ފޮތިބޯވަޅު އެޅި ލިބާހެއް ލައިގެން ބުރުގާއެއް އަޅައިގެން އިން މުސްކުޅި އަންހެނަކު ބޭރު އުނދޯލީގައި އިނެވެ. ދެ އަތުން ހިފަހައްޓައިގެން ހުރި ފޮތަކުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަވަމުން އުނދޯލި ހެއްލަނީ އެވެ. އެ އިނީ އޭނާގެ 66 އަހަރުވީ ހަޔާތުން ގަނޑުތައް އުކަން ތައްޔާރުވެގެންނެވެ.

ފެންޑާގައި ވަށްބުރެއްގެ ސިފައަށް އަތުރާފައި ހުރި ލަކުޑި ކުދި ގޮނޑިތަކާ ދިމާލަށް ބަލަމުން އަހަރެން އެތެރެއަށް ހިނގައިގަތީމެވެ. އެ ގޮނޑިތަކާއި މި ފެންޑާ އަދި ބޮޑު އުނދޯލީގައި އިން ދައްތަ ފެނުމުން ކުލަވެގަތީ މާ ކުރީގެ ހަނދާންތަކެކެވެ. އުތުރިއަރައިގަތް ޖަޒުބާތުގައި އުދުހިގަތީ އަހަރެންގެ އަމިއްލަ ހަޔާތުގެ ސަފުހާތަކެވެ.

ވޮށުފިލާ ކިލާހަށް ދާހިތުން ނުނިދިގެން އުޅުނު ހަނދާނެވެ. ހޭލައިގެން ގޮސް މަށިލައިގެން ފިލާ ރަނގަޅަށް ދޮވެ އަވީގައި ހިއްކަން ބެހެއްޓި ދުވަސްތަކުގެ ހަނދާނެވެ. ރަތްދަކައަވިން ފިހި، މަށީގެ އޮލަގަނޑު ހިކި، އެ ފިލާގެ ކުލަ ބަދަލުވަންދެން މަޑުކޮށްލައިގެން ހުރި ހަނދާންތަކެވެ. އެ ފިލާގަނޑު ކިހިލީގައި ޖަހައިގެން ހިސާބުގަނޑުގެ އެހެން ކުދިންނާ އެކު އަކުރު ދަސްކުރަން ދުވަމުން ފުމެމުން ދިޔަ ހަނދާނެވެ. އަދި ދަސްނުވި ފިލާވަޅާއި ޖެހި ސަކަރާތާއި ލިބުނު އަދަބެވެ.

މީގެ ތިރީސް އަހަރު ކުރިން މި ގެއިން ދަސްކުރި އަލިފުބާގެ ހުރިހާ އަކުރަކާއި ފިއްޔެއް ލޯ މައްޗަށް ސިފަވެ އެނބުރިގަތެވެ. މާޒީގެ މި ހުރިހާ ހިޔާލުތަކުން ކުޅެމުން ދިޔަ ރާގުގައި އެންމެ ސާފުކޮށް އިވެމުން ދިޔަ އަޑަކީ ދޮންވެލިން އޮމާންކޮށްލާފައިވީ ވޮށުފިލާއެއްގައި އިލޮށިކޮޅެއް ދުއްވަމުން އަކުރު އަޅަމުން ގެންދާ އަޑެވެ. ކިލާހުގައި ތިބި ހުރިހާ ކުދިން އެއްވަރަކަށް އަންހެނެއްގެ އަޑުދަށުން ކިޔަވަމުން ގެންދިޔަ އަޑެވެ.

އުނދޯލީގައި އިށީނދެ އެ އިން އަންހެނަކީ އެ ދައްތަ އެވެ. އެންމެންގެ 'ނިސްރީނާއްތަ' އެވެ. 

