މީގެ ތިން އަހަރު ކުރިން ސ. މީދޫ އަށް ކުރި ދަތުރެއްގައި އެ ރަށުގެ ހީވާގި ޒުވާން ދަނޑުވެރިޔާ، އަބްދުﷲ ރަމްޒީއާ ބައްދަލުވިއިރު އެ ދުވަހު ވެސް އޭނާ އެންމެ ފަހުރުވެރިކަމާ އެކު ދެއްކި އެއް ވާހަކަ އަކީ މި ކޮފީގަހެއްގެ ވާހަކަ އެވެ. ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ފޯދި ކޮފީ އަޅާނެ ގަސްތަކެއް އޭނާގެ ދަނޑުގައި ކާމިޔާބުކުރާނެ ވާހަކަ އެވެ.

މިއަދު ގުޅާލިއިރު ވެސް ރަމްޒީގެ އެ އަޒުމަކަށް ބަދަލެއް ނާދެ އެވެ. އަދި މިއަދަކީ ޒުވާން ދަނޑުވެރިޔާގެ ހަޔާތުގައި އަނެއްކާވެސް 'މައިލްސްޓޯނެއް' ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މީގެ ހަތަރު އަހަރު ކުރިން އޭނާ ފެށީ 'ކޮފީ ޕްރޮޖެކްޓް' ގައި ގަސްތައް ފޯދި އޭގައި މާ އަޅައި އެ މާތައް ކޮފީބީންސްތަކަށް އެ ވަނީ ބަދަލުވެފަ އެވެ.

"އެންމެ ފުރަތަމަ ކުދި ގަސްތަކެއް އަޅުގަނޑު ގެނައީ ޕާކިސްތާނުން. ނަމަވެސް އެ ފަހަރު ގެނައި ގަސްތައް ރަނގަޅަށް ރޯވާގޮތް ނުވީމަ ދެން ގެނައީ ސްރީ ލަންކާ އިން 10 ގަސް. އޭގެ ތެރެއިން މިހާރު ދަނޑުގައި ހެދި ފޯދިފައި އެ ވަނީ ހަތް ގަސް،" ފޯނުން ވާހަކަ ދައްކަމުން ރަމްޒީ ބުންޏެވެ.

އޭނާ ބުނީ މި ކޮފީ ގަސްތައް އިންދަން ހިތުލިއިރު ވެސް އޭނާގެ އޮތް 'ޑްރީމް' އަކީ "ކޮމާޝާލް" ކުރެވޭ ވަރުގެ ކޮފީ ދަނޑެއް އިންދުމެވެ.

"ކޮމާޝަލް ސްކޭލްގައި ކޮފީ އިންދުން އަޅުގަނޑުގެ ޑްރީމްއަކީ އަބަދުވެސް. މިހާރު އޭގެ އެންމެ ބޮޑު މަސައްކަތް މި ވަނީ ކާމިޔާބުވެފައި. އެއަށް ފަހު މި ގަސްތަކުގެ ގޮފިތަކުގައި ފަސްބަނދެ މި ގަސްތައް ގިނަކުރުމުގެ މަސައްކަތް ވެސް ފަށައި އެކަން ވެސް ކާމިޔާބުވަމުން މި ދަނީ،" ރަމްޒީ ކިޔައިދިނެވެ.

އެކަމަކު އޭގެ ކުރިން ޓެސްޓުކުރިން އޮތީ "ޒުވާން ދަނޑުވެރިޔާ" ގެ ކޮފީ އެވެ. ދަނޑުގައި މިހާރު ބޮޑުވަމުން އަންނަ ކޮފީބީންސްތަކުން ކޮފީއެއް ގިރާލެވޭވަރުވާނީ އަދި ހަތް މަސް ފަހުންނެވެ.

