އަބްދުﷲ ރަމްޒީ އޮތީ މޭބިސްކަދުރު ވެލުގެ ހިޔަލުގައި ޖައްސާލައިގެންނެވެ. ކުޑަކުޑަ ގަހެއްގެ ގޮތުގައި ވަނިކޮށް ގެނެސް ދަނޑުގައި އިންދައި ފެންދީގެން ބޮޑުކޮށް މިހާރު އެ ގަސް އެ ވަނީ ނަރުލައި ފޯދި މައްޗަށް އަރައިފަ އެވެ. ބޮޑު ވެޔޮގަނޑެއްގެ ގޮތުގައި މުޅި ސަރަހައްދަށް ފެތުރި އެ ގަހުގެ ވެރިޔާއަށް ކިޔަމަންވެ ހިޔަލާއި މޭވާ ދީގެންނެވެ. އޭގެ ގޮފިތަކުން ނުކުމެފައިވާ މޭބިސްކަދުރު ކޯޅިތައް ފެހިކުލަތަކުން ދަނބުކުލަތަކަށް ބަދަލުވެ ދޮންވެ ފައްކާވަނީ އެވެ.
ބަޅިނދާއި ކޮކާތައް މި ގަހުގެ މާތަކުން ފޮނިބޮމުން މައްލަވަކޮށް އުދުހި ބުރުޖަހަމުން ގެންދާ މަންޒަރު ބަލަން ރަމްޒީ ހިތްފުރާލައިގެން އޮތްއިރު އެ މަންޒަރު އެންމެ ވައްތަރީ ޅެންވެރިޔަކު ސިފަކޮށްދޭ ސުވަރުގެއެއްގެ އުފާވެރި ބަގީޗާއަކާ އެވެ.
އެތަނުގައި ވަނީ ދޮންވެ ފައްކާވަމުންދާ މޭބިސްކަދުރު ކޯޅިތައް އެކަންޏެއް ނޫނެވެ. ވައްތީންޏާއި ކުލަކުލައިން ދޮންވެ ފައްކާވެފައިވާ ފޭރާއި އަލަނާސީގެ މޭވާ އެވެ. ހަތަރު ކުލައިގެ ޖަނބުރޯލު އަޅާފައިވާ ގަހަކާއި ވިލާތުކުންނާރު ޖަހައި ރަތްކުލައިން ގޮފިތައް ކަޅިކޮށްލާފައިވާ ހިތްގައިމުކަމެވެ. އަދި ވަށައިގެން ފެންނަން އޮތީ ޕިތާޔާ ނުވަތަ ޑްރެގަން ފުރުޓްގެ ފޮނި މީރުކަމެވެ.
ރަމްޒީ އޮތީ އޭނާގެ މި ފޮނި، ފިނި ހިޔަލުގައި ހަމަ ރަނގަޅަށް ވެސް މޮޔަވެފަ އެވެ. އަދި ވައު ހެދިފައި އޮތް މި ޖަންގަލި، މީގެ ހަތަރު އަހަރު ކުރިން ކޮށައި ސާފުކޮށް 'ޒުވާން ދަނޑުވެރިޔާ'ގެ ނަމުގައި ފެށި މި މަސައްކަތުގައި ވެސް އެންމެ ފުރަތަމަ ގޮސް އޭނާ ފެތުނީ 'މޮޔައެއް'ގެ ގޮޅިއަށެވެ.
މޭބިސްކަދުރާއި ޑްރެގަން ފްރުޓުން ތަފާތު ދަނޑުވެރިކަމެއް ކުރަން އޭނާ ނުކުތުމުން އެކަންވީ ހަމަ އެންމެނަށް ވެސް ވަރަށް މޮޔަ ކަމަކަށެވެ.

ރަމްޒީގެ މޭވާ ދަނޑުގައި ހައްދާފައި އޮތް މޭބިސްކަދުރު ވެލުގައި މޭވާ އަޅައި ދޮންވެ ފައްކާވަނީ.