ނިސްރީނުގެ ކުދިމާވާދީގެ ފެންޑާގައި ވޮށުފިލާ ކްލާހަކަށް ގޮނޑިތައް އަތުރާފައި އަދި ކުދިން މަޑުކޮށްލައިގެން. (މެރިހާނާ ފޮޓޯ)

ނިސްރީނު އޭނާގެ އުނދޯލީގައި ފޮތެއް ހިފައިގެން. (މެރިހާނާ ފޮޓޯ)

ސ. މީދޫ، ކުދިމާވާދީ ނިސްރީނު އަލީ ވޮށުފިލާ އަޅައިދޭތާ މިހާރު 42 އަހަރުވީ އެވެ. އަޅުގަނޑު ވެސް އަކުރު ދަސްކުރަން ދިޔަ ފުރަތަމަ ކިލާހަކީ މި އެދުރުމާމަގެ 'އަކުރު ދަސްކޮށްދޭ' މި ކިލާހެވެ.

އޭނާގެ މި ހިޔަލަކީ އަބަދުވެސް ކުޑަކުދިން ދުވެ ފުމެ ކުޅެ އުޅުނު އުފާވެރި ޖައްވެކެވެ. އަހަރެން ގޮސް އުނދޯލީގައި ޖައްސާލީމަ ވެސް އެންމެ ފުރަތަމަ ފެނުނީ އެ މަންޒަރެވެ. ވަށައިގެން ހުރި ކޮޓަރިތަކުން އެކި ފުރަފުރައިގެ ކުދިންތައް ބޯދިއްކޮށް ބަލަން ފަށައިފި އެވެ. ބައެއް ކުދިން ކުޅޭ އެއްޗެހިތަކާ އެކު ބޭރަށް ނުކުމެ 'ނިވައްދޮށުގައި' ކުޅެން ޖައްސާލައިފި އެވެ. މިއީ ނިސްރީނުގެ 'މާމަ މުންނަ' ކުދިންނެވެ.

އެކަމަކު މިއަދު މިއީ ހުކުރު ދުވަހެއް ނޫން ނަމަ، މިއަދުގެ މި ގަޑީގައި މި ފެންޑާ އާއި ގޭތެރެ އޮންނާނީ އޭނާ ގާތަށް އަކުރު ދަސްކުރަން އަންނަ ކުދިންނާ އެކު ފުރިގެން ބަންޑުންވެފަ އެވެ. އަބަދުވެސް އޭނާގެ މި ހިޔަލުގައި އެންމެ ފިނިކަމެއް ލިބުނީ ކުޑަކުދިންނަށެވެ.  

މި ދަތުރު ނިސްރީނު ފެށީ އޭނާގެ ނުވަ ކުދިން ގޮވައިގެންނެވެ.

ނިސްރީނު އޭނާގެ ގޭގެ ފެންޑާގައި ކުދިންނަށް އަކުރު ދަސްކޮށްދެނީ. (މެރިހާނާ ފޮޓޯ)

ނިސްރީނަކީ ހުދު ފިނިފެންމަލެއް

އުމުރުން އެންމެ 15 އަހަރުގައި އޭނާ ކައިވެނިކޮށްފި އެވެ. އަދި އުމުރުން 17 އަހަރު ފުރުނުއިރު އަލަތު ދަރިފުޅު ލިބިއްޖެ އެވެ. ޒަވާޖީހަޔާތަކީ ކޮބައިކަން ނުވެސް އެނގި ހުއްޓައި ފުރާވަރުގައި މަންމަ އަކަށް ބަދަލުވެއްޖެ އެވެ.

ޖެހިގެން އައި އަހަރު އަނެއް ކުއްޖާ ލިބިއްޖެ އެވެ. ދެން އައި އަހަރު އަނެއް ކުއްޖާ ލިބިއްޖެ އެވެ. މިގޮތަށް ގޮސް އުމުރުން 24 އަހަރުވީއިރު ހަ ކުދިންގެ މަންމައަކަށް ބަދަލުވެއްޖެ އެވެ.

