ކޮރޮބެއާއާ ހަތަރުކަޅި ހަމަކޮށް އެ އަންހެން މީހާ ފުރަގަސްދީގެން ހިނގައިގަތެވެ. އެއްވެސް ޖެހިލުމެއް ނެތި ކޮރޮބެއާ ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. ބަނާތުގަނޑު ބިންމައްޗަށް ދޫކޮށްލައިފި އެވެ. އުނަގަނޑުރޮދިގަނޑު ކަނޑާލައި އަނދެގެން ހުރި މުންޑުގަނޑު ވެސް ބޯމަތިން ދަމައިގެން ހޫރާލައިފި އެވެ.
ކުރިއަށް ހިނގަމުން ދިޔަ ވަރަކަށް ވަދެވެމުން ދިޔައީ ވަލު ތެރެއަށެވެ. ދުންފިނީގެ ބޯވިލާތަކުން ފުރިގެން އުތުރިއަރަމުން ދިޔަ ދާނަކަށެވެ.
ކަރުގައި އޮތް އަޖިދަފަށުގެ ފުލުގައި ހިފައި ދަމައިގަތުމާއެކު ކެނޑިއްޖެ އެވެ. އަދި އަތުކޮޅަށް ހޫރާލި އެވެ. އިރަށް ސަދިޖަޖެހުން ނިމުނީއެވެ. އޭރު ދުންފިނިގަނޑުގެ ތެރެއަށް ވަދެގެން ގޮސް ކޮރޮބެއާ ގެއްލިއްޖެ އެވެ.
އެއަށް ފަހު ދެން އޭނާ ފައުޅުވީ މުޅިން އެހެން މީހެއްގެ ސިފައިގަ އެވެ. ތަހުޒީބުވެފައިވީ އާބާދުތަކުގައި ސިހުރު ހާހޫރުގެ ކުޅިވަރުތައް ދައްކަމުން ދަނިކޮށް ސާގީސާގެ އަމުރުފުޅަށް އޭނާ ގަނޑުވަރަށް ހާޒިރުކުރެވުނީ ރަދުންގެ އަނބިކަނބަލުންނަށް ކުރިމަތިވެ ވަޑައިގެންނެވި އާލާސްކަންފުޅަކަށް ފަރުވާ ހޯދުމުގައި ގޮތް ހުސްވެގެންނެވެ. ސުވާދީޕާގައި ތިބި އެންމެ ކުޅަދާނަ ކަންވެރިންނަށް ހައްލު ނުހޯދުނު އެ ބައްޔަށް އޭނާ ފަރުވާއެއް ހޯދީ ހަމަ އެންމެ ރެއެއްގެ ކިޔެވެލި ކިޔެވުމަކުންނެވެ.
އިސާހިތަކު ސާގީސާ ރަސްގެފާނުގެ އިތުބާރާއި އިހުތިރާމު ލިބި މިކަލޭގެއަކު ތަހުތުގެ ދަރުބާރުގައި މާ ބޮޑު މީހަކަށް ބަދަލުވެއްޖެ އެވެ. ނަމަވެސް ތަހުތުގެ އެތެރެ ކޮއިލަކީ ހަސަދަވެރިންނާއި ވާދަވެރިންނާއި ހަތުރުވެރިންނާ އެކު ފުނިޖެހިފައިވާ ވިހަގަދަ މައިދާނެކެވެ. އެއީ ވިހަގަދަ ހަރުފައެއްގެ ފުން ހޮރެކެވެ. އެންމެ އަގުބޮޑުވި ފަށުއި އާއި އެންމެ ގަދަފަދަ އެކަތައިގެ މައިދާނެކެވެ. ގަދަހިފުމެކެވެ.
ތަހުތުގެ ހިޔަލުގައި ދިން ކޮންމެ ހިނިތުންވުމަކީ ވެސް އުރައެއްގައި ފޮރުވިފައިވާ ކަނޑިއެކެވެ. ކޮންމެ ދައުވަތަކީ ހަސަދަވެރި އަތަކުން ލިޔެފައިވާ ދޮގެކެވެ. މަރުހަބާގެ ކޮންމެ ގިޑިގެ އަކީ ދަންތުރަ އެކެވެ. ނަމަވެސް ކުދުއަބުލާގެ ގޮތުގައި ގަނޑުވަރުގެ އެންމެ އުސްގެކޮޅުން ހިމާޔަތް ހޯއްދެވި ކޮރޮވަލުގެ މި ކޮރޮބެއާ އަކީ އޭނާގެ ފަހަތުގައި ފޮރުވިފައިވީ އެހެން ބާރަކާ އެކުގައި ހަރުފަތަކަށް ފަހު ހަރުފަތެއް މައްޗަށް އަރަމުން ދިޔަ މީހެކެވެ.
މި ހުރިހާ އާރަކާއި ބާރެއް ލިބި އޭނާގެ ގަދަރު އުފުލިގެން ދިޔައީ ކޮރޮލީ ދަރިކޮޅުގެ މީހަކަށް ހުވަފެނުގައި ވެސް ނުފެންނާނެ ހިސާބަކަށެވެ. އާނއެކެވެ. ސިހުރުގެ ކުޅިވަރުތައް ދައްކަމުން ގޮސް އޭނާގެ ވަކި ހިއްޕާލީ ތަހުތަށް އައްޔަންކުރެވުނު ޒުވާން ރަސްގެފާނު ސާގީސާގެ އެންމެ އެތެރެ ކޮއިލުގަ އެވެ.
ނަމަވެސް އޭނާގެ އެ އިއްޒަތްތެރި ހަފުލާ ހަރާބުކޮށްލި މީހަކީ ސާގީސާގެ އެކުވެރި ބަވަންދީ އެވެ.
