ދިވެހިރާއްޖޭގެ ލައިވް މިއުޒިކް އިންޑަސްޓްރީގެ އެންމެ އުހުގައި، ފަނޑުވުމެއް ނެތް ވިދުމަކާއެކު ދެމިއޮތް އެންމެ ވަރުގަދަ އެއް ނަމަކީ "ޑިޓިއުން ބޭންޑް" އެވެ. ރިސޯޓް މިއުޒިކްގެ ފޯރިގަދަ ސްޓޭޖުތަކުން ފެށިގެން ގައުމީ އަދި ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކާ ހަމަޔަށް، އެ ބޭންޑުން ވަނީ ދިވެހި މިއުޒިކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އަމިއްލަ ވަންތަ ގްރޫވްތަކާއި، ފޯރިން ފުރިގެންވީ ހުށަހެޅުންތަކާއެކު ޑިޓިއުން ވެގެންގޮސްފައިވަނީ ހަމައެކަނި މިއުޒިކް ކުޅޭ ބޭންޑަކަށް ނޫނެވެ؛ އެއީ ދިވެހި ޒުވާނުންގެ ހިތްތަކާ ކުޅެލި، ޖީލުތަކަކަށް ދެމިގެންދާނެ ކަލްޗަރަލް ބާރެއް ވެސްމެ އެވެ.
މި އަހަރު ޑިޓިއުން ބޭންޑުން އެ ފާހަގަކުރަނީ އެމީހުންގެ ފަޚުރުވެރި 20 ވަނަ އަހަރެވެ.
ބޭންޑުތައް އުފެދި، މާ ގިނަ ދުވަސްތަކެއް ނުވެ ރޫޅިގެންދާ މިއުޒިކީ މާހައުލެއްގައި، ދެދަހަރަ ފާއިތުވެގެންދިޔައިރުވެސް މި ފަސް މެންބަރުން އެކީގައި ސާބިތުވެ ތިބުމަކީ މުޅި އިންޑަސްޓްރީއަށް ދައްކައިދިން ނަމޫނާއެކެވެ. މެންބަރުންގެ މެދުގައި އޮތް ފުން އިހުތިރާމާއި، ރީތި އުސޫލުގެ ސަބަބުން، މިއަދު އެ ބޭންޑު ނަގައިދެނީ ހަމައެކަނި މިއުޒިކީ ފިލާވަޅުތަކެއް އެކަންޏެއް ނޫނެވެ.
މި ހާއްސަ މައިލްސްޓޯނާ ދިމާކޮށް، ބޭންޑުގެ ޕްރެކްޓިސް ރޫމްގެ ފަރުދާގެ ފަހަތަށް ޖެހިލައި، "މެރިހާނާ" އިން މި ބާއްވާލީ ކުޑަކުޑަ ސައްލާއެކެވެ. ބޭންޑުގެ އެންމެ މަގުބޫލު ހިޓް ލަވަ "ނަޝާލާ" އުފެދިގެން އައިގޮތުގެ ފަހަތުގައިވާ ސިއްރުތަކާއި، ޝޫޓިންގް ދުވަހުގެ ހަނދާންތަކުގެ އިތުރުން، އެމީހުންގެ ނަޒަރުގައި ހަގީގީ "ކާމިޔާބީ" އަކީ ކޮބައިކަން ހާމަކޮށްދިން މި އިންޓަވިއުއަކީ، ޑިޓިއުންގެ ފޭނުންނަށާއި މިއުޒިކަށް ލޯބިކުރާ ކޮންމެ މީހަކަށްމެ އިންތިހާއަށް ޝައުގުވެރިވާނެ ސާފު، ތެދުވެރި ވާހަކަތަކެކެވެ.

