މީހަކު "އެންމެ މީރު ކޫޒިން އަކީ ކޮބައިތޯ؟" އަހައިފިނަމަ، އަހަރެން ދެނީ އަބަދުވެސް އެއް ޖަވާބެކެވެ. އެއީ ދިވެހި ކެއުމޭވެ. އެކަމަކު މި ބުނަނީ ހަމައެކަނި އާދައިގެ ގަރުދިޔަ ބަތްގަނޑެއްގެ ވާހަކައެއް ނޫނެވެ. އަހަރެންގެ ހިތް ފުރިއުތުރި އަރަމުން މި ދަނީ ދިވެހި ކެއުމުގެ ފުލް ޕެކޭޖަކުންނެވެ.  

ހުކުރު ދުވަހު ގޭގައި އޮންނަ ފެމިލީ ލަންޗަށް ދިވެހި ކެއުމެއް ހަދަން ޖެހިއްޖެއްޔާ، ކެއްކުމުގެ ސްޓްރެސްއަށްވުރެ ބޮޑަށް އަހަރެން ހުންނާނީ އެކަމާ އެކްސައިޓްވެގެން ގޮސް މަރުވާން ގާތްވެފައެވެ. ވަކިން ހާއްސަކޮށް ދުވަހަކީ މި ބުނާ ދިވެހި ކެއުން ތައްޔާރުކުރާ ދުވަހެއް ނަމަ އަހަރެން އޮންނާނީ ވަޅުލައިފަ އެވެ. އެ ދިވެހި ސުފުރާ ތެރޭގަ އެވެ.

އާނއެކެވެ. އެ ސުފުރާމަތީގައި އަލަ، ކައްޓަލަ، މަސްކުރޮޅި، ރިހާކުރު ދިޔަ އަދި ފިހުނު މަސް ފަދަ ހުރިހާ އެއްޗެއް ފުރިހަމައަށް ހުންނަން ޖެހޭނެއެވެ. ޒަމާނީ ފާސްޓް ފުޑްގެ އަވާގައި އެންމެން ޖެހިގެން އުޅުނަސް، އަހަރެންގެ އަލްޓިމޭޓް ކޮމްފޯޓް ފުޑަކީ އަދިވެސް ހަމަ ދިވެހި ކެއުމެވެ.

އެ ބުނާ "ފުޑްސް ކަހަލަ އެއްޗަކީ" އަހަރެންގެ މެނޫގައި އަބަދުވެސް ދިވެހި ކެއުމެކެވެ.

އާންމުކޮށް ރަނގަޅު ދިވެހި ކެއުމެއް ކާލަން ބޭނުންވީމާ މާލޭގައި އަހަންނަށް އެންމެ ގިނައިން ދެވެނީ މަޝްހޫރު މޫން ކެފޭ ނުވަތަ އަސްޑާ ކެފޭ އަށެވެ. ނަމަވެސް، ހުޅުމާލެއަށް ބަދަލުވި ފަހުން، ޖީބަށް ލުއި އަދި ހަމަ އެހާމެ މީރު ދިވެހި ކެއުން ލިބޭނެ ތަނެއް ހޯދުން ވެގެން ދިޔައީ ބޮޑު ޗެލެންޖަކަށެވެ.

ގިނައިން މިކަހަލަ ތަންތަނުން ފެންނަނީ ސައިހޮޓަލަކަށް ވުރެ ބޮޑަށް ފިރިހެންވެރިންގެ ސިނގިރޭޓު އައްޑާ ނުވަތަ ގޮސިޕްދުއްޕާންތަކެއްގެ ގޮތުގަ އެވެ. ދުންބުރުވާ ސައިހޮޓަލެއްގައި ރަހަހެޔޮވަރުކުރާނީ ކިހިނަކުންތޯ އެވެ؟

އެހެންވީމަ އަންހެނުންނަށް ވެސް އާންމުކޮށް ވަދެއުޅެލަން ކޮމްފޯޓަބަލް، ސާފުތާހިރު ތަނެއް ހުޅުމާލޭގައި ހޯދުންވީ ހަގީގީ ތަކުލީފަކަށެވެ.

ކޮންމެއަކަސް އެހެން އުޅެނިކޮށް، ރައްޓެހިންތަކަކާއެކު ބޮޑު ގްރޫޕެއް ކާން ދާންވެގެން ރައްޓެއްސަކު "ކޭލަ ބީޗް ކެފޭ" އޭ ކިޔާ ތަނެއް ސަޖެސްޓްކޮށްފި އެވެ. އެތަން ހޯދަން މުޅި ގްރޫޕް އެކީ ހޫރެމުން ހޫރެމުން ގޮސް ވަދެވުނުއިރު، މިއީ ހަމަ ސީދާ އަހަރެން ހޯދަން އުޅުނު ކަހަލަ ތަނެކެވެ.

