މެރިހާނާ

ނަޑައްލާ އަށް ގޮސް ހައިވެއްޖެ، ބަސްބޫސާގައި ބަސްހުއްޓިއްޖެ

ހައިވަމުން ދިޔަ ބަނޑުފުރަން ގޮސް ވަންނާނެ ހޮޓަލެއް މުޅި ރަށް ކުޑަކޮށްލެވުނުއިރު ވެސް ފެންނަގޮތެއް ނުވި އެވެ. އަދި ދެ ތިން މީހަކާ ވާހަކަ ދައްކާލުމުން މި ރަށުގައި ސައިހޮޓަލެއް، ކެފޭއެއް ނުވަތަ ރެސްޓޯރެންޓެއް ވެސް ނެތްކަން ޔަގީންވެއްޖެ އެވެ. ދެން ފެނުނީ ބަސްބޫސާ އެވެ.

 ނަޑައްލާ އަށް ގޮސް ހައިވެއްޖެ، ބަސްބޫސާގައި ބަސްހުއްޓިއްޖެ
އަހްމަދު ނަދީމް

އަހްމަދު ނަދީމް

· 24 ސެޕްޓެމްބަރު 2026

8 މިނެޓު

ހޭ ނަކަތުގެ ވަޔާއި ކެރިގަނޑުގައި އެމްޓީސީސީގެ ފެރީ ކެންސަލްވެއްޖެ އެވެ. ޑިންގީއެއް ހަމަޖެހިއްޖެއޭ ބުނެގެން ގޮސް ކަކޫތާ ފެނަށް ފޭބިއިރު އެ އުޅެނީ އޭގެ ތަޅުދަނޑި ގެއްލިގެންނެވެ. ކައްޕިތާނު އެހެރަގެން ކޮނޑުއޮތް ފުރޯ ވަލުން ހޯދަނީ އެވެ. ރަތްދަކަ އަވީގެ ދޯދިތައް ހަންގަނޑު ތޮރުފަނީ އެވެ.

އެންމެފަހުން އޭނާގެ ދަބަސް ތެރެއިން ތަޅުދަނޑި ނަގައި ހިނިގަނޑަކާ އެކު އިންޖީނު ރޯކޮށް ލޮނުގަނޑު ކަފަމުން އަހަރެން ގޮވައިގެން ނައްޓާލައިފި އެވެ.

ގދ. ރަތަފަންދޫން ނުކުމެ ފަޅުތެރެއިން ގޮސް ވިއްސަކަށް މިނެޓު ތެރޭގައި ނަޑައްލާ އަށް ވަދެވިއްޖެ އެވެ. އަދި ތޮށިގަނޑު މައްޗަށް ފޭބިތަނުން ސައިކަލުގައި ދިޔަ މީހަކު ހަނާ އަޅައިގަތެވެ. އެކަމަކު މި ރަށުގައި އަހަރެންގެ ރައްޓެއްސަކު ނޫޅޭނެ އެވެ. އެހެންވީމަ އެއީ ދުވަހު ކުއްޔަށް ނަގަން ގުޅި ކޮޓަރި ހަމަޖައްސައިދޭން ބުނި މީހާކަން އެ ހިސާބުން ޔަގީންވެއްޖެ އެވެ.

ބުރަކަށީގައި ތަތްވެގެން އޮތް ދަބަސްގަނޑު ނަގައި ކޮޓަރި ތެރެއަށް ހޫރާލިގޮތަށް ނަޑައްލާގެ ރަށު ތެރޭގައި އޮތް ނަލަކަން ބަލައިލުމަށް ނުކުމެއްޖައީމެވެ. ކުޑަ ކުޑަ މި ރަށުގެ ޖައްވުގައި އޮތް ސުލްހަ މަސަލަސްކަމާއި ގުދުރަތީ ވެށީގެ ޗާލޫކަމާއި ސާފުތާހިރުކަން އިސާހިތަކު ހިތަށް ވަދެ ފުރާލައިފި އެވެ.

