އެއީ ރަތްރީނދޫ ކުލައިގެ އެންމެ ބޮޑެތި ރިޔައު ނަގައިފައިވީ އޮޑިފަހަރެވެ. ފެންނަ ފެނުމަށް އާރާއިބާރާއެކުގައި އަންނަ ހަނގުރާމަވެރި ލަޝްކަރެއްހެން ހީވިޔަސް މި އޮޑިތަކުގައި ތިބީ ދަގަނޑުދަހަނާ އަޅައި ހަތިޔާރު ހިފައިގެން ތިބި ބައެއް ނޫނެވެ. ޝަންކުފުމެ ވަރުވަރަށް އަޑު ލައްވަމުން ދިޔަ ނަމަވެސް އެމީހުން ޖަހަމުން ދިޔައީ ހަނގުރާމައިގެ ބެރެއެއް ނޫނެވެ.

ފަޅުތެރެއިން ފެށިގެން ނިކަން ބޮޑު ހިސާބަކަށް ފެތުރިފައި އޮތް ފުން ވިލަށް ވަދެ ރިޔައު ކޮށިކުރަމުން ގޮސް ނަގިލިތައް ވައްޓާލުމަށް ފަހު މި އޮޑިފަހަރުތަކުން ރިޔާތައް ފަރުމާނަށް ކަހާލައި ބަންނަން ފަށައިފި އެވެ. އޭރު ވެސް ޝަންކުގެ އަޑެއް ނުކެނޑެ އެވެ. ހީވާހީވުމަށް މި އޮޑިތައް ރަށާ ގާތްވަމުން ދިޔަ ވަރަކަށް އެ އަޑުފަތްގަނޑު ދިޔައީ ގަދަވަމުންނެވެ.

ދެން ފެންނަން ފެށީ އޮޑިން ބޮއްކުރާތަކެއް ބާލައިގެން ޖަމާއަތް ހަދައި އެކި މީހުން ބައިބަޔަށް ބެހި މި ބޮއްކުރާތަކުގައި ފަލިޖަހައި ރަށަށް އަރަން ނައްޓާލި މަންޒަރެވެ. އެމީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރުތަކެއް ހުރިހެން ހީއެއް ނުވެ އެވެ. ނަމަވެސް ގޮނޑުދޮށަށް ގޮސް ބީއްސާލި ކޮންމެ ބޮއްކުރާއަކުން ހައެއްކަ ގަބުރު އެއްގަމަށް އެރުވި އެވެ. ދެން އަނެއްކާވެސް އެއް ބަޔަކު ބޮއްކުރާތަކުގައި ފަލިޖަހާފައި ރާޅުތައް ކަފަމުން ގޮސް އޮޑިދޮށަށް ކައިރިކޮށް އިތުރު މީހުންނާއި ގަބުރުތަކާ އެކު އެނބުރި އައިސް އަނެއްކާވެސް ބީއްސާލަނީ އެވެ. އެގޮތަށް ދެ ތިން ބުރު އަޅައި ނިމުނުއިރު ތިރީހަކަށް ގަބުރާ އެކު ފަންސާހެއްހާ މީހުން ގޮނޑުދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ. މި އެންމެން ވެސް ތިބީ އެމީހުންގެ އޮޑިތަކުގައި ނަގާފައިވީ ރަތްރީނދޫ ރިޔަލުގެ ފޮތިހެން ހީވާ ބޯ ފޮށަލުން އެންމެން އެއްގޮތަކަށް ނިވައުވެގެންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ތިއްބަސް އެންމެން ވެސް އެއްގޮތަކަށް ބޯ ބާލައި ތުނިކޮށްލާފައިވުމުން އެތަނުގައި ތިބީ ކިތައް އަންހެނުންނެކޭ ބުނާކަށް ނޭނގެއެވެ. ހުދު ދޮންވެލިގަނޑުމަތީގައި ސަފަކަށް އަތުރާލާފައިވާ ގަބުރުތައް ކަފުން ލައްވާފައި ވަނީ އެމީހުން އަޅައިގެން ތިބި ފޮށައުތަކަށްވުރެން ގަދަ ރަތްކުލައިގެ ފޮށާތަކަކުންނެވެ.

މިއީ ސައްދުންމައްޗާއި ސުވާދީވާގެ ރަށްތަކުގައި އަނދަމުން އަންނަ އިސްލާމީ އިންގިލާބުން ސަލާމަތްވެ ފިލައިގެން އުޅޭ ހާމުދުރުންގެ އިސް ބައިގަނޑެކެވެ. އިސްލާމީ ދަރުބާރުގައި ބޯބުރިކޮށްލުމުގެ ކުރިން ފިލައިގެން ގޮސް ދެކުނުން އެރެން އޮތް އެންމެ އަމާން ފަސްގަނޑަށް އައީ އެވެ. މީހުން އެއްވެސް ވަރަކަށް އާބާދުވެފައިނުވާ މި ރަށް އެމީހުންގެ ގަބޫލުކުރުމާއި އަޅުކަމުގެ މައި ދަރުބާރަކަށް ވެދާނެ ކަމުގެ ފޮނި އުއްމީދުގަ އެވެ. އެހެން އެކަން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ސައްދުންމަތީގައި ބިމާހަމަނުކޮށް ހުރި އެންމެ ފައްޅިއެއް ވެސް މިހާރަކު ނެތެވެ. އެއަށް ފަހު ސުވާދީވާގެ ރަށްތަކުގައި އަދިވެސް ކަތިލުމާއި ލޭއޮހޮރުވުން ކުރިއަށް ދަނީ އެވެ. އެންމެ ދެކުނުން ގޮސް ބަލަނީ ނަމަ އައްޑޫގައި މިހާރު ވެސް އިސްލާމީ ކިއްލާއެއް ބިނާކޮށް ނިމިއްޖެ އެވެ. އެހެންކަމުން ދިފާއުގައި ކަމެއްކުރަން ވެސް ނުވަތަ ހަމަނޭވާލާން ވެސް ހާމުދުރުންގެ ބައިގަނޑަށް މިއަށްވުރެން ވަކި ރަނގަޅު ބިމެއް، މި އިސްލާމީ އިންގިލާބުގެ ހިޔަނީގައި އެހެން އެއްވެސް ހިސާބަކުން ލިބޭނެހެނެއް ހީއެއް ނުވެ އެވެ. ނަމަވެސް ކުރިން ވެސް ފާހަގަކުރެވުނު ގޮތަށް އެމީހުން ތިބީ ދަގަނޑުދަހަނާ އަޅައި ހަނގުރާމައަކަށް ތައްޔާރުވެގެންނެއް ނޫނެވެ. ސައްތައެއް ވެސް ހަމަނުވާ މި ޖަމާއަތުގައި ތިބީ އެންމެ ނިކަމެތިހެން ހީވާ ފޮތި ފޮށައުގަނޑެއްގެ ނިވަލަށް ވަދެ ތިބި ބައެކެވެ. ދިފާއުގައި ނަގާނެ ހަތިޔާރެއް، ދިއްކޮށްލާނެ އައްޑަނައެއް އަތުގައި ނެތްއިރު ކޮންމެ މީހަކު އެ އުޅެނީ ކޮނޑަށް ގަބުރެއް ލައިގެން އެ ފުން ހިތާމައިން މިންޖުނުވެވިގެންނެވެ. އެ ހުރިހާ ގަބުރުތަކާއެކު ރަށުތެރެއަށް އަރައި އެންމެ ރައްކާތެރިހެން ހީވާ ހިސާބެއް ހޯދައި ފޭލިގޭ ޖަހައި ނިމުނުއިރު އިރުއޮއްސެނީ އެވެ. އެއް ބައި މީހުން ރަށުގައި ނިދިއިރު އެއް ބަޔަކު ނުވެސް ނިދަ އެވެ. އަނެއް ބަޔަކު ގޮސް ތިބީ އެމީހުންގެ އޮޑިތަކުގަ އެވެ. ފުން ފިކުރުތަކަށް ގެނބި އަމާންވެ ހިމޭންވެގެންނެވެ. މިއިން އެއްވެސް މީހަކު އެކަކު އަނެކަކާ ބަސްބުނެ ވާހަކަ ދައްކައި ހަދާތަނެއް ނުފެނެ އެވެ.

