ގދ. ވާދޫގެ މަޝްހޫރު މަލަމަތި ދައްކައިލުމާ އެކު ހުވަދޫ ދަތުރުން ހުތްބަޑިބަޑި ޖަހައިގަތެވެ. އާރުޓީއެލްގެ ފެރީން އެ ރަށަށް ފުންމާލުމާ އެކު ހިތް-ތަރަތަރަ ލައިގަތެވެ. އަދި ރަށު ތެރެއަށް މި ދަތުރުގެ ވާ ދޫކޮށްލުމާ އެކު ހުތާއި ހިތުގެ ގުޅުމެއް ކަށަވަރުވެ ނިމިއްޖެ އެވެ.

ހަމަ ރަނގަޅަށް ވެސް ހިއްސުތަކުން ބަޑިބަޑި ޖަހައިގަތެވެ. ސަބަބަކީ ޒަމާނުއްސުރެން ގދ. ވާދޫ މަޝްހޫރުވެފައި އޮތީ ކައްޓަލަ، އަލައިގެ ރަށެއްގެ ގޮތުގައި ވިއްޔާ އެވެ. ނަމަވެސް ހއ. ތުރާކުނުން ފެށިގެން ގޮސް އައްޑޫ އަތޮޅު ދުބާއީއާ ހަމަ އަށް ވެސް މިއަދު ފެތުރިފައި މި އޮތީ ވާދޫ ލުނބޯގެ ހުތާއި ހިތެވެ. ރަށުގެ މަލަމަތިން 'ވާދޫގެ ކިތަންމެ ބޮޑު ނިކަ ގަހެއް' އަހަރެމެންނަށް ހަނާ އެޅިޔަސް އެ ރަށުގައި ފައްކާވެފައި ވަނީ ލުނބޯގެ އާދަޔާހިލާފު ލޯތްބެކެވެ.

މި 'ވާދޫ ލުނބޯ' ގެ ގަހެއް ނެތް ރަށެއް ނުވަތަ އޭގެ ކުރިއެއް ނެތް ގެއެއް ރާއްޖޭގައި މިހާރު މަދުވާނެ އެވެ. އައްޑޫ އަތޮޅަށް ދިޔައިރު އެތަނުގައި ވެސް އޮތީ ވާދޫ ލުނބޮ އެވެ. ފުވައްމުލަކުގެ ދަނޑުތަކުގައި ވެސް ރޯވެފައި ވަނީ ވާދޫ ލުނބޮ އެވެ. ދަނޑުބިމާއި ދިރިއުޅޭ ގޯއްޗާއި މީހުން ދިރިނޫޅޭ ގޯތިތަކުން ވެސް ފެންނަމުން ދިޔަ ފެހިކަން ގަދަ ދިރުމަކީ ވާދޫގެ މަޝްހޫރު ލުނބޯ ގަހެވެ.

އެހެންކަމުން، ފުވައްމުލަކުން ފުރައިގެން ވާދޫ އަށް ދެވުނުއިރު އަޅުގަނޑުގެ ސިކުނޑި ކަރު ކަހަމުން ކުރަހަމުން ގެންދިޔަ އެ ރަށުގެ އެންމެ ބޮޑު ސެލެބްރިޓީ އަކީ ބަތަލާ ނިއުމާ މުހައްމަދެއް ނޫނެވެ. އެކަމަކު މި ވާދޫ ލުނބޮއިން މުޅި ރާއްޖެ ހުތްކޮށްލައިގެން އުޅޭ އައިމިނަތު ވަހީދާ އެވެ.

އުމުރުން 51 އަހަރުގެ ވަހީދާ އަކީ ރަށުގެ ސިއްހީ މަރުކަޒުގައި 'އެޓެންޑެންޓެއް' ގެ ވަޒީފާ އަދާކުރަމުން އަންނަ ހަ ކުދިންގެ ހީވާގި މަންމަ އެކެވެ. ނަމަވެސް އޭނާ މިއަދު މުޅި ރާއްޖެ އަށް މަޝްހޫރުވެފައި ވަނީ ވާދޫ ލުނބޯގެ 'މަންމަ' ގެ ގޮތުގައިކަން ޔަގީނެވެ.

އެހެން ހިތަށް އަރައި އެއްލި ކަޅިއަކުން އެންމެފަހުން ވަހީދާ ފެނިއްޖެ އެވެ. އަހަރެންގެ އިންތިޒާރުގައި އޭނާ މަޑުކޮށްލައިގެން އެހެރީ 'އަވީގަ' އެވެ. 'އަވި' އެއީ މި ރަށުގައި އޭނާ ދިރިއުޅޭ ގެ އެވެ.

