ކަޅުކަނޑުގެ ބާނިތަކާ އެކު ހިމޭންކަމުގައި ނަށަމުން ދާ ދުންފިނީގެ ފަށަލަތަކުގެ ތެރޭގައި ހީވަނީ ހަތަރެސްފައި ދިގު ދެޔޯއިންގެ ނުބައި ބާރުތަކެއް ތާށިވެ ނޭވާ ހާސްވެގެން އުޅޭހެންނެވެ. ފުރޭތަ އާއި ދެޔޯއިންގެ ސިފަތަކަށް ބަދަލުވަމުން ދިޔަ އެ ބޯދުންފިނިގަނޑު އޭގެ ބަރުހެލިކަމުގައި ރާޅާއަޅަމުން ގޮސް އެންމެފަހުން ރަށު ތެރެއަށް އަރައި ފިރުކިގަތެވެ. ފަތިހުގެ ފިނީގައި ނިދައި މަރުވެފައި އޮތް ބިންގަނޑު އެއާއެކު ހޭލައިފި އެވެ. ނަމަވެސް ގައިމަތީގައި ދެމެމުން ފެތުރެމުންދާ މުސީބާތަކީ ކޮބައިކަން ނޭނގި އެ ބިންގަނޑު އެ އޮތީ އަދިވެސް ހިމޭންވެފަ އެވެ.

ގޮނޑުދޮށް ދިއްލަމުން ދިޔަ ރެދަންތަކުގެ ޝިކާރަ އަށް ނުކުމެ ތިބި ކަކުނިތައް ހޮރުތަކަށް ވަދެ ފިލައިފި އެވެ. ބީއްސަމުންދާ ރާޅާއި އެނބުރެމުންދާ ރޯޅިތަކާ އެކު ހީވަނީ ގަސްތަކުގައި ވޭންވަރެއް އަޅައިގެން އުޅޭހެންނެވެ. ފުއްޓަރާ ހަމައިން ފެށިގެން ގޮސް ހޭޅިފަށާ ހަމަ އަށް އުޑުގައިވީ ވިލާތައް ވެއްޓި ވަގުތު އެތަނަށް ހުއްޓިފައިވާ ކަހަލަ އެވެ.

ބަނޑިބަނޑިޔަށް ކުކުރެމުންދާ ގަސްތަކުގައި ކޭއްތި ހާވިޔާވަމުން ދިޔަ ދުންފިނިގަނޑު ގޮސް މަޑުމަޑުން ދެމެން ފެށީ ހޭޅިފަށުން ފެންނަން ހުރި ގެއެއްގެ ތެރެއަށެވެ.

ހިސާބުގަނޑުން ފެންނަން އޮތް ހަމައެކަނި އައްޔަކީ އެ ގޭގެ ފެންޑާގައި އެލުވާފައި އޮތް ފުޅިބައްތި އެކެވެ.

އެއީ ހިރިގައު ޖައްސައިގެން ކަޅުވަކަރު އަޅައި ތޮށަލިން ހިޔައުކޮށްފައިވާ ކުޑަކުޑަ ގެއެކެވެ. އެނދުއަށީގައި ނިދައި މަރުވެފައި އޮތް ކޮރޮލީރަހާ އަށް ކުއްލިއަކަށް ހޭލެވުނީ ގާތަކާއި ތޮށަލީގެ ތެރެއިން އެތެރެއަށް ދެމެމުން ދިޔަ ފުސްކަމުގެ ގަދަ ފިނީގެ ބޮސްދިނުމަކަށެވެ.

ފައިގެ އިނގިލިތަކުގެ ކުރިއަށް ތޫނު ކަށިތަކެއް ހަރާލިހެން ހީވި ވަގުތު އޭނާ ފުންމައިގެން ތެދުވިއްޖެ އެވެ.

ނަމަވެސް އޭނާގެ ދެ ލޮލެއް ނުހުޅުވެ އެވެ. ދެ ލޯ ނުވެސް ނެތީ އެވެ.

އެއް ޒަމާނެއްގައި މި ދުނިޔޭގެ އަޖާއިބުތަކެއް އޭނާ އަށް ދެއްކި ދެ ލޯ ހުރި ތަނުގައި މިއަދު ހެދިފައި އެ ވަނީ ބޮޑު ދެ ލަކުނެވެ. އެކަމަކު ވެރިވަމުން އެދާ ނާމާންކަން އޭނާ އަށް ސާފު ބިއްލޫރިގަނޑެއް ފަދައިން ފެންނަ ކަހަލަ އެވެ.

ނަމަވެސް ކޮރޮލީރަހާގެ ހިތުގައި ޒައްރެއްގެ ބިރުވެރިކަން ވެސް ނެތެވެ.

ކުރަކިވެ ރޫޖެހިފައިވާ މޫނުގައިވީ އެކަނިވެރިކަމާ އެކު އޭނާ އެނދުން ތެދުވެ، ގޭތެރެއަށް ވެރިވެގަނެފައި އޮތް ދުންފިނިގަނޑުގެ ތެރެއިން ހިނގައިގަތެވެ. މަޑުމަޑުން ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު ދުންފިނިގަނޑު ބިރުން ތުރުތުރުލަމުން ދުރަށް ޖެހެމުން ދިޔަ އެވެ.

ހިތުދަސްކޮށްފައިވާ ފަރިތަ ފިޔަވަޅުތަކެއްގައި ގޮސް އޭނާ ގޭގެ ދޮރު ހުޅުވާލި އެވެ. އެލުވާފައި އޮތް ފުޅިބައްތީގެ ހޫނު އައިސް ކޮރޮލީހަރާގެ ގައިގައި އެވަގުތު ބައްދައިގަތެވެ. މުންޑުގަނޑު ކޮށިކުރަމުން ގޮސް އޭނާ ފޭބީ ހޭޅިފަށާ ދިމާލަށެވެ. ލޯކަނު މުސްކުޅިއެއްގެ އެއްވެސް އަސަރެއް އޭނާގެ ކިބައިން ނުފެނެ އެވެ. ލޮލަށް ނުފެނުނަސް، ލޮލަށް ފެންނަ މީހަކަށް ވުރެ ވެސް އޭނާ މާ ހުސިޔާރެވެ.

ކޮރޮލީރަހާ ކުރިއަށް ޖެހެމުންދިޔަ ވަރަކަށް ދުންފިނީގެ އަސަރު ދިޔައީ ހިސާބުގަނޑުން ފަނޑުވަމުންނެވެ. އޭނާ ގޮސް މަޑުކޮށްލީ ހިރިގަލުގެ ފާލަން ކޮޅުގަ އެވެ.

ވައިގެ ތެތްކަމުގައި ވަނީ ކަޅުކަނޑުގެ ގަދަ ފިނިކަމެވެ. ފުއްޓަރާ ދިމާލަށް ބިންދަމުންދާ ރާޅުތަކުގެ ލޮނުވަހެވެ. އެ ދިމާލުގައި މަޑުކޮށްލައިގެން އޮތް ދުންފިނިގަނޑު ކޮރޮލީރަހާ އަށް ސާފުކޮށް ފެންނަ ކަހަލަ އެވެ. ނަމަވެސް އެ ދުންފިނިގަނޑުގެ ތެރެއިން ފައުޅުވަމުން އެދާ ރަން ރީނދޫ ކުލައިގެ އަލި ގުޅަތަކުގެ އިންޒާރު އޭނާ އަށް ދޭނެ ލޮލެއް އޭނާގެ ނެތެވެ.

ފުއްޓަރާ ދިމާލަށް ކޮރޮލީރަހާގެ އެއް އަތް ދިއްކޮށް ވާންކޮށްލި އެވެ. އެ ދިމާލުން އޭނާ އަށް އިހުސާސުވަނީ ގުރާބެއްގައި ދަތުރުކުރަމުންދާ ޒުވާން އަމީރެއްގެ ހިތުގެ ތެޅުމެވެ. ނުވަތަ އެއީ ބޮއްކުރާއެއްގައި ބެހެމުންދާ މީހެއްގެ ހިތެވެ. ނަމަވެސް ގާތްވަމުން އެދާ ރަން ރީނދޫކުލައިގެ އަލި ގުޅަތަކުގެ އަސަރެއް އޭނާގެ އިނގިލި ކުރިއަކަށް ނުފޯރަ އެވެ.

*** ** ***

ކޮރޮލީރަހާގެ ބައްޕަ އަކީ އަޖިދައަށްކޮރޮލައި އުޅުނު ފަންޑިތަވެރިއެކެވެ. އެއީ ހިތާޑޫ ކޮރޮވަލުގައި އިރަށް އަޅުކަން ކޮށް އުޅުނު ކޮރޮލީ ދަރިކޮޅެވެ. އިންސާނުންގެ ސިފައިގައި ވިޔަސް އެއަށް ވުރެ މުޑުދާރު މަހުލޫގުންތަކެކެވެ. އިރު އެއީ ކަލެއް ކަމަށް ގަބޫލުކޮށް އެ ފަރާތުން މަދަދަށް އެދި ފަންޑިތަހެދި ވަރުގަދަ ކަންވެރިއެކެވެ.

ޖިންނި ޝައިތާނުންގެ ކެހިވެރި ދުނިޔެ އަށް އޭނާ ގެއްލުނުއިރު އެ ރަމަލުވެރި ކޮރޮބެޔާގެ ހުރި ހަމައެކަނި ފިރިހެން އައުލާދަކީ މި ކުޑަކުޑަ ކޮރޮލީރަހާ އެވެ.

ސާދަވިލޭރެއެއްގައި ޖިފުޓިގަނޑުން ނުކުމެގެން ދިޔަ ގޮތަށް ވީނުވީއެއް ނޭނގި ކޮރޮބެޔާ ގެއްލުމުން ކޮރޮވަލުގައި މި އާއިލާ ކުއްލިއަކަށް ބިކަވެއްޖެ އެވެ. އެއީ ސުންޕާވެރިކަމެއްގެ ފެށުން ކަމަށް ބުނެ ކޮރޮލީ ދަރިކޮޅުގެ އެހެން އާއިލާތައް ބެޔާގެ އަންހެނުން، ތުއްބީމަނިކާއި އޭނާގެ ތިން ދަރިން އެކަހެރިކޮށް ބާކީކޮށްލައިފި އެވެ. އަދި ކޮރޮވަލުން ވެސް ފައްސާލައިފި އެވެ.

ކިރުބޯ ދެ އަންހެން ދަރިންނާއި ކޮރޮލީރަހާ ގޮވައިގެން ގޮސް ތުއްބީމަނިކަ ދެން ވަޒަންވެރިވީ ރަށުގެ މާކުޅިއާ ޖެހިގެން އޮތް ކުޑަ ރަށެއްގަ އެވެ. އޭރު މި ކޮރޮލީރަހާގެ އުމުރުން ހަތެއް ވެސް އަދި ނުފުރެ އެވެ. ނަމަވެސް އުމުރާ ނުބައްދަލު ޒިންމާތައް ކުޑަކުޑަ ރަހާގެ ކޮނޑުގައި އެޅި ދުނިޔެ އަށް ރަނގަޅަށް ހޭލައި ބޮޑު މީހަކަށް ބަދަލުވާން އިސާހިތަކު އޭނާ އަށް މަޖުބޫރުވި އެވެ.