އަރައިގެން އައިއިރާއެކު ރަށުގެ ހުޅަނގު ބިތް ގުގުމަންފެށީ ޝަންކާއި ޑަމަރު ބެރުގެ އަޑުފަށްގަނޑާއި ކަރުގެ އެންމެ އެތެރެއިން ފެލި ލައްވަމުން ދިޔަ ކިޔެވެލީގެ އަޑުތަކުންނެވެ. އެއް ބަޔަކު ފަށްފަށަށް ގަބުރުތަކުގައި ފޮތި އޮޅައި ކަފުންކުރަމުން ގެންދިޔައިރު މި ގަބުރުތަކަށް ދުންބުރުވަމުން ގެންދާ ހައެއްކަ މީހަކު ގަބުރަކަށް ފަހު ގަބުރެއް ކައިރިއަށް މަޑުކޮށް އެ ތަރުތީބު ތަކުރާރުކުރަމުން ގެންދެ އެވެ.

އަނެއް ބަޔަކު އަވަދިނެތި އުޅެނީ ރަށު ތެރެއިން ހޮވައިގެން ގޮނޑުދޮށަށް އެއްކޮށްފައި ހުރި އެކި ވަރުވަރުގެ ދަރުބުރިތައް ބޮނޑިބޮނޑިއަށް އަޅައި އައްސައި ދިގުއަކަތަކެއްގެ ސިފައަށް މި ދަރުބޮނޑިތައް ބަރިބަރިއަށް އަޅައި އުސްކުރުމުގަ އެވެ. އުސް އަށިތަކެއް ހެން ހީވާގޮތަށް އޭގެ ދިހަވަރަކަށް ބަރި ގޮނޑުދޮށުން ފެންނަން ހުއްޓެވެ.

ކޮޅު ތޫނުކޮށްފައިވާ ދަގަނޑުބުރިތަކާ އެކު ފުއްޓަރުފަރާތަށް އެރުނު ޖާނުންވަރުގަދަ ހާމުދުރުންގެ ދިހަވަރަކަށް މީހުން ހިރިގައު ހޯދައި ބަލައި ލުއްސުވާލައިގެން އެއް ގަމަށް އަރުވަނީ އެވެ. މި ގައު އެމީހުން ބޭނުންވާ ގޮތްގޮތަށް ތަޅައި ކުދިކުރަން އަންހެންވެރިންގެ ޖަމާއަތެއް ހާއްސަކޮށްފައި އޮތްއިރު އަންހެނުންގެ އަނެއް ބަޔަކު ރަށުތެރެއަށް ވަދެ ފަތްޕިލާވެއްޔާއި ތަރުކާރީއާ އެކު އަތުޖެހުނު މޭވާއެއް ހޮވައި އެމީހުންގެ ފޭލިގެތައް ނަގާފައިވީ އިމަށް އެއްކުރަމުން ގެންދެ އެވެ.

މިހުރިހާ ކަމެއް ވެސް ހިނގަމުންދިޔައީ ނިކަން ސުލްހަވެރިކަމާއި ކެތްތެރިކަމާއެކުގަ އެވެ. އަނގަތަޅައި މަޖާކޮށް ފޫހިފިލުވުމުގެ އެއްވެސް އަމަލުތަކެއް އެމީހުންގެ ކިބައިން ނުފެންނައިރު ފެންނަމުން ދިޔައީ ސާދާ މަޑުމައިތިރި މިޒާޖާއި މަސައްކަތަށް ދީފައިވާ އަހްމިއްޔަތެވެ. މި ރިވެތި ތަރުތީބުގައި، މަސައްކަތަށް ފަހު މަސައްކަތެއް ފުރިހަމަކޮށް ރަތްކުލަ އާއި ހުދުކުލައިގެ ފޮތިން ކަފުންކޮށްފައިވާ ގަބުރުތައް ނަގައިގެން ގޮސް ދަރު އަށިތަކަށް އަރުވައި ނިމުނުއިރު އިރުއޮއްސެން ކައިރިވެއްޖެ އެވެ.

އިރުއޮއްސި އަނދިރިވުމާ އެކު ޝަންކާއި ޑަމަރު ބެރުގެ އަޑު ކުރިއަށް ވުރެ ގަދަކޮށްލި އެވެ. އޭރު ހުރިހައި ހާމުދުރުން ތިބީ ގޮނޑުދޮށުގައި ބަރިބަރިއަށް ނަގައި އުސްކޮށް އަތުރާފައިވާ ދަރުއަށިތައް ވަށައިގެން ކިޔަމަންތެރިކަމާ އެކު އެތުރިގެންނެވެ. އެއަށް ފަހު އެކަމަކަށް އިސްކުރެވިފައިވާ ހާމުދުރުން ކުރިއަށް ޖެހި ދަރުބުރިތަކުގައި އަލިފާންރޯކޮށް ގަބުރުތައް ބަހައްޓާފައިވީ ދަރުއަށިތަކުގައި ހުޅުޖަހަން ފަށައިފި އެވެ.

ރަށުގެ އެއްކޮޅުން އިވެމުން ދިޔަ މި އަޑުފަށްގަނޑު ގުގުމަމުން ގޮސް ރަށުގެ އަނެއްކޮޅުގައި، ޖިފުޓިއަށް ވަދެ ފިލައި އޮތް އަނޮންގްދިޔޯއާ ހަމަ އަށް ވެސް އެންމެފަހުން ފޯރައިފި އެވެ. ދަރިފުޅު ދަލޭކާގޮމާ އޮތީ ގަދަ ނިދީގައި އަށިމަތީގަ އެވެ. އެ ދަރިފުޅު ހޭލަފާނެ ކަމަށް ބިރުން ނިކަން ބަލައިގެން މަޑުމަޑުން އަށިން ދެމިގެން ފޭބުމަށް ފަހު ހަނދުވަރުގެ ފުސް އަލިކަމަކުން ދިއްލިފައި އޮތް ގޯތި ތެރެއަށް އަނޮންގްދިޔޯ ނުކުމެއްޖެ އެވެ. އޭރު ދުރުން ފެންނަން ހުރި ބޮޑެތި ގަސްތަކުގެ މަތިން، މާ ދުރުން ރަންރީނދޫ އަލިގަނޑަކާ އެކު އޮލަދުންތަކެއް އަރަމުން ގެންދާ މަންޒަރު ފެނެ އެވެ.

