އަލީ ރަމީޒުގެ 'ފުރާނަ' ނުކުންނަން އުޅޭ ހަބަރަށް މުޅި ރާއްޖޭގެ ސަމާލުކަން އޭރު އޮތީ ހުއްޓިފަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އަދި އެންމެ ހިތްގައިމު އަޑުގެ ވެރިޔާގެ މިއުޒިކީ ހަޔާތަށް ވާން އުޅޭ ގޮތަކާ މެދު އެންމެން ވެސް ތިބީ ނޭވާހިފަހައްޓާލައިގެންނެވެ. މާލޭގައި ލަވަ ރޯލުގެ ވިޔަފާރިކުރާ ޕްރޮޑިއުސަރުން ބަރިބަރިއަށް އަލީ ރަމީޒުގެ 'ފުރާނަ' ރިކޯޑްކޮށް ފިހާރަތަކުގައި އެންމެން ވެސް އެ ދުވަހު އުޅުނީ 'ފުރާނަ'އިގެ ކެސެޓު ޓޭޕުތައް ތަރުތީބުކުކުރުމުގައި އަވަދިނެތި އެވެ. -- އެއީ 98 ވަނަ އަހަރެވެ. އެއީ ދިވެހި ލަވަ ރޯލުގެ ރަން ޒަމާނުން ދުވަހެކެވެ.
އިރުއޮއްސުމާ އެކު ލަވަރޯލު ފިހާރަތަކުގެ ބޭރުގައި 'އަލީ ރަމީޒުގެ ފުރާނަ' ބަލާ ދިޔަ ފޭނުން ކިޔޫ ދަމާލައިފި އެވެ. އަދި އަލްބަމް ވިއްކަން ފެށިތާ ގަޑި ދެ ގަޑިއިރު ތެރޭގައި އެ ދުވަހުގެ ކޮޕީތައް ވިކި ހުސްވެއްޖެ އެވެ. އެއީ އަލީ ރަމީޒާއި އޭނާގެ ޕްރޮޑިއުސަރުން އަދި ދިވެހި ލަވަ ރޯލުގެ ހަޔާތުގައި ވަރަށް ހާއްސަ ދުވަހެކެވެ. އެކަމަކު މި ވާހަކައިގެ ތަރިއަކީ އަލީ ރަމީޒެއް ނޫނެވެ. އަދި ދިވެހި ލަވައިގެ ތަރިއެއް ވެސް ނޫނެވެ. އެކަމަކު ޓެކްސީ ޑްރައިވަރު އަބްދުﷲ ޝިޔާމެވެ.
އެކަމަކު ކީއްވެގެން ހެއްޔެވެ؟ -- ޓެކްސީ ކުރުމުގެ 33 ވަނަ އަހަރު ފާހަގަކުރަމުން އަންނަ، އުމުރުން 57 އަހަރުގެ މި ޑްރައިވަރު ދިވެހި ލަވައިގެ ދުނިޔެ އަށް ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު ހަގީގަތަކީ ވެސް މި އެވެ. އޭނާ 'ނަށައި އުފާކުރި' ގޮތަށް ދިވެހި ލަވައިގެ ދުނިޔޭގައި ފައިހަމަކުރި ހަމަ އެކަކު ވެސް ނެތީ އެވެ. – ލަވައިގެ ރަން ޒަމާނުގައި އަބްދުﷲ ޝިޔާމު ޓެކްސީއެއްގައި އުދުހުނީ އެވެ.
'ފުރާނަ' އަލްބަމް ވިކި ހުސްވެ މުޅި މާލެތެރޭގައި އެ ރޭ ގުގުމަމުން ދިޔައީ އަލީ ރަމީޒުގެ ލަވަތަކެވެ. އުމުރުން 29 އަހަރުގެ ޝިޔާމު އޭނާގެ މިޓްސުބިޝީ ލޭންސާ ބޮކްސް ޓެކްސީގައި މާލެ ތެރޭގައި ބުރުޖަހަމުން ދަތުރު އަޅަމުން ތަންތަނަށް މަޑުކުރަމުން ދިޔައިރު ވެސް އެންމެ ގަދަ އަޑަކަށް އިވުނީ 'ފުރާނަ' އިގެ ހިތްގައިމު ލަވަތަކެވެ. އަދި އޭނާގެ ޓެކްސީގައި އެ ރޭ ލަވައެއް ނުޖެހިޔަސް އަބްދުﷲ ޝިޔާމު ހުރީ ހެވިދިލިފަ އެވެ. – އޭނާގެ ޓެކްސީގައި އަނެއްކާވެސް ދިވެހި ލަވަ ރޯލެއް 'ޓެސްޓުކޮށް' ބާޒާރަށް ނެރެވުމުގެ އުފަލުގަ އެވެ.