ރަމްޒީ މި ގަސް އިންދަން ފެށުމުން ވަރަށް ގިނަ މީހުން ބުނީ އެއީ މޮޔަކަމެކޭ.

"އަޅުގަނޑު މި ގްރޭޕްސް ގަސް އިންދީމަ ވެސް ވަރަށް ގިނަ މީހުން ބުނި އަޅުގަނޑަކީ މޮޔައެކޭ. ދިވެހިރާއްޖޭގައި ކާކަށް ހެއްޔޭ މޭބިސްކަދުރު ތިގޮތަށް ހެއްދުނީ؟ މިގޮތަށް ޑްރެގަން ފްރުޓް ހައްދަން ފެށީމަ ވެސް އެންމެން ބުނީ މޮޔަ ކަމެކޭ ތިކުރަނީ. ކިހިނެއް ހެއްޔޭ ތިހެން ޑްރެގަން ފްރުޓް ހައްދާނީ؟" އަމާޒުކުރި މި މަލާމާތާއި މީހުން އުފެއްދިހާ ސުވާލެއް ރަމްޒީއަށް ދިނީ އިތުރު ހިތްވަރެކެވެ.
އަދި އެ މަލާމާތް އޭނާ ބަދަލުކޮށްލީ ރާއްޖޭގެ ދަނޑުވެރިކަމުގައި ދުވަހަކުވެސް ނުލިބޭ ވަރު ފޮނި މޭވާއަކަށެވެ.
"އެހެންވީމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ މިތަނުގައި މިހެން މި ޖޯލީގައި އޮށޯވެލައިގެން އޮންނައިރު މި ގްރޭޕްސް ގަހުގައި ގްރޭޕްސް އަޅައި ދޮންވެ ފައްކާވަމުންދާ މަންޒަރު ފެނުނީމަ،" ރަމްޒީ ބުނެލި އެވެ.
އުމުރުން 40 އަހަރުގައި، އޭނާ އަކީ މިއަދު މުޅި ރާއްޖެއަށް މަޝްހޫރު 'ޒުވާން ދަނޑުވެރިޔާ' އެވެ. ހަތަރު އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އޭނާ އަކީ މި ވަގުތު ރާއްޖޭގައި ދަނޑުވެރިކަންކުރާ އެންމެ މަގްބޫލު މޫނުގެ އިތުރުން ދަނޑުވެރިކަމުގައި އެންމެ ޑިމާންޑް ބޮޑު ތަޖުރިބާކާރު ވެސް މެ އެވެ. ރާއްޖޭގެ އެންމެ މުއްސަނދި ރިސޯޓްތަކުން ފަށައިގެން މީހުން ދިރިއުޅޭ އާބާދުތަކުގައި ވެސް ދަނޑުވެރިކަމުގެ ކާމިޔާބު މުޑުވަކެއް ރޯކުރުމަށް މިހާރު ބޭނުންވާ ފުރަތަމަ އެހީ އަކީ މި ޒުވާން ދަނޑުވެރިޔާ އެވެ.
ރަމްޒީގެ މި ކާމިޔާބީގައި ކުރިލައި، އައްޑޫ އިން ތުރާކުނާ ހަމައަށް ގޮފިލައި މޫލީ ގޮތަކީ ހަގީގަތުގައި ވެސް އާދަޔާހިލާފު ވާހަކައެކެވެ. އެކަމަކު ރަމްޒީ އެކަން ކުރީ ކިހިނެއް ހެއްޔެވެ؟
މަލާމާތާއި ފުރައްސާރައިގެ ތެރޭގައި އޭނާ އިންދި ގަސް ފޯދި، މިހައި ފޮނި މޭވާއެއް އެ ގަހުގައި އެޅުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

ރަމްޒީ އޭނާގެ ޑްރެގަން ފުރުޓް ދަނޑުގައި ކުރިތައް ބަލައިލަނީ.