ހުޅުމާލޭގެ ބީޗް ފޮރޮންޓްގައި ހުންނަ މި ކެފޭ، އާދައިގެ ސައި ހޮޓަލަކަށް ވުރެ މާ ބޮޑަށްވެސް ރަނގަޅުވެފައި، މާ ސާފުތާހިރެވެ. ހިތްހަމަޖެހިލައިގެން އިނދެ ކާލަން މިއީ ހަމަ ޕާފެކްޓް ސްޕޮޓެކެވެ. ވަގުތުން ޖައްސާލައިފީމެވެ.

ފުރަތަމަ ދުވަހުވެސް އެތަން އަހަންނަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. އެދުވަހު އަހަރެމެން އެންމެން ބަހައިގެން މަސްބަތާއި ރިހާކުރު ދިޔަ އާއި ބޯއްޓާއި ހަނާކުރި ބަނޑައިދުލާއި ދެން މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އެދުވަހު ޑިސްޕްލޭގައި ހުރި ހުރިހާ ބާވަތެއްހެން ޓްރައި ކުރީމެވެ. އަހަރެމެން ދިޔައީ އެ ޑިސްޕްލޭގައި ހުރިއްޔާ ހުރިހާ އެއްޗެއް ކައި ހުސްކޮށްލާފައެވެ.

ނަމަވެސް، އެތަނުގެ ވާހަކަ އަދި މިއަށް ވުރެ ވެސް މީރުކޮށްފައި ލިޔަން ޖެހުނު އަސްލު ސަބަބު ފެށެނީ ދެވަނަ ފަހަރަށް އެތަނަށް ދިޔަ ދުވަހުއެވެ.

އެ ދުވަހު، ރައްޓެއްސަކާ ދެމީހުން ގޮސް މެނޫއަށް ބަލައި، ކާނެ އެއްޗަކާމެދު ބޮޑު ޑިސްކަޝަނެއްގައި ތިއްބައި، އެތަނުގެ ޝެފް އައިސް އަހަރެމެންގެ މޭޒު ކައިރީގައި މަޑުކޮށްލިއެވެ. އޭނާ ބުނި ގޮތުގައި އެތަނުން ލިބެން ހުންނާނީ ހަމައެކަނި މެނޫގައި ލިޔެފައިވާ ކެއުން އެކަންޏެއް ނޫނެވެ. އަދި އެހެން ބުނެފައި، އަހަރެމެން ދެމީހުންނަށް ވަރަށް ސްޕެޝަލް "ރިހާކުރު ބަތެއް" ހަދައިދޭނެ ކަމަށާއި، އެހާ މީރު އެއްޗެއް އަހަރެމެން ދުވަހަކުވެސް ނުކާނެ ކަމަށް ބުނެ އޭނާ ހުރިތަނަށް ބާޖު މަރައިފި އެވެ.

އަހަރެންގެ ހިތަށްއެރީ މި ވާނީ ޔަގީނަށް ވެސް އެ ޝެފުގެ ބޮލުގައި އަޅާފައި އެ އޮތް ތޮފީގައި ފޮރުވާފައި އޮތް މާކެޓިންގެ ބޯދާ ޓްރިކަކަށެވެ.

ކޮންމެއަކަސް، އެއީ ވަރަށް ބޯލްޑް ކްލެއިމެއް ނަމަވެސް، "ވާގޮތެއް ބަލާލަން ގެންނަންވީ ނޫން ހެއްޔޭ" ބުނެ އަހަރެން އެކަމަށް އެއްބަސްވެއްޖައީމެވެ. ޝެފް ބޭނުންވި ޗެލެންޖު ޝެފަށެވެ.

އެހިސާބުން ތެޅެމުންފޮޅެމުން ގޮސް އޭނާ ބަދިގެ އަށް ވަދެ ގެއްލިއްޖެ އެވެ. އަދި މާކަ ގިނަ އިރެއް ނުވެ އޭނާ އެ ބުނި ސްޕެޝަލް ހިފައިގެން ގެނެސް މޭޒުމަތީގައި އަތުރާލި އެވެ.

ތެދުތެދަށް ބުނަނީ ނަމަ، ފެންނަފެނުމަކަށް އޭގައި ހަމަ އެއްވެސް ހާއްސަ ކަމެއް ނެތެވެ. އެއީ ގޭގައިވެސް އަހަރެމެން މޮޑެގެން ކާ އާދައިގެ ރިހާކުރު ބަތްގަނޑަކާ އެއްވެސް ތަފާތެއް ހުރި އެއްޗެއް ހެނެއް ވެސް ހިއެއް ނުވެއެވެ.