އެކަމަކު ބައްޕަ ވަކިވެ ދިއުމުގެ ހިތާމަ އިން މިންޖުވާ ގޮތެއް ދެން ވެސް ނުވި އެވެ. ދަސްވެފައި ހުރި އިލްމަކުން، ދަސްވެފައި ހުރި ގޮތަކަށް، އަޖިދައަށްކޮރޮލައި ދެ ކަކޫ މައްޗަށް ވެއްޓި ރޮއި އާދޭސްކޮށްގެން ވެސް އެ ބައްޕަގެ ހަމަ އެއްވެސް ޚަބަރެއް ވާގޮތެއް ނުވި އެވެ.

ރަހާމެންގެ ޖިފުޓިއާ މާ ދުރު ނޫން ހިސާބެއްގައި ޕަރީފެންގަނޑެއް އޮވެ އެވެ. ބޮޑުކުޅިއަށް ނިސްބަތްވާ މި ޕަރީފެންގަނޑުގެ ވާހަކަތައް ރަހާ އަށް އެންމެ ފުރަތަމަ ކިޔައިދިނީ އޭނާގެ ބައްޕަ އެވެ. އެއީ ގުރުބާން ނަދުރަށް ހާއްސަވެފައިވާ ފެންގަނޑެކެވެ. އަދި ކަޅުފޮއެ ރޭތަކުގައި އެ ފެންގަނޑުން ފާޅުވާ ކަމަށް ބުނެވޭ ބޮއެލޯމާ ފުރޭތަ އަކީ ނަދުރުވެރިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ދެޔޯ އެކެވެ.

ނަމަވެސް އަޖިދަވެރިން އެ ފެންގަނޑާ ގާތްނުވުމަށް އަބަދުވެސް އެ ބައްޕަ ނަސޭހަތްތެރިވި އެވެ.

ބޮއެލޯމާ ފުރޭތަ އެންމެ ފުރަތަމަ ފާޅުވާން ފެށީ ކޮރޮލީރަހާގެ ހުވަފެންތަކަށެވެ. ބައެއް ރޭރޭ އޭނާ އަށް ހޭލެވޭއިރު ނިދީގައި ހިނގަމުން ގޮސް ޕަރީފެންގަނޑަށް ނުވެއްޓި އޮންނަނީ ކިރިޔާ އެވެ.

އަލިފާންކޮކާތައް ރަންކުލައިގެ ދަޅަ އަޅުވަމުން އޭނާ ހައްލަމުން ދެ އެވެ. ނިކަ ގަސްތަކުގެ ތެރޭގައި ފިލައި ތިބެ ރަފީގުތައް ކުޅެމުންދާ ރާގުތަކުން މުޅި ޖަންގަލި އޮންނަނީ ގުގުމާލަ ގުގުމާލަ އެވެ. އަނެއްބައި ރޭރޭ އޭނާ އަށް ހޭލެވޭނީ މީހަކު މަޑުމަޑުން ކަންފަތްދޮށުގައި ގޮވާ އަޑަށެވެ.

ސިއްސައިގެން ގޮސް ހޭލެވޭއިރު ގައި މައްޗަށް އަރައި އިންނަނީ ލޯ ނެތް މުޑުދާރު ފުރޭތަ އެކެވެ. ދެ ލޮލުން ދޮސް ފައިބަނީ އެވެ. އަނގައިން ޗޯ ފައިބަނީ އެވެ.

މި ބިރުވެރި ހުވަފެންތަކާއި ގޮވެލިތަކާއި ފެނުންތަކަށް ހަނދުމަހެއް ފާއިތުވެގެން ދިޔަތަނުން ކަޅުފޮއި މޫސުމުގައި ކޮރޮލީރަހާ މި ޕަރީފެންގަނޑަކަށް ގުރުބާންތައް ކަތިލަން ފަށައިފި އެވެ. އޭނާ އަށް ފެންނަ ހުވަފެނުގައިވީ ދެޔޯއާ އަސްލަށް ބައްދަލުކުރުމަށް ހިތުގައި އުފަންވި އެދުންވެރިކަމެއްގެ ބޮޑުކަމުންނެވެ. ބައްޕަގެ އިންޒާރުތަކަށް އެއްވެސް ބެލުމެއް ނެތި އެވެ. އެކަމަކު ބައްޕަ އަށް ވީ ގޮތެއް ހޯދުމުގެ ދަހިވެތިކަމުގަ އެވެ.

ތިން މަހާއި ފޮއި ނިމިގެން ބައްދަލުކުރި ކަޅުފޮއި މޫސުމުގެ ފުރަތަމަ ޝުކުރުދުވަހުގެ ރޭގައި އެންމެފަހުން ބޮއެލޯމާ ފުރޭތަ ފެންގަނޑު ތެރެއިން ފާޅުވެއްޖެ އެވެ. އެއީ ސިފައިން ހުތުރު ޖިންނި އެކެވެ.

އިސްކޮޅުން ކުރުވެފައި ފަލަ އެވެ. މުޅި ގައިން ކަށިތައް ފަޅައި ނުކުމެފައިވެ އެވެ. ދެ ލޯ ވަނީ ވިރިގެން މޫނު މައްޗަށް ފައިބައިފަ އެވެ. އެ ދެ ލޮލުގައިވީ ފާރުގަނޑުގެ ތެރެއިން ދޮހާއި ފުޅަ ދެމޭތަން ފެނެ އެވެ. ހުވަފެނުގައި ކޮރޮލީރަހާ އަށް ފެނުނު ފުރޭތައާ ހަމަ އެއްވެސް ތަފާތެއް ނެތެވެ.

ރެދަންލައި ދިއްލިފައި އޮތް ޕަރީފެންގަނޑުގެ މެދުގައި ހުއްޓިހުރެ ބޮއެލޯމާ ސުވާލުކުރަން ފަށައިފި އެވެ. ވަށައިގެން އުދުހެމުން ދާ އަލިފާންކޮކާތަކަށް އޭނާގެ ދުލުން ދުނިޖަހައި ޝިކާރަކޮށް ކަމުންނެވެ.

ކޮރޮލީރަހާ ހުރީ ބިރުން ފިތްކަނޑައިގެން ގޮސް ގައުވެފަ އެވެ. އޭނާ ބޭނުންވެގެން އުޅުނު ވަގުތު އައިސް ޖެހުމުން ހިރިލަން ވެސް ނުކެރުނެވެ. އެކަމަކު އަނގައިން ނުބުންޏަސް ވަރިހަމަ އެވެ. އޭނާގެ ހިތުގައިވީ ހުރިހާ އެދުމެއް ބޮއެލޯމާ އަށް ވަރަށް ސާފުކޮށް އެނގެ އެވެ.

ބޮއެލޯމާ އެދުނީ ކޮރޮލީރަހާގެ މައުސޫމު ދެ ލޯ ނަގައި އޭނާ އަށް ދިނުމަށެވެ. ބަދަލުގައި އޭނާ އަށް އެހެން މީހުންގެ ހުވަފެންތަކާއި ހިޔާލުތަކާއި ހިތަށް އަރާ ހުރިހާ އެއްޗެއް ކުޑަކުޑަ ބީހުމަކުން އެނގޭ ކަހަލަ ބާރެއް ހަދިޔާކޮށްދޭނެ ކަމަށް ބުނެ އެވެ. އަދި އެ ދާއިމީ ބާރަކީ އޭނާގެ ގެއްލިފައިވާ ބައްޕަ ހޯދައިދޭނެ މަގު ކަމަށް ވެސް ބުންޏެވެ.

ކިޔާނެ އެއްޗެއް ރަހާގެ ދުލަކަށް ނައެ އެވެ. ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށް އެސްފިޔަ ޖަހާލި ވަގުތު ބޮއެލޯމާ ފުންމައިގެން އައިސް ޖެހުނުތަން ފެނުނީ އޭނާގެ ކުރިމަތީގަ އެވެ. ގަންނާކުރެއްވި ބިރަށް ބޯޖެހިތާ ނަގޫ ޖަހާފައި ކޮރޮލީރަހާ ދުވެ ފިލައިފި އެވެ.

ނަމަވެސް ޕަރީފެންގަނޑުގެ މި ދެޔޯއެއްގެ ކިބައިން އޭނާ ސަލާމަތްވާ ގޮތެއް ނުވި އެވެ.

ބޮއެލޯމާގެ ހަށިގަނޑުގައި ފަޅާފައިވާ ކަށިތަކުގެ ތެރެއިން ކަށިތަކެއް ބުރަކައްޓަށް ހެރިފައިވާކަން ކޮރޮލީރަހާ އަށް އެނގުނީ ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ބުރަކަށީގައި މާގަދަ އަކަށް ރިއްސާތީ ކެތްނުކުރެވިގެން ގޮސް އޭނާގެ އަމާ އަށް ދެއްކިއިރު މުޅި ބުރަކަށި އޮތީ ކަށިޖަހައި ނޫކޮށްލައިފަ އެވެ. ދުޅަވެ ދޮސްގެންފަ އެވެ.

ފަތްޕިލާވެލި އެއްކޮށްގެން އޭނާގެ އަމާ އަވަހަށް ބޮނޑިތާން ކުރަން ފެށި އެވެ.

ޖެހިގެން އައި ކަޅުފޮއެ ފަނަރަ އައިއިރު ވެސް އެއްކޮށް ރަނގަޅެއް ނުވެ އެވެ. އަދި ހުވަފެންތަކުގައި ބޮއެލޯމާގެ ފުރައްސާ އޮތީ ބޮއްސުންލައިފަ އެވެ. އެ ވިހައިގެ ބާރުގައި އެ ޖިންނި އޭނާގެ ގައިގައި އަވަލާފައިވާ ކަހަލަ އެވެ. އަނެއްކޮޅުން އެ ދެޔޯ އޭނާ އަށް ވައުދުވެފައިވާ އާދަޔާހިލާފު ބާރު ލިބިގަތުމަށް އެދި ހިތް އޮބިނޯވެގެން ތެޅެނީ އެވެ.

އެންމެފަހުން ކޮރޮލީރަހާ އަށް މަޖުބޫރުވީ އެ ޖިންނި ހާޒިރުކުރި ބޭނުންހިފައި އަވަހަށް އެ އެއްޗެއްގެ ކިބައިން ސަލާމަތްވާށެވެ.

