އަފްޒަލް ދެރަވަނީ އެންމެ މައްސަލައަކާ ހެދިއެވެ. އަފްޒަލަށް ވަނީ ފަޒްލީގެ ގިނަ ފޮޓޯތަކެއް ރައްޓެހިންނަށް ދެވިފައެވެ. ދެއްކުމުގެ ގޮތުންނެވެ. މާދަމާ ފަޒްލީ އެހެން މީހަކާ ކައިވެނިކުރާތަން އެ މީހުނަށް ފެނުމަކީ އަފްޒަލް އުންމީދުކުރި ގޮތެއް ނޫނެވެ. އެކަމަކު އެ ދެމެދުގައިވާ މައްސަލައަކީ ފަސޭހަ ހައްލެއް ނެތް މައްސަލައެކެވެ.
”ކީއްވެގެންތަ ފަޒީ އެހެން ހެދީ؟“ ޢުމަރު އެހިއެވެ.
”ސަބަބު ޢުމަރަށް ވެސް އެނގޭނެ. ބުނަން ނުކެރިގެން ތި އުޅެނީ. އަހަރެން މާ ބިރުވެރި ސިފަޔެއް ޖަހަނީޔޯ! އެންމެން އެ ކިޔަނީނު. ފުރޭތައެކޯ މީ.“ އަފްޒަލް ގާތަށް ރުޅިއައެވެ.
”އަފްޒަލް! ހިނގާބަލަ ފިޓްވެލަމާ! ކެރިބަލަ!“
”އަހަރެން މީ އަހަރެން. އަހަރެން ދެކެ ލޯބިވާ މީހަކު އިންނަން ޖެހޭނީ ވެސް އަހަންނާ. އަހަރެން ބޭނުމެއް ނުވޭ ސިފަ ބަދަލުކޮށްގެން އުޅޭކަށް.“ އައި ރުޅިން އަފްޒަލް ފޯނު ވެސް ކަނޑައިލިއެވެ.
އަފްޒަލް ވަގުތުން ފަޒްލީއާ ގުޅިއެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ފަޒްލީއާ ދިމައެއްނުވިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނުގެ ސައިގަޑީގައި ދެގުނަ އިތުރަށް އަފްޒަލް ކެޔެވެ. ބަނޑު ފުރުމުން ގަދަކަމުން ވެސް ކެއެވެ. ކެއިކެއީނުން މަރުވާން އުޅޭހެން ވެސް ހީވާ ކަހަލައެވެ.
”ދަރިފުޅާ!“ ނަޖްމާއަށް ބުނެވުނެވެ.
”ކިހިނެއްވީ؟ ގިނައިން ކާތީ ކަންބޮޑުވީ؟ ސަލާމަތެއް ނެތެއްނު. ދެން މަންމަ ވެސް އަހަރެން މި ގެއިން ނެރެ އެއްލާލާ! އޭރަކުން މި ގެއަކުން ނުކާނެއެއްނު. ކީއްވެތަ އެންމެން އަހަންނާ ޖައްސާލައިގެން އެ އުޅެނީ؟ އަހަންނަށް ވުރެ ހުތުރު މީހެއް ދުނިޔޭގަ ނެތީތަ؟“ އަފްޒަލްގެ ރުޅި މައިތިރިއެއް ނުވެއެވެ.
ނަޖްމާ އިނީ ހައިރާންވެފައެވެ. އާދައިގެ ގޮތަކަށް އަހައިލި އެންމެ ސުވާލަކަށް އަފްޒަލް ޖަވާބު ދިންލެއް ދިގުކަމާއި ހަރުކަށިކަމުންނެވެ. އެހެން ނަމަވެސް ނަޖްމާ ރުޅިއެއްނާދެއެވެ.
”ކިހިނެއްވީ ދަރިފުޅާ؟“ އޯގާތެރިކަމާއެކުގައި ނަޖުމާ އެހިއެވެ.
އަފްޒަލް ވެސް ދެރަވިއެވެ. ހަޅޭއްލަވައިގަނެވުނީ ބޭއިޚުތިޔާރުގައި ކަމަށް ވާތީއެވެ.