'އަތްވަތް' ގޮސް ވަދެވުނުއިރު ރަތްދަކަ އަވިން މުޅި ރަށް އޮތީ ދޮންކޮށްލައިފަ އެވެ. ނަމަވެސް 'އަވީގައި' އޭނާ މީގެ 15 އަހަރު ކުރިން އިންދި ފުރަތަމަ ލުނބޯ ގަސް އޭނާގެ ހަޔާތަށް ގެނެސްދިން ފިނި ހިޔަލަށް ގޮސް ވަދެވުމާ އެކު މި އިންޓަވިއު އެ އުފާވެރިކަމުން ދޮންވެ ފައްކާވެއްޖެ އެވެ.

ގޭގެ ބިތްދޮށް ފަރާތުގައި ހައްދާފައިވީ ލުނބޯ ގަސްތަކުގެ ތެރެއަށް ވަދެގެން ގޮސް ވަހީދާ އެންމެ ފުރަތަމަ ވެސް ދައްކާލީ ވާދޫ ލުނބޯގެ ވާހަކަ ފަށައިދިން 'މެއިން ކެރެކްޓާ' އެވެ. އެއީ މުޅި ރާއްޖެ އަށް ވާދޫ ލުނބޯ 'ވިހައިގެން' އުޅޭ 'މަންމަ ގަހެވެ'.

"މިއީ އެ ގަހަކީ،" ވަހީދާގެ ނިއަނެތިވި ހިނިތުންވުން ގޮސް ޖެހުނީ އިރުމެދު އެވެ.

"މިއީ އަޅުގަނޑުގެ ދިރިއުޅުމުގައި ވަރަށް ފުން ހިތާމައެއް ކުރިމަތިވެ، މާޔޫސްވެފައި ވަނިކޮށް ރައްޓެއްސަކު ރާއްޖެއިން ބޭރުން ގެނެސްދިން ކައިވަތެއް ވަރުގެ ކުޑަ ކުރިކޮޅެއް."

މިހެން ބުނެފައި ދައްކާލި ލުނބޯ ގަހުގެ ނިވަލަށް ވަދެ އޭނާ ގެއްލިއްޖެ އެވެ. އެ ގަސް މިއަދު އެ ވަނީ ވަހީދާ އަށް ވުރެން ބޮޑުވެ، އޭނާގެ ގޯތި ތެރެއަށް ފެތުރިފަ އެވެ. އެ ގަސް އޭނާ ދިރުވާލީ ކަމަށް ހީކޮށް އެ ދިމާލަށް ބޯ ދިއްކޮށް ބަލައިލުމުން ދެން ފެނުނީ ފަސް ބަނދެފައިވީ ގޮފިގަނޑެއް އެ ގަހުން ވަހީދާ ކަނޑާލި ތަނެވެ. ރާއްޖޭގެ ކޮންމެވެސް ހިސާބަކަށް ފޮނުވާނެ ގޮފިކޮޅެއް ތައްޔާރު ކުރުމުގެ ވަގުތު އަނެއްކާވެސް ޖެހުނީ އެވެ.

ވަހީދާގެ އެކަނިވެރި ހަޔާތުގައި އުފާވެރިކަމުގެ ގޮފިތައް ރޯވެ ކޮންމެ ދުވަހަކުވެސް ހެދެމުންދާ ގޮތަކީ މި އެވެ. މި ލުނބޯ ގަހަކީ އޭނާގެ ހަޔާތުގައިވީ ހިތްޗާއި ހިތާމަ، ފަރުވާ އަކަށް ބަދަލުކޮށްދޭ އޭނާގެ އެންމެ އުފާވެރި ހިޔަލެވެ.

"މި ގަސް އަޅުގަނޑަށް ލިބުނީ އަޅުގަނޑުގެ ފިރިމީހާ މަރުވި އަހަރު. އެއީ އެކަމުގެ ހިތާމާގައި ވަރަށް ފިކުރު ބޮޑުވެފައިވީ ދުވަސްކޮޅެއް،" ޅަފުރައިގައި ފެށި ޒަވާޖީ ހަޔާތުގެ ބައިވެރިޔާގެ ކުއްލި މަރާ އެކު ގެނބިގެން ދިޔަ ފުން ހިތާމައިން އަރައިގަތުމުގެ ދަތުރު ފެށުނު ގޮތް ވަހީދާ ކިޔައިދިނެވެ.