ސާދަވިލޭރޭގެ ހަނދުން ދުނިޔެމަތި ދިއްލާލި ވަގުތު ވަޅިއެއް ހިފައިގެން ގޮސް އޭނާ ހުއްޓުނީ ފެންއަޅައި ފުރާލާފައިވީ ބޮޑު ތެއްޔެއްގެ ކައިރިއަށެވެ. އޭގެ ތެރެއަށް ގުދުވެލުމުން އޭނާގެ މޫނާއި ދެލޯ ވަރަށް ރީއްޗަށް ފެންގަނޑު ތެރެއިން ފެނެ އެވެ. ނަމަވެސް އަމިއްލަ ދެ ލޮލަށް ވަޅިކޮށްޕައި އުތުވައިގަންނާކަށް އޭނާ އަކަށް ނުކެރުނެވެ. ލާހިކައެއް ނޫނެވެ.

ނަމަވެސް ޖެހިގެންއައި ކަޅުފޮއެރޭ ޕަރީފެންގަނޑަށް އޭނާ ދިޔައީ ހަތަރު ލޯ ހިފައިގެންނެވެ. ރެދަންލައި ދިއްލި ބޮއެލޯމާ ފެންގަނޑު ތެރެއިން ފައުޅުވުމާ އެކު ކޮރޮލީރަހާގެ ދެ އަތް ދިއްކޮށް މުށުތެރެ ދައްލާކި އެވެ. އޭނާގެ ދެ އަތުގައި އޮތް ދެ ލޯ ފެނުމާއެކު ބޮއެލޯމާގެ ކުޅުދިޔާވެ މިޔައިން އޮހޮރިގަތެވެ. ތުރުތުރުއަޅަމުން ދިޔަ ކޮރޮލީރަހާގެ ދެ އަތުގައި އޮތް ދެ ލޮލުން އޭރު ލޭތައް އޮހޮރެނީ އެވެ.

ބަލަން ހުއްޓައި ބޮއެލޯމާ ކުއްލިއަކަށް ލޯމައްޗަށް ގެއްލިއްޖެ އެވެ. ކަޅިޖަހައި ވަށައިގެން ހޯދައި ބަލައިލި ވަގުތު ދެން ފައުޅުވީ ކޮރޮލީރަހާގެ ކުރިމަތިންނެވެ. އަދި ކުއްލިއަކަށް އެ ލޯތައް ޖަހައިގެން ބޯލި އެވެ. އެއަށް ފަހު، އިނގިލީގެ ގޮތުގައި އޭނާގެ ދެ އަތުން ފަޅާފައިވީ ދިގު ތޫނު ކަށިތައް ކޮރޮލީރަހާގެ ދެ ލޮލަށް ހަރާލުމާ އެކު އޭނާގެ ދެ ލޯ ވެސް ޖަހައިގަތެވެ.

ހޯސްލާފައި ލޭ އޮހޮރިގަތް ދެ ލޮލުގައި އަތް އަޅައި ރަހާ ބާރަކަށް ރޮއިގަތެވެ. ބޮއެލޯމާ ގޮސް ފުންމާލީ ރެދަންލައި ދިއްލިފައި އޮތް ފެންގަނޑު ތެރެއަށެވެ. އެއާއެކު ރެދަންގަނޑު ކުއްލިއަކަށް ނިވި މުޅި އެ ޕަރީފެންގަނޑާއި ޖަންގަލި އެކުގައި ކަޅުފޮއެ ރެއެއްގެ އަނދިރިކަމަށް ޖަހައިގަތެވެ.

އެވަރު ކަމެއް ހިނގައި ތިން ދަރިން ރޮއި ހޭރުނުއިރުވެސް ތުއްބީމަނިކަށް ނުހޭލެވުނު ސަބަބެއް ވިސްނާ ވިސްނާ ވެސް އޭނާއަކަށް ފަހުމެއް ނުވި އެވެ. އެ ހިތާމާގައި ހިތްދަތިވެ ދުނިޔެއިން މޮޔަވެ އެންމެފަހުން އެ އަންހެން މީހާ ކުފުރުމަރެއްގައި މަރުވީ އެވެ.

ތިން ރޭ ތިން ދުވާވީ އިރު ވެސް އެ ހިސާބުގެ ވަލު ތެރެއިން އިވެނީ ކުދިންގެ ރުއިމުގެ އަޑެވެ. ރުއިމުގެ މި އަޑު އިވެނީ އޭގެ ހަތް ދުވަސް ފަހުން އެ ރަށުގެ ފުއްޓަރު ފަރާތަށް ފައިބައިގެން އައިސް ލަކުޑި ކަނޑަން އުޅުނު ރެދިންގެ ބަޔަކަށެވެ. އެންމެ ކުއްޖެއްގެ ރުއިމުގެ އަޑެވެ.

ރެދިންގެ ތެރެއިން މީހަކު ރަށު ތެރެއަށް ވަދެ ހޯދައި ބަލަމުން ދަނިކޮށް ޖިފުޓިގަނޑެއް ފެނިއްޖެ އެވެ. އެ ޖިފުޓިގަނޑަށް ގޮސް ބޯދިއްކޮށްލުމުން ފެނުނީ ކުނިވެ ފުޅައާފައި އޮތް ދެ އަންހެން ކުދިންނެވެ. ދެމެމުން ދިޔަ ފުޅަތަކަށް ބަލަން ހުރެފައި ނުކުމެ އެނބުރިގަތްތަނުން ދެން ފެނުނީ ގޭގެ ބިއްދޮށުގައި ހުރި ބިޔަ ނިކަގަހެއްގައި ދަންޖެހިގެން މަރުވެފައި ހުރި އަންހެނެކެވެ. ބަނޑުހައިވެފައިވީ ކާޅުބައިގަނޑެއް އެ މުޅަމަސްގަނޑު ކައި ހުސްކުރަނީ އެވެ.

ރުއިމުގެ އަޑު އިވެމުން ދަނީ އެއަށް ވުރެ ދުރުންނެވެ. ރޮމުން ގެންދިޔަ ދިހަ އަހަރުގެ އެ ފިރިހެން ކުއްޖާ ގޮސް މަޑުކޮށްލައިގެން ހުރީ ރަށުގެ މެދަކާ ހިސާބުގައި އޮތް ޕަރީފެންގަނޑެއް ކައިރީގަ އެވެ.

ފަހަތުން އިވުނު ފިޔަވަޅާ އެކު އެ ކުއްޖާގެ ރުއިން ހުއްޓިއްޖެ އެވެ. ފަސްއެނބުރި ބަލައިލި އެވެ. އެއީ ކޮރޮލީރަހާ އެވެ.

އޭނާގެ ދެ ލޮލެއް ނެތެވެ. ލޯ ހުރިތަން މިހާރު ވަނީ ބެދި ފާރުވެފަ އެވެ. ނަމަވެސް ކުރިމަތީގައި ހުއްޓިލައިގެން ހުރީ ރެދިންގެ މީހެއް ކަމާއި އެ މީހާގެ ސިފަ އާއި އޭނާގެ ހުރިހާ ސިއްރެއް އެ ކުޑަކުޑަ ރަހާ އަށް އެނގެން ނެގީ ކުޑަ ހިނދުކޮޅެކެވެ. އަދި އެ ރެދިންކަލޭގެ ކިބައިން ކުރިމަތިވާނޭ ނުރައްކަލެއް ނެތްކަން ޔަގީންވުމުން ދެން ފެށުނީ ހަޔާތުގެ މުޅިން އައު ދަތުރެކެވެ.

ރެދިންނާ އެކު ފުރައިގެން އޭނާ އަށް އެފަހަރު ދެވުނީ މާޅޮސްމަޑޫވާއޭ ކިޔުނު ވަރަށް ބޮޑު އަތޮޅަކަށެވެ. ކޮރޮލީރަހާ ވަލުން ހޮވައިގެން ގެންދިޔަ ރެދިންކަލޭގެ ވިސްނައިގެން ހުރީ އެ އަތޮޅުގެ މައުޅޮސް ބާޒާރަށް އަޅެއްގެ ގޮތުގައި އޭނާ ވިއްކާލާށެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނަސްލުތަކުން މުދައުވެރިންނާއި ސައުދާގަރުން ޒިޔާރަތްކޮށް ވިޔަފާރިކޮށް އުޅުނު ބޮޑު ކަޅުބާޒާރެކެވެ.

ނަމަވެސް ލޯކަނު އަޅެއް ގަންނާނީ ކާކު ހެއްޔެވެ؟

އެންމެފަހުން ރެދިންކަލޭގެ ނިންމީ މައުޅޮހު ބާޒާރުގައި އޭނާ ހިންގަމުން ދިޔަ ގޮޅިއެއްގެ ކޮށިގަނޑުގައި އޭނާ ބަހައްޓާށެވެ. ލޯ ކިތަންމެ ކަނަސް، އަތުން ފައިން ކުރަން ޖެހޭ ހުރިހާ ކަމަކަށް ފަރިތަވެ މަސައްކަތުގެ މާހައުލުގައި ހަލުވިކަމާ އެކު އޭނާ ދަސްކުރަމުން ގެންދިޔަ ހުނަރުތަކަށް އިތުބާރުކޮށްގެންނެވެ. އިނގިލިކުރި ގޮސް އެއްޗެއްގައި ބީއްސާލިޔަސް އެ އެއްޗަކާ ބެހޭ ހުރިހާ މައުލޫމާތެއް ކޮރޮލީރަހާ އަށް އެނގެ އެވެ.

ނަމަވެސް އޭނާ ފުރާވަރަށް އަރައި ސިފަ ބަދަލުވަމުން ދިޔައިރުވެސް ކޮރޮލީރަހާގެ ކިބައިގައިވީ އަސްލު ބާރަކީ ކޮބައިކަމެއް މި ރެދިންގެ ސޮރަކަށް ރޭކައި ވެސް ނުލަ އެވެ.

މި ރެދިންކަލޭގެ އަކީ ކައްޕިތާނެކެވެ. އޭނާ އަކީ އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި ރާއްޖޭގެ ކޮންމެވެސް ހިސާބަކަށް ދަތުރުކޮށް އުޅުނު މީހެކެވެ. އެ ދަތުރުތަކުން އެނބުރި އަންނައިރު އަބަދުވެސް އަންނަނީ އޭނާގެ ބާޒާރުގޮޅީގައި ވިއްކާނެ އާދަޔާހިލާފު އެއްޗެހިތައް ހޮވައިގެންނެވެ.

އެގޮތަށް އެނބުރިއައިސް އޮއްސާލި ގަހަނާތަކެއްގެ ތެރެއިން ކޮރޮލީރަހާގެ އަތުގައި އެއް ދުވަހަކު ޖެހުނީ އިރެއްގެ ސިފައިގައި އޮތް ފަށުފުލެކެވެ. އެއީ ރަންފުލެއްކަމާއި ކާކަށް ނިސްބަތްވާ ފުލެއްކަން އޭގައި އަތްލުމާ އެކު ކޮރޮލީރަހާ އަށް ވަގުތުން އެނގިއްޖެ އެވެ.

