މެރިހާނާ

އަނދަމުން ދިޔަ ދިރިއުޅުން ނިއްވައި ރޯކޮށްލި ޕްރޮފެސަރު

ޓިކްޓޮކަށް ވަންއިރު، ލޮނުމެދަކާއި ދެ ފިޔަ އާއި ސަމާސާއެއް ލައިގެން އޭނާގެ ދިރިއުޅުމުގެ އުދާސްތައް އޭގައި ހަނާކޮށް މީހުންގެ ބަނޑުގައި ގޮށްލައްވަނީ އެވެ.

އަނދަމުން ދިޔަ ދިރިއުޅުން ނިއްވައި ރޯކޮށްލި ޕްރޮފެސަރު
އަހްމަދު ނަދީމް

އަހްމަދު ނަދީމް

· 24 ސެޕްޓެމްބަރު 2026

12 މިނެޓު

ޓިކްޓޮކަށް ވަދެ ހާވާލިތަނުން، ނޭފަރު ބަހުރުވައިން މީހަކު ވިރުވައިއަޅައިގަތެވެ. ފަކީރާ އުދަލިން ޖަހައި ނޫޑުލީސްގަނޑެއް އަނބުރައި ސަނބުރަނީ އެވެ. ލޮނުމެދަކާއި ދެ ފިޔަ އާއި ސަމާސާއެއް ލައިގެން އޭނާގެ ދިރިއުޅުމުގެ އުދާސްތައް އޭގައި ހަނާކޮށް މީހުންގެ ބަނޑުގައި ގޮށްލައްވަނީ އެވެ.

އެހިސާބުން އެ ތެއްޔަކަށް އަހަރެންގެ ޝައުގުވެރިކަން ވެއްޓި ނިމިއްޖެ އެވެ.

ދެން ޖެހުނީ އެ ނޫޑުލީސްގަނޑަށް ފުންމާލާށެވެ. މި 'ޕްރޮފެސަރެއް' ހޯދައިގެން އޭނާގެ ހެއްވާ މަޖާ ހަޔާތުގައި އޮތް އުފާވެރިކަމުގެ ރެސިޕީއަކީ ކޮބައިތޯ ބަލަން އަނގަ އޭގެ ތަންމިނަށް ހުޅުވާށެވެ.

އާދެ، ޓިކްޓޮކްގައި އެންމެން ވެސް އޭނާ ދަންނަ މަޝްހޫރު ނަމަކީ 'ޕްރޮފެސަރު ރާއްޕޭ' އެވެ. އޭނާގެ މި ސަމާސާ ޝަހުސިއްޔަތު ނުދަންނަ ކަމެއް ދުނިޔެމަތީގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޖޯލި ގެތުމުން ފަށައިގެން ގޮސް ރޮކެޓް ސައިންސްގެ ވާހަކަ ގަތައިދޭން ކަމުގައިވިޔަސް ރެއަކާއި ދުވާލެއް އޭނާ އެ ޝައުގުވެރިކަމުގައި ހޭދަކޮށްފާނެ އެވެ.

"ނޫނެކެވެ. މިވަގުތު މި އުޅެނީ ރައްޓެއްސެއްގެ ފައިގެ ކުޑަހުޅު ނެއްޓިގެންނެވެ. ތި ކޯލަކަށް އެރޭނީ އަދި ފަހުންނެވެ. މިހާރު މި ދަނީ އެ ސޮރު ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ."

ކައްކަމުން ދިޔަ ނޫޑުލިސްގަނޑުން ބަނޑުފުރާލައިގެން ނުކުމެ ރާއްޕެއާ ގުޅާލެވުނުއިރު ރަހަގަނޑު މިހާރު އެއޮތީ އެއްކޮށް ބަދަލުވެފަ އެވެ.

ނޫނެކެވެ. އެ ފެނުނީ ޕްރޮފެސަރު ރާއްޕެގެ ހަޔާތުގައި މިއަދު އޮތް އުފާވެރިކަމުގެ ސިއްރު ރެސިޕީން އޭގެ ކުޑަ މިންވަރެކެވެ. ދިރިއުޅުމުގެ އުދާސްތައް އޭނާގެ ބޮލުގައި ބޮކިޖަހާފައި ކެކެމުން ދިޔަޔަސް ރާއްޕެގެ ހިތުގައި އަބަދުވެސް އެންމެ މުހިންމު ވަގުތަކީ ރައްޓެހިންނަށް ދޭ ވަގުތެވެ.

"ނޫނެކެވެ. ބްރަދާ މިހާރު އެ އޮތް ނަމާދު ވަގުތުވީ އެވެ. އެހެންވީމަ ދެން މި ދަނީ ބަންގި ގޮވާށެވެ."