އަބްދުﷲ ޝިޔާމު ނުވަތަ ރައްޓެހިން އޭނާ ދަންނަ މަޝްހޫރު ވަނަމުން ނަމަ، ޝިޔާންޓޭގެ ޓެކްސީ އާއި އޭނާގެ ޓެކްސީ ދަތުރާއި ޓެކްސީކުރުމުގެ މި ހަޔާތް ހުރިހާ ގޮތަކުން ވެސް އާދަޔާހިލާފު ދަތުރަކަށްވީމަ އެވެ.
"ގިނަ މީހުންނަށް އަދި އަޅުގަނޑު އެނގޭނީ އޮބިޝިޔާމޭ ބުނީމަ. އެހެން ބުނީމާ އަޅުގަނޑު މިއީ ކާކުކަން ނުދަންނަ ޓެކްސީ ޑްރައިވަރެއް ހިއެއް ނުވޭ މި އުމުރުފުރައިގައި އަދި މި މަސައްކަތުގައި އުޅޭހެނެއް،" އުފަން ރަށް، ނ. މިލަދޫގެ މަޝްހޫރު ވަނަމުން ފަހުރުވެރިކަމާ އެކުގައި އަމިއްލަ ވަނަން ފަވާލައި ޝިޔާމު ބުނެލި އެވެ.
އޭނާ ވާހަކަ ދައްކަނީ އަދި އަޅުގަނޑު ލިޔަމުން މި ގެންދާ ވަރަށް ވުރެން ވެސް މާ ރީތިކޮށެވެ. އަދަބުސަދަބާއި މާތް ބަހުރުވައިންނެވެ. އެކަމަކު އެއީ އަނެއްކާވެސް މުޅިން އެހެން ވާހަކައެކެވެ. ޝިޔާންޓޭގެ ވާހަކަ ކިޔައިދޭން ޓެކްސީއެއް ނަގާ ނަމަ މި ދަތުރުގައި ގޮސް އެންމެ ރަނގަޅުވާނީ ޓެކްސީއެއް ނެތް ހަޔާތުގެ ދުވަސްތަކަށް ބުރަކި ޖެއްސިއްޔާ އެވެ.
އާއިލާގައި ތިބި ފަސް ބެއިންގެ ތެރޭގައި އެންމެ ދޮށްޓަށް ހުރި ޝިޔާމާ ހަޔާތުގެ ހަލަބޮލިކަން އައިސް ބައްދަލުކުރީ ނޭނގި ހުއްޓަ އެވެ. ފުރާވަރުގެ އެންމެ ހަލަބޮލި ދުވަސްތަކުގެ ތެރެއިންނެވެ. އުމުރުން 14 އަހަރުގައި ބައްޕަ ނިޔާވުމުން، ކިޔެވުމުގެ ހުރިހާ ހުވަފެނެއް ފޮޅާލާފައި ހޭލި ގޮތަށް އޭނާ އަށް މަޖުބޫރުވީ އާއިލާގެ އެންމެންނަށް ބަނޑުފުރާމުއްތިކުރެވޭނެ އާމްދަނީއެއް ލިބޭ ކޮންމެވެސް ކަމެއް ކުރުމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ އެމްޓީސީސީ އަށް. އެތަނުގައި ސޯމިލް ބައިގައި އަޅުގަނޑު ވަޒީފާއަދާކުރަން ފެށިއިރު ވާނީ 15 އަހަރު. އެހެން މުވައްޒަފުން އޭރު އަޅުގަނޑު އޮފީސް ތެރެއިން ފެނުނީމަ ވެސް ބުނެލާނެ ކާކުގެ ދަރިއެއް ހެއްޔޭ މި އުޅެނީ އޮފީހަށް ގެނެސްގެން ވެސް، ދިމާކޮށްލަން ވެގެން،" ޝިޔާމު ހީގަތެވެ.