”ކުއްޖަކު އެއްޗެކޭ ބުނީތަ؟“ ނަޖްމާ އެހިއެވެ.
ފޯނެއް އައިސްގެން އެ ވަގުތު އަފްޒަލް ތެދުވިއެވެ.
”ހަލޯ އަފޫތަ؟ އަންނާނަންތަ ސޮއިކޮށްފަ؟“
އަޑުއިވުމުން އަފްޒަލް ހަނދާންވިއެވެ. އޮފީހަށް ގޮސްފައި ގެޔަށް އައިސް ހުޅުލެއަށް ދާށެވެ. ވަރަށް ގާތް ރަހުމަތްތެރިޔަކު އަންނާތީއެވެ. އެ ވަގުތު ހަނދާން ނެތުނު ނަމަވެސް އެއީ ހަމަޖެހިފައި އޮތް ކަމެކެވެ.
ބޯޓު ޖެއްސިއިރު ގަޑިން ދިހަގަޑިބައި ނުވެއެވެ. ޢުބޭދު އަންނަން ހަމަޖެހިފައި އޮތަސް އަފްޒަލް ހުރީ ކުޑަ ހިތްހަމަނުޖެހުމަކާ އެކުގައެވެ. ފަޒީ މަތިން ހަނދާން ނައްތާލަން ފަސޭހަ ނޫނީއެވެ. އަބަދާ އަބަދު އެ ހިޔާލުތަކުން އަފްޒަލަށް އުނދަގޫ ފޯރަމުންދިޔައެވެ. ގާތުގައި ހުރި ރަހުމަތްތެރިޔާގެ އެއްވެސް ވާހަކައަކަށް ވެސް އަފްޒަލް ސަމާލުކަމެއް ނުދެއެވެ.
”ހަލޯ އަފޫ! ހަލޯ އިއްސޭ!“ ޢުބޭދު ޓްރޯލީ ހިފައިގެން އައެވެ.
އަފްޒަލް މަސައްކަތް ކުރީ ފޮރުވިފައިވާ ނުތަނަވަސްކަން ބޭރަށް ހާމަނުކޮށްވޭތޯއެވެ. ޢުބޭދަކީ ނަފްސާނީ އިލްމު ވެސް ކިޔަވައިގެން އައި ޑޮކްޓަރެކެވެ. ވީމާ ޢުބޭދު ވަރަށް ހުސިޔާރުކަމާއެކު އަފްޒަލްގެ މަސައްކަތް ނާކާމިޔާބު ކޮށްލިއެވެ.
”ކޮންމެވެސް މައްސަލައެއް އެބައުޅޭ. ތީ އަހަރެން ދަންނަ އަފްޒަލެއް. މިހާ ދުވަސްކޮށްފައި އަހަރެން އައީމަ ތިއެއް ނޫން އަފްޒަލް އަހަންނަށް މަރުހަބާ ކިޔާނެ ގޮތަކީ.“ ޢުބޭދު ބުންޏެވެ.
އަފްޒަލް އިތުރަށް ގޮތް ދައްކާކަށް ނޫޅުނެވެ. އަދި ދިފާއުގައި އެކައްޗެއް ވެސް ނުބުނެއެވެ.
”ކޮބާ މިހާރު މީހަކާ އިނދެފިންތަ؟“ ޑޮކްޓަރު ޢުބޭދު މަސައްކަތް ފެށީ އަފްޒަލް ލައްވާ ވާހަކަ ދައްކުވާށެވެ.
”އަހަރެންގެ ވާހަކަ ހުއްޓާލާ! ޢުބޭދު ކިޔައިދީބަލަ ޢުބޭދުގެ ހާލު އަހުވާލު. މިހާރު ކިޔަވާ ނިމުނީތަ؟“
”ކިޔަވާ ނިމޭތަ ދުވަހަކު ވެސް؟ ވަރަށް އަވަހަށް ފުރާނަން. ދެން އަންނާނީ ނިންމާފަ. ސަޅި ބިޓެއް ވެސް ހޯދާފަ ހުންނާނީ. ދެން އަންނަ ފަހަރަކުން ގެންނާނަން. އަފޫ ޖެހޭނެ އަފޫގެ ވައިފަށް އަހަރެން ތައާރަފުކޮށްދޭން.“
ވާހަކަ އެ ހިސާބަށް ދިޔައިރު، އެ މީހުން ދޯންޏަށް އަރައިފިއެވެ.