ސުވާލު: ފުރަތަމަވެސް އަހާލަން ބޭނުންވަނީ ބޭންޑުގެ އެންމެ މަގުބޫލު އެއް ލަވަ ކަމަށްވާ "ނަޝާލާ" އާ ގުޅޭގޮތުން. ކީއްވެގެންތޯ މި ލަވަ މީހުންގެ ތެރޭގައި އެހާ ބޮޑަށް ވައިގާ ހިފައިގެން ދިޔައީ؟ ކީއްވެގެންތޯ ބޭންޑު ޑިފައިންކޮށްދޭ ލަވައަކަށް މި ލަވަވީ؟
ފެޒޫ: ބޭންޑަށް 20 އަހަރު ވީއިރުވެސް، ކޮންމެ ޕްލެޓްފޯމަކަށް ދިޔަސް މީހުންގެ އެންމެ ބޮޑު އެކްސްޕެކްޓޭޝަނަކީ އަދި އެންމެ ގިނައިން ރިކުއެސްޓް ކުރާ ލަވައަކީ މިއީ. ބޭންޑުގެ މީހުން ވަރުބަލިވެފައި ތިއްބަސް، ފޭނުން "ޑިޓިއުން ބޭންޑް" އޭ ބުނުމާއެކު އެންމެ ފުރަތަމަވެސް ގޮވާލާނީ މި ލަވަ ކުޅެދޭން.
ފޫޖީ: އަސްލު މި ލަވަ ހެދިއިރު މީގެ ލިރިކްސް (ޅެން) ބައި އައީ އެންމެ ފަހުން. ފުރަތަމަ އެންމެން ވެގެން ހެދީ މިއުޒިކާއި ގްރޫވްގެ ސްޓްރަކްޗާ. އޭރު ޅެމެއް ނެތީމާ ކިޔަނީ ހުސް ލަލަލާލާފައި. ދެން ފާތި ބުނެފި ކަލޭމެން މިއަށް ލަވަލިޔާކަށް ނުވޭހޭ؟ އެހިސާބުން ފެޒޫއާއި އަހަރެން ވެގެން ލިރިކްސް ލިޔުނީ. އަސްލު ރިކޯޑިންއަށް ދާންވެގެން ކަންނޭނގެ އޭގެ ޅެން ނިންމަން ހިފީވެސް.
ޕާސަނަލީ އަހަރެން އަބަދުވެސް ބޭނުންވެފައި އިން ކަމެއް މިއުޒިކާ ބެހޭ ލަވައެއް ލިޔުން. މި ލަވައިގެ މައިގަނޑު މައުޟޫއަކީ މިއުޒިކް. އަހަރެމެން މިއުޒިކް ކުޅުނީމާ ކުރެވޭ އިހުސާސްތަކާއި، މިއުޒިކް ދެކެ ވާ ލޯތްބާއި، ބެރުގެ އަޑާއި ބޭސް ގިޓާގެ އަޑު އިވުނީމާ ވާގޮތް. އެހެންވެ ލަވައިގައި ހުންނާނީ ބެރުޖަހާ ވާހަކަޔާ، ފަތިގަނޑާ، ބޭސް ގިޓާގެ ވާހަކަތައް. މިއުޒިކް އިވުނީމާ އަތްތަޅުވާލާފައި، އެންމެން ފޫކޮޅު ތަޅުވާލާފައި ނަށާލަން ކިޔާލީމާ އެންމެންނަށް އޭތި ރިލޭޓް ކުރެވުނީ. އެއީ ވަރަށް އުފާވެރި ވައިބް އެއް އިންނަ ލަވައެއް.
ފެޒޫ: މި ލަވަ 2008 އިން ފެށިގެން އެގްޒިސްޓްވި ނަމަވެސް ރިކޯޑް ކުރެވުނީ 2012 ގައި. އަދި 2014 ވަނަ އަހަރު ނެރުނު އަލްބަމްގެ އީޕީ ގައި މީތި އިންނާނެ. އެކަމަކު ޖެނެރަލް ޕަބްލިކަށް މި ލަވަ މެއިންސްޓްރީމްވެގެން އެންމެ ބޮޑަށް ފެނިގެންދިޔައީ 2015 ވަނަ އަހަރު މީގެ ވީޑިއޯ ރިލީޒް ކުރި ހިސާބުން.
