ބިމަށް ދަމާ ބާރު އޭނާގެ ހިތާއި ލޮލުގައި ލައްވާފައިވާ ކަހަލަ އެވެ. މިހިތަށް އަރާ ހުރިހާ އެއްޗެއް އެ ހިތުން ދަސްކޮށް، ދެ ލޮލުން ބަލައި ފޫހިކޮށްފައިވާ ކަހަލަ އެވެ. އެ ދެ އަތުން މި ހަތަރެސްފައިގައި ލޯބީގެ ހިލިހިލާ ޖަހައި އަރާމަކުން ވާންކޮށް އަޅުވެތިކޮށްފައިވާ ކަހަލަ އެވެ.
އޭނާ ފެނުމުން ދުނިޔެ ރަންވެ އެވެ. ނުފެނިއްޖެ ނަމަ ދުނިޔެ ހުއްޓެ އެވެ. އަދި އަތް ޖޯޑުކޮށްލުމުން ވަގުތު ހުއްޓެ އެވެ.
ނަމަވެސް ލޯބީގެ އެ ވެންބޮޅު ތަރަފަނަ ނުވަނީސް އަހަރެންގެ އަތުގައި އަޅައިގަތީ އޭނާގެ ހަތަރެސްފައިގައި ޖަހާފައިވީ ހިލިހިލާގެ ބޮޅުތަކެވެ. ރަން ދަޅަ އެޅުވިޔަސް އެއީ ޒަވާޖީ ދަބަރުމަތީ ދަބަރުޖެހި ހަޔާތެކެވެ. ވިދައި ގުގުރަމުން ދިޔަ ވިލާގަނޑެކެވެ.
އޭނާގެ އިނގިލީގައި އޮތް އަނގޮޓީގެ ފިނިކަން އިހުސާސުވި ވަގުތު އަހަރެންގެ މުޅި ހަށިގަނޑުން ފާފައިގެ ހީބިހި ނަގައިގަތެވެ. ނޭވާ ކޮށިއަރައިގަތީ މަރުގެ ސަކަރާތާ ހޮޅިގުޅާފައި އޮތް މީހެއްގެ ފަހުނޭވާ ފަދައިންނެވެ.
މީހެއްގެ ފިރިއަކަށް ހިތް ދޫވީމަ އެވެ.
ނަމަވެސް އަވާމެންދުރެއްގައި ވެސް އެ ހީބިހިތައް ފޮޅުނީ ފިނިފެންމާތަކެއް ފަދައިންނެވެ. އޮފިތަކުގެ ކަށިން ލޭ ކޮށާލިޔަސް ކަފުންވުމަށް ނޭދުނު ހިތުގައި ފުއްޕާފައި އޮތީ ލޯބީގެ އެންމެ ހަރުކަށި ގާނޫނެވެ.
އަލިފާނާ ދޯޅުވަމުން ދިޔަ ބަޅިނދެއްގެ މިސާލެވެ.
ބައެއް ލޯތްބަށްޓަކައި އަނދައި ހުލިވުމަކީ އަޅުކަމެކެވެ. އަހަރެންގެ ހިތަށް އެރީ އެހެންނެވެ.
ދެމީހުން ގަތްގަނޑާ އެކު އަހަރެމެންގެ ލޯބި ބޯވަމުން ދިޔައީ ނަމެއް ނެތި އެވެ. އަހަރެމެންގެ ލޯތްބަކީ މަނާކޮށްފައިވީ ފޮތެކެވެ. އަނދައި ނެތިދާން ދެކޮޅުހެދި އަލީ ރަމީޒުގެ ލަވަރޯލެކެވެ. ބަޅިނދުތައް އައިސް ވެއްޓެމުން ދިޔަ ފުޅިބައްތިއަކުން ހޫނުކުރި ފޭލިގެ އެކެވެ. ނަމަވެސް އަހަރެންގެ ހިތް އޮތީ ދެން ވެސް ލޯބީގެ އެ ހޫނުގައި ނިދައި މަރުވެފަ އެވެ.
ނުވަތަ އޭނާގެ ޖާދުވީ ކިޔެވުމަކާއި މެތުރުމަކުން މައިތިރިކޮށް ހިއްސުތަކަށް ހޮޅިގުޅައި ހިމޭންކޮށްފަ އެވެ. އެ ލަފުޒުތައް އޭނާގެ އަނގައިން އަހަރެންގެ ސިކުނޑި އަށް އަބަދުވެސް ދެމުނީ މާމުއިގެ ފޮނި އާރެއް ފަދައިންނެވެ.