ބައްޕަންކަކާ އާއި އަނޮންގްދިޔޯ އެއް އިރެއްގައި އެކަނިމާއެކަނި ދިރިއުޅެމުން ދިޔަ މި ރަށް ސުވަރުގެއަކަށްވީ އެ ދެ މީހުންނަށް އެކަންޏެއް ނޫނެވެ. އެކަމަކު މި ސުވަރުގޭގެ ފޮނިމީރުމަކަށް އެންމެން ދަހިވެތިވެގަތުމުން ދެން އެތަނުގައި ސުލްހައެއް އަމާންކަމެއް އަދި ލޯތްބެއް ވެސް ގާއިމުނުވާނެކަން އަނޮންގްދިޔޯ އަށް މިހާރު ޔަގީންވެއްޖެ އެވެ.

މި ފިކުރެއްގައި އޮލަދުންގަނޑަށް ބަލަން ހުރެފައި ކަންބޮޑުވެފައިވާ މޫނަކާއެކު ޖިފުޓިއަށް ވަދެ އަންހެން ދަރި ގާތުގައި، އަށިމަތީގައި އޭނާ ވެސް އޮށޯވެއްޖެ އެވެ. މިހެން އޮތްއިރު ތޮށަލީގެ ފުރާޅުގައި ހެދިފައިވީ ބައުގަނޑަކުން މިލަމިލަ ހަނދުވަރެއްގެ ފޫހި މަންޒަރެއް ފެންނަމުންދެ އެވެ. އެ މަންޒަރަށް ބަލަން އޮތްވައި ލޮލުފިޔަޖެހުނުއިރެއް ބުނާކަށް ނޭނގެ އެވެ.

އަރައިގެން އައި އިރާއެކު އަނޮންގްދިޔޯ އަށް ހޭލެވުނީ މިފަހަރު ވެސް މީހަކު އޭނާގެ އަތުގައި ހިފިހެން ހީވެގެންނެވެ. ހޭލެވުނުއިރު ލައިގެން ހުރި ލިބާސްގަނޑު ބާލުވައި ތަޅުންމައްޗަށް އެއްލާލާފައި އޮތެވެ. އަނދެގެން ހުރި ކަނޑިކިބުރި އޮތީ ދޫކޮށް ނިއުޅުވައިލައިފަ އެވެ. މި މަންޒަރު ފެނި ފުންމައިގެން ތެދުވެ ކަނޑިކި ހެޔޮވަރުކޮށް ލިބާސްޖަހައިގެން ބޮލުން މަހާލައި ގަޔަށް ހެޔޮވަރުކޮށްލުމަށް ފަހު ޖިފުޓިން ބޭރަށް ބޯދިއްކޮށްލިއިރު އާންމުކޮށް ހޭލާ ދުވަސްތަކަށްވުރެން މިއަދު ވެސް މާ ލަސްވެއްޖެ އެވެ. އަދި އާންމުކޮށް ހޭލާއިރު ގާތުގައި އޮންނަ އަންހެން ދަރި މިއަދަކު ވެސް ނެތެވެ. ގޯތި ތެރޭގައި ހުރި ކުޑައަށިމަތީގައި އޮތީ މީގެ ކުޑައިރުކޮޅެއްކުރިން ކަނޑައިގެން ގެނެސްފައި އޮތްހެން ހީވާ ބޮޑު ސަންފާކެޔޮގަނޑެކެވެ. ދޮންވެ ފައްކާވެފައި އޮތްވަރު ބޮޑުކަމުން އޭގެ ވަތްތަކުގެ ތޮށިގަނޑު ފަޅައިގެންގޮސްފައިވެ އެވެ. ނަމަވެސް އެއަށް ބަލަން ނުހުރެ ލިބާހާއި ކަނޑިކިބުރި ކޮށިކުރަމުން އަނޮންދިޔޯ ދުއްވައިގަތީ ދުރުން ފެންނަން އޮތް ނިކަވަލަށެވެ.

އާދައިގެ މަތިން މިއަދު ވެސް އޭނާ ހުރީ ނިކަން ގަދަ އަށް މޭނުބައިކޮށް ހޮޑުލަވައިގަނެފަ އެވެ. ނަމަވެސް ނިކަވަލަށް ވަދެގެން ގޮސް ފުއްޓަރުފަރާތަށް ނުފޯރަނީސް އިރުކޮޅަކަށް ވެސް މަޑުކޮށްލަން ދިޔޯ ބޭނުންމެއް ނުވި އެވެ. ބައްޕަންކަކާ ގެއްލުނު ގޮތަށް ދަރިފުޅު ގެއްލޭކަށް ނުވަތަ ރަށަށް ވެރިވުމަށް އައިސްގެން އުޅޭ ބައިގަނޑުގެ މީހުންގެ އަތްދަށުވާކަށް ވެސް އޭނާގެ ހިތެއް ނޭދޭތީ އެވެ.

ފުއްޓަރުފަރާތުން ގޮސް ގޮނޑުދޮށަށް ފޭބިއިރު އަކިރިގަނޑުމަތީގައި ދަލޭކާގޮމާ ނަލަ މުރަކަ އާއި ބޮލި ހޮވަން އޮތެވެ. ބަލާކަށް ނުހުރެ ތެޅެމުން ފޮޅެމުން ގޮސް ދަރިފުޅު ނަގައި އުރުގައި ޖަހައިގެން އަނޮންދިޔޯ އެނބުރިގަތީ އެއްގަމަށް އަރައި އަނެއްކާވެސް ފިލާށެވެ. ނަމަވެސް ހޭޅިފަށުން އަރައިގެން ރަށު ތެރެއަށް ދުއްވައިގަތުމަށް ހިފާލި ވަގުތު އޭނާ ޖެހުނީ ރަތްރީނދޫކުލައިގެ ފޮތި ފޭލިގަނޑެއްގެ ނިވަލުގައި ހުރި މީހެއްގެ ކުރިމައްޗަށެވެ. އެވަގުތު ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް އަޅައި ހުށިޔާރުކަމާ އެކު ވަށައިގެން ހޯދާލުމަށް ފަހު ކުރިމަތިން ފެންނަން ހުރި މީހާއާ ހަތަރުކަޅި ހަމަކޮށް އަނޮންދިޔޯ މަޑުކޮށްލި އެވެ.

ރަތްރީނދޫކުލައިގެ ފޭލިގަނޑު މުޅި ގައިގައި އޮޅައި އެއިން ނިވައުވެގެން ހުރި މީހާގެ ބޮލުގައި ކޯރިގަނޑެއްހެން އަޅާފައި އޮތް ބައި ފަހަތަށް ކަހައި ވައްޓާލުމަށް ފަހު ބިރުނުގަތުމަށް އިޝާރާތްކުރަމުން އޭނާ ވެސް ދެ ފިޔަވަޅެއް ފަހަތަށް އަޅައި ނިކަން އަބަދުވެރިކަމާ އެކު އިސްޖަހައިގަތެވެ. ހީވާގޮތުން އަނޮންގްދިޔޯއާ މިގޮތަށް ބައްދަލުވުމަކީ އޭނާ އަށް ވެސް ލިބުނު ހައިރާންކަމެކެވެ. އަދި މިހާރު އެހުރީ ދެމައިން ބިރުގަންނަވާލެވުނު ދެރަހީވެ އެމީހުން ބޭނުންތަނަކަށް ދިއުމަށް މަގު ދައްކާލައިގެންނެވެ.

