މަކުތަބުން ނުކުމެ އެންމެ ފުރަތަމަ ވެސް އައިމިނަ އަށް ބަލައިލެވުނީ ޖެހިގެން އޮތް ފަޅު ގޯތިތެރެއިން ފެންނަން ހުރި ބިޔަ ޖަންބުގަހަށެވެ. ރަތްވިލާގެ ހިތްގައިމު ކުލަތަކެއްގެ ތެރެއަށް ގެނބެމުންދިޔަ މަންޒަރެއް އެ ދިމާލުން ދެއްކިޔަސް ދިރުމެއް ނެތި ހިޔަންޏެއް ފަދައިން ހުއްޓިލައިގެން ހުރި ޖަންބުގަސްވީ އެ ނަލަނަލަ މަންޒަރުގައި ފިލައި ހުރި ފުރޭތައަކަށެވެ. ނުވަތަ އިވިފައި ހުރި ވާހަކަތަކާ ހެދި އެ ޖަންބުގަހެއް ފެންނަ ކޮންމެ ފަހަރަކު އައިމިނަގެ ހިތަށް މި ބިރުވެރިކަން ވަންނަނީ އެވެ.
ރަށު މީހުން އެ ގަހަށް ކިޔަނީ ޒަބަދަލޭކަގެ ޖަންބުގަހޭވެ. އެއީ އެ ގަސް އެހުރި ގޯތި މިގޮތަށް ފަޅުވުމުގެ ކުރިން އެ ގޯތީގައި ދިރިއުޅުނު އަންހެނަކަށް ނިސްބަތްކޮށް ކިޔައިއުޅޭ ނަމެކެވެ.
ބައެއް މީހުން ބުނާ ގޮތުން ނަމަ އެ ގަހުގައި މިހާރު ވަނީ ޒަބަދަލޭކަގެ މުސްކުޅި ފުރާނައެވެ. ނުވަތަ ޒަބަދަލޭކަގެ މަރަށް ފަހު ކޮންމެވެސް ނުބައި ބާރެއް ވަނީ އެ ގަހަށް ވެރިވެގަނެފަ އެވެ. އެ ގަހުގައި ކިތަންމެ ގިނައިން މައު ފޮޅުނަސް އެއްގޮތަކަށް ވެސް މޭވާ ނާޅާ ސަބަބަކީ އެއީ ކަމަށް ރަށުގެ މުސްކުޅިވެރިންނާއި ކަމުވޮށިގެންވީ އެދުރުވެރިން ވެސް ބުނެއުޅެއެވެ.
އެކަމަކު އެ ގަހާއި ޒަބަދަލޭކައާ ދެމެދުވީ ގުޅުމެއް ހަގީގަތުގައި ރަށު މީހުންނަކަށް ނޭނގެ އެވެ. ނަމަވެސް އެންމެނަށް ވެސް އެނގޭ ސިއްރެއް އެ އަންހެން މީހާގެ އޮތެވެ. އެއީ ޒަބަދަލޭކައަކީ ދަރިމައިނުވާ އަންހެނެއްކަމެވެ. އޭނާ މަރުވި ފަހުން އެ ޖަންބުގަހުގައި މޭވާއެއް ނާޅައޭ ކިޔައިގެން ރަށުގައި ނެތިމޮށެނީ ވެސް އެ ނިކަމެތި އަންހެން މީހާ އަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި ކަމަށް ވެދާނެ އެވެ. ދިރިހުރިއިރު ވެސް އެ އަންހެނާ އަށް ރަށު މީހުން ނުކުރާކަށް ޖެއްސުމެއް، ނުދޭކަށް އަނިޔާއެއް، ގެއްލުމެއް ނެތެވެ.