”ވައިފެއް ލިބުނު ދުވަހަކުން ތި ކަމާ އުޅޭނަން. ޢުބޭދުމެންހެން އަހަރުމެނަކަށް ހުރިހާ ކަމެއް ޓަސްޓަސްލާފަ ހަމައެއްނުޖެހޭނެ. މިތިބީ އަހަރުމެން ތިބޭ ގޮތް. މާލެއަކު ނޫޅޭ ލޮލަށް އަލިފާން އާވި އެޅިގެން އުޅޭ ކުދިންނެއް.“ އަފްޒަލް ވަނީ މާޔޫސްވެފައެވެ.
ޑޮކްޓަރ ޢުބޭދު ސަމާލުކަން ދެމުން ގެންދިޔައީ އަފްޒަލްގެ އަޑަށް އެކަންޏެއް ނޫނެވެ. އަފްޒަލްގެ ދެލޮލާއި މޫނުން ހާމަވަމުންދިޔަ ސިއްރުތައް ވެސް ޢުބޭދު ބެލިއެވެ. އަފްޒަލްގެ ހިތަށް ވަނީ ވަރަށް ފުން އަނިޔާއެއް ވެފައިކަން ޢުބޭދަށް ޔަގީންވިއެވެ. އަނިޔާ ލިބިފައި ތިބޭ އިންސާނުންނަކީ ތަޅުލައިފައިވާ ތިޖޫރީއެއް ކަހަލަ ބަޔެކެވެ. ތަޅުދަނޑިއާ ނުލާ ދޮރު ހުޅުވަން ވަރަށް އުނދަގޫވާނެއެވެ. ތަޅުދަނޑި އޮންނާނީ ވެސް އަތުޖެހޭ ކަހަލަ ހިސާބެއްގައެއް ނޫނެވެ. އެހެން ނަމަވެސް، އެއްފަހަރު ވެސް ދޮރު ހުޅުވިއްޖެއްޔާ ވަރަށް ފަސޭހަކަމާއެކު ދެވަނަ ފަހަރު ވެސް ހުޅުވޭނެއެވެ.
”އަފޫ! އަހަރުމެން ތި ގެންގުޅެނީ ވަރަށް ދުރުކޮށްގެން. ތަޅުލާފައި ހުރި ދޮރާ ހަމައަށް އަހަރެން ގެންގޮސްދީބަލަ! އަމިއްލައަށް އެތެރެއަށް ވަދެދާނަމޭ!“
އަފްޒަލް ވަރަށް ފޫހިގޮތަކަށް މަޑުމަޑުން ބުނެލިއެވެ.
”ހުއް! އެއްވެސް މީހަކަށް އަހަންނަށް އެހީއެއް ނުވެވޭނެ.“
”ތަޖްރިބާ ކޮށްލުމުގެ ގޮތުން ޗާންސެއްދީބަލަ!“ ޢުބޭދު ވަރަށް މަޑުމަޑުން ބުނެލިއެވެ.
”ދެން.. ފަހުން ދޯ؟ ޢުބޭދު ޖެހޭނެއެއްނު ކެއުމެއް ބާއްވަން.“
އަފްޒަލް މައުލޫ ބަދަލުކޮށްލުމުން ޢުބޭދު ގާތަށް ހިނިއައެވެ. ނަމަވެސް އަފްޒަލްގެ ޒާތީ ކަންތައްތައް ހާމަކުރުމާއި ނުކުރުމުގެ އިހުތިޔާރު އަފްޒަލަށް ލިބިގެންވެއެވެ. ޢުބޭދު އެ އުސޫލަށް އިހުތިރާމުކުރިއެވެ.
