މުސްލިމާ އާދަމްގެ ހިތުގައި އަބަދުވެސް އޮތް އެއް ހުވަފެނަކީ ރިސޯޓް އިންޑަސްޓްރީގައި ވަޒީފާ އަދާކުރުމެވެ. އޯލެވެލް ނިމުނުތަނާ ހެން އިންޓާންޝިޕެއްގައި އޭނާ އެންމެ ފުރަތަމަ ރިސޯޓަކަށް ދިޔައީ ވެސް އެހެންވެގެންނެވެ. ނަމަވެސް އެ ތަޖުރިބާ އިން ރިސޯޓް ލައިފަށް ހިތްނުޖެހި އެފަހަރު އެނބުރި ދިޔައީ މާލެ އަށެވެ.

އެއަށް ފަހު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ މާލޭގައި ރީޓެއިލް ފިހާރައެއްގަ އެވެ. ނަމަވެސް ކޮންމެވެސް އެއްޗެއް ކިޔަވަންވާނެ ނޫން ހެއްޔޭ ހިތަށް އަރައިގެން އޭނާގެ ސިކުނޑި ކައްކަން ފެށި ހިޔާލުތަކާ އެކު އެ ފެށުނީ ރިސޯޓް އިންޑަސްޓްރީ އަށް އެނބުރި ދިއުމުގެ ދަތުރެވެ.

ނަމަވެސް އެމްއެންޔޫ އިން ކަލިނަރީ ސެޓްފިކެޓް ތިނެއް ފުރިހަމަކޮށް 2021 ވަނަ އަހަރު ފެށި އެ ދަތުރުގައި ރިސޯޓެއްގެ ބަދިގެ އިން ފަށައިގެން ރާއްޖޭގެ އެންމެ މޮޅު ޝެފުގެ މަގާމަށް އާދެވިދާނެ ކަމަކަށް އޭނާ ހުވަފެނަކުން ވެސް ނުދެކެ އެވެ.

އެފަދަ އިތުބާރެއް އޭނާގެ އަމިއްލަ ނަފުސުގައި ވެސް ނެތެވެ. އަނެއްކޮޅުން ޝެފެއްގެ ތޮފި އަޅައިގެން ފެށި ދަތުރުގައި ކުރިމަތިލި ޗެލެންޖުތަކުގައި އޭނާ އަބަދުވެސް ދިޔައީ ފުލަށެވެ. ނުވަތަ އަބަދުވެސް ފުއްދާލަން ޖެހުނީ ބްރޯންޒަކުން ނުވަތަ ސިލްވާ މެޑައްޔަކުންނެވެ.

ނަމަވެސް މެންހަޓަން ގްރޭންޑް ހޮޓެލްގައި ނިމިގެން ދިޔަ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގެ ޝަރަފުވެރި މުބާރާތުގައި މުސްލިމާ އެ ވަނީ އޭނާގެ އިތުރުން މުޅި އިންޑަސްޓްރީ ވެސް ސިއްސުވާލައިފަ އެވެ. އަދި ހުވަފެނުން ނުފެނުނު ކާމިޔާބީ އެންމެފަހުން އަސްލަށް ކަށަވަރުކޮށްފަ އެވެ.

ނިމިގެން ދިޔަ މުބާރާތުގައި އުމުރުން 28 އަހަރުގެ މުސްލިމާ އަކީ "ބެސްޓް މޯލްޑިވިއަން ޝެފް" އެވެ. އަދި މުޅި މުބާރާތުގެ ވެސް އެންމެ ކުޅަދާނަ ޝެފަކަށް މިފަހަރު ހޮވުނީ ޑުސިޓުޑީޓޫ ފޭދޫ މޯލްޑިވްސްގައި ޑެމީ ޝެފް ޑެ ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މި ޒުވާނާ އެވެ.

މުސްލިމާގެ ކާމިޔާބީގެ މި ވާހަކަ މިހައި ހިސާބުން ގޮސް ދެން ހުއްޓެނީ ދ. ބަނޑިދުއަށެވެ. އެ ރަށު "މުރިނގު" ގޭގައިވީ ހަނދާންތަކުގެ ތެރެއަށެވެ.

"މުރިނގު" ގެ މާނަ އަކީ އިރުއަރާ ދިމާލެވެ. އެހެންކަމުން މުސްލިމާގެ ކާމިޔާބީގެ ރަހަހެޔޮވަރުކޮށްދިން އަލިވިލުން ގެނުވި ހިޔަލަކީ އޭނާގެ ކުޑައިރުގެ އެގެކަން ޔަގީނެވެ. އަދި އޭނާ އަށް ފެނުނު އެންމެ މޮޅު ކައްކާއިންނަކީ އޭނާގެ މަންމަ އާއި ބައްޕަކަމާ މެދަކު ޝައްކެއް ވެސް ނެތެވެ.

"އޭގެ ތެރެއިން ވެސް ބައްޕަ އަކީ އަޅުގަނޑަށް ކެއްކުމުގެ ޒަމާނީ ވަރަށް ގިނަ އުކުޅުތައް ދަސްކޮށްދިން މީހެއް. މަންމަގެ ފަރާތުން ބޮޑަށް ދަސްވެފައި ހުރީ ދިވެހި ކެއުންތަކުގެ ރަހަ ހެޔޮވަރުކުރަން،" މުންނީގެ ނަމުން އެކުވެރިން ދަންނަ މުސްލިމާ ކިޔައިދިނެވެ.