އޭނާ އަށް ޒަބަދަލޭކައޭ ކިޔައި އުޅެނީ ވެސް ރޯމަލާމާތަކަށެވެ. އަސްލު ނަމަކީ ދަލޭކާގޮމަ އެވެ. ސައްދުންމަތިން އެންމެ ދެކުނަށް ހިޖުރަކުރި ފަގީރު ދެމަފިރިއެއްގެ ހަމައެކަނި އަންހެން ދަރިއެވެ. އެމީހުން ރަށުން ނެރެ ބޭރުކޮށްލީ ސިހުރުވެރިން ކަމަށް ބުނެ އެވެ. ނުވަތަ އެމީހުންގެ ލޯބި ރަށަށް ބޭޒާރުވެ އަދަބު ލިބިދާނެތީ އެ ދެމަފިރިން ފިލައިގެން ފުރައިގެން ދިޔައީ އެވެ. ދުވަސްވަރަކީ އިސްލާމް ދީނުގެ ހިދާޔަތާއި ނޫރުގެ އަލިކަމުން ރަށްތައް ދޮވި ސާފުވެ ދިއްލެމުން ދިޔަ ސާދަ ވަނަ ގަރުނުގެ ހަލަބޮލި ޒަމާނެވެ. ބުދުފައްޅިތައް ތަޅައި ކުދިކޮށް، ރޯކޮށް، ހާމުދުރުން ހިފައި ހައްޔަރުކޮށް ކަރުބުރިކޮށް ލެޔާއި ކަރުނައިން ސައްދުންމަތި ތެންމާލި އަނދިރި ދުވަސްތަކެވެ.
ޒަބަދަލޭކައަށް އޭނާގެ އަމާ އިނީ އޭރު ބަލިވެ އެވެ. އެއީ އަނޮންގް ދިޔޯއޭ ކިޔުނު ނިކަން ރީތި އަންހެނެކެވެ. ބުނެވޭ ގޮތުގައި އެ ރީތިކަމުގެ ސިއްރަކީ ސިހުރުހާހޫރައާ އޮތް ދޯޅުކަމެކެވެ. ޒަބަދަލޭކަގެ ބައްޕައަކީ ގަމުގައި އެންމެ ފަހަށް ހުރި ހަތްތެލި ފައްޅީގެ ހާމުދުރެކެވެ. ނަމަކީ ބައްޕަންކަކާ އެވެ. އެހެންކަމުން ރަށު މީހުން އިސްލާމްވެ ފައްޅިތައް ތަޅައި އެތަންތަނުގައި ރޯކޮށް ހާމުދުރުންނާއި ބުދުދީނަށް ތަބާވީ މީހުންގެ އަނބިދަރީން ކަތިލައި މަރަން ފެށުމުން ފިލައިގެން ދިއުން ނޫން އެހެން އިހްތިޔާރެއް މި ދެމަފިރިންނަކަށް ނުފެނުނެވެ. އަނެއްކޮޅުން ހާމުދުރަކަށްވެ ހުރެ ފާހިޝުކަންތަކަށް އަރައިގަނެ ޝަހުސު ތަޣައްޔަރުކޮށްފައިވާތީ ބުދުދީނުގެ މައި ދަރުބާރުގައި ވެސް ކަރުކަނޑައިލާނީކަން އެނގޭހާލު ބައްޕަންކަކާ ނިންމީ ދިޔޯ ގޮވައިގެން ފިލާށެވެ.
ގޭގައި ފޮރުވައިގެން ގެންގުޅުނު ކާއެތިކޮޅާއެކު ބޮއްކުރައަކަށް އަރައި ފަލިޖަހަމުން ގޮސް ސުވަދީވާއޭ ކިޔުނު ބޮޑު ކަނޑަށް ނުކުތީ އެވެ. ގަސްކަރައިން ގޮސް އޮބައިލިއިރު ވެސް ސައްދުންމަތި އަނދައި އަޅިއަށްވެ އޮލަދުންގަނޑެއް އެހިސާބުގަނޑަށް ފެތުރެމުންދާ މަންޒަރު ފެނެ އެވެ.
އޭގެ ދިހަ ވަރަކަށް ދުވަސް ފަހުން ތެނަދޫގެ މަލަމަތި ދައްކާލި އެވެ. ނަމަވެސް ދެމަފިރިން ނިންމީ ތެނަދޫ އަށް ވެސް ނާރައި ސުވަދީވާ އެއްކޮށް ހުރަސްކޮށް ދެކުނުން ދެވުނު އެންމެ ދުރަކަށް ދާށެވެ. ތެނަދުއަށް އުފަންވާ ކުދިން ނުދިރޭ ވާހަކައަކީ މުޅި ސުވަދީވާގައި އޭރު އެންމެ ގަދަ އަށް ފެތުރެމުން ދިޔަ އެންމެ ބިރުވެރި ވާހަކަ އެވެ. ބުދުފައްޅިތައް ތަޅައި ބުދު ދީނުގެ މީހުން ކަތިލައި މަރާ ވާހަކައަށް ވުރެން ވެސް އެދެމަފިރިން ބިރުގަތީ އެމީހުންގެ އަލަތު ދަރިފުޅުގެ ފުރާނަ ތެނަދޫ އަށް ހިނގައިދާނެތީ އެވެ.