ބަންގީގެ އަޑު ކަންފަތުގައި އައިސް ޖެހުނުއިރު ރާއްޕެ މިހާރު އެހެރީ މުޅިން އެހެން ކެރެކްޓާއަކަށް ބަދަލުވެފަ އެވެ. މިހާރު އޭނާ އަކީ އިބްރާހިމް ރަޝީދެވެ. ލެމެރިޑިއަން ތިލަމާފުށި ރިސޯޓުގައި ވަޒީފާ އަދާކުރާ މުދިމެކެވެ.

ނަމާދުކޮށް ނިމިގެން މި އިންޓަވިއު އަށް ވަގުތު ހުސްކޮށްލުމާ އެކު އޭނާ ދެން އަނެއްކާވެސް ޓިކްޓޮކްގެ ޕްރޮފެސަރު ރާއްޕޭގެ ތޮފި އަޅައިފި އެވެ. އަދި ނޭފަރުން ސަމާސާއެއް ވިރުވައިއަޅާލި އެވެ.

"ކޮބޭ ކަލޯ. ޗަހެންވީމާ ޗޮއްތީ ޗަކިޔާ ރާއްޕެއެއްގެ ވާހަކަ ފެށެފޭވެ."

މާތް ކަލާކޯ އެވެ. އެ ބުނި އެއްޗެއް ފަހުމުވާން އިރުކޮޅެއް ނެގި އެވެ. އެކަމަކު އެއަށް ފަހު ޖަހާލި ހިނިގަނޑާއެކު ބިންދައިގެން ގޮސް ޖެހުނީ ރާއްޕެގެ ހަޔާތުން ޗެޕްޓަރަކަށް ފަހު ޗެޕްޓަރެއްގަ އެވެ. އޭނާގެ މި ހަޔާތަކީ އެތައް ފަހަރަކު އެތައް ތަނަކުން ބިންދައިގެން ގޮސްފައި އޮތް ދިރިއުޅުމެކެވެ.

"ބައްލަވާ އަޅުގަނޑު އޮތީމޭ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ޖަލުގައި ވެސް. ކިހާ ހިސާބަކުންތަ އަހަރެންގެ ވާހަކަ ފަށަންވީ؟،" ހަޔާތުގެ ފޮތް އޭގެ މެދުން ހުޅުވާލާފައި ރާއްޕެ އަހާލި އެވެ.

"މި ބުނީ ވަރަށް ކުރިން ފެށިގެންތޯ ނުވަތަ މިހާރުގެ ލައިފުންތޯ ކިޔާދޭންވީ؟ އަޅުގަނޑު ބޭނުންވަނީ ވަރަށް ތަފްސީލުކޮށް އަޅުގަނޑުގެ ހަޔާތުގެ ވާހަކަ ކިޔައިދޭން."

އެއީ ކީއްވެގެންތޯ އަހާލުމުން ޖޯޝުން ފުރިފައިވީ ނޭވާއެއްގައި ބުންޏެވެ.

"އެއީ އަޅުގަނޑުގެ މި ދެ އަތުން ހަލާކުވެގެން ދިޔަ ދިރިއުޅުމުގައި ދެން ސަލާމަތްނުވެދާނެހެން ހީވި ކޮންމެ ފަހަރަކު މާތްރަސްކަލާނގެ ދެއްވި ފުރުސަތުތަކަށް ޝުކުރުވެރިވުމަށް. އަޅުގަނޑު ސަލާމަތްވީ މަރުގެ ތުންފަތްމައްޗަށް ވެއްޓިފައި އޮތްވައޭ"

"އެހެންވީމަ އެ ވާހަކަ އަޅުގަނޑު ކިޔައިދޭން ބޭނުން އަޅުގަނޑާ ދިމާވާ އެންމެނަށް. ކުރިން އަޅުގަނޑަކީ ވާހަކަ ދައްކަން ކެރޭ މީހެއް ވެސް ނޫން. އެކަމަކު މިހާރު ސަލާމަތްނުވާ ވަރަށް ވެސް ވާހަކަ ދެއްކިދާނެ."

މިހެން ބުނެފައި ހަޔާތުގެ ފޮތުން އޭނާ ގަނޑުތައް އުކައިގަތެވެ. އަހަރެމެންނަށް ދެވުނީ ޅ. ނައިފަރަށެވެ. އޭނާގެ އުފަން ރަށަށެވެ. އަދި އެ ރަށުގެ ގުލްޗަމްޕާ ގެއަށެވެ.

