ބަރްޒަހުގެ އާލަމަށް ފެތުރިފައި އޮތީ ހަމަހިމޭން ކަމެވެ. ހިރިގަލުގެ ކޮޓަރިތައް ފުރިފައި ވަނީ ކުނިވަމުންދާ ގަބުރުތަކުންނެވެ. ނަމަވެސް އެ ބިންގަރާހުގެ ކޮޓަރިތަކާއި ފާރުތަކުން ދަނީ ކަށުކަމާކެމީގެ އަވަދިނެތް މާނޭވާ ލަމުންނެވެ. ފާރުތަކުގައި ހަރުކޮށްފައިވާ ދަންމަރުތަކުގައި ކިޔަމަންވެ އަނދަމުން ދިޔަ އަލިފާނުގެ އަލިން އެތަން އޮތީ ހުޅުދާންވެފަ އެވެ. އެ ފާރުތަކުގައި ކަނޑައި ނަގާފައިވާ އާޔަތްތަކާއި ކަލިމަތަކަށް ވަނީ ރަން ރީނދޫ ކުލައެއް ފޭދިފަ އެވެ.

ކޮޓަރިތަކުގެ ގަބުރު އަށިތަކުގެ މަތީގައި އަތުރާފައިވަނީ ރަށުގެ ގޮނޑުދޮށަށް ލެއްގި ގަބުރުތަކެވެ. އަނދައި ދެލިއަރާފައިވާ މީހުންނާއި ލޮނުވަދެ ފުފިފައިވާ ދެ ޖިންސުގެ އެކި އުމުރުފުރައިގެ މީހުންނެވެ. ބައެއް މީހުންގެ އަތް ފައި ނެތެވެ. ބައެއް މީހުންގެ ބަނޑުތައް އިރައިގެން ގޮސް ގޮހޮރުތައް ވަނީ ފައިބައިފަ އެވެ.

އެ ހަށިތަކުން ލެޔާއި ދޮސް ދެމެމުން ދަނީ އެވެ. ކުނިވެ ފުޅަވަނީ އެވެ.

އެ ކޮޓަރިތަކުން ނުކުމެ ބަރުޒަހުގެ ސަރައްކާލިތަކުގައި ދެމެމުން ދަނީ އެތަނުގައި ރޯކޮށްފައިވާ އުށްބައްތިތައް ވިރެމުން ފަތުރަމުންދާ ދުމެކެވެ. ގަބުރުތަކުން ނުކުތް ރޫހުތައް ދާނެ ދިމާލެއް ނޭނގި އެ ފުސްކަމުގެ ތެރޭގައި ކޮޅުކޮޅަށް އެނބުރެމުންދާ ކަހަލަ އެވެ. އެ ދުމުގައި ވަނީ ބޮކަރާއި ކެލަޔާއި ހުދުކާފޫރުގެ ގަދަ ވަހެވެ.

ޒަވި ވަސްގަނޑަކާ އެކު ބިންގަރާހުގެ ހަނި މަގުތަކުގައި ދެކޮޅަށް ދައުރުވަމުންދާ ދުންގަނޑުގަނޑުތައް ހީވަނީ ކަފަ ވިލާތަކެއް ހެންނެވެ. މަރުގެ ތަންމަތީގައި އޮތް މީހެއް ފަދައިން ފުންކޮށް މަޑުމަޑުން ނޭވާ ލަމުން ގެންދިޔަ އެ ދުންގަނޑުތައް ކުއްލިއަކަށް ދެ ފަރާތަށް ފެތުރި ދުއްވައިގަތީ ގަބުރު ކޮޓަރިއަކުން ނުކުތް މީހެއްގެ ލިސާނަށެވެ.

އޭރު މާ ދުރުގައިވީ ކޮޓަރިއެއްގެ ތެރޭގައި އެހެން މީހަކު ޔާސީން ސޫރަތް ކިޔަވަމުންދާ އަޑު މަޑުމަޑުން އިވެމުންދެ އެވެ.

ކޮޓަރި ތެރެއިން ނުކުތް މީހާގެ އެއް އަތުން ހިފަހައްޓައިގެން ހުރީ ސިލްވަރުގެ ދުންކިބާ އެކެވެ. އޭގައި އަޅާފައިވާ ކުދި ލޯވަޅުތަކުން ނުކުމެ ރިބަންވެންތަކެއް ފަދައިން އެ ދިމާލުގައި ދެމެމުން ދަނީ ނިކަން ގަދަ ނޫކުލައެއްގައިވީ އޮލަ ދުމެކެވެ. އެ ނޫ ކުލައިގެ އަލިން އޭނާގެ މުސްކުޅި ސޫރަ ވަނީ ފެވިފަ އެވެ.

އަތާއި މޫނުގައި ޖެހިފައިވާ އެންމެ ހިމަ ރޫތަކަށް ވެސް އެ ކުލަ ވަނީ ފޭދިފަ އެވެ. އޭނާ އަނދެފައިވާ މުންޑާއި ބޮލުގައި އޮޅާފައިވާ ފޮށާގަނޑުގައިވީ ހުދު ކުލަ އަށް ވެސް ނޫ ކުލަ ފޭދިފައިވާ ކަހަލަ އެވެ.

އެއީ ބަރްޒަހުގެ އާލަމުގައި ގަބުރުތައް ބަލަހައްޓާ ވެރިޔާ އެވެ. ޝަވަކާދޫމާ އެވެ.

ދެކޮޅު ބަލައިލުމަށް ފަހު އޭނާ ހިނގައިގަތީ ގުރުއާނުގެ ކިޔެވެލީގެ އަޑު އިވެމުންދާ ކޮޓަރިއާ ދިމާލަށެވެ. ހިނގައިގަތުމުން އަތުގައި އޮތް ދުންބިކާ އިން ނުކުމެ ބަރުހެލިކަމުގައި ނަށަމުން ދިޔަ ރިބަންވެނުގެ ދުންތައް ވެސް އޭނާގެ ފަހަތުން ނައްޓާލި އެވެ. ހީވަނީ އޮޅުކޮށްފައިވާ ހަރުފަތަކެއް އޭނާގެ ފިޔަވަޅުމަތިން ބަނޑިލައްވަމުން ދެމެމުންދާ ހެންނެވެ.

ގަބުރުތަކުގެ ވެރިޔާ ގޮސް ވަނީ ހަނިކޮށް ދިގުކޮށް ހެދިފައި އޮތް މަގުގެ އެންމެ ކޮޅުން ފެންނަން ހުރި ކޮޓަރިއަށެވެ. އެތަނުގައި އަނދަމުން ދަނީ ކެލައިއަތަރުގެ އުށްބައްތިތަކެވެ. ގުރުއާން ކިޔަވަން އިން ފާރަވެރިޔާ ގޮސް އަރައި އިނީ އެ ކޮޓަރީގެ އެތެރެ ބިތުގައި ހަދާފައިވީ އަށްޓަކަށެވެ. ދެފައި ވަށްކޮށްލައިގެންނެވެ. ސަމޭދާން ބައްތިއެއްގެ އަލިކަން އެ އަށިމަތި ފަޅުފިލުވަމުން ދިޔަ ނަމަވެސް އެ ފާރަވެރިޔާގެ ހިތުގައި ވަނީ މާ އަލިގަދަ ދަންމަރެކެވެ.

ހިތުދަސްކޮށްފައިވާ އާޔަތްތަކުން އޭނާ ވިރުވައި އަޅަމުން ދިޔައީ ހިތާމަ އާއި މޮޅީގެ ފުނަ އެވެ. އޭނާގެ ނޭވާ އާއި އަޑުގައިވީ ވަޒަން ވަނީ ބަޔާންކޮށްދޭން ނޭނގޭ ކަހަލަ ފުންކަމެއްގެ ތެރެއަށް ގެނބިފަ އެވެ.

އެތެރެއަށް ވަދެގެން ދިޔަ ޝަވަކާދޫމާ ގޮސް ހުއްޓުނީ ކޮޓަރީގެ މެދުގައި ހަދާފައި ހުރި ހިރިގަލުގެ އަށި ކައިރިއަށެވެ. އޭނާގެ އުނަގަނޑާ ހަމަ އަށް އަރާ އެ އަށި މަތީގައި ބާއްވާފައި އޮތް ޒުވާން ފިރިހެނަކީ ގޮނޑުދޮށަށް ލެއްގި ގަބުރުތަކުގެ ތެރެއިން ހޭލި ހަމައެކަނި މީހާ އެވެ. ކަނިކޮޅެއްގެ ޒަހަމެއް ވެސް އެ ހަށިގަނޑުން ފެންނަން ނެތް އަދި ކާކުކަން އެނގޭނެ ގޮތެއް ނެތް ޒުވާނާގެ ހަށިގަނޑެވެ.

ނޫކުލައިގެ ދުންތައް އަރުވަމުން ދިޔަ ދުންކިބާ އެލުވާލީ އެ އަށީގެ ބޯލާކޮޅުގަ އެވެ. އިރާއި ހަނދާއި ތަރިތައް ސިފަވެގެން އަންނަ ކުރެހުންތައް ކަނޑައި ނަގާފައިވާ އެ އަށީގެ ދެކޮޅުގައި އަނދަމުން ދަނީ ކާފޫރުގެ ދުންދަނޑިތަކެވެ. އެ ދުންދަނޑިތަކުން އަރަމުންދާ ހުދުކުލައިގެ ދުންތައް އިސްފިރޭނުތަކެއްގެ ސިފައިގައި އެނބުރެމުން ސެނބުރެމުން ގޮސް އުށްބައްތީގެ އަލިކަމުގެ ތެރެއަށް ވިއްސިވިހާލިވަމުންދެ އެވެ. ވިލާރޮދިތަކެއް ފަދައިންނެވެ.

އަށިމަތީގައި އޮތް ޒުވާނާގެ ހަށިގަނޑުގައި ވަނީ ހޫނުކަމެވެ. އުށްބައްތީގެ ހުޅުން އަރާ ކަހަލަ ހޫނެކެވެ. ނަމަވެސް އެއީ ވަށައިގެން ރޯކޮށްފައިވާ އުށްބައްތިތަކުން އޭނާގެ ހަށިގަނޑުގައި އަޅުވަމުންދާ އަސަރުތަކެއް ނޫނެވެ. އޭނާގެ ފުރާނައާ އެކު އެ ހަށިގަނޑުގެ ތެރޭގައި ދެމެމުންދާ ލޭގައިވީ ހޫނުކަމެވެ.

އެ ހަށިގަނޑުގައި ފުރާނަވީ ކަމާ މެދަކު ޝައްކެއް ނެތެވެ. ނަމަވެސް ނޭވާލާ ތަނެއް ނުފެނެ އެވެ.

