މީގެ 18 ވަރަކަށް އަހަރު ކުރި އެވެ. ވިލިނގިލީގެ ބީޗެއްގައި އެކްސްޕެރިމަންޓެއް ޖައްސަން ތިބި ފުރާވަރުގެ ކުދިންކޮޅެކެވެ. ކެމިސްޓްރީ ސެޓަކުންނެއް ނޫނެވެ. ގިޓަ އާއި އެމީހުންގެ އަޑާއި މިނިވަން ހިޔާލުތަކުންނެވެ.
އެތަނުގައި ހުރި އިންފިތާހު ހުސައިން (ފިއްތި) ގިޓާގައި ދެ ތިން ކޯޑެއް އަޅައި، ރާގެއް ކުޅެލި އެވެ. ގިޓައެއްގައި ކިރިޔާ ކޮއްޓާލާ އެނގޭ މީހަކަށް ވެސް އަޅާލަން އެންމެ ފަސޭހަ ކޯޑުތަކެވެ. ދެން ތިބި މީހުން އެ ކޯޑުތަކަށް ބަސް އަމުނަން ފެށި އެވެ. އެކަކު އަނެކަކަށް ބަސް އެއްލަމުން، އެ ރާގަށް ފިއްތައި، އަމުނައި، ގަތަން ފެށި އެވެ. އެއް ބަޔަކު ލަވަ ކިޔުމުގަ އެވެ. ބައެއް މީހުން ލަވަ ލިޔުނީ އެވެ.
އޭގެ ދެތިން ގަޑިއިރު ފަހެވެ. އެކްސްޕެރިމަންޓު ކާމިޔާބެވެ. އެ 20 މީހުންގެ އަތްމައްޗަށް، ފެށިގެން ގޮސް ނިމެންދެން ކިޔާލެވޭ ވަރުގެ ލަވައެއް އުފަންވި އެވެ. އެއީ އެ ޖީލުގެ ޒުވާނުންގެ މެދުގައި ގަދަ ރޯގާއެއްހާ ބާރަށް ފެތުރިގަތް 'އައިސްބެޔަ' އެވެ. އަޑުއަހަން، ކިޔަން އަދި ކުޅެން ވެސް ފަސޭހަ އެވެ. އަހަރުތަކެއް ވަންދެން ބޮލުގައި ހަރުލާފައި ހުންނަ ކަހަލަ ލަވައެކެވެ.
އެކަމަކު އެއީ އެ މީހުންނަށް އާ ކަމެއް ނޫނެވެ. އެކަހަލަ ކިތަންމެ ލަވައެއް އެމީހުން ހަދައިފި އެވެ. ކޮންމެ ރެއަކު ވެސް ކުޅެލާފައި އެ ލަވަ އެއްލައިލަނީ އެވެ. ދެން ފަހުން ހަނދާނެއް ވެސް ނުހުރެ އެވެ. އެކަމަކު އެ ރޭ ތަފާތުކޮށް ވީ ކަމަކީ، އެތަނުން ކޮންމެވެސް އެކަކު، އޭނާ ގެންގުޅުނު ފޯނުގެ ރިކޯޑު ބަޓަނަށް ފިތާލި ކަމެވެ. އެކަމަކު އެކަން، އެތަނުގައި ތިބި ގިނަ މީހުންނަށް ނޭނގޭނެ އެވެ.
"އޭރު އެއީ ބައްތި ފޯނުގެ ޒަމާނެއްނު؟ އަހަރެމެން ތެރެއިން ދެ ތިން މީހަކު ރަނގަޅު ވަރެއްގެ ފޯނެއް ގެންގުޅޭނީ ވެސް. ހަނދާންވާ ގޮތުން އެކަކު އަތުގައި އޮންނާނެ ފުރަތަމަ ނުކުތް އައިފޯން. އޭނަ ކަންނޭނގެ ރިކޯޑު ކުރީ،" އެ ލަވައިގެ ފެށުން ކިޔައިދެމުން ފިއްތި ބުންޏެވެ.