މީހަކާ އިނދެގެން އުޅޭ ވާހަކަ ހިލުވައި ހޫނުފެނަށްލީމަ އެ ވާހަކަ އޭނާ ހިހޫކޮށްލީ އަހަރެންގެ އަތުގައި އޮތް އަނގޮޓި ދައްކައި ބޮލުގައި ޓަކި ދެމުންނެވެ. ދެ މީހުންގެ އަތުގައި އޮތް ދެ އަނގޮޓި އަކީ ދެ މީހުންގެ ލޯބީގެ ނިޝާނެއް ކަމަށް ބުނެ އެވެ.
އެއީ ތެދެކެވެ. އަހަރެންގެ އަތުގައި ވެސް އޮތީ ހަމަ އޭގެ އަނގޮޓިއެކެވެ.
އެހެންކަމުގައި ވަނީ ނަމަ އަހަރެން މިއީ ކާކުގެ އަންބެއް ހެއްޔެވެ؟ އަހަރެމެން ދެ މީހުންނަކީ ދެމަފިރިން ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެ އެވެ. އަހަރެމެން ދެ މީހުންނަކީ ދެ ފާފަވެރިންނެވެ.
ދެމަފިރިއެއްގެ ދެމެދުގައި ގަދަވެފައިވީ ތޫފާނަކުން ތެމި، ރޯވެފައިވީ އަލިފާންގަނޑަކުން އަރާމު ހޯދުމަށް އާދަވެފައިވީ ދެ މޮޔައިންނެވެ. މިއީ ވަގުތީ އަރާމެކެވެ. މިއީ ވަގުތުން ހުއްޓާލަން ޖެހޭ ކުޅިވަރެކެވެ. އަތުގައި އޮތް އަނގޮޓި ނަގައި އެވަގުތު އެއްލައިލެވުނީ ހިތް ފަޅާލާފައި ނުކުތް އަލިފާންގަނޑު ތެރެއަށެވެ.
މީހެއްގެ ހަޔާތް އަލިކުރުމަށް ރޯކުރި އަލިފާންގަނޑަކަށް ގޮސް ވެއްޓޭ ބަޅިނދަކަށް ވާކަށް އަހަރެން ދެނެއް ބޭނުމެއް ނުވި އެވެ.
ނަމަވެސް ދެންވެސް، އޭނާގެ ލޯބީގެ ހިލިހިލާ އިން އަހަރެން ސަލާމަތްވާ ގޮތެއް ނުވި އެވެ. އަދި އޭނާގެ އަސްލު ސިފަ އާއި ސޫރަ އާއި ކުލަތައް ފައުޅުވާން ފެށީ ދެން އައި ދުވަސްތަކުގަ އެވެ.
އަންހެނަކު އޭނާގެ ވިސްނުމާއި އަމިއްލަ ބާރު އިހުތިޔާރުކުރަން ނިންމީމަ ފިރިހެނަކަށް ލޮލުފިޔަ ޖެހޭނެ ހެއްޔެވެ؟
ލޯބީގެ ކުޅިގަނޑު ނިންމާލާ ވާހަކަ ބުނި ދުވަހު އޭނާގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ. ނަލަ ނިތްކުރީގައި ފޮރުވައިގެން އުޅުނު ދެ ދަޅު ފަޅައި ނުކުމެ ދުނިޔެ މައްޗަށް ބަޅުވެގަތެވެ. ހަނދުހެން އަހަރެންގެ ހަޔާތަށް އެރި މޫނު ކުނިވެ އަނދިރިވެގަތެވެ. އެކަމަކު އެ ދުވަހު އަހަރެން ބިރެއް ނުގަތެވެ. ނަމަވެސް ހިތުގައި ޖެހުނެވެ.
ހިތުގައި ޖެހުނީ އޭނާގެ ސިފަ ސާފުއިރު ވެސް އެންމެން ގޮސް އޭނާގެ ފަޅިއަށް އެރީމަ އެވެ. އޭނާ ދެއްކި ވާހަކަތައް އެހާ ފަސޭހައިން ގަބޫލުކޮށް އޭނާގެ ހިލިހިލާގައި އަހަރެން ބާއްވަން އެންމެން ވެސް އެއްބަސްވީމަ އެވެ. އެންމެން ތޫނުކުރަމުން ދިޔަ ތީރުތައް އެންމެފަހުން އަހަރެންގެ ބުރަކައްޓަށް ހަރާލީމަ އެވެ.
އެމީހުން އޭނާ އަށް ދިނީ އަހަރެންނަށް ހިތުހުރި ގޮތެއް ހެދުމުގެ ފާހެކެވެ. އެންމެން ވެސް ގަބޫލުކޮށްގެން ތިބީ އަހަރެން މިއީ އޭނާގެ ސައްހަ އަންބެއް ކަމަށެވެ. އޭނާގެ އުނގަށް، މަތިން ބާވައިލެއްވުނު އޭނާގެ އަމިއްލަ އަޅެއް ކަމަށެވެ.