ލަގޮނޑިއާ ދިމާލުގައި ޝަވަކާދޫމާގެ ކަނާތުގެ ޝަހާދަށް އިނގިއްޔާއި މެދުއިނގިލި އެއްކޮށް ބަނޑުފުށުން ގޮސް ޖައްސައި ކުޑަކޮށް އޮބާލި އެވެ. ވިންދެއް އޭނާއަކަށް އިހުސާސެއް ނުވެ އެވެ.

އެ ޒުވާނާގެ ފައިތިލައިން ފަށައިގެން މެޔާ ހަމަ އަށް ދަމާލާފައި އޮތް ހުދުކުލައިގެ ފޮތިގަނޑު ޝަވަކާދޫމާ އެންމެފަހުން އުނަގަނޑާ ހަމަ އަށް ކަހާލި އެވެ. ކެލައިތެޔޮ ދަމައި ވާންކޮށްފައި އޮތް އެ ޒުވާނާގެ ހަށިގަނޑުން ދަޅަތައް އަރައިގަތެވެ. އެކަމަކު ދެން ވެސް ނޭވާލުމުގެ އެއްވެސް އަސަރެއް ބޭރުފުށަކުން ފެންނަ ގޮތެއް ނުވި އެވެ.

އެ ޒުވާނާގެ ހަށިގަނޑުގައިވީ ހޫނުކަން ފިޔަވައި އިތުރު އެއްވެސް ދިރުމެއް ނެތް ފަދަ އެވެ.

އަށިމަތީގައި ބަހައްޓާފައި ހުރި ސިލްވަރުގެ ކުޑަ ކުރާއެއް ނަގައިގެން ގޮސް ޝަވަކާދޫމާ މަޑުކޮށްލީ އަށީގެ ބޯލާކޮޅުގަ އެވެ. އަދި އެ ޒުވާނާގެ ނިއްކުރީގައި ޖައްސާލި ވައްގަނޑުން އޭނާގެ ބޮލަށް ފެން އޮހޮރުވަމުން ކިޔެވެލިތަކެއް ކިޔަވަން ފަށައިގަތެވެ. އެ ފެންތައް ދެމިގެން ދިޔައީ ޒުވާނާގެ ބޮލުގައި ކަނދުރާގެ މިނަށް ދިގުވެފައި އޮތް ބުޅި އިސްތަށިގަނޑުގެ ތެރެއަށެވެ. އޮހޮރެމުން ދިޔަ ފެންތައް ހިރިގަލަށް ފޭދިގަތެވެ.

ކުރާ ހުސްކޮށްލުމަށް ފަހު ގަބުރުތަކުގެ ވެރިޔާ ދެން ނެގީ އޭނާގެ އުނަގަނޑުގައި ހަރުކޮށްފައި ހުރި ރިހިކުލައިގެ ހަންޖަރެވެ. އަދި ނިކަން ފަރިތަކަމާ އެކު އަށިމަތީގައި އޮތް އެ ޒުވާނާގެ ބޮލުން އިންޗިއަކަށް ވުރެ ތަންކޮޅެއް ދިގު އިސްތަށިކޮޅެއް ކަނޑައި ވަކިކޮށްލި އެވެ.

އެ އިސްތަށިކޮޅު އޭނާ ލީ ނޫކުލައިގެ ދުން އަރުވަމުން ގެންދިޔަ ދުންކިބައިގެ ތެރެއަށެވެ. އެއަށް ފަހު ޒުވާނާގެ ފަހަރަކު ލޮލެއް މަޑުމަޑުން، ފަރުވާތެރިކަމާ އެކު ހުޅުވައި ބަލައިލި އެވެ. ކަޅި ވަނީ އަރައި ހުއްޓިފަ އެވެ. ހުދުކަޅީގެ ބަނޑުދަށުގައި ދެމިފައިވީ ހިމަ ނާރުތަކުން ރަން ރީނދޫކުލައިގެ ކުދި ފަނިތަކެއްހެން ހީވާ ކަހަލަ ނާރުތަކެއް ލޮލުގައި އަޅައިގަތެވެ.

އޭނާގެ ދެ އަތުގެ އިނގިލިތަކުގެ ކޮޅު ވެސް ވަނީ ހިސާބަކަށް ރީނދޫވެފަ އެވެ. ނިޔަފަތިތަކަށް ވެސް އެ ރީނދޫކަން ވަނީ ކޮންމެވެސް ވަރަކަށް ފޭދިފަ އެވެ.

އެ ދެ އަތް ހިއްލައި ކައިރިކޮށް ބަލައިލި ވަގުތު ޝަވަކާދޫމާގެ ލޮލުގައި އަޅައިގަތީ އެ ޒުވާނާގެ ހިކިފައިވީ ތުންފަތެވެ. ތަތްވެ ހަރުވެފައިވީ ދެ ތުންފަތް މަޑުމަޑުން ތެޅެން ފެށުމުން އޭނާގެ ދެ އަތް ކުރިން އޮތް ގޮތަށް ދެ ފަރާތުގައި ބާއްވާލާފައި ޝަވަކާދޫމާ ޖެހިލީ އަނެއްކާވެސް ކުރިއަށެވެ.

ރޫރޫއަޅަމުން ދިޔަ ދެ ތުންފަތާ ދިމާލަށް ގުދުވެ ލޯ ޖަހާލިތަނުން ހަރުވެ ހިކިފައިވީ އެ ޒުވާނާގެ ދެ ތުންފަތް ދޭތެރެއިން ކުއްލިއެއް ޖަހާފައި ނުކުމެގެން އައީ ކަޅުކުލައިގެ ކަނޑާ އެކެވެ. އެ ހިނި، އަތުގެ ނިޔަފަތްޗަކަށް ވުރެން ބޮޑެވެ.

އަނގަ ތެރެއިން ނުކުމެ އެއްވެސް ބިރެއް ޖެހިލުމެއް ނެތި، އާދައިގެ ދަތުރުމަތީ ހިންޏެއް ފަދައިން އެ ސޫފި އޭގެ އަމިއްލަ ޒާތުގައި ގޮސް މަޑުކޮށްލީ ކޯކަށިގަނޑާ ދިމާލުގަ އެވެ. އެއާ އެކު އިތުރު ދެ ކަނޑާ އެ އަނގަ ތެރެއިން ނުކުމެ ހަމަ އެ ދިމާލަށް ދުއްވައިގަތެވެ. އަދި ހުއްޓި ހިމޭންވެފައި އޮތް އެ ޒުވާނާގެ ކަންފަތުގެ ފަހަތަށް ވަދެގެން ގޮސް އޭނާގެ ކަޅުކުލައިގެ ބުޅި އިސްތަށިގަނޑުގެ ތެރެއަށް ވަދެ ގެއްލިއްޖެ އެވެ.

އެ މަންޒަރު ބަލަން ހައިރާންވެ ދެ ލޯ ބޮޑުކޮށްލައިގެން އޮތް ޝަވަކާދޫމާގެ އަތަށް އޭނާ ހެޔޮވަރުކޮށްލީ އަނެއްކާވެސް ރިހިކުލައިގެ ހަންޖަރެވެ. އަދި ކުޑަހުޅާ ހަމަ އަށް ކެލައި ތެލުން ފޯކޮށްލި އަނެއް އަތް ޒުވާނާގެ މޫނާ ދިމާލަށް ގެންގޮސް އިނގިލިކުރީގެ ބާރުގައި އޭނާގެ ތުންފަތް ހުޅުވައި ފޭކޮށް ހިފަހައްޓާލި އެވެ.

އެ އަނގައިގެ ދެ ދަތްޕިލަ ވަނީ ޖެހި ފިތި ބާރުވެފަ އެވެ. އެ ދަތްތަކާއި ހިރިގަނޑަށް ވަނީ މަޑު ރީނދޫކުލައެއް ފޭދިފަ އެވެ.

ބަލި ބަލިތަކުގައި މަރުވެ ކުނިވެ ފުޅައަޅައިފައިވީ ގަބުރުތައް ޝަވަކާދޫމާގެ ދެ އަތުން ސާފުކޮށް ކަފުންކުރާތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ އެވެ. ޖިންނި އަވަލައި މޮޔަވެ އަމިއްލަ ހަށިގަނޑުގެ އެތަން މިތަނުން ލޭ ކޮށާލައިގެން ހަންގަނޑާއި މަސްތައް އިރާލައިގެން ކަމުން ދިޔަ މީހުންނާ ވެސް އޭނާގެ މި ދަތުރުގައި ބައްދަލުވެއްޖެ އެވެ. ނަމަވެސް ލޯ ކުރިމަތިން ފައުޅުވަމުން އެދަނީ ޝަވަކާދޫމާގެ އަށްޑިހަ އަހަރުވީ ހަޔާތުގައި އޭނާ ދެކެފައިވީ ކަމެއް ނޫނެވެ.

ނަމަވެސް އޭނާގެ ހިތަށް ބިރުވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނުވަނެ އެވެ.

އެއްވެސް ޖެހިލުމެއް ނެތި އޭނާ ހިފާލީ އެ ޒުވާނާގެ އަނގަ ހުޅުވާށެވެ. ހުޅުވުނު ގޮތަކަށް ހުޅުވާށެވެ.

އެންމެ ފުރަތަމަ ހިފާލީ ދެ އަތުންނެވެ. ކުރިއެރުމެއް ނުލިބުމުން އަތުގައި އޮތް ހަންޖަރުގެ ތޫނު ތިލައިގެ ކޮޅު އެ ދަތްޕިލައިގެ މެދުދަތާ ދިމާލަށް ކޮށްޕާލުމާ އެކު ދަތްދޮޅީގައި ބާރަކަށް ހިފާލައިފިއެވެ.

އެވަގުތު ހީވީ އެ ޒުވާނާގެ ކަތުރުކަށިގަނޑު އޭނާގެ އަތަށް އައިހެންނެވެ. ކަށިގަނޑެއް ބިންދައިގެން ދިޔަ އަޑާއެކު އެ އަނގަ ކުއްލިއަކަށް އޭގެ ތަންމިނަށް ހުޅުވިއްޖެ އެވެ. ޝަވަކާދޫމާ ގުދުވެ ބޯދިއްކޮށްލިއެވެ. އެވަގުތު ބޮކިޖަހާފައި އެ އަނގަތެރެއިން ނުކުމެގެން އައި ހިނީގެ ލަޝްކަރު އޭނާގެ ދެ އަތަށާއި މުޅި އަށިމައްޗަށް އަރައި ފެތުރި އެތަންމިތަނަށް ދުއްވައިގަތެވެ.