މި އައު ދަތުރު ފެށުނީ ސިހުރު ފަންޑިތަ މަޖިލީހުގެ ބޮޑުފުރަދާނަކަމަށް އައްޔަންކުރެވުނު ބަވަންދީއާ އަރައި ހަމަވި ހިސާބުންނެވެ. މައްސަލަ ގޯސްވީ ބަލިވެއިން ރެހެންކަނބާގެ ބަނޑަށް އަށް މަހުގައި އެ ދެމައިން ނިޔާވުމުންނެވެ. އެއަށް ފަހު ކުދުއަބުލާ އެ ގަނޑުވަރުން ބޭރުކޮށްލެވުނީ ބަބުރުކަރައިން ގެނެސްފައި ތިބި އަޅުންގެ ދަރަޖަ އަށް ވުރެ ވެސް މާ ހުތުރުކޮށެވެ.
ބަބުރުކަރަ އަށް އަރުވާލެވުނެވެ. އަދި ސުވާދީޕާ އަށް ދުވަހަކުވެސް އެނބުރި ނައުމަށް އަމުރު ނެރެވުނެވެ.
ނަމަވެސް މިއަދު އޭނާ އަކީ ހަމައެކަނި ކުޅަދާނަ ކަންވެރިއެއް ނޫނެވެ. އެފަދަ ދެ ވަނައެއް ނެތް ގާއިދެއް ވެސް މެ އެވެ. އޭނާގެ އަސާގަނޑުން ބިންގަނޑުގައި ޖަހާލީމަ ބިންގަނޑު ފަޅާލާފައި ނުކުމެގެން އަންނަ ޕިޝާޗާއިންނޭ ބުނެވޭ ނަސްލެއް އޭނާގެ ބާރުގެ ދަށުގައިވީ ނުރައްކާތެރި ސިހުރުވެރި އެކެވެ.
ދުންފިނީގެ ތެރެއިން ދެޔޯއިން ނެރެގެން ގެނެސް ދެއްކުމަކީ އޭނާ އަށް ހަމަ އެއްވެސް ކަމެއް ނޫނެވެ. އޭނާގެ އުމުރުގައި ނިމުމެއް ނެތެވެ. އަދި އެ ނަފުސުގައި ނެތިދިއުމެއް ވެސް ނުވެ އެވެ. ބޭނުން ސިފައަކަށް ބަދަލުވުމުގެ ބާރު ލިބިފައިވާ ގަދަފަދަވެގެންވީ އާދަޔާހިލާފު ބާރެކެވެ. އަދި އޭނާއާ ހަވާލުކުރެވިފައިވީ ޒިންމާތަކަށް ނުހަނު ވަފާތެރި ޚާދިމެކެވެ.
ކުރިމަތީގައި ހުއްޓި އެހެރަ ކޮރޮލީރަހާގެ ގާތަށް ވެސް އެ އައީ ކޮނޑުގައި އެޅިފައިވާ ޒިންމާތަކުގެ ތެރެއިންނެވެ. އޭނާ އެ އައީކީ ހަމަ އެއްގޮތަކަށް ވެސް ބައްޕަ އަކާއި އޭނާގެ ގެއްލިފައިވީ ދަރިއެއްގެ ގުޅުން އިޔާދަކުރުމަކަށް ނޫނެވެ. މައާފަށް އެދި އައު ފެށުމަކުން ފެށުމަކަށް ވެސް ނޫނެވެ. އެކަމަކު ކޮރޮލީރަހާގެ ކިބައިގައިވީ އާދަޔާހިލާފު ބާރަށް ދަހިވެތިވެ ފޯވެފައިވީ ހިތަކާއިގެންނެވެ. އޭނާގެ ހިތުގައި ފޮރުވާފައި އޮތް ސިއްރަކަށް ދަހިވެތިވެގެންނެވެ.
އޭނާގެ ކަރުގައި ވާންވެ ވައިގެ ތެރޭގައި ތެޅެމުން ދިޔަ އަޖިދަ ފަށުގެ ފުލުގައި ހިފައި ޖަހާލި ކުރުކުއްލިއަކާ އެކު ކުދުއަބުލާ އެ ފަށްޖަހައިގަތެވެ. އަދި އަތުގެ ކޮޅަށް ހޫރާލުމަށް ފަހު ކަނާތުގައި އޮތް އަސާގަނޑުގެ ކޮޅުގައި ހިފައި އޭގެ މުށްގަނޑު މަޑުމަޑުން ގެންގޮސް ޖައްސާލީ ކޮރޮލީރަހާގެ ނިއްކުރީގަ އެވެ.
"އިންތިޒާރުކުރި ދުވަސް އައިސް ކަލެއާ އަރައި މި ހަމަކުރީއެވެ."
"ކަލޭގެ އެންމެ ފަހުގެ އެދުމަކީ ކޮބައި ހެއްޔެވެ؟"
މިހެން ބުނެލުމާ އެކު އެ އަސާގަނޑުގެ މުށްގަނޑުގައިވީ ކުރެހުންތައް ރަންކުލައިން ދިއްލިގަތެވެ. މުށްގަނޑުގެ ކޮޅުން ނުކުތް އަލި ވިދުވަރު ކޮރޮލީރަހާގެ ނިއްކުރި ފޫއަޅުވާލި އެވެ. އޭނާގެ ދެ ލޮލުގައި ހެދިފައިވީ ލަކުނުގަނޑު ފަޅާލާފައި އޭގެ ދޯދިތައް ނުކުމެއްޖެ އެވެ.
ކުދުއަބުލާގެ އަތުގައި އޮތް އަސާގަނޑު ފެޔަށް ޖައްސާލުމާއެކު ކޮރޮލީރަހާ ވިއްސައިގެން ގޮސް ޖެހުނީ ގޭތެރޭގަ އެވެ. އޭނާ އަށް ނޭވާ ހަމަ އަށް ލެވުނީ އިރުކޮޅެއްވީފަހުންނެވެ.