އެޗޭސިއާއާ އުފަންވުން
އައިސްބެޔަ ޖެއްސިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފިއްތި ފުރައިގެން ދިޔައީ ޅ. ހިންނަވަރަށެވެ. އެ ރަށުގައި އުޅޭ ބަޔަކާ އެއްކޮށް މިއުޒިކު ކުޅޭށެވެ.
އެ ރަށުގައި ހުއްޓާ އޭނާއަށް އައީ ފޯނު ކޯލެކެވެ. ދުވަސްވީ އެކުވެރިޔާ ޔާފިއު އިބްރާހިމް އެވެ.
"އަހަރެން އެކޮޅުގައި ހުއްޓާ ޔާފިއު ގުޅާފައި ބުނެފި. އޭ އެއްކަލަ ރޭ ކުޅުމީނެއް ނޫންހޭ، އައިސްބެޔަ. އޭތި ވަރަށް މަޝްހޫރު ވެއްޖޭ. ބްލޫޓޫތުން ވަރަށް ހިނގައިފިޔޭ،" ފިއްތި ބުންޏެވެ.
ޔާފިއުގެ ކޯލު އައިއިރު އެމީހުންގެ މެދުގައި ބޭންޑެއް ނެތެވެ. ތިބީ ހުސް މީހުންނެވެ. ބްލޫޓޫތުން ގޮވައި، ފެތުރިގެންދިޔައީ އެ މީހުން މަޖަލަކަށް ޖެއްސި އެކްސްޕެރިމަންޓެކެވެ. އެއް ފޯނުން އަނެއް ފޯނަށް، މެމޮރީ ކާޑަކުން މެމޮރީ ކާޑަކަށް މިހެން ގޮސް މުޅި ރަށު ތެރޭގައި ދައުރުވަނީ އެވެ. ފުލުފުލުގައި އެކި މީހުންގެ ކަވާ ވާޝަންތައް ނުކުންނަން ފެށި އެވެ. އޭގެ ބައެއް ވާޝަންތައް އަދިވެސް ސައުންޑްކްލައުޑް އާއި ޔޫޓިއުބުގައި ފެންނަން އެބަހުއްޓެވެ.
މި ކުރެވުނު ކަމުގެ އަގު އޭރު ފިއްތިމެންނަށް ނޭނގެ އެވެ. އެކަމަކު ލިބުނު ތަރުހީބާ އެކު ޔާފިއު ބޭނުންވީ ބޭންޑެއް ހެދުމަށެވެ. އެ ލަވަ ވައިރަލްވިތާ އަހަރުތަކެއް ފަހުން، 2012 ގައި ވުޖޫދުވި 'އެޗޭސިއާއާ' އަކީ އެއީ އެވެ.
ދެން ލެޕްޓޮޕެއް ހިފައިގެން އަލްބަމެއް ރެކޯޑު ކުރެވޭތޯ ފިއްތި އާއި ޔާފިއު ގޮސް ވަނީ ސްޓޫޑިއޯއަކަށެވެ. އެކަމަކު ރެކޯޑިންއަކީ ޓެކްނިކަލް ކަމެކެވެ.
"ހަމަ އަލަށް ރޮލާ. ނޭނގޭ ތަނެއް ދޮރެއް ވެސް. ވަދެފައި ރެކޯޑު ކުރަން ފެށިން. އެކަމަކު ނޭނގުނު ވާނުވާއެއް. އެކަމަކު މިހާރު އަޑުއަހާލީމަ އެނގޭ، ވަރަށް ސަޅި،" ފިއްތި ބުންޏެވެ.