އައްމަޑޭ: މަށަށް ހީވަނީ މިއީ ބޭންޑުން އަމިއްލައަށް ހިޓު ކުރި ލަވައަކަށްވުރެ ބޮޑަށް، އޯޑިއަންސް އިން އަމިއްލައަށް ހޮވި އެމީހުންގެ ޗޮއިސްއެއްހެން.

ސުވާލު: ނަޝާލާ ލަވައިގެ ވީޑިއޯ ހެދުމުގެ ތެރޭގައި ދިމާވި ކަންތައްތަކަކީ ކޮބައިތޯ؟ އެ ވީޑިއޯ އެހާ ބޮޑު ހިޓަކަށް ވެގެންދިޔައީ ކިހިނެއް؟
ފެޒޫ: "ނަޝާލާ" އަކީ ޑިޓިއުން ބޭންޑުން އެންމެ ފުރަތަމަ ހެދި ވީޑިއޯ ސޯންގް. 2014 އާ ހަމައަށް ބޭންޑު އެނގޭނީ ރިސޯޓުތަކަށާއި ދަންނަ ބަޔަކަށް އެކަނި. އެހެންވެ ޕްލޭނެއްގެ ދަށުން ޕްރެސް ރިލީޒްއަކާއެކު އީޕީ ނެރެފައި، 2015 ގައި ވީޑިއޯ ނެރުނީ.
އަސްލު ވީޑިއޯ ޕްރޮޑަކްޝަންގެ ކަންތައް ދިޔަގޮތުން ބޭންޑުގެ އެއްބަޔަކު މީތި ނެރެންވެސް ބޭނުމެއް ނުވި. މަހަނދާން އެބަހުރި ކޮފީ ޓޭބަލްގައި ތިބެފައި ފާތި ބުނި މީތި ވަރަށް ހަޑިއޭ، ރިލީޒް ކުރާނެ ކަމެއް ނެތޭ. އެއީ އަހަރެމެން ޕްލޭން ކުރި އެއްޗެހީގެ ބައިކުޅަބައިވެސް ވީޑިއޯއަށް ނުނެގޭތީ.
ފާތި: އާނ، އެއީ އޭރު ނެގުނު އެތި ދޯ. އަސްލު އެ ވީޑިއޯ ޝޫޓް ކުރެވުނީ ވަރަށް ވަރަށް ޑަލް ދުވަހެއްގައި.
ފެޒޫ: އަހަރެމެންގެ ވަރަށް ބޮޑު ޕްލޭނެއް އޮތް ކުޑަދޮރުން އެއްޗެހި އުކާށާއި އެކަހަލަ ވަރަށް ގިނަ ކަންތައްތައް ކުރަން. އެކަމަކު ޕްރޮޑަކްޝަންގައި ނެގުނީ ގާތްގަނޑަކަށް 60 ޕަސެންޓް. އެޑިޓިންވެސް ބައެއް ތަންތަންކޮޅު ފުއްސެފައި ހުރުމާއެކު ހަޑިއޭ ހީވީ. އެކަމަކު ފަހުން އަހަރެމެން ޑިސިޝަންއެއް ނެގީ މިއީ ބޭންޑުގެ ފުރަތަމަ ވީޑިއޯ ލަވަޔަށް ވާތީ ރިލީޒް ކުރަން.
ސޯޝަލް މީޑިއާއަށް ލީތަނާ މީތި އެހާ ގަދަޔަށް ހިޓުވެދާނެ ކަމަކަށް ދުވަހަކުވެސް ހީނުކުރަން. ޓީވީތަކުގައްޔާއި ހުރިހާ ތަނެއްގައި މިއީ ވަރަށް ބޮޑު ހިޓަކަށް ވެގެންދިޔައީ.