ގޯތި ތެރެއަށް ވަދެގެން ގޮސް އޭނާ މަޑުމަޑުން ދޮރު ހުޅުވާލި އެވެ. އެވަގުތު އެ ގޭ ތެރެއިން ނުކުމެގެން އައީ މީގެ ތިރީހަކަށް އަހަރު ކުރީގައި ވަޅުލެވިފައިވީ ހަނދާންތަކެވެ. އެ ހަނދާންތައް ގޭތެރެއިން ނުކުމެގެން އައިސް ރާއްޕެގެ ގައިގައި ބައްދައިގަތީ އިބްރާހިމް ރަޝީދޭ ކިޔުނު ކުޑަ ކުއްޖެއްގެ ސިފައިގަ އެވެ.

ގުލްޗަމްޕާގެ އަކީ ރާއްޕެ އުޅެ ބޮޑުވި އޭނާގެ ހަޔާތުގެ ފުރަތަމަ ޗެޕްޓަރެވެ.

ގޭތެރެއިން އޭރު ވެސް އިވެމުން ދަނީ ދެމަފިރިއެއްގެ ޒުވާބެވެ. އިބްރާހިމް ރަޝީދު އެހެރީ ފެންކަޅިވެފަ އެވެ. މިއަދު ވެސް އޭނާ އެހެރީ ނުކައެވެ.

"މަންމަ އާއި ބައްޕަ އަބަދުވެސް އުޅޭނީ ކޮންމެވެސް މައްސަލަގަނޑެއްގެ ތެރޭގައި. އަޅުގަނޑުގެ އެންމެ ދުރު ހަނދާނަކީ ވެސް، ގޭތެރޭގައި މަންމަ އާއި ބައްޕައާ ދެމެދު އޮތް މައްސަލަތައް،" ރާއްޕެ ބުނެލި އެވެ.

"އެކަމަކު އޭރަކު އަޅުގަނޑު ކުޑަކަމުން އަޅުގަނޑަކަށް ނޭނގޭ މި ވަނީ ކީތް ކަމެއް."

ނަމަވެސް ކުޑަކުއްޖަކު އުޅެ ބޮޑުވާ މާހައުލަކީ އެ ކުއްޖާ ފުށްގަނޑެއްހެން މޮޑެމުން ގެންދާ މެޝިނެކެވެ. އަދި އުޅެ ބޮޑުވާން ޖެހުނު މާހައުލުގެ ސިފަތައް މާ ގިނަ ދުވަހެއް ނުވެ ރާއްޕެގެ ކިބައިން ވެސް ފެންނަން ފަށައިފި އެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާގެ ކުޑައިރުގެ ހަޔާތް ބަސްހުއްޓި ގާވީ އެވެ. އަދި މާ މަޑު މަޑުން، މާ ލަދުން އުޅުނީތީ އަނދޮޅު ކުއްޖަކަށް ހަދައި އުމުރުފުރައިގެ އެހެން ކުދިން އޭނާ އަށް ހަގާކުރުން ބަނޑުފުރުމަކަށް ހަދައިފި އެވެ.

"މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅި، މަންމަ ގެއިން ނުކުމެގެން ދިޔަ ދުވަހުން ފެށިގެން މަގުއޮޅިއްޖެ. ކިޔެވުމަކަށް ވެސް ރަނގަޅަކަށް ފޯކަސްއެއް ނުކުރެވޭ ދެނެއް. ކާންދީ ބަލަހައްޓާނެ މީހަކު ވެސް ގޭގައި ނެތް. ދެން ރަށު ތެރޭގައި ލައިހޫރެން ފެށިއްޖެ،" އުމުރުން ނުވަ އަހަރުގައި ރާއްޕެ ހާންތިކޮށް ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔަ ގޮތް ކިޔައިދެމުންދިޔައިރު އޭނާގެ އަޑުގައި ކޮށިކަމެއް ހުއްޓެވެ.  

"ސްކޫލަށް ވެސް ދާން ޖެހެނީ ނުކައި ނުބޮއެ ހުރެގެން. އެހިސާބުން ފެށިގެން އަޅުގަނޑު އަމިއްލަ އަށް މަސައްކަތްކުރަން ފަށައިފިން. ރަށު ތެރެއަށް ނުކުމެ، މީހުންގެ ތެރޭގައި އުޅެން ފެށީމަ އެމީހުން އަޅުގަނޑު ލައްވައި މަސައްކަތްކުރުވަން ފަށައިފި"

"މާ ބޮޑު އުޖޫރައެއް ލިބެނީއެއް ނޫން އެކަމަކު ބަނޑުފުރާ މުއްތިކުރެވޭނެ ގޮތެއް އެމީހުން ހޯދައިދޭތީ ގޮސް އެމީހުން ބުނާ ކަމެއް ކޮށްލަދެނީ. އެގޮތަށް އުޅުނީމަ ބަރާބަރަށް ކާން ދޭނެ އަޅުގަނޑަށް. ދެން ކޮންމެ ދުވަހަކުވެސް ދެ ރުފިޔާ ދޭނެ."