އެކަމަކު އަމިއްލަ ދަރިންކޮޅު ގޮވައިގެން ހަޔާތުގެ ގަދަ ކަނޑަށް ނުކުތުންވީ ނިސްރީނަށް ހަމަ އެއްވެސް ކަމަކަށް ނޫނެވެ. އޭނާއަށް އިތުރު ތިން ކުދިން ލިބުނީ އަމިއްލަ ހަ ކުދިންނާއި ހިސާބުގަނޑުގައި ތިބިއްޔާ ތިބިހާ ކުދިންތައް ގޮވައިގެން އެމީހުންނަށް ވޮށުފިލާ އަޅައިދޭން އުޅެނިކޮށެވެ.

"މިސާލަކަށް އަޅުގަނޑު ބަލިވެއިނދެ ވިހެއުމަށް ފަހު ވެސް މަހެއްހާ ދުވަސް ވާނީ ކިޔަވައި ނުދީ. ދެން އަންނަ މަހު އަޅުގަނޑު އިންނާނީ ހުރިހާ ދަރިންތައް ގޮވައިގެން ގޮސް އެހެން މީހުންގެ ކުދިންނަށް ވެސް ކިޔަވައިދޭން،" ފަހުރުވެރިކަމާ އެކު ނިސްރީނު ބުނެލި އެވެ.  

އޭނާ ފަހުރުވެރިނުވާންވީ ހަމަ އެއްވެސް ކަމެއް، ސަބަބެއް މި ދަތުރުގައި ނެތެވެ.

ވޮށުފިލާ ހިފައިގެން ކުޑަކުދިންނާ އެކު ވަގުތު ހޭދަކުރުމުގެ ކުރިން އޭނާގެ އެންމެ ގިނަ ވަގުތު ހޭދަކުރީ މަންމަ އާއި މާމަގެ ފިޔަވަޅުމަތީގަ އެވެ. ނިސްރީނުގެ މާމަ އަކީ ކުޅަދާނަ ފޫޅުމައެކެވެ. މަންމަ އަކީ ވެސް އެ ފިޔަވަޅުމަތިން ބޭކެނބިކަމުގެ އާދަޔާހިލާފު ހިދުމަތުން ފާހަގަކޮށްލެވޭ މީހެކެވެ. އެހެންކަމުން، އެންމެ ކުޑައިރުން ފެށިގެން ވެސް ނިސްރީނުގެ ހިތާ އެންމެ ގާތުގައިވީ ހިތަކީ އަބަދުވެސް، ކުޑަކުދިންނެވެ.

އެ ހުރިހާ ކުދިންގެ 'ނިސްރީނައްތަ' އަކަށް އޭނާ ބަދަލުވީ އެއްވެސް ހާލެއްގައި އިއްތިފާގަކުންނެއް ނޫނެވެ.

ނިސްރީނު އަލީ ވޮށުފިލާ އަޅައިދެނީ: މިއީ އޭނާގެ އަމިއްލަ ކުދިންނަށް އަކުރު ދަސްކޮށްދޭން ފެށި ކަމެއް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

އަމިއްލަ ކުދިންނަށް އަކުރު ދަސްކޮށްދޭން ފެށި މި މަސައްކަތް ފުޅާވެ ރަށުގެ ޖީލަކަށް އޭނާ ވަނީ ވޮށުފިލާ އަޅައިދީފައި. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

މި މަސައްކަތުގައި ނިސްރީނު އަގެއް ނުނެގިޔަސް އޭނާގެ ހިދުމަތުގެ އަގުވަޒަންކުރަން މީހުން އަބަދުވެސް ކޮންމެވެސް އަގެއް ދޭ. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

"މި ގެއަށް އަންނަ މީހަކަށް އެންމެ ފުރަތަމަ ފެންނަނީ އަޅުގަނޑު ކުދިންތައް ގޮވައިގެން އަކުރު އަޅައިދޭން އިންނަތަން. އޭރު އަޅުގަނޑުގެ ތިބޭނީ ހަ ކުދިން. ދެން މި އަވައްޓެރިޔާ ބުނެފި އޭނާގެ ދަރިފުޅަށް ވެސް އަކުރު އަޅައިދޭންވީ ނޫން ހެއްޔޭ ތިގޮތަށް،" އަމިއްލަ ދަރިންކޮޅު އެދުރުގެއަކަށް ނުފޮނުވައި އަމިއްލައަށް ވޮށުފިލާ އަޅައިދޭން ފެށި ފެށުން ދިރިއުޅުމުގެ އެންމެ ބޮޑު އިލްމީ ދަތުރާއި ތަޖުރިބާއަށް ބަދަލުވާން މެދުވެރިވި ގޮތް ނިސްރީނު ކިޔައިދިނެވެ.