ރަމްޒީގެ ޑްރެގަން ފުރުޓް ގަހެއްގައި މޭވާ އަޅައި ދޮންވަނީ.

މަލުން ސެޓުކުރި ހުވަފެން
ފުރާވަރަށް އަރައިގެން އައިއިރު ރަމްޒީގެ ލޭގައި އެންމެ ގަދައަށް ހިނގީ ފުޓްބޯޅައިގެ ފޯރި އެވެ. ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމުގެ ހުނަރާއި ގާބިލުކަން އޭނާގެ ކިބައިގައި ހުއްޓެވެ. ގައުމީ ޓީމާ އެކު އެކި އުމުރުފުރާތަކުގައި އޭނާ ދިޔައީ އެކަން ސާބިތު ވެސް ކޮށްދެމުންނެވެ. ކްލަބް ވެލެންސިއާ އިން ފަށައިގެން އައިއެފްސީގައި ވެސް މޮޅަށް ކުޅުނެވެ.
"ނަމަވެސް ފުލްޓައިމްކޮށް ފުޓްބޯޅަ ކުޅުމަކީ މާލޭގައި ދިރިއުޅޭ ވަރުގެ އާމްދަނީއެއް ލިބޭ ކަމެއް ނޫން ދިރިއުޅުމެއް އުޅެން ބަލާއިރު،" ރަމްޒީ ކިޔައިދިނެވެ.
މާލޭ އިންގްލިޝް ސްކޫލުން ކިޔަވައި ނިމިގެން ފުޓްބޯޅަ ކުޅެން އުޅުނުއިރު ދިރިއުޅުން ދެކޮޅުޖައްސަން އޭނާ ދެން އަދާކުރީ ގްރެފިކް ޑިޒައިނަރެއްގެ ވަޒީފާ އެވެ. އޭނާ އުޅުނީ އެތަންމިތަނުގަ އެވެ. އެކަމަކު އަބަދުވެސް އެ ޒުވާން ދިރިއުޅުން ކޮޅަށް ޖަހާނެ ފޯމިއުލާއެއް ފައްކާކުރުމުގެ ހިޔާލު ބޮލަށް ލައިގެންނެވެ.
"އެހެން އުޅެފައި ފުޓްބޯޅަ ކޯޗިން ކޯހެއް ހެދީ. އެ ވެސް އިތުރު އާމްދަނީއެއް ހޯދަންވެގެން. އެކަމަކު އެންމެފަހުން އެހެން އުޅެފައި ބަދަލުވީ ރަށަށް،" ރަމްޒީ ކިޔައިދިނެވެ.