ސުވަދީވާގެ ރަށްތަކުން ހޯދައި އެއްކުރި ކާ އެއްޗެހިތަކާ އެކު އަނެއްކާވެސް ދެ މީހުން ބޮއްކުރާގައި ފުރައިގެން ދިޔައީ އެވެ. އޭގެ ވިއްސަކަށް ދުވަސް ފަހުން އަތުން ކާބޯތަކެތި ހުސްވެ މި ދެމަފިރިން ވާތާވާން ފަށައިފި އެވެ. ވާރޭ ނުވެހި ރަތްދަކަ އަވީގައި ހަނާވާން ފަށައިފި އެވެ. މިހާލެއްގައި ތިއްބައި ބަނޑުގައި އޮތް ދަރިފުޅު ކަނޑު މައްޗަށް މަރުވެދާނެ ކަމުގެ ބިރު ހީވުމުން އެންމެފަހުން ދެމަފިރިން ރޮއިހޭރި މާތްރަސްކަލާނގެ ކުޅަދުންވަންތަކަމާއި ވޮޑިގަތުން ގަބޫލުކޮށް ދެ ކަކޫ ޖަހައި ދެ އަތް އުޑަށް ނަގައި އާދޭސް ދަންނަވަން ފަށައިފި އެވެ.
އޭގެ ހަތް ދުވަސް ފަހުން ގަދަ ނިންޖަކުން ހޭލެވުނުއިރު ފެހިކަންގަދަ ބޮޑު ރަށެއްގެ ފުއްޓަރު ފަރާތުން ބިޔަ ރާޅުތަކާއެކުގައި ގެންގޮސް ނަގައި އެތެރެވަރިއަށް އެއްލައިލަނީ އެވެ. ބިންދާލި ރާޅެއްގައި ބޮއްކުރާގަނޑު ރޫޅި ކުދިކުދިވެއްޖެ އެވެ. އެއަށް ފަހު ވަރަށް ހާލުގައި ފަތާފައި ގޮސް ދެމަފިރިން އެއްގަމަށް އަރައިފި އެވެ. އެއީ ރަށާ ގުޅިގެން ވަރަށް ދުރަށް ދެމިގެންގޮސްފައި އޮތް ހުދު ދޮންވެލީގެ ބޮޑު ތުނޑިއެކެވެ. މީގެ ކުރިން އެހެން އެއްވެސް ރަށެއްގެ ތުނޑިއަކުން ނުފެންނަވަރުގެ މަޑުކަމަކާއި އޮމާންކަމެއް އެތަނުގެ ވެލިގަނޑަށް ލިބިފައިވާ ސުލްހައިގެ ނަލަނަލަ ބިމެކެވެ.
އެއްގަމަށް އެރިގޮތަށް ހަންކެނޑިފައިވާ ހާލެއްގައި ދިޔޯ އެތަނުގައި އޮށޯވެލި އެވެ. އޭރު ވައްލަ ބައިގަނޑެއް އަޑު ލައްވަމުން ފުއްޓަރާ ދިމާލުން އަރައިގެން އަންނަތަން ފެނެ އެވެ. ރަށްމަތިން ހޯރަ ބުރުޖަހަމުންދާތަން ފެނެ އެވެ. އަދި އެއަށް ވުރެ ތިރިން ކާޅުތައް އައިސް ތުނޑިއަށް ތިރިކުރަމުންގެންދެ އެވެ.
ބައްޕަންކަކާ ދުއްވައިގަތީ އެއްގަމުން ފެންނަން ހުރި ފެހި ބިޔަ ގަސްތަކާ ދިމާލަށެވެ. ހައިވާނެއްހެން ހެން ބޯޖެހިތާނަގޫ ޖަހާފައި ގޮސް ވަލުތެރެއަށް ވަދެ އޭނާ ހޯދަން ފެށީ މަރާ ގާތުގައިވީ އޭނާގެ ދިޔޯ މުއްތިކުރެވޭނެ ގޮތެކެވެ.