"އެންމެ ފުރަތަމަ އައީ އަވައްޓެރިއެއްގެ އެންމެ ކުއްޖެއް. ދެން ދުވަސްކޮޅަކުން ހިސާބުގަނޑު އެންމެންގެ ކުދިންތައް އަންނަން ފަށައިފި ވޮށުފިލާ އަޅުވަން އަކުރު ދަސްކުރަން. ދެން މަޑުމަޑުން މުޅި ރަށަށް މި ހަބަރު ފެތުރި، ރަށުގެ އެންމެ ދުރު އަވަށްތަކުން ވެސް ކުދިންތައް އަންނަން ފަށައިފި މި ގެއަށް."

މިހާރު ގާރީ ކޯސްތައް ފުރިހަމަކޮށް ފުރިހަމައަށް ތައްޔާރުވެ ތަމްރީނުވެފައިވިޔަސް ފުރަތަމަ ފިޔަވަޅުގައި މިއިން އެއްވެސް ތަރުތީބެއް ނެތެވެ.

"އޭރު އަޅުގަނޑު ކިޔަވައިދިނީ އަޅުގަނޑަށް އެނގިފައި ހުރި މިންވަރަކުން. އަޅުގަނޑުގެ ފިރިމީހާ އަކީ މުދިމެއް، ގާރީވެރިއެއް އަދި މިސްކިތުގައި ދުވަސްތަކެއް ވަންދެން ކުދިންނަށް ގުރުއާން ކިޔަވައިދިން އެދުރެއް. އެހެންވީމަ ފަށައިގަތްއިރު އަޅުގަނޑަށް ހުރީ އޭނަގެ ފަރާތުން އަދި އެހެން މީސްމީހުންގެ ފަރާތުން މިކަމުގެ އަސާސް އުނގެނި ދަސްވެފައި،" ނިސްރީނު ކިޔައިދިނެވެ.

"އެކަމަކު ފިލާގަނޑަކަށް ދޮންވެލި އަޅައިގެން އިލޮށިގަނޑަކުން ކުދިންނަށް އަކުރު އަޅައިދެމުން ދިޔައީ ފިލިފޮތަކުން ބަލައިގެން. އެކަން ބަދަލުވީ މި ރަށުގެ މަޝްހޫރު އެދުރަކު އަޅުގަނޑަށް ދިން ފޮތެއްގެ ސަބަބުން."

މިހެން ބުނެފައި ނިސްރީނު އުނދޯލިން ތެދުވެގެން ގޮސް ކޮޓަރިއަކަށް ވަދެއްޖެ އެވެ. އެނބުރި އައީ ބައުވެފައި އޮތް މޮނިޓަރު ފޮތެއް ހިފައިގެންނެވެ. އެއީ އަލިފުބާ ކިޔަވައިދިނުމުގެ ގަވާއިދާއި މުގައްރަރު ރިވެތި އަތުލިޔުމުން ނަކަލުކޮށް ރައްކާކޮށްފައިވާ ފޮތެކެވެ.