އެމީހާ މިހެން އިސްޖަހައިގެން ހުއްޓައި އަނޮންގްދިޔޯ ބޯޖެހިތާ ނަގޫޖަހާފައި ގޮސް ގަސްތަކުގެ ތެރެއަށް ވަދެ ގެއްލިއްޖެ އެވެ. އެ ބާރު މިނުގައި ގޮސް ގޯތި ތެރެއަށް ދަރިފުޅު ދޫކޮށްލާފައި މާނޭވާލަމުން އޭނާ ދުއްވައިގަތީ ގިފިއްޔަށެވެ. މޭނުބައިކޮށްކޮށްފައި މިފަހަރު ވެސް ލެވުނީ ލޭގެ ބޮޑު ގުޅަވަރެެކެވެ. މި އުނދަގުލަކަށް ފަހު ބޭރަށް ނުކުތްއިރު ރަތްރީނދޫކުލައިގެ ހެދުމުގައި ތިބި ހައެއްކަ އަންހެނަކު ގޯތީގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. އެމީހުން ތިބީ މޭވާ އާއި ތަރުކާރީން ފުރި ބަންޑުންވަމުންދާ ރިހިދޮލަނގުތަކެއް ހިފަހައްޓައިގެންނެވެ. އޭގެ ދޮލަނގަކުން ވިލާތު އަތައެއް ނަގައި އަނގަ ޖަހަން ދަލޭކާގޮމާ އޭރު ފަރިކޮށްލަނީ އެވެ.

މި މަންޒަރު ފެނިގެން އަނޮންދިޔޯ ބަރު ފިޔަވަޅުތަކެއްގައި ކުރިއަށް ޖެހުނީ ނުރުހިހުރެގެންކަން ހީވުމުން ދޮލަނގުތައް ބިންމަތީގައި ބަހައްޓާފައި އެމީހުންތައް ދުރަށް ޖެހިލައިފި އެވެ. އޭރު އިސްކޮޅުން ދިގު ފިރިހެނަކު ނިކަން މަޑުމައިތިރި މިޒާޖެއްގައި ހިނގާލާފައި އަންނަ މަންޒަރު ފެނެ އެވެ. ހަ ފޫޓަށް ވުރެން އިސްކޮޅުން ދިގު އެމީހާ، މެއާ ހަމައިގައި ދެ އަތް ހުރަސްކޮށް ގޮށެއް ޖަހާލައިގެން ނިކަން ހަމަޖެހިލާފައި ހުރެގެން މަޑުމަޑުން ހިނގާލާފައި އައިސް ދިޔޯއާ އަރާ ހަމަކޮށްލުމުން ރަތްރީނދޫ ކުލައިގެ ހެދުމުގައި ތިބި އަންހެނުންތައް އެނބުރިގެން ދުރަށް ހިނގައިގަތެވެ. މި ފިރިހެން މީހާ ހެދުން އަޅައިގެން ހުރި ގޮތުން އެންމެ ވައްތަރީ ޖަމާއަތެއްގެ އެންމެ އިސް މީހަކާ އެވެ. ފުއްޓަރާވީ ފަރާތުން ފެނުނު ފިރިހެން މީހާ އާއި ދޮލަނގުތައް ހިފައިގެން ތިބި އަންހެނުންތަކާ ވެސް ހިލާފަށް އޭނާ ހުރީ ގަދަ ރަތާއި ރީނދުލާއި ކަޅު ކުލައިގެ ފޮށައުތަކެއް އަޅައި ހަތަރެސް ފައި ވެސް ނިވައުކޮށްގެންނެވެ. މޭމަތީގައި ދެއަތް ގޮށްޖަހާލައިގެން ހުރިހެން ހީވިޔަސް ފޮށައުތަކާ އެކު އަތެއް ފައެއް ފެންނަވަރެއް ނުވެ އެވެ.

އަނޮންދިޔޯއާ އަރާ ހަމަކޮށް ނިކަން އަދަބުވެރިކަމާ އެކު ހީލަމުން މި މީހާ ބޯޖަހައިލި އެވެ. ދެން ބުނެތެވެ.

"އަހަރެމެންނަކީ ސައްދުންމަތިން އައިސް ތިބި ހާމުދުރުންގެ ބަޔަކީމުއެވެ. ތިބާގެ އަރިހަށް އަހުން މި އަންނަނީ ސުލްހަވެރިކަމާއި ފުރިހަމަވެގެންވީ އަދަބުވެރިކަންމަތީގަ އެވެ. އަހުންގެ ނަމަކީ ސިއްދަރްތަ އަނާލަޔޯ އެވެ. ތިބާގެ އެ ޖިފުޓީގައި އިފުރީންގެ ނުބައި މުޑުދާރުކަމެއް ފިލައި އެބައޮތެވެ."

އެ ބުނުމާއެކު ގައިން އަރައިގެން ދިޔަ ހީބިހިގަނޑަކާއެކު އެއްލި ކަޅިއަކުން ޖިފުޓީގެ އަނދިރިކަމަށް އަނޮންގްދިޔޯ އަށް ބަލައިލެވުނެވެ. ޖިފުޓި ތެރެއިން ފެންނަން އޮތް އަނދިރިކަމުގެ ތެރެއިން މީހެއްގެ ހިލުންވިހެން ހީވި ހިނދު ދަލޭކާގޮމަ ޖަހައިގަނެ ކައިރިއަށް ގެނެސް އުރައި ބައްދައިގަނެވިއްޖެ އެވެ. ދެން އަނެއްކާވެސް ބަލައިލެވުނީ ކުރިމަތީގައި ހުއްޓިލައިގެން ހުރި އިސްކޮޅުން ދިގު، ބޯ ތަލަ ފިރިހެން މީހާގެ މޫނަށެވެ.

އެއަށް ފަހު ހުރިހާ އެއްޗެއް ދޫކޮށްލާފައި ފަސްއެނބުރި ބެލުމެއް ނެތި އެމީހާގެ ފަހަތުން އަނޮންގްދިޔޯ އަށް ހިނގައިގަނެވިއްޖެ އެވެ. އެންމެ ކައިރީގައިވީ ބާރަކީ ކިހައި ނުބައި ބާރެއްކަން އަމިއްލަ އަށް ވެސް އިހްސާސްކުރެވޭތީ އެވެ. ނުވަތަ އެ ބިރުވެރިކަމެއްގެ އިންޒާރު ދޭން ހާމުދުރުންގެ ބަޔަކަށް އެނގުނީތީ އެމީހުންގެ ބާރުވެރިކަމާއި އިލްމަށް ހިތްޖެހި، ހިމާޔަތަށް ދަހިވެތިވެގެންނެވެ.