މި ހާލެއްގައި އުޅެނިކޮށް ވަލުތެރެއިން ފެނުނު ފެހިކަމާއި މީރު މޭވާ އާއި ފަލަމަޑީގެ މުއްސަނދިކަމާ އެކު ބައްޕަންކަކާގެ ހިތަށް އަނެއްކާވެސް އިސްލާމީ ނޫރު ވަދެ ކަތިލައިފި އެވެ. މާތް ރަސްކަލާނގެ ކުޅަދުންވަންތަކަމާއި ދީލަތިކަން ފެނި އެއް އިރެއްގެ މި ހާމުދުރުކަލޭގެއަށް ރޮވި ކަކޫ މައްޗަށް ވެއްޓިގަނެވިއްޖެ އެވެ.
އެވަގުތު މަތިން ވެއްޓިގެން އައި ފޮނި މޭވާއެއްހެން ހީވި އެއްޗެއް އޭނާގެ ބޮލަށް ޗަސްވެއްޖެ އެވެ. ފެންކަޅިވެފައިވީ ހާލެއްގައި ބައްޕަންކަކާ ބޯ ހިއްލައި މައްޗަށް ބަލައިލި އެވެ. އޭނާ އަށް ފެނުނީ މޭވާއަޅައިގެން ގޮފިތަކަށް ބަރުވެފައިވާ ބިޔަ ޖަންބުގަހެކެވެ.
** ** **
ފަޅު ގޯތި ތެރޭގައި ހުރި ޖަންބު ގަހާ ދިމާލަށް ބަލަން ހުރެފައި ހިތަށް ވެރިވި ބިރުވެރިކަމާ އެކު ފަސްބަލަމުން ވަށައިގެން ހޯދަމުން އައިމިނަ ކުރިއަށް ހިނގައިގަތެވެ. ޖަންބު ގަސް ދޮށުގައި އެ މަންޒަރު ބަލަން ހުރި ހުސޭނު އެރީ އޭނާގެ ބައިސިކަލަށެވެ. ރަށު ތެރެއަށް ވެރިވަމުން ދިޔަ އަނދިރިކަމުގެ ތެރެއިން ގޮސް މިސްކިތް މަގަށް އަޅާލައިގެން އައިސް އެ ދިމާލުގައި ހެދިފައިވީ ގަސްތަކެއްގެ ތެރެއަށް ބައިސިކަލްގަނޑު ވައްޓާލާފައި އަނދިރިގަނޑެއްގެ ތެރެއަށް ވަދެ ހުސޭނު ފިލައިފި އެވެ.
އޭރު މަކުތަބުގެ މަގުން އައިސް މިސްކިތްމަގަށް އަޅާލައިގެން އައިމިނަ ކުރު ފިޔަވަޅުތަކެއްގައި އަވަސްއަރުވާލައިގެން އަންނަ މަންޒަރު ހުސޭނަށް ފެނެ އެވެ. މާމިސްކިތް ހުރަސްކޮށް ހުސޭނު ފިލައި އޮތް އަނދިރިގަނޑާއި ގަސްތަކާ އަރައި ހަމަވިތަނުން އައިމިނަގެ ލޮލުގައި އަޅައިގަތީ ގަސްތަކުގެ ތެރެއަށް ވައްޓާލާފައި އޮތް ބައިސިކަލުގެ ބަބުޅަމުން ދިޔަ ވޮށިގަނޑެކެވެ.
މީހެއްގެ ހިލަންވިހެން ހީވެގެން އަނދިރިގަނޑުގެ ތެރެއަށް ބޭއިހްތިޔާރުގައި ދުއްވައިގަތް ވަގުތު ގަސްތަކުގެ ތެރެއިން ކުއްލިއަކަށް ފުންމައިގެން ގޮސް ހުސޭނު އައިމިނަގެ އަތުގައި ހިފަހައްޓައިފި އެވެ. އަދި އޭނާ ހަޅޭލަވައިގަތުމުގެ ކުރިން ނިކަން ވަރުގަދަ އެތިފަހަރެއް މޫނުމަތީގައި އަޅުވައި ބިމަށް ދަންމާލި އެވެ.
ވެއްޓިފައި އޮތް އައިމިނައާ ގާތަށް ތިރިވެލަމުން ހުސޭނު މަގުގެ ދެކޮޅަށް ބަލައި ހޯދައިލި އެވެ. އަރައިގެން އަންނަ ސާދަ ވިލޭރޭގެ ހަނދު ފިޔަވައި އިތުރު އެއްޗެއް، އިންސިއެއް ނުވަތަ ކަމެއްގެ ހިލަމެއް އެދިމާލުން ފެންނާކަށް ނެތެވެ. ފަރިވަމުންދާ ހަނދާ ދިމާލަށް ބަލަން އިނދެފައި އައިމިނަގެ ދެ އަތުކުރީގައި ހިފައި ކޫއްތާފައި ގެންގޮސް ހުސޭނު އެ ދިމާލުން ވަލުތެރެއަށް ވަދެއްޖެ އެވެ.