އެކަމަކު އެ މަސައްކަތް އާންމުންނަށް ފެންނާކަށް ނެތެވެ. ސްޓޫޑިއޯ ރެކޯޑިންތައް ޔާފިއު ގެންގުޅެނީ ފޮރުވައިގެންނެވެ. އެއާ އެންމެ ގާތްކުރާ އެއްޗަކަށް ވެސް ފެންނަން ހުރީ ވީޓީވީގެ ކްރޮސްއޯވާގެ ޕަފޯމެންސެވެ. އެކަމަކު އެއީ ލައިވް ރެކޯޑިންއެކެވެ.

ހިޓު ލަވަތަކަކީ ކާމިޔާބު އެކްސްޕެރިމެންޓު
އައިސްބެޔަ ކަހަލަ ހިޓު ކިތަންމެ ލަވައެއް އެ ބޭންޑުން އާންމުންނަށް ދޫކޮށްފި އެވެ. މިސާލަކަށް 'ލޮލާ ލޯ' އެވެ. ނުވަތަ 'ކެތް ނުވޭ' އެވެ.
އެ ލަވަތަކަކީ ވެސް އައިސްބެޔަ ކަހަލަ އެކްސްޕެރިމަންޓުތަކެކެވެ. މިސާލަކަށް ލޮލާ ލޯ ފެށީ ފިއްތި އެކަންޏެވެ. މެދަކާ ހިސާބަށް ލިޔުމަށްފަހު ނިންމީ ޔާފިއުއާ އެކީގަ އެވެ. ފުރަތަމަ އެއީ ހެވީ މެޓަލް ލަވައެކެވެ. މިއަދު މި އިވޭ ވާޝަން ފުރިހަމަވީ ޔާފިއު ގެނައި ބަދަލުތަކާ އެކީގަ އެވެ.
އެކަމަކު އެ ލެވެލްގައި އެކްސްޕެރިމަންޓު ޖެއްސުމަކީ މިއަދު ފިއްތި ޝުކުރުވެރިވާ ކަމެކެވެ. ސަބަބަކީ އެހެން ނޫން ނަމަ، ނޫނީ އެއަށްވުރެ ބޮޑެތި އެކްސްޕެރިމަންޓު ޖައްސަން ފުރުސަތު ލިބުނު ނަމަ، އެ ހިޓު ލަވަތައް ވުޖޫދުން ނުފެންނާނެ އެވެ.
ބައެއް މިއުޒީޝަނުން އެކްސްޕެރިމެންޓު ޖައްސަނީ ގިޓާގެ ޓޯން އެވެ. އެކަމަކު ފިއްތިމެން އެ ލަވަތައް ހެދި ޒަމާނުގައި ގިޓައެއްގެ އަޑާ ކުޅުމަކީ، އޭނާ ބުނި ގޮތުގައި އެމީހުންގެ ފެންވަރެއް ނޫނެވެ. އެމްޕެއް ނުހުރެ އެވެ. އިލެކްޓްރިކް ގިޓައެއް ނެތެވެ.
"ހަމައެކަނި ލިބުނީ ލިރިކްސް އާއި ރިތަމް ނޫނީ މެލޮޑީ އެކްސްޕެރިމަންޓު ކޮށްލަން. އެހެންވެ އެއާ ކުޅުނީ،" ފިއްތި ބުންޏެވެ.
"އޭރު ހިތަށް އެރި އެމްޕެއް ލިބޭ ނަމައޭ. އެކަމަކު މިހާރު އެނގޭ އެ ސާމާނު ނެތީމަކަން މި ލަވަތައް ހެދުނީ. މާ ރަނގަޅޭ، ނަސީބެކޭ ނެތްކަން. އެ ނޫން ނަމަ އެ އެއްޗިއްސާ ކުޅެކުޅެ ސްޓަކު ވާނީއޭ."
އެކަމަކު ވެސް، އައިސްބެޔައަކީ މުޅިން އެހެން ލެވެލްއެކެވެ. ފިއްތިމެން ވެސް އެ އުޅެނީ އެ ލެވެލްއަށް އަލުން ނުދެވިގެންނެވެ.