”ކާނެ އެއްޗަކާ ދާނެ ތަނަކާ ގަޑިޔަކާ ދުވަހަކާ ހަމަޖައްސާ! އަފޫއާ އެ ކަމާ ހަވާލު! އަހަރެން މިހިރީ ތައްޔާރަށް.“
”ބުނާނެ ތައްޔާރޭ! ފަހު ވަގުތުގަ ފިލާނެ.“ ފަޒްލީ ބުނެލިއެވެ.
ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ފަޒްލީމެން ތިބީ މައުރަޒުގައެވެ. ”ފުރީޒް“ ބޭންޑު ކުޅޭތީ ވަރަށް ކުރީއްސުރެ ފަޒްލީމެން ތިބީ ވަދެއެވެ. އެ ވަގުތު މަޝްވަރާ ކުރެވެމުންދަނީ ތަންކޮޅެއް ދުރުން ސަންޖޭމެން ފެނިގެން އައިސްކޯން ހޯދާނެ ގޮތެކެވެ. ސަންޖޭއާ ހަމައަށް ދިޔުމަށް ޓަކައި ފަޒްލީ ހުރީ ތައްޔާރަށެވެ.
”ފަޒީ ބުނަން ޖެހޭނީ! އަހަރުމެން ދާނަން ފަޒީއާ އެކީގަ.“ ރިޝްފާ ބުނެލިއެވެ.
ދަނޑިވަޅު ބަލައިފައި ފަޒީމެން ގޮސް ސަންޖޭ ވަށައިލިއެވެ.
”އަހަނ! ކޮން ދަތުރެއް؟“ ސަންޖޭ އެހިއެވެ.
އެ އަޑު އިވޭއިރަށް ފަޒްލީ ފިނިވެއެވެ. ޖެހެމުންދިޔަ ފިނި ރޯޅީގައި ސަންޖޭގެ ފަން އިސްތަށިގަނޑު ނަށަމުން ގެންދިޔައެވެ. މެޔާ ދިމާއިން ގޮށް ނައްޓައިލައިފައިވާ ”ޑެނިމް“ ގަމީހުގެ އެތެރޭން ފުޅާ މޭމަތިން ބައެއް ހާމަވެފައި ހުއްޓެވެ.
”މީ ފްރީޒް ކުޅޭތީ ޖައްސާލީ! ދޯ ފަޒީ؟“
ރިޝްފާގެ ކޮނޑުން ފަޒީގެ ގައިގައި ޖަހައިލިއެވެ. ހަމަބިމަށް ފަޒްލީއަށް ތިރިވެވުނީ އެ ވަގުތުއެވެ.
”އޭނ؟ އާނ! އަހަރުމެން މި އުޅެނީ އައިސްކޯން ކާހިތްވެގެން.“ ރިޝްފާ ބުންޏެވެ.
”އާނ! ވަރަށް އުފަލާ އެކީގަ ދޭން ތައްޔާރަށް މިހިރީ.“ ސަންޖޭ އެއްބަސްވިއެވެ.
ޖީބުން ވޮލެޓް ނެގުމަށް ފަހު ފަންސާހުގެ ނޫޓެއް ސަންޖޭ ދިއްކޮށްލިއެވެ. ވަގުތުން އޭގައި ހިފަން ޢަޒްމާ ހިތަށްއެރިއެވެ. ނަމަވެސް ކުރީ ފަހަރުގެ ބަތް ޕާރުސަލު މަތިން ހަނދާންވެފައި މަޑުން ހުރީއެވެ. ފަޒްލީ ވެސް އެއަކު ނުހިފިއެވެ.
”ތި ގޮތެއް ކަމަކުނުދާނެ. އަހަރުމެން ބޭނުމީ ކޯން. ސަންޖޭ ބައިވެރި ވެސްވާން ޖެހޭނެ.“
ފަޒްލީގެ އެ ނިންމުމާމެދު ދަހިވެފައި ތިބި ދެ އެކުވެރިން ވަރަށް ދެކޮޅުހެދިއެވެ. ހިތުގެ އެތެރެއިންނެވެ. އެ މީހުން ދެކޭގޮތުގައި ފަޒްލީ މާ މާތްވާންވެގެން އުޅެނީއެވެ. ނެތް މިޒާޖެއް ގެންގުޅެން އުޅެނީއެވެ.