ރަށުގެ ކުޅިއާ ހިސާބަށް ދެވުމުން ފޮތި ގޯންޏަކަށް އައިމިނަ ލައި ނިކަން ހުށިޔާރުކަމާ އެކު ކޮނޑުމައްޗަށް ލައިގެން މާހުއިތަކުގެ ތެރެއިން ކުރިއަށް ހިނގައިގަތެވެ. އެންމެންނާ އެކަހެރި މި ހިސާބުގައި ފަރިތަކަމާ އެކު ހިނގަން ހުސޭނަށް ފުޅިބައްތިއެއް ބޭނުމެއް ނުވެ އެވެ. އަމުދަކުން ސާދަވިލޭރެއެއްގައި އޭނާ އަށް ފުޅިބައްތިއެއް ބޭނުމެއް ނުވެސްވާނެ އެވެ.
ގޯނީގައި އޮތް އައިމިނަ ކޮނޑަށް ލައިގެން ފަރުވާތެރިކަމާ އެކު ހުސޭނު ކުރިއަށް ހިނގަމުންދިޔައިރު ހުއިތަކުގައި ކޭއްތޭ އަޑާއި ހިސާބަކަށް ފެންހެދިފައިވީ މަޑު ބިންގަނޑަށް ފިޔަވަޅުތައް ވަދެ ނެއްޓެމުންދާ އަޑު ސާފުކޮށް ކުޅީގެ ހަމަހިމޭން މާހައުލުން އިވެމުންދެ އެވެ. މި އޮމާންކަމުގައި ކުރިއަށް ދަނިކޮށް ގޯނި ތެރޭގައި އޮތް އައިމިނަ ކުއްލިއަކަށް ސަލާމަތަށް ތެޅިގަތުމުން ކޮނޑަށް ބަރުވެގެން ހުސޭނު ވެއްޓިއްޖެއެވެ.
ނަމަވެސް ގޯނިތެރެއިން ނުކުމެގެން ދުއްވައިގަންނާނެ ވަގުތެއް އައިމިނައަށް ނުދީ ގެންފައިވީ ބިރާއި އަވަސްވެފައިވާ ހިތާއެކު ފުންމައިގެން ތެދުވެ ދަށްފައިން އައިމިނަގެ ބޮލަށް ވަރުގަދަ ހަމަލާތަކެއްދީ އަނެއްކާވެސް އޭނާގެ ދުވަސް ދުއްވާލައިފި އެވެ. ހާސްވެފައިހުރިވަރު ބޮޑުކަމުން ހުސޭނު މައިތިރިވީ އޭނާގެ ހަމަލާތަކާއެކު އައިމިނަ ފަކީރު އެއްކޮށް މައިތިރިވެ ދެމިލުމުންނެވެ. ދެން އަނެއްކާވެސް ގޯނި ކޮނޑަށްލައިގެން ހުސޭނު އޭނާގެ މަންޒިލަށް ހިނގައިގަތެވެ. މިހާރު އޭނާގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރުފެނި ހަނދުވަރުގެ އަލީގައި އެ މޫނުމަތިން އޮށްދައު ބަބުޅަނީ އެވެ.
** ** **
ކުޅީގެ އެންމެ ބޭރުގައި ހެދިފައިވީ އުސްބިންގަނޑެއްގައި އަޅާފައިވާ ތިރި ޖިފުޓިގަނޑެއްގެ ދޮރު ނައްޓުވައިލުމަށް ފަހު ގުދުވެލައިގެން ހުސޭނު އެތެރެއަށް ވަދެ އަލިފާންދަނޑިއެއް އަޅައި ފުޅިބައްތިއެއް ރޯކޮށް ފުރާޅު ބަނދެފައިވީ ދުނބުރި ދަނޑިއެއްގައި ފުޅިބައްތީގެ ބުޅިގަނޑު އަޅުވައި އެލުވައިފި އެވެ. އޭރު ދިގުއަކައެއްގެ ސިފަ އަށް ބިންމަތީގައި އަޅާފައި އޮތް ތުނޑުކުނަލެއްގެ މަތީގައި ފުރާވަރުގެ އަންހެން ކުއްޖަކު އޮތެވެ. އެއީ ގޯންޏަށް ލައިގެން ހުސޭނު ގެނައި ދޮންރަހާގޭ އައިމިނަ އެވެ. ހުސޭނުގެ ހަމަލާތަކުގައި ފަޅައިގެން ގޮސްފައިވާ ނޭފަތާއި ބޮލުން ފޭބި ލޭތަކުން އެ ރީތިކަން ވަނީ ފޮރުވިފަ އެވެ.