އެކަމަކު އޭނާގެ ދިރިއުޅުމުގައި އޭރު މި އުފާވެރިކަމެއް ނެތެވެ. ސްޕީޑެއް ވެސް ނެތެވެ. އަމުދަކުން ބޮލާއި ހިތަށް ފިނިކަމެއް ގެނެސްދިން އަލީ ރަމީޒުގެ ލަވަތަކެއް ވެސް ނެތެވެ. އެކަމަކު އޮތީ ގަނަތެޅުމެވެ.
އެމްޓީސީސީ ސޯމިލްގެ ތަޖުރިބާ އަށް ފަހު ޝިޔާމު ދެން ގޮސް އެރީ ބޭރު ބޯޓަކަށެވެ. ބޯޓު ދަތުރުކުރަން އޭނާ ފުރައިގެން ދިޔައީ ރާއްޖެއިން ބޭރަށެވެ.
"އެންމެ ފުރަތަމަ އުޅުނީ ވައިޕަރަކަށް. ދެން އުޅުނީ އޮއިލަރަކަށް. އެގޮތަށް ދެ ބުރެއްގައި ދަތުރުކުރަން ގޮސް އުޅެފައި އެނބުރި އައިސް ޒަވާޖީހަޔާތެއް ފަށައިގެން އެންމެފަހުން މަޑުކޮށްލީ މާލޭގައި،" ބޭރު ބޯޓެއްގެ އިންޖީނު ރޫމުގައި ފިނިހޫނުމިން ބަލަމުން ގޮސް އެންމެފަހުން ޓެކްސީ ހަޔާތުގެ އިންޖީނު ރޯކޮށްލި ގޮތް ޝިޔާމު ކިޔައިދިނެވެ.
"ދެން އޭރު އަޅުގަނޑު އުޅުނު ގޭގައި އުޅޭނެ ޓެކްސީ ދުއްވާ މީހެއް. އޭނަ ބުނެފި އުޅޭށޭ ކާރު ދުއްވަން ދަސްކުރަން. އެހިސާބުން އެންމެފަހުން ލައިސަންސް ނަގައިގެން ޓެކްސީއަށް އެރި ގޮތަށް ފައިބާ ހިތެއް ވެސް ނުވި."
ޓެކްސީގެ ހަޔާތުގައި އަބްދުﷲ ޝިޔާމު ހަރުލީ އެވެ. ހަރުވީ އެވެ. އެކަމަކު ޓެކްސީއެއް އޭނާގެ އަތުގައި ހަރުލާ ގޮތެއްނުވި އެވެ. ދިވެހި ލަވައިގެ ރަން ޒަމާނާއި ޝިޔާމުގެ ޓެކްސީ ދަތުރު އައިސް ބައްދަލުވާ ހިސާބަކީ ވެސް މި އެވެ. އެއީ އެކްސިޑެންޓެއް ނޫނެވެ. ޝިޔާމާއި އޭނާގެ ޓެކްސީ އަށް ދަމައިގެން ދިޔައީ ދިވެހި ލަވައިގެ ދުނިޔެ އެވެ.

ޝިޔާމު އޭނާގެ އާދައިގެ ދުވަހެއްގައި ޓެކްސީކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
"އޭރު އެންމެ ފުރަތަމަ ލަވަޖަހާނީ ކާރުގައި ހުންނަ ރޭޑިއޯ އިން. އަދި އަމިއްލަ ކާރެއް ގެންގުޅޭ ނަމަ އަޅުގަނޑު އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ އޭގައި ރަނގަޅު ސައުންޑް ސިސްޓަމެއް ހަރުކުރުން،" ރާއްޖޭގައި ލަވަރޯލުގެ ވިޔަފާރިކުރި އެންމެ ކާމިޔާބު ޕްރޮޑިއުސަރުންގެ ޝައުގުވެރިކަން ޝިޔާމުގެ ޓެކްސީ އަށް ލިބުނު ގޮތާ ދިމާލަށް އޭނާ ގޯޅިއަކަށް އަޅައިގެން ނައްޓާލި އެވެ.
"އަލަށް ކާރެއް ގަންނައިރަށް އެންމެ ފުރަތަމަ ވެސް އަޅުގަނޑު ދާނީ ރީފްސައިޑަށް. އެތަނަށް ގޮސް އެތަނުގައި ވިއްކަން ހުންނަ އެންމެ ރަނގަޅު ސައުންޑް ސިސްޓަމެއް ބަލައި، ލަވަޖަހާ ސެޓެއް ހޯދައިގެން ކާރުގެ ސައުންޑް އެންމެ ފުރަތަމަ ވެސް ރީތިކުރާނީ."