ގޭތެރެއަށް ވަދެގެން ގޮސް ކުދުއަބުލާ އޭނާގެ އަސާގަނޑުގެ ކޮޅު ގެންގޮސް ހިރިގަލުގެ ތަޅުންގަނޑުގައި ޖައްސައި ކޮރޮލީރަހާ ވެއްޓިއޮތްތަން ވަށައިގެން ވަށްބުރެއްގެ ސިފަ އަށް އެ އަސާގަނޑު ދުއްވަން ފަށައިފި އެވެ. ތަޅުންގަނޑުގައި ކޭއްތެމުންދިޔަ އަސާގަނޑުގެ ކޮޅު އަނގުރުހެން ދިއްލި ކަނިތައް ބުރައިގަތެވެ. އަދި ކުރަހަމުން ގެންދިޔަ ބުރު ގޮސް ހަމަވި ވަގުތު އެތަނުގެ ވަށައިގެން ރޯވެ ކަނޑައިގެން ވެއްޓި ކޮރޮލީހަރާ އާއި ކުދުއަބުލާއާ އެކުގައި އެ އަނދިރި ވަޅުގަނޑުގެ ތެރެއަށް ދަމައިގަތެވެ.
އެއަށް ފަހު ހީވީ އެ ހިރިގަލުގެ ތަޅުންގަނޑާއެކު ކޮރޮލީރަހާ އާއި ކުދުއަބުލާ އުޑުން ބިމަށް ވެއްޓެމުންދިޔަހެންނެވެ. އެއް ދުނިޔެ އިން އަނެއް ދުނިޔެ އަށް ދަތުރުކުރިހެންނެވެ. އެކަމަކު އެއީ ފަޅި ސިކުންތެއްގެ ދަތުރެކެވެ.
ގިނިހިލައެއްގެ ބާރުގައި ވެއްޓި އަނދަމުން ދިޔަ އެ ހިރިގަލު ތަޅުންގަނޑު ފުނޑުފުނޑުވީ ހިތާޑޫގެ ކޮރޮލީވަލަށެވެ. އެއީ މީގެ ފަންސާހަކަށް އަހަރު ކުރިން ކޮރޮލީރަހާ އޭނާގެ މަންމަ އާއި ކޮއްކޮމެންނާ އެކު ދިރިއުޅުނު ވަލެވެ. އެ ބިމުގެ ފަސްގަނޑުގައިވީ ކަޅުކަމާއި ތެތްކަމާއި ގަސްތަކުގައިވީ ފެހިކަން ލޮލަށް ނުފެނުނަސް އެ ހުރިހާ ހަނދާނެއް އޭނާގެ ހަންގަނޑު ހިސޯރުކޮށް މަޑުމަޑުން އެ ހަށިގަނޑު ތެރެއަށް ފޭދެން ފަށައިފި އެވެ. އެ މާހައުލުގައިވީ ހަނދާންތައް ކޮރޮލީރަހާގެ އަރު ތެރޭގައި ދެމުން ދިޔައީ އިއްޔެ ހިނގި ކަމެއް ފަދައިންނެވެ.
އޭނާގެ ދެ ލޯ ޖަހައިގަތް ބޮއެލޯމާ ދެޔޯގެ ފެންގަނޑު ވެސް އެ އޮތީ މާދުރަކު ނޫނެވެ.
ދެ ލޮލުގައި ހެދިފައިވާ ލަކުނުގަނޑުގައި އޭނާގެ ދެ އަތުގެ އިނގިލިތައް ގޮސް ޖައްސާލި އެވެ. އެވަގުތު އޭނާގެ ސިކުނޑި ތޮރުފައިގަތީ ބޮއެލޯމާގެ އަތުގައިވީ ތޫނު ކަށިތަކުންނެވެ. އެ މަންޒަރު ބަލަން ކުދުއަބުލާ ހުއްޓި ހުރީ މާދުރަކު ނޫނެވެ.
"މިތަނަށް މި ގެނައީ ކަލޯގެ ދެ ލޯ އަނބުރާ ހޯދަންށޭ މަ ބުނެފިއްޔާމު ކަލޯ ގަބޫލުކުރާނަންތަ؟"
ކުދުއަބުލާގެ އަޑުގައި ވަނީ މަލާމާތްކަން ކޮރޮލީރަހާ އަށް ވެސް އެނގެ އެވެ. އެހެންކަމުން އަނގައިން ނުބުނެ އިންތަނުން ތެދުވިގެން އޭނާ ހިނގައިގަތެވެ. ދެވޭ ނުދެވޭ ތަނެއް އޭނާއަކަށް ޔަގީނެއް ނޫނެވެ. އިރުކޮޅަކުން މޫނު ގޮސް ޖެހުނީ އަޅޯގަނޑެއްގަ އެވެ. އޭރު އޭނާ އަށް ގޮސް ވަދެވިފައި ހުރީ ބިޔަކޮށް ހެދި އަޅޯގެ މޫގަނޑުތައް ގޮފިތަކުން ފެށިގެން ބިމާ ހަމައަށް ދިގުވެފައިވީ ނިކަގަހެއްގެ ދަށަށެވެ.
އެ ގަހުގެ އަޅޯގަނޑެއްގައި ހިފައި ބާރުކޮށްލުމާ އެކު ކޮރޮލީރަހާގެ ހަނދާނުގައި ސިފަވެގަތީ ކޮއްކޮމެން ގޮވައިގެން އެ ނިކަގަސް ދޮށުގައި ކުޅެން އުޅުނު އުފާވެރި ހަނދާންތަކެވެ. އެއަށް ފަހު އޭނާގެ ސިކުނޑި ތޮރުފައިގަތީ ކޮއްކޮމެންގެ ލޮލަށް އޭނާގެ ދެ އަތުން ކޮށްޕާލި ވަޅީގެ ތޫނު ތިލަ އެވެ.
