"ޅެންވެރިކަމުގެ ގުލްޒާރެއް އުފަންވަނީ ފުރާވަރު މަރުވެ ބީވެދިއުމުންނެވެ،" ޅެން ބަހުރުވައިގެ އިހުސާސްތަކުން ރިހި ސްކްރީނު ފަޅުފިލުވައިދިން ރަޝިއާގެ، ދުނިޔެއަށް މަޝްހޫރު ފިލްމު ޑައިރެކްޓަރު އާންޑްރޭ ޓާކޯސްކީ ބުނެފައިވެ އެވެ.
އޭނާ އެހެން ބުނެފައި ވަނީ އިޓަލީގެ ޅެންވެރިއެއް ކަމުގައިވާ ގިއާކޯމޯ ލިއޯޕާޑީ ބުނެފައިވާ ބުނުމަކަށް ދިން ރައްދެއްގެ ގޮތުގަ އެވެ. ލިއޯޕާޑީ ބުނެފައި ވަނީ، "ޅެންވެރިކަމުގެ ސުވަރުގެ އަކީ ޅަފުރާ" ކަމަށެވެ.
ފާތުމަތު ސައީދު އިނީ، ސ. ހިތަދޫ، ސައްކެޔޮގަސްދޮށުގޭ ފަހަތު ބިތުގައި ފެހިކޮށް ފިނިކޮށްލާފައި އޮތް މައިޒާނެއްގަ އެވެ. ދޮންރުކާއި ދޮންފަޅޯ ގަހެއްގެ ހިޔަލުގައި ޖޯލި އަޅައިގެން ފޮތަކާއި ގަލަމެއް ހިފައިގެންނެވެ. ހައްޓި ހަމަކުރި ހަޔާތުގެ ހުރިހާ އިހުސާސަކާއި ތަޖުރިބާއެއް ކުދި ކޮކާތަކެއްގެ ސިފައިގައި އުދުހި ފިޔަޖަހަމުން ދިޔަ އޭނާގެ އަމިއްލަ ކުޑަކުޑަ ދުނިޔެއެއްގަ އެވެ. އޭނާގެ ޅަފުރާ ނުވަތަ ބީވެދިޔަ ފުރާވަރުގެ ހަނދާންތައް އުފަންކުރުވި އޭނާގެ ޅެންވެރިކަމުގެ މިނިވަން ގުލްޒާރެއްގަ އެވެ.
އަމިއްލަ ޅެން ފޮތެއް ޗާޕުކޮށް ޝާއިއުކުރެވިފައި ނެތަސް ފާތުމަތަކީ އޭނާގެ ޖީލު ފަހުރުވެރިވާ ފެންވަރުގެ ކުޅަދާނަ ޅެންވެރިއެކެވެ. ދީނާއި ދިރިއުޅުމާއި ލޯބީގެ އަސަރުތަކުން ފަށައިގެން ސިޔާސީ އަދި ސަމާސާ ޅެންތަކުން އަމުނަމުން ގޮސް ދިވެހިންގެ މުއްސަނދި ސަގާފަތާއި ތާރީހުން ގަތައި ހަމަކޮށްފައިވާ 350 ޅެން އޭނާ މިހާތަނަށް ފާސްކޮށްފި އެވެ. އަދި ރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ މި ޒަމާނުގެ ޅެންވެރިން ނިސްބަތްވާ މަޝްހޫރު ވައިބާ ގްރޫޕް، 'ޅެންބަހާރު'ގެ ވަޒަން ބަހުރުވައިގެ ތަޖުރިބާކާރުން ބުނަނީ 'ފާތުން' އަކީ މި ޖީލުގެ އެންމެ ގަދަ 10 ޅެންވެރިންގެ ތެރޭގައި ހިމެނޭ ވަރުގެ ނަމެއް ކަމަށެވެ.
އޭނާގެ ހުނަރާ މެދުގައި ޝައްކު އުފައްދާނެ ހަމަ އެއްވެސް ޖާގައެއް ނެތެވެ. އެކަމަކު އޭނާގެ ޅެންވެރިކަމުގެ މި ދުނިޔެ، 'ފިނިގުލްޒާރު' އުފަންކުރުވި ސަބަބާއި ހާލަތާއި ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ބީވެގެން ދިޔަ ފުރާވަރުގެ ތަޖުރިބާތައް ހެއްޔެވެ؟ ނުވަތަ ޅަފުރައިގައި އޭނާއާ ބައްދަލުކުރި ގޮންޖެހުން ބޮޑު ތަޖުރިބާތައް ހެއްޔެވެ؟
"އަޅުގަނޑުގެ ބައްޕަ ފަރާތުން ލިބި، ދަސްވި ހުނަރެއް ޅެންވެރިކަމަކީ،" ވަރަށް ކުރުކޮށް ފާތުމަތު ބުނެލީ މިހެންނެވެ.