"އެގޮތަށް ފިކުރުބޮޑުވެ އެކަނިވެފައި ވަނިކޮށް ފެށުނު މަސައްކަތެއް މި ދަނޑުވެރިކަމަކީ އަސްލު. މި މަސައްކަތްވީ އަޅުގަނޑުގެ ނަފުސާއި ފިކުރަށް ފެށުނު ފަރުވާއަކަށް. ދަނޑަށް ދިޔައީމަ ހަމަ އެއްވެސް ފިކުރެއް ކަންބޮޑުވުމެއް ނުހުރޭ އަޅުގަނޑުގެ ބޮލުގައި"

"މިއީ އަޅުގަނޑު މިހާރު އެންމެ އުފާވާ މަސައްކަތް. މި މަސައްކަތުގައި އުޅޭއިރު ވަގުތުދާ ގޮތެއް ވެސް ނޭނގޭނެ."

ވަހީދާ ގެންދިޔައީ ލުނބޯ ގަހުން ކަނޑައިގެން ގެނައި ގޮފިކޮޅު ޕޮޓެއްގައި އިންދަން ތައްޔާރުކުރަމުންނެވެ. ގަސްކާނާކޮށްފައިވީ ފަހާ އެކު އެ ޕޮޓު ތައްޔާރުކުރަމުން ދިޔައިރު އެގޮތަށް މޫ ލެއްވި އެފަދަ އެތައް ކުރިއެއް ޕޮޓްތަކުގައި އިންދައި ދަތުރަށް ފަރިކޮށް ސަފުސަފަށް އަތުރާފައިވާތަން އޭނާގެ މުޅި ގޯތި ތެރެއިން ވެސް ފެނެ އެވެ.

ލުނބޮޔަށް ވުރެ ގިނައިން އޭނާ ވިއްކަނީ ވެސް މި ގަހުގެ ކުރި އެވެ. ރަށުން ބޯޓެއް ފުރާ ނަމަ މީގެ ވިއްސަކަށް ޕޮޓު ނުފޮނުވާ ފަހަރެއް މަދުވާނެ އެވެ. ނަމަވެސް ވަހީދާ ބުނީ 'މަންމަ ލުނބޯ ގަހުން' އިތުރު ގަސްތަކެއް ރޯކުރުންވީ ހީކުރި ވަރަށް ވުރެން ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

"ބޭރުން ގެނައި ގޮފިކޮޅު އަޅުގަނޑު އިންދީ ޓައްޕެއްގައި. އެގޮތަށް އަދިވެސް އެ ޓައްޕުގައި އެ ގަސް އެހެރީ. ދެން މި ގަހުގައި ލުނބޯ ޖަހަން ފެށީމަ މޫލެއްވި ކުރިތައް ރައްޓެހިންނަށް ހަދިޔާކުރަން ފެށިއްޖެ. އަދި އެއަށް އޮތް ޑިމާންޑު އެންމެފަހުން ބޮޑުވީމަ މިކަން ބަދަލުވީ ވިޔަފާރިއަކަށް،" ވަހީދާ ކިޔައިދިނެވެ.

"އެކަމަކު ދެން ވީ ގޮތަކީ، މި ގަސް ގިނަކުރަންވެގެން އޭގެ ގޮފިތަކުގައި މޫ ލައްވައިގެން އަޅުގަނޑު އޭގެ 20 ކުރި އެންމެ ފުރަތަމަ އިންދީ ސީދާ ބިމުގައި. ނަމަވެސް ގޯތި ތެރޭގައި އިންދި އެ ގޮފިތައް ރޯވެ ހެދުނަސް މިގޮތަކަށް ލުނބޯ ޖަހާ ގޮތެއް ނުވި."

ނަމަވެސް ވަހީދާ ބުނީ އޭނާގެ 'މަންމަ ލުނބޯ ގަހުން' ކެނޑި އެންމެ ކުރިކޮޅެއް ވެސް މިހާތަނަށް އޭނާ އެއްލާލާފައި ނުވާނެ ކަމަށެވެ.

"އެންމެ ގޮފިކޮޅެއް ވެސް މިހާތަނަށް އެއްލައެއް ނުލަން. ގަހުގެ އެންމެ ގޮފިކޮޅެއް ވެސް ބޭކާރުވެފައި ނުވާނެ މިހާތަނަށް. އެގޮތުން ބިމުގައި އިންދި ކުރިތައް އަޅުގަނޑު ދެން ބަދަލުކުރީ ޓައްޕުތަކަށް. އެއާ އެކު ރޫސްލާފައި ލުނބޯ ޖަހަން ފަށައިފި."