"އަސްލު އަހަރުންނަކަށް ދެން ނުހެދޭނެ އެކަހަލަ ލަވައެއް. އައިސްބެޔަ އެއީ 20 މީހުން އެއް ތަނުގައި ތިބެގެން، ރާގު ހަދަމުން ބަސް އެއްލަމުން، ފަހަރަކު ބައެއް ކިޔަމުން، ލިޔަމުން ހެދި ލަވައެއް."
"އަހަރެމެން ވަރަށް މަސައްކަތް ކުރަން އެ ހިސާބަށް ދާން. އެކަމަކު އެ ލެވެލްއަކަށް ނުދެވޭ. އެހެން ލިރިކްސްތައް ބަލައިލީމަ އެނގޭނެ، އެއާ (އައިސްބެޔައާ) ކައިރިއެއް ނުކުރާނެ. އޭތި ތަންކޮޅެއް ފަށުވި ވެފައި، ފަސޭހަވެފައި، ދެން ހުރި އެއްޗެހި ތަންކޮޅެއް ޑީޕު ވާނެ."
"ބީހިލަން، ތިޔަ މޫނުގައި ފިރުމަން، ޕޮޔަޓިކް ވިޔަސް ވަރަށް ސިމްޕަލްއެއްނު. އެމީހުން ބަސްތައް ދީގެން، މަ ޕޮޔަޓްރީއަށް ފެއްތިޔަސް."
'އައިސްބެޔަ ސަޅި؛ އެކަމަކު ދެން ފައިބާ'
މިއުޒިކީ ޖޯޝުގައި ފިއްތި އާއި ޔާފިއު އަލަށް ސްޓޭޖަކަށް އަރަން ދިމާކުރީ އެޗޭސިއާއާ އުފަންވުމުގެ ކުރިންނެވެ. ފިއްތި ހަނދާންވާ ގޮތުން ނަމަ އެއީ 2010 ނުވަތަ 2011ގެ އެޗްއައިވީ ދުވަހު ޔޫތު ސެންޓަރުގައި ބޭއްވި ޝޯއެކެވެ.
އޭރު ތިބީ ފިއްތި އާއި ޔާފިއު އެވެ. ކޮންމެވެސް ތަނަކުން ބޭސިސްޓެއް ހޯދައިގެން، ވިލިނގިލިން ޑްރަމަރެއް ގެނެސް ފޯ ޕީސް ބޭންޑެއްގެ ލައިންއަޕް ހަމަކުރި އެވެ. އެ ދެ މީހުންނަށް ލަވަތަކުގައި ވާންވީ ގޮތް ކިޔައިދީ، "މި ތަންކޮޅު އިންނާނީ މިހެން"ނޭ ބުނެދިނީ ޝޯ ދޭން އޮތް ދުވަހުގެ ހަވީރު ޔޫތު ސެންޓަރުގަ އެވެ. ފިއްތިމެންގެ ރަސްމީ ސްޓައިލުގަ އެވެ.
އެ ދުވަހު ފިއްތިމެން އަރަން ޖެހުނީ މިއުޒިކް ކްރައުޑުގެ ކުރިމައްޗަށެވެ. ޕްރެކްޓިސްއަކާ ވެސް ނުލަ އެވެ. އެއީ ރައްޓެހިންނަށް ލަވަ ކިޔައިދީ، އެއްކޮށް ޖޭމްކޮށްލުމާ މުޅިން ތަފާތު ކަމެކެވެ.
"ދެން އަރާފައި ހަޑި ދޯ ހާވާނީ. އަނެއްކާ އަހަރެމެން ނިންމާފައި އަރަން އޮތީ އީސަ. ދެން ފައިބާށޭ ކިޔާފައި ހަޅޭއްލަވާ ދޯ. ވަކި ހިސާބަކުން އަހަރެން ބުނެފިން ނުފައިބާނަމޭ. ހަމަ ކުޅުނީ ދެން،" އެ ދުވަހުގެ ތަޖުރިބާ ފިއްތި ކިޔައިދިނެވެ.