މިހެން ބުނެފައި ދެން އަޅާލި ގޯޅިން ބައްދަލުކުރީ އަދި މިއަށް ވުރެ މާ ސަޅި ވާހަކައެކެވެ. ނުވަތަ ޝިޔާމުގެ ޓެކްސީ ހަޔާތުގެ ކާމީޔާބީގެ ސިއްރެވެ.
"ސައުންޑް އެ ފެންވަރަށް ރީތިކޮށްލީމަ ނުޖެހޭނެ މަގުމަތިން މި ނަގާ އާދައިގެ ޓެކްސީ ދަތުރުތަކަށް ފާރަލައިގެން އެ ދަތުރުތައް ނަގަން އުޅޭކަށް ވެސް. ޓެކްސީގައި އެ ފެންވަރުގެ ސައުންޑެއް ގާއިމުކުރީމަ އަޅުގަނޑަށް ގުޅާނީ ސީދާ އެ ސައުންޑު ސިސްޓަމުގެ އަޖުމަ އާއި ޖާދޫ ވެސް ބަލައިލަން ބޭނުންވާ މީހުން."
އެހެން ގޮތަކަށް ބުނަނީ ނަމަ ދިވެހި ލަވައިގެ ވިޔަފާރި އޭރު އެންމެ ގަދަ އަށް ކޮށް އުޅުނު ޕްރޮޑިއުސަރުންނެވެ. އެމީހުންނަށް ފަހު ދެން އާންމުކޮށް ޝިޔާމުގެ ޓެކްސީ އަށް އަރާނީ އެ ޕޮރޮޑިއުސަރުން އަލަށް ނެރުނު ލަވަތަކަށް މަރުދޭ ކަސްޓަމަރުންނެވެ.
"އެކަމަކު ވަރަށް ލޯޔަލް ކަސްޓަމަރުންގެ ވާހަކަ އަޅުގަނޑު މި ދަންވަނީ،" ޝިޔާމު ބުނެލި އެވެ.
ރޭޑިއޯ އިން ލަވަ އަޅުވައިގެން ދަތުރުކުރި ޒަމާނާއި ކެސެޓު ރޯލުން ލަވަޖަހައިގެން ދަތުރުކުރި ޒަމާނާއި ސީޑީ ޕްލެޔަރު އަޅުވައިގެން ޓެކްސީގެ އެ ދަތުރު އާ އުސްމިނަކަށް ގެންދިޔަ ޒަމާނަކީ ވެސް ޝިޔާމުގެ މި ހަޔާތުގައި ވަރަށް މުހިންމު ދުވަސްތަކެކެވެ. އަދި މިހާރު އެ އުސްމިން ޑީވީޑީ އާއި އެޗްޑީ ސްކްރީނުގައި ވީޑިއޯ ލަވަ އަޅުވާ ފެންވަރަށް އަޕްގްރޭޑްވެފައިވާއިރު ޝިޔާމުގެ މި ޝައުގުވެރިކަމުގައި ފޫހިކަމުގެ ހަމަ އެއްވެސް ރާގެއް އަދިވެސް ނުކުޅެ އެވެ.
"ސަބަބަކީ ލަވަ އަކީ އަޅުގަނޑުގެ މި ދަތުރުގައި އެންމެ ގިނަ މީހުންނާ ގެންގޮސް ގުޅުވައިދިން ވަސީލަތް. އަޅުގަނޑުގެ ކާރުގައި ދަތުރުކުރާ ވަރަށް ގިނަ މީހުންނަކީ ލޯޔަލް ރައްޓެހިންނާއި ރެގިއުލާ އަދި ރިޕީޓްކޮށް ދަތުރަށް ގުޅާ މީހުން. މި އެންމެންނަކީ ވެސް އަޅުގަނޑާ ދިވެހި ލަވައިގެ ތެރެއިން ބައްދަލުވެ ރައްޓެހިވެ ހާއްސަ ގުޅުމެއް އުފެދިފައިވާ މީހުން،" ތިރީސް އަހަރުގެ މި ދިގު ކެރިއަރުގައި 17 ކާރު ޓެކްސީގެ ގޮތުގައި ގެންގުޅެ ދޫކޮށްލާފައިވިޔަސް ދުވަހަކު ވެސް އޭނާއާ ވަކިވެނުދާ މީހުންގެ ވާހަކަ ކިޔައިދެމުން ޝިޔާމު ބުންޏެވެ.