ރަމްޒީ ފުޓްބޯޅަ މުބާރާތެއްގައި ކުޅެނީ: އޭނާ އަކީ ހުނަރުން ފުރިފައިވާ ޒުވާނެއް. (ދައުރު ފޮޓޯ)
އުފަން ރަށް. ސ. މީދޫއަށް ބަދަލުވެ އޭނާ ވަޒީފާ އަދާކުރަން ފެށީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގައި ސްޕޯޓްސް ކޯޑިނޭޓަރެއްގެ ގޮތުގަ އެވެ. އޭރު އުމުރުން ގާތްގަނޑަކަށް ބާވީހަކަށް އަހަރެވެ. އެކަމަކު އޭރު ވެސް އޭނާގެ ހިޔާލާއި ހުވަފެނުގެ ތީރުތައް އުކަމުން ދިޔައީ ސީދާ ހަނދަށެވެ.
"އަޅުގަނޑަކީ އަބަދުވެސް ވަރަށް ގިނަ ކަންކަން ކުރަން ޝައުގުވެރިވި މީހެއް. ތަފާތު އެކި ކަހަލަ ކަންކަމަށް ޝައުގު ހުންނަ މީހެއް. އެންމެ ކުޑައިރު ވެސް އަޅުގަނޑުގެ ވިސްނުމަކީ ހުރިހާ ކަމެއް ދަސްކުރުން. ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރެވޭ ފެންވަރުގެ މީހަކަށް ވާން ބޭނުންވީ. އެ ގާބިލުކަން ހޯދަން ބޭނުންވި މީހެއް އަޅުގަނޑަކީ އަބަދުވެސް،" ރަމްޒީ ކިޔައިދިނެވެ.
"މިސާލަކަށް މަހަށް ދާން ޖެހުނަސް. އެންދަމަން ފީނަން ޖެހުނަސް ނުވަތަ ޑައިވްކުރަން ޖެހުނަސް އަޅުގަނޑު ހުންނާނީ އަބަދުވެސް ތައްޔާރަށް. މި ދަނޑު ވެސް ލިބުނީމަ މިތަން ސާފުކޮށް ލޭންޑް ޕްލޭނެއް ހަދައި މި ތަނުގައި ގެއެއް އަޅައި ވެލްޑްކޮށް ގަސްއިންދައި ފެންދީ، ގަހަށް ކާންދީ ގަސްތައް ކޮށައި މިތަން ސާފުކުރަން ޖެހުނަސް ހުރިހާ ކަމެއް ކުރަން އުޅޭނީ އަޅުގަނޑު."

ދަނޑުވެރިކަމުގެ ކޮލިޓީ އެންޑް ސޭފްޓީ މެނޭޖުމަންޓްގެ ދާއިރާ އިން ތަމްރީނުވުމަށް ޖަޕާނުގައި ހޭދަކުރި ދުވަސްތަކުގައި ރަމްޒީ މޭބިސްކަދުރު ފާމްއެއްގައި ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ/އަބްދުﷲ ރަމްޒީ)
މަސައްކަތުގައި އޭނާ ދެއްކި މި ހިތްވަރާއި ކޮލިޓީ އާއި ނެރުނު ނަތީޖާވީ އެހެން މީހުންނަށް ގޮންޖެހުމަކަށެވެ. ސްކޫލްގައި ވަޒީފާ އަދާކުރިއިރު ވެސް އޭނާގެ ހުވަފެނަކަށްވީ ފުޓްބޯޅައިގެ ހުނަރު އެންމެ ގަދަ ކުދިން ހޮވައިގެން އެ ކުދިން ސީދާ ޕްރޮފެޝަނަލް އެތުލީޓުންތަކެއްގެ ގޮތުގައި ތަމްރީނުކޮށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސްޓޭޖަކަށް ނެރޭށެވެ.