ވަހީދާ ބުނީ ލުނބޯ ގަސް ހެއްދުމުގެ މަސައްކަތަށް އޭނާ ނުކުތީ އޭގެ ހަމަ އެއްވެސް ތަޖުރިބާއެއް ނެތި ކަމަށެވެ.

"އަޅުގަނޑު ވެސް މިއީ، މި ރަށުގެ އެހެން މީހުން ފަދައިން ކުރީގައި އަލަ ހެއްދި މީހެއް. އޭރު މި ގޭގައި އޮންނާނެ ހަތަރު އަލަ ދަނޑު. އެކަމަކު ކޮންމެ ކަމެއް ވެސް ފެށީމަ ދޯ އެނގޭނީ އެކަމެއް ކުރަންވީ އެންމެ ރަނގަޅު ގޮތް،" ވަހީދާ އެ ބުނީ ސަތޭކަ ފަންސާހުގެ ވާހަކަ އެކެވެ.

އޭނާ މިއަދު އެ ވަނީ ރާއްޖޭގައި އޮތް ލުނބޯގެ ދަނޑުވެރިކަމަށް އިންގިލާބެއް ގެނެސްފަ އެވެ. އުފަން ރަށް، ލުނބޯގެ ދަނޑުވެރިކަމަށް ބްރޭންޑްކޮށް މުޅި ރާއްޖެ އަށް ވިއްކައިފަ އެވެ.

"މި ރަށުގައި ވެސް މިހާރު ގާތްގަނޑަކަށް ހުރިހާ ގެއެއްގައި ވެސް މި ގަހުގެ ކުރިން ހައްދާފައިވާ ލުނބޯ ގަސްތައް ހުންނާނެ. ގަސް ނުފޮނުވާ އަތޮޅެއް މިހާރު ނެތް. މަހެއްގެ މައްޗަށް އާންމުކޮށް 200-300 ކުރި އެބަ ވިކޭ،" ވަހީދާ ބުނީ ލުނބޮޔަށް ވުރެން އަދިވެސް ޑިމާންޑް ބޮޑުވެފައި އޮތީ އޭނާގެ މި ގަހުގެ ކުރިތަކަށެވެ.

އޭގެ ކުރިއެއް އޭނާ ވިއްކާ އާންމު އަގު އުޅެނީ 200-250ރ. ގަ އެވެ.

"މި މަސައްކަތުގައި މިހިސާބަށް އާދެވިދާނެއެކޭ އަޅުގަނޑުގެ ހިތަކަށް ދުވަހަކުވެސް ނާރާ،" ވަހީދާ ބުނެލި އެވެ.

ނަމަވެސް އޭނާގެ ފިކުރުތަކަށް ފިނިކަމެއް ހޯދައިދިން ލުނބޯގަސް މިއަދު އެ ވަނީ މާޔޫސްވި އެ ދިރިއުޅުން ކޮޅަށް ޖަހައި އާރޯކަމާއި އުފާވެރިކަން އޭނާ އަށް އަލުން ކަށަވަރުކޮށްދީފަ އެވެ.

"އަޅުގަނޑު މިއަދު އެންމެ އުފާ ވަނީ މި މަސައްކަތުގައި، އަޅުގަނޑުގެ ކުދިންތައް ގޮވައިގެން އުޅެލެވޭތީ. މި ގަސްތައް ހެއްދުމުގައި އަމަލީ ގޮތުން ކުދިން ނޫޅުނަސް ގަސްތައް ވިއްކުމާއި ޑެލިވަރީކޮށްދިނުމުގެ ހުރިހާ ކަމެއް ކޮށްދެނީ އަޅުގަނޑުގެ ކުދިން،" އުފަލުންގޮސް ކަރުނަ ހިލިފައި ހުރެ ވަހީދާ ބުނެލި އެވެ.

"މިއަދަކު މި އަށް ވުރެ ބޮޑު އުފަލެއް އަޅުގަނޑުގެ ދިރިއުޅުމަކު ނެތް."

އެ ހަގީގަތް ވަރަށް ސާފެވެ. ހަޔާތުގެ ހިތި އޭނާ ސާފުކޮށްލީ ހުތާއި ހިތުގެ މި ގުޅުމުންނެވެ.