"މިގޮތަށް މާ ފޮޅޭތާ ހަތް މަސް ދުވަސް ފަހުން ރަނގަޅަށް ދޮންވާނީ މި ބީންސްތައް. ދެން އޮތީ މީގެ އަޖުމަބަލައިލުން އަވީ ލައިގެން ހިއްކައިގެން މުގުރައިގެން ކޮފީގެ ގޮތުގައި،" ރަމްޒީ ބުންޏެވެ.

އޭނާ މަޝްހޫރުވެފައި ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތުގައި އާންމުކޮށް މީހުން ނުހައްދާ ބާވަތްތަކާއި ގަސްތައް ކާމިޔާބުކަމާ އެކު އިންދައި ނަތީޖާ ނެރެމުންދާ ތަޖުރިބާކާރެއްގެ ގޮތުގަ އެވެ. އެގޮތުން ދަނޑުވެރިކަމުގެ މި ދަތުރުގައި ރަމްޒީގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ޕްރޮޖެކްޓަކީ ޑްރެގަން ފުރުޓް ކުރިކޮޅެއް އިންދައިގެން ފެށި ޑްރެގަން ފުރުޓްގެ ދަނޑުވެރިކަން ކޮމާޝަލް ލެވެލްއަކަށް ފުޅާކުރުމެވެ.

"ނަތިން އިޒް އިމްޕޮސިބްލް. އެއީ އަޅުގަނޑު ގަބޫލުކުރާ ފިލޯސަފީ އަކީ. މަސައްކަތްކޮށްފިއްޔާމު ނުހެއްދޭނެ ގަހެއް، ނުކުރެވޭނެ ކަމެއް ނޯންނާނެ އެއްވެސް މީހަކަށް،" ދަނޑުވެރިކަމުގައި މީހުންގެ ފުރައްސާރަ އާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް ފަހު ރަމްޒީ ބުނެފައި ވަނީ މިހެންނެވެ.

ރަމްޒީގެ މި ކާމިޔާބީގައި ކުރިލައި، އައްޑޫ އިން ތުރާކުނާ ހަމައަށް ގޮފިލައި މޫލީ ގޮތަކީ ހަގީގަތުގައި ވެސް އާދަޔާހިލާފު ވާހަކައެކެވެ. އެކަމަކު ރަމްޒީ އެކަން ކުރީ ކިހިނެއް ހެއްޔެވެ؟

"އަޅުގަނޑަކީ އަބަދުވެސް ވަރަށް ގިނަ ކަންކަން ކުރަން ޝައުގުވެރިވި މީހެއް. ތަފާތު އެކި ކަހަލަ ކަންކަމަށް ޝައުގު ހުންނަ މީހެއް. އެންމެ ކުޑައިރު ވެސް އަޅުގަނޑުގެ ވިސްނުމަކީ ހުރިހާ ކަމެއް ދަސްކުރުން. ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރެވޭ ފެންވަރުގެ މީހަކަށް ވާން ބޭނުންވީ. އެ ގާބިލުކަން ހޯދަން ބޭނުންވި މީހެއް އަޅުގަނޑަކީ އަބަދުވެސް،" ރަމްޒީ ކިޔައިދިނެވެ.

"މިސާލަކަށް މަހަށް ދާން ޖެހުނަސް. އެންދަމަން ފީނަން ޖެހުނަސް ނުވަތަ ޑައިވްކުރަން ޖެހުނަސް އަޅުގަނޑު ހުންނާނީ އަބަދުވެސް ތައްޔާރަށް. މި ދަނޑު ވެސް ލިބުނީމަ މިތަން ސާފުކޮށް ލޭންޑް ޕްލޭނެއް ހަދައި މި ތަނުގައި ގެއެއް އަޅައި ވެލްޑްކޮށް ގަސްއިންދައި ފެންދީ، ގަހަށް ކާންދީ ގަސްތައް ކޮށައި މިތަން ސާފުކުރަން ޖެހުނަސް ހުރިހާ ކަމެއް ކުރަން އުޅޭނީ އަޅުގަނޑު."