އެ ރުފިޔާ އޭނާ ފޮރުވައިގެން އުޅުނީ ސްކޫލަށް ގޮސް އިންޓަވަލް ގަންނާށެވެ.

"އެކަމަކު އެހާ ވަރުން ލިބޭ ރުފިޔާ އަށް އިންޓަވަލް ގަނެގެން ދާތަނުން، ސްކޫލްގައި ބޭޑު އަރުވަން ތިބޭ ކުދިންތައް އަޅުގަނޑާ ދިމާކޮށްލައި އަޅުގަނޑުގެ އަތުން އެ އިންޓަވަލް ވެސް ފޭރިގަންނާނެ. ދެންވާ ގޮތަކީ ސްކޫލްގައި ދިމާވާ ކަންކަމުގެ ވާހަކަ ގޮސް މަންމަމެންނަށް ކިޔައިދޭނެ މީހަކު އޭރަކު ގޭގަ ނުވެސް ނެތީ"

"އެހިސާބުން ދެން ފޫހިވެއްޖެ ސްކޫލާއި ކިޔެވުންމަތިން ވެސް. ދެން އުޅެން ފެށީ މަގުމަތީގައި. އެހިސާބުން ސިނގިރޭޓު ބޯން ފެށިއްޖެ. މަސްތުވާތަކެތި ބޭނުންކުރަން ފެށިއްޖެ. މަސްތުގެ ދުނިޔެ އަށް ހަމަ ރަނގަޅަށް އަޅުދާސްތުވެއްޖެ."

ޑަންލަޕުން ފެށި މަސްތުގެ ދުނިޔޭގައި އޭނާގެ ޅަފުރާ ތަތްކޮށްލީ އެންމެ ނުވަ އަހަރުގަ އެވެ. ކޯލާވާޓަރުން އަމަލުވެ އޭރު ހަމަ ރަނގަޅަށް ވެސް މަގުއޮޅިއްޖެ އެވެ. އަދި މަސްތުވާތަކެތީގެ ހިކި ބާވަތްތައް އަތަށް އަރަން ފެށުމާ އެކު ދިރިއުޅުމުގެ ސަމުގާ އެ ނޫން އެހެން ކަމަކަށް ހުއްޓޭގޮތެއް ނުވެ އެ ދިރިއުޅުން ހަމައިން ނެއްޓިއްޖެ އެވެ.

"ކޮންމެ މަސައްކަތެއް ކުރިޔަސް އޭރު އަޅުގަނޑުގެ ބޭނުމަކަށް ވެފައި އޮތީ މަސްތުވާތަކެތި ހޯދުން. އެންމެފަހުން ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ފަށައިފިން. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި މާރާމާރީތަކަށް ގޮސް ވަދެވިއްޖެ،" ރާއްޕެ ކިޔައިދިނެވެ.

އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށް ދޫކޮށްލުމަށް ފަހު ވެސް މައިތިރިނުވެގެން އެންމެފަހުން އޭނާ ހައްޔަރުކުރީ ފުލުހުންގެ ހާއްސަ ރެއިޑެއްގަ އެވެ. އޭރު އަދި ކިރިޔާ 17 އަހަރު ފުރުނީ އެވެ.

"ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެންދިޔަ ގޮތަށް އަޅުގަނޑުގެ މައްޗަށް އެފަހަރު އިއްވީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް،" ރާއްޕެ ބުނެލި އެވެ.

"އެކަމަކު މައްސަލަ ބައްލަވަން އިންނެވި ގާޒީ ވިދާޅުވެއްޖެ ތިމަންނަ ދީފާނަމޭ ޗާންސެއް. މިއީ މުޅިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކޭ، އެހެންވީމަ ރިހެބަށް ގޮސް ރަނގަޅުވާން ބޭނުން ނަމަ ތިން އަހަރުން ސަލާމަތްވެދާނެއޭ."

އެއީ މަސްތުގެ ދުނިޔެއިން ނުކުތުމަށް ރާއްޕެ އަށް ލިބުނު ފުރަތަމަ ފުރުސަތެވެ. އަދި ރިހެބުގެ އެ ތަޖުރިބާވެގެން ދިޔައީ ހަގީގަތުގައި ވެސް މަސްތުގެ ގަދަ ނިދިން އޭނާ ހޭލައްވާލި އާދަޔާހިލާފު ތަޖުރިބާއަކަށެވެ.