"އެ އޯޑިއެންސްގައި އަހަރެމެން ނުވާނެއެއްނު އަދި އެއްޗަކަށް. ދެން އަހަރެމެން ބެކް ކޮށްގެން ތިބޭނީ ވެސް އެއްކަލަ ކަންމަތީ ބޯއީޒްއެއްނު. އެކަމަކު މި މިއުޒިކް ކްރައުޑް މިއީ އެހެން ބައެއް. އެމީހުން ގޮވާނެއެއްނު ފައިބާށޭ ކިޔާފައި. އީސަ ދޯ މީހަކީ."
"ދެން އަހެރެމެން ފައިބާފައި ތިބީ އީސަ ކުޅޭތަން ބަލާފައި ސޮނި ވެއްޓިފައި."

ލަވައާ އެކު ކަންމަތިން ނެއްޓުން
މާލެއާ ވަކިން އޮންނަ ވިލިނގިލީގެ އެކަހެރި މާހައުލެއްގައި އުޅެ ބޮޑުވުމަކީ ވެސް އެޗޭސިއާއާގެ ލަވަތަކާއި ލިރިކްސް އަދި މިއުޒިކުގައި އަމިއްލަވަންތަކަމެއް ހުންނަ އެއް ސަބަބެވެ.
މިހާރު ކިތަންމެ ބާރުބާރަށް މީހުން މާލެ އާއި ވިލިނގިއްޔާ ދެމެދު ދަތުރުކޮށްފައި އުޅުނަސް، އޭރު ކޮންމެހެން އަންނަން ޖެހިގެން ނޫނީ އެ ދަތުރެއް ނުކުރެ އެވެ. އެހެންވެ، ފިއްތިމެން މާލޭގެ މިއުޒިކް ސަގާފަތާ ވަރަށް ދުރެވެ. މަޝްހޫރު މިއުޒީޝަނުން ކުޅޭތަން ނުފެނެ އެވެ. ރޮކްސްޓޯމް ކަހަލަ މިއުޒިކީ ތޫފާންތައް އަރާ ފައިބައިގެންދާއިރު ވެސް އެނގުމެއް ނުވެ އެވެ.
ޝޯއެއް އޮތްކަން ގިނަފަހަރު އެނގޭނީ ޓީވީއެމްއިން ދައްކައިފި ނަމަ އެވެ. އެހެން ނޫނީ އެ ކްރައުޑުގައި މާލޭގައި ދިރިއުޅޭ މީހެއްގެ ފަރާތުންނެވެ.
މިގޮތަށް ކާނިވަލުގެ ކެފޭއެއްގައި އޭރު ބޭއްވި ޝޯއަކަށް ދާން ނިންމައިގެން އެއް ރެއަކު ހިނގައްޖެ އެވެ.
"އެ ތަނަށް ވަންއިރު އެއް މޭޒުގައި ފަސީމެން. އަނެއް މޭޒުގައި އީމާންސް ކޮންސްޕިރެސީ. ބިޓުންތައް ފުރާލާފައި. ވަދެފައި އޯޑަރު ވެސް ދޭން ނުކެރިގެން ނުކުތީ. މަ މި ހުރީ ފެން ފައިވާނަކަށް އަރައިގެން،" ފިއްތި ބުންޏެވެ.