އޭނާގެ ބައްޕައަކީ ޅެންވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ކުޅަދާނަ ޅެންވެރިޔާ، އަލްމަރްހޫމް ހަސަން ސައީދު، ޗަމްޕާޕޫލްމާގެ، ސ. ހިތަދޫ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ލިޔުންތެރިކަމާއި ޅެންވެރިކަމުގެ ހުނަރަކީ ބައްޕަގެ ފަރާތުން ލިބުނު ޓެލެންޓެއް ކަމަށް. އަޅުގަނޑަކީ ތަނަކަށް ގޮސްގެން ޅެންވެރިކަން ކިޔަވައިގެން ޅެންވެރިކަން ދަސްކުރި މީހެއް ނޫން."
އެއީ ތެދެކެވެ. ފާތުމަތުގެ ޅަފުރާއަކީ އޭނާއަށް މުޅިން އެހެން ފިލާވަޅުތަކެއް ނަގައިދިން ހަޔާތުގެ ބާބެކެވެ. އަދި ފުރާވަރަށް އަރައި 18 އަހަރު ފުރުނުއިރު އޭނާ ތިން ކުދިން ވިހައިފި އެވެ. އުމުރުން 12 އަހަރުގައި ލިބުނު އަލަތު ދަރިފުޅު ނިޔާވި ހިތާމައަށް އަހަރު ފުރުނުއިރު ޖެހިގެން އައި އަހަރު ދެ ވަނަ ދަރިފުޅު ލިބިއްޖެ އެވެ. ތިން ވަނަ ކުއްޖާ ވިހެއީ އުމުރުން 18 އަހަރުގަ އެވެ. އުމުރުން 23 އަހަރު ފުރުނުއިރު އޭނާ އަކީ ހަތަރު ކުދިންގެ މަންމައެކެވެ.
"މުޅި ދިރިއުޅުމުގެ ދަތުރަކީ ގަނަތެޅުމެއް ހަގީގަތަށް ބުނަންޏާމު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް،" ގަލަމާ އެކު ނޯޓު ފޮތް ލައްޕާލައި ފާތުމަތު ބުނެލި އެވެ.
"އެކަމަކު ދިރިއުޅުމުގެ އެ ހުރިހާ ކަމަކާ ކުރިމަތިލައި އަޅުގަނޑު ބޭނުންވީ ކުޑައިރު ބީވެގެން ދިޔަ އެ ހުރިހާ ކަމެއް ދިރިއުޅުމުގައި ފުރިހަމަކުރަން. އެގޮތުން ކިޔަވައިގެން މަސައްކަތާއި ހުނަރު ދަސްކޮށް އަޅުގަނޑު އަބަދުވެސް ބެލި ހުވަފެންތައް ހަގީގަތަކަށް ހަދަން އަޅުގަނޑު ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރީ."
އެ ގަދަ ހިތްވަރާއި ބުރަ މަސައްކަތުން އޭނާގެ އެ ހުރިހާ ހުވަފެނެއްގައި ކުލަ ޖައްސަމުން އަންނައިރު ފާތުމަތުގެ މި ދިރިއުޅުން އޭނާއަށް ދިން އެންމެ އަގުބޮޑު ހަދިޔާއަކީ ޔަގީނަށް ވެސް އޭނާގެ ޅެންވެރިކަމުގެ މި ގުލްޒާރެވެ. ދިރިއުޅުމުގެ އެ ތަޖުރިބާތަކާ ނުލައި ނުވަތަ ގެއްލުނު ޅަފުރާ އާއި ފުރާވަރުގެ އިހުސާސްތަކާ ނުލައި 'ފިނިގުލްޒާރެއް' އުފަން ނުވާނެ ކަމަށް ޚުދު ފާތުމަތު ވެސް އެއްބަސްވެ އެވެ.
'ފިނިގުލްޒާރަކީ' ފާތުމަތު އޭނާގެ ޅެންތައް އޮންލައިންކޮށް ޝާއިއުކުރާ މައިދާނެވެ.