އަހަރެން ޝެފަށް ވަރަށް ސްކެޕްޓިކަލް ލުކެއް ދިނުމުން، އޭނާ ވަރަށް ހަމަޖެހިލާފައި ބުނެލީ މިހެންނެވެ.

"ޓޭސްޓް ކޮށްލާށެވެ. ޑިސަޕޮއިންޓެއް ނުވާނެއެވެ".

ދެން ކޮންމެގޮތެއްވިޔަސް އޯކޭއޭ ހިތަށް އަރުވައިގެން، އަހަރެން އެ ބަތްގަނޑުން ސަމުސަލެއްގެ އެތިކޮޅެއް ފަރިކޮށް ކާލީމެވެ.

ދޮގު ނުހަދާ ބުނަންޏާމު، އެ ސަމުސަލުން ނަގައި ކާލި ބަތްކޮޅާއެކު އަހަރެން ދަމައިގެން ދިޔައީ ފިލްމުތަކުން އެ ފެންނަ ކަހަލަ ޖާދުވީ ބާރެކެވެ. އެއީ ފުލް އޮން 'ރެޓަޓޫލީ' މޫމެންޓެކެވެ. ކުޑައިރު މަންމަ އަތުން މޮޑެފައި އަހަރެމެންނަށް ލަވައިދޭ ރިހާކުރު ބަތުގެ އަސްލު، މީރު ރަހަ އަހަރެންގެ އަރުތެރޭގައި ލީ ކަހަލައެވެ. ހީވީ ހަމަ އަސްލަށް ވެސް މަންމަގެ އަތުން ރިހާކުރު ބަތްގަނޑެއް ކާލެވުނުހެންނެވެ.

ޝެފް ގެނެސްދިން މި ޑިޝްގެ ހުރިހާ އެއްޗެއްގައި ވެސް ޕާފެކްޓް މެތެމެޓިކަލް ބެލެންސެއް ހުއްޓެވެ. އާދައިގެ ފަލަ ހަނޑުލުގެ ބަތުގައި ތެލުލި ފަތާއި، ފިޔާ، ލޮނުމެދު އަދި ވަޅޯމަސް ހުރީ ހަމަ ސްޕޮޓް އޮން ކޮށެވެ. މިއީ ހަމަ އަސްލު ވެސް އެހެން ލެވެލްއެކެވެ.

އެކަމަކު މި ރިހާކުރު ބަތް ކައިގެން އަހަރެންނަށް މިވީގޮތަށް "ފުޑް ކޯމާ" އަކަށް ދާން ބޭނުން ނުވާ މީހުންނަށްވެސް މިތަނުގައި އަދި އެތައް އެތައް ރަހައެއް އެބަހުއްޓެވެ. މެނޫގައި ދިވެހި ސިމްޕަލް ކްލެސިކްސް ކަމަށްވާ މުގުރިހަ ބަތް، ދިރިލީ ފިޔާ ބަތް، ދޮންރިހަ، ފަރުމަސް ރިހަ ފަދަ އެއްޗެހިވެސް އެބަހުއްޓެވެ.

އެންމެ ފަހުން، މިތަނަށް ތިން ވަނަ ފަހަރަށް ދެވުނީ ހަވީރުގެ ސަޔަކަށެވެ. ހަވީރު ސައިބޯލަންވެސް މިއީ ހަމަ މަރެކެވެ. ގުޅަ، ބަޖިޔާ، ބިސްކީމިޔާ، ރިހަފޮޅި އަދި ކުޅިބޯކިބާ ފަދަ ހުރިހާ ދިވެހި ހެދިކާތަކެއްވެސް ހޫނުކޮށް، ވަރަށް ފުރިހަމައަށް މިތަނުން ލިބެން ހުރެއެވެ.

މިތަނުގެ ސަޅި އަނެއް ސިފަ އަކީ އަގުތަކެވެ. މިއޮތްފަދަ އިކޮނޮމީގައި ޖީބަށް ލުއިކޮށް މީރު އެއްޗެއް ކާލުމަކީ ހާދަ އުނދަގޫ ކަމެކެވެ. އަމުދުން މާލެއާއި ހުޅުމާލޭގައެވެ. ނަމަވެސް މިތަނުގައި، ރިހާކުރު ދިޔަ ޕެކޭޖް، މަސްބަތް ޕެކޭޖް، އަދި ޓޮމާޓޯ ރިހާކުރު ޕެކޭޖް ފަދަ ކޮންމެ ޕެކޭޖެއްގެ އަގު މި އުޅެނީ ގާތްގަނޑަކަށް 65 ރުފިޔާއަށެވެ.