”ހިނގަ ހިނގަ!“ ސަންޖޭ ހިނގައިގަންނަމުން ބުންޏެވެ.
އައިސްކޯން ވިއްކާ ތަނަށް ދިޔައިރު ކިޔު ވަރަށް ބޮޑެވެ. ފަޒްލީ ނޫން އެހެން މީހުން އެ ކަމާމެދު ހިތްހަމަނުޖެހުނެވެ. ފަޒްލީ ބޭނުންވަނީ ހަތަރުދަމު ވެސް ކިޔު އެ ގޮތަށް އޮންނާށެވެ. ގާތުގައި ސަންޖޭ ހުންނާށެވެ.
”އެކަނިތަ އައިސް ތިއުޅެނީ؟“ ފަޒްލީ އެހިއެވެ.
”އާނ! އަހަންނާ އެކީގަ އަންނާނެ މާ ގިނަ މީހުންތަކެއް ތިބޭތަ؟“ ސަންޖޭ ވެސް ކުރީ ސުވާލެކެވެ.
”އަހަންނަށް އަންގާލި ނަމަ ތާ!“ ސަމާސައިގެ ރާގުގައި ފަޒްލީ ބުންޏެވެ.
”ދެން ފަހަރަކުން. ފަޒީ ތި އުޅެނީ ރައްޓެހިންނާ އެކީގަ ދޯ؟“ ސަންޖޭ އެހިއެވެ.
”އަހަރެންގެ ބިޓެއް ނުހުންނާނެ. މީހަކާ ރައްޓެއްސެއް ނުވެސްވަން. ހަމަ ފްރީ.“ ވަރަށް އަވަސް އަވަހަށް ފަޒްލީ ބުންޏެވެ.
އެއީ ފަޒްލީ އިންތިޒާރު ކުރި ފުރުސަތެކެވެ.
”ހިޔެއްނުވެސް ވޭ ތި ކަހަލަ ކުއްޖަކު ހުސްކޮށް ހުންނާނެހެނެއް. ތެދެއްތަ ތި ހަދަނީ؟“ ސަންޖޭގެ ހިތަކު އެކައްޗެއް ވެސް ނެތެވެ.
”ޕްރޮމިސް. ދޯ ރިޝްފާ؟“ ތަންކޮޅެއް ދުރުގައި ހުރި ރިޝްފާއަށް ފަޒްލީ ދޯދިނެވެ.
އެ ވަގުތު ފަޒްލީމެނާ ހަމައަށް ކިޔޫ ދިޔައެވެ. ސަންޖޭ އައިސްކޯނު ގަންނަމުން ދިޔައިރު ފަޒްލީ ވިސްނަމުން ގެންދިޔައީ އެންމެ ކަމެކެވެ. ފަޒްލީ ހުރީ ހުހަށްކަން ސަންޖޭއަށް ސާބިތުކޮށްދޭނެ ގޮތެކެވެ. ސަންޖޭ އައިސްކޯނުތައް ބަހަން ފެށިއެވެ. ފަޒްލީގެ އައިސްކޯނުގައި ހިފަން ކަމަށް ހަދާއިފައި ސަންޖޭގެ މެޔަށް އައިސްކިރީމު ވައްޓައިލިއެވެ. ފަޒްލީ އަތުގައި އޮތީ ހަމައެކަނި ކޯނެވެ.
”ސޮރީ!“ ފަޒްލީ ބުނެލިއެވެ.
ސަންޖޭގެ މޭގައި ތަތްވެފައި އޮތް އައިސްކިރީމު ނެގީ ފަޒްލީއެވެ. ކޯނުންނެވެ. ސަންޖޭ ފެންނަ ކޮންމެ ފަހަރަކު ވެސް އެ ފަދަ ގާތްކަމެއް ގެންގުޅުމަށް ފަޒްލީގެ ހިތް އެދެއެވެ. ކޮންމެ ތަނެއްގައި ތިބެން ޖެހުނަސް ވެހެވެ. ރިޝްފާމެން ތިބީ ތަންކޮޅެއް ދުރުގައެވެ.