ސުވާލު: ބޭންޑަށް 20 އަހަރު މިވަނީ. ބޭންޑު އެންމެ ފުރަތަމަ އުފެދިގެން އައި ގޮތާއި ފުރަތަމަ ރިހާސަލްތަކާއި އެ މެމޮރީޒްތައް ހަނދާން އެބަހުރިތޯ؟ އެންމެން އެއްކޮށް ގުޅުނީ ކިހިނެއް؟
ފޫޖީ: އަސްލު މި ބޭންޑަށް އަހަރެން މިއީ ތިން ވަނަ އަށް ޖޮއިން ކުރި މީހާ. އޭރު އުޅޭނީ ފެޒޫ އާއި ފާތި. ފެޒޫ އަހަރެންގެ ބައްޕައަށް ގުޅައިގެން އަހަރެން ބޭންޑަށް ގެންދިޔައީ. އެއީ ވަރަށް ދިގު ސްޓޯރީއެއް. ކުރުކޮށް ބުނަންޏާ އޭރު އަހަރެން މިއުޒިކް ކުޅުމަށްވުރެ ބޮޑަށް ސްޓަޑީޒް (ކިޔެވުމަށް) ފޯކަސް ކޮށްގެން ހުއްޓާ ބައްޕަ ބުނީމާ ދެން "ނޯ ޗޮއިސް" ވެގެން ދިޔައީ. އެކަމަކު ފަހުން އެއީ މަގޭ އަމިއްލަ ޗޮއިސްއަކަށްވެ ބޭންޑު ފޯމްވީ. ފާތި ކިޔައިދޭންވާނެ އައްމަޑޭ ހޯދިގޮތް.
ފެޒޫ: އަސްލު މި ބޭންޑު ފެށިގެން އަންނަނީ މުހައްމަދު ކިޔާ ކުއްޖަކާއެކު (އޭނަ މިހާރު ނިޔާވެއްޖެ). ފެޒޫއާއި މުހައްމަދާ އެކޯސްޓިކް ކުޅެން އުޅެފައި ދެން ފާތި ގެނައީ. އޭގެ ފަހުން މުހައްމަދު ދާން ޖެހުމުން، ފާތިއާއި އަހަރެން ވެގެން ބޭންޑަށް މީހުން އެއްކުރަން ފެށީ. ވަރަށް ބައިވަރު މީހުން އުޅުނު. އޭގެ ތެރެއިން ފުޖީ ބައްޕަ ގެނައީމާ ފުޖީ ޖޮއިން ކުރީ. ދެން ފާތި ހޯދީ އައްމަޑޭ. ފާތި ގުޅީ އައްމަޑޭއަށް.
ފާތި: އާނ، އަހަރެމެން އޭރު ޑްރަމަރެއް ނުލިބިގެން ވަރަށް މަސައްކަތް ކުރިން. ދެން އައްމަޑޭއާ ދިމާވީ. ޑިޓިއުންގެ ކުރިން އައްމަޑޭ ކުޅެނީ ބޭސް ގިޓާ، އޭނާ އުޅުނީ 'އަކަސަކަ' ބޭންޑުގައި.
ފެޒޫ: އައްޔަ ބޭންޑާ ޖޮއިން ކުރީ އެންމެ ފަހުން. އައްޔަ މިއީ ބޭންޑުގެ ޓެކްނީޝަން އަދި ޕްރޮޑިއުސަރެއް ވެސްމެ. ސައުންޑް ކަންތައްތަކުގައި އުޅެނީ (ފުޖީ މިހާރު ޕްރޮޑިއުސް ކުރިޔަސް). ބޭންޑަށް 20 އަހަރު ވީއިރު، 2005 ގައި ފުޖީ، ފާތި، އައްމަޑޭމެން އެއްކޮށް އުޅެފައި، އައްޔަގެ އެންމެ ފުރަތަމަ ޝޯ ކުޅުނީ 2006 ވަނަ އަހަރުގެ ފެބްރުއަރީ 18 ގައި. އެހެންވެ އަހަރެމެން ޑިސައިޑް ކުރީ އެއީ ޑިޓިއުން ބޭންޑުގެ އެނިވާސަރީ ތާރީޚު ކަމަށް.