"އަޅުގަނޑަކީ ކޮންމެ ކަމެއް ކުރިޔަސް ވަރަށް މަތީ ލެވެލްއެއްގައި އެކަމެއް ބޭނުންވާ މީހެއް. އެ ފެންވަރުގައި މަސައްކަތް ނުކުރެވުނީމަ ސްކޫލް ވަޒީފާ އެންމެފަހުން ދޫކޮށްލީ."
އޭގެ ފަހުން އޭނާ ފުލުހުންގެ ވަޒީފާގައި ވެސް ހަތަރު އަހަރު އުޅުނެވެ. އެކަމަކު އޭނާގެ ހިތް އޭރު ވެސް އޮތީ ދަނޑުވެރިކަމަށް ބަންޑުންވެ ކުލަކުލައިން މައު ފޮޅިފަ އެވެ.
"އަޅުގަނޑަކީ ކުޑައިރު ވެސް ގަސް ހައްދާ ހިތްވާ މީހެއް. ގޭގައި މާ ގަސް ހެއްދުމަކީ ވެސް ވަރަށް ކުރާހިތުން ކުރާ ކަމެއް. އަޅުގަނޑު މިގޮތަށް ދަނޑުވެރިކަން ފެށުމުގެ ކުރިން ބޮޑު ސަންފްލާވާ ފީލްޑެއް ވެސް ހައްދައިގެން އުޅުނިން. މާ ގަސް ހައްދާތީ މީހުން ބުނާނެ ތިއީ އަންހެނުން ކުރާ ކަމެކޭ ވެސް،" ހީގެންފައި ރަމްޒީ ބުނެލި އެވެ.
އެކަމަކު އޭރު ވެސް 'ދަނޑުވެރިކަމުގައި' އޭނާގެ އޮތީ ވަރަށް ސީރިއަސް ހިތެކެވެ. ނަސީބު އަތުގައި ހިފީ އެހެން އުޅެނިކޮށެވެ. ހިތުލައިގެން އުޅުނު ހުވަފެން ފަހަތުން މާމަލުގެ ކޯޅިތައް ހިފައިގެން ދުވަމުން ދަނިކޮށް އޭނާއަށް ފުރުސަތު ލިބުނީ ޖަޕާނަށް ގޮސް ދަނޑުވެރިކަމާ ބެހޭ 'ހުރިހާ އެއްޗެއް' އަލިފުން ޔާއަށް ދަސްކުރުމުގެ ފުރުސަތެކެވެ.
އެންމެފަހުން ހުވަފެން ސެޓުވެ މި 'ހަނީމޫނަށް' އޭނާ ފުރައިފި އެވެ. އަދި ހަ މަސް ދުވަހުގެ އެ ތަމްރީނުތައް ނިންމާލާފައި އެނބުރި އައި މަގުމަތީގައި މިއަދު މި ފެންނަ މުސްތަގުބަލު ކުރަހައި ނިންމައިފި އެވެ. އެކަމަކު ކުލަޖައްސަން ބެލިއިރު އަތުގައި އެވަރުގެ މާލީ ތަނަވަސްކަމެއް ނެތެވެ.
"އެ މާލީ ފަންޑު ނެތީމަ މީހެއް ގާތުގައި ނުބުނެ އަޅުގަނޑު ބޭނުންވީ އެ މާލީ ތަނަވަސްކަން ވެސް އަމިއްލައަށް ހޯދަން،" ހުވަފެން ހަގީގަތަށް ހެދުމުގެ ދަތުރުގައި އަނެއްކާވެސް ކަނޑަށް ފުންމާލަން އޭނާ ތައްޔާރުވެގަތެވެ.

ރަމްޒީގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ދަތުރު ފެށީ ރިސޯޓެއްގައި އަދާކުރަން ފެށި ވެއިޓަރެއްގެ ވަޒީފާއިން. (ފޮޓޯ/ރަމްޒީ)

ރިސޯޓަކަށް، ބަޓްލަރަކަށް އަދި ރަމްޒަކަށް
ރަމްޒީ އަކީ ކޮންމެ ކަމެއް ކުރިޔަސް އެންމެ ރަނގަޅު ނަތީޖާ ނެރެން ބޭނުންވި މީހެކެވެ. ފުޓްބޯޅަ ކުޅުނު ކަމުގައިވިޔަސް ނުވަތަ ޑިޒައިން މަސައްކަތެއް ކަމުގައިވިޔަސް އޭނާ ބޭނުންވީ އެންމެ ކޮލިޓީ އަދި އެންމެ ތަފާތު ނަތީޖާއެއް ނެރޭށެވެ. ކޮންމެ ކަހަލަ ވަޒީފާއެއް އަދާކުރިޔަސް އެންމެން ހައިރާންކޮށްލާވަރުގެ ނަތީޖާ ނެރޭށެވެ. އަދި މިއީ ހަމަ އެއްގޮތަކަށް ވެސް ފޮނިތޮށިކާފޫރުތޮޅި ލައިގެން ކިޔައިދޭ ވާހަކައެއް ނޫނެވެ.
"ކޮންމެ ކަމެއް ކުރިޔަސް އާންމުކޮށް މީހުން ކުރާ ލެވެލްއަށް ވުރެ މަތީގައި މަސައްކަތްކުރަން ބޭނުންވާ މީހެއް އަޅުގަނޑަކީ،" ރަމްޒީ ބުނެލި އެވެ.
އެކަން އޭނާ ދެން ސާބިތުކޮށްދިނީ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ ވަޒީފާގެ މާހައުލެއްގަ އެވެ؛ ދަނޑުވެރިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޭނުންވާ ފައިސާ ހޯދަން ވަޒީފާއަށް ދިޔަ ރިސޯޓުގަ އެވެ.
"އަޅުގަނޑު ފެށީ ވެއިޓަރެއްގެ ޖޮބުން،" ރަމްޒީ ބުނެލި އެވެ.
"އަޅުގަނޑުގެ އަމާޒަކަށްވީ އަޅުގަނޑު ބޭނުންވާ މި ދަނޑުވެރިކަން ފަށައިގަނެވޭނެ ވަރުގެ އާމްދަނީއެއް ފަސޭހައިން ލިބޭނެ ދިމާލަކަށް ދިއުން. އަޅުގަނޑަށް ވިސްނުނީ އެކަން ކުރަން އެންމެ ފަސޭހަވާނީ ރިސޯޓަކަށް ގޮސްގެންނޭ."
އެކަމަކު އެންމެ އާދައިގެ ވަޒީފާގައި ވެސް އާދައިގެ މީހަކަށް ވާކަށް އޭނާ ބޭނުމެއް ނުވި އެވެ. އާދައިގެ ގޮތަކަށް މަސައްކަތްކުރާކަށް އޭނާގެ ހިތެއް ނުރުހުނެވެ.