މީގެ ކޮންމެ ޕެކޭޖެއްގައި ތެލުލި މަސްކޮޅަކާއި، ތެލުލި ފަތާއި، ލުނބޯ އަދި މިރުސް ވެސް ހުރެއެވެ. މީގެ އިތުރުން އާންމުކޮށް އެހެން ދިވެހި ކެފޭތަކުން ނުލިބޭ، ދިވެހިންގެ ފޭވަރިޓެއް ކަމަށްވާ "ގޮޅަ ރިހަ" ވެސް މިތަނުން ލިބެން ހުރެއެވެ. އަދި ދިވެހި ކާނާގެ އިތުރުން، އާންމުކޮށް ކެފޭތަކުން ލިބެން ހުންނަ ބިރިޔާނީ، ފްރައިޑް ނޫޑްލްސް އަދި ހުރިހާ ވައްތަރެއްގެ ފްރެޝް ޖޫސްވެސް މިތަނުން ލިބެން ހުރެއެވެ.

އެކަމަކު އަދި މިހިސާބުން މިތަނުގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. ދެން މި އޮތީ ތަނުން ދޭ ހިދުމަތުގެ ވާހަކަ އެވެ. ސްޓާފުންނަށް ތިބެނީވެސް ވަރަށް ހިތްހެޔޮ، މޫނުމަތިން ހަމަ އެންމެ މިނެޓަކަށް ވެސް ހިނިތުންވުން ނުފިލާ ޒާތުގެ ޒުވާން އަންހެންކުދިންކޮޅެކެވެ. ދިވެހިން ނޫންކަމުގައި ވިޔަސް ދިވެހި ބަހާއި ދިވެހިކެއުން ވެސް ގިރައި ބޮއެގެން ތިބި ކުދިންނެވެ.  

ކުރުކޮށް ބުނަނީ ނަމަ، ހުޅުމާލެއިން ރަނގަޅު ވައިބްއެއްގެ، އަގުހެޔޮކޮށް، ގޭގެ ރަހަތަކާ ވާދަކޮށްލެވޭ ނުވަތަ އެއަށް ވުރެ ވެސް ރަނގަޅު ދިވެހި ކެއުންތަކެއް އަޖުމަބަލާލަން ބޭނުންނަމަ ކޭލަ ބީޗް ވަރެއް ނެތެވެ. ގޭގަ ކައްކަން ފޫހި ދުވަހެއް ނުވަތަ މީރު އެއްޗެއް ކާލާހިތުން އުޅޭ ދުވަހެއްގައި މިތަން އަޅެ ޓްރައި ކޮށްލަ ބަލާށެވެ.

ދެ ވަނަ ފަހަރަށް ދާން ބޭނުންވާނީ މަ ހުރިތާކުން މަ ވެސް ހޯދައިގެންނެވެ. ނުވަތަ ދަންނަހާ ބަޔަކު ގޮވައިގެންނެވެ.

ނޫނެކެވެ. މިއީ ހަމަ އެއްގޮތަކަށް ވެސް ކޭލަ ބީޗުގެ ވެރިން ބުނެގެން ލިޔެފައި އޮތް ރިވިއުއެއް ނޫނެވެ.

އެކަމަކު މި ރިވިއު ލިޔެފައި އެތަނުގެ ފޮޓޯކޮޅެއް ނަގާލަން ދިއުމުން އެތަނުގެ ވެރިން ކުރީ މި ސުވާލެވެ.

"ތިޔައީ ޕޭއިކުރަން ޖެހޭ ރިވިއުއެއް ހެއްޔެވެ؟"

ނޫނެކެވެ. އެކަމަކު މިއީ ޕޭއިކުރަން ޖެހޭވަރުގެ ރިވިއުއެކެވެ. ނުވަތަ ކޭލަ ބީޗަށް ގޮސް 'ޕޭއިކުރަން' މީހުން ބޭނުންވާ ކަހަލަ ރިވިއުއެކެވެ.

މިއީ އޮނެސްޓް ރިވިއުއެކެވެ. ޕޭއިކުރަން ޖެހޭ ރިވިއުއެއް ނޫނެވެ.

އެހެންވީމަ ކިޔުންތެރިން ހޮވާށެވެ؛ ދެން ދާންވީ ކޮން ކެފޭއަކަށް ހެއްޔެވެ؟