ހިތަށް ވަން ކުއްލި ބިރުވެރިކަމާ އެކު ތުރުތުރުއަޅައިގަތް ދެ އަތް ގަޔާ ދިމާލަށް ދަމައިގަތްތަނުން އަތުގައި އޮތް ހަންޖަރު ބިން މައްޗަށް ވެއްޓިއްޖެ އެވެ. ގުރުއާން ކިޔަވަން އިން މީހާ އޭނާގެ ކިޔެވެލިތައް ހުއްޓާލާފައި ފުންމައިގެން ތެދުވިއިރު ޝަވަކާދޫމާ ވެސް އޮތީ ބިންމަތީގައެވެ.

ގުރުއާން ކިޔަވަން އިން ކަލޭގެ ކަޑަބޮއްޖަހާފައި ގޮސް ޝަވަކާދޫމާގެ ކިހިލިފަތްދޮށަށް ދެ އަތް ގަންނަވާލުމާ އެކު އޭނާ އެތަނުން ނަގައި ތެދުކޮށްލިއެވެ. ގަބުރުތަކުގެ ވެރިޔާގެ ދެ ލޯ އޭރު ހީވަނީ އެތަނަށް ފުންމާލަށް އުޅޭހެންނެވެ. ބޮލުގައި އޮތް ފޮށާގަނޑު އޮތީ ކޮނޑު މައްޗަށް ރޫޅިފަ އެވެ. އޭނާގެ މޭގައި ގުޑަމުން ގެންދިޔަ ހިތުގެ ރޫރޫ މޫޅި އެ ކޮޓަރި ތެރޭގައި އަޅަމުންދާ ކަހަލައެވެ.

ބިރުވެރިކަމެއް އައިސް އޭނާއާ އަލަށް ބައްދަލުކުރިއިރު ހީވަނީ އޭނާގެ ފުރާނަ ޖަހައިގަތުމަށް ތައްޔާރުވެފައިވީހެންނެވެ.

ފުނިޖަހާފައި ޒުވާނާގެ އަނގަތެރެއިން ކެކިއަރައިގަތް ހިނިތައް ޖަމާވަމުން ދިޔައީ އޭނާގެ ދެ ކަންފަތް ދޮށަށެވެ. އަދި ބުޅި އިސްތަށިގަނޑުގެ ތެރެއަށް ވަދެ ގެއްލި ހުސްވެއްޖެއެވެ.

އެ މަންޒަރު ބަލަން ހުރެފައި ޝަވަކާދޫމާ ޖެހުނީ އަނެއްކާވެސް ކުރިއަށެވެ. ގުރުއާންކިޔަވާ ކަލޯގެ ދެ އަތް ފޮޅާލާފައި ގޮސް ބިންމަތީގައި އޮތް ހަންޖަރު ނަގައި އަތަށް ހެޔޮވަރުކޮށްލުމަށް ފަހު އޭނާ އަނެއްކާވެސް ކުރިމަތިލީ އަށިމަތީގައި އޮތް ޒުވާނާއާއެވެ. އޭނާގެ އަނގަ މިހާރު އެ ވަނީ ތަންމިނަށް ހުޅުވިފަ އެވެ. ހީވަނީ ދަތްދޮޅިގަނޑު ބިންދައިގެން ގޮސްފައި އޮތް ހެންނެވެ.

މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް ބޯދިއްކޮށް އެ އަނގަ ތެރެއަށް ޝަވަކާދޫމާ އަނެއްކާވެސް ލޯއަޅާލި އެވެ. ހަންޖަރުގެ ތިލައިން ދުލުގައި ޖައްސައި ހިއްލައި އޭގެ ދަށްފުށާ ދިމާލަށް ބޯއަރިކޮށް ބަލައިލި އެވެ. އެވަގުތު ކަރު ތެރެއާ ދިމާލުން ލޮލުގައި ކޮންމެވެސް އެއްޗެއް އަޅައިގަތެވެ.

ސަމޭދާން ބައްތިއެއް ނަގައި އަރުތެރެ ފެންނަ ވަރަށް އަލިކޮށް ބަލާލިއެވެ. އަދި އަތުގައި އޮތް ހަންޖަރުގެ ތިލަ އެ ޒުވާނާގެ ކަރު ތެރެއަށް ކޮށްޕާލުމާ އެކު އެ އެއްޗެއްގައި އަޅުވައި މަޑުމަޑުން ދަމައިގަތެވެ. ގުރުއާން ކިޔަވާކަލޭގެ އަތަށް ބައްތި ދިއްކޮށްލުމަށް ފަހު އެ ކަރު ތެރެއިން ހަންޖަރުގެ ތިލައަށް އޮޅަމުން ދަމަމުން ގެންދިޔަ އެއްޗެހިތައް އެންމެފަހުން ލޮލަށް ފެންނަ ހިސާބަށް ދަމައި ބޭރުކޮށްގަތެވެ.

ހީވަނީ ކަޅުކުލައިގެ އޮލަ ދަވަގަނޑެއް ހެންނެވެ. ނޫނެކެވެ. އެއީ ރޯނުގަނޑެއްހެން ގަތައި އެތަން މިތަނުގައި ގޮށްޖެހިފައިވީ އިސްތަށިގަނޑެކެވެ. އޭގައި ހިފައި ދަމައި ނެރެމުން ދިޔަވަރަކަށް ކިނދުހެން ހީވާ އޮލަ ދޮހާއި ލޭތައް އެޔާ އެކުގައި ދެމެމުން އެ އަނގަތެރެއިން ބޭރުވާން ފަށައިފި އެވެ. އޭގައި ވަނީ ހޮޑުވަހާއި ލޭގެ ކުނިވަހެވެ.

ގަދަ ފިޔާތޮށިކުލައިގެ ނަރު ކޮޅުތަކެއް ހެން ހީވާ އެތިކޮޅުތަކެއް ވެސް އެ އިސްތަށިގަނޑުގައި ތަތްވެފައިވާތަން ފެނެ އެވެ. އެއީ ޖަމްބުމަލުގެ ހިމަ ނަރުތަކެވެ.

ދަމައިގަތް އިސްތަށިގަނޑު އެންމެފަހުން ޝަވަކާދޫމާގެ އަތަށް އައިއިރު އޭގެ ފުލުގައި ހަރުކޮށްފައި އޮތީ އޮށްގަނޑާއެކު ނަގާފައިވާ އިންސާނެއްގެ ދެ ލޮލެވެ.

އެވަގުތު ކޮޓަރި ތެރޭގައި އެނބުރިގަތް ރޯޅިގަނޑަކާ އެކު އެތަނުގައިވީ ހުރިހާ އުށްބައްތިތައް ކުއްލިއަކަށް ނިވިއްޖެ އެވެ. ގަތްބިރާ އެކު ގުރުއާންކިޔަވާ ކަލޭގެ ގޮސް ވަނީ ޝަވަކާދޫމާގެ ފަހަތަށެވެ.

އެ ކޮޓަރި ތެރެއިން މިހާރު ފެންނަމުންދާ ހަމައެކަނި އަލިކަމަކީ ހިރިގަލުގެ އަށިގަނޑުގައި އެލުވާފައި އޮތް ދުންކިބާއިން އަރަމުން ދިޔަ ދިއްލިފައިވީ ނޫކުލައިގެ ދުމެވެ. އަދި އަށިމަތީގައި އޮތް ޒުވާނާގެ ހުޅުވިފައިވީ ދެ ލޮލުގައިވީ ރީނދޫކަމެވެ.

ގުރުއާންކިޔަވާ ކަލޭގެ އަޑުގެ ނެތް ކޮޅަށް ކުރުސިކިޔައި ހަޅޭފަޅޭޖަހަމުން ނުކުމެ ދުއްވައިގަތެވެ. ޝަވަކާދޫމާ ހީވަނީ އެތަނުގައި ގަނޑުވެ ހިފެހެއްޓިފައިވާހެންނެވެ. ނޫކުލައިގެ ދުންތަކުގެ ތެރޭގައި ފޮރުވެމުން ދިޔަ އަށިމަތީގައި އޮތް ޒުވާނާ ފުންމައިގެން ތެދުވީ ކުއްލިއަކަށެވެ. ހީވީ ބިރުވެރި ހުވަފެނަކުން އޭނާ އަށް ހޭލެވުނު ހެންނެވެ.

ތުރުތުރުއަޅައިގަތް ޝަވަކާދޫމާގެ އަތުގައި އޮތް ހަންޖަރު ވެއްޓިގެން ގޮސް ޖެހުނީ ބިންމަތީގަ އެވެ. އެ އަޑާ ދިމާލަށް ޒުވާނާގެ މޫނު އެނބުރުނީ ކުއްލިއަކަށެވެ. އަދި އޭނާގެ ދެ ލޮލުގައި އަނދައިގަތް ހުޅުގަނޑު ބޭރަށް ނުކުމެގަތެވެ.  

*** ** ** ***

ރަށު ތެރެއިން އިވެނީ ކާޅުތައް ހޭރޭ އަޑާއި ބުޅާތައް ގޮވާ އަޑެވެ. ފަތާއި ފަންވަތަށް ވުރެ ގިނައީ ރުއްގަހަށް އަރައި ރަށު ތެރެއަށް ކަޅި އަޅައިގެން ތިބި ކާޅުތަކެވެ. ރަށްމަތިން އުދުހި ބުރުޖަހަމުންދާ ކާޅު ބައިގަނޑުތައް ހީވަނީ ހަފަރާތުން ބައްދަމުން އެނބުރެމުންދާ ކަޅުބޯވިލާގަނޑެއް ހެންނެވެ.

ކުނިބުންޏާ އެކު ރަށު ތެރެއަށް ވަދެ ގޯޅިގޯޅިތަކުގައި ދެމެމުން ދަނީ ކުރަރި ނޭވާއެއް ލަމުންދާ ވައި ރޯޅިތަކެވެ. ވެރިވެފައި އޮތް ކަނު އަނދިރިކަން ރަށުގައިވީ ހުރިހާ ދިރުމެއް ހަފައި ޗިސްކޮށް، މަޑުމަޑުން ދިރުވަމުން ގެންދާ ކަހަލައެވެ.

ޖިފުޓިތަކަށް ވަދެ މީހުން ވަނީ ފިލައިފަ އެވެ. ހޯބޯ ލައްވަމުން ވައްވައްޖަހަމުން ގެންދާ ރޯޅިތަކާ އެކު ފެންޑާތަކުގައި އުނދޯލިތައް ހެއްލެމުން ދަނީ އެކަނި މާ އެކަންޏެވެ. އޭގެ އަމިއްލަ ޒާތުގަ އެވެ. އޭގެ ހަތަރު އަނގުނުގައި ޖަހާފައިވީ ވަލަށް ވާންކޮށް އަޑުގޮއްވަމުންނެވެ.