"މިއީ އެ ފޮތަކީ. އޭގެ ފަހުން މިހާރު ވެސް އަޅުގަނޑު ކިޔަވައިދެނީ މި ފޮތުގެ ގަވާއިދަށް. އަކުރުން ފަށައިގެން ފިލި ޖަހައި، ސުކުންކޮށް ތަޝްދީދުކުރާނެ ގޮތްތަކުން ގޮސް އަމިއްލައަށް ސޫރަތް ކިޔަވަން އެނގޭ ވަރަށް ދަސްވާނެ މި ފޮތް ނިމޭއިރު. ތަޖުވީދުގެ ގަވާއިދުތައް ވެސް ދަސްވެފައި ހުންނާނީ އަސާސީ މިންވަރަކަށް،" ކުލަ ބަދަލުވެފައިވާ ގަނޑުތައް އުކަމުން އަލިފުބާ ކިޔައިދެމުން ފިލިޖަހަމުން ފިލާވަޅަކަށް ފަހު ފިލާވަޅެއް އެއްލަމުން ނިސްރީނު ކުރިއަށް ދިޔައީ ހަމަ އެއްވެސް ފޫހިކަމެއް ނެތި އެވެ.

މިއީ އަޅުގަނޑު އުޖޫރައެއް ބޭނުންވެގެން އާމްދަނީއެއް ހޯދަން ކުރަން ފެށި ކަމެއް ނޫން. އަޅުގަނޑުގެ އަމިއްލަ ދަރިންނަށް ކިޔަވައިދޭން ފެށި ކަމެއް. އެކަމަކު ވަރަށް ކުރާހިތްވާ ކަމަކަށްވީމަ މި ހުރިހާ ކުދިން ގޮވައިގެން އަދިވެސް މި އުޅެވެނީ. 

މިހާރު ވެސް ހަފުތާއެއްގެ ފަސް ދުވަހު އޭނާ ގޭގެ 'ނިވައްދޮށުގައި' އަލިފުބާގެ އެކި ކިލާސްތައް ނަގައިދެނީ ފޯރި އާއި ޝައުގުވެރިކަމުގަ އެވެ. އެކަމަކު މިހާރު އޭނާ ހުރިހާ ކަމެއް ވެސް ކުރަނީ ގަވާއިދުންނެވެ. އަދި އެންމެ ފުރިހަމައަށް ތައްޔާރުވެގެންނެވެ.

"އެންމެ ފުރަތަމަ އަންނާނީ ގުރުއާން ކިޔަވާ ކުދިން. އެއީ ސޫރަތް ނިމި ހަތިމުން ކިޔަވަން ފަރިތަކުރާ ކުދިންގެ ކްލާހެއް. އޭގެ ފަހުން އޮންނާނީ ސޫރަތް ކިޔަވަން ތައްޔާރުވާ ކުދިންގެ ކްލާހެއް. ދެން އޮންނާނީ އަލިފުބާގެ އަކުރު ދަސްކުރާ ކްލާހެއް،" ނިސްރީނު ކިޔައިދިނެވެ.

މިއަދު ވެސް އޭނާގެ މި ތިން ކްލާހަށް ތިރީހަކަށް ދަރިވަރުން އަންނާނެ އެވެ.

ވޮށުފިލާއަށް ބަންޑުންވި ހިތް

ވޮށުފިލާ އަޅައިދޭން އޭނާ މީގެ 40 އަހަރު ކުރިން ވެސް އިނީ ހަމަ މި ފެންޑާގަ އެވެ. އޭރު މިއީ ތޮށަލިން ހިޔައުކޮށް ދޮންވެލިލައި ނަލަކޮށްލާފައިވީ ހިޔަލެކެވެ. އޭރު މިތަނުގައި އޭނާ ހެނދުނާއި މެންދުރާއި ހަވީރު ވެސް ވޮށުފިލާ އަޅައިދިނެވެ. އެ ކްލާސްތައް މިއަދު އެއް ދަންފަޅިއަށް ބަދަލުކޮށް މި ފެންޑާގައި ސިމެންތީގެ ތަޅުން އަޅައި ގޮނޑިތައް އަތުރައި ތަރައްގީކޮށްފައިވިޔަސް އޭނާ އަދިވެސް ދޫނުކޮށްލަނީ އެ މުސްކުޅި ވޮށުފިލާ އެވެ.