އެ ވާހަކަ ރާއްޕެ ކިޔައިދިނީ މިހެންނެވެ.

"ރިހެބުގައި އުޅޭއިރު ނަމާދު ވަގުތު ޖެހުމުގެ 15 މިނެޓު ކުރިން ޖެހޭނެ މިސްކިތަށް އަރަން. ދެން އެ ވަގުތުކޮޅުގެ ތެރޭގައި ކުރާނެ ކަމެއް ނޭނގިގެން އަޅުގަނޑު ކިޔަވަން ފެށީ ގުރުއާން. އެކަމަކު ރަނގަޅަކަށް ގުރުއާން ކިޔަވާކަށް ވެސް ނޭނގޭ އަޅުގަނޑަކަށް އޭރު،" އޭނާ ކިޔައިދިނެވެ.

"މިހެން ގޮސް ގުރުއާނުގެ ދިވެހި ތަރުޖަމާ ނަގައިގެން ކިޔަމުން ދަނިކޮށް އަޅުގަނޑުގެ ހިތުގައި އަޅައިގަތީ އައުރާފު ސޫރަތުގެ 179 ވަނަ އާޔަތުގެ މާނަ"

"އެ އާޔަތުގައި މި އޮންނަނީ، ތިމަން ރަސްކަލާނގެ އިންސީންނާއި ޖިންނީންގެ ތެރެއިން ގިނަ ބަޔަކު ނަރަކަ އަށް ވެއްދެވީމޭ. އެ ހިތްތަކަށް ހައްގު ގޮތް ނުވިސްނޭ ހިތްތަކެއް އެއުރެންގެ ތެރޭގައިވެ އެވެ. ލޯތަކުގެ ތެރޭގައި ހައްގު މަގު ނުދެކޭ ލޯތަކެއް ވެ އެވެ. ކަންފަތްތަކުން ހައްގު އަޑު ނާހާ ކަންފަތްތަކެއް އެއުރެންނަށް ވެ އެވެ"

"އެއުރެން ގެރިބަކަރި ފަދަ އެވެ."

"މިގޮތަށް އޮތް މި އާޔަތުގެ މާނައާ ޖެހުނީމަ އަޅުގަނޑަށް ސިފަވެގެން އައީ ސީދާ އަޅުގަނޑު އޭރު ދިރިއުޅެމުން ދިޔަ ހަޔާތް. އަޅުގަނޑު ހިތަށް އެ ދުވަހު އެރީ މިއީ ހާދަ ބޮޑު ތެދެކޭ މީގައި މި އޮތީ."

"އޭގެ ކުރިން އަޅުގަނޑު މިއީ ގުރުއާން ކިޔަވައި މާނަކިޔައި އުޅުނު މީހެއް ނޫން. ރަނގަޅަށް ގުރުއާން ކިޔަވަން ވެސް އަޅުގަނޑަކަށް ނޭނގޭ އޭރަކު. އަމުދަކުން މާނައެއް ނޭނގޭ"

"ދެން އިސާހިތަކު ދީނަށް ޖެހުނު ލޯތްބާ އެކު ދީނީ އެކި ފޮތްތައް ހޯދައިދެން ދީނުގައި ކަންއޮތް ގޮތް ބަލައި ދަސްކުރުމުގެ ޝައުގުވެރިކަމެއް ހިތުގައި އުފެދިއްޖެ. އަދި އެފަހަރު ރިހެބުން ނުކުތްގޮތަށް ހިތަށް އެރީ ދެން ދުވަހަކުވެސް މަ ހަކުރެއް ނުބޯނަމޭ"

"ދެން ހަމައެކަނި ހަކުރު ވިއްކާނީއޭ."

މިހެން ބުނެފައި ރާއްޕެ އަށް ވެސް ހެވިއްޖެ އެވެ. ނަމަވެސް އޭނާގެ ދިރިއުޅުން އޭރު ވެއްޓިފައި އޮތް އަނދަވަޅަކީ ސަމާސާއެއް ނޫނެވެ. އެކަމަކު އޭރަކު އަދި މި އިހުސާސެއް ނުކުރެވެ އެވެ.

"ސަބަބަކީ އޭރަކު ދީނީ ގޮތުން މާ ބޮޑު އެއްޗެއް ނޭނގޭ ވިއްޔާ،" ރާއްޕެ ބުނެލި އެވެ.