ކުއްލިއަކަށް އޭނާ އެ އަޅޯގަނޑުން އަތް ދޫކޮށްލި އެވެ. އެވަގުތު ކަންފަތުގައި އަނެއްކާވެސް އައިސް ޖެހުނީ ބައްޕަގެ އަޑެވެ.
"އެ ފަލަ ސިފަ ހުތުރު ދެޔޯގަނޑު ހަމަ އަސްލަށް ވެސް އެހެން ބުނިތަ؟"
ކުދުއަބުލާގެ ސުވާލަށް ޖަވާބު ދޭކަށް ކޮރޮލީރަހާ ދެން ވެސް ބޭނުމެއް ނުވި އެވެ. ހިތުގައި އެއްވެސް ކުލުނެއް ރަހުމެއް ނެތް އެވަރުގެ ނުބައިނުލަފާ އިންސާނަކާ އަލުން ބައްދަލުވުމަށް އެދި ދެ ކޮއްކޮ އާއި ބަނޑުއަޅައި ވިހޭ މައިމީހާ އަށް ދެވުނު ދެރަ އާއި ހިތާމަ މަތިން ހަނދާންވެ އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރެވެން ފަށައިފި އެވެ.
"އެ ދެޔޯގަނޑު ކަލޭ ކައިރީގަ ބުނި ހެއްޔޭ މަށާ ދިމާވާނެއޭ"
ދެން ވެސް ކޮރޮލީރަހާ ހަމަ އެކައްޗެއް ވެސް ނުބުންޏެވެ. އޭނާގެ ހިތުގައި އުފެދިފައިވީ ރުޅިގަނޑު ވަނީ އެތެރެހަށި ފަޅާލާފައި މޫނު މައްޗަށް ނުކުމެފަ އެވެ. ކުދުއަބުލާ ހުރީ އެ އަލިފާންގަނޑު އަނދަމުންދާތަން ބަލާށެވެ. ނުބައި ޒާތަކަށް ހިނި އައިސްފަ އެވެ.
"އެކަމަކުވާ ބުނާނެ އެއްޗެއް ނެތް މަކޮޔާ. ކަލޭ ވަރުގެ ބޮޑު މޮޔައެއް މި ހަތް އުޑު ދަށުން ވެސް މަށެއް ނުދެކެން"
މިހެން ބުނެފައި ކުދުއަބުލާ އޭނާގެ އަސާގަނޑު ޖަހާފައި ހިނގައިގަތީ ބޮއެލޯމާގެ ފެންގަނޑާ ދިމާލަށެވެ. ކޮރޮލީރަހާ ޖައްސާލީ ނިކަގަސް ދަށުގަ އެވެ. އެއީ އޭނާގެ އަމާ ދަންޖެހި މަރުވި ތަނެވެ.
ކޮރޮލީރަހާގެ ހިތުގައި އުފެދިފައިވީ ފާރުގަނޑަށް ލިބުނު ފަރުވާއެއް ނެތެވެ. އެ ފާރުގަނޑަށް ލިބުނު ފިނިކަމެއް ވެސް ނެތެވެ. އެންމެފަހުން އޭނާގެ ގާތަށް އެނބުރި އައި ބައްޕަ ހީވަނީ އެ ފާރުގަނޑުގެ ތެރެއިން ދެމިގެން ނުކުތް ފުޅައިން މުޑުދާރުވެފައިވީ ފަންޏެއް ހެންނެވެ.
އޭނާގެ ހިތުގައި ރަހުމެއް ނުވެ އެވެ. އޭނާގެ ލޭގައި ވަނީ މުޑުދާރު ކަމެކެވެ. އަދި އޭނާގެ ހިތާއި ސިކުނޑީގައިވީ އެދުމަކީ ކޮބައިކަމެއް ކޮރޮލީރަހާ އަކަށް ނުވެސް އެނގެ އެވެ. އެ ސިކުނޑި ހުޅުވާނެ ބާރެއް ކޮރޮލީރަހާގެ ކިބައިގައި ނެތެވެ. ބޮއެލޯމާ ދެޔޯގެ ކިބައިން ލިބުނު ބާރުތައް ވަނީ މުސްކުޅިވެފަ އެވެ.
މަޑުމަޑުން ހިނގަމުން ގޮސް ކުދުއަބުލާ މަޑުކޮށްލީ އެ ފެންގަނޑަކާ ގާތްނުވުމަށް އޭނާ އަބަދުވެސް އޭނާގެ ސޮރަށް ނަސޭހަތްތެރިވި ބޮއެލޯމާ ދެޔޯގެ ފެންގަނޑު ކައިރިއަށެވެ. އެ ފެންގަނޑުގައި ވަނީ ނަޖިހުގެ ފެހި ކުލަ އެކެވެ. ފެންގަނޑުގައި ދެނީ ކުނި ވަހެވެ. ފެންގަނޑު އެ އޮތީ މަރުވެފަ އެވެ. އެތަނުގެ އަޑީގައި ދިރުމެއްވާ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.
ނަމަވެސް ވަށައިގެން ހެދިފައިވާ ގަސްތަކުގައިވީ ގަދަ ފެހިކަމާ އެކު މި ޖަންގަލީ ވަލުގައި އަދިވެސް ނުބައި ރޫހުތައް ފިލައި ތިބިކަން ކުދުއަބުލާ އަށް ޔަގީންވެ އެވެ.