"ޓެކްސީގައި ޖެހި ލަވައާ ހެދި ވަރަށް ލޯޔަލް ރައްޓެހިންނާއި ކަސްޓަމަރުން ލިބި އެންމެނާ އެކުވެރި ބަދަހި ގުޅުމެއް އުފެދިގެންދިޔަ. އެކި ފެންވަރުގެ އެކި ގިންތީގެ މީހުން އަޅުގަނޑަށް ލިބިގެންދިޔައީ މިއުޒިކާއި ލަވައިގެ ތެރެއިންނޭ ބުނެވިދާނެ."

ޝިޔާން އޭނާގެ ޓެކްސީ ކައިރީގައި ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ އަކީ ފެންވަރު ރަނގަޅު ޓެކްސީ އާއި ފެންވަރު ރަނގަޅު ހިދުމަތެއް ދޭ ކަމަށް މަޝްހޫރު ޑްރައިވަރެއް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ލަވަޔާއި މިއުޒިކުން ހިތްތަކަށް އަދި އެންމެފަހުން ލޯޔަލް ކަސްޓަމަރުންނާ ހަމަ އަށް ޝިޔާން ވާސިލުކޮށްދިނީ އަބަދުވެސް އޭނާ، އޭނާގެ ޓެކްސީތައް ގެންގުޅުނު ފެންވަރެވެ. ސާފުތާހިރުކަމާއި އޭގެ އައުކަމެވެ. އޮފުކަމާއި ބެބުޅުމާއި މިއުޒިކެވެ. އަދި އޭނާގެ އަތުގައި ޓެކްސީއެއް ދުވަހަކު ހަރުނުލާ ސަބަބަކީ މި އެވެ.
"އާންމުކޮށް އަހަރެއް ދެ އަހަރެއްވާއިރު ރައްޓެއްސަކު ގުޅާލާފައި ބުނާނެ ތި ޓެކްސީ ދެން ވިއްކާލާށޭ. މީހުން ގުޅަން ފަށާނެ ކާރު ހަމަ ނަލަކޮށްލާއިރަށް،" ޝިޔާމު އަނެއްކާވެސް ހީގަތެވެ.
"އަޅުގަނޑު އަތުން ކާރެއް ގަންނަ މީހަކު ނުބުނާނެ ހިނގާށޭ ޓެސްޓު ބުރެއް ޖަހާލަން ދާކަށް، އެހާ ވެސް ކޮންޑިޝަން ރަނގަޅުވާނެ އަޅުގަނޑު ވިއްކާ ކާރުތައް. އެ ޔަގީންކަން އޮންނާނެ."
ޝިޔާމުގެ ޓެކްސީ ހިދުމަތުގައި ވެސް އޭނާ ދެނީ އެ ޔަގީންކަމެވެ. ވާހަކަ ދެއްކުމުގެ އަދަބާއި އުޅުމުގެ އަހުލާގުގައި ވެސް އޭނާ ދޭނީ އެ ޔަގީންކަމެވެ. އަދި ލަވަ ރޯލަކުން ވިޔަފާރިކުރަން އުޅުނު ޕްރޮޑިއުސަރުންނަށް އޭނާ ދިނީ އެންމެ ކޮލިޓީ ސައުންޑްގެ ޔަގީންކަމެވެ.
އަލީ ރަމީޒުގެ 'ފުރާނަ' ވެސް އެހެންވެ އެންމެ ފުރަތަމަ ނުކުތީ "ޝިޔާންޓޭގެ ޓެކްސީ" ތެރެއަށެވެ. އަދި ކުރީގެ މަޝްހޫރު ޕްރޮޑިއުސަރު އަހުމަދު ޝަކީބު ނެރުނު އެންމެ މަޝްހޫރު 'މެންދަން' އާއި 'ޝިކާރަ' އާއި 'ޝަބާބު' ވެސް މިކްސްކޮށްގެން ޓެސްޓްކޮށްލާ ކާރު ބުރު އަބަދުވެސް ޖެހީ "ޝިޔާންޓޭގެ ޓެކްސީ"ގަ އެވެ.