އެމީހުން ދިޔައީ ރަށުގެ އެއްކޮޅުން އަނެއްކޮޅަށެވެ. ސިއްދަރްތަ އަނާލަޔޯ އަކީ ރިޔައު ނެގި އޮޑިތަކުގައި އައިސް މި ރަށަށް އަރައި ފޭލިގޭ ޖަހައިގެން ތިބި ހާމުދުރުންގެ ޖަމާއަތުގެ އެންމެ އިސް މީހާ އެވެ. އެމީހުންނާ އެކު ގެނައި ގަބުރުތަކަކީ ސައްދުންމައްޗާއި ސުވާދީވާގެ ރަށްތަކުގައި ހިނގަމުންދާ ލޭ އޮހޮރުވުމުގައި ކަތިލެވިފައިވާ އިސް އެހެން ހާމުދުރުންގެ ހަށިތަކެވެ. މި ހަށިތައް އަންދައި އަޅިއަށް ހަދައި ރަނާއި ރިއްސާއި ކުދިބޮއްޔާއި ވަރުވަރުގެ ޝަންކުތަކާ އެއްކޮށް ހަތަރެސްކަން އެއްވަރު ފޮށިގަނޑުހެން ހީވާ ހިރިގަލުގެ ކުރު ސަންދޯކުތަކަށް އަޅައި މިހާރު އެމީހުން ތައްޔާރުވަމުން އެ ދަނީ ދާއިމަށް އެބައިމީހުންގެ ރޫޙުތައް ހަވިއްތާގައި ރައްކާކުރުމުގެ މަރުހަލާއަށެވެ. އެކަމަކު މިހާރު އެ މަރުހަލާ ފުރިހަމަކުރެވެން އޮތީ ކިޔެވެލިކިޔަވައި އެމީހުންގެ ހިސާބުގަނޑުގައި އިން ވެސް ކުރަހައިގެންނެވެ. ހީކުރިވަރަށް ވުރެން ނުބައި ބާރެއް އެ ރަށުގައި ގާއިމުވެ އޮތީމަ އެވެ.

މޫދުން ނަގައިގެން އެރުވި ހިރިގަލުން އެއް ބަޔަކު ބިސްތާނަ ރާނައި ފުޅާކުރަމުން ގޮސް ހަވިއްތައެއްގެ ދަރަޖަ އަށް ބޮޑުކޮށް އުސްކުރަމުންދިޔައިރު އަނެއް ބަޔަކު އަވަދިނެތި އުޅެނީ ފޭލިގޭތައް ޖަހާފައިވީ ހިސާބު ވަށައިގެން ވަށްބުރެއްގެ ސިފައަށް ހަތާގައު ޖަހައި އިން ވަކިކުރުމުގަ އެވެ. އަދި މި އިން ގާއިމުކުރުމަށް ފަހު އެއްވެސް ބަޔަކު އިމުން ބޭރުނުވުމަށް އޮތީ އަންގައިފަ އެވެ. ނަމަވެސް އޭގެ ހައެއްކަ ހަފުތާ ފަހުން އައި ސާދަވިލޭރެއަކާ ދިމާކޮށް ކުޑަކުޑަ ދަލޭކާގޮމާ ގެއްލިއްޖެ އެވެ. ގާތުގައި ބާއްވައިގެން ނިންދެވި އަންހެން ދަރިފުޅު ނެތްކަން އަނޮންގްދިޔޯ އަށް ރޭކާލީ ނިދީގައި އޮތްވައި މީހަކު ފަހަތުން އަރައި ބައްދައިގަތްހެން ހީވެ ސިއްސައިގެން ގޮސް ހޭލެވުނު ވަގުތުއެވެ. އޭރު ލައިގެން ހުރި ލިބާސްގަނޑާއި އަނދެގެން ހުރި ކަނޑިބުރިގަނޑު ވެސް އޮތީ ފަހަތުން ނިކަން ބޮޑަށް އިރައިގެން ގޮސްފަ އެވެ. އެހިނދު ހިތަށް ވެރިވި ބިރުވެރިކަމާ އެކު ތަންމަތިން ތެދުވަން ހިފާލުމުން އެންމެ ފުރަތަމަ ހިރިވެސް ނުލެވުނެވެ. ހީވީ އޮބިއަޅައި އެތަނުގައި ބަނދެލާފައި އޮތްހެންނެވެ. ދެން އަނެއްކާވެސް ލެވުނު ބާރެއްލާފައި ތެދުވަން ހިފައިލުމާއެކު ނެއްޓިގެން ދާ ކަހަލަ ބާރު މިނެއްގައި ގޮސް މި ކުޑަކުޑަ ފޭލިގޭ ތެރެއިން އަނޮންގްދިޔޯ އަށް ބޭރަށް ނުކުމެވިއްޖެ އެވެ. އިރައިގެން ގޮސްފައި އޮތް ލިބާސްގަނޑު ގަޔަށް ހެޔޮވަރުކުރަމުން ގޮސް ގަނެފައިވާ ބިރުގައި ތުރުތުރުއަޅަމުން ގޮސް އޭނާ އެންމެ ފުރަތަމަ ވެސް ރޯކޮށްލީ ފުޅިބައްތިއެކެވެ. އޭގެ އަލި މޫނަށް އެޅުނުއިރު ހާސްވެގެން އޮށްދައު ހިއްލާފައިވާ މޫނުމަތިން ހީވަނީ ދެ ލޯ ފުންމާލަން އުޅޭހެންނެވެ.

ފުޅިބައްތި ރޯކޮށް ފުރަތަމަ ވެސް ދިއްކޮށްލެވުނީ ނިދަން އޮތް ފޭލިގެއާ ދިމާލަށެވެ. އެތަނުގައި އިތުރު ބާރެއް އޮތް ހެން ހީވެގެންނެވެ. އެއީ ކުށްހީއެއްކަން އަމިއްލަ އަށް ގަބޫލުކުރެވޭހާ ވަގުތު އެ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ދިޔޯ ދުއްވައިގަތީ އެހެން ފޭލިގެތަކާ ދިމާލަށެވެ. ދެން ފެނުނީ އަޑުގެނެތްކޮޅަށް ދަލޭކާގޮމާގެ ނަމުން ގޮވައި ބިންމައްޗަށް ވެއްޓިގަނެ ހޭރެން ފެށި މަންޒަރެވެ. ވެއްޓުނު ފުޅިބައްތި ނިވި މިލަހަނދުވަރުގެ ފުސްކަން އަނެއްކާވެސް އެނބުރި އަތުވެއްޖެ އެވެ. ނަމަވެސް އަނޮންގްދިޔޯގެ އެހީ އަށް އެއްވެސް ފޭލިގެއަކުން އެއްވެސް މީހަކު ނުނިކުތެވެ. މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން މި ދެމައިންނަށް ހިމާޔަތް ދީގެން ތިބި ހާމުދުރުންގެ ހިލަމެއް ވެސް އެތަނަކު މިހާރު ނުވެ އެވެ. ބަދަލުގައި އެ އިމަށް ވެރިވެގަނެފައި ވަނީ ނުބައި އެހެން ބާރެކެވެ. އެ ދޮރު މި ނުބައި ބާރަށް ހުޅުވައިދިނީ މެންދަމުގެ ހަމަހިމޭންކަމުގައި ހޭލައިގެން ފޭލިގެއިން ނުކުމެގެން އިންހުރަސްކޮށް ދިޔަ ކުޑަކުޑަދަލޭކާގޮމާ އެވެ. ނުވަތަ އަނޮންގް ދިޔޯގެ ބަނޑުގައި ގަރަބަގެންފައިވާ ނުބައި ފުރާނައެވެ.

*** *** ***

ބަލިވެއިންކަން އަމިއްލަ އަށް ގަބޫލުކުރަން ބޭނުންނުވިޔަސް ފެންނަމުން ދިޔަ އަލާމަތްތަކަށް ލަފާކޮށް ހާމުދުރުންގެ ކިޔެވެލިކިޔަވާ މީހުން އެ ވާހަކަ ކިޔައިދިންގޮތުން އަނޮންގްދިޔޯގެ ހިތަށް އިތުރު ބިރުވެރިކަމެއް ވަނީ އެވެ. ގަބޫލުކުރަން ހިތް ކިތަންމެ ނޭދުނަސް އެ ހަގީގަތާއި ނުރައްކަލާ ބައްދަލުކުރަން އޭނާ ތައްޔާރުވާން މަޖުބޫރުކުރުވި ހިސާބަކީ އެއީއެވެ.