އެހެންކަމުން އޭނާގެ ހިތްފުރޭނީ އިރުއޮއްސުމުންނެވެ. އިންތިޒާރުކުރަމުންދާ ރަތްހަނދު މި ގަސްތަކުގެ ފަހަތުން ނުކުމެ ބޯމައްޗަށް އެރީމަ އެވެ. އަދި ބޮއެލޯމާ ދެޔޯ މި ފެންގަނޑުގެ ތެރެއިން ފާޅުވީމަ އެވެ. އިންސާނެއްގެ ލޮލާއި ހިތަށް އެ މުޑުދާރު ދެޔޯގެ ހިތް ދަހިވެތިވެފައި އޮތް މިންވަރު ކުދުއަބުލާ އަށް ރަނގަޅަށް އެނގޭތީ އެވެ.
އޭނާ އެ ފެންގަނޑު ކައިރީގައި އުޑަފައިން އިށީނެވެ. އަސާގަނޑު ކައިރީގައި ބާއްވާލުމަށް ފަހު ދެ އަތްތިލަ ފޮރުވޭވަރަށް ފެންގަނޑު ތެރެއަށް މަޑުމަޑުން ގެންގޮސް ކޮއްޕާލި އެވެ. އަދި ދެ ލޯ މަރައި ކިޔެވެލިތަކެއް ކިޔަވަން ފަށައިގަތުމާ އެކު ވަށައިގެންވީ ގަސްތަކުގެ ތެރެއިން ދުމުގެ އަސަރު ފާޅުވެ މަޑުމަޑުން ގޮސް ފެންގަނޑު މައްޗަށް ފެތުރެން ފަށައިފި އެވެ.
ކުދުއަބުލާގެ ދެ ލޯ އެވަގުތު ކުއްލިއަކަށް ހުޅުވިއްޖެ އެވެ. އޭނާގެ ދެ ކަޅި އޭރު ވަނީ އަރައިގެން ގޮސް ގެއްލިއްފަ އެވެ.
*** ** ***
ރޯވަނިމަސްފަރާ ދިމާލުން ފުމެ އުދުހި ނަށަމުން ގެންދިޔަ މަސްތަކަށް ދަހިވެތިވެފައިވީ ފުރޭތަ އަރައިގެން އެ އަންނަނީ ދުންފިނިގަނޑެއްގެ ސިފައިގަ އެވެ. އެ މަންޒަރު ބަލަން ދޯނީގެ ދިރުނބާކޮޅުގައި އިން ބަވަންދީ އިނީ ހަމަ އެއްވެސް ހަރަކާތެއް ނުކޮށެވެ. އެ ދެޔޯއާ އެކު ކުރިމަތިލުމަކަށް ދިއުމަށް ވުރެ ބުއްދިވެރިއެއްގެ ވިސްނުން އިސްކޮށްގެންނެވެ.
ނަމަވެސް މުޅި ރޭގަނޑު އޭނާ ހޭދަކުރީ ބައްތެލީގެ ދިރުނބާކޮޅުން، ހަފޮޅުން ގޮސް ކޮޅުފަސްކޮޅާ ހަމަ އަށް އިން ކުރަހައި ރައްކަލަށް ކިޔަވައިގެންނެވެ. އިރުއެރިއިރު ދުންފިނީގެ އެއްވެސް އަސަރެއް ނެތެވެ. އޮޔާ އެކުގައި ދެމެމުންދާ ވާފަތް ފެންނަން ފަށައިފި އެވެ. އައިންމަތީ ގާދޫނިތައް ލޮލުގައި އަޅައިގެންފި އެވެ. އަދި އުޑުމަތީގައިވީ ރަންކުލަތަކާއި ދަނބުކުލަތައް ފަނޑުވެ ނޫކުލަ ފޭދެން ފެށުމާއެކު ގަދަކޮށްލި ވަޔާ އެކުގައި ރާޅުތައް ކަފަމުން ބަވަންދީގެ ބައްތެލި އޭގެ މިސްރާބަށް ހިފާލައިފި އެވެ.
އެއީ ބަވަންދީ ހީކުރިވަރަށް ވުރެ އަމާން އަދި ކުރު ދަތުރެކެވެ. ފަސް ވަނަ އަށްވީ ދުވަހުގެ އިރުމެދުޖެހުނުއިރު އައްޑޫ އަތޮޅުގެ ގަސްކަރަ ފެނިއްޖެ އެވެ. ރަތްވިލާގެ ދަޅަތައް އޮއްސި އެ ދުވަހަށް އަނދިރިކަން ވެރިވަމުންދިޔައިރު ބަވަންދީގެ ބައްތެލި ގޮސް ރަށުގެ ދިގު ފާލަމަށް ގާތްކުރަނީ އެވެ.
ކަނޑުމަތި ކިތަންމެ އަމާންވެފައި، ދަތުރު ކިތަންމެ ކުރަސް މި އާދެވުނީ އަމާން ބަނދަރަކަށް ނޫންކަން ޖައްސާލި ފުރަތަމަ ފިޔަވަޅުން ވެސް ބަވަންދީ އަށް އިހުސާސުވެއްޖެ އެވެ. މީގެ ތިރީހަކަށް އަހަރު ކުރިން އޭނާ ދިރިއުޅުނު ރަށަށް މާ ބޮޑު ބަދަލުތަކެއް އައިސްފައެއް ނެތެވެ. ނަމަވެސް އެ ރަށުގެ އައްސޭރިފަށުގައި ވަނީ ބުނެދޭން ނޭނގޭ ކަހަލަ ބީރައްޓެހި ކަމެކެވެ. ނުވަތަ އެއީ ކޮންމެވެސް ސުންޕާވެރިކަމެއްގެ އަލާމާތެކެވެ.