ޅަފުރައިގެ ތަޖުރިބާތަކުން ފުރާވަރު މަރުވެ ބީވެދިއުމަކީ ހަގީގަތުގައި ވެސް ދިރިއުޅުމުގެ ދަތުރު އަމިއްލަ ދެ އަތުން ކޮންޓްރޯލްކޮށް ކާމިޔާބީގެ އައްސޭރިއަކަށް ލަފަން ފާތުމަތަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އޭނާ ހަމައެކަނި ކުޅަދާނަ ޝާއިރަކަށް ބަދަލުކޮށްލި ހިތްވަރެއް ނޫނެވެ. އިލްމާއި ހުނަރު ދަސްކޮށް އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލަ ވިޔަފާރިއެއް ކޮޅަށް ޖަހައި އިޖުތިމާއީ މަސައްކަތުގެ ކުރީ ސަފުގައި ވެސް ނަމޫނާއަކަށް ހަދައިދިން ހިތްވަރަކީ ހަޔާތުގެ އެ އާދަޔާހިލާފު ދަތުރެވެ.
"އަޅުގަނޑަކީ އެންމެ ފުރަތަމަ މަންމައެއް. ދެން ޕޭސްޓްރީ ޝެފެއް. ވަރަށް ގިނަ ދުވަސް ވަންދެން އަމިއްލަ ކެފޭ/ބޭކަރީއެއް ހިންގުމަށް ފަހު އުފަން ރަށުގައި މިހާރު އަޅުގަނޑު ކުރާ މަސައްކަތަކީ ތިމާވެށީގެ ޖަމިއްޔާއެއް ހިންގުން،" ހިތަދޫގެ ވެށިސާފު ޖަމިއްޔާގެ ފައުންޑާ އަދި ރައީސްގެ ގޮތުގައި މުޅި ރަށް ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރަމުން އަންނަ ފާތުމަތު ކިޔައިދިނެވެ.
"ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ މީހުން އަޅުގަނޑަށް ކުރި މަލާމާތް. ތިން ދަރިން ލިބިގެން އަޅުގަނޑު ކިޔަވަން ދާން ފެށީމަ ވެސް މީހުން ހާދަ މަލާމާތެއް ކުރިޔޭ، ދަރިން ހޯދައިގެން ދެން ކޯއްޗެއް ކިޔަވަން ހެއްޔޭ ކަލޭ ތިއުޅޭ ކިޔާފައި."
އެކަމަކު އެ މަލާމާތްކުރި އެއްވެސް މީހަކަށް ނޭނގެނީ އުމުރުން 11 އަހަރުގައި ފާތުމަތު ސައީދާ ބައްދަލުކުރި ހާލާތެވެ.
"އެއީ އެރެންޖުޑް މެރިޖެއް. އަދި ހަގީގަތަކީ މި ވާހަކަ އެ ހިސާބުން ނުފަށައި އަޅުގަނޑުގެ ހަޔާތުގެ ވާހަކަ ވާނީ މީހުންގެ ހިތުގައި ވަރަށް ގިނަ ސުވާލު އުފައްދާ ވާހަކައަކަށް،" މީގެ 49 އަހަރު ކުރިން އޭނާގެ ދިރިއުޅުން އަބަދަށް ބަދަލުކޮށްލި ހާލަތު ނިއުޅުވައިލަމުން ފާތުމަތު ބުނެލި އެވެ.
"އެ ކައިވެނީގެ ސަބަބުން އަޅުގަނޑުގެ މުޅި ކުޑައިރުގެ ދިރިއުޅުން އޭރު ގެއްލިގެން ދިޔައީ. ރައްޓެހިންނާއި ކިޔެވުން ވެސް. އުމުރުން 11 އަހަރުގައި ބޮޑު މީހަކަށް ބަދަލުވެ އުމުރާ ނުބައްދަލު ދިރިއުޅުމެއް އަޅުގަނޑު ފަށަން ޖެހުނީ."
އެއަށް ފަހު ކުރިމަތިވީ ގޮންޖެހުމެވެ. އެކި ކަހަލަ ފުރައްސާރަ އެވެ. އަދި މީހުންގެ މަލާމާތެވެ. ފާތުން ބުނީ މީހުންގެ ކުރިމަތީގައި އޭނާ އެއްވެސް މީހަކަށް ނުވީ ޅައުމުރުގައި މީހަކާ އިނދެ ދަރިން ލިބި އެއްވެސް އިލްމެއް ނެތި ގޭގައި އޮންނަން ޖެހުމުން ކަމަށެވެ. އެ ހާލަތު ބަދަލުކުރަން މަޖުބޫރުކުރުވި ވަރަށް ލަދުވެތި ހާލަތެއް ވެސް އޭނާ ކިޔައިދިނެވެ.