އެކަމަކު ހައިވަމުން ދިޔަ ބަނޑުފުރަން ގޮސް ވަންނާނެ ހޮޓަލެއް މުޅި ރަށް ކުޑަކޮށްލެވުނުއިރު ވެސް ފެންނަގޮތެއް ނުވި އެވެ. އަދި ދެ ތިން މީހަކާ ވާހަކަ ދައްކާލުމުން މި ރަށުގައި ސައިހޮޓަލެއް، ކެފޭއެއް ނުވަތަ ރެސްޓޯރެންޓެއް ވެސް ނެތްކަން ޔަގީންވެއްޖެ އެވެ.

އެ ދުވަހުގެ ބްރޭކްފާސްޓު ދިނީ ކައުންސިލުގެ ކެންޓީނުންނެވެ. އަދި ހަވީރުގެ ސަޔަށް ދާންވީ މަގުޗާޓު ވެސް ކުރަހައިދިނީ ކައުންސިލުގެ ކެންޓީނުންނެވެ.

ނަޑައްލާގެ ރީތިކަމުގައި ހައިވެފައި ވަނިކޮށް 'ބަސްބޫސާ' ތައާރަފުވި ގޮތަކީ މި އެވެ. އެއީ މި ރަށުގައި ހާރަކަސް ތަރާވީހަކަސް ހުރި ހަމައެކަނި ސައިބޯ ތަނެވެ. އެކަމަކު އެތަން ވެސް ހުޅުވަނީ ހަވީރު ސަޔަށް އެކަންޏެވެ. އަދި އަހަންނަށް ގޮސް ވަދެވުނުއިރު ހެދިކާ އެހެރީ އެއްކޮށް ހުސްވެފަ އެވެ.

"ނޫނޭ ހެދިކާ ހުހެއް ނުވާނެ. ބޭނުންވާ އެއްޗަކަށް އޯޑަރުކޮށްލީމަ އަޅުގަނޑު މި އަންނަނީ ވަގުތުން ތައްޔާރުކޮށްލައިގެން"

އެ އިވުނީ ބަސްބޫސާގައި ހުރިހާ އެއްޗެއް ތައްޔާރުކުރާ އިލްހާމް ޒުބެއިރުގެ އަޑެވެ. އަދި އިރުކޮޅެއް ނުވަނީސް ހޫނު ހެދިކާގެ ތަށިތައް ގެނެސް މޭޒުމަތީގައި އޭނާ އަތުރަން ފަށައިފި އެވެ. އަދި ތެލުލައި މީރުކުރަން ފެށި ވާހަކަތަކާ އެކު ބަސްބޫސާގައި އަހަރެން ހަމަ ރަނގަޅަށް ވެސް ބަސްހުއްޓިއްޖެ އެވެ.

"ދަމު ނަމާދަށް ހޭލާ ގޮތަށް ފަތިސް ނަމާދުކޮށްގެން އެ ފަށައިގަންނަ ގޮތަށް އިރުއޮއްސި ރޭގަނޑު 11 ޖަހާއިރު ގިނަ ދުވަސް ދުވަހު އަޅުގަނޑަށް ނޭވާ ލެވޭނީ،" އިލްހާމް ފަށައިގަތީ މި އިންޓަވިއު އަށް ވެސް ވަގުތުކޮޅެއް ހުސްނުކުރެވިގެން އުޅޭ ސަބަބު އޮޅުން ފިލުވައި ދެމުންނެވެ.

ކަމެއްނުކޮށް އަނގަތަޅަން އިންނާނެ ވަގުތެއް އޭނާގެ އަތުގައި ހަގީގަތުގައި ވެސް ނެތެވެ. މިވަގުތު ވެސް، އަދިވެސް އޭނާ އެ އުޅެނީ ހެދިކާގެ ބާވަތްތައް ފިހެ ތެލުލުމުގަ އެވެ. މީހުންގެ އޯޑަރުތައް ތައްޔާރުކޮށް ތަރުތީބުކުރުމުގަ އެވެ. މޭޒުމަތީގައި ތަށިތައް އަތުރައި އެ މޭޒުމަތިން ތަށިތައް ނަގައި މުޅިތަން ފޮޅައި ސާފު ކުރުމުގަ އެވެ.