އަހަރެންގެ ވާހަކަތަކަށް އެންމެން ވެސް ދިނީ ބީރު ކަންފަތެވެ. އެ ހިސާބުން ރަން އަނގޮޓި އަޅުވައި އަނެއްކާވެސް އަހަރެންގެ ހަށިގަނޑުގައި އޭނާގެ ސިއްކަ ޖަހައި ނިމިއްޖެ އެވެ. ދަމައި ކޫއްތަމުން ގެންގޮސް މަރުގެ ތުންފަތްމަތީގައި އައްސައިފި އެވެ.
ހަށިގަނޑަށް ގުޅާފައިވީ މެޝިންތައް ރޮއި ހޭރިގަތުމާ އެކު އަހަރެން އޮތް ކުޑަ ކޮޓަރީގެ ހަތަރުފާރު ދިރިގެން އައީ ފުރާނަ ބަލައި އަންނަ މަލާއިކަތެއް ފަދައިންނެވެ. ދެ ފިޔަގަނޑު ހުޅުވައިގެންނެވެ. އަނގަ ތަންމިނަށް ހުޅުވައިގެންނެވެ. ނުވަތަ އެއީ އަހަރެންގެ ގަޔަށާއި ހެޔަށް ކަށިޖަހަމުން ދިޔަ އިބިލީހުގެ ސޫރަ އެވެ.
އެ އިނގިލިތަކުގައި ވަނީ ދަގަތްފާނުގެ ބާރެވެ. ހޭލެވުނީ ހަށިގަނޑުން ދިލަ ހޫނު އަރާތީ އެވެ. ހޭލެވުނީ އެތެރެހަށިން ކަށިނަރު ދަމާތީ އެވެ. ލޯބީގެ އަރާމާއި ލައްޒަތު އަހަރެން ދޫކޮށްލާފައި ފުރާނައެއް ފަދައިން ނުކުންނާތީ އެވެ. އިންސާފުގެ ދަރުބާރަށް އެދި ނޭވާ ހާސްވެ ތެޅިގަނެވުނުއިރު ތަޅައިގެން ގޮސް ކުދިކުދިވެފައި އެ އޮތީ އަމިއްލަ ހިތާއި ނަފުސުކަން ކަށަވަރުވާތީ އެވެ.
ހޭލެވުނުއިރު މިއަދު ވެސް އެންމެ ގާތުގައި އެ އިނީ އޭނާ އެވެ. އޭނާގެ އިނގިލިތައް އަހަރެންގެ އަތުކުރީގައި ބީއްސަމުން އެ ގެންދަނީ އަމާން އައްސޭރިއަކަށް ރާޅުތައް ބީއްސާ ފަދައިންނެވެ. ނަމަވެސް އެ ބީއްސުމުގައި ވަނީ ރޭޒަރުތިލައިގެ ތޫނު ކަމެވެ. އޭގެ ކޮންމެ ބީހުމަކީ ޅިޔައެޅުމެކެވެ.
އޭނާގެ ޖިސްމުން އަށްސުވަރުގެ ފައުޅުވިޔަސް ނަފުސު އޮތީ ސުވަރެއްގެ ސިފައިގަ އެވެ.
ހާސްވަމުން ދިޔަ ނޭވާގެ އަޑާއި ބާރުވަމުން ދިޔަ ހިތުގެ އަޑު ހަށިގަނޑަށް ގުޅާފައިވީ މެޝިނުތަކުން އިއްވަމުން ދިޔައީ ތާޅަފިއްޔެއްގެ އަޑުގަ އެވެ. ނަމަވެސް އެ އަޑުގައި ތަރުޖަމާއެއް ނުވެ އެވެ.
އެހެން ނޫނަސް ހިތެއްގައިވީ ތަރުޖަމާ ތުރުތުރުލާ އަތަކުން ލިޔެވޭނެ ހެއްޔެވެ؟
އެކަމަކު، ފުރާނައިގެ އެންމެ އަގުބޮޑު ކުރެހުމަކީ އަބަދުވެސް ހަޔާތުގެ މި ތުރުތުރެވެ. ފުރާނައިން އެ ތުރުތުރު ނެތުމަކީ ފަހުނޭވާގެ ސީދާ ކުރެހުމެވެ.
ލޯ ހުޅުވައި ބަލައިލުމާ އެކު އަނެއްކާވެސް އޭނާއާ ހަތަރުކަޅި ހަމަވެއްޖެ އެވެ. ހީވަނީ އެއް ވަގުތެއްގައި ގޮސް ސުވަރުގެ އާއި ނަރަކަ އަށް ވައްދާހެންނެވެ.
ބިމަށް ދަމާ ބާރު އޭނާގެ ދެ ލޮލުގައި ލެއްވީ ކޮން ފަރާތަކުން ހެއްޔެވެ؟