"އެއީ ފިރިމީހާގެ އޮފީހުގެ އިސް ބޭފުޅަކު ލަންޗަށް އަޅުގަނޑުމެންގެ ގެއަށް އަންނާތީ އަޅުގަނޑު ކައިރީގައި ވަރަށް މީރުކޮށް ކައްކަން ބުނި ދުވަހެއް. އެ ދުވަހު ހިތަށްއެރީ މިއަދު ވާނެއޭ މި ޑައިރެކްޓަރަށް ފާތުންއަކީ މޮޅު މީހެއްކަން އަންގާލަން،" ކިޔަވައިގެން ހުރި ފިރިމީހާގެ ތަހުޒީބު ރައްޓެހިން ގެއަށް އަންނައިރު ކުރިން އަބަދުވެސް ފިލައި އޮންނަ އޮތުން ބަދަލުކޮށްލަން އަޒުމު ކަނޑައެޅި ގޮތް ފާތުމަތު ފަށައިގަތެވެ.
"ދެން ވަރަށް މީރުކޮށް ކައްކާފައި ގޮސް އަޅުގަނޑު މި އޮތީ ފިރިމީހާގެ ފޮތް ހަރުގަނޑުން އަތުޖެހުނު އެންމެ ބޮޑު އިނގިރޭސި ފޮތް ނަގައިގެން ގޮސް ސޯފާއަށް އަރައި ހަމަޖެހިލައިގެން. އިނގިރޭސި ފޮތް ވެސް ކިޔަން އެނގޭ ކަމަށް ހެދިގެން އަޅުގަނޑު އިނީ. މިހެން އިންދައި މި ބުނާ އިސް ބޭފުޅަކު ވަޑައިގެން އަޅުގަނޑުގެ ފިރިމީހާ ގާތު ވަރަށް ސިއްރުން ކޮންމެވެސް އެއްޗެކޭ ބުނެފި."
ފާތުމަތު ބުނީ އެއީ އޭނާގެ މުޅި ހަޔާތުގައި ވެސް އެންމެ ލަދުގަތް ދުވަސް ކަމަށެވެ. އޭނާގެ ފެންވަރު ކަޅާއި ހުދުން ލޯމަތީގައި ތަސްވީރުވެގެން ދިޔަ ދުވަހެއް ކަމަށެވެ.
"ވީގޮތް އަޅުގަނޑަށް ވެސް އެނގުނީ ފިރިމީހާ އައިސް ބުނީމަ. އޭނަ ބުނީ ތިހެން އުޅުނީމަ ތިމަންނަގެ އަގު ވެސް ވެއްޓެނީއޭ. ކިޔަން ހުރި ފޮތް ހިފަހައްޓައިގެން ތިހިރީ އެކޮޅުކޮޅުންނޭ."
ތަންދޮރު ނުދަންނަ، ނުކިޔަވައި ހުރި މީހަކަށް ވީމަ ފާތުމަތު އޮތީ އަބަދުވެސް ގޭގައި ބޮނދަ އެވެ. ނަމަވެސް އެ ލަދުވެތި ހާލަތުން އަރައިގަތުމަށް އެންމެ ފަހުން އޭނާ އަޒުމު ކަނޑައެޅީ އެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެކަން ޔަގީންވި ހިސާބުންނެވެ.
"އެކަމަކު 30 އަހަރުން މައްޗަށް ގޮސްފައި ހުރި ތިން ކުދިންގެ މަންމައަކަށް ކިހިނެއްތޯ ކިޔެވުމުގެ ފުރުސަތެއް ލިބޭނީ އޭރު؟ ކިޔެވުން ފަށަންވެގެން އެ ފުރުސަތު ހޯދަން ތަންތަނުގެ ވެރިންނާ ބައްދަލުކުރަން ގޮސް އެތައް ފަހަރަކު އަޅުގަނޑު ހުރީމޭ ވަންނަން ނުކެރި ފަސްޖެހިފައި،" ހޮޓެލް ސްކޫލްގެ ދާއިރާއިން ކިޔަވަން އަޒުމު ކަނޑައަޅައިގެން ފެށި ދަތުރު ފާތުމަތު ކިޔައިދިނެވެ.
އޭރު އޭނާ ބޭނުންވެގެން އުޅުނު ފުރުސަތު އާންމުކޮށް ދެނީ ސްކޫލުގެ ކިޔެވުން ނިންމާ 17-18 އަހަރުގެ ކުދިންނަށެވެ. ނަމަވެސް އެންމެ ފަހުން އާދޭސްކޮށްގެން ފާތުމަތަށް އޭނާގެ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ރަނުގެ ފުރުސަތެއް ލިބިއްޖެ އެވެ. ހޮޓެލް ސްކޫލް އޭނާ ނިންމީ 1997 ވަނަ އަހަރެވެ. ޖެހިގެން އައި އަހަރު ދިޔައީ ކުރުނބާ މޯލްޑިވްސް އަށެވެ. އެތަނުގައި އުޅެމުން އޭނާ ހާއްސަވީ ޕޭސްޓްރީ ޝެފަކަށެވެ.