ހެދިކާތައް ހުސްވީމަ އަނެއްކާވެސް ދެން އެ ދުއްވައިގަންނަނީ ހޫނު ހެދިކާގެ ބޮނޑިވަރެއް ތައްޔާރުކުރާށެވެ.

"މުޅި ދުވަހަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްފަހަރާ އެއް ވަގުތެއްގަ ތައްޔާރުކުރަނީއެއް ނޫނޭ. ބޭނުންވާ ހުރިހާ އެއްޗެހި ކޮށައި މޮޑެފައި ހުއްޓަސް ތައްޔާރުކޮށްލާނީ މީހަކު އައިސް އޯޑަރު ދިނީމަ. އެހެންވީމަ ކޮންމެ ދުވަހަކުވެސް މިތަނުން ލިބޭނީ ހޫނުކަންމަތީގައި ހުންނަ ކާ އެއްޗެހި،" އިލްހާމް އޭނާގެ ކެފޭގައިވީ ތާޒާކަމުގެ ޔަގީންކަން ދިނީ މިހެންނެވެ.  

"މިތަނުގައި ހުންނަ ބާވަތްތައް ހުސްވަމުންދާ ވަރަކަށް އަޅުގަނޑު ދާނީ އޭގެ އިތުރު ބާވަތްތައް ތައްޔާރުކުރަމުން. ދެން މިހެން އުޅެފައި ގެއަށް ގޮސް ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކޮށްފައި އަނެއްކާވެސް ފަށާނީ މިތަނަށް ބޭނުންވާ އެއްޗެހި ތައްޔާރުކުރަން"

"އެހެންވީމައޭ ވަގުތެއް ނުވެގެން މި އުޅެނީ"

"މަސައްކަތެއް ނުކޮށް ހުންނަން ޖެހިއްޖެ ނަމަ އަޅުގަނޑު ހީވާނީ ބަލިވެގެން ގޮސް މަރުވެދާނެހެން. ޗުއްޓީއެއްގައި މާލެ ދިޔަޔަސް އެއް ތަނެއްގައި މަޑަކުންނެއް ނުހުރެވޭނެ އަޅުގަނޑަކަށް. މާލެ އަށް ގޮސް ހުންނަ ގެއެއްގައި ވެސް ހުރިހާ ކަމެއް ކުރާނީ އަޅުގަނޑު."

މިހެން ބުނެފައި ވަރަށް ފަސޭހައިން އިލްހާމަށް ހެވިއްޖެ އެވެ. އަދި އޭނާގެ ވާހަކަ އަޑުއަހަން އިން ކޮންމެ މީހަކަށް ވެސް ހީވާނީ އޭނާގެ ކޮންމެ ދުވަހަކީ ވެސް ވަރަށް ފަސޭހަ ދުވަހެއް ކަމަށެވެ. ނަމަވެސް 54 އަހަރުވީ އޭނާގެ ދިރިއުޅުން މިހިސާބަށް ގެނެސްދިން އުޅުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫނެވެ.

ކޮންމެ ދުވަހަކުވެސް އޭނާ ނަގައިދެމުން އެ ދަނީ ތަރުތީބާއި އަހުލާގާއި މުރާލިކަމުގެ މާސްޓަކްލާހެކެވެ.

"އެންމެ ކުރިން އަޅުގަނޑު ކުރި މަސައްކަތަކީ ފެހުން. އޭރު މި ރަށުގައި އެންމެ ގަދަ އަށް ހެދުން ފަހައި ދިން މީހަކަށް ވާނެ އަޅުގަނޑު،"

ރަށުގައި ނެތް ވަރުގެ ފެހުންތެރިޔަކަށް ފުރާވަރުގައި ބަދަލުވެގެން ދިޔަ ސަބަބު ވެސް އޭނާ ކިޔައިދިނެވެ.