ހިންމަފުށީ ރިހެބުގައި އެފަހަރު ހޭދަކުރި ނުވަ މަހަށް ފަހު 'ކޮމިއުނިޓީ ޕީރިއަޑަށް" ދޫކޮށްލުމާ އެކު އޭނާ މަސްތުވާތަކެތި ހޯދައި އެއްކޮށް އޭގެ ވިޔަފާރިކުރަން ތައްޔާރުވެއްޖެ އެވެ.

"ރިބެހުން އަޅުގަނޑަށް ފެނުނު އިނގިރޭސި ބަހުގެ ޝިއާރެއްގައި މި އޮންނަނީ: މަންކީ ކާންޓް ސެލް ބަނާނާ. ރާމާމަކުނަކަށް ނުވިއްކޭނެއޭ ދޮންކޭލެއް. އެހެންވީމަ ދެން ވާނެ ގޮތަކީ އަތުގަ ހޭކެންޏާމު ދަތުގަ ހޭކޭނެތާ ދޯ،" ރާއްޕެ ބުނެލި އެވެ.

"ދެން އެހެން އުޅެނިކޮށް ރިލެޕްސްވެގެން، އެންމެފަހުން ޔޫރިން ގަޅިޖެހިގެން ދެން އަނެއްކާވެސް ގެންދިޔައީ ރިހެބަށް. އެ ބުރުގައި ރިހެބުން ދޫކޮށްލާފައި ހުއްޓައި އަނެއްކާވެސް ރިލެޕްސްވެގެން ދެން ގެންދިޔައީ ޖަލަށް"

ޖަލުގައި އެފަހަރު ހޭދަކުރި ދެ އަހަރު އޭނާ ސިފަކުރީ މަރުގެ އެ ތުންފަތްމައްޗެއްގެ ގޮތުގަ އެވެ. މައިތިރިނުވި ދިރިއުޅުން ގޮސް ޖަލުގެ ތޭރިތަކަށް ބޯކޮޅުވަތަށް ވެއްޓުނު އެ ތަޖުރިބާ އޭނާ ކިޔައި ދިނީ މިހެންނެވެ.

"އޭރު އަޅުގަނޑާ އެކު ގޮޅީގައި ތިބި ގައިދީން ތިބޭނީ އާންމުކޮށް ބޭސްތައް ކައިގެން ގޮޅިތަކުގައި ނިދާފައި. އެއީ ޖަލުގައި ހޭލާ ހުރުމަށް ވުރެ ނިދާލާފައި ތިބުން މާ ބޮޑަށް ވެސް ހިތްހަމަޖެހޭތީ. އެހެންވީމަ އަޅުގަނޑު ވެސް ބޭނުންވީ އޭގެ ބޭސްތަކެއް ކައިގެން ނިދާލަން،" ރާއްޕެ ފަށައިގަތެވެ.

"ބޭސް ދިން ކުއްޖާ ބުނެފި މާ ގިނައިން ނުކައްޗޭ. އެކަމަކު ހިތަށް އެރީ އެ ހުރިހާ ބޭސްތައް އެއްކޮށޭ ކާލާނީ. އެހެން ހިތަށް އަރައި އެ ހުރިހާ ބޭސްތައް އެއްފަހަރާ ކާލައިގެން ނިދަން އުޅެއުޅެ އެރޭ ނިދޭގޮތެއް ނުވި."

އޭގެ އަނެއް ދުވަހަށް އިރުއެރިއިރު ރާއްޕެ އޮތީ ގޮޅި ތެރެއަށް ވެއްޓިފަ އެވެ. މުޅި ހަތަރެސްފައި ތުރުތުރުލަނީ އެވެ. އަނގައިން ފޮނުލައި އުތުރިއަރަނީ އެވެ.

"އޭރު މި އޮތީ ގޮޅިތެރެއަށް ވެއްޓިފައި. ވާހަކައެއް ނުދެއްކޭ. އަޑެއް ކިރިޔާ ލެއްވެނީ، ވާގިގަނޑެއް އަރައިގެން އިދިފުށަށް ދަމައިގެންފައި މި އޮތީ،" ރާއްޕެ ބުނެލި އެވެ.