"ވަރަށް ގިނަ މީހުން މިހާރު ކިޔަވައިދޭނީ ވައިޓް ބޯޑުގައި މާކަރަކުން ލިޔެގެން. އެކަމަކު އަޅުގަނޑަށް އަދިވެސް ހަމަ ފަސޭހައީ އަދި އަކުރުއަޅައިދޭ ހިތްވަނީ ވެސް ވޮށުފިލާއެއްގައި، ވެލީގައި،" ނިސްރީނު ބުނެލި އެވެ.

"އެންމެ ފުރަތަމަ ފަށައިގަތީ ފިލާގަނޑަކަށް ގޯތިތެރެއިން ދޮންވެލިކޮޅެއް އަޅައިގެން. އޭގެ ވަރަށް ފަހުން ފިރިމީހާ ޖަހައިދިނީ އަސްލު ވޮށުފިލާއެއް. ދެން އޭރު ވެލީގައި އަކުރު އަޅައިދޭނީ އިލޮށިގަނޑަކުން. އެކަމަކު މިހާރު ބޭނުންކުރަނީ ފަންސުރުބުރިއެއް."

ރާޅުފަށް އައްޑޫ އެޑިޝަންއަށް ނިސްރީނު އިންޓަވިއު ދެނީ. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

ނިސްރީނު ވޮށުފިލާގައި ފަންސުރުބުރިއަކުން ލިޔަނީ: އެކަމަކު އާންމުކޮށް މިހާރު ވެސް ބޭނުންކުރަނީ އިލޮށިކޮޅެއް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

އޭނާ އެންމެ ފުރަތަމަ ފިލާގައި ލިޔުނު ގޮތް ވެސް ކިޔައިދިނެވެ.

"އޭރު އަޅުގަނޑު ފިލާ ލިޔެދިނީ އަމިއްލައަށް ދެއްޔެއް ތައްޔާރުކޮށްގެން އޮނުބަދަގަނޑެއް ބޭނުންކޮށްގެން. އޭރު ބޭނުންކުރީ ދެލި ދަވާދު. އެއީ ކައްކާ ތެލީގެ ބޭރުގައި ޖަހާފައި ހުންނަ ދެލި ކަހާލައިގެން ކައްކައިގެން ތައްޔާރުކުރާ ދެއްޔެއް،" ނިސްރީނު މާ ކުރީގެ ހަނދާންތަކެއް ކައްކަމުން އަނބުރަމުން ގެންދިޔަ އެވެ.

"ދެން ފަހުން އެ ފިލާތަކުގައި ލިޔަން ފެށީ ފަންސުރުން. އޭރު ފިލާ ދޮންނާނީ މަށި ލައިގެން. ދެން އޭގެ ފަހުން ފިލާތައް ބަދަލުވީ ހުދު ފޮމިކާ ޖެހި ފިލާތަކަށް. އެކަމަކު އަދިވެސް ވޮށުފިލާ މި އަޅަނީ އެންމެ ފުރަތަމަ ދުވަހު ވެސް އަޅައިދިން ގޮތަށް."

އެއީ ތެދެކެވެ. އަދި އެއްވެސް އަގެއް ނެގުމެއް ނެތި ހިލޭސާބަހަށް މިހާރު ވެސް ކޮށްދޭ ކަމެކެވެ.

"އެހެން މީހުންގެ ކުދިން މި ގެއަށް ފޮނުވަން ފަށައިގެން ވިއްސަކަށް ކުދިން ހަމަވީމަ ބައެއް މީހުން އަމިއްލައަށް ބޭނުންވެގެން ކުއްޖަކަށް 5 ރުފިޔާ މަގުން ދިން. ދެން 10ރ. ވެސް ދިން. 20ރ. ވެސް ދިން. ބައެއް މީހުން 50ރ. ދިން،" ނިސްރީނު ކިޔައިދިނެވެ.