"އެއީ އަޅުގަނޑު ސްކޫލަށް ކިޔަވަން ދިޔަ ދުވަސްވަރުވީމަ ދަސްކުރި އެންމެ ފުރަތަމަ މަސައްކަތަށް ވާނީ ޔުނީފޯމަށް ބެޖު ތައްޔާރުކުރުން. އަޅުގަނޑުގެ ޔުނީފޯމުގައި އަޅާނެ ބެޖެއް އަމިއްލަ އަށް ތައްޔާރުކުރިއިރު ވާނީ ނުވަ އަހަރު. އަތު ތިނޯހަކުން އޭގެ ހަތް ބެޖު އަޅުގަނޑުގެ މި ދެ އަތުން ގަތަމުން ދިޔަ ގޮތް މިހާރު ވެސް ހަނދާނުގައި އެބަހުރި،" އިލްހާމް ބުނެލި އެވެ.

"އޭގެ ފަހުން، ޖެހިގެން އަންނަ ކޮންމެ އަހަރަކު ވެސް ކުރަން ފެށި މަސައްކަތަކީ ބެޖު ޖަހައި ތައްޔާރުކުރުމުގެ މަސައްކަތް. އެގޮތުން ކޮންމެ އަހަރެއްގެ ސްކޫލް ހުޅުވޭ އިރަށް އަޅުގަނޑު ހުންނާނެ ގާތްގަނޑަކަށް 500-600 ބެޖު އެގޮތަށް ތައްޔާރުކޮށްފައި"

"ދެން އެގޮތަށް އުޅެމުން ގޮސް އެންމެފަހުން ފެހުމުގެ ތެރެއަށް ވަދެވިއްޖެ. އޭރު އުމުރުން ވާނީ 13 ވަރަކަށް އަހަރު،" އެ ފެށިގޮތަށް އުމުރުން 30 އަހަރު ވަންދެން އާމްދަނީ ހޯދުމަށް އޭނާ ކުރި ރަސްމީ މަސައްކަތަކީ ފެހުމެވެ.

އެންމެފަހުން އެ މަސައްކަތާ ދުރަށް ދާން ޖެހުނީ މައިބަދައިގައި ރިއްސައިގެން ޑޮކްޓަރަށް ދެއްކުމުން ދިން ލަފާތަކާ ގުޅިގެންނެވެ. ދުވާލުދާ ހަތަރު ދަމު އިށީނދެ އިނުމުގެ ސަބަބުން މައިބަދަ އަށް ގެއްލުންވެ ބަދައަށް މަސްއެރީ އެވެ.

"އެކަމަކު އަޅުގަނޑު މިއީ އެއްވެސް ދުވަސްވަރެއްގައި، މަސައްކަތެއް ނުކޮށް ހުރި މީހެއް ނޫން. އަބަދުވެސް ކޮންމެވެސް ކަމެއް، ކޮންމެވެސް މަސައްކަތެއްގެ ތެރޭގައި އަވަދިނެތި އުޅޭނީ،" މިހެން ބުނެފައި އޭނާ ދެން ފަށައިގަތީ ކާ އެއްޗެހި ތައްޔާރުކުރުމުގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދޭށެވެ.

"ހެދިކާ ތައްޔާރުކޮށް ނުވިއްކާ ހަނދާނެއް ނެތް. އެކަމަކު މިގޮތަށް ފެށުމުގެ ކުރިން މަސްމިރުހާއި ލިނުމިރުސް ވެސް އެކި ފާޑުފާޑަށް ތައްޔާރުކޮށް ވިއްކައި އުޅުނިން. އަޅުގަނޑު ތައްޔާރުކުރާ ކުޅިކާޖާ އާއި ކުދިގުޅަ މީރުވެގެން ވަރަށް ގިނައިން ރިސޯޓްތަކުން ވެސް އޯޑަރު ލިބޭނެ ޑަބިޔާ ބަޑިޔާތަކަށް."

ނަމަވެސް އިލްހާމް ބުނީ އޭރު އޭނާ މަސައްކަތްކުރި ބަދިގޭގެ ކެޕޭސިޓީ ހުރިގޮތުން އޯޑަރުގެ ޑިމާންޑަކަށް ކޭޓާއެއް ނުކުރެވުނެވެ. އެހެން އުޅެނިކޮށް ޒަވާޖީ ހަޔާތަށް ކުދިން ލިބި އިތުރު ޒިންމާތައް ކޮނޑާއި ބޮލުގައި އެޅުމުން ދިރިއުޅުމުގެ ބުރަ ކުރިއަށް ވުރެ ވެސް ބޮޑުވެއްޖެ އެވެ. އެހިސާބުން ދެން އޭނާ ނުކުތީ ކުރިއަށް ވުރެ ވެސް ބޮޑު އަޒުމެއްގަ އެވެ.