ރަށުގެ ރަސްބިތް އޮތީ އަލިފާނުގެ ރަންކުލައަކުން ދިއްލިފަ އެވެ. އެއީ ހުދުފަރުން ހިރިގައު ކަނޑައިގެން ގެނެސް ސާގީސާ އަށް ރެދިން ބިނާކޮށްދިން ގަނޑުވަރުގެ ކިއްލާގައި ދިއްލާފައިވާ އަލިފާނުގެ ދަންމަރުތަކުން އަރުވަމުން ދާ ދަޅަތަކެވެ. ރަށުގެ ރަސްބިތަކީ އިސްމިޑޫގެ އެންމެ އުސް ހިސާބެވެ. އަދި ގަނޑުވަރާއި ތަހުތާއި ދެބައި ލަޝްކަރީންނަށް ހާއްސަވެފައިވާ އުސްބިންތަކެވެ.
އުސްގެކޮޅުން އަރަމުންދާ ހުދުކުލައިގެ ދުންތައް ވެސް ފެނެ އެވެ. އެއީ އަދިވެސް ތަހުތަށް ރަސްކަލަކު އައްޔަންނުކުރާ ކަމުގެ ހެއްކެކެވެ. އަދި އަވަހާރަވި ރަދުން ފަސްދާނުނުލާ ކަމުގެ ހެއްކެކެވެ. ސުވާދީޕާގައި ރަސްކަލަކު ފަސްދާނުލެވޭނީ ހަމައެކަނި ރަސްކަލެއްގެ އަމުރަށެވެ.
ފާލަން މަތިން ގޮސް ބަވަންދީ މިސްރާބު ޖެހީ ރަށުގައި އާންމުން ދިރިއުޅޭ ބިތަށެވެ. ރަށު ތެރެއިން މާ ގިނަ ބައެއްގެ ހިލަމެއް ނުވެ އެވެ. އަމުދަކުން ތެޔޮޅުވާކުދިންނެއް ނެތެވެ. ފުޅިބައްތިތަކާއި އުށްބައްތިތައް ދިއްލާފައިވީ ގެތަކާއި ޖިފުޓިތަކުން ކުދިން ގުރުއާން ކިޔަވާ އަޑު އިވެ އެވެ. ބައެއް ގޭގެއިން އިވެނީ ކުޑަކުދިން ރޯ އަޑެވެ. ކުދިން ނިންދަވަން އުނދޯލި އެއްލާ އަޑާއި ނާނާކިޔަމުން ގެންދާ އަޑެވެ.
ތެޅިގަލުން ރާނައި އުސްކޮށްފައިވާ ބަދިގެތަކުގެ ކިޑިކީތަކުން ނުކުމެ ރަށު ތެރެއަށް ފެތުރެމުން ދަނީ ގަރުދިޔަ އާއި ރިހާކުރުގެ ތާޒާ ވަހެވެ. މަސްދުމަށިތަކުގެ ހޫނުކަމެވެ.
ރަށުގެ އާންމު ދިރިއުޅުމުގައި ބީރައްޓެހިކަމެއް ނެތަސް ރަށު ތެރޭގައި އަޅަމުން ގެންދިޔަ ކޮންމެ ފިޔަވަޅަކާ އެކު ބަވަންދީގެ ހިތަށް ވެރިވަމުން ދިޔައީ ބީރައްޓެހި ކަމެއްގެ އިހުސާސްތަކެވެ. އެ ބިރުވެރިކަން އޭނާގެ ހިތަށް ނުވަންނަންވީ ސަބަބެއް ވެސް ނެތެވެ.
އިސްމިޑޫ އެ އޮތީ ދައުލަތަކަށް ކުރިމަތިވާނެ އޭގެ އެންމެ އަނދިރި ވަގުތުކޮޅުގެ ތެރޭގަ އެވެ. އެންމެ އެކަނިވެރި އަދި އެންމެ ބަލިކަށި ހާލަތުގަ އެވެ. އެހެންކަމުން އެންމެ ނުރައްކާތެރި ވަގުތަކީ ވެސް މި އެވެ. ތަހުތުގައި އިންނެވި ރަދުން އެ ވަނީ އަވަހާރަވެފަ އެވެ. އެ ތަހުތުގައި އަދިވެސް ރަސްކަލަކު ނެތެވެ.
އެތެރެ ކޮއިލުގައި އޮތް ޒަމަންވީ ދެބަސްވުމާއި އަރާރުމާއި ކޯޅުމަކީ ބަވަންދީ އަށް އާ ކަންކަމެއް ނޫނެވެ. ތަހުތަށް ދަހިވެތިވެފައިވީ ހިތްތައް ބަވަންދީ ވަނީ ހިތުދަސްކޮށްފަ އެވެ. އެހެންކަމުން ސިއްކަޖެހި ދައުވަތެއް ލިބިފައިވިޔަސް ޝައްކާއި ވަހުމުގެ ވިހައިން ކިލަނބުވެފައިވީ ރަށަށް އަރަން އޭނާ ގަސްދުކުރީ ގަނޑުވަރު ތެރެއަށް ވަންނާނެ ވަގަކު ވިސްނާނެ އުސޫލުންނެވެ.
ބޮލުގައި އޮޅާފައިވީ ފޮށާގަނޑުން މޫނު ނިވައުކޮށް އަރުވާޖަހައިގެން ވަގު ފިޔަވަޅުތައް ނަގަމުން ގޮސް އޭނާ ވަންނަން ދިމާކޮށްލީ ރަށުގެ ބޮޑު ކުޅިއާ ދިމާލުގައި ހުރި ތެޅިގަލުގެ އެކަހެރި ޖިފުޓިއަކަށެވެ. އެވަގުތު އޭނާއާ ހަތަރުކަޅި ބައްދަލުވީ އެ ގޯތީގެ އެތެރޭގައި ވަކިން އަޅާފައި ހުރި ފަންބަދިގެއެއްގެ ތެރެއިން ދަރިންކޮޅު ތުނބުލައިގެން ނުކުތް ކަޅު ބުޅަލަކާ އެވެ.