ފުޅިބައްތީގެ އަލީގައި އައިމިނަ އަށް ބަލަން ހުރެފައި މަސްވަޅިއެއް ނަގައިގެން ވާތަށްް ހެޔޮވަރުކޮށްލަމުން އޭނާގެ ގާތަށް ތިރިވެ ދެކަކޫޖަހައި ހުސޭނު އިށީނދެއްޖެ އެވެ. އޭނާގެ ކަންބޮޑުވެފައިވާ މޫނަށް ބަލައިލުމުން ހީވަނީ އައިމިނަ އޮތް ގޮތް ހުސޭނަށް ކަމުނުގޮސްގެން އުޅޭހެންނެވެ. ތުނޑުކުނާ މަތީގައި ދިގަކަށް އަނގަމަތިން ބާއްވާލާފައި އޮތް މި އަންހެން ކުއްޖާގެ މޫނަށް ބަލަން އިނދެފައި ހުސޭނު އޭނާއާ ދިމާލަށް ގުދުވެއޮވެގެން ލިބާސް ކޮށައިކުދިކޮށް އައިމިނަ އެއްކޮށް އޮރިޔާންކޮށްލުމަށްފަހު ލިބާސްގަނޑު ނަގައި އެއްފަރާތްކޮށްލައިފި އެވެ.
އައިމިނަގެ ހެއެއް ނެތެވެ. ނޭވާއެއް ވެސް ނެތް ފަދަ އެވެ.
ފުޅިބައްތީގެ އައްޔާއި ޖިފުޓީގެ ކަނަކަށް ޖަމާކޮށްފައިވީ ޖަންބުމާތަކާ އައިމިނަ ހަވާލުކޮށް ހުސޭނު ދެން ނުކުތީ ބޭރަށެވެ. އޭރު ބޮލާ ދިމާލަށް އަރައިގެން އަންނަ ބޮޑު ހަނދަށް ބަލަން ހުރެފައި ލައިގެން ހުރި ހުރިހާ އެއްޗެއް ބާލައި ޢަވްރަ ކަޝްފުކޮށްގަތެވެ. އެތެރެއަށް އޭނާ ދެން ވަނީ ޖިފުޓީގެ ބޭރުގައި އައްސާފައި ހުރި ވަލުކުކުޅެއްގެ ކަރުގައި ހިފައިގެންނެވެ. އެތެރެއަށް ވަދެގެން އައިސް އައިމިނަ ގާތުގައި ހުއްޓި ހުރެގެން އެ ކުކުޅު ކަތިލައި އޭގެ ކަރުން އައިމިނަގެ ހަށިގަނޑަށް ލޭ އޮހޮރުވައި ބުރުވަން ފަށައިފި އެވެ.
އައިމިނަގެ ހެއެއް އަދިވެސް ނެތެވެ. ފުރާނައެއް ވެސް މިހާރަކު ނެތެވެ. އެކަން އެނގޭ ހާލުގައި ވެސް ހުސޭނުގެ ކިޔެވެލިތައް ކިޔަވައި ލޭ ބުރުވަމުން ގެންދަނީ ވަގުތު ފާއިތުވެފައިވިޔަސް އެ ހަގީގަތް ގަބޫލުކުރަން ބޭނުންނުވާ ހާލެއްގަ އެވެ. ނަމަވެސް އެންމެފަހުން އެ ޖަޒުބާތުތައް ނުހިފެހެއްޓިގެން ގޮސް އޭނާ ބަޑިފަޅައިގެން ތުނޑުކުނާ މައްޗަށް ބިނދިއްޖެ އެވެ.
އަނެއްކާވެސް ހަނދު އަރައި ފުރިހަމަވަންދެން މަޑުކުރަން ޖެހުނީ އެވެ. ބިކުރުވެރި އަންހެން ކުއްޖަކު ވަގަށް ނަގާނެ ގޮތް ރާވަން ޖެހުނީ އެވެ. (ނުނިމޭ)