ފުޅި ބައްތީގެ އަލިކަމެއް ރަށު ތެރެއަކުން ނުވެ އެވެ. ވަލު ތެރެއިން ނުކުމެ ރަށުގެ ގޯޅިގޯޅިތަކުން، ފުޅަށްފުޅަށް ދަށުން ނުކުމެގެން ދާތަން ފެންނަނީ ދަރިންތައް ތުނބުލައިގެން އެއް ހާލިން އަނެއް ހާއްޔަށް ދުވަމުން ގެންދާ ބުޅާތަކެވެ. އެ ސޮރުމެންގެ ލޯތައް ވަނީ ބޮޑުވެފައެވެ. އެ ލޯތައް ވަނީ ރީނދޫކުލައިން ދިއްލިފައެވެ.

އުދަރެހާ ދިމާލުން އަރައި އިން ރަތް ހަނދުގެ ސުންޕާކަށް މުޅި ރަށަށް ވިރެމުން ފައިބަނީއެވެ.

ރުއްގަސްތައް ހޭރެނީއެވެ. ޖިފުޓިތަކުގައި އަންހެނުންނާއި އެމީހުންގެ ދަރިން ރޮއި ހޭރެނީއެވެ. ފަލަގު ނާސި ކަޔަވާ އަޑު އިވެއެވެ. ރަށުގެ ބޮޑު މިސްކިތުގެ މުންނާރުން ރޫރޫލަމުން މުޅި ރަށަށް ފެތުރެމުން ދަނީ ތަކުބީރުބަންނަ އަޑެވެ.

ފަންސަފުރަދާނައިންގެ މަޖިލީހުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމުގެ މަސައްކަތަށް ދެބައިލަޝްކަރުގެ ބޭކަލުން އެމީހުންގެ ފައުޖުތައް ބައިބައިކޮށް ސަފުސަފަށް އަތުރަމުން ގެންދިޔައީ ގުޅަކުޅޭފަސްގަނޑުގެ އުތުރު ބިތުގައި އޮތް ހުސްބިމުގައެވެ. ގައިމު މަގާމަށް އައްޔަނުކޮށްފައިވާ ކަޅައިބާރުތަކުރު ނެރުއްވާފައިވާ ހާއްސަ އަމުރުގައި އޮތީ ރަށަށް ފާވެގެން އުޅޭ މުސީބާތާއި ސުންޕާވެރިކަމާ ކުރިމަތިލުމަށް ގޮވާލާފައިވީ އަމުރު އެކަންޏެއް ނޫނެވެ.

އެއީ ސުވާދީޕާގެ ތަހުތަށް މި ވަގުތު ކުރިމަތިވެފައިވީ ނުރައްކަލަކާ ކުރިމަތިލުމަށް ނެރުއްވާފައިވާ ކުއްލިހާލަތުގެ ސިއްކަޖެހި އަމުރެކެވެ. އަދި އެ ނުރައްކާ މިނެކިރުމުގައި ޝާހީ ހާންދާނުގެ އެއްވެސް މޫނަކަށް ކަނދުރާއަކަށް ވެސް ބަލައިގެން ނުވާނެ ކަމަށް ގޮވާލާފައިވާ އަމުރެކެވެ. އެ ނުރައްކަލަކުން މިންޖުވުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއް ނެތި ތަންފީޒުކުރުމަށް ހަނގުބޭކަލުންނަށް ގޮވާލާފައިވާ ގަދަފަދަވެގެންވީ އަމުރެކެވެ. 

ހަތަރެސް ފައި ޖަހާފައި ރަށު ތެރެއަށް އަރައިގެން އެ އަންނަ މުސީބާތާއި މި ދަނޑިވަޅުގެ ބޭނުން އަމިއްލަ އެދުމުން ހިފައި ގަނޑުވަރު ތެރެ ހިސޯރުކުރަމުން އެ ގެންދާ ކަޅައިބާރުތަކުރަކާ މާ ބޮޑު ތަފާތެއް ނެތެވެ. އެކަން އެންމެ ރަނގަޅަށް އެނގިހުރި އެކަކަކީ ބަޒާންއެވެ. އޭނާގެ އަތުން މަނަވަރުކަލާސީންގެ އިސް ގާއިދުކަން އަތުލުމަށް ފަންސަފުރާދަ މަޖިލީހުން ނިންމި ދުވަހަކީ ކަޅައިބާރުގެ މި ބަޣާވާތުގައި އޭނާ ކަނޑާލި ފުރަތަމަ ގިޔަރެވެ.

އޭނާގެ އެދުންވެރިކަމުގައި ބިންގާ އެޅީ ޝާހީ ހާންދާނާ ބެހޭ ބުހުތާނު މުޅި ރަށަށް ފަތުރައިގެންނެވެ. ސާގީސާ އާއި އެ ރަދުންގެ ހުންނެވި ހަމައެކަނި ދަރިކަލުންނާއި އަނބިކަނބަލުންނާ ބެހޭ ގޮތުން ކަޅައިބާރުގެ އައުވާނުން ފަތުރަމުން ދިޔަ ވާހަކަތަކަކީ ކަންފަތްތައް ވިރިގެން ފައިބާހާ ހުތުރު ދޮގެވެ. ދޫތައް ވާކޮށް ހިތްތައް ކަޅުކޮށްލާ ޒާތުގެ ނެތިމޮށުމެވެ.

ގައިމު މަގާމަށް ކޮލިލެވިފައި ހުންނެވި ސާގީސާ ރަދުންގެ ހުވަފަތް އަނބިކަނބަލުން، ނަރުގިސްކަނބާ އެ މަގާމުން ދުރުކޮށް ހުރިހާ ބާރެއް ކަޅައިބާރުގެ މުށުތެރެއަށް ގެންގޮސް ދިން ބައިއަތުހިފުމަކީ އޭނާގެ މި ބަޣާވާތް ފެނުން ތޮޅިލި ދުވަހެވެ. އަދި މުސީބާތުގެ މި ނާޒުކު ވަގުތަކީ ތަހުތަށް ފެންބޮވައިގެންފައިވީ ގައްދާރުންނަށް އޭނާ އެރުވި ޖާފަތެވެ.

މުޅި ރަށުގައި ވެސް އަލިކަމެއް ފެންނަނީ ގަނޑުވަރުގެ އުސްބިންތަކާ ދިމާލުން އެކަންޏެވެ. ތަކުބީރު ބަންނަން ހުކުރު މިސްކިތް ދޮށަށް އެއްވެ ތިބި މީހުންގެ ތެރެއިން ނުކުމެގެން ބޮލުގައި އޮތް ފޮށާގަނޑު ބާލައި ކޮނޑު މައްޗަށް އެއްލާލައިގެން ގޮސް ބަޒާން ގަނޑުވަރަށް ވަނީ ނިއްވާލާފައި އޮތް ރިހިދޮރުކޮޅާވީ ފަޅިންނެވެ. ރިހިދޮރުކޮޅުލީ ގަނޑުވަރަކީ ވަލީއަހުދަށް ހާއްސަކޮށްފައިވާ ގެކޮޅެވެ.

ނަމަވެސް އެ ގެކޮޅުގެ ބޭރުގައި ފާރަވެރިންނެއް ނެތެވެ. އޭނާގެ އިންތިޒާރުގައި ތިބި ދެ މީހަކު މަޑުކޮށްލައިގެން ތިބީ ދުންބޯ ފެންޑާގަ އެވެ. އެތަނަށް ވެރިވެފައި އޮތް ސަމޭދާން ބައްތިއެއްގެ ފަނޑު އަލިކަމުގެ ތެރޭގައި މަޑުކޮށްލައިގެން ގުޑުގުޑާއަކުން ދުން ބޮމުން ގެންދިޔަ ދެ މީހުންނަކީ މިދިޔަ ދެ ތިން ރޭ ވެސް ބަޒާންގެ އެންމެ ގިނަ ވަގުތު އެކުގައި ހޭދަކުރި ދެ މީހުންނެވެ. އެއީ ބަވަންދީ އާއި ފަތްލިޔާކަލޭގެ ރަވާފުތާ އެވެ.

ސާގީސާގެ މަރަށް ފަހު ކަޅައިބާރުތަކުރުގެ ފިއްތުމާއި ދަތިކުރުންތަކާ އެކު ބަޒާންގެ ނުފޫޒާއި ބާރު އޮތީ ކަނޑުގެ ލަޝްކަރުގައި ކަރުތާފެނަށް ގެނބިފަ އެވެ. އެންމެ ގާތް އެކުވެރިން ތިބީ ކަޅައިބާރުގެ ޖާސޫސުންނަށް ބަދަލުވެފަ އެވެ. އޭނާގެ ރަސްމީ ހީރާ ގުރާބުގެ ފަޅުވެރިން ވެސް ރިޝްވަތުގެ ރަން ފޮތިތަކަށް ވިކި ހުސްވެއްޖެ އެވެ. އޭގެ ތެރެއިން ހަމަ އެކަކު ވެސް މިއަދު އޭނާއާ އެކުގައި ނެތެވެ.

ހަށިފާރަވެރިންގެ ގޮތުގައި ތިބި ރަސްބޭކަލުން ވެސް ވަނީ ކަޅައިބާރުގެ މުށުތެރޭގައިވީ ފަންސަފުރަދާނައިންގެ އަމުރަށް ގެންދަވައިފަ އެވެ.

މަންމާފުޅު ނަރުގިސްކަނބާއާ ބައްދަލުކުރެވޭނެ ގޮތެއް ވެސް ނެތެވެ. އެތެރެ ކޮއިލުގެ އަރާރުންތަކަށް ފަހު ނަރުގިސްކަނބާ އެކަމަނާގެ ގަނޑުވަރުން ބޭރަށް ނުނިކުންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ އެވެ. އެއީ ހިތާމައިގެ އެކަހެރިވުމެއް ނުވަތަ ކަޅައިބާރުގެ ނުބައި ރޭވުމަކާ ގުޅިފައި އޮތް އެކަހެރިވުމެއްކަން ވެސް އެނގޭ މީހަކު ނެތެވެ.

ބަވަންދީގެ ހާޒިރުގައި ނޫން ގޮތަކަށް ނުހުޅުވަން ބުނެފައިވާ ރިހިފޮށިގަނޑު ވެސް ވީ ނަރުގިސްކަނބާގެ ބެލުމުގެ ދަށުގަ އެވެ. އެކަމަނާގެ ސިއްރު ކޮޓަރިކޮޅަކަށް އެ ފޮށި ގެންދިޔައީ ކަޅައިބާރަށް ޖާސޫސުކޮށްދޭ ކުދިބޭކަލުންގެ ލޯތަކަށް ފޮރުވުމަށެވެ. ނަމަވެސް އެ ފޮއްޓާއި މަންމާފުޅުގެ ރައްކާތެރިކަން ވެސް ޔަގީންކުރާނެ ގޮތެއް މިހާރަކު ނެތެވެ. އެ ގަނޑުވަރުގެ ދޮރާށިތައް ވަނީ ރަސްބޭކަލުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ނަމަވެސް ރަވާފުތާ ކަހަލަ ސާގީސާ ރަދުން އަށް ވަފާތެރި މަދު ބައެއްގެ އެހީތެރިކަމާ އެކު ބަޒާން އާއި ބަވަންދީ އެ ވަނީ އެމީހުންގެ ކިއްލާ އަށް ކުރިމަތިވެފައިވާ ހަގީގީ މުސީބާތާ ކުރިމަތިލުމަށް ފޫގަޅައިފަ އެވެ. އެ ހަގީގީ މުސީބާތަކީ ކަޅައިބާރު ވަތަބަނޑޭރި ތަކުރު ނޫންކަން އެނގޭ ހާލުގަ އެވެ.