”ޝުކުރިއްޔާ!“ ސަންޖޭ މަޑުމަޑުން ބުނެލިއެވެ.
ފްރީޒް ބޭންޑުގެ މިޔުޒިކު ފެށުނު އަޑު އެ ވަގުތު އިވުނެވެ. ފުރަތަމަ ލަވަޔަކަށް ކިއީ ”ނިންދެވީތީ މޭމަތީގައި“ އެވެ. ފަޒްލީ ބޭނުންވި ހުރިހާ ކުލައެއް އޭރު އެ މާހައުލުގައި ވެއެވެ. ރަނުގެ ފުރުސަތުގެ ބޭނުން ފަޒްލީ ހިފި ވެސް މެއެވެ.
”އެހީއަކަށް ބޭނުންވާ ހުރިހާ ވަގުތަކު އަހަންނެއް ނުހުންނާނެ.“ ފަޒްލީ މަސައްކަތް ކުރަމުން ގެންދިޔައީ ވައްބަހުން ނަމަވެސް، ދައުވަތު ދެވޭތޯއެވެ. ލޯބި ހުށަހެޅޭތޯއެވެ.
”ދެން ފަހަރަކުން ބިޓު ގޮވައިގެން އަންނާނީ.“ ސަންޖޭ ބުންޏެވެ.
ފަޒްލީ އަތުން އައިސްކޯން ދޫވިއެވެ. ލިބުނު ސިހުމެއްގެ ސަބަބުންނެވެ. ހަމަ ރަނގަޅަށް ވެސް އަތުން ބާރު ހުސްވީއެވެ.
”ކިހިނެއް ތި ހެދީ؟ އަލުން ގަންނަންވީނު؟“ ސަންޖޭ އެދުނެވެ.
”އަޅާނުލާ! މިޔުޒިކު ބަލާލަން ވެސް ދާންވެއްޖެ! ކީއްވެތަ ސަންޖޭގެ ބިޓު ގޮވައިގެން ނައީ؟“ ފަޒްލީ އެހިއެވެ.
”މީހުނަށް ފެނުނީމަ ގެއްލޭލެއް އަވަސްވާނެތީ! އެކަމަކު ކޮންމެވެސް ދުވަހަކުން ފަޒީއާ މީޓްކުރުވާނަން. ރީޝާ ވަރަށް އަވަސްވާނެ ރައްޓެހިވާލެއް.“ އޮޅުވާލުމެއް ނެތި ސަންޖޭ ބުންޏެވެ.
ސަންޖޭ ދިޔައިރު ފަޒްލީ ހުރީ ފޫހިވެފައެވެ. މައުރަޒު މަތިންނެވެ. މިޔުޒިކު ބެލުމުގެ މަތިން ވެސް މެއެވެ. ރޮވިދާނެތީ ފަޒްލީ ބޭނުންވަނީ އަވަހަށް ގެޔަށް ދާށެވެ. ބިންމަތީގައި އޮތް އައިސްކޯން ފަދައިން ފަޒްލީގެ ހިތް ވެސް ވިރެމުންދިޔައެވެ. މަޑުމަޑުންނެވެ. ފަޒްލީއަށް ފުރުސަތުދީގެން ދުރުގައި ތިބި ދެ އެކުވެރިން އައީ ވަރަށް އުންމީދާ އެކުގައެވެ.
”ކިހިނެއް؟“ އެކަކު އެހިއެވެ.
”އަހަރެން މި ދަނީ ގެޔަށް.“ ހިނގައިގަންނަމުން ފަޒްލީ ބުންޏެވެ.
ހައިރާންވެގެން ރިޝްފާމެން ފަހަތުން ހިނގައިގަތެވެ.
”ކީއްވެ ގެޔަށް ދާންވީ؟“ ރިޝްފާ އެހިއެވެ.