އައްޔަ: އޭރުވެސް މިއުޒިކަލް އައިޑިއާ ހުރޭ، ގިޓާ ކުޅެ އުޅުނިން. އަސްލު އަހަރެންގެ ޕްރައިމަރީ އިންސްޓްރޫމަންޓަކީ ޑްރަމްސް. އެކަމަކު އޭރު ބޭންޑުގައި އައްމަޑޭ ޑްރަމް ޖަހަން ހުރީމާ، އައްމަޑޭ ކަޑާލާފައި މަށަކަށް ނާދެވޭނެތާ. ބޭންޑަށް ބޭނުންވީ ބޭސިސްޓެއްގެ ރިޕްލޭސްމަންޓެއް. އެހެންވެ ބޭސް ކުޅެވޭތޯ ޓްރައިއެއް ކޮށްލީ. އެގޮތަށް ޓްރައި ކޮށްލި ގޮތަށް މިހާރު މި އުޅެވެނީ.

ސުވާލު: އަހަރުމެންނަށް ފެންނަނީ ވަރަށް ގިނަ ބޭންޑުތައް އުފެދިފައި، ލައިންއަޕްތައް ގެއްލި ރޫޅިގެންދާތަން. 20 އަހަރު މިހާ ދިގު މުއްދަތެއް ފާއިތުވީއިރު އޭރާ މިހާރާ ބަލާއިރު ބޭންޑަށް އައި ބަދަލަކީ ކޮބައިތޯ؟ ކޮބައިތޯ ޑިޓިއުންގެ ސިއްރަކީ؟
އައްޔަ: ވީ އާ ނޮޓް ޖަސްޓް އަ ގްރޫޕް އޮފް މިއުޒީޝަންސް. މިއީ ވަރަށް ސްޓްރޯންގް ބޮންޑެއް އޮންނަ، އަސްލު ފެމިލީ (އާއިލީ) އެއްޗެއް. އެކަކު އަނެކަކުގެ 'ޝޫޒް' އަންޑަސްޓޭންޑް ވޭ (އެކަކު އަނެކާގެ ހާލަތު ވިސްނޭ). ވަރަށް ގިނަ ދުވަހުން އުފެދިފައި އިން ބޮންޑެއް އެއީ. އެ އާއިލީ ގުޅުމަކީ އަސްލު ބޭންޑް ހިފެހެއްޓޭ ސަބަބަކީ.
ފެޒޫ: ކޮންމެ އަހަރަކުވެސް މިއުޒިކް ކުޅޭގޮތް ބަދަލުވޭ. ބޭންޑުގެ އެންމެންވެސް ވަރަށް މަސައްކަތް ކުރޭ އެއްދުވަހު ކުޅޭ އެއްޗެއް އަނެއް ދުވަހަކު ރަނގަޅު ކުރަން. ވަރަށް ބައިވަރު އެއްޗެހި ދަސްކުރަމުން މިއަންނަނީ. އެހެންވީމާ ކޮންމެ ދުވަހަކުވެސް ބޭންޑް މިއަންނަނީ ގްރޯވަމުން (ކުރިއަރަމުން). އެންމެން އެކީގައި މިއަންނަނީ މުސްކުޅިވަމުން. މިހާރު 2006 އިން ފެށިގެން މިއީ 2026. މިހާރު 'އެކްސްޓެންޑެޑް ޑިޓިއުން ފެމިލީ' (ކުދިންނާއި އާއިލާ) ވެސް އަތުވެއްޖެ. މިއީ ވަރަށް ޗެލެންޖިން، އެކަމަކު ވަރަށް މަޖާ، ވަރަށް ބޮޑު ބޮންޑިންއެއް. އެންމެންވެސް ވަރަށް ބޮޑަށް ގްރޯވެއްޖެ.
އައްމަޑޭ: ބޭންޑު ނުރޫޅި އޮތުމުގެ ސިއްރަކީ އައްމަޑޭ ހުންނާތީ!
އައްޔަ: އެއީ އަސްލު އެންމެ ބޮޑު ސިއްރަކީ އިނގޭ.