އިސްމިޑޫގައި އޮތް އިސްލާމީ ކިއްލާ އަށް ސަލާމަތުގެ އައްސޭރިއެއް ކަށަވަރުވާން އޮތީ މުލަކުގައި ހިނގައިދިޔަ ކާރިސާގެ ހަގީގަތް ހޯދިގެންނެވެ. ތަހުތާ ގުޅިފައިވީ ބާރުތައް މުށު ތެރެއިން ދެމެމުން ދިޔައިރު ވެސް މުލަކުން ހޮވައިގެން ގެނެވުނު ރިހިފޮށިގަނޑާއި ގޮތްނޭނގޭ އަންހެން މީހާ އަށް ބަޒާންގެ ހާއްސަ ސަމާލުކަމެއް ދީފައި އޮތީ އެ ސަބަބާ ހެދި އެވެ.

ދުފާލައިގެން ދުންބޮއެ އަނގަތަޅަން ތިބެފައި ގަނޑުވަރުގެ ހިމޭންކަމުގެ ތެރެއިން ބަވަންދީ ގޮވައިގެން ބަޒާން ހިނގައިގަތީ އުސްގެކޮޅުގެ ކޮޓަރިއެއްގައިވީ ދަލޭކައާ ބައްދަލުކުރުމަށެވެ. ބިންގަރާހުގެ ހޮރުތަކުގައި ވަނިކޮށް އޭނާ ސަލާމަތްކުރި ކެލިދުރުގޭ ޒުވާނާގެ ވާހަކަތައް ބަވަންދީ އަށް ކިޔައިދެމުންނެވެ. އޭނާ ގެނެސްދިން ރިހިފޮށިގަނޑަށް ހަދަންވީ ގޮތަކާ ބެހޭ ލަފާ ހޯދަމުންނެވެ.

ރަވާފުތާ ގޮސް ފޭބީ ބަރްޒަހުގެ ބިންގަރާހަށެވެ. ގޮނޑުދޮށަށް ލެއްގި ގަބުރުތަކުގެ ތެރެއިން ތެދުވި ޒުވާނާގެ ހާލެއް ބެލުމަށެވެ. 

އުސްގެކޮޅުގެ ސަރައްކާލިތައް ވަނީ ހިމޭންވެ ނިދައިފަ އެވެ. އެތަނުގައި އެލުވާފައިވާ ފާނޫޒުތައް ވަނީ ނިއްވައިފަ އެވެ. ވެރިވެފައި އޮތް ފިނި މެންދަމުގެ އަރާމުގައި ފާރަވެރިންނާއި ހާދިމުން ވެސް ނިދައި މަރުވެފައެވެ. އަދި ދަލޭކަގެ ކޮޓަރީގައި ވެސް ހަމަ އެއްވެސް އަލިކަމެއް ނެތެވެ.

ދޮރުގައި އަޅުވާފައި އޮތް ރޭނދާގަނޑު ކަހާލާފައި ބަޒާން އެ ކޮޓަރިއަށް ވަނީ އެތެރޭގައި މީހަކު ނެތްކަން ޔަގީންވުމުންނެވެ. ރޯނުގަނޑުގައި އެކަނިވެފައި އޮތް ލިބާހަކީ އެންމެފަހުން ދަލޭކައާ ބައްދަލުވިއިރު އޭނާ ލައިގެން ހުރި ފެހިކުލައިގެ އަންނައުނުގަނޑެވެ. ދަލޭކަގެ އެ ނޫން އެހެން އެއްވެސް ހިލަމެއް އެ ކޮޓަރި ތެރޭގައި މިރެއަކު ނެތެވެ.

މަޑުމަޑުން ހިނގާލާފައި ގޮސް ބަޒާން މަޑުކޮށްލީ ކުޑަދޮރު ކައިރީގައެވެ. އެތަނުގައި ދަމާފައިވީ ހުދުކުލައިގެ ތުނި ފަރުދާ އެއް ފަރާތަކަށް ކަހާލުމުން ރުއްގަސްމަތިން އަރާފައި ހުރި ހަނދު ހީވަނީ މޫނުގައި އައިސް ޖެހިދާނެހެންނެވެ. ކޮޓަރި ތެރެއިން ޓައްކަނޑާލި އަޑަށް އެނބުރި ބަލާލިއިރު މޭޒުމަތީގައި ހުރި ސަމޭދާން ބައްތި ރޯކޮށްލައިގެން ހުރި ބަވަންދީ ބަލަހައްޓައިގެން ހުރީ އެނދުގެ ބޯލާކޮޅާ ދިމާލުން ހިރިގަލުގެ ފާރުގައި ކެނޑިފައިވާ ރެނދަކާ ދިމާލަށެވެ.

އެ ރެނދާ ދިމާލަށް އުށްބައްތި ދިއްކޮށްލުމުން ބަޒާންގެ ލޮލުގައި އަޅައިގަތީ ފާރުގައި ކެނޑިފައި ހުރި ތަނުން ނުކުމެގެން ސަފަކަށް ދަތުރުކުރަމުންދާ ކަޅުކުލައިގެ ހިނީގެ ލަޝްކަރެކެވެ.

ހައިރާންވެ ހުރެ ބަޒާން ޖެހިލީ އެދިމާލަށެވެ. ބަވަންދީ ވެސް އޭނާގެ އަތުން ހިފަހައްޓައިގެން ހުރި ބައްތިން އަލިކުރަމުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގަމުން ދިޔައީ އެ ހިނީގެ ލަޝްކަރުގެ ދަތުރަށް ގެއްލިފައިވީ ހާލުގަ އެވެ.

ހިނިތަކުގެ ސަފުގެ ކޮޅެއް ނުފެނެ އެވެ. ނަމަވެސް ކަޅުކުލައިގެ އެ ކަނޑާ ހިނިތައް ގޮސް ވަންނަމުން ދަނީ އެތަނުގައި ހުރި ކަޅުވަކަރު އެނދުގެ ތަންދޮށަށެވެ. ހަތަރެސް ފައި ޖެހި އެނދުގެ ތަންދޮށާ ދިމާލަށް ގުދުވެ ބަވަންދީގެ އަތުގައި އޮތް ސަމޭދާން ބައްތިން އެނދު ދަށަށް އަލިކޮށްލި އެވެ.

އެއާއެކު ފުންމައިގެން ތެދުވި ގޮތަށް ބަޒާންގެ އަތަށް ބައްތި ދީފައި އެ އެނދުދާންކޮޅު ނަގައި ބަންޑުންޖަހާލި އެވެ. ފައިދިގު މަކުނުތައް އެތަނުން އެވަގުތު ފުމެގަތެވެ. ނަންނުގަތިތައް ގުދުގުދުލަމުން ދުއްވައިގަތެވެ. ބިރުން ތެޅިގަތް ބަޒާންގެ އަތުން ވެއްޓުނު ސަމޭދާން ބައްތީގެ ހުޅުކޮޅު ނިވިއްޖެއެވެ.

ބިރުން ތެޅިގަތް ހަމަ ނޭވާ އަތުލައިގެން ބައްތި އަލުން ރޯކޮށްލައިގެން ތެދުވެ ބަލާލިއިރު ބަވަންދީ ގޮސް މަޑުކޮށްލައިގެން ހުރީ އޭނާ ނަގައި އެއްލާލި އެނދު ބަހައްޓާފައި ހުރި ތަނުގަ އެވެ. އެއީ ހިރިގައު ޖައްސައިގެން ހަދާފައި އޮތް ތަޅުންގަނޑެކެވެ. ނަމަވެސް އެ ހިރިގަލުގައިވާ ކުރެހުންތަކަކީ ގަނޑުވަރު ފަރުމާކޮށް ބިނާކުރި ރެދިންގެ ކަވި މަސައްކަތެއް ނޫނެވެ. އެތަނުން އެ ފެންނަ ކުރެހުންތަކާއި ގަލުގައި ކަނޑައި ނަގާފައިވާ އަދަދުތަކާއި ލިޔުންތަކަކީ ސިހުރުހާހޫރުގެ ކަޅު ދުނިޔެއަކަށް ނިސްބަތްވާ މުޑުދާރު ހާއްޔެކެވެ.

އަނައަޅައި އަކަކުރަހައި ސިހުރުގެ ވަޒަންތައް ހަމަކޮށް ބުރުޖައްސައި ޖަރީކޮށްފައި އޮތް މައިދާނެކެވެ. ހިނިތައް ޖަމާވަމުން ދިޔައީ އެތަނުގެ މެދުގައި ތައްޔާރުކޮށްފައިވީ ހާއްޔަކަށެވެ. އެއީ އިންސާނެއްގެ ބޮލުގެ އިސްތަށިން ތައްޔާރުކޮށްފައިވާ ހާއްޔެކެވެ.

އެ ހާލީގައި ވަނީ އިންސާނެއްގެ އިނގިލިތަކުން ނަގާފައިވާ ނިޔަފަތިތަކާއި ކޮލުދަތްތަކެވެ. ފޫޅުދަނޑިގަނޑަކާ އެކުގައި އޮތް ވަކަ މަސްގަނޑެކެވެ. މަރުވެ ހިކިފައިވާ ބޮއްތަކެވެ. ހާސްފައިތަކެއްހެން ހީވާ ނަންނުގަތީގެ މައިބަދައެވެ.

ހިނިތައް ގޮސް ޖަމާވަމުން ދިޔައީ ރާޅު އިސްތަށީގެ އެ ހާއްޔަށެވެ.

މަޑުމަޑުން ގޮސް ބަވަންދީ އެދިމާލަށް ތިރިވެ އުޑަފައިން އިށީނެވެ. އޭނާގެ ފިކުރުތައް ހުސްވެފައި ވަނީ ހިރިގަލުގައި ފައްކާކޮށްފައިވާ ސިހުރުހާހޫރުގެ ކުޅިވަރަށެވެ. އެއީ މި ގަނޑުވަރުގެ ހިތުގެ އެންމެ އަޑީގައި ބާރުގަދަ ސިހުރުވެރިޔަކު ވަޒަންވެރިވެފައިވާ ކަމުގެ ނިޝާނެކެވެ.

