިދޭން ފެށުމުން ދައުލަތުގެ މީޑިއާ އިން ޓްރެފިކް ޖޭމް މަނާ ވެސް ކުރި އެވެ. ނަމަވެސް ބޭންޑްގެ ލަވަތަކަށް ޒުވާނުން ފުމެގަތުމުން ހަތަރެސްފައިގައި ޖެހި ހިލިހިލާ ކަނޑައިގެން ހިނގައްޖެ އެވެ.

ޓްރެފިކް ޖޭމްގެ އިންގިލާބީ އެ ދަތުރަށް 20 އަހަރު ފުރުނީ އެވެ. މިއީ އެ ހިތްވަރު ފާހަގަކުރުމަށް ފަށްފަށުން ގަތާފައިވާ ތައުރީފެވެ.

ޓްރެފިކް ޖޭމް އުފެދިގެން އައީ ބަސް އަހައި ކިޔަމަންވެ ތިބެ ގައުމެއް މުނިފޫހިފިލުވައިދޭކަށް ނޫނެވެ. ދިރިއުޅުމުގެ ހަގީގަތް ދިވެހިންނަށް އޮޅުވާލައިގެން ތިބި ރޭޑިއޯ އާއި ޓީވީގެ ލަވަ ޗާޓުތަކަށް އަރާކަށް ވެސް ނޫނެވެ. އެމީހުންގެ ޓްރެފިކު ޖޭމުގައި ގައުމެއް ގޮސް ޖެހުނީ މަތިއޮމާންކޮށްފައިވީ ގަވާއިދުތައް މުގުރާލުމުންނެވެ.

އޭރު އޮތީ ހިންދީ ރާގުތަކަށް ދިވެހި ލަވަތައް ފަރިކޮށް އަވާމެންދުރެއްގައި ވެރިންނަށް ޝޯ ދިން މިއުޒިކްގެ ސްޓޭޖެކެވެ. އެ ސްޓޭޖަށް އެރި ލަވަކިޔުންތެރިން ކިޔައި ދެމުން ދިޔައީ މާމެލާ މެއްޔާއި މީހަކާ ހިތާވެ ހިތް ހަލާކުވި ވާހަކަ އެވެ.

ޓްރެފިކް ޖޭމުން ބިމާހަމަކޮށްލީ އެ އިސްޓޭޖެވެ. އަދި އެއަށް ފަހު ލިޔަން ފެށި ލަވަތަކާއި ކުޅެން ފެށި ލަވަތައް ވެގެން ދިޔައީ ގައުމު ހޭލައްވާލި ފިކުރީ އިންގިލާބަކަށެވެ.

މުޅި ގައުމު އޭރު އޮތީ މައުމޫނުގެ 30 އަހަރުވީ އަނިޔާވެރި ވެރިކަމުގައި އަނދަގޮނޑި ޖަހައިފަ އެވެ. ޒުވާނުން ތިބީ ގައުމަށް ތައާރަފުކުރި މަސްތުވާތަކެތީގެ ހާލިތަކަށް ކެނޑިފަ އެވެ. އެމީހުންގެ ހުވަފެންތަކާއި ފިކުރުތަކުގައިވީ ހިލިހިލާ ޖަހައިފަ އެވެ. ދުލުގައި ވަނީ ގޮށްޖެހިފަ އެވެ. މިގޮތަށް ލިޔެލާނެ މިނިވަންކަމެއް ވެސް އޭރަކު ގައުމުގަ ނެތެވެ.

އެ އަޅުވެތިކަމުގައި، އެއްވެސް ބާރެއް ނެތިފައި ތިބި ޒުވާނުންގެ ހިތުގެ ޝުއޫރުތައް ގައުމީ ފެންވަރުގައި އިއްވަން ފެށީމަ ޓްރެފިކް ޖޭމް ވަގުތުން ބަދަލުވީ ޒުވާނުންގެ ގައުމީ ބޭންޑަށެވެ. ބޭންޑްގެ ކޮންމެ ލަވައެއްވީ ކޮންމެވެސް ޒުވާނެއްގެ އިހުސާސާއި އަޑާއި ޖޯޝު އިއްވައިދިން ލަވަ އަކަށެވެ. ޒުވާނުންގެ ހާލަތު މުޅި ގައުމަށް ބުނެދިން ލަވަ އަކަށެވެ.

ބޭންޑްގެ ލަވަތަކުން ޒުވާނުންގެ ލޮލާއި ސިކުނޑި ހުޅުވައިދިނެވެ. ބޭއިންސާފާ ދެކޮޅަށް އަޑުގަދަ ބަހުސްތައް ހުޅުވައިދިނެވެ.

ޓްރެފިކް ޖޭމުން ކިޔައިދޭން ފެށީ ގައުމެއް މުށުތެރެއަށް ލައިގެން ތިބި އަނިޔާވެރި ވެރިންތަކެއް އެގައުމުގެ ޒުވާން ޖީލު ހަލާކުކޮށް ބިކަކޮށްލައިގެން ތިބި ގޮތެވެ. އަދި މި ވާހަކަތައް ކަޔާނޯގެ ގަލަމުން އޭނާ ލިޔަމުން ދިޔައީ މާނަފުން ޅެން ބަހުރުވަޔަކުން ވެސް ނޫނެވެ. އެންމެ އާދައިގެ މީހާ އަށް ވެސް އެންމެ ފަސޭހައިން ފަހުމުވާނޭ އާދައިގެ އިބާރާތުންނެވެ.

ބޭންޑުގެ ކޮންމެ ލަވައެއްވީ ރޭޒަރު ތިލައިގެ ތޫނުކަމުގައި ހަގީގަތް ކަނޑައި ނަގައި ދިން އުފެއްދުމަކަށެވެ. އަނިޔާ އާއި ބޭއިންސާފުގެ ވާހަކަ ކިޔައިދިން ރާގުތަކަށެވެ. ފަސާދައިގެ ފަސްގަނޑުގައި ވަޅުލި ޒުވާނުންނަށް ދިން ހަގީގީ ފަރުވާއަކަށެވެ.