މުސްލިމާ ބުނީ ކެއްކުމުގެ ދުނިޔެ އަށް އޭނާ އަށް ވަދެވުނީ މީރު އެއްޗެހި ކާން އޭނާގެ ހިތުގައި އޮތް އެދުމެއްގެ ބޮޑުކަމުން ކަމަށެވެ. އަދި އެ ދުނިޔޭގައި އެޅި ފުރަތަމަ ފިޔަވަޅު އޭނާ ކިޔައިދިނީ މިހެންނެވެ.

"އަޅުގަނޑު އޭރު ދާނީ ބައްޕައާ އެކު މަސްބާނަން. ފުޅި ކަންވާރު ހިފައިގެން ގޮސް މަސްބާނައިގެން ގެއަށް ގޮސް އެ މަސް ކަނޑާނެ ގޮތް ބައްޕަ ކިޔައިދޭނެ. އޭގައި ލާނެ ލޮނުމިރުސްގަނޑު ތައްޔާރުކުރަން ޖެހޭ ގޮތް ވެސް ބައްޕަ ކިޔައިދޭނެ،" އުމުރުން 8 އަހަރުގެ ހަނދާންތަކުން ކިޔައިދެމުން މުސްލިމާ ބުންޏެވެ.

މުސްލިމާގެ ބައްޕަ އަކީ ރިސޯޓެއްގައި، ސަޕްލައި ދޯންޏެއްގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ އެ ދިރިއުޅުން ރަށަށް ބަދަލުކޮށްލީ ރިސޯޓުގައި ހުރި ރުކަކުން ވެއްޓި މައިބަދަ ބިންދައިގެން ގޮސް އުނަގަނޑުން ތިރި އެއްކޮށް ވާގި ނެތުނު ދުވަހު އެވެ.

ނަމަވެސް އެ ހާލަތު އުފަންކުރުވީ ބައްޕަ އަކާއި ދަރިއެއްގެ އެންމެ ފޮނި ހަނދާންތަކެވެ.

"ކަޓިން ބޯޑެއްގެ މަތީގައި އެއްޗެހި ޖޫލިއަންކޮށް ކޮށަން ވެސް އަޅުގަނޑަށް ދަސްކޮށްދިނީ ބައްޕަ. އޭގެ ކުރިން އާންމުކޮށް ފެންނާނީ މަންމަމެން އެއް އަތުން ފިޔާގައި ހިފަހައްޓައިގެން ތިބެ އަނެއް އަތުން ކޮށާ ތަން. އެކަމަކު ބައްޕަގެ ފަރާތުން ކެއްކުމުގެ ވަރަށް ގިނަ އުކުޅުތައް ދަސްވި،" މުސްލިމާ ކިޔައިދިނެވެ.

"ބައްޕައާ އެކު އެންމެ ފުރަތަމަ ކައްކަން ދަސްކުރީ ކުޅިމަސް. އާންމުކޮށް މަންމަމެން ކުޅިމަސް ހަދާއިރު ފިޔާމީރުކުރަން ފަށާނީ ތެލުގައި. ބައްޕަ އަޅުގަނޑަށް ކިޔައިދިނީ އޭގެ ކުރިން މަސް މެރިނޭޓުކުރާނެ ގޮތް. އެއަށް ފަހު ސްލޯ ފްލޭމްގައި އެ މަސްކޮޅު ތައްޔާރުކުރާނެ ގޮތް. އަދި ބައްޕަ އެ ދަސްކޮށްދިން ގޮތަށް ކުޅިމަސް ތައްޔާރުކުރީމަ އެކަންވީ މުޅި ގޭގެ އެންމެނަށް ވެސް ބޮޑު ހިޓަކަށް."

ބައްޕަ ނަގައި ދެމުން ދިޔަ އެ ފިލާވަޅު މެދުކެނޑުނީ ކުއްލިއަކަށެވެ. އުމުރުން 33 އަހަރުގައި އެ ބައްޕަ މުސްލިމާގެ ހަޔާތުން ވަކިވެގެން ދިއުމުންނެވެ. ނަމަވެސް މުސްލިމާގެ ހަޔާތުގައި މިއަދު އޮތް ކާމިޔާބީ އަށް ރަހަހެޔޮވަރުކޮށްދިނީ އެ ބައްޕަކަން ޔަގީނެވެ. އަދި ބަދިގޭގައި އުޅޭއިރު މުސްލިމާއާ އެންމެ ގާތުގައިވީ އެއް ހަނދާނަކީ ވެސް ބައްޕަކަން ޔަގީނެވެ.

ބައްޕަގެ އެ ހަނދާންތަކާ އެކު މުސްލިމާ އެ ވަނީ ބަދިގޭގައި މިއަދު ހަމައިސްކޮޅަށް ތެދުވެފަ އެވެ.

"ރިސޯޓު އިންޑަސްޓްރީ އަށް ނުކުމެ ބަދިގެ އިން ފަށައިގެން އެ ދާއިރާއިން މިހާ ހިސާބަށް އާދެވިދާނެ ކަމަކަށް އަޅުގަނޑު އުއްމީދެއް ވެސް ނުކުރަން. އެކަމަކު މި ހިސާބަށް އާދެވުނީމަ މިހާރު އަޅުގަނޑުގެ އެބަހުރި އިތުރު ހުވަފެންތަކެއް މި ދާއިރާ އިން އަޅުގަނޑު ހާސިލުކުރަން ބޭނުންވާ،" މުސްލިމާ ބުނެލި އެވެ.

އެއަށް ފަހު އޭނާ ދެން ބުނީ މިހެންނެވެ.

"ދެން ބޭނުންވަނީ ރާއްޖޭގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ޝެފަށް ވާން. އެއީ އަޅުގަނޑުގެ ނެކްސްޓް ޓާގެޓަކީ."