"އަޅުގަނޑުގެ ނަސީބަކަށްވީ އަޅުގަނޑާ ބައްދަލުވި އެންމެން އެންމެ ފަހުން އަޅުގަނޑު ބަލައިގަނެ ފަހިކޮށް ދިން ފުރުސަތު،" އޭނާ ބުންޏެވެ.
ކިޔަވައި ހުނަރު ދަސްކުރުމުގެ ދަތުރުގައި އޭނާ ފިހުނު ކޭކު ޒީނަތްތެރިކޮށް ބޮންތީގައި ޗެރީ ހަރުކުރީ މާލޭގައި ކުޑަކުޑަ ކެފޭއަކާއި ބޭކަރީއެއް ހުޅުވައިގެންނެވެ.
އުފަން ރަށް ހިތަދުއަށް އޭނާ ބަދަލުވީ މާލޭގައި 43 އަހަރު އުޅުމަށް ފަހު އެވެ. އެއީ ހަމައެކަނި އަމިއްލަ ނަފުސަށް އިލްމާއި ހުނަރު ހޯދުމުގެ ދަތުރެއް ނޫނެވެ.
"އަޅުގަނޑުގެ ތިން ކުދިންނަށް ވެސް ކިޔަވައިދޭން މާލޭގައި އުޅުނީ. އެ ކުދިންތައް ކިޔަވައިގެން ބޮޑެތިވެ މީހުންނާ އިނދެ، މިއަދު އަޅުގަނޑުގެ އެބަ ތިބި މާމަކުދިން ވެސް،" ފާތުމަތު ބުނެލި އެވެ.
ފާތުމަތުގެ ދިރިއުޅުން އެންމެ ފަހުން އެއްކޮށް ބަދަލުވީ އެވެ. ގެއްލުނު ފުރާވަރު އުމުރުގެ ދެބައިގައި ހޯދައިގެން އޭނާ އެނބުރި އައީ އުފަން ރަށަށެވެ. އެކަމަކު ބަދަލުނުވެ އޮތީ ރަށާއި އަމިއްލަ ގެދޮރެވެ. އެހިސާބުން އޭނާ ނުކުތީ އަނެއްކާވެސް އެކަންޏެވެ. އެކަމަކު މިފަހަރު ރަށާއި ރަށްވެހީންގެ ހައްގުގަ އެވެ. ތިމާވެށީގެ ހައްގުގަ އެވެ.
މިހައި ހިސާބަށް އާދެވުމުން މި ވާހަކަ ގޮސް ވެއްޓެނީ އަނެއްކާވެސް ފާތުމަތުގެ ޅެމުގެ ގުލްޒާރަށެވެ.
"ފޫހިވިޔަކަސް ބިންމަތިން އަނެކާ ތިހާ ނިކަމެތިނުކޮށް"
"ދޫ ހިމޭނުން ހުރެ ތިމާޔަށް ރަނގަޅު ގޮތް ހޯދާށެވީ"
ފާތުމަތު ސައީދު ހޯދި މޮޅު ގޮތަކީ މި އެވެ. ބީވެގެން ދިޔަ ފުރާވަރު އަލުން ހޯދައި އުފާވެރިކަމުން އޭނާގެ ދިރިއުޅުން އަލުން ގަތައިލީ އެވެ. ވަޒަން ބަހުރުވައިން ރަހަ ހެޔޮވަރުކޮށްލީ އެވެ.
މި އިންޓަވިއު ނިމުމުން އަޅުގަނޑު ސާފުކޮށްލަން ދެން ބޭނުންވީ ހަމަ އެންމެ ކަމެކެވެ. އޭގެ ޖަވާބު ވަރަށް ވެސް ކުރެވެ. އެ އެރޭންޖުޑް މެރިޖަކީ މިހާރު ލޯބީގެ ގުލްޒާރެކެވެ. މި ވާހަކަ ދައްކައި ނިމުނުއިރު ފާތުމަތުގެ ފިރިމީހާ އަހަރެމެންނަށް ދޮންރުކު ކުރުނބާ ތައްޔާރުކޮށްލައިގެން އަންނަ ތަން ފެނެ އެވެ.
އެޑިޓަރުގެ ނޯޓް:
މިއީ ކުރިން 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.