އެއީ އޭނާގެ ބައްޕަގެ ކަރުގައި އޮތް އަޖިދަފަށުގެ ސޫރުދަ ފުލެވެ. އެ ފުލުގައިވީ ހަނދާނާއި ހޫނުގައި ފޮރުވިފައި އޮތް ސިއްރަކީ ކޮރޮބެޔާ އަދިވެސް ދުނިޔޭގައި ހުރި ކަމުގެ އުފާވެރި ޚަބަރެވެ. ރެދިންކަލޭގެ އެ ފަށް ހޮވީ އިސްމިޑޫއޭ ކިޔުނު ދެކުނުގެ ރަށަކުންނެވެ. އެއީ އައްޑޫ އަތޮޅުގައި އޮތް މާ ސިންގާ ރަށެކެވެ.

ރެދިންގެ ދަތުރުގައި ދެން ވެސް އެމީހުން ދާން ހަމަޖެހިފައިވާ ރަށަކީ އެއީ އެވެ. އަދި ކޮރޮލީރަހާ ބުނާ ގޮތުން ނަމަ އެއީ ބޮޑުވެގެންވީ ހަޒާނެއް އެތަނުގައި ވަޅުލެވިފައިވާ ރަށެކެވެ. އޭނާ ގޮވައިގެން އެ ރަށަށް ގޮސްފި ނަމަ އެ ޚަޒާނާ ވީ ތަނެއް ރެދިންނަށް ދައްކާނަމެވެ.

ވަލުން ހޮވައިގެން ގެނައި ލޯކަނު ޔަތީމު ސޮރަކަށް ހޯދަން އެނގޭނީ ކޮން ހަޒާނާއެއް ހެއްޔެވެ؟

ކަލެއަށް ހޯދައިދެވޭނީ ކޮން ޚަޒާނާއެއް ހެއްޔެވެ؟

ހެމުންހެމުން ގެންދިޔަ ރެދިންކަލޭގެ އެއްލީ މަލާމާތުގެ ސުވާލެވެ.

ނަމަވެސް ރެދިންކަލޭގެ ހޮވައިގެން ގެނެސްފައި ހުރި ރަންފޮތިތައް ނިސްބަތްވާ ބޮޑު ޚަޒާނާ ވަޅުލެވިފައިވަނީ ކޮން ތަނެއްގައިކަން އެނގޭ ހަމައެކަނި ދިރިހުރި އިންސާނަކީ އެ ޒުވާން ކޮރޮލީރަހާ އެވެ. އަދި ރެދިންކަލޭގެ އަށް ފެންނަ ހުވަފެނެއްގެ ވާހަކަތައް އޭނާ ކިޔައިދޭން ފެށި ހިސާބުން އެކަލޭގެ އަށް ވެސް އެކަން ޔަގީންވެ ފެންކަޅިވެގެން ރޮވިއްޖެ އެވެ.

އެ ހުވަފެނަކީ ސިއްރެކެވެ. އެ ހުވަފެނުގައި ފެންނަނީ އަންހެނަކާއި ކުޑަ އަންހެން ކުއްޖަކު ގޮށްރާޅުގަނޑެއްގެ ތެރެއަށް ގެނބެމުންދާތަނެވެ. ބޮކިއަރުވަމުން، ފޮނުއަރުވަމުން އެ ލޮނުގަނޑުގެ ތެރެއިން ފެނުޕަރީންގެ އައިނުތަކެއް ފުމެމުންދާތަނެވެ. އޭގެ ވިދައި ބަބުޅަމުންދާ ފޮތިރީތި ހުޅުނބުތަކެވެ. ބޮއްކުރާއެއްގައި ބެހެމުންދާ ޒުވާން ރެދިންކަލޭގެޔަކު ފެންކަޅިވެ އެ މަންޒަރަށް ބަލަން އިންނަ ތަނެވެ.

ރެދިންކަލޭގެ އެކި ރަށްތަކުން ހޯދައިގެން އެއްކުރަމުންގެންދާ ރަންފޮތިތަކަކީ އާދައިގެ ފައިސާ ފޮއްޗެއް ނޫނެވެ. އެއީ އޭނާގެ އަންހެނުންނާއި ދަރިފުޅު އަޅުވެތިކޮށްފައިވާ ކަނޑުޕަރީންގެ ހުޅުނބުތަކަށް ނިސްބަތްވާ ރަންފޮއްޗެވެ. އަދި ކޮރޮލީރަހާ އެ ބުނަނީ ރެދިންގެ ހިތްފުރޭ ވަރަށް އެ ރަންފޮތިތައް ހޯދައިދޭނެ ވާހަކަ އެވެ.

މިޔަހެލީގެ ގަދަ ވަޔާއި ވިއްސާރައާ އެކު މައުޅޮހު ބާޒާރު ބަންދުކުރިއިރު ރެދިންގެ ދޯނީގައި ވަޔާއި ރާޅުތައް ކަފަމުން ކޮރޮލީރަހާ އިސްމިޑޫ އަށް ދިއުމަށް އެމީހުންނާ އެކުގައި ފުރައިފި އެވެ.

ރެދިންނަކީ އެމީހުންގެ ދަތުރުތަކުގައި އާޖުފާޖަށް ބަލާ ބައެއް ނޫނެވެ. ނަކަތްތަކުގައިވީ ނުރައްކަލަށް ޖެހިލުންވާ ބައެއް ނޫނެވެ. ވަޔާއި އަޑަށް ވުރެ ބާރަށް ދަތުރުކޮށް އުޅުނު އާދަޔާހިލާފު ނަސްލެއްގެ ބައެކެވެ.

މާޅޮސްމަޑޫވާގެ ފިނިކަމާއި ތެތްކަމުގެ ތެރޭގައި ފެށި ދަތުރުގެ ވައި ބަދަލުވީ ހިނދުކޮޅެއްގެ ތެރޭގައި ހަމަ ކުއްލިއަކަށެވެ. އެ ދޯނި ފެނުން ކަޓައި ހެލިލިހެން ވެސް ހީއެއް ނުވި އެވެ. ހީވީ ދުނިޔެ ތެޅިގެންފައި ކުރުކުއްލިއެއް ޖަހާފައި އެނބުރިގަތް ހެންނެވެ. ދެން ފެނުނީ އައްޑޫގެ އެތެރެވަރި އަށް ވަދެވިފައިވީ ތަނެވެ.

ދޯންޏަށް އަރައި ހަމަޖެހިލުމާ އެކު ދިރުނބާކޮޅުން އައިސް ކޮރޮލީރަހާގެ ގައިގައި ބައްދައިގަތީ އައްޑޫ އަތޮޅުގެ ގަދަ ހޫނެވެ. ކޮރޮވަލުން ނުކުމެގެން އައި ކުޑައިރުގެ ހަނދާންތަކެވެ. ދިލަ ހޫނެއް ފަތުރަމުން ދިޔަ އިރު ވަށައިގެން ރަތް ކުލައިގެ މާ އަލިގަދަ ބުރެއް ދިއްލިފައިވާތަން އުޑުމަތިން އޭރު ފެނެ އެވެ.

އެއީ އައްޑޫ އަތޮޅަށް ކޮންމެ ފަސް އަހަރަކުން ކުރިމަތިވާ ނަރަކާ މޫސުމުގެ އަލާމާތެކެވެ. އެއީ ހަތް ހަފުތާގެ ނިކަން ގަދަ ހޫނެކެވެ. އިރު ގޮސް އުދަރެހުން އޮއްސުމެއް ނެތް އޮނަފަންސާސް ދުވަހެވެ.

ރެދިންގެ މި ދަތުރަކީ އޮޑިއަށް މޮޅު އައްޑޫ ކަޅު ލަކުޑި ހޯދަން ރޭވި ދަތުރެކެވެ. ނަމަވެސް އެތެރެވަރިއަށް ވަދެގެން ގޮސް އިސްމިޑޫގައި ބަނދަރުކުރިއިރު ދަތުރުގެ މަގުސަދު އޮތީ އެއްކޮށް ބަދަލުވެފަ އެވެ.

ނަރަކާ މޫސުމުގެ ދުވަސްތަކުގައި ގިނަ މީހުން ތިބޭނީ އެމީހުންގެ ޖިފުޓިތަކާއި ހޮހޮޅަތަކުގައި ފިލަ އެވެ. ރަށު ތެރެއިން ދޫންޏެއްގެ ހިލަމެއް ވެސް ނުވާނެ އެވެ. ވަޔެއް ވެސް ނުޖެހެ އެވެ. ކަކުނިތައް ވެސް އެ ސޮރުމެންގެ ހޮރުތައް ފުންކުރަމުން ގޮސް ދުނިޔޭގެ ކަނަށް ވަދެ ބޮނދައި ނިދާފައިވާ ކަހަލަ އެވެ.

ކުޅިތައް ވަނީ ހިކިފަ އެވެ. ހަނަފަސްކަން ވަނީ ރަށުގެ ހަނި ގޯޅިގޯޅިތަކަށް ފެތުރިފަ އެވެ. ބޯ ފެން ވެފައި އޮންނަނީ އަގުބޮޑު ރައުސްމާލަކަށެވެ. ކާ އެއްޗެހި އެއްކޮށް ރައްކާކޮށް އެންމެން ވެސް ތިބެނީ ދުރާލާ ތައްޔާރުވެގެންނެވެ. މި އަނދާ ހޫނުގެ ތެރެއަށް ނުކުމެ އުޅެން ހަމަ އެކަކު ވެސް ބޭނުމެއް ނުވެ އެވެ.

ނަމަވެސް ބަނދަރުކޮށްލި އޮޑިން ފޭބި ރެދިންނަށް މިއަދަކީ ވެސް އާދައިގެ ދުވަހެކެވެ. އަދި ވަރުބަލިކަމުގެ އެއްވެސް އަސަރެއް އެމީހުންގެ މޫނު މައްޗަކުން ނުފެނެ އެވެ. އެކަމަކު ނަރަކާ ހޫނުގެ ދޯދިތައް ކޮރޮލީރަހާގެ ހަންގަނޑު ތޮރުފަނީ އެވެ. އޮށްދައު ހިއްލަމުން ބޮކިޖަހަމުން ކެކެނީ އެވެ. ހީވަނީ ނަރަކައިގެ ދޮރުތައް އޭނާގެ މޫނުމައްޗަށް ހުޅުވާލެވިފައިވާހެނެވެ.

މި ގަދަ ހޫނުގައި އެ ޒުވާނާ ސަލާމަތްނުވާނެކަން ޔަގީންވުމުން އޮޑީގެ ކޮޅުވަތުން ދަމައި ރެދިންކަލޭގެ އޭނާ އަށް ދިއްކޮށްލީ ކޯޓުލިބާހެކެވެ. އެއީ ބޮނބިނަރުން ގަތައި އެތެރޭގައި ތެތްކަފަލާފައިވާ އިރުވާހި ކޯޓެކެވެ. ކޯރިގަނޑު ލައި ގަދަ ހޫނަށް ފަރުމާކޮށްފައިވާ ހެދުމެކެވެ.