ބަޒާންގެ ހިތުގައި އުތުރިއަރަމުން ދިޔަ އިހުސާސުތަކާ އެކު އޭނާ ގޮސް ސަމޭދާން ބައްތި މޭޒުމަތީގައި ބަހައްޓާލި އެވެ. އޭނާގެ ހިތުގައި އުތުރިއަރަމުން ދިޔަ އެ ޖަޒުބާތުތައް ތަރުޖަމާކުރާނެ ގޮތެއް އޭނާގެ ސިކުނޑިއަކަށް ނޭނގުނެވެ.

"މަންމާފުޅުގެ ނަމާދު ގެއެއް ކަމުގައިވީ މި ކޮޓަރި ސިހުރުގެ މުޑުދާރު ހާއްޔަކަށް ބަދަލުވީ ކިހިނެތް ހެއްޔެވެ؟ ސިހުރުގެ މި ކުޅިވަރު ފެށީ މިތަނުގައި ނިދައި ކައި ބޮއެ އުޅުނު ނޯކަރުން ހެއްޔެވެ؟ ނުވަތަ މިއީ އިހަށް ދުވަހު މިތަނުގައި އެ މީހަކަށް އަހަރެން ރައްކާތެރިކަން ދީގެން އުޅުނު ފަތްމިންޏެއްހާ ރިވެތި އަންހެން މީހާގެ އެ ރީތިކަމުގެ ފަހަތުގައި ފޮރުވިފައި އޮތް މުޑުދާރު ކަމެއް ހެއްޔެވެ؟"

ބަޒާންގެ ބޮލުން ތަރަތަރަޖަހައިގަތެވެ. އެވަގުތު އައިސް ކަންފަތުގައި ޖެހުނީ ހޯބޯލައްވަމުން ދިޔަ މީހެއްގެ އަޑެވެ. އެ އަޑު އެ އަންނަނީ ގަނޑުވަރުގެ ގޯތި ތެރެއިންނެވެ.

ފުންމައިގެން ގޮސް ކުޑަދޮރުން ބޯދިއްކޮށް ބޭރު ބަލައިލިއިރު މީހަކު ފެންނާކަށް ނެތެވެ. އަނދިރިކަމުގެ ތެރެއަށް ގެއްލިފައި އޮތް ގޯތިތެރޭގައި ހެދިފައި ހުރި ހުވަނދުމާ ގަސްތަކެއްގެ ތެރޭގައި މަޑުކޮށްލައިގެން ހުރި އަންހެނަކު ބަޒާނަށް ފާހަގަވާން އިރުކޮޅެއް ނެގި އެވެ.

އެއީ ހުދުކުލައިގެ ހެދުމެއްގައި ހުރި އަންހެނެކެވެ. އެއީ މި ކޮޓަރީގައި އުޅުނު ދަލޭކަ އެވެ.

ކުޑަދޮރުން ބަލަން ހުރި ވަލީއަހުދާ ހަތަރުކަޅި ހަމަވި ވަގުތު ދަލޭކަ އެ ގަސްތަކުގެ ތެރެއިން ނުކުމެ ދުއްވައިގަތެވެ. އެ ދިމާލުގައި ހުރި ގަސްތަކުން ކާޅު ބައިގަނޑެއް އުދުހި ހޭރިގަތެވެ. ބަވަންދީ އާއި ސިހުރުގެ އެ ހާލި ދޫކޮށްލާފައި ބަޒާން ދުއްވައިގަތީ ކޮޓަރިން ބޭރަށެވެ. ހިރިގަލުގައި ފައްކާކޮށްފައިވީ ސިހުރުގެ ހާލި ބަލައި ދިރާސާކުރަމުން ދިޔަ ބަވަންދީގެ ހޭވެރިކަން އޭރު އޮތީ އެ ހާލީގެ އެންމެ އެތެރެއަށް ވަދެ ގެއްލިފަ އެވެ.

*** ** ** ***

ރަވާފުތާ ގޮސް ބަރްޒަހަށް ފޭބިއިރު މުޅި ތަނަށް ފެތުރިފައި އޮތީ ކަނުއަނދިރިކަމެވެ. ބޭރުގައި ދޮރުވާނުވެރިޔަކު ނެތެވެ. އެތެރޭގައި ގުރުއާންކިޔަވާ ކަލޯގެ އަޑެއް ވެސް ނެތެވެ. ފުރޭތައެއްގެ ބުރަކަށި މަތިހެން ހީވާ ސިޑިމައްޗާ ހަމަ އަށް ފެތުރި އޮތީ ދުމުގެ ފުސްކަމެވެ. އެ ދުމުގެ ތެރޭގައި ވަނީ ބޮކަރާއި ކާފޫރުގެ ޒަވަ ކަމެވެ.

ބިންގަރާހުގެ ސިޑި މައްޗަށް އަރައިގެން އައިސް ބަރްޒަހުގެ މައި ދޮރޯއްޓާ އަރައި ހަމަކޮށްފައިވީ ދުންގަނޑު ހީވަނީ މެންދަމުގެ ހިމޭންކަމަށް ނުކުތުމަށް ޖެހިލުންވެފައި އޮތްހެންނެވެ. ނުވަތަ މަރުގެ އެ ހޮހޮޅަތަކުގައިވީ ބާރެއްގެ ހިމާޔަތުގައި އެ ދުންގަނޑު އެ އޮތީ ފާރަ އަށެވެ.

ނޭވާލަމުން ދިޔަ ދުންތަކުގެ ތެރެއަށް ރަވާފުތާ ފޭބީ އެ ދިމާލުގެ ފާރުގައި ނިވިފައި ހުރި ދަންމަރެއް ނަގައި ރޯކޮށްލައިގެންނެވެ. ދަންމަރުގެ ތެރެއިން ދިރިގެން ނުކުތް އަލިފާނުގެ ހުޅާ އެކު އޭނާ ހިނގައިގަތުމުން ހީވަނީ ތިރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު ދުންގަނޑު ބިރުން ފަހަތަށް ޖެހެމުންދިޔަހެންނެވެ. ދަންމަރު ތެރޭގައި ނަށަމުން ދިޔަ ހުޅުގަނޑުގެ އަނދަމުންދާ ފީތާއިން ހިސްއަޑަކާ އެކު އަރުވަމުން ދަނީ ކާށިތެލުގެ ވަސްގަނޑެކެވެ.

އެ ހުޅުގެ އަލި ފާރުތަކަށް އެޅެމުންދާއިރު ހިރިގަލުގެ އެ ފާރުތަކުން ފައުޅުވަމުން ދަނީ ކަނޑައި ނަގާފައިވާ ކަވި ކުރެހުންތަކާއި ލިޔުންތަކެވެ. ކަލިމަ އާއި އާޔަތްތަކުން މި ފާރުތައް ޒީނަތްތެރިކުރުމުގެ ކުރިން އެތަންތަނުގައި ކަނޑައި ނަގާފައިވީ ކުރެހުންތަކުގައި ސިފަކޮށްފައި ވަނީ ބޯދާ ކަލާނގެތަކުގެ ސޫރަތަކެވެ. ދަޅުފެޅި ޖަނަވާރުންގެ ސޫރަ އެވެ. އަދި ގަނޑުވަރަށް ހާއްސަވެފައިވާ އުސްބިންތަކުގެ އަޑީގައި ގާއިމުކޮށްފައިވާ ބަރްޒަހުގެ މި އާލަމަކީ ތަހުތަށް ތިޔާގިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިން އެ ބޯދާ ކަލާނގެތަކަށް ސަޖިދަޖަހައި ގުރުބާން ކަތިލައި އުޅުނު ފައްޅި އެކެވެ.

ރަވާފުތާގެ ނަލަ އަތުލިޔުމުން ލިޔެ ގަނޑުވަރުގެ ކުތުބުހާނާތަކުގައި ރައްކާކޮށްފައިވާ ރާދަވަޅިތަކުގައި އެ ހުރިހާ މަންޒަރެއް ލޯ މައްޗަށް ދިރިގެން އަންނާނޭ މިންވަރަށް ސިފަކޮށްދީފައިވެ އެވެ. އެހެންކަމުން މަރުގެ އަނދިރިކަމުން ފުރިގެން ބަންޑުންވަމުން މިދާ ބިންގަރާހަކީ ހަތްފެނުގައި ކެއްކިޔަސް އެތަނުގައިވީ މުޑުދާރުކަން ކެނޑިގެން ނުދާނެ ތަނެއްކަން އެންމެ ރަނގަޅަށް އެނގޭ އެކަކަކީ ރަވާފުތާ އެވެ.

ސިޑިން ތިރިއަށް ފޭބުމަށް ފަހު ރަވާފުތާ ވަށައިގެން އަލިކޮށް ބަލައި ހޯދާލި އެވެ. އެ ސިޑިއާ ދިމާލަށް ގޮސް ގުޅިފައިވާ ހަ މަގު އެތަނުން ފެނެ އެވެ. އެއީ ހަނި ހަނި ބަނޑިތަކެއްގެ ސިފަ ޖެހިފައިވާ ދިގު ފައިތަކެއްހެން ހީވާ ކަހަލަ ގޯޅިތަކެވެ. އެއީ އަނެއްކާވެސް މި ބިންގަރާހުގެ އަސްލާ ގުޅފައިވީ ބޯދާ ކަލާނގެތަކުގެ ރަމްޒެކެވެ. އޭގެ ކޮންމެ މަގެއް ވެސް ގޮސް ގުޅިފައި ވަނީ މި ރަށްތަކުގެ އަހުލުވެރިން އެއް ޒަމާނެއްގައި ސަޖިދަޖަހައި އުޅުނު ކަލާނގެތަކަށް ގުރުބާންކަތިލަން ހާއްސަކޮށްފައިވާ ފައްޅީގެ ދަރުބާރުތަކާ އެވެ.

އަތުކޮޅަށް ދަންމަރު ދިއްކޮށްލައިގެން ރަވާފުތާ ހިނގައިގަތީ އޭނާގެ ކަނާއަތް ފަޅިން ދެ ވަނަ އަށް އޮތް މަގުންނެވެ. އެއީ ވަރުނަވަތީއޭ ކިޔުނު ބޯދާ ކަލާނގެއަކަށް ހާއްސަކޮށްފައިވީ ފައްޅިއަކާ ގޮސް ގުޅޭ މަގެކެވެ. ވަރުނަވަތީ އަކީ ކަޅުފޮއި ރޭތަކުގައި ސުވާދީޕާގެ ކަޅުކަނޑުން އަރައިގެން އަންނަ ކަމަށް ބުނެވޭ ދެޔޯއެކެވެ. އޭގެ ބޮލުގައި އޮންނަނީ މޫދުވިނަހެން ހީވާ ދިގު އިސްތަށިގަނޑެކެވެ. އަދި އޭގެ ލޯތައް ދިއްލެނީ ނޫކުލައިގެ ރެދަން ފަދައިންނެވެ.