ފޫޖީ: މަވެސް މިފަހަރު އައްމަޑޭއަށް ކްރެޑިޓް ދީފިން. އައްމަޑޭ ބޭންޑުގައި 'އިންސާފް' ކޮށްލަދެނީ.
އައްމަޑޭ: އަހަރެން އަބަދުވެސް މައްސަލަތައް ވަރަށް 50/50 ކޮށް ބަލާ އުޅެނީ. ކޮންމެ މީހެއްގެ ކްރެޑިޓް ވިޔަސް 50/50 ކޮށް ބަލާތީ މައްސަލަ ނުޖެހެނީ. ވަރަށް އީޒީކޮށް އެގޮތަށް ބަލައިގެން ހަމަޖައްސަނީ.
ފެޒޫ: އެބުނީ ހަމަ ތެދެއް. ޓު ބީ ވެރީ ޓްރޫތްފުލް، ހަމަ އާއިލާއެއްގައި ޒުވާބު ކުރާހެން ޒުވާބުކޮށް، ރޮއެ، ހަޅޭއްލަވާ ދުވަސްތައްވެސް ދާނެ. އެކަމަކު ބޭންޑަށް ފެށުނީއްސުރެ ދަސްވެފައި އިން ކަމަކީ، ހިތްހަމަނުޖެހުމެއް އުޅެންޏާ މި ޕްރެކްޓިސް ރޫމް ތެރޭގައި އެންމެން ވާހަކަދައްކާފައި، ރޫމުން ނުކުމެގެން ދިޔުމުން އެކަން ނިމުނީ. ޓީމެއް ގޮތަށް މައްސަލަ ހައްލުކުރަން ދަސްކުރަންޖެހޭނެ. ވަރަށް ޓްރާންސްޕޭރެންޓް އަދި ވަރަށް ލޯޔަލް ވާންޖެހޭނެ.
ފޫޖީ: އަސްލު ހީކުރާ ވަރަށްވުރެ ބޮޑެތި މައްސަލަ ޖެހޭ އިނގޭ. އެއްބަނޑުއެއްބަފާ މީހުންވެސް ކިތަންމެ ރުޅިއައިސްގެން މޫނުމަތީ ޖެހިޔަސް ސްޓިލް ހަމަ ލެޔަށްވާތީ ގުޅުން ކަނޑައެއް ނުލާނެ. އަހަރެމެން މިއުޒިކަލީ މިތިބީ އެކަހަލަ ހިސާބެއްގައި. ރިގާޑްލެސް، ކޮންމެ ވަރަކަށް ހިތްހަމަނުޖެހުނަސް ވީ ވިލް އޯވަކަމް (އަހަރެމެން އެކަން ފަހަނައަޅައި ދާނަން). އެއީ އަހަރެމެން ބޭނުންނުވަނީ މީތި އެންޑް ކުރަން (ނިންމާލަން). ވީ ޖަސްޓް ވޯންޓް ޓު ސްޓޭ ޓުގެދާ.
ފެޒޫ: އެކީގައި މިއުޒިކް ކުޅެން، އަދި އަބަދުވެސް މިއުޒިކުން ބެޓާ ވާން ދަސްކުރަން ބޭނުންވަނީ.
ފޫޖީ: އެންމެންގެ ބެކްގްރައުންޑް، އުމުރު، ފެމިލީ ހުރިހާ އެއްޗެއް ތަފާތު. އެކަމަކު ކޮމަން ގްރައުންޑަކީ މިއުޒިކް. އަދި އޭގެ އިތުރުން މަސް ބާނަން ދިޔުން ކަހަލަ ފަން ކަންތައްތައްވެސް ކުރަން. ފެޒޫއާއި އައްޔައާ މިމީހުން އިސްނަގައިގެން އެކަހަލަ ކަންކަން ރާވާނީ.