"އެކަމަކު އެއީ އެ ބަޔަކަށް ފެނިގެން ދިން އެއްޗެއް. އަދި އަޅުގަނޑު އެއްވެސް އަގެއް ދޭށޭ ބުނަނީއެއް ވެސް ނޫން. ދިން ބަޔަކު ދިނީ. ނުދޭ ބަޔަކު ނުދެނީ. އަދި އަގެއް ނުދީގެން އަޅުގަނޑު ދުވަހަކު ޝަކުވާއެއް ވެސް ނުކުރަން."

"ސަބަބަކީ މިއީ އަޅުގަނޑު އުޖޫރައެއް ބޭނުންވެގެން އާމްދަނީއެއް ހޯދަން ކުރަން ފެށި ކަމެއް ނޫން. އަޅުގަނޑުގެ އަމިއްލަ ދަރިންނަށް ކިޔަވައިދޭން ފެށި ކަމެއް. ދެން މީހުން އެމީހުންގެ ކުދިން ފޮނުވަން ފެށީމަ އަޅުގަނޑުގެ ޝައުގުވެރިކަމާ ވެސް ގުޅިފައިވާ ކަމަށް ވީމަ މި ހުރިހާ ކުދިން ގޮވައިގެން މި އުޅެނީ މިހާރު ވެސް."

ނިސްރީނު އޭނާގެ ކުދިމާވާދީގެ ފެންޑާގައި ކުދިންނަށް ވޮށުފިލާ އަޅައިދެނީ. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

ނިސްރީނުގެ މި ހިދުމަތަށް ސަރުކާރުން ވަނީ އާންމު ހިދުމަތުގެ އިނާމު 1999 ވަނަ އަހަރު ދީފަ އެވެ. އޭރު އޭނާ ވޮށުފިލާ އަޅައިދިން ކުދިންގެ އަދަދު 600 އަށް އަރަ އެވެ. އެ އަދަދު އޭނާއަށް އެނގެނީ ހުރިހާ ކުދިންގެ ރަޖިސްޓްރީއެއް މިހާރު ވެސް އޭނާ ގެންގުޅޭތީ އެވެ.

"އިންޑެކްސް ނަމްބަރު އެކަކުން ފަށައިގެން މިހާރު ވެސް ފެންނަން އޮންނާނެ ހުރިހާ ކުދިންގެ ރަޖިސްޓްރީއެއް. ނަދީމުގެ ނަން ވެސް އޮންނާނެ އެ ފޮތުގައި،" މިހެން ބުނެފައި ނިސްރީނު ތެދުވެ ހިނގައިގަތީ އެ ރަޖިސްޓްރީ ވީތަނަކުން ހޯދާށެވެ.

އުނދޯލިން ތެދުވެގެން ގޮސް އަހަރެން މަޑުކޮށްލީ ގޮނޑިތައް އަތުރާފައި ހުރި ފެންޑާގަ އެވެ. އެތަނުގައި ބަހައްޓާފައި ހުރި ވޮށުފިލާ ފެނުމުން ސިކުނޑީގައި އަނެއްކާވެސް އުކަން ފެށީ މާ ކުރީގެ ހަނދާންތަކެކެވެ. އިންޑެކްސް ނަމްބަރުގެ ރަޖިސްޓްރީ ހިފައިގެން ގަނޑުތައް އުކަމުން ނިސްރީނާއްތަ އޭރު ނުކުމެގެން އަންނަތަން ފެނެ އެވެ.

ނޫނުން ނަދީމުގެ ނަން ހޯދަމުންނެވެ. އެކަމަކު ނޫނުން ނިސްރީނާއްތަ އެވެ. ނިސްރީނުގެ އަޑާއި ހިދުމަތުގެ އަގެވެ.

ވޮށުފިލާއިން ދުވަހަކުވެސް ނުފޮހެވޭނީ ނިސްރީނު އަލީގެ ނަމެވެ. މިގޮތަށް ލިޔެ ދުވަހަކުވެސް އަގުވަޒަންނުކުރެވޭނީ އޭނާގެ މި ހިދުމަތެވެ.

އެޑިޓަރުގެ ނޯޓް:

މިއީ ކުރިން 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.