"ނަމަވެސް ޖަލު އޮފިސަރުން ހީކުރީ އަހަރެން ފޭކުޖައްސަނީ ކަމަށް. ދެން އެ ހާލަތުގައި އޮވެ މަރުމަތިން ހަނދާން ވާން ފަށައިފި. މަސްތުގެ ވަބާގައި ޖެހި މަރުވެ ދިޔަ ރައްޓެހިން މަތިން ހަނދާންވާން ފަށައިފި. އިންތިހާ އަށް ބިރުގަންނަން ފަށައިފި"

"އެވަރުގެ ގަދަ ވޭނެއް އަހަރެންގެ ހަށިގަނޑުގައި އޭގެ ކުރިން ދުވަހަކުވެސް ނާޅާ. ގަތްބިރާ އެކު އަވަހަށް ޝަހާދަތް ކިޔަން ފެށިއްޖެ. މުޅި މީހާ އޭރު އޮތީ ދާހިއްލާ ފޯވެފައި، ރަތްވެ ނޭވާ ހާސްވެފައި. ހިތަށް އަރަމުން ދިޔައީ އަހަރެންގެ ދުވަސް މި ދަނީއޭ. އަހަރެން މި މަރުވަނީއޭ."

ފާފައިގެ މުޑުދާރު ހާއްޔަކަށް ވެފައި އޮތް ދިރިއުޅުން ނިމިދާނެހެން ހީވި އެ ވަގުތަކީ ރާއްޕެ ކިޔައިދިން ގޮތުން ނަމަ އޭނާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލި ހިނދުކޮޅެވެ.

"މިއަޅާ އަށް މިހާ ބޮޑު ވޭނެއް ތަހައްމަލެއް ނުކުރެވޭނެއޭ ކިޔާފައި ހިތުން ރޮއެ، ޝަހާދަށް ކިޔައި ދުއާކުރަން ފެށިތަނުން ހަމަ ކުއްލިއަކަށް އަޅުގަނޑަށް ފަސޭހަވީ. ހަމަ އެއްވެސް ކަމެއް ނުވާ މީހަކު ފަދައިން އަހަރެންގެ ހަށިގަނޑުން އެ ހުރިހާ ވޭނެއް ފިލައިގެން ގޮސް ކުއްލިއަކަށް މުޅި މީހާ އެކުގައި ރަނގަޅުވެ ފަސޭހަވެއްޖެ. ނޭވާ ނުލެވި މަރަށް ތެޅިލަތެޅިލަ އޮތް މީހާ އަމިއްލަ އަށް ތެދުވިގެން ހިނގާލާފައި ފަހުން ދިޔައީ ވެސް،" ފެންކަޅިވެ ހުރެ ރާއްޕެ ކިޔައިދިނެވެ.

"ދެން ގޮޅިއަށް ގޮސް އަޅުގަނޑު ހިތަށް އެރީ މިއީ ވެދާނެއޭ އަޅުގަނޑަށް ލިބޭ އެންމެ ފަހު ފުރުސަތަށް އިސްލާހުވާން. މަރުގެ ތުންފަތްމަތިންނޭ އެ ސަލާމަތްކުރެއްވީ. ދެން ހިތަށް އެރީ މިހިސާބުން ނިމުނީއޭ އެ ވިޔާނުދާ ދިރިއުޅުން ވަގުތުން ވަގުތަށް ހުއްޓާލާނީއޭ."

އެއީ ހަތަރެސްފައިގައި ޖަހާފައި އޮތް މަސްތުގެ ހިލިހިލާ ކަނޑާލުމަށް ފަހު މިއަދު މި ފެންނަ އުފާވެރި ދިރިއުޅުން ބިނާކުރުމަށް އޭނާ ކަމަރު ބަން ދުވަހެވެ.

"އަލުން ރިހެބަށް ގެންދިޔައިރު އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމެއް ނުވެސް ނެތް. އެވަރަށް އިސްލާހުވެފައި އަޅުގަނޑު ހުރީ. ދެން ރިހެބުން ނުކުތްގޮތަށް ވިލާ ކޮލެޖުގައި އަޅުގަނޑު ކިޔަވަން ފެށީ އައިޓީ ފައުންޑޭޝަން ކޯހެއް،" ރާއްޕެގެ އަޑުން އެންމެފަހުން އުފާވެރިކަމުގެ ތަރަޖަހައިގަތެވެ.

"އޭގެ ފަހުން ބިޒްނަސް ވެސް ކިޔަވަން ފެށިން. އެކަމަކު މާލީ ދަތިކަމަކާ ހެދި ދެން ދިޔައީ މަހަށް. އަޅުގަނޑު އޭރު ހުރީ އެއްގޮތަކުން ނުވެއްޖެއްޔާމު އަނެއް ގޮތަކުން ވެސް މުޅި ލައިފް އެއްކޮށް ބަދަލުކޮށްލަން ބޭނުންވެ އަޒުމު ކަނޑައަޅައިގެން."