ހަތްހާއްޔަށް ލުމަށް ނުކުމެގެންދާ ބުޅަލަކާ ހަތަރުކަޅި ހަމަވުމަކީ އަނެއްކާވެސް ސުންޕާވެރިކަމެއްގެ އަލާމާތެކެވެ. ކުރިމަތިވާން އުޅޭ ނުރައްކަލެއްގެ އިންޒާރެވެ. އަދި އެ ބުޅަލަށް ގޯނާއެއް ކޮށްފި ނަމަ އެ ގޯނާ ދިން މީހަކަށް އެ މުސީބާތް އެނބުރި އަންނާނެ ކަމަށް ބުނެވެ އެވެ.
ބަވަންދީއާ ދިމާލަށް ބަލަހައްޓައިގެން މަންމަ ބުޅާ އޮތީ ހިރިވެސް ނުލަ އެވެ. ބަވަންދީ ވެސް އެއްވެސް ހަރަކާތެއް ނުކުރެ އެވެ. ބުޅަލުގެ ދެ ލޯ ރީނދޫކުލައަކުން ދިއްލުނުހެން ހީވި ވަގުތު ބޯޖެހިތާ ނަގޫޖަހާފައި ގޮސް އެ ބުޅާ ވަލުތެރެއަށް ވަދެ ގެއްލިއްޖެ އެވެ.
ފަހަތުން މީހެއްގެ ހިލަންވެގެން އެނބުރުނުއިރު ބަވަންދީއާ ދިމާލަށް ފުޅިބައްތިއެއް ދިއްކޮށްލައިގެން ހުރީ މުސްކުޅި ފިރިހެނެކެވެ. މުންޑުގަނޑެއް އަނދެގެން ހުސްގަޔާ ހުރި އެ މީހާ މަޑުކޮށްލައިގެން ހުރީ ގޭގެ ދޮރު ކައިރީގަ އެވެ.
ދިއްކޮށްލައިގެން ހުރި އަތުގައި ދޫވެފައިވީ މަސްގަނޑުގައި ޖެހިފައިވާ ރޫތަކާއި ރޮނގުތައް ބައްތީގެ އަލިކަމުގައި ރީއްޗަށް އެނގެ އެވެ. އެ ހަށިގަނޑުން ވަނީ ގުދުނުކުމެ ކޮނޑުކަށިގަނޑު އަރައިފަ އެވެ. ލޮލާއި ކޯ ވަދެ ވަޅުޖެހިފައިވާ މޫނުގެ ނިތް ގަދަކަމުން އަރުވައިގެން ބަލަމުން ދާގޮތުން ހީވަނީ ލޯބޯކޮށިވެފައިވާހެންނެވެ.
އަނދެގެން ހުރި މުންޑުގަނޑާ އެއްވަރަކަށް ބޯ ހުދުވެފައި ހުރި އެ މީހަކީ ރަވާފުތާ އެވެ. އޭނާ އަކީ ސާގީސާގެ ތަހުތުގައި ފަތްލިޔާކަލޭގެ އެވެ. އަދި ފަޅުކަމާއި ހުސްކަން ވެރިވެފައިވާ މި ރަށުގެ ޚަބަރު އެންމެ އިތުބާރާއެކު ބަވަންދީ އަށް ދޭނެ އޭނާގެ އެންމެ ގާތްއެކުވެރިޔާ ވެސްމެ އެވެ.
ރަވާފުތާ އޭނާ އަށް އެންމެ ފުރަތަމަ ވެސް ދިނީ ބައިބައިވެފައިވީ އެތެރެކޮއިލުގެ ޚަބަރެވެ. އަދި ރަސްގެފާނުގެ ހަމައެކަނި ފިރިހެން އައުލާދުގެ ގޮތުގައި ހުންނެވި ބަޒާނަށް ހައްގު ތަހުތަށް އޭނާ އައްޔަންކުރުމުގެ އިންތިޒާމު އަވަސްކުރަން ޖެހޭ ވާހަކަ އެވެ. އެ ވަލީއަހުދާ ބައްދަލުވެ ލޮލަށް ފެނިފައިނުވިޔަސް އެ ދަރިކަލާ ބެހޭ ގޮތުން ހިތުގައި އުފެދިފައިވީ އެއްވެސް ސުވާލެއް މި ނާޒުކު ވަގުތުކޮޅުގެ ތެރޭގައި ފަތްލިޔާކަލޭގެއާ ކުރާކަށް ބަވަންދީ އިތުރަކަށް ބޭނުމެއް ނުވި އެވެ.
އޭނާ އަވަސްވެގަތީ ސާގީސާގެ ވިރާސީ ރަސްކަން ހިމާޔަތްކުރުމަށެވެ. ރަދުންގެ އަޖަލު ގެނުވި ގޮތްނޭނގޭ އާލާސްކަންފުޅުގެ ހަގީގަތް ހޯދުމަށެވެ. މުލަކުގައި ފެތުރިފައިވީ ހުޅުގަނޑު އައްޑޫގެ އިސްލާމީ ކިއްލާއާ ހަމަށް ފެތުރުމުގެ ކުރިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ގާއިމުކުރުމަށެވެ.
ފަތިސް ނަމާދުން ފޭބި ގޮތަށް ރަވާފުތާގެ އަރިހުގައި ބަވަންދީ ވަޑައިގެންނެވީ ގަނޑުވަރަށެވެ. ތައައްސުބުގެ ހުޅުގަނޑު ފަޅާފައިވީ ފަންސަފުރަދާނައިންގެ މަޖިލީހަށް ވަނުމަކަށް ނުވަތަ އޭގެ ހަގުބޭކަލަކާ ބައްދަލުކުރުމުގެ ވިސްނުމެއް ވެސް ބަވަންދީގެ ނެތެވެ.