ރަމްޒީ ދަނޑުވެރިކަމާ ބެހޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދެނީ.

ވެއިޓަރަކަށް އުޅޭތާ އަށް މަސް ފަހުން، ތަމްރީނު ހަދައިގެން އޭނާ ބަދަލުވީ ބަޓްލަރަކަށެވެ. ބަޓްލަރަކަށް އުޅުނު ފުރަތަމަ އަހަރު އޭނާ އަކީ މުޅި ރިސޯޓްގެ އެންމެ ރަނގަޅު މުވައްޒަފެވެ. އަދި ހަތް މަސް ވަންދެން، ރިސޯޓްގެ އެމްޕްލޯޔާ އޮފް ދަ މަންތުގެ އެވޯޑް ވެސް ގެންދިޔައީ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ފެންބޮވައިގެންފައި ހުރި ޒުވާން ރަމްޒީ އެވެ.
"އަޅުގަނޑަކީ ކުރިމަތިލާ ކޮންމެ ކަމެއް ކާމިޔާބުކުރުމުގެ ރޫހު ވަރަށް ގަދަ މީހެއް. އަޅުގަނޑު ރިސޯޓަށް ދިޔައީ ދަނޑުވެރިކަމުގެ ހުވަފެން ހަގީގަތަކަށް ހަދަން ފައިސާ އެއްކުރަން. އެ އަދަދު ހަމަވީމަ އަޅުގަނޑު ނިންމީ ވަގުތުން ރަށަށް ދާން،" ރަމްޒީ ކިޔައިދިނެވެ.
"ބަޓްލަރެއްގެ ގޮތުގައި ދެ އަހަރު އުޅެލެވުނުއިރު ވަރަށް ރަނގަޅު އާމްދަނީއެއް ލިބި، ފައިސާ އެއްކުރެވި ރަށުގައި ދިރިއުޅުން ބިނާކުރެވޭނެ ތަނަވަސްކަން ވެސް ލިބިއްޖެ. ދެން ރަށުގައި ފިހާރައެއް ހުޅުވައި ކުޑަ ވިޔަފާރިއެއް ކޮޅަށް ނެގީ ފުރަތަމަ ފިޔަވަޅަކަށް."
"އޭރު ލިބޭ އާމްދަނީ ރަނގަޅުކަމުން ހިތަށް އަރާ އަދި އެއް އަހަރު މަޑުކޮށްލާނީއޭ ވެސް ބަޓްލަރަކަށް. އެކަމަކު އަޅުގަނޑު ހިތަށް އެރީ މަޑުކުރާ ނަމަ މަޑުކުރާށޭ ޖެހޭނީ އަބަދުވެސް. ދާން ބޭނުންވާ ހިސާބަކަށް އޭރުން ދުވަހަކުވެސް ނުދެވޭނެއޭ."
ނިޔާމަ ޕްރައިވެޓް އައިލެންޑްސްގައި ތިން އަހަރު ބަޓްލަރަކަށް އުޅެފައި އޭނާ އެންމެފަހުން ރަށަށް ބަދަލުވެ ކޮށައި ސާފުކުރަން ފެށީ މިހާރު މި ފެންނަ ޒުވާން ދަނޑުވެރިޔާގެ ދަނޑެވެ. އެ މަންޒަރު ބަލަން ތިބި މީހުން ހީކުރީ ހަމަ ރަނގަޅަށް ވެސް ރަމްޒީ މޮޔަވީ ކަމަށެވެ.

