ފުވައްމުލަކުން ފުރިއިރު ލިބިފައި އޮތް ޚަބަރަކީ ފަރެސްމާތޮޑާގައި ވަރަށް މީރުކޮށް ރުއްތައް ރާކޮށް ރާ ބާލަމުންދާ ވާހަކަ އެވެ. އަދި އެ ހުނަރުވެރިކަމުގައި ރުކައް އަރައި ތިބީ އެ ރަށުގެ އާދަޔާހިލާފު އަންހެނުންގެ ތެރެއިން ބައެއް ކަމެވެ.

އާރުޓީއެލްގެ ފެރީން ގޮސް ފަރެސްމާތޮޑާ އަށް ފޭބުމާ އެކު ކަރުހިއްކައިގަތީ އެ ޚަބަރެއްގެ ހަގީގަތް ބެލުމަށެވެ. އަދި ރަށުގެ ކައުންސިލުން ލިބުނު އެޖެންޓު ކައިރީގައި މި ސުވާލެއްކޮށްލުމާ އެކު ތިޔައީ އެއްވެސް ކަމެއް ނޫނޭ ކިޔާފައި އަޅުގަނޑު ގޮވައިގެން ސައިކަލެއްގައި ނައްޓާލައިފި އެވެ.

ދުމެއް ޖަހާފައި ގޮސް އޭނާ އަހަންނަށް ދައްކާލީ ރަށުގެ ފަރެސް އަވަށުގައި ހުރި ގެއެކެވެ. އެ ގޭގެ ގޯތި ތެރޭގައި ހުރި ދޮން ރުކަކަށް އަރައި އޮތް އަންހެނެކެވެ. އަދި ބުނެލި އެވެ. އެ އޮތީ މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ މި ރަށުގެ ކުޅަދާނަ ރާވެރިޔާ ފާތިމަތު ތާހިރާ އެވެ.

އުމުރުން 55 އަހަރުގެ ތާހިރާގެ ރާވެރިކަމަށް މިހާރު 21 އަހަރު ފުރުނީ އެވެ. މިއަދު ވެސް ފޫހިކަމެއް ނެތި، އިރުމެދު ޖެހުނުއިރު ވެސް ހަ ކުދިންގެ މަންމަ އެ އޮތީ ދޯރާ ބޭލުމަށް ރުކައް އަރަ އެވެ.

ސައިކަލުން ފައިބައިގެން ގޮސް އަހަރެމެން ޖައްސާލީ މެދުގޯތީގެ ހިޔަލުގަ އެވެ. ތާހިރާ ގެންދިޔައީ ރުކަކަށް ފަހު ރުކެއް ފަތަހަކޮށް ގުޑި ގުޑިތައް ފުރަމުންނެވެ. އެތް މަންނަމުން އައު ދުވަހަކަށް އެ އެތްތައް ތައްޔާރުކުރުމަށް ފަހު ދެން އޭނާ ފަށައިގަތީ ހަކުރު ހިލަން ތައްޔާރުކޮށްފައިހުރި ރާ ކެއްކުމުގެ މަސައްކަތެވެ. އަދި ހަކުރު ހިލަމުން ހަޔާތުގެ ގަނޑުތައް އުކައިގަތެވެ.

"ދެ ވަނަ ދަރިފުޅު ލިބުނުފަހުން އެ ދެ ކުދިންނަށް މާ މީރު އެއްޗަކަށް ރުކުރާ ވި ހިސާބުން ފެށުނު ކަމެއް މިއީ. އެކަމަކު އޭރު މި ގޭގައި ހުރި ރުއްތައް ރާކޮށް ރާބާލަމުން ދިޔައީ މި ރަށުގައި އުޅުނު އެހެން ރާވެރިއެއް. ނުވަތަ ކޮންމެވެސް މީހަކު ކައިރީގައި ބުނެގެން އެކި މީހުން ލައްވައި އެކަން ކުރުވަމުން ދިޔައީ އެންމެ ފުރަތަމަ،" އަކިރިކޮޅެއް ލައިގެން ހަލުވަމުން ގެންދިޔަ ރާތެލި އުނދުން މައްޗަށް ދޫކޮށްލާފައި އައިސް ތާހިރާ ކިޔައިދިނެވެ.