"މި ހޫނަކު ނުފިހޭނެ. އަނދާނީ. ކަލޭ ހުލިވެދާނެ،" މިހެން ބުނެފައި ކޯޓުލިބާސްގަނޑު ކޮރޮލީރަހާގެ އަތަށް ޖަހާލާފައި ރެދިންކަލޭގެ އޮޑިން ފުންމާލި އެވެ.

ރަށު ތެރެއަށް ވެރިވެފައި އޮތް ހިމޭން ހުސްކަމުގެ ތެރޭގައި އެއްވެސް ނިވަލެއް ނެތި ހިނގަމުން ގޮސް ރެދިންގެ އަށް މީހުން މަޑުކޮށްލީ ޖަމްބުގަހެއްގެ ހިޔަލުގަ އެވެ. އެއީ ރަށުގެ ހުޅަނގު ބިތުގައި ހިކިފައި އޮތް މާކުޅިއާ މޭލެއް ދުރުގައި އޮތް އުސްގަނޑެކެވެ.

އެތަނުގައި މަޑުކޮށްލައިގެން ތިބިއިރު މުޅޯށި ހިފައިގެން ކުޅިއަށް އެރި ތިބި ދެ މީހަކު ކުޑަކުޑަ ދެ ހިޔަނިހެން ދުވެ ފުމޭތަން ފެނެ އެވެ. އެމީހުން ވެސް ތިބީ ކޯޓުލިބާސް ލައި ބޮލުގައި ކޯރި އަޅައިގެންނެވެ. އަވާމެންދުރެއްހެން ފެންނަ ނަރަކައިގެ އެ ހޫނުގައި އެ މީހުން ހޮވަމުން އެ ދަނީ މަރުވެފައިވާ ބޭނގާއި ކޯވެންތަކެވެ. ސަހަރުގެ އެންމެ ފަގީރު މީހުންގެ ކެއުމަކީ އެއީ އެވެ.

މުޅޯށިތައް ފުރައިގެން އެ ދެ މީހުން ކުޅިން އަރައިގެން ދަން ދެން ރެދިން ތިބީ ގަހުގެ ހިޔަލުގައި މަޑުކޮށްލައިގެންނެވެ. އެ ދެ މީހުން ގޮސް ރަށު ތެރެއަށް ވަދެ ގެއްލުމާ އެކު ރެދިންގެ ފަހަރަކު މީހަކު މަޑުމަޑުން އެ ކުޅިއަށް ފައިބަން ފަށައިފި އެވެ.

 މުޅި ކުޅީގައި ވަނީ ހަނަފަސްކަމުގެ ސާއްޔެއް ލެވިފަ އެވެ. ތެތްކަމެއް އަދި ތަތްކަމެއް ވެސް އެ ހިކިފަސްގަނޑުގައި ނުވެ އެވެ. ހޫނުކޮށް ދޮންވެފައިވާ ވެލީގެ ތެރެއިން ފިޔަވަޅު ނަގަމުންދާއިރު ބިޗުލާއި ހާސްފައިތައް ވެލިގަނޑު ތެރެއިން ނުކުމެ ދުވާތަން ފެނެ އެވެ. ކަނޑާ އާއިލާތައް ބޭނގާއި ވެންތައް ބޯމައްޗަށް ލައިގެން ގެންދާތަން ފެނެ އެވެ. އެ މަސްތައް ވަނީ މިހާރު ވެސް ހެޔޮވަރު ވަރަކަށް ރޯފިލައިފަ އެވެ.

ކައްޕިތާނަކަށް ހުރި ރެދިންކަލޭގެ ކުޅިއަކަށް ނުފައިބަ އެވެ. އޭނާ މަޑުކޮށްލައިގެން ސަމާލުވެގެން ހުރީ ކަނޑުޕަރީއެއްގެ ދެ ރަންފޮތި މުށުތެރެއަށް ލައި ބާރުކޮށްލައިގެން ހުރި ކޮރޮލީރަހާގެ އިޝާރާތަކަށް ބަލަބަލަ އެވެ. އެ ދެ ފޮއްޗަކީ އިސްމިޑޫގެ މި ކުޅިން ރެދިންކަލޭގެ ހޮވި ދެ ފޮއްޗެވެ. ކޮރޮލީރަހާ އަށް ފެންނަ ރަންފޮތީގެ ހަޒާނާ ވަޅުލެވިފައިވަނީ މި ކުޅީގެ އަޑީގަ އެވެ.

ނަމަވެސް ހަތް ރޭ ހަތް ދުވާ ފާއިތުވެގެން ދިޔައިރު ވެސް އޭގެ އިތުރު އެންމެ އެންމެ ފޮއްޗެއް ވެސް މި ހިކިފަސްކަމުގެ ތެރެއިން ފެންނަ ވަރެއް ނުވި އެވެ. އަށް ވަނަ އަށް ވީ ދުވަހު ބޮޑު އާނުގަނޑެއްގައި ޖެހި ފަކީރާއި އުދެލިތައް ބިންދައިގެން ގޮސް ހަލާކުވެއްޖެ އެވެ. ނަމަވެސް އިރުއޮއްސުމެއް ނެތް ދުވާލެއްގެ ރަތްދަކަ އަތްވާ އެކު ރެދިންގެ މަސައްކަތަށް ވެސް އިރުއޮއްސުމެއް ނުވެ އެވެ.

ކޮންނަމުން ގެންދިޔަ ވަޅުގަނޑު ފުޅާކުރަމުން ފުންކުރަމުން ގޮސް އެންމެފަހުން އެކަތައިގެ ފާންތިލާތަކާއި މުޅޯތައް ގެނެސް އެ އާނުގަނޑު ތަޅައި ސުންނާފަތިކުރަން ފަށައިފި އެވެ. ރެދިންގެ އަޅިކުލައިގެ ބިޔަ ހަށިގަނޑުގައި ދެމެމުންދާ ލޭތައް ހޫނުވެ ހަތަރެސްފައި މިހާރު ވަނީ އަނގުރު އަލިފާން ފަދައިން ދިއްލިފަ އެވެ.

ބޯކިރުކުލައިގެ އެ އާނުގަނޑު ހަލާކުކޮށް މުގުރަން ފެށުމާ އެކު ރަންކުލައިގެ ދޯދިތައް އެ ވަޅުގަނޑުގެ ތެރެއިން ތޮރުފާލައިފި އެވެ. ޖަމްބުގަހުގެ ހިޔަލުގައި ޖައްސާލައިގެން އޮތް ކޮރޮލީރަހާ ތެދުވެ އަވަސްއަވަހަށް ރެދިންގެ ކައްޕިތާނަށް ގޮވާލި އެވެ. ދެބަދޭތެރޭގައި އޮތް ރެދިންކަލޭގެ ފުންމައިގެން ތެދުވެ ބަލާލިއިރު ހީވަނީ އެ ވަޅުގަނޑުގެ ތެރެއިން ދިރޭ ރަން ކެކި ބަންޑުންވަމުން ދިޔަ ހެންނެވެ. ވަޅުގަނޑު ކައިރީގައި މަޑުކޮށްލައިގެން ތިބި ރެދިންތައް އޭރު ފެންނަނީ ރަންކުލައިން ބަބުޅަމުން ދިޔަ އަލިގަނޑެއްގެ ތެރެއިންނެވެ. އެ ދިމާލަށް ލޯދިލުވައިލަން ވެސް އުނދަގުލެވެ.

ދެލޯ ކުނާކޮށްގެން ރެދިންކަލޭގެ ކުޅިއަށް ފައިބައިގެން ގޮސް ވެލިފުނިތަކުގެ މައްޗަށް އަރައި އޭނާގެ ކަލާސީއެއްގެ އަތުގައި އޮތް ކަހަނބުފަތުގެ ކޯރިގަނޑެއް ޖަހައިގަނެގެން ލޮލަށް ހެޔޮވަރުކޮށްލުމަށް ފަހު އާނުވަޅުގަނޑުގެ ތެރެއަށް ބަލައިލި އެވެ. ހާހެއްހާ ފޫޓު ފުޅާކޮށް ސަތޭކަ ފޫޓެއްހާ ފުނަށް ކޮނެފައިވާ ވަޅުގަނޑުގެ ތެރޭގައި އެ އޮތީ އާނުގަނޑެއް ނޫނެވެ.

އެތަނުގައި އެ އޮތީ ކަނޑުޕަރީންގެ ބޮޑު ދެޔޯ އެކެވެ. މާ ސިންގާ ނަގޫސޭސަރެކެވެ. އެއީ ކަނޑުޕަރީންގެ ތެރޭގައި އެއް ޒަމާނެއްގައި އުޅުނު އެންމެ ބޮޑެތި ދެޔޯއިންގެ ތެރެއިން ދެޔޯ އެކެވެ. މީގެ އެތައް ހާސް އަހަރު ކުރިން އައްޑޫގެ ކަޅުކަނޑުގައި ރަސްކަންކުރި ޕަރީނަސްލެއްގެ ދެޔޯކަށިގަނޑެކެވެ.

އެމީހުން ހޯދަމުން ދިޔަ ރަންފޮތީގެ ހަޒާނާ އޮތީ އެ ދެޔޯކަށިގަނޑުގެ އަޑީގަ އެވެ. އެތަނުގައި އެކި ވަރުވަރުގެ ރަންފޮތިތައް ވެ އެވެ. އާދައިގެ ރިނދަލިހެން ހީވާ ފޮތިތަކުން ފަށައިގެން ގޮސް އެންމެ ބޮޑެތި ގާހަކައިގެ ތޮށިގަނޑުވަރު ވަރުގެ ފޮތިތައް ވެސް އެތަނުގައިވެ އެވެ. އެއީ މަރުވެ ކަށިގަނޑަކަށް ބަދަލުވެފައި އެ އޮތް ބޯދާ ދެޔޯގެ ބިޔަ ހަށިގަނޑު އެއް ޒަމާނެއްގައި ޖަރީކޮށް ދިއްލައި ދިން ރަން ހުޅުނބެވެ.

މީރުފެނުގެ ކޯރުތަކަށް ނަގޫސޭސަރުން ވަދެ އުޅުނީ ވިހެއުމަށެވެ. އިސްމިޑޫގެ މި ބޮޑު ކުޅިއަކީ އެއް ޒަމާނެއްގައި ކަޅުކަނޑާ ގޮސް ގުޅިފައި އޮތް ކޯރެކެވެ. އެހެންކަމުން ބަދުނަސީބުގެ ދަތުރެއްގައި މި ކުޅިއަށް އޭގެ ޒަމާންގޮސްފައި އެ އޮތް ނަގޫސޭސަރުގެ ކަށިތައް ނިސްބަތް ވަނީ އޭގެ އަންހެން ދެޔޯއަކަށެވެ.