އެ ވާހަކަތައް އޭނާ ކިޔައިދިނީ މިހެންނެވެ.

"ކުދިން ލިބިގެން އެ ކުދިންގެ ސިއްހަތާއި ތައުލީމަށް ދޭން ޖެހުނު އިސްކަމުގެ ތެރެއިން އަޅުގަނޑު އޭރު ބަދަލުވީ ތިނަދޫ އަށް. އެގޮތަށް އުޅުނުއިރު ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު އަޅުގަނޑު އެނބުރި އަންނާނީ ނަޑެލާ އަށް. ރަށަށް އައިސް، މުޅި ގޭތެރެ ސާފުކޮށް ކުނިކަހައި އެއްޗެހި ދޮވެފައި، އަޅުގަނޑު ތައްޔާރުކުރާ ހެދިކާ އާއި ކުޅިކާޖާގެ ބާވަތްތައް ހިފައިގެން އަނެއްކާވެސް އެނބުރި ދާނީ ތިނަދޫ އަށް،" ހަތަރު ކުދިންގެ މަންމަ ކިޔައިދިނެވެ.

"ތިނަދޫ އަށް ގޮސް ވެސް ދޮށީ އަންހެން ދަރިފުޅާ އެކު އެއްޗެހި ތައްޔާރުކޮށްގެން އެ ރަށުގެ ފިހާރަތަކުގައި ބަހައްޓައިގެން ވިއްކާނީ. އަޅުގަނޑުމެން ދެމައިން ވެގެން ސްކޫލް ކުދިންގެ އިންޓަވަލް ވެސް ޕެކޭޖު ޕެކޭޖަށް ތައްޔާރުކޮށްދިނިން."

އިލްހާމް ބުނީ އެ ފެންވަރުގައި ޖެއްސުމުގެ ކުރިން އޭނާ ގެންދިޔައީ ތަފާތު އެކި ކައްކާ ކޯސްތަކުގައި ބައިވެރިވެ ހުނަރުތައް މުއްސަނދިކުރަމުންނެވެ.

"ދިހަ ވަރަކަށް ޕޭސްޓްރީ ކޯސް ހަދައިގެން އަޅުގަނޑު ފެށީ ވަރަށް ގިނަ ބާވަތްތަކާ އެކު. އެކަމަކު ދެން ވެސް ޑިމާންޑަށް ކޭޓާނުކުރެވިފައި އޮތީ ފަހުން، އެހާ ވެސް ޑިމާންޑް އޮތް އެ ބާވަތްތަކަށް ތިނަދޫގެ ފިހާރަތަކުގައި އެކަނި ވެސް،" އިލްހާމް ކިޔައިދިނެވެ.

'ބަސްބޫސާ' ގެ އެ ރަހަތަކަށް ޑިމާންޑެއް އުފެދުނީ ނަޑައްލާ އާއި ތިނަދޫގައި އެކަންޏެއް ވެސް ނޫނެވެ.

"ޕޭސްޓްރީގެ ބާވަތްތައް ތައްޔާރުކޮށްފައި މި އަތޮޅުގެ ގިނަ ރަށްތަކަށް އަޅުގަނޑު ހުންނާނެ ފޮނުވާފައި. ތިނަދޫގެ އިތުރުން ރަތަފަންދޫ އާއި ފިޔޯރީ އަދި ވާދޫ އަށް ވެސް އޭރު އާންމުކޮށް އެ ބާވަތްތައް ފޮނުވިން،" އިލްހާމް ބުންޏެވެ.

"ފެރީ މަތީގައި އާންމުކޮށް ވިކި ހުސްވާނެ. ފިހާރަތަކާ ހަމަ އަށް ނުފޯރަނީސް ވިކިފައި ހުންނާނީ ހުރިހާ އެއްޗެއް ވެސް."