ސިއްރިޔާތުގައި ގޮސް ބަވަންދީ އެންމެ ފުރަތަމަ ވެސް ބައްދަލުކުރީ ބަޒާންއާ އެވެ. އެއީ ސާގީސާގެ އިސްކޮޅަށް ހެދިބޮޑުވެ ދޮށިމޭނާއެއްގެ ގޮތުގައި ފައްކާވެ ފުރިހަމަވެފައިވާ ޖެހިލުންކުޑަ ގާއިދެކެވެ.
ބަޒާންގެ އެ ސިއްރު ބައްދަލުވުމުން ބަވަންދީ އަށް ލިބުނީ އަނެއްކާވެސް އިންޒާރުގެ ޚަބަރުތަކެވެ. އަނދައި އަޅިއަށްވެފައިވީ މުލަކުން ހޮވައިގެން ގެނައި ރިހިފޮށިގަނޑެއްގެ ޚަބަރާއި ކަނޑުމަތިން ހޮވައިގެން ގެނައި އަންހެނަކާއި ފިރިހެނެއްގެ ޚަބަރެވެ. އަދި ރަށުގެ ހުޅަނގުބިތަށް ލައްގަމުންދާ ގަބުރުތަކެއްގެ ޚަބަރެވެ.
އެ ބައްދަލުވުން ކުރުކޮށްލާފައި ބަވަންދީ ތެޅިގަތީ ގަބުރުތައް ލައްގަމުންދާ ދިމާލަށް ދިއުމަށެވެ. ހޭޅިފަށުން ގޮސް ގޮނޑުދޮށަށް ފޭބިއިރު މުޅި އެ ދިމާލަށް ވަނީ ރަށުގެ ކުދިބޮޑު އެންމެންހެން ޖަމާވެފަ އެވެ.
ފުއްޓަރަށް ބިންދަމުންދާ ރާޅުތަކާ އެކު ރަށަށް ލައްގަމުން ދިޔަ ގަބުރުތައް ވަނީ ސިފަ ނޭނގޭ ވަރަށް ހަލާކުވެފަ އެވެ. ފެންވަދެ ފުފިގެން ކުނިވެފައިވާ އެ ގަބުރުތަކަށް ތިރިކޮށް މަސްތައް ކޮށައިގެން ކަމުން ގެންދިޔަ ކާޅު ބައިގަނޑެއްގެ ހުތުރު ހޭރުމަކުން މުޅިތަން ގުގުމަނީ އެވެ.
އެ ކާޅުތައް އައީ އެ ގަބުރުތަކާ އެކުގަ އެވެ. އެހެނީ ސިފަ ހުތުރު އެ ދޫންޏަކީ އެއްވެސް ޒަމާނެއްގައި އައްޑޫ އަތޮޅުގެ ޖައްވަށް ނިސްބަތްވި ދޫންޏެއް ނޫނެވެ.
ކާޅަކީ ނާމާންކަމާއި ސުންޕާވެރިކަން ހިފައިގެން އުދުހޭ މުޑުދާރު ދޫންޏެކެވެ. އެ މަންޒަރު އެ ވަނީ އެންމެންގެ ލޯމައްޗަށް ފައުޅުވެފަ އެވެ.
އެއްވެފައިވީ މީހުންތަކުގެ ތެރޭގައި މަޑުކޮށްލައިގެން ހުއްޓައި ބަވަންދީގެ ލޮލުގައި ދެން އަޅައިގަތީ އަދި މާ އަޖާއިބުކުރުވަނިވި މަންޒަރެކެވެ. ލައްގަމުން ދިޔަ ގަބުރުތަކުގެ ތެރެއިން ދިރިގެން މީހަކު ތެދުވި ތަނެވެ. އެއާ އެކު ބައެއް ކާޅުތައް އުދުހި ރަށު ތެރެއަށް އަރައިގަތެވެ. އެއްވެފައި ތިބި މީހުންތައް ބިރުން ހޯބޯލައްވަމުން ފިލަން ދުއްވައިގަތެވެ.
ނަމަވެސް ބަވަންދީ ޖެހުނީ ކުރިއަށެވެ. ގަބުރުތަކުގެ ތެރެއިން ތެދުވި ފިރިހެން މީހާ ކުރިއަށް އެޅި ފިޔަވަޅާއެކު ޚަބަރުހުސްވެގެން ވެއްޓިއްޖެ އެވެ.
ބަވަންދީ އަށް އޭރު އިވެނީ އޭނާގެ މޭގައި ތެޅެމުން ދިޔަ ހިތާއި ކުރުވެފައިވީ ނޭވާގައިވީ ހާސްކަމުގެ އަޑު އެކަންޏެވެ. މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް އޭނާ އަރައިހަމަކޮށްލީ ވެއްޓިފައި އޮތް ފިރިހެން މީހާގެ ކައިރިއަށެވެ.
އޮރިޔާމާ އޮތް އެ ޒުވާނާގެ ހަށިގަނޑުގައި ހަމަ އެއްވެސް ޒަހަމެއް ނެތެވެ. ކަނިކޮޅެއް ވެސް ޖެހިފައި ނެތެވެ. އަދި މިހާރު ހެއެއް ވެސް ނެތެވެ.
އެ ޒުވާނާގެ ކައިރިއަށް މަޑުކޮށްލައިގެން ހުރި ބަވަންދީގެ ދެކަޅިއަރަމުން ދިޔައީ އުދަރެހާ ދިމާލަށް ޖަމާވެފައިވީ ވިލާތަކުގެ ތެރެއިން ފައުޅުވަމުން ދިޔަ ރަތްހަނދަށެވެ.
އެ ހަނދު ހީވަނީ ލެއިން ކަޅިވެފައިވާ ފާރުގަނޑެއް ހެންނެވެ. ހުވަފެނުގައި ބަވަންދީ އަށް ފެނުނު ރަތްހަނދާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. (ނުނިމޭ)