”މޫޑު އޯފްވެއްޖެ!“ ފަޒްލީ ނުވެސް ހުއްޓެވެ.
”ތި މޫޑަކަށްވާ ސާބަސް. މި ތަނަށް އައީ މިޔުޒިކު ބަލަން. އެންމެ ލަވައެއް ވެސް ބަލާނުލާތަ ނުކުންނަންވީ؟ ތީ ކިހާ ކަޑަކަމެއް؟“ ކިތަންމެ ބާރަށް ހިނގި ނަމަވެސް ރިޝްފާމެނަކަށް ފަޒްލީއާ އެއްވަރެއް ނުކުރެވުނެވެ.
”އެޔޯ؟ އަހަރެން ބޭނުންވާއިރަށް، އަހަންނަކަށް ނުވެސް ނުކުމެވޭނެތަ؟ ނެވާލާން ވެސް ޖެހޭނެތާ ކަލޭމެންގެ ހުއްދަ ހޯދަން.“ ފަޒްލީ ފަހަތް ނުވެސް ބަލައެވެ. ހުރިހާ ރުޅިއެއް އަމާޒުވަމުން ދިޔައީ، ގާތުގައި ތިބި މީހުންނަށެވެ.
”ނުކުތުން އެއީ މައްސަލައެއް ނޫނޭ. އެކަމަކު ތި ކުއްލި ބަދަލުގެ ސަބަބެއް އޮންނާނެތާ!“
”އަހަރެން ހަމަ ނުކުންނަހިތްވީ! އެ ވެސް ސަބަބަކަށް ފުދެއެއްނު! އަހަންނަށް ވަރިހަމަޔޭ ކަލޭމެން މިޔުޒިކު ބަލަން ތިއްބަސް. އަހަރެންގެ ލޮލަކުން ނޫން ކަލޭމެން ބަލާނީކީ. މައުރަޒު ބަންދު ކުރަންދެން ކަޅިހުރަސްވެފައި ތިބެބަލަ!“
އަފްޒަލްގެ އެސްފިޔަތަކެއް ހަރަކާތެއް ނުކުރެއެވެ. ދެލޯ ވަނީ ހަމަހިމޭންވެފައެވެ. އަތުގައި އޮތީ ފަޒްލީގެ ފޮޓޯއެކެވެ. އިރުކޮޅަކަށް ފަހު މަޑުމަޑުން ކަރުނަ ހިލެން ފެށިއެވެ. އެއާއެކު ވަރަށް ބާރަށް އަފްޒަލް ދެލޯ ފުހެލިއެވެ. އަންހެންކުއްޖަކަށް ޓަކައި ރޯކަށް އަފްޒަލް ބޭނުމެއް ނޫނެވެ. އެއަށް ވުރެ އަފްޒަލް މާ ވަރުގަދައެވެ. އަމުދުން ފަޒްލީ ކަހަލަ ގޮތެއް ނެތް އަންހެން ކުއްޖަކަށް ޓަކައި ވިސްނާކަށް ވެސް އަފްޒަލަކަށް ނުރުހެވެއެވެ. މާޒީ ވަނީ އަފްޒަލަށް ރަނގަޅު ފިލާވަޅުތަކެއް ދީފައެވެ.
ކޮންތަނަކުން އައި ހިތްވަރެއްކަމެއް ނޭނގެއެވެ. ފަޒްލީގެ އެންމެ ރީތި ފޮޓޯ ވީދާލާން އަފްޒަލަށް ކެރިއްޖެއެވެ. އެ ހިތްވަރު ލިބިއްޖެއެވެ. ދެން އަފްޒަލް ބޭނުންވީ ފަޒްލީއަށް ގުޅާށެވެ. ހިތުގައިވާ ހުރިހާ އަލިފާންތަކެއް ބޭރުކޮށްލަން އަފްޒަލް ބޭނުމެވެ. ފޯނާ ހަމައަށް ދިޔަ ވަގުތު ފޯނެއް އައެވެ. (ނުނިމޭ)