ޒުވާން ދަނޑުވެރިކަމެއްގެ ކުރި މުޅި ރާއްޖޭގައި އިންދައިފި

ހަގީގަތަކީ މި އެވެ؛ ރަމްޒީ މޮޔަވީ ތަފާތު ދަނޑުވެރިކަމެއް ކުރާށެވެ. އެތައް ދުވަހެއް ވަންދެން ބޮލުގައި އިންދައި ފެންދިން ހުވަފެން ހަގީގަތަކަށް ހަދާށެވެ.

"އަޅުގަނޑަކީ އަބަދުވެސް ވަރަށް ބޮޑެތި ހުވަފެން ބަލާ މީހެއް. މި ދަނޑު ލިބިގެން ވެސް ބެލި ހުވަފެންތައް ބޮޑުކަމުން އެއްވެސް މީހަކު ގަބޫލެއް ނުކުރޭ މިކަން ކާމިޔާބުކުރެވިދާނެ ކަމަކަށް،" ހީގެންފައި ރަމްޒީ ބުނެލި އެވެ.

"ވަރަށް ގިނަ މީހުން ބުނި ގިނަވެގެން ހައެއްކަ މަހޭ، އެއް އަހަރޭ ވާނީ ތިކަމުގައި. ވަރުބަލިވެގެން ފޫހިވެގެން ތިކަން ހުއްޓާލާފައި ހިނގާދާނެއޭ. ޒުވާނަކަށް ކޮން ދަނޑުވެރިކަމެއް ހެއްޔޭ ކުރެވޭނީ. ރަނގަޅު އާމްދަނީއެއް ވެސް ލިބޭނެ ކަމެއް ނޫނޭ ތިއީ."

އެއީ ކުށް ހީތަކެއްކަން ރަމްޒީ ސާބިތުކޮށްދިނީ ނުއިންދޭނެ ކަމަށް ބުނި ގަސްތައް އިންދައި، އެ ގަސްތަކުން މޭވާ ކަނޑައި މުޅި ރަށަށް އެ މޭވާގެ ފޮނިކަން ދައްކައިގެންނެވެ. މިއަދު ރަށުގެ ވަރަށް ގިނަ ގޭގޭގައި މޭބިސްކަދުރު ގަސްތައް އިންދައި އެ ގަސްތަކުން މީހުން މޭވާ ކަމުންދާއިރު އެއީ މުޅިން ވެސް ރަމްޒީގެ ދަނޑުން ކޮށި ކުރި އެވެ. ޑްރެގަން ފުރުޓް ދަނޑުން ވެސް ކުރިތައް ކޮށައި ބަންދުކޮށް އެ ކުރިތައް ރާއްޖޭގެ އެކި ރަށްތަކުގައި ތިބި މީހުންނަށް ފޮނުވުމުގައި އޭނާ އެ އުޅެނީ އަވަދިނެތި އެވެ. 

ރަށްރަށުގައި އާންމުންނާއި ސްކޫލް ކުދިންނަށް ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގައި ނޭވާނުލަ އެވެ. ބޮޑެތި ރިސޯޓުތަކުގައި ޝެފް ގާޑެން އާއި ގްރީންހައުސް ފާމިން ތަރައްގީކޮށް ބެލެހެއްޓުމުގައި އަވަދިނެތި އެވެ. އަދި ދެ މިލިއަން ރުފިޔާގެ ގްރީންހައުސް ޕްރޮޖެކްޓެއް ފަށައިގެން އަމިއްލަ ބްރޭންޑެއް ޑިޒައިންކޮށް ޕްރިންޓްކޮށް، ފޮށިފޮށީގައި މޭވާ އާއި ތަރުކާރީ ބަންދުކުރަން ތައްޔާރުވަނީ އެވެ.

އޭނާ އެ ދަނީ، މަސައްކަތްކުރާ މީހަކަށް ހުވަފެނަކީ ބިލާހެއް ނޫންކަން ސާބިތުކޮށްދެމުންނެވެ.