އޭނާގެ މި މީރު ރަހަތައް މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި ފުޑް ކާނިވަލް އަށް ވެސް ތައާރަފްކުރި އެވެ.

"ފުޑްކާނިވަލަށް އަޅުގަނޑު ދިޔައީ 16،000ރ. ގެ އެއްޗެހި ތައްޔާރުކޮށްގެން. އަޅުގަނޑު ގެންދިޔައިން 35 ވައްތަރެއްގެ ކާ އެއްޗެހި. ފުޑް ކާނިވަލްގައި ފުޑް ކެޓަގަރީން އަޅުގަނޑަށް އެފަހަރު ލިބުނު ތިން ވަނަ،" އިލްހާމް ބުނެލި އެވެ.

ރަށުގައި ތަނެއް ކުއްޔަށް ނަގައިގެން 'ބަސްބޫސާ' ހުޅުވީ އޭގެ ފަހުންނެވެ. ނަމަވެސް އިލްހާމް ބުނީ އޭނާގެ 15 އަހަރުވީ ބްރޭންޑްގެ ރަހަތަކަށް އަދިވެސް އެންމެ ބޮޑު ޑިމާންޑެއް އޮތީ އޭނާ ހިންގާ ވައިބާ ގްރޫޕުގައި ކަމަށެވެ.

"މި މެނޫ އިން އޯޑަރުކޮށްލީމަ ކޮންމެ އެއްޗެއް ވެސް ވަގުތުން ތައްޔާރުކޮށްލަދޭނަން އަޅުގަނޑު. މިސާލަކަށް ޑިސްކު މަސްހުނި ކަހަލަ އެއްޗެއް ބްރޭކްފާސްޓަށް ބޭނުންވާ މީހާ ވެސް އޯޑަރުކޮށްލީމަ ވަގުތުން އެ އެއްޗެއް ލިބޭނެ،" އިލްހާމް ގެންދިޔައީ ބަސްބޫސާގެ ވައިބާ ގްރޫޕަށް ވަދެ މެނޫގައި ހުރި އެއްޗެހިތައް ދައްކަމުންނެވެ.

ތެދެކެވެ. ކެފޭއެއް ނެތަސް 'ބަސްބޫސާ' ގެ ރަހަތައް އޭނާ އެ ގެންދަނީ ކޮންމެ ދުވަހަކުވެސް ތައްޔާރުކޮށް ހޫނުކަންމަތީގައި ސާވްކުރަމުންނެވެ. ނޫނެކެވެ. 'ބަސްބޫސާ އައިސްކްރީމް' ވެސް އެ މެނޫގައި އެބަހުއްޓެވެ. އަދި އެވެސް ދިވެހި ރަހަތަކަށް އިލްހާމް ތައްޔާރުކޮށްފައިވާ އައިސްކްރީމެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ މިއިން އެއްވެސް އެއްޗެއްގެ ރަހަ އިލްހާމް ނުބަލަ އެވެ.

"އަޅުގަނޑު މިއީ މީގެ އެއްވެސް އެއްޗެއް ކާ ހިތްވާ މީހެއް ނޫން. ސަބްމެރިން ވެސް ޝަވަރުމާ ވެސް އައިސްކްރީމެއް ވެސް ނުކަން އަޅުގަނޑެއް. ތައްޔާރުކުރާ އެއްވެސް އެއްޗެއް ކާ ހިތްވާ މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑު އެންމެ ކާހިތްވަނީ ގަރުދިޔަ އާއި ބަތާ،" މިހެން ބުނެފައި އިލްހާމް އަނެއްކާވެސް ހީގަތެވެ.

ބަސްބޫސާގައި ބަސްހުއްޓުނު ގޮތަށް އަހަންނަށް އިނދެވުނީ އެތަނުން ނުކުންނަ ހިތް ނުވެފަ އެވެ. ނަޑައްލާގައި ހައިވީއެއް ނޫނެވެ. ނަޑައްލާ އަށް ހިތް ދޫވީ އެވެ.

ޝެއަރ ކުރޭ

އިތުރު ލިޔުންތައް