ބުނީމެއް ނޫން ހެއްޔެވެ! 'ޝިޔާންޓޭ މިއީ އާދައިގެ ޓެކްސީ ޑްރައިވަރެއް ނޫނެވެ. ނެކްސްޓް ލެވެލްގެ ރައިޑަރެކެވެ.
ދުނިޔެ އަށް މަޝްހޫރު ފުޓްބޯޅަ ރެފްރީ، އިޓަލީގެ ޕިއަރްލުއިޖީ ކޮލީނާ ގޮވައިގެން ދެ ދުވަސް ވަންދެން ޖެހި ބުރުތަކަކީ އޭނާގެ މި ދިގު ދަތުރު ކުރުކޮށްލަން ކިޔާލަދިން އެންމެ އުފާވެރި ހަބަރެވެ. އެކަމަކު ހަވީރު ނޫހުން އިންތިޒާމުކުރި ޗެރިޓީ ފުޓްބޯޅަ މެޗަށް ގެނައި މި ސެލެބްރިޓީ އަކީ އަދި ޝިޔާމުގެ ޓެކްސީގައި ދަތުރުކުރި 'ސްޕެޝަލް ގެސްޓުން'ގެ ތެރެއިން ހަމަ އެންމެ ނަމެކެވެ. ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާ މެހުމާނުންނަށް ހާއްސަކޮށްގެން ރަސްމީ ފަރާތްތަކުން ޝިޔާމުގެ ޓެކްސީ މުޅި ދުވަހަށް ނުވަތަ ދެ ތިން ދުވަހަށް ނެގުމަކީ ވެސް އާންމު ކަމެކެވެ.
"އެކަމަކު އަޅުގަނޑު ހަމަ އެންމެ އުފާވި ދުވަހަކީ އަޅުގަނޑުގެ ޓެކްސީއެއްގައި ދުނިޔޭގެ އެންމެ މަޝްހޫރު ރެފްރީ ގޮވައިގެން ދަތުރުކުރި ދުވަސް،" އެއްތިރީސް ބައްތިރީސް ސެންޓަރާ އެކު ފެށި ދަތުރުގައި އަދިވެސް ދެގޮތެއް ނުވެ ހުރި ޓެކްސީ ޑްރައިވަރު ބުނެލި އެވެ.

ޝިޔާމު އޭނާގެ ޓެކްސީގައި: މިއީ ޓެކްސީގެ ހަޔާތުގައި 30 ވަނަ އަހަރު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
މި އިންޓަވިއު ނިންމާލާފައި އޭނާ ގޮސް އެރީ އަނެއްކާވެސް ޓެކްސީއަށެވެ. މިހާރު ދުއްވަނީ ކަޅުނޫކުލައިގެ މަޒްޑާ ޑެމިއޯއެކެވެ. މިހާރު އޭނާ ރޭޑިއޯއަކުން ލަވައެއް ނުޖަހަ އެވެ. ކެސެޓު ޓޭޕެއް ނެތެވެ. އަދި ސީޑީއެއް ވެސް ނާޅުވަ އެވެ. އެކަމަކު އޭނާގެ މި ޓެކްސީ ދަތުރުން ހިތާއި ހިތް ގުޅުވައިދިން ލަވަތައް އޭނާ އަށް އަދިވެސް ވަރަށް ހާއްސަ އެވެ. އެ ހުރިހާ ލަވައެއް އެއްކޮށް ޕެން ޑްރައިވަކަށް އަޅައިގެން އުޅޭއިރު ޝިޔާމު ބުނަނީ އޭނާގެ މި ދަތުރުގައި މިހާރު މަޑުކޮށްލައިގެން އޮތް ހިސާބުގައި ކުޅެނީ އަދި ވަކިން ހިތްގައިމު ރާގަކާއި ލަވައެއް ކަމަށެވެ.
"މިހާރު މިއީ ކަރޯކޭ ޖައްސާ ޒަމާނެއް ނުން؟ ލަވަ ޖަހައިގެން ލަވަ އަޑުއަހަން އިންނަ ހިތެއް ނުވޭ. އަޅުގަނޑު ވެސް ބޭނުންވަނީ ލަވަކިޔަން. ކަރޯކޭ ޖައްސަން."
ޝިޔާމުގެ ވާހަކަ މި ހިސާބަށް ނިމުނަސް އޭނާގެ ދަތުރުގައި ކުރިއަށް އޮތީ އަދިވެސް މަންޒިލަކަށް ފަހު މަންޒިލެކެވެ.