އެކަމަކު މިފަހަރު އެކަނިމާ އެކަންޏެވެ. އަނެއްކާވެސް އޭނާ އެކަނިވީ އެވެ. އެކަނިވެރިއަކަށް ބަދަލުވީ އެވެ. ލޯބީގައި މޮޔަވި ބައްޕަންކަކާ އަކީ އެއް އިރެއްގައި އޭނާގެ އެންމެ ބޮޑު އައްޑަނަ އެވެ. އެކަމަކު އެ އުއްމީދަށް ވީނުވީއެއް ނޭނގި ގެއްލުނުގޮތަށް އަދިވެސް ޚަބަރެއް ނުވެ އެވެ. އޭނާގެ ހިމާޔަތަށް ފަހު އަނޮންގްދިޔޯ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެމީހުންގެ ދަލޭކާގޮމާއެވެ. މަލެއްހެން ފޮޅުވައިގެން ހިމާޔަތް ދީގެން އުޅުނު އެ އަންހެން ކުއްޖާ ވެސް އެންމެފަހުން ބީވެގެން ދިޔައީ އެވެ. އަދި ދުވަހަކުވެސް ނަސީބުގައި ނެތް، އާއިލާއެއްހެން ހީވި ހާމުދުރުންގެ ޖަމާއަތް ވެސް ސާދަވިލޭރެއެއްގައި ގެއްލިގެން އެ ދިޔައީ އެވެ. ސުވަރުގެއެއްގެ އަރާމުހެން ހީވި މި ރަށް މަޑުމަޑުން ގޮސް ތުރާލަކަށް ބަދަލުވެ އަނޮންގްދިޔޯ އެއްކޮށް މި މުސީބާތުގައި އެކަނިވީ އެވެ. ވެރިވި ހިތްދަތިކަމުގައި އޭނާ އަށް ގަބޫލުކުރެވުނީ މިހެންނެވެ. މާތް ރަސްކަލާނގެ މަތިން އަނެއްކާވެސް ހަނދާންވެ ދެ ކަކޫ މައްޗަށް ވެއްޓިގަނެވުނީ ދެނެވެ.

އެކަމަކު އަނޮންގްދިޔޯ އަށް އެހީގެ އަތެއް ދެން ދިއްކޮށްލާނީ ވެސް ވަކި ކާކު ހެއްޔެވެ؟ އޭނާ އަށް ހިމާޔަތާއި ލޯބި ދިން އެންމެން ގެއްލި ހުސްވީ އެވެ. އަނެއްކޮޅުން މުސީބާތެއް ކުރިމަތިވާ ކޮންމެފަހަރަކު މާތް ރަސްކަލާނގެ މަތިން ހަނދާންކޮށްފައި އެ މުސީބާތަކުން މިންޖުކުރެއްވުމާއެކު މާއްދީ ޖާދޫގައި ޖެހި އިޔަހޫދިކަމާއި އަމިއްލަ އެދުން ކުރިއަށް ނެރުން އާދަވެފައިވާ އަންހެނަކަށް އެހީވާން ބޭނުންވާނީ ވެސް ވަކި ކާކު ހެއްޔެވެ؟ އެކަމަކު ދެން ތިބީންގެ ބަދުނަސީބަކީ އަނޮންގްދިޔޯ އާއި އޭނާގެ މުސީބާތާއި އަމިއްލައެދުމާއި ހާލާތަކީ ކޮބައިކަން ވަކިކުރަން ނޭނގުމެވެ. އަދި އެ ޖިސްމުގައި ފޮރުވިފައިވީ ނުބައި ބާރަކުން ދައްކާ ރީތިކަމެއްގެ އަވާގައި ޖެހި، ބެދި ބަނދެވިގެންދާ ފަސޭހަކަމެވެ. ނަމަވެސް ބައްތިރީސް ދުވަސް ފަހުން ބޮޑެތި ނައު އޮޑިފަހަރުތަކުގައި އައިސް މިރަށަށް އެރި އިސްލާމީ ލަޝްކަރެއްގެ ބަޔަކާއެކު އަނޮންގްދިޔޯގެ ދިރިއުޅުމުގެ ސަމުގާ އަނެއްކާވެސް އެހެން ދިމާލަކަށް އެނބުރި ތެޅިގަތީ އެވެ. ޖިފުޓި ތެރެއަށް ވެރިވި އަނދިރިކަމުގެ ތެރެއަށް އޭނާ ގެއްލެމުން ދަނިކޮށް ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނީ ސައްދުން މައްޗާއި ސުވަދީވާ ފަތަހަކޮށް އިސްލާމީ ކިއްލާތައް އެތަނުގައި ގާއިމުކޮށް، އިސްލާމީ އަލިގަދަ ދަންމަރު ހިފައިގެން އައި ލަޝްކަރުގެ މީހުންނެވެ.

ހާމުދުރުންގެ އޮޑިފަހަރުތައް ފެނިގެން އިސްލާމީ ލަޝްކަރުގެ މީހުން ރަށަށް އެރީ ސީދާ ހަނގުރާމައަކަށް ތައްޔާރުވެގެންނެވެ. އެކަމަކު އެއްވެސް ލޭ އޮހޮރުވުމަކާ ނުލައި އެއްއޮތް ބޮޑު ރަށް އެމީހުންގެ ބާރުގެ ދަށަށް ގެންދެވުނީ އެވެ. ރަށުގައި ހާމުދުރުންގެ ޖަމާއަތުން އިން ކުރަހައިގެން ވަޒަންވެރިވެގެން އުޅުނު ހިސާބުގައި އެމީހުންގެ ފޭލިގެތަކާއި މުދަލާއި ހިފައި ގެންގުޅުނު އެހެން ހުރިހާ އެއްޗެހިތަކެއް ވެސް ހުއްޓެވެ. ނަމަވެސް މުޅި ރަށުގައި އަތްފުނާ އަޅައިގެން ވެސް އޭގެ އެއްވެސް ހާމުދުރަކު ފެންނަގޮތެއް ނުވި އެވެ. މި އިސްލާމީ ލަޝްކަރުގެ މީހުންނަށް އަނޮންގްދިޔޯ ފެނުނީ ރަށްކުޑަކޮށް އެމީހުން ހިންގި މި ހަރަކާތުގެ ތެރެއިންނެވެ. އޭނާ އޮތީ ފޭލިގެތައް ދޫކޮށް ކުރިން ވެސް ދިރިއުޅުނު ވައުބޮޑު ހިސާބުގައިވީ ބައު ޖިފުޓިގަނޑަށް ވަދެ އެތަނުގެ މުޑުދާރުކަމާއި އަނދިރިކަމަށް ގެއްލިފަ އެވެ. ރީތިކަމާއި ޒުވާންކަމުގައިވިޔަސް އޭގެ އެއްވެސް ސިފައެއް ނުފެންނަ އަނދިރިކަމެއް އޭނާގެ މައްޗަށް ވެރިވެގަނެ ބަލިކަށިކޮށްލާފައިވާ ކަހަލަ އެވެ. ބަނޑުވެސް ހިސާބަކަށް ބޮޑެވެ.