ކޮންމެއަކަސް ބިމުގެ އަޑިން ރެދިންކަލޭގެ މޫނަށް ދަޅައަރުވަމުން އެ ގެންދާ ހަޒާނާ އަކީ އޭނާ ހީކުރި ވަރަށް ވުރެ ވެސް ބޮޑު ހަޒާނާއެކެވެ. ހިތްފުރި އިތުރުވާވަރުގެ މުދައުވެރިކަމެކެވެ. އަދި މިވަރުގެ ބޮޑު ހަޒާނާއެއް ލޯކަނު އަޅަކު މެދުވެރިކޮށް ލިބުން ވެގެން ދިޔައީ ބަޔާންކުރަން ނޭނގޭ ކަހަލަ އިހުސާސުތަކެއް ރެދިންކަލޭގެ އަށް ކުރުވި ކަމެކެވެ.

ހުރެވުނު ތަން ހަނދާން ނެތި އުފަލުން ގޮސް އޭނާގެ ދެ ލޯ ފެންކަޅިވެއްޖެ އެވެ. އަދި ހަމަ އެ ވަގުތަކީ ކަފުލޯ ދުންމާރީގެ ތޫނު ގަދަ އަޑު އައިސް އޭނާގެ ކަންފަތް ތޮރުފާލި ވަގުތު ވެސްމެ އެވެ. އެއީ ކޮން މުސީބާތެއްގެ އަލާމާތެއްކަން އޭނާ އަށް ވަގުތުން އެނގިއްޖެ އެވެ. ދެ ލޮލުން އޮހޮރުނު ކަރުނަ ފޮހެލުމަށް ފަހު ވަށައިގެންވީ އުސްބިންތަކާ ދިމާލަށް ރެދިންކަލޭގެ އެނބުރި ބަލައިލި އެވެ.

ރެދިންގެ ސޮރަކަށް ނަސީބަކީ އަބަދުވެސް ރަދުން ދެއްވާ އެއްޗެކެވެ. ވަށައިގެންވީ އުސްބިންތަކުން ގުގުމައިގަތް ބެރު ދުންމާރީގެ އަޑާ އެކު އޭނާގެ ހިތަށް އެރީ މިހެންނެވެ.

ލޮންސިތަކާ އެކު ލަޝްކަރީ ސިފައިންގެ ފައުޖެއް ހަރުބީއާ އެއްވަރަކަށް ކުރިއަށް ޖެހި އިސާހިތަކު ކުޅި ވަށާލައިފި އެވެ. އެ ލޮންސިތަކުގެ ކޮޅުގައި ނަގާފައިވީ ހުދާއި ރަތުގެ ދިދަތައް ފެނުމާ އެކު އެއީ ކާކުގެ ލަޝްކަރެއްކަން ވެސް ރެދިންނަށް ވަގުތުން ސާފުވެއްޖެ އެވެ. އެއީ ސާގީސާ ރަސްގެފާނުގެ ސިފައިންނެވެ.

ސާގީސާ އަކީ ހުވާޑޫ އާއި އައްޑޫއާ ދެމެދުގައިވީ ހުރިހާ ޖަޒީރާއެއް ނިސްބަތްވާ ސުވަދީޕާ ތަހުތުގެ ސްވަސްތީ ސްރީ މަތަމަހާ ސްރީ ކައްތިރިބަވަނަ މަހާރަދުންނެވެ. އިސްމިޑޫ އަކީ ސުވަދީޕާ ތަހުތުގެ ތިން ކިއްލާގެ ތެރެއިން ރަސްކޮއިލަށް ހާއްސަވެފައިވާ ކިއްލާގެ މައި ސަހަރެވެ. އަދި މި ރަށާއި އައްޑޫ އަތޮޅުގައި މީހުން ދިރިއުޅޭ އަށް ރަށަކީ ވެސް ޒަމާނުއްސުރެން ރެދިންގެ އޮޑިފަހަރުތަކަށް ހުޅުވާލެވިފައިވީ އެމީހުންގެ އެކުވެރި ބަނދަރެކެވެ.

ރެދިންނާއި ސުވަދީޕަރުންނާ ދެމެދުގައި އޮތް މި އެކުވެރިކަމުގެ ފާލަން ގޮސް ގުޅިފައިވަނީ ރެދިންގެ އޮޑިތަކަށް ހާއްސަ ކަޅުވަކަރުގެ ޖަންގަލިތަކާ އެވެ. މަލިކައްޑޫގެ މި ރާއްޖޭގައި ކަޅުވަކަރުގެ ޖަންގަލިތައް ނިސްބަތްވަނީ ސުވަދީޕާގެ ރަށްތަކަށް އެކަންޏެވެ.

ނަމަވެސް ސުވަދީޕާގެ ރަށްތަކަށް އަރައި ފޭބުމުގެ ހުއްދަ އަކީ ސާގީސާ ރަސްގެފާނުގެ ސިއްކަ އެވެ. އަދި މި ސިއްކަ އަކީ ރެދިންގެ މައި ރަށް މާޅޮސްމަޑޫވާ އިން ފެށިގެން އައްޑޫއާ ހަމަ އަށް އިހްތިރާމުކުރެވި ގަދަރު ލިބިފައިވާ ހުއްދަ އެކެވެ. ނަމަވެސް ހަޒާނާ ފޮތީގެ ދަހިވެތިކަމުގައި އިސްމިޑޫ އަށް އަރައި ތިބި ރެދިންގެ އަތުގައި ސާގީސާގެ ސިއްކަ ޖެއްސެވި އެއްވެސް ލިޔެކިޔުމެއް ނެތެވެ.

އެމީހުންގެ އޮޑި ފެތެނީ ވަގުފާރީގެ ގޮޅިއަކަށެވެ. އަނެއްކޮޅުން ނަރަކާ މޫސުމަކީ ރެދިންގެ އޮޑިތަކަށް ސުވަދީޕާގެ ބަނދަރުތައް ބަންދުކޮށްފައި އޮންނަ ދުވަސްވަރެކެވެ. އެހެންކަމުން ހޮރުތަކުން ނުކުމެގެން އައިސް ސާގީސާގެ ސިފައިން ވަށާލުމުން އެމީހުންނަށް އަމާން ދިނުން ނޫން އެހެން އެއްވެސް އިހުތިޔާރެއް ރެދިންނަކަށް ނެތެވެ.

ރެދިންކަލޭގެ އާއި އޭނާގެ ފަޅުވެރިންނާ އެކު ކޮރޮލީރަހާގެ ހަތަރެސްފައިގައި ވެސް ހިލިހިލާ ޖަހައި ހިރިގަލު ވަޅުތަކުގައި އެންމެފަހުން ބަންދުކޮށްފި އެވެ. އަދި ރެދިން ކޮނުނު ހަޒާނާ ސީދާ ތަހުތުގެ ބާރުގެ ދަށަށް ގެންގޮސް އެފަދަ އިތުރު ހަޒާނާތައް ހޯދުމުގެ ޝައުގުވެރިކަން ސާގީސާގެ ކިބައިގައި އުފެދިއްޖެ އެވެ. ފޮއި ދުވަހުގެ އަޒާބަށް ފަހު އެންމެފަހުން ރެދިންކަލޭގެ ސާގީސާގެ ދަރުބާރަށް ހާޒިރުކުރީ އެ ވާހަކަތައް ފެށުމަށެވެ.

ރެދިންނަކީ އިސްކޮޅުން ދިގުވެފައި ހަށިގަނޑު ވަރުގަދަކޮށް ހެދިފައިވާ ނަސްލެކެވެ. އެކަމަކު އެއްވެސް ކަހަލަ ނުރައްކަލެއް އެމީހުންގެ ފަރާތުން އެހެން ބަޔަކަށް ނުވަތަ ނަސްލަކަށް ވެސް ކުރިމަތިކުރުވާ ބައެއް ނޫނެވެ. އިސްކޮޅުގައި އެގާރަ ފޫޓު ހުރި އެ ބިޔަ ރެދިންކަލޭގެ މައިތިރިކުރަން ހަތަރެސްފައިގައި ހިލިހިލާ ޖަހާފައި ބޭއްވުމުގެ ބޭނުމެއް ނެތީ ވެސް އެހެންވެގެންނެވެ. ސާގީސާގެ ދަރުބާރަށް އޭނާ ހާޒިރުކޮށްފައި އެހެރީ ސަލާމަތީ އިތުރު އެއްވެސް ފިޔަވަޅެއް އެޅުމެއް ވެސް ނެތި އެވެ.

ރެދިންނަކީ އަބަދުވެސް ވަރަށް އެކުވެރި މިޒާޖެއްގެ ބައެކެވެ. އުޅުމުގަ އާއި ވާހަކަ ދެއްކުމުގައި ކިޔަމަންތެރި މަޑުމައިތިރި ބައެކެވެ. އަދި ދަތުރުފަތުރާއި މަސައްކަތްތެރިކަމުގެ ހުނަރާއި އުކުޅުތަކުގައި އެހެން ހުރިހާ ނަސްލުތަކަށް ވުރެ ކުރިއަރައިގެން ގޮސްފައިވާ ބައެކެވެ.

އެމީހުންގެ އެންމެ ހާއްސަ ސިފަ އަކީ ވެސް މި އެވެ. އެންމެ ކުދި ކަވި މަސައްކަތްތަކުން ފަށައިގެން ގޮސް ބޮޑެތި މާ ސިންގާ ސަހަރުތައް ވެސް ރެއާއި ދުވާލުން ތަރައްގީކޮށް ނިންމާލުމަކީ ރެދިންގެ ހައެއްކަ މީހަކަށް ހަމަ ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެކެވެ.

އެހެންކަމުން މި ރެދިން ސޮރުގެ އަދަބު ލުއިކޮށް އޭނާ ދަރުބާރަށް ހާޒިރުކުރުމުގެ ފަހަތުގައި އޮތީ ހަމައެކަނި ހަޒާނާގެ ވާހަކަ ދެއްކުމެއް ނޫންކަން ޚުދު އެ ސޮރަށް ވެސް އެނގެ އެވެ. ނަމަވެސް ރަސްގެފާނު ފެއްޓެވީ ކުޅީގައި ވަޅުލެވިފައި އޮތް ނަގޫސޭސަރުގެ ހަޒާނާއިންނެވެ.

"މި ރަން ފޮތިތަކުގެ ޚަބަރު ކަލެއާ ހަމަ އަށް ގެނެސްދިނީ ކޮން ކަހަލަ ރަމަލުވެރިކަމެއް ހެއްޔެވެ؟"

"މަގޭ ކިއްލާއެއްގައި ފޮރުވިފައިވީ ހަޒާނާއެއްގެ ޚަބަރު މަށަށް ވުރެ ކުރިން މާޅޮސްމަޑޫވާގެ ވަގުފާރި ގޮޅިއެއްގައިވީ ރެދިންގެ ސޮރަކަށް ލިބުނީ ކޮން ގޮތަކުން ހެއްޔެވެ؟"

"ކަލޭގެ ތި އަމަލަކީ ތަހުތު ލޫޓުވާލުމުގެ އަމަލެއް ކަމުގައި ނޫނީ ނުމެވާނެކަން އަހުންނަށް ޔަގީނެވެ."