އެންމެފަހުން އެ އަޒުމުގައި ކުރިލައި ފޯދިއްޖެ އެވެ. އަލަތު ކައިވެންޏާ އެކު ބައްޕައަކަށް ވެސް ބަދަލުވެއްޖެ އެވެ. އެހިސާބުން އާއިލާއާ އެކު ރަށުގައި މަޑުކުރަން ގަސްދުކޮށް ދެން ފެށީ މިސްކިތުގައި މަސައްކަތު މީހެއްގެ ވަޒީފާ އެވެ. އަދި ލިބުނު ހުސް ވަގުތުތަކުގައި ގުރުއާނުގެ ތަޖުވީދު ކޯހެއް ވެސް ކިޔަވަން ފަށައިފި އެވެ. އަރަބި ބަހުގެ އެކި ކޯސްތައް ވެސް ފަށައިފި އެވެ.

"ނަމަވެސް ކިޔަވަން އުޅުނު ކޮންމެ ދުވަހަކީ ވެސް ނަފްސާނީ ގޮތުން އަމިއްލަ ނަފުސާ ހަނގުރާމަކުރަމުން ދިޔަ ދުވަހެއް،" ރާއްޕެ ބުނެލި އެވެ.

އެންމެ ބޮޑަށް އޭނާގެ ބޯގޮވީ ކުރީގައި އުޅެވިފައި ހުރި ގޮތަކާ ހެދި ލިބިފައި ހުރި އަދަބުތަކުގެ ތެރެއިން ބައެއް މައްސަލަތައް ދެން ވެސް އޭނާގެ ފަސް ފަހަތުން އަންނަން ފެށުމުންނެވެ. އެގޮތުން އުފާވެރި އައު ދިރިއުޅުމުގައި ހަމަޖެހިލިތަނުން އޭނާއާ އަރައި ހަމަކޮށްލީ މާކުރީގެ ހުކުމެއްގައި ތަންފީޒުނުކޮށް ބާކީ އޮތް 23 ދުވަހެވެ.

"އެކަން މި އެނގުނީ، މަސައްކަތު މީހެއްގެ ވަގުތީ ވަޒީފާ ދާއިމީކުރުމުގެ ތެރޭގައި ކުށުގެ ރިކޯޑް ސާފުކުރަން ބެލީމަ. ދެން ރައީސް އޮފީހަށް ސިޓީލައިގެން މައާފަށް އެދިގެން ރައީސް މައާފުކޮށްދިނީ 20 ދުވަސް. ބާކީ އޮތް ތިން ދުވަސް ގޭބަންދުގައި ތަންފީޒުކުރީމަ އެ ހިސާބުން އަނެއްކާވެސް އެ ބަންދުވީ ވަޒީފީއަކަށް ކުރިމަތިލުމުގެ ދޮރު ފަސް އަހަރަށް،" ގާނޫނަށް ރިއާޔަތްކޮށް ރާއްޕެ ކިޔައިދިނެވެ.

ނަމަވެސް އެއް ދޮރު ބަންދުވާއިރު އަބަދުވެސް އަނެއް ދޮރު ހުޅުވޭ އުސޫލުން ރާއްޕެ ލިބުނީ އަނެއްކާވެސް ރަނުގެ ފުރުސަތެކެވެ.

"މި ރިސޯޓަށް އެންމެ ފުރަތަމަ އައީ ރޯދަ މަހެއްގައި ތަރާވީސްކޮށްދޭން. އެކަމަކު ރިސޯޓުން މުދިމެއްގެ ވަޒީފާ ހަމަޖައްސައިދިނީމަ އެމީހުންނާ އެކު މި ހޭދަކޮށް ނިމުނީ ފަސް ވަނަ ރޯދަ މަސް،" ރާއްޕެގެ ހިތް އެ އޮތީ އުފަލާއި ޝުކުރުން ފުރިފަ އެވެ.

"ފަސް އަހަރުވެގެން ކުށުގެ ރިކޯޑް ވެސް މިހާރު ސާފުވެއްޖެ. އެހެންވީމަ އަދިކިރިޔާ މިނިވަނަކަށް މިވީ."

އެހެންވީމަ އެ ހުރިހާ އުދާސްތަކެއްގައި ދެން ހިފަހައްޓަންވީ ކީއްކުރަން ހެއްޔެވެ؟ އެ އުދާހަށް ސަމާސާގެ ތެއްޔެއް އުދާލައިގެން އޭނާ އެ އަނބުރައިގަތީ އަނެއްކާ އަނެއް ނޫޑުލީސްގަނޑެކެވެ.

އުފާވެރި ހަޔާތެއްގެ ރަހަ އަދި ކިރިޔާ ރާއްޕެ އަށް އެ ލިބުނީ އެވެ.

ޝެއަރ ކުރޭ

އިތުރު ލިޔުންތައް