ރަމްޒީ އޭނާގެ ގްރީން ހައުސްއެއްގައި ކިއުކަމްބާ ދަނޑެއް ބަލައިލަނީ: ފްރެޝް އިލްޑްގެ ނަމުގައި އިތުރު ޕާޓްނަރުންނާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ އޭނާގެ ބޮޑު ހުވަފެން. (ދައުރު ފޮޓޯ/އަލީ ނާސިރު)

ފްރެޝް އިލްޑް ގްރީންހައުސްގެ ދަނޑެއްގައި ކިއުކަމްބާ އަޅައި ފަރިވެފައި.

ރަމްޒީ ކިއުކަމްބާ ގާޑިޔާއަކާ އެކު ފޮޓޯއަކަށް ހުއްޓިގެން.
ޒުވާން ދަނޑުވެރިކަމެއްގެ ކުރި މުޅި ރާއްޖޭގައި އިންދައިފި
ހަގީގަތަކީ މި އެވެ؛ ރަމްޒީ މޮޔަވީ ތަފާތު ދަނޑުވެރިކަމެއް ކުރާށެވެ. އެތައް ދުވަހެއް ވަންދެން ބޮލުގައި އިންދައި ފެންދިން ހުވަފެން ހަގީގަތަކަށް ހަދާށެވެ.
"އަޅުގަނޑަކީ އަބަދުވެސް ވަރަށް ބޮޑެތި ހުވަފެން ބަލާ މީހެއް. މި ދަނޑު ލިބިގެން ވެސް ބެލި ހުވަފެންތައް ބޮޑުކަމުން އެއްވެސް މީހަކު ގަބޫލެއް ނުކުރޭ މިކަން ކާމިޔާބުކުރެވިދާނެ ކަމަކަށް،" ހީގެންފައި ރަމްޒީ ބުނެލި އެވެ.
"ވަރަށް ގިނަ މީހުން ބުނި ގިނަވެގެން ހައެއްކަ މަހޭ، އެއް އަހަރޭ ވާނީ ތިކަމުގައި. ވަރުބަލިވެގެން ފޫހިވެގެން ތިކަން ހުއްޓާލާފައި ހިނގާދާނެއޭ. ޒުވާނަކަށް ކޮން ދަނޑުވެރިކަމެއް ހެއްޔޭ ކުރެވޭނީ. ރަނގަޅު އާމްދަނީއެއް ވެސް ލިބޭނެ ކަމެއް ނޫނޭ ތިއީ."
އެއީ ކުށް ހީތަކެއްކަން ރަމްޒީ ސާބިތުކޮށްދިނީ ނުއިންދޭނެ ކަމަށް ބުނި ގަސްތައް އިންދައި، އެ ގަސްތަކުން މޭވާ ކަނޑައި މުޅި ރަށަށް އެ މޭވާގެ ފޮނިކަން ދައްކައިގެންނެވެ. މިއަދު ރަށުގެ ވަރަށް ގިނަ ގޭގޭގައި މޭބިސްކަދުރު ގަސްތައް އިންދައި އެ ގަސްތަކުން މީހުން މޭވާ ކަމުންދާއިރު އެއީ މުޅިން ވެސް ރަމްޒީގެ ދަނޑުން ކޮށި ކުރި އެވެ. ޑްރެގަން ފުރުޓް ދަނޑުން ވެސް ކުރިތައް ކޮށައި ބަންދުކޮށް އެ ކުރިތައް ރާއްޖޭގެ އެކި ރަށްތަކުގައި ތިބި މީހުންނަށް ފޮނުވުމުގައި އޭނާ އެ އުޅެނީ އަވަދިނެތި އެވެ.
ރަށްރަށުގައި އާންމުންނާއި ސްކޫލް ކުދިންނަށް ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގައި ނޭވާނުލަ އެވެ. ބޮޑެތި ރިސޯޓުތަކުގައި ޝެފް ގާޑެން އާއި ގްރީންހައުސް ފާމިން ތަރައްގީކޮށް ބެލެހެއްޓުމުގައި އަވަދިނެތި އެވެ. އަދި ދެ މިލިއަން ރުފިޔާގެ ގްރީންހައުސް ޕްރޮޖެކްޓެއް ފަށައިގެން އަމިއްލަ ބްރޭންޑެއް ޑިޒައިންކޮށް ޕްރިންޓްކޮށް، ފޮށިފޮށީގައި މޭވާ އާއި ތަރުކާރީ ބަންދުކުރަން ތައްޔާރުވަނީ އެވެ.
މަސައްކަތްކުރާ މީހަކަށް ހުވަފެނަކީ ބިލާހެއް ނޫންކަން ސާބިތުކޮށްދެމުންނެވެ.

ރަމްޒީގެ މި ދަތުރު ފެށީ އެކަނި

މިއަދު ރަމްޒީ އަކީ ޒުވާން ދަނޑުވެރިކަމުގެ މޫނުމަތި.

ރަމްޒީގެ ހުވަފެން ބަންދުކޮށް އޭގެ ތާޒާކަންމަތީގައި އޭނާ ދަނީ މުޅި ރާއްޖެއަށް ވިއްކަމުން.
"ނަތިން އިޒް އިމްޕޮސިބްލް. އެއީ އަޅުގަނޑު ގަބޫލުކުރާ ފިލޯސަފީ އަކީ. މަސައްކަތްކޮށްފިއްޔާމު ނުހެއްދޭނެ ގަހެއް، ނުކުރެވޭނެ ކަމެއް ނޯންނާނެ އެއްވެސް މީހަކަށް،" މޭބިސްކަދުރުތަކާ ދިމާލަށް ބަލަން އޮވެފައި ރަމްޒީ ބުނެލި އެވެ.
މި އިންޓަވިއު ނިންމާލާފައި މޭބިސްކަދުރު ގަހުގެ ފިނި އެ ހިޔަލުން ތެދުވެގެން ގޮސް އޭނާ ވަނީ ފްރެޝް އިލްޑްގެ ނަމުގައި ފަށާފައިވާ ގްރީންހައުސްތަކުގެ ތެރެއަށެވެ. އެކަމަކު ރަމްޒީގެ ވާހަކަ ނިމުނީއެއް ނޫނެވެ. އޭނާގެ ވާހަކަ އަދި ކިރިޔާ މި ފެށުނީ އެވެ.
އެޑިޓަރުގެ ނޯޓް:
މިއީ ކުރިން 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.