ވަރުނަވަތީގެ ފައްޅިއާ ގުޅިފައި އޮތް ހަނި މަގުން ކުރިއަށް ޖެހެމުން ދިޔަ ވަރަކަށް ރަވާފުތާ އަށް ފާހަގަވަމުން ދިޔައީ އެދިމާލުގެ އެތެރެއިން ކަނޑަމުން ދިޔަ ވިދުންތަކެވެ. އެއީ ރެދަން ފަދައިން ދިއްލެމުން ދިޔަ ނޫކުލައިގެ ގަދަ އައްޔެކެވެ. ޒާތެއްގެ ހޭރުމެއްގެ އަޑު ވެސް އެބަ އިވެއެވެ.

ގޮނޑުދޮށުން ހޮވައިގެން ގެނެވުނު ޒުވާނާ ބޭއްވި ކޮޓަރި އަކީ އެއީ އެވެ. މުޅި އެ ހިސާބުގަނޑުގައި ވަނީ އުނަގަނޑާ ހަމަ އަށް ކެކިއަރާ ބޯ ދުންގަނޑެއް ފެތުރިފައެވެ. ރަވާފުތާގެ އަތުގައި އޮތް ދަންމަރުގެ އަލި އެ ދުންގަނޑުގެ ތެރެއަކަށް ނުހިނގައެވެ. ކޮޓަރި ތެރެއިން ނިވި ދިއްލެމުން އެދާ ނޫކުލައިގެ ވިދުންގަނޑު ކަނޑަމުން ދަނީ އެ ދުންތަކުގެ ތެރެއިންނެވެ.

ހުސިޔާރުވެ މަޑުމަޑުން ގޮސް އެ ކޮޓަރީގެ ވަށް ދޮރާ އަރައި ހަމަވައިރު އެތަނުގެ މެދުގައި ހަދާފައިވާ ހިރިގަލުގެ އަށިމަތީގައި އުޑަފައިން އިން މީހަކު ފެންނަވަރުވެއްޖެ އެވެ. ކޮޓަރި ތެރެއަށް ފެތުރިފައި އޮތް ދުންތަކުގެ ތެރެއިން އެމީހާގެ ސިފަ ހިޔަންޏެއްގެ ސިފައިގައި ފައުޅުވެގެން އަންނަނީ ނޫކުލައިން އެ ދުންގަނޑު ދިއްލޭ ކޮންމެ ފަހަރަކުއެވެ.

ސިފަ ވަކިވާވަރެއް ނުވެއެވެ. ނަމަވެސް އޭނާ އުޑަފައިން އަރައި އެ އޮތީ އަށިމަތީގައި އޮތް އިތުރު މީހެއްގެ ގަޔަށްކަން އެނގޭވަރުވުމާ އެކު ރަވާފުތާގެ ފިޔަވަޅުތައް ހުރި ހިސާބުގައި ހުއްޓިއްޖެ އެވެ.

ފުރަގަސްދީގެން އަށިމައްޗަށް އަރައި އެ އޮތީ ހުސޭނެވެ. އެކަން ރަވާފުތާ އަށް ނޭނގުނަސް އެއީ މުލަކުން ލެއްގި ގަބުރުތަކުގެ ތެރެއިން ހޭލި ޒުވާނާކަން އޭނާ އަށް ވެސް މިހާރު ޔަގީނެވެ.

ހުސޭނު އެ އޮތީ އަށިމަތީގައި އޮތް މީހެއްގެ މޭގަނޑު ދެ ފަރާތަށް އިރާލައިގެންނެވެ. ބަނޑުހައިވެފައިވީ ވަލު ޖަނަވާރެއް ފަދައިން އެ މީހާގެ ހިތާއި މެޔާއި ގޮހޮރުގަނޑު ހަފައި ނަގަމުން، ކަމުން ކުރަކިވެފައިވާ އަޑަކުން ހޭރެނީ އެވެ. ބަނޑުގެ މެދުން ފެށިގެން ދަތްދޮޅިއާ ހަމަ އަށް އިރައި ހުޅުވާލާފައި އެ އޮތް މީހަކީ ގަބުރުތަކުގެ ވެރިޔާ ޝަވަކާދޫމާ ނޫން ދެ ވަނަ މީހެއް ނޫނެވެ.

ކުރިމަތިން ނިވިދިއްލެމުން ދިޔަ މަންޒަރާ އެކު ރަވާފުތާ އަށް ހުރެވުނީ ހުއްޓުން އަރައިފަ އެވެ. އެތަން ދޫކޮށް ދުއްވައިގަންނަން ކިތަންމެ ބޭނުންވިޔަސް އޭނާގެ ދެ ފައިގައި އެ ހިތްވަރެއް ނެތެވެ. އެ ދެފައިން ވާގި ނެތި މުޅި ހަށިގަނޑު އައްސިވެފައިވާ ކަހަލަ އެވެ.

ނޫކުލައިގެ ރެދަންގަނޑެއް ފަދައިން އެ ދުންގަނޑު ވިދާލި ވަގުތު ރަވާފުތާގެ އަތުގައި އޮތް ދަންމަރު އެތަނަށް ވެއްޓި ނިވިއްޖެ އެވެ. ހުސޭނު އޭރު އެ އަށިމަތީގައި ނެތްކަން އޭނާ އަށް ޔަގީނެވެ. ނަމަވެސް އެ މާހައުލު އަލުން އަނދިރިކަމުގެ ތެރެއަށް ޖަހައިގަތުމުން ހުސޭނު ވީ ތަނެއް އޭނާއަކަށް ދެނެއް ނޭނގުނެވެ.

އަނދިރިކަމުގެ ތެރޭގައި ރަވާފުތާގެ ނޭވާ އެވަގުތު ހާސްވެގަތެވެ. ކަންފަތް ދޮށުން އިވެމުން ދަނީ ކޮށި ނޭވާއެއްގެ އަޑެވެ. އަދި ކޮޓަރި ތެރެ ހިސޯރުކޮށްގެން އޮތް ދުންގަނޑަށް ނޫކުލައިގެ ވިދުންގަނޑު އެނބުރި އައިއިރު ހުސޭނު ފައުޅުވީ ރަވާފުތާގެ ކުރިމަތިން ކުއްލިއަކަށެވެ. ފުރާނަ ސަލާމަތްކުރަން ދުއްވައިގަންނާނެ ފުރުސަތެއް ފޮތްލިޔާކަލޭގެއަކަށް ނުލިބުނެވެ.

ބަރްޒަހުގެ ބިންގަރާސް ތެރޭގައި ދައުރުވަމުން ދިޔަ ދުންތައް ސިޑިން މައްޗަށް ދެމެމުން ގޮސް އެންމެފަހުން އެތަނުގެ ދޮރޯށިން ބޭރަށް ނުކުމެ ގަނޑުވަރު ތެރެއަށް ފެތުރެން ފަށައިފި އެވެ. އެ ދުންތަކުގެ ތެރެއިން ނުކުމެގެން ގޮސް ހުސޭނު މަޑުކޮށްލީ ކުރިމަތީގައި އޮތް ބަގީޗާއެއްގެ ހާމަ ބިމެއްގަ އެވެ. އޭނާ އެހެރީ ރޯއޮރިޔާމާ އެވެ.

ގަނޑުވަރުގެ ގޯތި ތެރޭގައި ހެދިފައިވާ އަނބުގަސްތަކާއި ބަނބުކެޔޮ ގަސްތަކާ ދިމާލުން މައްޗަށް އަރައި ފައްކާވެފައި ހުރި ރަތް ހަނދާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހުސޭނުގެ ގައިގައި ލަކުނެއް ނެތަސް އޭނާގެ މުޅި ހަށިގަނޑު އެ ވަނީ ލެއިން ކަޅިވެފަ އެވެ. ބޮލުގައި އޮތް ބުޅި އިސްތަށިގަނޑުން ލޭގެ ތިކިތައް ތަޅަމުން ދަނީއެވެ. އޭނާގެ ހަށިގަނޑުގައި ފަށު ފަށަށް ދެމެމުން އޮހޮރެމުން އެ ދަނީ ޝަވަކާދޫމާގެ ލެޔެވެ. ނުވަތަ އެއީ ރަވާފުތާގެ ހޫނު ލެޔެވެ. ނޫން ނަމަ އެއީ އޭނާގެ އިރައިގެން ގޮސްފައި އޮތް އަނގަތެރެއިން ފައިބަމުން ދާހާ ލެޔެވެ.

ހުސޭނުގެ މޫނުގެ ކަތުރުކަށިގަނޑު އެ އޮތީ ބިންދައިގެން ގޮސްފަ އެވެ. އަނގައިގެ ދެ ކައިރިމަތިން ވަނީ ކޯ މަސްގަނޑާ އެކުގައި އިރައިގެން ގޮސްފައެވެ. ދަތްދޮޅި އޮތީ ކަރާ ދިމާލުގައި އެލިފަ އެވެ. އޭނާގެ ދޫ އޮތީ ދެ ފަޅިވެފަ އެވެ. ތިރީ ދަތްޕިލައިގެ ހުރިހާ ދަތެއް ހެން ވަނީ އުޑާ ދިމާލަށް ހާމަވެފައެވެ.

ނަމަވެސް އޭގެ އެއްވެސް ވޭނެއް އޭނާ އަށް އިހުސާސުވާހެނެއް ހީއެއް ނުވެއެވެ.

އަނބުގަސްތަކާއި ބަނބުކެޔޮ ގަސްތަކުގެ ތެރެއިން ކާޅުތައް ގޮވަން ފަށައިގަތުމާ އެކު ހުސޭނުގެ އެ ސުކޫތު ނިމުމަކަށް އަތުވެއްޖެ އެވެ. ބަގީޗާގެ ތެރޭގައި އޮތް ތެތްފިނިކަމުގެ ތެރެއިން އޭނާ ދެން ހިނގައިގަތީ ރެހެންދި ގަނޑުވަރުގެ ރަންދޮރޯށިކޮޅާ ދިމާލަށެވެ. އެއީ ނަރުގިސްކަނބާ އަށް ހާއްސަކޮށްފައިވާ ގެކޮޅުވީތަނެވެ. ކަޅައިބާރުގެ އަމުރަށް އޭނާ ބަންދުކޮށްފައިވާ އެސްޖެހި ކޮޓަރިކޮޅު ހުރި ތަނެވެ.

ބަގީޗާގެ ދޮންފަތާއި ފަރުދާގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަ ހުސޭނު ގޮސް ރަންދޮރޯށިއާ ދިމާށް ނުކުތްއިރު އެތަނުގައި ދުންބޮއެ އަނގަތަޅަން ޒުވާން ފުރައިގެ ދެ މީހަކު ތިއްބެވެ. އެއީ ދޮރުވާނަވެރިންނެވެ. ގަސްތަކުގެ ތެރެއިން ނުކުމެގެން އެމީހުންނާ ދިމާލަށް ހެލިގަތް ހުސޭނު ފެނުމާއެކު ދެ މީހުން ވެސް ތެޅިގަތެވެ.