އެ ހާލަތުން ނަގައިގެން އެންމެ ފުރަތަމަވެސް އޭނާ ގެންދެވުނީ އިސްލާމީ ޖަމާއަތުގެ އެދުރުބޭކަލުންގެ ގާތަށެވެ. އެމީހުންގެ ތެރެއިން ޙަކީމުންގެ ބޭކަލުންތަކަކާ ހަވާލުކޮށް ފަރުވާ އަށް ދޫކޮށްލިތާ ހަފުތާއެއް ފަހުން އަނޮންގްދިޔޯގެ ގައިގައި ވަރުޖެހި ވާހަކަ ދެއްކޭވަރުވެއްޖެ އެވެ. ދެން އޭނާއާ ހަވާލުވީ ފަންޑިތަވެރިއެކެވެ. އެއްކޮށް ރަނގަޅުވި ކަމަށް ބަލައި ރަށުގައި އާބާދުވި މީހުންނާ އެކު އުޅެން އޭނާ ދޫކޮށްލީ އޭގެ ދެ ތިން މަސް ފަހުންނެވެ. ބުނެދޭން ނޭނގޭ ފާޑަކަށް ފުފި، ބޮޑުވަމުން ދިޔަ ބަނޑަށް ކުރިމަތިވަމުން ދިޔަ އުނދަގުލާއި އޭގެ ސަބަބުން މޭނުބައިކޮށް ހޮޑުލެވި ވަރުދެރަވި ތުރާތަކުން ވެސް އޭރު އޭނާ އެއްކޮށް މިންޖުވެއްޖެ އެވެ. ނިދީގައި އުނދަގޫކުރާހެން ހީވި ބާރުތަކާއި އަތްތަކުގެ ކިބައިން ވެސް އެއްކޮށް ސަލާމަތްވެއްޖެ އެވެ. އެކަމަކު އެއަށް ވުރެން ބޮޑު އުފަލަކަށްވީ ވީނުވީއެއް ނޭނގި ގެއްލިފައިވީ ދަލޭކާގޮމާ ފެނުނު ޚަބަރު ލިބުނު ދުވަހެވެ. ގެއްލުނުތާ ހައެއްކަ މަސް ފަހުން އޭނާ ފެނުނީ އަނޮންގްދިޔޯ އެ ރަށުގައި ކުރިން ވެސް ދިރިއުޅުނު ޖިފުޓީގެ ގޯތީގެ ތެރެއިންނެވެ. އޭނާ ފެނުނީ ރާބޭލުމަށް ރުކަކަށް އަރައި އޮތް ރާވެރިބެއަކަށެވެ.

ރުކުގައި އޮތްވައި ކުޑަ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑުއިވިގެން އެ ދިމާލަށް ގޮސް ބެލިބެލުމުން އެންމެ ފުރަތަމަ ރާވެރިބެ ހީކުރީ އެއީ ރަށުގައި އަލަށް އާބާދުވެފައިވާ އާއިލާއެއްގެ ބަޔަކާ އެކު ދަރުހޮވަން ވަލަށް އައިސް އުޅެނިކޮށް މަގުއޮޅި ގެއްލިފައި ހުރި ކުއްޖެއް ކަމަށެވެ. އެކަމަކު ރަށުގެ މި ހިސާބަކީ މީހުން ދަރުހޮވަން އަންނަ ހިސާބެއް ނޫންކަމާއި މީހުން އެއްގޮތަކަށް ވެސް އައިސްނޫޅޭ ހިސާބެއްކަން އެނގުމުން ރާބެގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަނެވެ. އަދި ގަސްތަކުގެ ތެރެއިން ގޮސް، އެ ކުއްޖެއްގެ ރުއިމުގެ އަޑު އަންނަ ދިމާލަށް ނުކުމެވުނުއިރު އެތަނުން ފެންނަންހުރި ބައު ޖިފުޓިގަނޑާއި އެ ކުޑަ ގޯތިތެރެއަށް ވެރިވެފައި އޮތް ފަޅުކަން ފެނި ރާބެގެ ފިޔަވަޅުތައް ވެސް ހުއްޓުމަކަށް އައެވެ.

ނަމަވެސް އެންމެފަހުން ބިރުކަނޑާލާފައި ގޮސް ޖިފުޓިތެރެއަށް ބޯދިއްކޮށްލުމުން ރާބެއަށް ހީވީ އެތަނަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއިން ކުޑަ މިނިކާވަގެއް ފުންމައިގެން އައިސް އޭނާގެ ކަރުގައި ދަތް އަޅައި ވަކިތައް މުޅި ހަށިގަނޑަށް ހަރާލިހެންނެވެ. ކުރިމަތިވި ނުރައްކަލުން ސަލާމަތްވުމަށް ތެޅިގަނެވުނު ގޮތަކުން ޖިފުޓިން ބޭރަށް ނުކުމެވި ފިޔަވަޅުތައް ހަމައިން ނެއްޓި އެންމެފަހުން ކަށިވެލިގަނޑު މައްޗަށް ރާބެ ވެއްޓިއްޖެ އެވެ. އަދި ޖިފުޓިތެރެއިން ފުންމައިގެން ގޮސް ބޮލަށް އަރައި އޮތް ކުޑަ އަންހެން ކުއްޖާގެ އިސްތަށިގަނޑުގައި ހިފުނު ބާރަކަށް ހިފައި ލެވުނު ބާރެއް ލާފައި ހޫރާލެވުނު ދިމާލަކަށް ހޫރާލެވިއްޖެ އެވެ. ރާބެ އަށް ހަމަނޭވާ ލެވުނީ ދެނެވެ.

އެއަށް ފަހު ވެރިވި ހިމޭންކަމާ އެކު ދެން އިވެންފެށީ އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑެވެ. ތަންކޮޅެއް ދުރަށް ވެއްޓި އަނގަވަތަށް ޖެހިފައި އޮތް މި އަންހެން ކުއްޖާ އަށް ދެވުނު އަނިޔާއާ މެދު ހަމްދަރުދުހީވެ ރާބެ ފުންމައިގެންފައި ތެދުވިއްޖެ އެވެ. އަދި ކުރުފިޔަވަޅުތަކެއްގައި ގޮސް އެ ކުއްޖާ ނަގައި އުރާލެވުނެވެ. އެވަގުތު ރާބެ ގައިގައި މި ކުއްޖަކު ބައްދައިގަތް ބާރުކަމާއި ލޯބިކަމުން އޭނާ އަށް ހީވީ ކޮނޑުމައްޗަށް ދަރިއަކު އުފަންކުރުވިހެންނެވެ.