"އަދި ތަހުތުން ވައްކަންކުރުމަކީ ބޯބުރިކޮށް އަލިފާނުގެ ހޮރަކަށް އެއްލައިލެވޭ ވަރުގެ ބޮޑު ކުށެކެވެ."

މަހާރަދުންގެ އަޑުފުޅުގައި ވަނީ ނުރުހުމުގެ ގަދަފަދަ ޖަޒުބާތެވެ. އެކަމަކު އެންމެ އޯގާވެރި ކީރިތި މަހާރަދުންނަކީ ވެސް މިއީ އެވެ. އަދި އެންމެ ސަމާސާވެރި، އެންމެ މާތް، އެންމެ ހިތްހެޔޮ ތެދުވެރި ހިތްޕުޅުގެ ވެރިޔަކީ ވެސް ސާގީސާ މަހާރަދުން ކަމާ މެދަކު ޝައްކެއް ނެތެވެ. އަދި ރެދިންގެ އަޖާއިބުކުރުވަނިވި ހުނަރާއި މަސައްކަތުގެ ދުނިޔެ އަށް ހިތްޕުޅުގައި އުފެދިފައިވާ ހާއްސަ ގަދަރާއި ޝައުގުވެރިކަން އެހެން އޮތްވައި މި ރެދިންގެކަލޭގެ ބޯބުރިކޮށްލައްވައި އަނގުރަށް އެއްލައްވައިނުލައްވާނެކަން ވެސް ޔަގީނެވެ.

ލޯކަނު ކޮރޮލީރަހާގެ ވާހަކަތައް ރެދިންކަލޭގެ ކިޔައިދިނުމުން އޭނާގެ އަތުން އެ އަޅުކަލޭގެ ބައްލަވައިގަތުމަށް ރަސްގެފާނު އިސާހިތަކު ނިންމަވައިފި އެވެ. އަދި ހަމަ އެއާއެކު ރަންފޮތި ހަޒާނާގެ ތިން ބައިކުޅަ އެއްބައި ރެދިންކަލޭގެ އާއި އޭނާގެ ފަޅުވެރިންނަށް ހުށަހަޅުއްވައިފި އެވެ.

ނަމަވެސް އެއީ އަޅުކަލޭގެ ކޮރޮލީރަހާ އަށް ކިޔުއްވި އަގެއް ނޫނެވެ. އެކަމަކު ހިރިގަލުގެ ރަސް ކިއްލާއެއް ގާއިމުކޮށް އުމުރާނީ ތަހުޒީބުގެ ސަހަރަކަށް އިސްމިޑޫ ބަދަލުކުރުމަށް ކިޔުނު އަގެކެވެ. ހަނގުރާމަވެރި ކުރިމަތިލުންތަކުގައި އަތޮޅުގެ އެތެރެވަރި ދުޝްމަނުންނަށް ބަންދުކުރެވޭނެ ބޮޑުފާރުގެ ނިޒާމެއް ކަޅުކަނޑުގައި ގާއިމުކޮށް އެއް ހާސް ގުރާބު ބަނުމަށް ވެސް އަމުރުކުރެއްވި އެވެ.

"މަ ސާހިބާގެ ހުބަހިރިޔާ ސުއްދައިން އަމުރުކުރެއްވި ކޮންމެ ކަމަކަށް އަޅުގަނޑު ތަބައަވާހުށީމެވެ،" މިހެން ބުނެ ރެދިންކަލޭގެ އަދަބުވެރިކަމާ އެކު އިސްދަށަށް ޖަހައިލި އެވެ.

އެ މަޖިލިސް ނިމުމާ އެކު ރެދިންގެ އާދަޔާހިލާފު މަސައްކަތް ފެށުނީ އެވެ. މުހުލަތަކީ ނަރަކާ މޫސުމުގެ ފަހު ދުވަހެވެ. ނަރަކާ މޫސުން ނިމިގެން އަންނަ ފެންނަކަތައިގެ ފުރަތަމަ ދުވަހަކީ ސާގީސާގެ ތަހުތަށް އޮނަ ތިރީސް އަހަރު ފުރޭ ހާއްސަ މުނާސަބާ އެވެ.

*** ** ***

އެއީ ހުއްޓާނުލައި ވާރޭ ވެހުނު ދުވަހެކެވެ. ރަމަލުވެރިންގެ އިންޒާރުތަކަށް ބީރުކަންފަތެއް ދީގެން ދަތުރުފެށި ޒުވާން ގާއިދު، ބަޒާންގެ ގުރާބު ގޮސް އުރުނީ ހުދުފަރަށެވެ. ގަދަވަޔާއި ވިއްސާރައިގެ ތެރޭގައި އެ ގުރާބުގެ މޮޅު ކަޅުލަކުޑި އަށް ކެތްކޮށްލެވުނީ ދެ ތިން ދުވަހަށެވެ. ފަސް ވަނަ އަށްވީ ދުވަހު ހޮނު އަޅައި އެ އޮޑި ފުނޑުފުނޑުކޮށްލައިފި އެވެ. ރާޅުތަކުގެ ތެރެއަށް ވިއްސިވިހާލިވެއްޖެ އެވެ.

ހޭވެރިކަންވީއިރު ބަޒާން އޮތީ ބިއްސާވެލީގެ މާ ސިންގާ ތުނޑިއެއްގަ އެވެ. އުޑުމަތި ސާފުވެ ވިލާތައް ފަޅާލާފައި އިރުގެ ގަދަ އަލި ބޯ މައްޗަށް ފައުޅުވެއްޖެ އެވެ. ހީވަނީ ހަންގަނޑު ތޮރުފާލަފާނެހެންނެވެ.

ހުދުފަރަށް އުރިގެން ރޫޅި ކުދިކުދިވި ގުރާބުގެ އެއްވެސް އަސަރެއް އެދިމާލުން ފެންނާކަށް ނެތެވެ. ތުނޑީގެ އެތަން މިތަނުގައި ހެދިފައިވާ ފެންގަނޑުތަކުގެ ތެރެއިން ކޯމަސްތައް ފުމެމުން ގެންދާތަން ފެނެ އެވެ. ނަމަވެސް ހިއްކައިގެންފައިވާ ކަރާ އެކު ބަޒާން ދުއްވައިގަތީ ކުރިމަތީގައި އޮތް ބޯ ޖަންގައްޔަށެވެ. އެއީ ފެހިކަމާއި މީރު މޭވާ އާއި ފަލަމަޑީގެ މުއްސަނދިކަން ލިބިފައިވާ ރަށެކެވެ.

ނާރިނގާއި އަނބާއި ޖަންބުގެ ފޮނިކަމުގައިވީ ސުވަރުގެއެކެވެ. ކަނޑޫފައު ކުޅިތަކާއި އެތަނުގައިވީ ފެންމީރުކަމާއި ބޭނގު މަހުގެ މީރުކަމެވެ. ކަށިކޭލާއި ފަތްކޭލުގެ ރަތްފެހި ރީނދުލުގެ ހިތްގައިމުކަމާއި ކަނޑޫވަކާއި ދަންވަކާއި އޮޅުއަލައިގެ ހުދު ނަލަ ސާފުކަމެކެވެ.

ބަނޑުފުރާލައިގެން ގޮސް ބަޒާން ޖައްސާލީ ޖަމްބުގަހެއްގެ ފިނި ހިޔަލުގަ އެވެ. ވަލު ތެރެއިން ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އޭނާ އަށް އިވެން ފެށީ ނިދިޖެހުނުތަނުންނެވެ. ހޭލެވުމުން ހީވީ ހުވަފެނުގެ ހީއެއް ކަމަށެވެ. އެވަގުތު ވެއްޓިގެން އައިސް އޭނާގެ ބޮލުގައި ޖެހުނީ ކާއްޓެއް ވަރުގެ ބޮޑު ޖަމްބެކެވެ.

ބޮލުގައި ޖެހުނު އެ މޭވާ ނަގައިގެން ދަތްއަޅާލި ވަގުތު އޭގެ ތެރެއިން ފުންމައިގެން އައިސް އޭނާގެ ތުންފަތުގައި ދަތްއެޅީ ރީނދޫކުލައިގެ ނަންނުގައްޗެކެވެ. ހަޅޭލަވައިގަތުމާ އެކު އަތުގައި އޮތް ޖަމްބު އޭނާގެ އަތުން ވެއްޓިއްޖެ އެވެ. ނަންނުގަތި ބިންގަނޑުގެ ތެރެއަށް ވަދެ ގެއްލިއްޖެ އެވެ. އެވަގުތު އޭނާގެ ކަންފަތުގައި އައިސް ޖެހުނީ އަނެއްކާވެސް ކުޑަކުއްޖާގެ ރުއިމުގެ އަޑެވެ.

ރުއިމުގެ އަޑަށް ކަނުލައި އޭނާ ހިނގައިގަތެވެ. އެ އަޑެއް އެ އިވެނީ ރަށުގެ ޒައްގޫމުވަލުންނެވެ. އެއީ ފެހިކަމާއި މޭވާގެ ފޮނިކަން ނުވާ ހިސާބެކެވެ. ނަމަވެސް ހިތުގައި އުފެދިފައިވީ ރަހުމު ބޮޑުކަމުން ޒައްގޫމު ގަސްތަކުގެ ތެރެއަށް ބަޒާން ވަދެއްޖެ އެވެ.

ހަތަރެސްފައިން ލޭކޮށާލައިގެން ދަނިކޮށް އޭނާގެ ކުރިމަތިން ކުއްލިއަކަށް ފައުޅުވީ ފަންޖިފުޓިއެކެވެ. އެއާއެކު ރުއިމުގެ އަޑު ވަގުތުން ހުއްޓިއްޖެ އެވެ. މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް ޖިފުޓީގެ ކުރިމަތީގައި ބަޒާން މަޑުކޮށްލުމާ އެކު އެ ޖިފުޓި ތެރެއިން ނުކުމެގެން އައީ ހުސްގަޔާ ހުރި އަންހެނެކެވެ. އޭނާގެ އަތުގައި އޮތް ތުއްތުކުއްޖާ ކިރުބޮނީ އެވެ. އެއީ ސީދާ އޭނާގެ މަންމަގެ ސިފައިގައިވީ ނަކަލެކެވެ.

ކުރިއަށް އަޅާލި ފިޔަވަޅާއެކު އެ މީހާގެ އެއް އަތް ބަޒާންގެ މެޔަށް ގަންނަވާލައިފި އެވެ. އަދި ކުރުކުއްލިއަކާ އެކު އޭނާގެ ހިތް ޖަހައިގަތެވެ.