ބޮމުން ގެންދިޔަ ފަތުބިޑި އެއްލާލުމަށް ފަހު އޭގެ ތެރެއިން އެކަކު ނެގީ ފާރަށް ލައްގާފައި ހުރި ލޮންސިއެކެވެ. އޭރު އޭނާއާ އެކުގައި ދެން ހުރި ޒުވާން ސޮރު ޚަބަރު ހުސްވެގެން އެތަނަށް ވެއްޓިއްޖެ އެވެ. ނުވަތަ އެއީ ހުސޭނުގެ ދިއްލިފައިވީ ދެ ލޮލުގެ ބާރުގައި ޖެއްސި ގަދަ ނިންޖެކެވެ.

ވެއްޓުނު ފާރަވެރިޔާއާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ހުސޭނާ ދިމާލަށް އެނބުރި ލޮންސިގަނޑު އަތަށް ހެޔޮވަރުކޮށްލިތަނުން އެ ދޮރުވާނަވެރިޔާ ވެސް ހޭނެތިގެން އެތަނަށް ދެމިއްޖެއެވެ.

އޮހޮރެމުން ދިޔަ ލޭތަކާ އެކުގައި ގޮސް ހުސޭނު ހިފާލީ ދޮރޯށީގެ ބޮޑު ތަޅުގަ އެވެ. އެތެރެއިން އަޅުވާފައި ހުރި ތަންޑުތައް ލުއްސުވާލުމާ އެކު އޭނާ އެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގަތެވެ. ބަލާ މީހަކަށް ގަބޫލުކުރަން ދަތިވާނެހާ ފަސޭހައިންނެވެ. ނަމަވެސް އެތަން ދެކޭކަށް އެތަނުގައި ހަމަހޭގައި ހުރި ހަމަ އެކަކު ވެސް ނެތެވެ.

އެތެރޭގައި ތިބި ފާރަވެރިން ވެސް ތިބީ ހޭނެތި ބިންމައްޗަށް ވެއްޓިފަ އެވެ.

ސަމޭދާން ބޮކީގެ އަލިކަމުގައި އޮތް ފެންޑާގައި ވެސް ދެ މީހަކު ތަޅުންގަނޑު މައްޗަށް ދެމިފައި އޮތެވެ. އެތަނުގައި ވެއްޓި ތަޅައިގެން ގޮސްފައި އޮތް ގުޑުގުޑާއެއްގެ ސިލުނބުގަނޑުން ދުންއަރަމުންދާތަން ފެނެއެވެ.

ފިޔަވަޅަކަށް ފަހު ފިޔަވަޅާ އެކު ރެހެންދި ގަނޑުވަރު ހިސޯރުކުރަމުން ގެންދިޔަ ހުސޭނުގެ ކިބައިން ފައުޅުވަމުން ދިޔަ ސިފަތަކަށް ބަލާއިރު ފެންޑާގެ ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތް ދެ މީހުންނަށް އެ ހާލެއް ޖެއްސީ އެއްގޮތަކަށް ވެސް އެ ގުޑުގުޑާއެކޭ ބުނެވޭކަށް ނެތެވެ. 

ހުސޭނު ގޮސް ފެންޑާ އަށް ވަނުމާއެކު އެތަނުގައިވީ ބޮކިތައް ނިވިއްޖެއެވެ. އަދި އެ ގަނޑުވަރުގެ ހުރިހާ ދޮރެއް އޭނާ ހިތުދަސްކޮށްފައިވާ ކަހަލައެވެ. ނުވަތަ އެތެރޭގައިވީ ބާރަކުން އޭނާ އަށް މަގު ދައްކަމުން ދަނީއެވެ. ގަނޑުވަރުގެ އެންމެ އެތެރޭގައިވީ ބާރަކުން އޭނާ ދަމައިގެން ގެންދަނީ އެވެ.

ދޮރަކަށް ފަހު ދޮރެއް އޭގެ އަމިއްލަ ބާރުގައި، އޭގެ އަމިއްލަ ޒާތުގައި ހުޅުވެމުންދިޔައިރު ފާރަވެރިންގެ މީހަކަށް ފަހު މީހަކު ދިޔައީ ހޭނެތެމުން ބިންމައްޗަށް ވެއްޓެމުންނެވެ. ހީވަނީ އެމީހުންގެ ހަށިގަނޑުން ފުރާނަތައް ނުކުމެ ފިލަން ދުވަމުން ދިޔަ ހެންނެވެ.

ލޭގެ ފިޔަވަޅުތަކުން މުޅި ގަނޑުވަރުގެ ފެންޑާތަކާއި ސަރައްކާލިތައް މުޑުދާރުކުރަމުން ގޮސް ހުސޭނު މަޑުކޮށްލީ އެސްޖެހި ކޮޓަރިކޮޅުގެ ދޮރު ކުރިމަތީގައެވެ. އެތެރެއިން އޭނާ އަށް އިވެމުން ދަނީ ނަގުރިސްގެ މޭގައި އޮބިނޯވެގެން އުޅޭ ހިތުގައި ޖަހަމުންދާ ހާސްކަމުގެ ތާޅަފިލީގެ އަޑު އެކަންޏެއް ނޫނެވެ.

ދެ ފަރާތަށް ހުޅުވިގެން ދިޔަ އެ ދޮރުން އެތެރެއަށް ވަދެގެން އައި ހުސޭނު ފެނުމުން ނަރުގިސްކަނބާގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގަތެވެ. އެކަމަނާ އިނީ ފުންމައިގެން ތެދުވި ގޮތަށް ދާންކޮޅު މަތީގަ އިށީނދެގެންނެވެ. ނުވަތަ އޭނާގެ އިމަށް ހާޒިރުވާނެކަން ކަށަވަރުވެފައިވީ އެ ޒުވާނާގެ އިންތިޒާރުގައި ރޭގަނޑުގެ ނިދި ނަގާލައިގެންނެވެ.

މުޅި ކޮޓަރި ތެރޭގެ އެތަން މިތަނުގައި ވަނީ އުށްބައްތިތައް ހަރުކޮށްފަ އެވެ. އޭގެ ބައެއް އުށްބައްތިތައް ވިރި ހުސްވެފައިވާއިރު ގިނަ ބައްތިތަކުގެ ހުޅުތައް ހީވަނީ އެތެރެއަށް ވަދެގެން އެ އަންނަ މެހުމާނަށް ސަލާމުގެ ސަޖިދަޖަހައި އަރިއަރިއަށް ގުދުވަމުންދާ ހެންނެވެ.

ސަނދުވާ ދަމައި ޒީނަތްތެރިކޮށްފައިވީ ދާންކޮޅު މަތީގައި ހިރިލަން ނުކެރިފައި އިން ނަރުގިސްއާ ދިމާލަށް ލޯ އަޅައިގެން ހުންނަތާ އިރުކޮޅެއްވީ ފަހުން ހުސޭނު މަޑުމަޑުން އެ ދިމާލަށް ހިނގައިގަތެވެ. އޭނާ އަޅަމުން ދިޔަ ފިޔަވަޅުތަކުގައިވީ ލޭގެ ތަތްކަމުގެ އަޑު އޭރު އެ މާހައުލުން އިވެއެވެ. ދެން އިވެމުން ދަނީ ނަރުގިސްގެ ތެޅެމުންދާ ހިތުގެ ގަދަ އަޑެވެ.

ފައިލާކޮޅުން ގޮސް ހުސޭނު ގުދުވެ ހަތަރެސް ފައި ޖަހައި މަޑުމަޑުން ދާންކޮޅު މައްޗަށް ދެމިގަތެވެ. އޭނާގެ ބޮޑު ދެ ލޯ ވަނީ ނަރުގިސްގެ ކަޅުކުލައިގެ ބޮޑު ދެލޮލާ ބައްދަލުވެފައެވެ. އެ ހަތަރު ކަޅީގެ ގުޅުމުގައި ބުނެދޭން ނޭނގޭ ކަހަލަ އާދަޔާހިލާފު ބާރެއް މެންދަމުގެ މި ހިމޭންކަމުގައި ވޮށިފައިވާ ކަހަލައެވެ.

ހުސޭނުގެ އަނގައިން އޮހޮރެމުންދާ ލޭތަކުން ހުދުކުލައިގެ ދާންކޮޅު ދިޔައީ ކަޅިވަމުންނެވެ.

ދާންކޮޅަށް އަރައި ދެމިގެން ގޮސް ނަރުގިސްއާ އަރައި ހަމަވުމުން ހުސޭނު އެންމެފަހުން އޭނާގެ ދެ ލޯ މަރާލި އެވެ. ދުވަހުގެ މަސައްކަތުގައި ގުދާރުބިންދައިގެން ގެއަށް އައިސް އެ ވަރުބަލިކަން ހަނދާން ނައްތާލުމަށް ބުރަކަށި ޖައްސާލާ މީހެއް ފަދައިންނެވެ. އަދި ނަރުގިސްކަނބާގެ އުނގުގައި ބޯއަޅައި ކުރުގެޅެމުންދިޔައިރު ހީވަނީ ލޮލަށް ނުފެނި، ބައްދަލުނުވެ އެތައް އަހަރެއް ވެފައިވީ މައިމީހާގެ އުނގުތެރެއަށް އެންމެފަހުން ގޮސް ވަދެވިފައި އޮތް ހެންނެވެ.

ދެން ވެސް ނަރުގިސްކަނބާ އިނީ އިން ގޮތަށެވެ. އޭނާގެ މުޅި ހަށިގަނޑު ވަނީ ފިނިވެފަ އެވެ. ނޭވާ އެ ވަނީ ކުރުވެފަ އެވެ. ނަމަވެސް އެ ހުރިހާ ހާސްކަމެއްގެ ތެރޭގައި ތުރުތުރުލަމުން ދިޔަ އޭނާގެ އަތް ގެންގޮސް ޖައްސާލީ އުނގު ތެރޭގައި އޮތް ހުސޭނުގެ ބޮލުގަ އެވެ.

ލެއިން ތަތްވެ ހަރުވެފައި އޮތް އެ އިސްތަށިގަނޑުގައި ނަރުގިސްކަނބާ މަޑުމަޑުން ފިރުމާލި އެވެ. އަދި ބަޑިފަޅައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ.

ހީވަނީ އެތައް ޒަމާނެއް ވަންދެން ގެއްލިފައިވީ ދަރިއަކާ މަޔަކު ބައްދަލުވިހެންނެވެ. (ނުނިމޭ)