އެކަމަކު އެ އަންހެން ދަރިއަކީ ވަލު ޖިފުޓިގަނޑުން ފެނުނު އަނޮންދިޔޯގެ ދަރިއެއްކަން އެނގުނު ހިސާބުން އިސްލާމީ މި އާބާދުގެ ބޮޑުންނާއި ޚަކީމުންނާއި ފަންޑިތަވެރިންގެ މެދުގައި ނިކަން މައްސަލަ ބޮޑުވެ އެމީހުންގެ މައި ދަރުބާރަށް އަނޮންގްދިޔޯ ހާޒިރުކުރެވިއްޖެ އެވެ. އޭރު އޭނާ އެމީހުންގެ ތެރޭގައި އުޅެމުން ދިޔައީ ނަމާއި އަސްލު ވެސް އޮޅުވާލައިގެން، އާމިންދީ ނަމަކަށްކިޔާ ހުވަދު އަންހެނެއްގެ ގޮތުގަ އެވެ. ބޮއްކުރާއެއްގައި އެކަނިމާއެކަނި ސުވާދީވާއިން ނުކުމެ އުޅެނިކޮށް ބެހެމުން އައިސް މިރަށަށް ލައްގައި ގެއްލުނީ ކަމަށް ބުނެ ބޮޑުވެގެންވީ އޮޅުވާލުމަކުން އެންމެނަށް އޮޅުވާލައިގެންނެވެ. ނަމަވެސް ބަނޑުއަޅައިވިހޭ ދަރި، ވީނުވީއެއް ނޭނގި ގެއްލުނުތާ ހައެއްކަ މަސް ފަހުން ދިރިހުއްޓާ ފެނުމުން އިތުރު އޮޅުވާލުމެއް އޮޅުވާލަން އަނޮންގްދިޔޯ އަށް ނުކެރުނީ އެވެ. މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ފެނި ހިތަށް އަނެއްކާވެސް ބިރުވެރިކަމެއް ފޭދުނީއެވެ.

އެހިސާބުން ފެށިގެން ބައްޕަންކަކާއާ ހަމައިން ފަށައިގެން ދިރިއުޅުމުގެ ހުރިހާ ވާހަކައެއް އޭނާ އިސްލާމުންގެ ދަރުބާރުގައި ކިޔައިދީ މައާފަށް އެދި ރޮއިގަތީ އެވެ. ނަމަވެސް މި މުސީބާތުގެ އަސްލު އޭނާ ދެންވެސް ކިޔައެއްނުދިނެވެ. އޭނާގެ އަސްލާއި ނަސަބު އެނގިއްޖެ ނަމަ ބޯބުރިކޮށްލަފާނެ ކަމަށް ބިރުންނެވެ. އެމަކަމު އަނޮންގްދިޔޯގެ ކިބައިން އިތުރު އެއްވެސް ކަމަކަށް ދަރުބާރުގެ ވެރިންނާއި ރަށުގެ ބޮޑުން ދެން ނޭދުނެވެ. އެމީހުންގެ ހަމައެކަނި އެދުމަކަށްވީ މާތްރަސްކަލާނގެ ދެއްކެވި މަގު ގަބޫލުކޮށް، އެ މަގުގައި ތެދުވެރިވެ ސާބިތުކަމާ އެކު ރަށުގައި އެހެން މީހުން ފަދައިން އާބާދުވެ ދިރިއުޅުމަށެވެ. އެއަށް ފަހު މިދެމައިންނަށް ބޯހިޔާވަހިކަމާއި ބަނޑުފުރާމުއްތިކުރެވޭނެ ގޮތެއް ހޯދައިދޭނެ އާއިލާއަކަށް ގޮވާލެވުނު ހިނދު އުފަލާއެކު ދެ އަތް ހުޅުވާލައިގެން ގޮސް އެމީހުން ބަލައިގަތީ ރާބެއެވެ.

ބައްޕަންކަކާ އަށް ފަހު އަނޮންގްދިޔޯގެ ހިތުން ލޯބީގެ އެހެން ގަހެއް ފަޅައި، އެ ގަހުގައި މައު އަޅައި އެއިން މޭވާ ލިބޭ ދުވަހެއް ހަޔާތަށް އަތުވެދާނެ ކަމަކަށް އޭނާގެ ތަސައްވުރަށް ވެސް ގެނެވިފައެއް ނުވެ އެވެ. ނަމަވެސް ރާބެގެ ހިޔަލާއި އޯގާވެރިކަމުގެ އިމަށް ގޮސް ވަދެވުމުން އަނޮންގްދިޔޯގެ ދިރިއުޅުމުން މުޅިން އެހެން ބާބެއް ފެށުނީ އެވެ.

އެ ދިރިއުޅުމުގައި އުވަފާރުލެވި، ޓިނު ފުރާޅުލެވި ފުރިހަމަވެގެންވީ އާއިލާއެއްގެ ހިޔާ ލިބުމުން ރާބެއާއެކު އުފަލުގެ އެނދަށް ވެއްޓިގަތުމުގެ ކުރިން އަނޮންގްދިޔޯ ނިންމީ އޭނާގެ ހަޔާތް އެކި ފަހަރުމަތިން އަނދިރިކޮށްލި އިފްރީންގެ ނުބައިކަމަށް ހަޔާތުގެ ދޮރު ތާއަބަދަށް ބަންދުކޮށްލާށެވެ. ރޫފައިގެ ނަލަކަމާއި އޮމާންކަން ގެއްލި ނަސަބާއި އަސްލުގެ ސިއްރުތައް ބޭޒާރުވިޔަސް އަނޮންގްދިޔޯ ނިންމީ އިފްރިންފިރާ އަށް ދެން އެއްވެސް ފުރުސަތެއް ނުދިނުމަށެވެ. އެކަމަށް ނިޔަތް ގަނެ އައްޑޫ އަތޮޅުން ގެނައި ބާރުގަދަ ފަންޑިތަވެރިއެއްގެ އެހީއާއެކު ގޯތި ތެރޭގައި ވަޅުގަނޑު ކޮނެ ރަތްތަގައްލާ ފޮތީގައި މައިތިރި ވަޅުލީއެވެ.

އެ މައިތިރި ފާހަގަކުރުމަށް އެހިސާބުގައި ކިޔެވެލިކިޔަވައިގެން އިންދި ޖަމްބުގަސް ހަދިޔާކުރީ އަންހެން ދަރި ދަލޭކާގޮމާއަށެވެ. އެއަށް ފަހު ގޯތި ވަށައިގެން އުވަ ފާރު ރާނައި ނިންމުމަށް ފަހު މި ގެއަށް ރާބެ ދިން ނަމަކީ ޖަމްބުމާވިލާ އެވެ. އޭގެ އަހަރެއް ދެ އަހަރެއްހާ ދުވަސް ފަހުން ރަށުގެ މި ހިސާބުގައި އެހެން މީހުން ވެސް އާބާދުވާން ފަށައިފި އެވެ. އެގޮތަށް އައިސް އާބާދުވި ފުރަތަމަ އާއިލާ އަކީ މުދާވެރިކަމާއި ބާރުވެރިކަމަށް މަޝްހޫރު ކެލިދުރު ކަލޭފާނާއި އޭނާގެ އަނބިންނެވެ. ސައްދުންމައްޗާއި ސުވާދީވާ އާއި އައްޑޫއިން އިނދެގެން ގެނައި ތިން އަނބިންނަށް ފަހު އޭނާ އޭރު ދިޔައީ ހަތަރު ވަނަ އަންބަކަށް ފަރިވަމުންނެވެ. މިސްކިތާއި މަކުތަބާއި އެދުރުގެތައް ރަށުގައި ހުޅުވައި ބާރުގަދަކޮށްލިތަނުން މި ކެލިދުރު ކަލޭފާނުގެ ލޮލުގައި އަޅައިގަތީ ޖަމްބުމާވިލާގައި ފަރިވެ ފޮޅެމުން ދިޔަ ކުޑަކުޑަ ދަލޭކާގޮމާ އެވެ. (ނުނިމޭ)