ގަދަ ނިދީގައި އޮތް ބަޒާނަށް އެވަގުތު ހޭލެވުނީ މެޔަށް އަރައިގަތް ތަދަކާ އެކުގަ އެވެ. ތަކުރާރުކޮށް އޭނާ އަށް ފެންނަ މި ހުވަފެނުން ހޭލެވުމާ އެކު އާދައިގެމަތިން އެ ތަދު ވަގުތުން ފިލައިފި އެވެ. އެވަގުތު އޭނާގެ ގުރާބުގައި ތިބި ކަލާސީން ހަޅޭފަޅޭޖަހަމުން ގެންދިޔައީ އެމީހުންގެ އޮޑި ފަރަކަށް އަރަނިއްޔޯއޭ ކިޔާފަ އެވެ.

އިރުއޮއްސި ދުނިޔެ މަތި އޮތީ އަނދިރިވެފަ އެވެ. މާ ރަނގަޅަކަށް އަދި ބާރަކަށް ވައެއް ނުޖެހެ އެވެ. މެންދަމުގެ ހިމޭންކަމާ އެކު ދުންފިނީގެ އަސަރު އޮތީ ގަދަކޮށެވެ. ވަގުތާއި ހާލަތު އެ އޮތީ ހުވަދޫކަނޑުގެ ދުންފިނިދެޔޯއިންގެ ސުންޕާވެރިކަމަށް ފައްކާވެފަ އެވެ.

ފެނުނު ހުވަފެން ހަނދާން ނައްތާލާފައި ގެގަނޑުން ނުކުމެ ބޯދިއްކޮށް ބަލައިލިއިރު މޫދުން ރެދަން ކަނޑާތަން ވެސް ފެނެ އެވެ. އޮޑި ހީވަނީ ބީހެން އުޅޭހެންނެވެ. އެވަގުތު ބަޒާން ވެސް އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަތެވެ. ދަރުބޮނޑިތަކުގައި ރޯކޮށް ގުރާބު ވަށައިގެން ކުމުންޒާނިން ދުންއެޅުމަށް އޭނާގެ ފަޅުވެރިންނަށް އަމުރުކޮށްފި އެވެ.

ދުންބުރުވައި ނިމުމާ އެކު ރެދަން ކެނޑުން ހުއްޓިއްޖެ އެވެ. އެއާއެކު ފަލިތައް ބާލައި އެމީހަކަށް ޖެހުނު އެންމެ ބާރަކަށް ފަލި ޖަހައިގަތުމަށް ބަޒާން ގޮވައިގަތެވެ. އޭނާ ގޮސް މިހާރު އަރައި އެހެރީ ހުންގާނަށެވެ.

ފަލި ޖަހައިގަތުމާ އެކު ހީވީ އޮޑި ފެނުން ކަޓާލި ހެންނެވެ. އައްޑޫ ކަޅުކަނޑު ހުރަސްކޮށް އިސާހިތަކު ހުވާޑޫ ކަނޑަށް ވަދެއްޖެ އެވެ. ހީކުރި ވަރަށް ވުރެ ފަސޭހައިން އޮޑިވަރުރެއްސީގެ ކިބައިން ސަލާމަތްވެ ރަށެއްގެ ގަސްކަރަ ފެނިއްޖެ އެވެ. އެއީ ސާގީސާ ތަހުތުގެ ހިމާޔަތުގެ ދަށުގައިވީ ވާޑޫ އެވެ. ބަޒާންގެ ބެލުމުގެ ދަށުގައި އިސްމިޑޫ އިން ފުރައިގެން ދަތުރުކުރަމުންދާ ގުރާބުގެ މަންޒިލެވެ.

މި ދަތުރަކީ އަވަހާރަ ދާންމަތިކޮޅުގައި އޮތްނެވި ސާގީސާ މަހާރަދުންގެ އަމުރުފުޅަށް ކޮރޮލީރަހާ އިސްމިޑޫގެ ހިރިގަލު ކިއްލާ އަށް ހާޒިރުކުރުމަށް ކުރެވޭ ހާއްސަ ދަތުރެކެވެ. ސާގީސާ އަށް ކުރިމަތިވެ ވަޑައިގެންފައިވާ އާލާސްކަންފުޅުގެ ހަގީގަތް ހޯދޭނެ ހަމައެކަނި ފަރާތަކީ ކޮރޮލީރަހާ ކަމުގައިވާތީ އެވެ.

އިސްމިޑޫގައި ރެދިން ބިނާކޮށްދިން ހިރިގަލުގެ ކިއްލާ އިސްލާމީ ދަރުބާރަކަށް ބަދަލުވިފަހުން ސާގީސާގެ ފައިންޕުޅު ކޮރޮލީރަހާ އަކަށް ނުފެނެ އެވެ. އަޖިދަ އަށް ކޮރޮލުމަކީ ތަޣައްޔަރުވެފައިވާ ނަސްލެކެވެ. އިސްލާމީ އިންގިލާބާ އެކު ކޮރޮލީ ދަރިކޮޅު އެއްކޮށް ކަތިލައި ނައްތާލީ އެވެ. ކޮރޮލީރަހާއާ ވެސް އަރައި ހަމަކުރީ އެ އަދަބެވެ. ނަމަވެސް ސާގީސާގެ ހެޔޮފުޅުކަމުން އޭނާ މިންޖުކޮށް އަރުވާލީ ހުވާޑޫ އަށެވެ.

ހުވާޑޫގެ ރަށްތަކުގައި އޭރު ވަނީ ބަލިމަޑުކަމެއް ފެތުރިފަ އެވެ. އުފަންވާ ކުދިން ނުދިރެނީ އެވެ. މީހުންތައް މަރުވެ ހުސްވަނީ އެވެ. އެ ބިރުވެރިކަމުގެ ތެރެއިން ގޮސް ކޮރޮލީރަހާ ވަޒަންވެރިވި ރަށަކީ ފަޅުރަށެއްގެ ގޮތުގައި އޮތް ކުޑަކުޑަ މި ވާޑޫ އެވެ. މި ރަށުގައި އޭނާގެ އެކުވެރި ރެދިންކަލޭގެ ބިނާކޮށްދިން ގެއެއްގައި އެކަނިމާއެކަނި ކޮރޮލީރަހާ ދިރިއުޅޭތާ މިއީ އޮނަ ތިރީސް ވަނަ އަހަރެވެ.

އޭނާގެ މި ދިގު އިންތިޒާރަކީ އެއްގޮތަކަށް ވެސް ސާގީސާގެ ކިއްލާ އަށް އެނބުރި ދިއުމަށް ހިޔާރުކުރި މަޑުކުރުމެއް ނޫނެވެ. އޭނާގެ އިންތިޒާރަކީ ވީނުވީއެއް ނޭނގި ގެއްލުނު ބައްޕަ އެވެ. ސާގީސާ އަށް ވަފާތެރި އަޅެއްގެ ގޮތުގައި ހޭދަކުރި ދުވަސްތައް ނިމިގެންދިޔައިރު އެ ބައްޕަގެ އެއްވެސް ޚަބަރެއް އޭނާއަކަށް ނުހޯދުނެވެ.

ވާޑޫގެ މި އެކަނިވެރި ހަޔާތަކީ ބައްޕައާ ބައްދަލުވާނެ ކަމަށް އޭނާ ގަބޫލުކުރާ އެންމެ ފަހު އުއްމީދެވެ. ފެތުރެމުން ދިޔަ ދުންފިނިގަނޑާއި އޭގެ ތެރެއިން ދިއްލެމުން ދިޔަ އަލިގުޅަތައް އޭނާ އަށް ދޭ އުއްމީދަކީ ވެސް އެއީ އެވެ.

ނަމަވެސް ފުއްޓަރާ ދިމާލުގައި އޮތް ދުންފިނިގަނޑު ފަޅާލާފައި ނުކުތް ގުރާބުގައި ވަނީ ޒުވާން އަމީރެއްކަން އެނގުމުން ކޮރޮލީރަހާ އަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެއީ ސާގީސާގެ ދަރިކަލެއް އޭނާ ބަލައި އައިސްދާނެ ކަމަކަށް ދުވަހެއްގެ ކޮޅުން ވެސް ވިސްނިފައި ނެތީމަ އެވެ. އެގޮތަށް ވިސްނިފައި ނެތީ އެ ރަސްގެފާނުގެ ހުރިހާ ސިއްރެއް ކޮރޮލީރަހާ އަށް އެނގޭތީ އެވެ.

ނަމަވެސް އަރައިގެން އެ އައި އިރާއެކު އޭނާގެ ގޭގެ ދޮރުގައި އެ ޓަކި ދެނީ ސާގީސާގެ ހުރި ހަމައެކަނި އައުލާދެވެ.

ޓަކިދެމުން ދިޔަ ދޮރާ ދިމާލަށް ބަލައްޓައިގެން ހުރިއިރު ދުންފިނީގެ އަސަރު އެނބުރި އައިސް ދޮރުފަތާ ދިމާލު ދަށުން ގޭތެރެއަށް ދެމެން ފަށައިފި އެވެ. ނަމަވެސް އޭނާ އަށް ގެއްލުންދޭނެ ދެޔޯއެއް އެ ދުންފިނިގަނޑުގެ ތެރޭގައި ނުވާކަން އެނގިހުރެ ގޮސް ދޮރު ހުޅުވާލި އެވެ.

ފުޅިބައްތީގެ ހޫނާއި އުދަރެހުން އަރަމުން ދިޔަ އިރުގެ ހޫނަށް ވުރެ ކުރިން ކޮރޮލީރަހާގެ ގައިގައި ބައްދައިގަތީ ބޭރުގައި މަޑުކޮށްލައިގެން ހުރި މީހާގެ ލޭގައިވީ ހޫނުކަމެވެ. އެއީ ސާގީސާގެ އައުލާދެއް ނޫނެވެ. އެކަމަކު އަޖިދަވެރިއެއްގެ ތަޣައްޔަރުވެފައިވީ ލޭކަން ޔަގީންވުމާ އެކު އޭނާގެ ހިތް ބާރަކަށް ތެޅިގަތެވެ. އަދި ކަރުގައި އޮތް އަޖިދަފަށުގެ ސޫރުދަ ފޫ ކުރުކުއްލި ޖަހަމުން ތެޅެން ފަށައިފި އެވެ. އެ ލަކީގައި ހީވަނީ ފަށާ އެކުގައި އުދުއްސައިގެންފާނެހެންނެވެ.

ތެޅެމުން ދިޔަ ސޫރުދަ ފުލުގައި ހިފީ ބޭރުގައި މަޑުކޮށްލައިގެން ހުރި މީހާ އެވެ. އެއާ އެކު އެއީ ކާކުކަން ކޮރޮލީރަހާ އަށް ވަގުތުން އެނގިއްޖެ އެވެ. (ނުނިމޭ)