"ދެންވީ ގޮތަކީ މިހެން އުޅެނިކޮށް، އާންމުކޮށް ރާބާލަ ދޭން އަންނަ މީހާ އަށް ނާދެވި މާ ބޮޑަށް ލަސްވި ދުވަހެއްގައި އަޅުގަނޑު އަމިއްލަ އަށް އެ ދުވަހު ރުކުން ރާބޭލީ. ދެން އޭގެ ފަހުން އޭނަ ހުއްޓާލައިފި މި ގޭގައި ހުރި ރުއްތަކުން ރާބޭލުމުގެ މަސައްކަތް."

އެހިސާބުން ތާހިރާ އަށް މަޖުބޫރުވީ އޭނާގެ ކުދިންނަށްޓަކައި އަތުރުކުރި އޮޅާލައިގެން ރުކަށް އަރާށެވެ. އެތް މަންނާނެ ގޮތާއި އެތުގައި ކަށިކެޔޮ ފަތް އޮޅަން ދަސްކުރާށެވެ. ރާބައްޖެއްގެ ބަދަލުގައި ފެންހުސްކުރި ޕްލާސްޓިކް ފުޅިއެއް އެ އެތުގެ ކޮޅުގައި ހަރުކުރާނެ ގޮތް ދަސްކުރާށެވެ. އަދި އެ އިރު ތިން އިރަށް އެ ކުރުން ރާބާލާނެ ގޮތާއި އެ ރުއް ސާފުކޮށް ބަލަހައްޓާނެ ގޮތް ދަސްކުރާށެވެ.

"ހެނދުނާއި ހަވީރު މި އޮންނަނީ ރުކުން ރާބޭލުން. މެންދުރުގެ މަސައްކަތަކީ އެތް ކޮށައި ސާފުކޮށް އެތް ބަނދެ އަނެއްކާވެސް ރާބޭލުމަށް ތައްޔާރުކުރުން. މިކަން ދަސްވި ހިސާބުން ފެށިގެން އަޅުގަނޑު މިކަން މި ކުރަނީ ވަރަށް ކުރާހިތުން،" ތާހިރާ މިހެން ބުނެލާފައި ގޮސް ދަރު އުނދުނުގައި ހުރި ރާތެލި އަނެއްކާވެސް ހަލުވަން ފަށައިގަތެވެ.

"އަކިރި އަޅައިގެން ހުތްކަން ފިލުވައި ފޮނިކޮށް ދިޔާހަކުރުގެ ކުލަގަނޑު ރީތި ހުދު ކްރީމް ކުލައެއްގައި ހުންނާނީ އުނދުން މިގޮތަށް އެއްވަރެއްގައި ބަހައްޓައިގެން ހިންދީމަ. މިކަން މިގޮތަށް ކުރަން އެންމެ ފަސޭހައީ އަދިވެސް ދަރުއުނދުގައި"

"މިގޮތަށް އަޅުގަނޑު ކައްކަން ފަށާނީ 1.5 ލީޓަރު ހުންނަ ފުޅީގެ 5 ހަން ހަމަވީމަ. އޭގެ ފަސް ފުޅީގައި ހުންނަ ދޯރާ ކެއްކީމަ ފޯސްޓަކްލާސް ބިއްލޫރި ފުޅިއެއްގައި ހުންނަ ދިޔާހަކުރު މި ހެދެނީ ކިރިޔާ. އޭގެ ފުޅިއެއް އަޅުގަނޑު މި ވިއްކަނީ 250ރ. އަށް."

"މިހާރު ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް މިއީ. އެކަމަކު އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން މިއީކީ. ވާރޭ ވެހޭ ދުވަސްތަކުގައި ވެސް ރުކުން ރާބާލަން ޖެހޭ."

ތާހިރާ ބުނީ އޭނާގެ ކުދިންނަށް މީރުވެގެން ފެށި ރާވެރިކަމުގެ މިސްރާބު މިހާރު އޮތީ މުޅިން ބަދަލުވެފައި ކަމަށެވެ.

"ކުދިންތައް މިހާރު އެ ތިބީ ބޮޑެތިވެފައި. އެމީހުންނެއް މިހާރަކު ނޫޅޭ ދޯރާ ބޯހިތަކުންނެއް. މިހާރު މި މަސައްކަތް ވެފައި މިއޮތީ އާމްދަނީ ހޯދުމަށް ކުރާ ކަމަކަށް،" ތާހިރާ ބުނެލި އެވެ.

"އަޅުގަނޑުގެ ހަ ކުދިން ވެސް ބޮޑެތިވެފައި އެ ތިބީ އަޅުގަނޑު މި މަސައްކަތުގައި އުޅެމުން. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނޫން ދެން ވެސް މި މަސައްކަތް ހުއްޓާލާކަށް."