"އިހުސާސް ވަނީ ދުވަހަކު ވެސް އަހަރެމެން ނުދާނޭ އެ ހިސާބަށް. ދާނެ ކަމެއް ވެސް ނެތޭ. އެހެންވެ އެކަހަލަ އެކްސްޕެކްޓޭޝަނެއް ވެސް ނޯވޭ. އަހަރެމެންގެ އިންނަނީ ކަންމަތީ ބޯއިޒްތަކަކާ އެއްކޮށް މިހެން ކުޅެުމުގެ ސަގާފާތް. ރައްޓެހިންނަށް ލަވައެއް ކިޔައިދީ. އެކަމަކު ކޮންމެވެސް ދުވަހަކު އެ ހިސާބަށް ހިނގައިދާނޭ، އެކަހަލަ ކޮންފިއުޝަންއެއްގައި އުޅުނީ."
އުންމީދެއް އޮތްކަން އެނގުނީ އައިސްބެޔަ ވައިރަލްވި ހިސާބުންނެވެ. އެ ލަވަ ހެދިއިރު ވެސް އެއީ ކިހާވަރެއްގެ ކަމެއްކަން، ކިހާ އަގެއް އޮތް އެއްޗެއްކަން އެކަކަށް ވެސް ނޭނގެ އެވެ. އެކަމަކު ކަންމަތިން ލަވަ ނެއްޓި، ވައިގައި ހިފުމުން ވެދާނެ ކަމެއްކަން އެނގުނެވެ.
'އާދެވުނު ގޮތް ހަނދާނުން ނުދޭ'
އެޗޭސިއާއާގެ ފެށުން އޮތީ ވަރަށް ސާދާކޮށެވެ. އެ ބޭންޑުގެ މަޝްހޫރު ލަވަތައްހާ ރިލޭޓަލަބް އެވެ. އެ ބޭންޑުގެ ވާހަކައިން މުހިންމު ކަމެއް ފާހަގަވެ އެވެ. އެއީ މިއުޒިކީ ހުވަފެން ދެކޭ ކޮންމެ ޒުވާނަކަށް ވެސް ކޮންމެވެސް ގޮތެއް، އުންމީދެއް އޮތްކަމެވެ. އެއީ ކިތަންމެ އާދައިގެ 'ކަންމަތީ ބޯއީ'އަކަށް ވިޔަސް އެވެ.
މިއަދު ރާއްޖޭގެ މިއުޒިކީ ދުނިޔޭގައި އެޗޭސިއާއާގެ ނަން އޮތް ނަމަވެސް، އެ ހިސާބަށް އާދެވުނު ގޮތް ފިއްތިގެ ހަނދާނަކުން ނުނެތެ އެވެ. އެކުގައި އުޅުނު ރައްޓެހިންނަށް ހުރީ ޝުކުރުން ފުރިފަ އެވެ.
އެ އެންމެން ވެސް ބޮޑުވީ ވަރަށް އާދައިގެ ދިރިއުޅުމެއްގަ އެވެ. އޭރު ދިމާވި އުނދަގޫތަކުގެ ތެރެއިން އެކުގައި އުޅެމުން އުފެދުނީ ވަރުގަދަ ބޮންޑެކެވެ.
"އަހަރެމެން މިއީ ރައްޓެހިން. ކަންމަތީ ބޯއިޒް. އެމީހުން މަގުމަތިން ހޯދާ ލާރިއަކުން އަހަރެމެންނަށް ގިޓާ ގަނެދިނީ. ގިޓައެއްގެ ނަރު ގަނެދޭނެ މީހަކު ވެސް ނުވޭ. ދެން އަހަރެމެން ކިހާ ހެޕީ ވާނެ،" ފިއްތި ބުންޏެވެ.
އައިސްބެޔަ އުފަންވި ރޭ އެތަނުން ކޮންމެވެސް މީހަކު ރެކޯޑު ބަޓަނަށް ފިތާލުމަކީ އެޗޭސިއާއާ އުފަންވި ސަބަބެވެ. އެކަމަށްޓަކައި ވެސް ފިއްތި ޝުކުރުވެރި އެވެ. އެހެން ނޫން ނަމަ، އެ ލަވަ ފަހުން ނީވުނީހެވެ.