ސުވާލު: ދެން މި އޮތީ ކާމިޔާބީގެ ވާހަކަ. ހައު ޑޫ ޔޫ ގާއިޒް ޑިފައިން ސަކްސެސް؟ މީހުންނަށް ފެންނާނީ ބޭންޑެއް ސްޓޭޖުމަތީގައި ޕާފޯމް ކުރާތަން. އެކަމަކު މީގެ ފަހަތުގައި ހާޑްވޯކް، ޑެޑިކޭޝަން، ސެކްރިފައިސަސް ހުންނާނެ. ތިޔަބޭންޑުން ކާމިޔާބީ ދެކެނީ ކިހިނެއް؟
ފެޒޫ: ސަކްސެސް އަކީ އޯވަނައިޓަކުން އަންނަ އެއްޗެއް ނޫން. އެއީ ވަރަށް ބޮޑު މަސައްކަތެއް، ޑެޑިކޭޝަނެއް، ގުރުބާނީއެއް. ވަރަށް ގިނަ ޓައިމް އެންޑް އެނާޖީ އިންވެސްޓް ކޮށްގެން، ވަރަށް ބޮޑު އެއިމް އެއް އޮވެގެން އެޗީވް ކުރެވޭ އެއްޗެއް.
ފޫޖީ: ސަކްސެސް އަކީ ވަރަށް ސަބްޖެކްޓިވް އެއްޗެއް. މަށަށް ހީވަނީ އެއީ 'ފީލިންގް' އެއްހެން. "މޭކިންގް އިޓް" އޭ ބުނީމާ ވަރަށް ބޮޑުކޮށް ވިސްނެނީ. އެކަމަކު ކަމެއް ކޮށް ނިންމާލައިގެން ހިތްހަމަޖެހިގެން ގެއަށް ގޮސް ނިދާލެވުންވެސް އެއީ ސަކްސެސް. އަސްލު ކުރަން ބޭނުންވާ ކަމެއް އެޗީވް ކުރަން އުޅޭއިރު، އެ ޖާނީ އެންޖޯއި ކުރެވިއްޖެއްޔާ އެއީ ސަކްސެސް. އެ މިސްރާބަށް ދާއިރު ފަހަތް ބަލާލާއިރު ހުރިހާ ތަނެއް ފުނޑިފައި އޮވެއްޖެއްޔާ އޭގެ އެއްވެސް އަގެއް ނެތް. އެހެންވެ ދަތުރު އެންޖޯއި ކުރެވުން އެއީ ސަކްސެސް.
ފާތި: ސަކްސެސް އެއީ މާ ބޮޑު އެއްޗެއް ނޫން. ކުރާ ކަމެއް ރަނގަޅަށް ކުރެވުން. މިސާލަކަށް އަހަރެމެންގެ މި އަލްބަމް ނުވަތަ ބޭންޑުގެ މަސައްކަތް އެހެން ބަޔަކަށް ސަކްސެސް އެއްގެ ގޮތުގައި ފެނި، އެމީހުން އެކަން ގަބޫލުކުރަންޏާ އެއީ ސަކްސެސް. ކުރިކަމެއް ރަނގަޅަށް ކުރެވުން އެއީ.
އައްޔަ: އެޓްލީސްޓް ރަނގަޅަށް ކުރަން މަސައްކަތް ކުރުން ދޯ އެ ޕޮއިންޓަށް ރީޗްވާން. އަހަރެން ދެކޭގޮތުގައި ސަކްސެސް އަކީ ވަކި ބެންޗްމާކެއް ޖަހާފައި އެހިސާބަށް ދިއުމެއް ނޫން. އެކަމަކު އެ އެޕްރޯޗްގައި އެޒް އަ ޓީމް މަސައްކަތް ކުރުން. މާނައަކީ ބޭންޑުގެ އެކަކު 'ފޯލް' ވާ ގަޑީގައި އޭނާ ބާއްވާފައި ކުރިއަށް ދިއުމުގެ ބަދަލުގައި، އެންމެން ވެގެން އޭނާ ނަގައިގެން އެކީގައި ކުރިއަށް ދިއުން. އެންމެން ގްލޫވެގެން ތިބެ އެއް ޕޮއިންޓަކަށް ރީޗްވާން ކުރާ މަސައްކަތް އެއީ ކާމިޔާބީއަކީ.



